ފަލްސަފާ (91)

( 27 މެއި 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ )

 

ޙައްޤުން އެއްވެސް ކަމަކާ ނުލައި ، އައިމަލްގެ ޙައްޤުގައި ހުވާކުރަން ، މުރުތަޟާއަށް މަޖުބޫރު ނުކުރުމަށް , ތަހުނިޔާގެ ކިބައިން އެދުނެވެ. ތަހުނިޔާއަށް އެ ހީވަނީ މުޅިން ކުށް ހީއެކެވެ. މުރުތަޟާއާއި ނޫރުއާ ދެމެދުގައި ، ތަހުނިޔާ އެ ހީކުރާކަހަލަ އެއްވެސް ގުޅުމެއް ނެތެވެ. މުރުތަޟާގެ މައްޗަށް އިތުބާރުކުރުމަކީ ތަހުނިޔާ ކުރަންޖެހޭނެ ކަމެކެވެ.

ތަހުނިޔާއަކަށް މިހާރު މުރުތަޟާއަކަށް އިތުބާރެއް ނުކުރެވެއެވެ. އޭނާގެ އިތުބާރު މުރުތަޟާގެ މައްޗަށް ނެތުމުގައި ހުރަހެއް އެބައޮތެވެ. އެއީ ނޫރުލްޢައިނެވެ. ނޫރުލްޢައިނާއެކު މުރުތަޟާ އެއުޅެމުންދާގޮތަށް ، އުޅެމުންދަނިކޮށް ، ތަހުނިޔާއަކަށް މުރުތަޟާގެ މައްޗަށް އިތުބާރެއް ނުކުރެވޭނެއެވެ. އެދެމީހުންގެ ބައްދަލުވުންތައް ތަހުނިޔާއަށް އޮތީ ފެނި ، ފަޅާއަރާފައެވެ. އޮފީހުގައި އަވަދިނެތި އުޅޭކަމަށް ބުނާދުވަސް ދުވަހު ، މުރުތަޟާފެނިފައިވަނީ ނޫރުއާއެކީ އުޅެނިކޮންނެވެ. ކޮންމެވެސް ކެއުމެއްގައެވެ. ނުވަތަ ބައްދަލުވުމަކަށް ނޫރުމެންގެޔަށް ، މުރުތަޟާ ފޮސްއުޅެނިކޮންނެވެ. ދުވާލު ހަތަރުދަމު ، މުރުތަޟާ އުޅެމުން ގެންދަނީ ނޫރުއާއެކީގައެވެ. މުރުތަޟާގެ އަމިއްލަ ދަރިފުޅަށްވެސް އެކަށީގެންވާ ވަގުތެއް ނުދެވެއެވެ. މުރުތަޟާއާ މެދު ޝައްކުކުރުމަށް އެތައް ހެއްކެއް ތަހުނިޔާއަށް އޮތީ ފެނިފައެވެ. އެތައް ކަންތައްތަކެއް އޮތީ ދިމާވެފައެވެ.

އައިމަލްގެ ޙައްޤުގައި މުރުތަޟާ ހުވާނުކޮށްފިނަމަ ، އެގެއިންނާއި މުރުތަޟާގެ ދިރިއުޅުމުން ތަހުނިޔާ ނުކުމެގެންދާނެކަމަށް ތަހުނިޔާ ބުންޏެވެ.

" ތަހުނިޔާއެވެ ! ތިގޮތަށް ރުޅިއިސްކޮށްގެން ވިސްނައިނުލާ ގޮތްގޮތް ނުނިންމާށެވެ ! ތަހުނިޔާގެ ތި ނިންމުމުން އަހަރެމެންގެ ދިރިއުޅުން ބަރުބާދުވެގެން ހިނގައިދާނެއެވެ. އެކަމުން އަސަރުކުރާނީ ހަމައެކަނި އަހަރެމެން ދެމީހުންނަށް އެކަންޏެއްނޫނެވެ. މަންމައާއި ޠާހިރާއަށް އަދި ޚާއްޞަކޮށް އައިމަލް އަށެވެ. އެ ތުއްތުކުއްޖާގެ ދުނިޔެ ބަނަވެގެން ހިނގައިދާނެ ކަމެއް ނުކުރާށެވެ ! އެކަމާ ތަހުނިޔާ ފަހުން ދެރަވާނެއެވެ. " މަޑުމައިތިރިކަމާއެކު ، ތަހުނިޔާއަށް ވިސްނައިދެވޭތޯ މުރުތަޟާ މަސައްކަތް ކުރަމުން ގެންދިޔައެވެ.

