ފަލްސަފާ (89)

( 18 މެއި 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ )

ހެނދުނުގެ ނާސްތާއަށް ނޫރު ފޭބިއިރު ، ކާމޭޒުދޮށުގައި ރަމްޝާ އިނެވެ. ފުންނޭވާއެއް ލުމަށްފަހު ، ނޫރު ހިންދިރުވައިލިއެވެ. އަދި ، ވަރަށް ހިތްވަރުކޮށްފައި ، ރަމްޝާއަށް ސަލާމް ގޮވައިލިއެވެ. ނޫރު އައިސް އިށީނުމާއެކު ، ރަމްޝާ ނޫރުއާ ދިމާއަށް ލޯއަޅައިލިއެވެ. ނޫރުގެ ސަލާމްގެ ޖަވާބު ރަމްޝާދިނީ އިރުކޮޅެއް ކޮށްލާފައި ، ވަރަށް ފަރުވާކުޑަ ގޮތަކަށެވެ.

" ރަމްޝާއަށް ރޭގައި ގެޔަށް އާދެވުނީ ވަރަށް ލަހުން ދޯއެވެ ! ރަމްޝާ އަންނަންދެން ، އަހަރެން ވަރަށްގިނައިރު ހޭލާ އިނީމެވެ. އެކަމަކު ، މާބޮޑަށް ނިދިއައިސް އިތުރަށް ނީނދެވިގެން އޮށޯވެލީއެވެ. " ވަރަށް ވިސްނަ ވިސްނައިގެން ނޫރު ބުންޏެވެ.

ރަމްޝާ އަންނަންދެން ނޫރު މަޑުކުރަންޖެހުނީ ކީއްވެގެންތޯ ރަމްޝާ ސުއާލުކުރިއެވެ. ރަމްޝާއާ ދިމާއަށް ބަލައިލައި ހިނިތުންވުމާއެކު ، ރަމްޝާއަށް ޖަވާޞު ދިނެވެ. . ނޫރު މަޑުކުރީ ގޭގައި އެއުޅެނީ ހަމައެކަނި އެދެމީހުންކަމަށްވާތީއެވެ. އެދެމީހުން ، އެކަކު އަނެކަކަށް ބަލައިގެން އުޅެންޖެހޭތީއެވެ. ރަމްޝާ ބޭރުގައި އުޅޭއިރު ، ފޯނުކޮށްލައި ، ކިހިނެއްތޯ އަހައިލާން ވާނެއެވެ. ހަމަ އެގޮތަށް ، ނޫރު ބޭރުގައި އުޅޭއިރުވެސް ، ނޫރުގެ ޙާލު ކިހިނެއްތޯ ރަމްޝާ ބަލައިލާން ޖެހޭނެތާއެވެ. ނޫރުއަށް އެބުނީ ރަނގަޅު ވާހަކައެއް ނޫންތޯ ، ސުއާލު ކުރިއެވެ.

ރަމްޝާ އަކީ ވަރަށްބޮޑަށް ހުޅުވިފައިވާ މިނިވަން މާޙައުލެއްގައި އުޅެ ބޮޑުވެފައިހުރި ކުއްޖެކެވެ. ނޫރު އެކުރި ސުއާލަކީ ، އޭނާގެ މަންމަޔަށްވެސް ، ރަމްޝާ ޖަވާބުދީފައިނުވާ ސުއާލެކެވެ. އޭނާގެ ބައްޕަ ، އޭނާއާ ބެހޭގޮތުން ނޫރުއާ ޙަވާލުކުރި ޒިންމާއާއި މަސްއޫލިއްޔަތަކީ ، އެހާ ސީރިއަސްކޮށް ނަގަންޖެހޭ ކަމެއްނޫންކަމަށް ރަމްޝާ ބުންޏެވެ. އަންނަމަހު ، ރަމްޝާއަށް ވިހިއަހަރު ފުރޭނެއެވެ. އަމިއްލަޔަށް ކަންތައްތައް ބެލެހެއްޓޭވަރަށް ، ރަމްޝާ އެހުރީ ބޮޑުވެފައެވެ. އެކަމާ ނޫރު ކަންބޮޑުވާނެކަމެއް ނެތެވެ.

" ރަމްޝާގެ ހުރިހާކަމެއް ރަމްޝާ އަމިއްލަޔަށް ބެލެހެއްޓޭނެކަން އަހަރެންނަށްވެސް އެނގެއެވެ. އަހަރެންވެސް މިހުރީ ، ރަމްޝާގެ ޢުމުރުގައި ކަންތައްތަކެއް ތަޖުރިބާ ކޮށްފައެވެ. ތި ޢުމުރުގައި ، އިންސާނާގެ ހިތުގައި ހުންނަ ކަންބޮޑުވުންތައް އެހެންމީހަކާ ޙިއްޞާކޮށްލުމުން ހިތަށް ތަސައްލީ ލިބޭނެއެވެ. އަހަރެމެން ދެމީހުން ގާތްގުޅުމެއް އުފައްދައި ، ދެރައްޓެހިންނަށް ވުމަކީ ، ރަނގަޅުކަމެއް ނޫންހެއްޔެވެ ؟ އޭރަށް ، ރަމްޝާ ބޭނުން ކޮންމެ ވާހަކައެއްވެސް އަހަރެންގާތު ދެއްކި ދާނެއެވެ. " ނޫރު ބުންޏެވެ.

