( 24 މެއި 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ )
ޙަފުޞާއާއި ޠާހިރާ ، ސިޓިންރޫމުގައި ވާހަކަ ދައްކަން ތިއްބެވެ. އެދެމައިން ވާހަކަ ދައްކަމުން އެގެންދަނީ ، ތަހުނިޔާއާ ބެހޭގޮތުންނެވެ. މުރުތަޟާއަށްޓަކައި ތަހުނިޔާ އިޚްތިޔާރުކުރި އިރު ، ޙަފުޞާއަށް ކުރެވުނު އުއްމީދުތައް އެދަނީ ޙަޤީޤަތަކަށް ވަމުންނެވެ. ތަހުނިޔާއަކީ ރަނގަޅު އަނތްބެކެވެ. އޯގާތެރި މަންމައެކެވެ. އެންމެންގެ ލޯތްބާއި އިޙްތިރާމް ހޯދައިފިއެވެ. ތަހުނިޔާއަށްވުރެ ރަނގަޅު ، ވަކިއެހެން އަންހެނަކު މުރުތަޟާއަކަށް ނުލިބޭނެއެވެ. މުރުތަޟާގެ ހިތުންވެސް އެންމެފަހުން ، ތަހުނިޔާ ޖާގަ ހޯދައިފިއެވެ.
އައިމަލް އުރާލައިގެން ، ތަހުނިޔާ ގޭތެރެޔަށް ނުކުތްތަނުން ، ޠާހިރާއައިސް ، ދައްތަގެ ފުރާނައޭ ބުނެ ، ތަހުނިޔާގެ އަތުން އައިމަލް އަތުލިއެވެ. ތަހުނިޔާގޮސް ، ޙަފުޞާގާތުގައި އިށީނދެލައި ، ޙަފުޞާގެ ކޮނޑުގައި ބޯއަޅައިލިއެވެ. މާބޮޑަށް މިއަދު ލޯބިވަނީ ކިހިނެއްވީތޯ ޙަފުޞާ ސުއާލު ކުރިއެވެ. ތަހުނިޔާގެ ޙަޔާތުގައި ކުރިމަތިވި ކޮންމެ ދަތިޙާލަތެއްގައި ، އަދި ، މުރުތަޟާއާ ދެމީހުން މައްސަލަޖެހޭ ކޮންމެ ހިނދެއްގައި އެކަން ޙައްލުކޮށްދެނީ ، ޙަފުޞާއާއި ޠާހިރާއެވެ. ޙަފުޞާއަކީ ، ތަހުނިޔާއަށް މައިދައިތައެއްގެ ދަރަޖައިން މަންމައެއްގެ ދަރަޖަ ޙައްޤުވާ މީހެކެވެ. ޠާހިރާއަކީ ، ފަހަރިއެއްނޫނެވެ. ރަޙުމަތްތެރިއެއްގެ އިތުރަށް ދައްތަ އެއްގެ ދަރަޖައިގާ ހުރި އަންހެނެކެވެ. އެދެމީހުން ނެތްނަމަ ، ތަހުނިޔާއަކަށް މުރުތަޟާއަކާއެކީއެއް ނޫޅެވޭނެއެވެ.
ނޫރުއާދިމާއަށް ރަމްޝާ އެއްޗެތިގޮވައިގަތީމަ ، ނޫރުގާތަށްވެސް ރުޅިއައެވެ. އެހެންނަމަވެސް ، ދަތްކުނޑިވިކައިގެން ، މުށްބާރުކޮށްގެންހުރެ ، އޭނާގެ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރިއެވެ. ދެވަނަ ފަހަރަށްވެސް ، ނޫރު އެތަނުން ދިއުމަށް ބުނެ ، ނޫރުއާ ދިމާއަށް ރަމްޝާ ހަޅޭއްލަވައިގަތެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު ، ނޫރު އެތަނުން ދުރަށްދިޔައެވެ. އެހުރިހާކަމެއް ފެންނަ ހިސާބުގައި މުރުތަޟާ މަޑުކޮށްލައިގެން ހުށްޓެވެ.