ތަހުނިޔާ ހުރީ ، އޭނާގެ ގޮތް ދޫކުރާގޮތަކަށް ނޫނެވެ. އެއްވެސް ސިފައެއްގައި ، މުރުތަޟާގެ ދިރިއުޅުމުގައި ނޫރުލްޢައިނުގެ ވަސް ހިފައިފިނަމަ ، ތަހުނިޔާއާއި އައިމަލް ، މުރުތަޟާގެ ދިރިއުޅުމުގައި ނުހިމެނޭނެކަމަށް ތަހުނިޔާ ބުންޏެވެ.

" އެންމެ ރަނގަޅެވެ ! ތަހުނިޔާ ދާންބޭނުންކަމަށް ވަންޏާ ދާންވީއެވެ. އެކަމަކު ، އަހަރެންގެ މަންމައާއި ދައްތަ މިގޭގައި އެބަ އުޅެއެވެ. އެންމެ ދެރަވެގެން އެދެމީހުންގެ ކުރިމަތީގައި އަހަރެން ފަޟީޙަތްކޮށް އަގުވައްޓައި ނުލާށެވެ ! " މުރުތަޟާ ބުންޏެވެ.

އެރެއިން އެރެޔަށް އެގެއިން ނުކުމެގެން ނުގޮސް ، މާދަމަޔާ ހަމަޔަށް މަޑުކޮށްލުމަށް ތަހުނިޔާ ނިންމިއެވެ. އެހެނަސް ، އެގެއިން ދިއުމަށްފަހު ، އަނބުރާ އެގެޔަށް ނާންނާނެކަމަށް ތަހުނިޔާ ، ހަރުއަޑުން ބުންޏެވެ.

މުރުތަޟާހުރީ ހަދާނެގޮތް ބޮޑުވެފައެވެ. އަނެއްކާވެސް ، އޭނާގެ އެއްވެސް ކުށެއްނެތި އޭނާގެ ބޮލުގައި އިލްޒާމްތަކެއް އެޅުވިގެން ދަނީއެވެ. މުރުތަޟާގެ ހިތުގައި ނޫރުލްޢައިނަށް އެއްވެސް މިންވަރެއްގެ ޖާގައެއް ނުދެއެވެ. ވީކަމެއްވިއްޔާ އެވީ ، ވަޒީފާގެ ޒިންމާގެ ދަށުން ، ނޫރުއާއެކީ އުޅެން ކުރިމަތިވެފައި އޮތް މަޖުބޫރީ ޙާލަތަކުންނެވެ.

 

ނޫރުއަށް އޮތީ ވަރުބަލިވެގެންގޮސް ، ނިދިފައެވެ. ފޯނުވާއަޑަށް ކުއްލިޔަކަށް ހޭލެވުނެވެ. އެއީ އަމީން އިޙްސާންގެ ފޯނެކެވެ. ނޫރުއަށް ސަލާމްވެސް ގޮވައިނުލެވިގެން އުޅެނިކޮށް ، އިޙްސާންގެ ހަރުކަށިބަސްތައް ފެށުނެވެ.