ހިތުގައި އެއްޗެއް ނުލާކަމަށް ވަންޏާ ، ވާހަކައެއް ބުނަންތޯ ރަމްޝާ ސުއާލުކުރިއެވެ. ރަމްޝާ ބުނާ ވާހަކަޔަކުން ، ނޫރުގެ ހިތުގައި އެއްވެސް އެއްޗެއް ނުލާނެއެވެ. ރަމްޝާ ބޭނުންވާ ކޮންމެ ވާހަކައެއްވެސް ބުނަންވީއެވެ.

" އަހަރެންގެ ބައްޕައާ ކައިވެނިކުރީ ، ކޮންކަމެއް ޙާޞިލްކުރަން ހެއްޔެވެ ؟ ތިއީ ރީތި ޒުވާނެކެވެ. ތަޢުލީމީ ޤާބިލް އަންހެނެކެވެ. ހުރިހާކަމެއްވެސް އެހާ ފުރިހަމައެވެ. ބިލިއަނަރ އަމީން އިޙްސާނާ ކައިވެނިކުރަން ނިންމި ސަބަބަކީ ކޮބައި ހެއްޔެވެ ؟ " ރަމްޝާ ބުންޏެވެ.

ރަމްޝާގެ އެ ސުއާލަކީ ، ނޫރުގެ ހިތަށް ވަރަށް އުނދަގޫވި ސުއާލެކެވެ. އެހެނަސް ، އެއީ ޖަވާބުދޭންޖެހޭ ސުއާލެއްކަމަށް ނޫރުއަށް ފެނުނެވެ. ރުޅިއިސްނުކޮށް ، ކުޑަކޮށް ވިސްނައިލުމަށްފަހު ، ނޫރުގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.

އެއީ ވަރަށް ދިގު ވާހަކައެކެވެ. ކާމޭޒުދޮށުގައި ކާންތިބެގެން ދެއްކޭކަހަލަ ވާހަކައެއްނޫނެވެ. އަމީން އިޙްސާނާއި ނޫރުއާ ދިމާވަނީ ، ވިޔަފާރީގެ މުޢާމަލާތެއްގެ ތެރެއިންނެވެ. ނޫރު މަސައްކަތްކުރި ކުންފުންޏާއި އިޙްސާންގެ ކުންފުންޏާ ގުޅިގެން ، ކުރިޔަށްގެންދަން ހަމަޖެހުނު ވިޔަފާރިއެއްގައި ކުންފުނީގެ ފަރާތުން އިޙްސާނާ ވާހަކަ ދައްކަން ޖެހުނީ ނޫރުއަށެވެ. އެވާހަކަތައް ކުޑަދުވަސްކޮޅަކަށް ކުރިޔަށް ދިޔައެވެ. ވަރަށް ގާތްގާތުގައި ބައްދަލުވުންތައް ބޭއްވެމުން ދިޔައެވެ. ދެމީހުންގެ މެދުގައި ގާތްކަމެއް އުފެދި ، އެކަކު އަނެކަކު ދަސްވިއެވެ. ނޫރުގެ ކައިވެންޏަށް ، އިޙްސާން އެދުނީ ، އެކަހަލަ ގުޅުމަކާމެދު ، ދެމީހުންވެސް އެއްވެސް ވާހަކައެއް ނުދައްކާ އޮއްވައެވެ. އެއްދުވަހަކު އައިސް ކުއްލިޔަކަށް ބައްދަލުކޮށް ، އޭނާއާ ، ނޫރު ކައިވެނިކޮށްފާނަންތޯ އިޙްސާން އެހީއެވެ.

އެއީ އޭނާގެ ސުއާލުގެ ޖަވާބު ނޫންކަމުގައި ރަމްޝާ ބުންޏެވެ.

" ނޫރުލްޢައިނުއެވެ ! ދައްތާއެވެ ! އަހަރެންނަށް ހީވަނީ ، އަހަރެން މުޚާތަބުކުރަންވީ ނޫރުލްޢައިނުއޭ ކިޔާފައި ހެންނެވެ. ނޫރުލްޢައިނުއެވެ. ކައިވެންޏާމެދު ވިސްނައިލަން ނޫރުލްޢައިނަށް ، އެކަށީގެންވާ ވަގުތު ލިބުނުކަމަކަށް އަހަރެންނަކަށް ހިއެއް ނުވެއެވެ. އެކަކު އަނެކަކަށް ދަސްވުމަކީ ، ފައިސާހުރި މުއްސަންޖަކާ ދިމާވީމާ ވަރަށް ފަސޭހައިން އަންހެނަކަށް ކުރެވިދާނެ ކަމެކެވެ. ފައިސާއާއި މުދަލުގެ ދަހިވެތިކަމުގައި ، މުއްސަނދި މަހުޖަނެއްގެ ޙަޔާތާގުޅުނު އަންހެނެއްގެ ދުލުން ، އިތުބާރާއި ރަޙުމަތްތެރިކަމުގެ ވާހަކަ ބުނުން އެއީ ، އެހާރީތިކަމެއްނޫނެވެ. އަހަރެންގެ މިވާހަކަޔަކީ ، ފަހަރެއްގައި ނޫރުލްޢައިނަށް އެހާ ކަމުދިޔަ ވާހަކަޔަކަށް ނުވެދާނެއެވެ. އެކަމަކު ، ކުރާނީ ކީއްހެއްޔެވެ ؟ ތެދު ޙަޤީޤަތަކީ އަބަދުވެސް ވަރަށް ހިތި އެއްޗެކެވެ. " ރަމްޝާ ބުންޏެވެ.