ނޫރުއައިސް މުރުތަޟާއާ އަރާ ހަމަވުމުން ، ހުރިހާކަމެއް ރަނގަޅުތޯއާއި އެއީ ކާކުތޯ މުރުތަޟާ ސުއާލުކުރިއެވެ. އެސުއާލަށް ޖަވާބު ދިނުމަކީ ނޫރުއަށް އުނދަގޫ ކަމެކެވެ. އެހެންނަމަވެސް ، އެއީ އަމީން އިޙްސާންގެ އަންހެންދަރިފުޅުކަމުގައި ، އަޅައަޅައިގަންނަމުން ނޫރު ބުންޏެވެ. މުރުތަޟާއަށް ލިބުނު ޙައިރާންކަމުގައި ތަންމިނަށް އަނގަ ހުޅުވުނެވެ.
ނޫރުއަށް މައްސަލަޔަކަށް ނުވާކަމަށްވަންޏާ ، އެބައްދަލުވުން މާދަމައަށް ލަސްކޮށްލެވިދާނެކަމުގައި މުރުތަޟާ ބުންޏެވެ. މިއަދަކީ ، އެ ޕްރޮޖެކްޓްގެ ފައިލްތައް ނިންމާ ފޮނުވަންޖެހޭދުވަސްކަމަށް އިޙްސާން އޮތީ ނޫރުއަށް އަންގާފައެވެ. އެހެންވީމާ ، އެކަން މިރެއިން މިރެޔަށް ނިންމަން ޖެހެއެވެ. މުރުތަޟާއާއެކީގައި ބާއްވާ ބައްދަލުވުން ނިންމާފަ ، އެހެން ބައްދަލުވުމަކަށް ނޫރުދާން ޖެހެއެވެ. އެބައްދަލުވުން ނިންމާފަ ، މުރުތަޟާއާއެކީ މަޝްވަރާކޮށްލައިގެން ނޫނީ ، އެ ފައިލްތައް މިރެޔަކު ނުނިންމޭނެއެވެ. ނޫރު ބޭނުންވީ އެގޮތެވެ. އެހެންކަމުން ، މުރުތަޟާވެސް އެއީ އެންމެ ރަނގަޅުގޮތެއްކަމަށް ނިންމައި ބޯޖަހައިލިއެވެ. އެވަގުތުގެ ގޮތުން އެކަމާމެދު އިތުރަށް ވިސްނާކަށް ، މުރުތަޟާގެ ސިކުނޑި މަސައްކަތެއް ނުކުރިއެވެ.
މުރުތަޟާމެންގޭގައި ، ޙަފުޞާގެ ތިންމައިން އަދިވެސް އެބަތިއްބެވެ. ޠާހިރާ އައުމާގުޅިގެން ، ތަހުނިޔާ ބޭނުންވާ ވަގުތު އޮފީހަށްދީގެން ، މަސައްކަތަށް ސަމާލުކަން ދިނުމަށް ފުރުސަތު އެއޮތީ ލިބިފައެވެ. އެއީ ޠާހިރާވެސް އެދޭ ގޮތެވެ.
ތިންމައިން ވާހަކައިގާ ތިއްބާ އެތަނަށް ރައިދާ ވަދެ ސަލާމް ގޮވައިލިއެވެ. ރައިދާހުރީ ވަރަށް ހާސްވެފައެވެ. ވަޞީމުގެ ޙާލު އެހާ ރަނގަޅެއްނޫނެވެ. މެޔަށް ތަދުއަރައި ބޯއަނބުރައި ކޮޅަކަށްވެސް ނުހުރެވެއެވެ. ރައިދާ އެއައީ ، ހާރިސްވެސް ރަށުގައި ނެތުމާއެކީ ، ބައްޕަ ހޮސްލިޓަލަށް ގެންގޮސްދިނުމުގައި މުރުތަޟާގެ އެހީތެރިކަމަށް އެދިއެވެ. މުރުތަޟާވެސް ވީ އޮފީހުގައެވެ. މުރުތަޟާއާ ގުޅާފައި އެވާހަކަ ބުނުމަށް ތަހުނިޔާގާތު ޙަފުޞާ އެދުނެވެ.
ބައްދަލުވުމަށް ދިޔަމަގުމަތީ ، އިޙްސާނަށް ފޯނުކޮށް ، ރަމްޝާގެ ޢަމަލުތައްހުރިގޮތުގެ ވާހަކަ ނޫރު ކިޔައިދިނެވެ. ނޫރު ދައްކަމުންދިޔަ ވާހަކަތައް މުރުތަޟާއަށްވެސް އަޑުއިވެއެވެ.