ރޭ ހަތަރުދަމު ނޫރު އުޅުނީ ކޮންތާކުތޯ ސުއާލުކުރިއެވެ. ފޯނަކަށް ޖަވާބެއް ނުދެއެވެ. އެހާ ފަރުވާކުޑަމީހަކަށް ނޫރުވީ ކީއްވެތޯ އިޙްސާން ސުއާލުކުރިއެވެ. އޭނާއަށް ފަރުވާކުޑަ ކުރެވުނީ ކޮންކަމަކަށްތޯ ނޫރު ސުއާލު ކުރިއެވެ. އެހެނަސް ، އިޙްސާންހުރީ ނޫރުގެ އެއްވެސް ވާހަކައެއް އަޑުއަހާގޮތަކަށްނޫނެވެ. ނޫރުގެ ޢަމަލުތައް އެހުރީ ، އޭނާ އުއްމީދުކުރި ގޮތަށްނޫންކަމަށް އިޙްސާން ބުނަމުން ގެންދިޔައެވެ.

ރަމްޝާ ބަލިވިވާހަކަ ، އެއްވެސްމީހަކު ނޫރުގާތު ނުބުނާ ވާހަކަ ނުބުނުމަށް އިޙްސާން ބުންޏެވެ. ރަމްޝާ ބަލިވީމަ ނޯކަރުންނާ ޙަވާލުކޮށްފައި ، ރަމްޝާއާ ނޫރު އަޅައިނުލުން އެއީ އިޙްސާނަށް ޤަބޫލުކުރެވޭނެ ކަމެއްނޫނެވެ. ނޫރުއަށް ކުރިމަތިވި ޙާލަތު ސާފުކޮށްދެވޭތޯ މަސައްކަތް ކުރިއެވެ. އެހެނަސް ، ނޫރުގެ އެއްވެސް ވާހަކައެއް އަޑުއަހާކަށް އިޙްސާން ބޭނުމެއްނުވިއެވެ. ހަމަ އެވަގުތު ރަމްޝާގާތަށް ނޫރުދިއުމަށް ، އިޙްސާން އަމުރު ކުރިއެވެ. ރަމްޝާއަކީ ، ނޫރުގެ ޒިންމާގެ ދަށުގައި ހުރި ކުއްޖެއްކަމަށާއި އެކަން ނޫރުއަށް އެނގެން ޖެހޭނެކަމަށް އިޙްސާން ބުންޏެވެ. ރުޅިއައިސް ރަތްވެފައިހުރެ ، އިޙްސާން ބުނަން ބޭނުންވި ވާހަކަތައް ބުނުމާއެކު ، ފޯނު ކަނޑައިލިއެވެ. އިތުރު އެއްވެސް ވާހަކައެއް ބުނެލާނެ ފުރުސަތެއް ، ނޫރުއަކަށް ނުދިނެވެ.

 

ހާރިސް އިނީ ހެނދުނުގެ ނާސްތާ ކުރާށެވެ. ނޫރުވެސް ، މަތީބުރީގައި ހުންނަ އޭނާގެ ކޮޓަރިން ފައިބައިގެން އައެވެ. ނޫރުގެ މޫނުމަތީގައި އެއްވެފައިހުރި ހާސްކަމާއި ކަންބޮޑުވުން ، ދެނެގަންނާކަށް ހާރިސްއަކަށް ގިނަވަގުތެއް ނުނެގިއެވެ. ބައްޕަގެ ބަލިޙާލަތާމެދު ، ނޫރު އެހާ ކަންބޮޑުވަނީ ، ބައްޕަޔަށް އަޅައިލައި ، ބައްދަލުކޮށް ނުހަދާ ، މިދުވަސްކޮޅު އުޅެވިގެންކަމަށްވެސް ވެދާނެއެވެ. ނޫރު ކަންބޮޑުވާނެކަމެއް ނެތްކަމަށާއި ، ބައްޕަޔަށް ދާދިއަވަހަށް ހޮސްޕިޓަލުން ނިމިގެން ، ރަނގަޅުވެގެން އާދެވޭނެކަމުގައި ހާރިސް ބުންޏެވެ. ޑޮކްޓަރ ބުނެފައި އޮތްގޮތުގައި މާދަމާ ބައްޕަ ދޫކޮށްލާނެއެވެ. މާބޮޑަށް ކަންބޮޑުވެ ހާސްވާނެ އެއްވެސް ސަބަބެއް ނެތެވެ. ބައްޕަގެ ޙާލަތާމެދު ހާރިސް ދެއްކި އެއްވެސް ވާހަކައެއް ނޫރުއަށް އިވޭކަމަކަށް ނުވިއެވެ. ނޫރުހުރީ އެއަށްވުރެ ބޮޑަށް ހާސްވެފައެވެ.

