ގައުމީ ފެންވަރުގައި އަޟްހާ އީދު ފާހަގަކުރާނެ ތިން ރަށް މިނިސްޓްރީން ކަނޑައަޅައިފި

މިއަހަރުގެ އަޟްހާ އީދު ގައުމީ ފެންވަރުގައި ފާހަގަކުރާނީ އުނގޫފާރު، ކުޑަހުވަދޫ އަދި ވިލިނގިލީގައި ކަމަށް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓްރީ އިން ކަނޑައަޅައިފިއެވެ.

އެ މިނިސްޓްރީ އިން މިގޮތަށް ނިންމީ އެ މިނިސްޓްރީއާ ގުޅިގެން މި އަހަރުގެ އަޟްހާ އީދު ފާހަގަ ކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށް އެދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން ޕްރޮޕޯޒަލް ހުށަހެޅި ފަރާތްތަކަށް ބެލުމަށްފަހުއެވެ. އެރަށްތައް ކަނޑައަޅާފައިވަނީ ހުށަހަޅާ ޕްރޮޕޯޒަލްތަކުގެ ތެރެއިން އަޟްހާ އީދުގައި އެރަށަކުން ކުޅޭނެ ކުޅިވަރުތަކަށާއި، ކައުންސިލުން ކުރައްވާނެ ހަރަދުތަކާއި، އަގެއް ނުނަންގަވާ އެރަށަކުން ކޮށްދެއްވާނެ ކަންތައްތަކުގެ މައްޗަށް ބެލުމަށްފަހުއެވެ.

ހުށަހަޅާ ޕްރޮޕޯޒަލްގައި ރަށުގައި ރަޖިސްޓްރީވެފައިވާ މީހުންގެ އަދަދާއި، އާންމުކޮށް ދިރިއުޅޭ މީހުންގެ އަދަދާއި ރަށުގެ ބޮޑުމިނާއި އީދުގައި ރަށަށް ޒިޔާރާތް ކުރާނެ ކަމަށް ލަފާ ކުރެވޭ މީހުންގެ އަދަދު ހިމަނަންޖެހޭނެ ކަމަށް އެ މިނިސްޓްރީއިން ބުނެފައިވާއިރު ރަށުން ލިބެން ހުރި އެކޮމޮޑޭޝަންގެ އަދަދާއި ދަތުރުފަތުރުގެ އިންތިޒާމުތަކުގެ އިތުރުން ވޭތުވެދިޔަ އަހަރުތަކުގައި އީދުގައި ކުޅޭ ކުޅިވަރުތަކުގެ ތަފްސީލް ހިމެނުމަށް މިނިސްޓްރީއިން ވަނީ އަންގާފައެވެ. އަދި ޕޮއިންޓު ދިނުމުގައި ބަލާނީ މިކަންކަމަށް ކަންވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އޭގެއިތުރުން އަޟްހާ އީދުގެ 3 ދުވަހު ކުރިއަށް ގެންދާނެ ހަރާކާތްތައް ހިމަނަންވާނެ ކަމަށާއި އީދުގެ ހަރަކާތްތަކުގައި އިސްރަށްވެހިންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބައިވެރިވެވޭފަދަ ކުޅިވަރުތައް ހިމަނަންވާނެ ކަމަށް ވެސް ހެރިޓޭޖް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މި އަހަރުގެ އަޟްހާ އީދު ދުވަހަކީ ޖޫން 17 އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.