" އަހަރެން ފޯނުމިކުރީ ތިވާހަކަތައް އަޑުއަހާކަށްނޫނެވެ. މަސައްކަތް ދާނުދާގޮތް ބަލާށެވެ. ރަމްޝާގެ ޢަމަލުތައް ކޮންމެގޮތަކަށް ހުރިނަމަވެސް ، ރަމްޝާއާ ގާތްކަން ބާއްވައިގެން ، ނޫރުގެ ގޮތްބަދަލުކުރުމަކީ ، ހަމައެކަނި އެކަމުގައި އޮތް ގޮތްކަމުގައި އަހަރެން އޮންނާނީ ނޫރުގާތުގައި ބުނެފައެވެ. އިތުރަށް އެވާހަކަ ދައްކާކަށް އަހަރެން ބޭނުމެއްނޫނެވެ. " އަމީން އިޙްސާން ބުންޏެވެ.
ރަމްޝާއަށް މައްސަލަޔަކީ ، ނޫރުއެއްނޫނެވެ. ރަމްޝާގެ އުޅުން ހުރިގޮތުން ، އެއީ ކޮންމެކަމެއްކަމަށްވިޔަސް ، އޭނާކުރާ ކަންކަމާ އެހެންމީހުން ބެހުމަކީ ، ރަމްޝާއަށް ގޮތްދޫކުރަން ދަސްވެފައި އޮތްކަމެއްނޫނެވެ. އަސްލު މައްސަލަޔަކީ އެއީއެވެ. އެފަދަ ޙާލަތެއްގައި ނޫރު ހަދާނީ ކިހިނެއްތޯ ، ނޫރު ސުއާލު ކުރިއެވެ. އެކަމާމެދު ގޮތެއް ވިސްނުމަކީ އިޙްސާންގެ ކަމެއްނޫންކަމަށާއި އެއީ ނޫރު ކުރަންޖެހޭނެކަމެއް ކަމަށް އިޙްސާން ބުންޏެވެ. އަދި އެހިސާބުން ފޯނުކަނޑައިލިއެވެ.
ނޫރުގެ ހިތަށް ، އިޙްސާންގެ ބަސްތަކުން ކުރިއަސަރަށް ކެތްނުވެގެން ، މަގުގެ އެއްފަރާތުގައި ކާރު މަޑުކޮށްލައި ، ކާރުން ފައިބައިގެންގޮސް ، ކުރިމަތީހުރި ކެފޭއެއްގައި ހާމަކޮށް އޮތް މަތީބުރިއަށް އެރިއެވެ. ނޫރުގެ ފަހަތުން މުރުތަޟާވެސް ކާރުންފައިބައިގެން ދިޔައެވެ. މުރުތަޟާ ނޫރުއަށް ، އޭނާގެ ނަފްސު ކޮންޓްރޯލް ކުރުމަށް ނަސޭޙަތްދެމުން ގެންދިޔައެވެ.
ދިމާވާ ކޮންމެ ގުޅުމަކީ އެހާ ފަސޭހަ އެއްޗަކަށް ނުވާނެއެވެ. އެފަދަ ކޮންމެ ގުޅުމަކީވެސް އަގެއް ދައްކަންޖެހޭ އަދި ޤުރުބާނީތަކެއްވާންޖެހޭ ގުޅުމެކެވެ. ދިމާވާ ކަންކަމަށް ކެތްތެރިވެ ، ވިސްނައިގެން އުޅުނީމާ ، ހުރިހާކަމެއްވެސް ރަނގަޅުވާނެއެވެ.
ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެލުމަށްފަހު ، މުރުތަޟާއާ ދިމާއަށް ނޫރު އެނބުރުނެވެ. ހުރިހާ ފިރިހެނުންވެސް އެއްގޮތް އެވަނީ ކީއްވެތޯއާއި ކަމެއް ރަނގަޅުވާނީ ކިހިނެއްތޯ ނޫރު ސުއާލުކުރިއެވެ.