" އަހަރެން ގެޔަށް ދާން ޖެހިއްޖެއެވެ. " ނޫރު ބުންޏެވެ.

ބައްޕަ ދޫކޮށްލާނީ މާދަމާއެވެ. ބައްޕަ ގެޔަށް ބަދަލުކުރަންދެންވެސް ، އެންމެ ދުވަހަކަށް ، ނޫރުއަށް އެގޭގައި މަޑުކޮށް ނުލެވޭނީތޯ ރައިދާވެސް ސުއާލު ކުރިއެވެ. ބައްޕަގާތުގައި ދައްކަންވެފައި އެތައް ވާހަކައެއް ހުރިކަމަށް ، ރައިދާގާތުގައި ނޫރުއޮތީ ބުނެފައެވެ. އެކަން އެހެން އޮއްވައި ، ބައްޕަޔާ ބައްދަލުނުކޮށް ، ގެޔަށްދާން ނޫރު ނިންމި ނިންމުމަކީ ރައިދާއަށް ޙައިރާންކަން ލިބުނު ކަމެކެވެ. ހާރިސްއަށްވެސް އެއީ ޤަބޫލުކުރަން ފަސޭހަ ކަމަކަށް ނުވިއެވެ. ބައްޕަ ހޮސްޕިޓަލުގައި އޮއްވައި ، ގެޔަށް ނުގެންނަނިސް ، ބައްޕަޔާ ބައްދަލުކޮށްނުލައި ، ގެޔަށް ދިއުމަކީ ހާރިސް ހިތްހަމަ ޖެހޭކަމަކަށް ނުވިއެވެ. މީހަކާ އިނީމަ ، މީސްމީހުންނަށް އަންނަ ބަދަލު އެފެންނަނީއޭ ، ރައިދާއާ ދިމާއަށް ބުނެ ، ނޫރުގެ އެނިންމުމަށް ހާރިސް ހިތްހަމަ ނުޖެހުނުކަން އަންގައިލިއެވެ.

ގެޔަށް އައިމަ ބައްޕަޔާ ބައްދަލުކޮށްލާފައި ދާން ، ހާރިސްގެ ދެމަފިރިންވެސް ނޫރުގެ ކިބައިން އެދުނެވެ. އެހެންނަމަވެސް ، ނޫރުގެ ނިންމުން ބަދަލެއް ނުކުރިއެވެ. ކުއްލިޔަކަށް ގެޔަށްދާން ނޫރު ނިންމި ނިންމުން ، އެދެމަފިރިންނަށް ވެގެންދިޔައީ ، ވަރަށްބޮޑު ސިހުމަކަށެވެ. އެކަމުގައި އޮތް ސަބަބެއް އޮޅުންފިލުވަން ރައިދާ ބޭނުންވިއެވެ. ކުއްލިކަމެއް ދިމާނުވިނަމަ ، ބައްޕަ އެޙާލުގައި އޮއްވައި ، ނުދާނެކަން ޤަބޫލުކުރުމަށް ނޫރު އެދުނެވެ.

އެހެންގޮތެއް ނެތްނަމަ ، ނޫރު ދިޔަޔަސް އެންމެ ރަނގަޅުކަމުގައި ހާރިސް ބުންޏެވެ. އެގޭގައިވެސް ކުރަންޖެހޭ ކަންކަން ހުންނާނެއެވެ. ކައިވެނީގެ ފަހުން ، މައިންބަފައިންނާމެދު ވިސްނައިލާކަށް ބައެއްމީހުންނަކަށް ފުރުސަތެއް ނުލިބޭނެއެވެ.