" ހުރިހާ ފިރިހެނުންވެސް ވިސްނަނީ އެއްވިސްނުމަކުންނެވެ. އަބަދުވެސް އިސްކަންދޭނީ ލޭގެ ގުޅުމަށެވެ. އިސްކުރާނީ އަމިއްލަ އެދުމެވެ. އަހަރެންވެސް މިހުރީ ލޭގެގުޅުމާ ދުރުވެގެންނެވެ. ފިރިހެނުންނަށް އެހެން ނުވަނީ ކީއްވެގެން ހެއްޔެވެ ؟ އަހަރެމެން އަންހެނުންނަކީވެސް އިޙްތިރާމް ލިބެންޖެހޭ ބައެއްނޫން ހެއްޔެވެ ؟ ދިރިއުޅުމުގެ އުނދަގޫ ދަތުރަކީ ތަކުލީފެކެވެ. ބޭނުންވާ އުފާ ދޫކޮށްފައިގޮސް ، ބޭނުން ހުރިހާކަމެއް ޙާޞިލް ކުރެވުނަސް ، އިންސާނާގެ ހިތުގައިވާ އިޙްސާސް އަބަދުވެސް ހުންނާނެއެވެ. އަންހެނަކާ ، އެ އިޙްސާސް ވަތްކެއް ނުވާނެއެވެ. އެއީ ، ފިރިހެނަކަށް ފަސޭހަކަމަކަށް ވެދާނެއެވެ. " ނޫރު ބުންޏެވެ.
ނޫރުއަށް ފޯނެއް އައެވެ. އެއީ ރައިދާގެ ފޯނެކެވެ. ބައްޕަގެ ޙާލު ގޯސްވެގެން ހޮސްޕިޓަލަށް ދެވޭނެގޮތެއް ނެތިގެން ގުޅީއެވެ. މުރުތަޟާވެސް އެވަގުތުހުރީ އޭނާއާއެކީކަމަށް ބުނެ ، ނޫރުވެސް އެއަންނަނީކަމަށް ބުނަމުން ކާރާދިމާއަށް ނޫރު ، ދުއްވައިގަތެވެ.
ނޫރުއާ ވާހަކަ ދައްކާފައި ރައިދާ އައިސް ، އެމީހުން އެބައަންނަ ވާހަކަ ބުންޏެވެ. މުރުތަޟާވެސް ހުރީ ނޫރުއާއެކީކަމަށް ބުނެ މުރުތަޟާވެސް ނޫރުއާއެކީ އަންނަކަމަށް ބުންޏެވެ. އެވާހަކަޔަކީ ، ތަހުނިޔާއަށް އަޑުއަހަން ފަސޭހަ ވާހަކަޔަކަށް ނުވިއެވެ. ރޭގަނޑު ، އެންމެން އެކީ ކާންބޭނުންވާ ވާހަކަ މުރުތަޟާގާތު އޮތީ ތަހުނިޔާއަށް ފޯނުން ބުނެވިފައެވެ. މުރުތަޟާބުނީ އޮފީހުގައި މަސައްކަތް ބޮޑުކަމުން ، އަވަހަށް ނާދެވޭނެ ކަމަށެވެ. އަދި ، މުރުތަޟާއަށް އިންތިޒާރު ނުކޮށް ، ތަހުނިޔާމެން ކެއުމަށެވެ. އެކަމަކު ، އޮފީހުގައި މަސައްކަތް ބޮޑުވެގެން އުޅުނުމީހާ ، ރޭގަނޑުގެ އެ ވަގުތުގައި އެހުރީ ނޫރުއާ އެކީގައެވެ.
ނޫރުއާއި މުރުތަޟާ ، ހޮސްޕިޓަލަށް ވަދެގެން އައިއިރު ، ތަހުނިޔާގެ ކަޅިހުއްޓިފައިހުރީ މުރުތަޟާގެ މޫނަށެވެ. މުރުތަޟާހުރީ ތަހުނިޔާގެ މޫނުމަތިން ފެންނަމުންދިޔަ ހިތްހަމަނުޖެހުމުގެ އިޙްސާސްތަކާ ކުރިމަތިލާންޖެހޭނެކަމަށް ބަލައިގެންނެވެ. ވަޞީމަށް ޖެހުނީ ހާޓްއެޓޭކެކެވެ. މިހާރު އޮތީ އައިސީޔޫގައި ބާއްވާފައެވެ. އެއަޑުއިވުމާއެކީ ، ނޫރުއަށް ބާރަށް ރޮއިގަނެވުނެވެ.
އިރުކޮޅަކު މަޑުކޮށްލުމަށްފަހު ، ރައިދާއާއި ތަހުނިޔާ ގޮވައިގެން ޠާހިރާ ގެޔަށްދިއުމަށް މުރުތަޟާ އެދުނެވެ. އެމީހުން ދަމުން ، ނޫރުވެސް ގެންދާށޭ ބުންޏެވެ. އެހެންނަމަވެސް ، ބައްޕަ ދެކިނުލާ ގެޔަށްދާކަށް ނޫރު ބޭނުމެއްނުވިއެވެ. މުރުތަޟާ އައިސް ތަހުނިޔާގާތު އިށީނދެލައި ، ތަހުނިޔާ ގެޔަށް ދިއުމަށް އެދުނެވެ. އިރުކޮޅަކުން ، ހާރިސްވެސް އައިސް ވަނެވެ. ސަލާންގަލާން ކޮށްލުމަށްފަހު ، މުރުތަޟާވެސް ގެޔަށް ދިއުމަށް ، ހާރިސް އެދުނެވެ. ނޫރުއާއި އޭނާއާ ދެމީހުން ހޮސްޕިޓަލުގައި މަޑުކޮށްލާނީއެވެ. އަދި ، ވާނުވާ ، މުރުތަޟާއަށް އަންގަމުން ގެންދާނެކަމަށް ހާރިސް ބުންޏެވެ.
ގެޔަށް އައިސް ކަމެއްކުރެވޭވަރަށްވުރެ ބޮޑަށް ، ތަހުނިޔާހުރީ ހިތްހަމަ ނުޖެހިފައެވެ. އެނދުގައި އިށީނދެލައިގެން އިންދާ މުރުތަޟާ އައިސް ކޮޓަރިޔަށް ވަނެވެ. އައިމަލްއާ ކައިރިޔަށް ޖެހިލައި އައިމަލްގައިގާ އަތްލާން އުޅެނިކޮށް ، އޭނާ ނިދާފައި އޮތްކަމަށް ތަހުނިޔާ ބުންޏެވެ. ތަހުނިޔާގެ އަޑުގައިވަނީ ، ހިތްހަމަނުޖެހުމެވެ. އެކަން މުރުތަޟާއަށް ފާހަގަ ކުރެވުނެވެ.
ވަޞީމުގެ ޙާލު ރަނގަޅުވަމުން އަންނަކަމަށާއި މާދަމާ ކޮޓަރިޔަށް ބަދަލުކުރާނެކަމަށް މުރުތަޟާ ބުންޏެވެ. އަދި ، މާދަމާ އޮފީހަށްނުގޮސް ، ހޮސްޕިޓަލުގައި މަޑުކޮށްލަން ނިންމިއެވެ. މުރުތަޟާއަށް އެމީހުން ބޭނުންވާނެއެވެ. އެއީ ، ތަހުނިޔާއަށް ޔަޤީންވާ ކަމެކެވެ. މުރުތަޟާ އޮފީހަށްނުގޮސް ، ހޮސްޕިޓަލަށް ދާނެކަން ، މާކުރިންވެސް ތަހުނިޔާއަށް އެނގެއެވެ.
އެގޭ އެންމެން އެތިބީ ކަންބޮޑުވެފައެވެ. އެޙާލަތުގައި އެމީހުންނާމެދު ވިސްނަންޖެހޭނެކަމަށް މުރުތަޟާ ބުންޏެވެ. ތަހުނިޔާގާތަށް ހިނިއައެވެ. ނުރުލްޢައިނުގެ ކަންބޮޑުވުމާދޭތެރޭ މާބޮޑަށްވެސް ވިސްނަންޖެހޭނެކަމަށް ތަހުނިޔާ ބުންޏެވެ. ނޫރުލްޢައިނުގެ އެކަނިވެރިކަމުގައި ބައިވެރިވުމަކީ ، މުރުތަޟާއަށް ކުރަން މަޖުބޫރުވާނެކަމެކެވެ.
" ތަހުނިޔާ ތިދައްކަނީ ކޮންވާހަކައެއް ހެއްޔެވެ ؟ އަހަރެން މިދައްކަނީ އެހެން ވާހަކައެކެވެ. ތަހުނިޔާގެ ވާހަކަ ތި ބަދަލުކޮށްލަނީ އެހެން ދިމާލަކަށެވެ. ތިއީ މިވަގުތަށް މުހިންމު ވާހަކައެއް ހެއްޔެވެ ؟ " މުރުތަޟާ ސުއާލު ކުރިއެވެ.