" ބައެއް ނިންމުންތަކަކީ ، މީހާގެ ޒިންމާއާއި މަސްއޫލިއްޔަތާ ގުޅިފައި އޮންނަ ކަމެކެވެ. އިސްކަންދޭ ކަންކަންވެސް އެކިމީހުންގެ ތަފާތު ވާނެއެވެ. ނޫރުއަށް ފެންނަގޮތެއް ހަދާށެވެ. " ހާރިސް ބުންޏެވެ.

ކުއްލިގޮތަކަށް ، ނޫރު ގެޔަށްދާން ނިންމި ނިންމުމަކީ އޭނާއަށް ކުރިމަތިވި މަޖުބޫރެކެވެ. މަސްއޫލިއްޔަތާއި ޒިންމާއާ އަދި އިސްކަންދޭ ކަންކަމާ ގުޅުންހުރި ކަމެއްނޫނެވެ. އެހާބޮޑު މަޖުބޫރުކަމެއް ނެތްނަމަ ، ނޫރުއެއް އެކަހަލަ ގޮތަކަށް ނުދާނެއެވެ. އެކަން ނުވިސްނުމަކީ ،  ހާރިސްމެންނަށް ނޫރުގެ ފަލްސަފާއާއި ، ނޫރު ދަސްވެފައި ނެތްކަމުގެ ހެއްކެކެވެ.

ނޫރު ނުކުމެގެން ދިއުމާއެކު ، ނޫރުގެ އެނިންމުމާމެދު ހާރިސްގެ ދެމަފިރިންގެ މެދުގައި ކޮންމެވެސް ވަރަކަށް ޚިޔާލު ބަދަލު ކުރެވުނެވެ. ކޮންމެފަދަ މަޖުބޫރެއްވެގެން ނޫރުދިޔަނަމަވެސް ، ބައްޕަޔާ ހަމަޔަށް އެވާހަކަ ނުގެންދިއުމަށް ރައިދާގެ ކިބައިން ހާރިސް އެދުނެވެ. ބައްޕަޔަށް އެކަން އެނގިއްޖެނަމަ ، ހިތްދަތިވެގެން ، ބައްޕަގެ ބަލިބޮޑުވެދާނެއެވެ. ނޫރު އެކުރާކަމެއް އެނގޭނީ ނޫރުއަށެވެ. ބޮޑެތި މުއްސަދިން ނިންމާ ބޮޑެތި ނިންމުންތަކުގެ އަގުވެސް އެހާ ބޮޑުވާނެއެވެ. އެއީ ، ހާރިސްމެންފަދަ ފަޤީރުންނަށް ވިސްނައިގަންނަން ފަސޭހަކަމަކަށް ނުވާނެއެވެ.

 

ހާރިސްމެން ހެނދުނު ނާސްތާކޮށްގެން ތައްޔާރުވެލައިގެން އަންނަން ގެޔަށް ފޮނުވާފައި ، ހޮސްޕިޓަލުގައި މުރުތަޟާ މަޑުކޮށްލައިގެން އިނެވެ. ވަޞީމުވެސް މުރުތަޟާއާ އެކިވާހަކަ ދައްކަމުން ގެންދިޔައެވެ. ނޫރުއާމެދު ، ވަރަށް ފޮނި އުއްމީދުތަކެއް އޭނާކުރިކަމަށް ވަޞީމު ބުނަމުން ގެންދިޔައެވެ. މުރުތަޟާއަކީވެސް އޭނާގެ ދަރިއެއްފަދަ ކުއްޖެކެވެ. މުރުތަޟާއާމެދުވެސް ވަޞީމު ކުރަމުންގެންދިޔައީ ، ހަމަ އެހާ ފޮނި އުއްމީދު ތަކެކެވެ. އެ ދެމީހުންނާމެދުވެސް ، އުއްމީދީ ހުވަފެންތަކެއް ދެކެމުން ގެންދިޔައެވެ. ނޫރުއާމެދު ވަޞީމު ދެކެމުން އެގެންދިޔަ ހުވަފެންތަކުގައި މުރުތަޟާވެސް ހިމެނެއެވެ. އެހެނަސް ، ނަސީބު ކަންދިމާކުރިގޮތުން ، މުރުތަޟާގެ ބައި އެ ހުވަފެންތަކުގައި ، ތަންކޮޅެއް އަވަހަށް ފުހެވިގެން ނިމިދިޔައީއެވެ.