ތަހުނިޔާއަށް ޤަބޫލުކުރެވޭ ގޮތުގައި އެއީ އެވާހަކަވެސް އަދި އެހެން ވާހަކައެއް ދައްކަންވެސް މުހިންމު ވަގުތެކެވެ. ތަހުނިޔާއަށާއި އައިމަލްއަށް ، މުރުތަޟާއަކަށް އެއްވެސް ވަގުތެއް ނުދެވެއެވެ. ހުރިހާ ވަގުތެއް ހޭދަކުރަނީ ނޫރުލްޢައިނާ އެކުގައެވެ.
ތަހުނިޔާގެ ޖަވާބުން މުރުތަޟާގާތަށް ރުޅިއައިސް ، ތަހުނިޔާއާ ދިމާއަށް ހަޅޭއްލަވައިގަތެވެ. މުރުތަޟާގެ އަޑުގަދަކަމުން ، އައިމަލްއަށްވެސް ސިއްސައިގެންގޮސް ހޭލެވުނެވެ. ތަހުނިޔާގޮސް އައިމަލް މަސަލަސް ކުރަން މަސައްކަތް ކުރިއެވެ. މުރުތަޟާ އެތަނުގައި ނުހުންނަންވެގެން ކޮޓަރިން ނުކުތެވެ.
ހޮސްޕިޓަލުގައި އިންދާ ނޫރުއަށް އޭނާގެ ގެއިން ފޯނެއް އައެވެ. ނޫރު އެއުޅެނީ ކޮންތާކުތޯ ، ފޯނުކުރި ނޯކަރު އެހިއެވެ. އިތުރު ސުއާލެއްނުކޮށް ، ކީއްވީތޯ ނޫރު އަހައިލިއެވެ. ނޯކަރު އެގުޅީ ، ރަމްޝާގެ ޙާލަތު ގޯސްވެގެން އޭނާ ހޮސްޕިޓަލަށް ގެންދަން ޖެހިގެންނެވެ. ނޫރުއަށް އެވަގުތު ގެޔަށްދެވެން ނެތްކަމަށާއި ، ރަމްޝާގެ މަންމައަށް ފޯނުކޮށްފައި އެކަން އެންގުމަށް ރަމްޝާގާތު ބުނުމަށް ނޫރު އެދުނެވެ. ރަމްޝާގެ މަންމަހުރީ އެމެރިކާގައި ކަމަށް ބުނެވެތޯ ނޯކަރު ، އެތައްމަސައްކަތެއް ކުރިއެވެ. ނޫރުއަށް އެވާހަކައެއް އަޑެއް ނީވުނެވެ. އެއަށްވުރެބޮޑަށް ނޫރުހުރީ ބައްޕަގެ ބަލިޙާލާމެދު ކަންބޮޑުވެފައެވެ. މީހަކު ދައްކާ ވާހަކައެއް ރަނގަޅަށް އަޑުއެހޭފަދަ ޙާލަތެއްގައެއް ނޫނެވެ.
ފާޚާނާއަށް ވަދެ ، ތައްޔާރުވެލައިގެން މުރުތަޟާ ނުކުމެ އައިމަލްގާތަށް ޖެހިލިއެވެ. އެވަގުތުވެސް މުރުތަޟާއާ ކުރިމަތިވީ ތަހުނިޔާގެ ބަހަނާތަކެވެ.
" އަހަރެންނަކީ މުށިން ހަދާފައިއިން ބުދެއް ހެއްޔެވެ ؟ ވަކިގޮތަކަށް މަސައްކަތްކުރުމަށް އުފައްދާފައި އޮތް ރޮބޮޓެއް ހެއްޔެވެ ؟ " ތަހުނިޔާ ސުއާލުކުރިއެވެ.
މުރުތަޟާ ، ތަހުނިޔާގެ އަތުގައި ހިފައިގެންހުރެ ކޮޓަރިން ބޭރަށް ނުކުތެވެ. އެއީ ، އަޑުގަދަވެގެން އަނެއްކާވެސް އައިމަލް ހޭލަފާނެތީއެވެ. ތަހުނިޔާ ކޮޓަރިން ބޭރަށްނެރެ ، ތަހުނިޔާ އެހުރީ ބުއްދި ސަލާމަތުންތޯ ، މުރުތަޟާ ސުއާލު ކުރިއެވެ. އޭނާގެ ސިކުނޑިޔަށް އެއްވެސް ގެއްލުމެއް ނުވާކަމަށާއި ، އޭނާއެހުރީ ބުއްދި ސަލާމަތުންކަމުގައި ތަހުނިޔާ ބުންޏެވެ.