" ބޭބޭއެވެ ! ކުރިން ފެނިގޮސްފައިވާ ހުވަފެނަކީ ، މާޒީއެވެ ! އަނބުރާ އެއެއް ނާންނާނެއެވެ. މިހާރުގެ ޙާލަތަކާ އެ ހުވަފެންތަކެއް ނުގުޅުވޭނެއެވެ. އެކަމަކު އަހަރެންނާއި ބޭބެގެ ގުޅުމަކީ ، ކުރިންވެސް އަދި މިއަދުވެސް ހަމަ އެއްގޮތެއްގައި އޮތް ގުޅުމެކެވެ. މާޒީއާއި މުސްތަޤްބަލާ ގުޅުވާކަށް އެގުޅުމުގައި ތަނެއް ނެތެވެ. " ވަޞީމުގެ ގާތަށް ޖެހިލައި އަތުގައި ހިފައި ފިރުމާލަމުން މުރުތަޟާ ބުންޏެވެ.

މުރުތަޟާ ދެކޭގޮތުގައި ، ނޫރުލްޢައިނާބެހޭގޮތުން އިތުރަށް ދައްކާނެ މާގިނަ ވާހަކައެއް ނެތެވެ. އެއީ ކާމިޔާބު އަންހެނެކެވެ. ނޫރުގެ މުސްތަޤްބަލް ލިޔަމުން އެގެންދަނީ އޭނާގެ އަމިއްލަ އަތުންނެވެ. އަމިއްލަ ފަލްސަފާއާ އެއްގޮތަށެވެ. މީހެއްގެ އެހީތެރިކަމަކާ ނުލައި އުޅެވޭވަރަށް ނޫރުގެ ޤާބިލްކަން އެބަހުށްޓެވެ. ބާއްޖަވެރި ދިރިއުޅުމަކަށްޓަކައި ނޫރުލްޢައިނު އެހުރީ ފައްކާވެފައެވެ. އެކަމަށް ފުރުސަތުވެސް ހޯދައިގެންނެވެ. ނޫރުއާމެދު އެއްވެސްކަމަކާ ގުޅުވައިގެން އެއްވެސް ވަރަކަށް ވިސްނާކަށް ވަޞީމަކަށް ނުޖެހޭނެއެވެ.

މުރުތަޟާގެ ވާހަކަ ވަޞީމުވެސް ޤަބޫލުކުރިއެވެ. މުރުތަޟާ ދައްކަމުންގެންދިޔަ ވާހަކަތަކަށް އެއްބަސްވުމަށް ބޯޖަހަމުން ގެންދިޔައެވެ. އެކަމަކު ، ނޫރުގެ ކާމިޔާބީގެ ފަހަތުގައި އުފާވެރިކަމާއި ހަމަޖެހުން އެބައޮތްތޯ ވަޞީމު ސުއާލު ކުރިއެވެ. އެސުއާލަށް ދޭނެޖަވާބެއް މުރުތަޟާއަކަށް ނޭނގުނެވެ. އެކަމާމެދު ގޯސް ނަޒަރިއްޔާއަކުން ނުވިސްނުމަށް މުރުތަޟާ އެދުނެވެ.

ބަފައިންނަކީ ، އަންހެންދަރިންގެ ތުންފަތުގައި ހުންނަ ކަންކަމަށްވުރެ ބޮޑަށް ، ލޮލުން ފެންނަ އެއްޗެއް ކިޔާނެ ބަޔެކެވެ. ނޫރުގެ ލޮލުން ފެންނަމުންދާ އިޙްސާސްތަކުން ، ނުރު އެއުޅެނީ އުފަލުގައިނޫންކަން ވަޞީމަށް ދެނެގަނެވެއެވެ. ނޫރުއަކީ ، ދުރުވިސްނޭ ޤާބިލް އަންހެނެއްކަމަށް އޭނާ އަމިއްލަޔަށްވެސް ޤަބޫލުކުރާނެއެވެ. ނޫރުގެ ޢަމަލުތަކާއި ނޫރުއަށް އަންނަމުންއައި ބަދަލުތަކަކީ ، ވަޞީމުގެ ލޮލުގެ ކުރިމަތީ ފާޅުވަމުން ދައުރުވަމުން އައި ކަންކަމެވެ. އެންމެ ބޮޑަށް  ނޫރުއެނގޭނެ މީހަކީ ވަޞީމެވެ. މަޔަކާ ނުލައި ، ބަލައި ބޮޑުކުރިއިރު ، ނޫރުގެ ވިސްނުމާއި ފިކުރުގެ ފެށުމާއި ނިމުންތައް ، ވަޞީމަށް އޮތީ ފެނިފައެވެ. އެއީ ވަރަށް ޖަޒުބާތީ އަންހެން ކުއްޖެކެވެ. ހިތްވެސް އެހާ ބަލިވާނެއެވެ.

ނޫރުލްޢައިނަކީ ، ވަރަށް ކާމިޔާބު ދިރިއުޅުމެއް ފުރިހަމަކުރާނެ އަންހެނެއްކަން މުރުތަޟާއަށް އެނގެއެވެ. އެކަން އޭނާ ވަޞީމަށް ކަށަވަރު ކޮށްދިނެވެ. ކޮންމެ ޙާލެއްގައިވެސް ، ނޫރުގެ ދިރިއުޅުމުގެ އުފަލާއި ހަމަޖެހުމާ އަދި އަރާމު ، އޭނާ ހޯދާނެއެވެ.

ހާރިސް އައިސް ހޮސްޕިޓަލަށް ވަދެ ބައްޕަގާތަށް ދިޔައިރު ، ނޫރު ނާންނާތީ އެކަމާ ވަޞީމު ސުއާލު ކުރިއެވެ. ނޫރު ގެޔަށް ހިނގައްޖެކަމަށާއި ވަރަށް އަވަހަށް އަންނާނެކަމުގައި ނޫރުބުނިކަމަށް ހާރިސް ބުންޏެވެ. ނޫރު އޭނާއާ ބައްދަލުކޮށްނުލައި ގެޔަށް ދިއުންވެގެންދިޔައީ ، ވަޞީމުގެ ހިތަށް އިތުރު އުނދަގުލާއި ތަކުލީފު ލިބިގެންދިޔަ ކަމަކަށެވެ. ނޫރު ދުވަމުން އެގެންދަނީ އޭނާގެ އުފަލާއި ކާމިޔާބީގެ ފަހަތުންކަން ވަޞީމަށް އެނގެއެވެ. އެއީ ދުވެދުވެ ، ވަރުބަލިވާއިރުވެސް އަތުނުވާނެ އެއްޗެއްކަންވެސް ވަޞީމަށް އެނގެއެވެ. މުރުތަޟާއާ ދިމާއަށް ބަލައިލުމަށްފަހު ، ވަޞީމު ލޯމަރައިލިއެވެ. ނޫރުއަށް ފޯނުކޮށްލާފައި ، ވެގެން އުޅެނީ ކިހިނެއްތޯ ބަލައި އެކަން ވަޞީމަށް އަންގައިލާނެކަމަށް ބުނެ ، މުރުތަޟާ ހޮސްޕިޓަލުން ގެޔަށް ދާން ނުކުތެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

3 ޚިޔާލު

  1. ވާހަކަ ވަރަށް ވެސް ރީއްޗެވެ. ކިޔާހިތްވާކަހަލަ އެތައް ކަމެއް އެބަހުއްޓެވެ. އެކަމަކު ތަންކޮޅެއް ދިގު ކޮށްލާށެވެ.

  2. ވާހަކަ ވަރަށް ވެސް ރީއްޗެވެ. ކިޔާހިތްވާކަހަލަ އެތައް ކަމެއް އެބަހުއްޓެވެ. އެކަމަކު ތަންކޮޅެއް ދިގު ކޮށްލާށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.