ތަހުނިޔާގެ ކަންބޮޑުވުމަކީ ، ނޫރުއާއެކީ އެއް އޮފީހެއްގައި މުރުތަޟާ މަސައްކަތްކުރުމެއް ނޫނެވެ. އޭނާއަށާއި އެދެމީހުންގެ ދަރިފުޅަށް އަދި މަންމައާއި ޠާޙިރާއަށް ، މުރުތަޟާގެ އެއްވެސް ވަގުތެއް ހުސްނުވުމެވެ. ފިރިމީހާއަށް ލިބޭ ކުރިއެރުމާއި ، ލިބޭ އުފަލާއި ހިތާމަޔަކީ ، އެންމެ ފުރަތަމަވެސް އަނބިމީހާއާ ޙިއްޞާ ކުރަންޖެހޭނެ އެއްޗެކެވެ. މި ދެތިން ދުވަހަކު ، ތަހުނިޔާ ވަރަށް ކެތްކޮށްފިއެވެ. އޭނާގެ ދިރިއުޅުން ރޫޅިގެން ދިއުމުން ސަލާމަތްކުރުމަށް މަސައްކަތް ކުރުމަކީ ، އޭނާގެ މައިންބަފައިން އޭނާއަށް ދީފައިވާ ތަރުބިއްޔަތުގެ އެއްބައެވެ. ތަހުނިޔާ އަނގައިން ނުބުނެ މަޑުން ހުރުމަކީ ، އޭނާގެ ތަކުލީފުތަކަށް ކެތްކޮށްގެން އަބަދު ހުންނާނެ ކަމެއްނޫންކަން މުރުތަޟާއަށް ސާފުކޮށްދިނެވެ. ތަހުނިޔާއަށްވެސް އަޑުގަދަކޮށް ހަޅޭއްލެވިދާނެއެވެ. އެކަން ކުރެވޭނީ މުރުތަޟާމެންނަށް އެކަންޏެއްނޫނެވެ.
ތަހުނިޔާގެ ވާހަކަތަކުން ، މުރުތަޟާގާތަށް އައިސްފައިހުރި ރުޅިގަނޑު އިތުރަށް ގަދަވެ ، ފުރަތަމަ ކަމަކަށް އަޑުގަދަ ނުކުރުމަށް ބުންޏެވެ. ދެވަނަކަމަކަށް ، ތަހުނިޔާގެ ހިތަށް އެއަރާކަހަލަ ، އެއްވެސްކަމެއް ނެތްކަން މުރުތަޟާ ޔަޤީންކަން ދިނެވެ. އެއްވެސްކަމެއް ނެތްކަމަށް ވަންޏާ ، އައިމަލްގެ ޙައްޤުގައި ހުވާކުރުމަށް ، މުރުތަޟާގެ ކިބައިން ތަހުނިޔާ އެދުނެވެ. އޮފީސް މަސައްކަތް ފިޔަވައި ، ރޭގަނޑު ކާށާއި ތަންތަނަށް ގޮސް ނުހަދާކަމަށް ބުނެ ހުވާކުރަން ، މުރުތަޟާގެ ކިބައިން ތަހުނިޔާ އެދުނެވެ. މުރުތަޟާ ، އެވަގުތު އެކަމަށް ހުވާނުކުރާ ކަމަށްވަންޏާ ، އެގަޑީގައި އެގެއިން ނުކުމެގެންދާން ތަހުނިޔާ ނިންމިއެވެ. ބޭވަފާތެރިވުމާއި ، އެދެމީހުންގެ ގުޅުމަށް އިޙްތިރާމް ނުކުރާ މީހަކާއެކީ ، ނޫޅުމަށް ތަހުނިޔާ ނިންމިއެވެ. ( ނުނިމޭ )
hama varahves reethi shukuran
ހާދަ ރީއްޗޭ.. މިވާހަކަ އަޕްލޯޑް ވޭތޯ ބަލަބަލާ މި އިންނާނީ ކޮންމެ ދުވަހަކުވެސް. ހާދަރީއްޗޭ. މާޝާﷲ
ވާހަކަ ލިޔުންތެރިޔާއަށް ހެޔޮ ރަޙްމަތްލައްވާށި..