ރަމްޝާގެ ވާހަކަތަކުން ، ނޫރުގެ ހިތަށް ތަދުވިއެވެ. ލަދުވެސް ގަތެވެ. ކައިރީގައިހުރި ނޯކަރާދިމާއަށް ނޫރުއަށް ބަލައިލެވުނެވެ. ލަދުން ގޮހެވެ. ރަމްޝާގެ އެ މާނަފުން ބަސްތައް އިއްވައިލުމަށްފަހު ، ސައިނުބޮއެ ތެދުވެގެން ދިޔައެވެ. ނޫރުއަކަށްވެސް އިތުރަކަށް ސަޔެއް ނުބޮވުނެވެ. ރަމްޝާ އެބުނި ވާހަކަތަކަށްފަހު ، އޭނާގެ އަރުތެރެޔަކުން ފެންތިއްކެއްވެސް ދިރިގެންނެއް ނުދާނެއެވެ.

 

ޙަފުޞާގެ ހުންގަނޑު މިހާރު ރަނގަޅު ވެއްޖެއެވެ. މުރުތަޟާ އޮފީހަށް ދިޔަނަމަވެސް ، ތަހުނިޔާ އެދުވަހު ގޭގައި މަޑުކުރިއެވެ. އޮފީހަށް ދިޔަފަހުން ، މަންމަގެ ޙާލުބެލުމަށްޓަކައި ، މިހާރު ދެތިންފަހަރު ތަހުނިޔާއަށް ފޯނުކޮށްފިއެވެ. ޙަފުޞާގެ މުސްކުޅި ޢުމުރުގައި ބައްޔެއްވުމުން ، އޭނާގެ ޙާލުބަލާނެ ކުދިންތަކެއް އޭނާގާތު ތިބުމަކީ ، ﷲ ގެ ރަޙުމަތެކެވެ. އެކަމަށްޓަކައި އޭނާ ﷲ އަށް ޙަމްދާއި ޝުކުރު ކުރެއެވެ. މުރުތަޟާ އާއި ޠާހިރާ އަދި ތަހުނިޔާއަކީ ، ދުނިޔެމަތީގައި އޭނާއަށް ލެއްވި ނަސީބެކެވެ. އެހެންނަމަވެސް ، މިހާރަކަށް އައިސް ، ތަހުނިޔާގެ މޫނުމަތިން އުފާވެރިކަމުގެ އަސަރު ފެންނަމުން ނުދާކަން ޙަފުޞާއަށް ފާހަގަ ކުރެވެއެވެ. ލޮލުގައި އެއްވެސް އުޖާލާކަމެއް ނުހުރެއެވެ. ޙަފުޞާގެ އެ ކަންބޮޑުވުންތަކާއެކީ ، ހުރިހާކަމެއް ރަނގަޅުތޯ ، ތަހުނިޔާއާ ސުއާލުކުރިއެވެ.  އެއްވެސްކަމެއް ވެގެން އުޅޭކަމަކަށް ތަހުނިޔާއެއް ނުބުންޏެވެ. ހުރިހާކަމެއްވެސް ރަނގަޅެވެ. މައިދައިތަގާތު އިރުކޮޅަކު އިނދެލުމަށްފަހު ، އައިމަލް އެކަނި ކޮޓަރީގައި ބާއްވާފައި އޮތީމަ ، ތަހުނިޔާ ދިޔައީ ކޮޓަރިޔަށެވެ.

ކޮޓަރިޔަށް ވަނުމާއެކު ، އޭނާއަށް އެއައީ އޭނާގެ ބޮސް ، މުޙުސިނާގެ ފޯނެކެވެ. ތަހުނިޔާ އޮފީހަށް ނުދާތާ ދެދުވަހެއް ވެއްޖެއެވެ. މުޙުސިނާހުރީ އެކަމާ ވަރަށް ކަންބޮޑުވެފައެވެ. މާދަމާ ، އޭނާ ޑުބާއީއަށް ފުރަން ޖެހެއެވެ. ނިންމަންވެފައިހުރި އެތައްކަމެއް ހުރީ ފުނިޖެހިފައެވެ. ތަހުނިޔާގެ ޒިންމާއާއި މަސްއޫލިއްޔަތަށް ފަރުވާ ކުޑަކުރެވެމުންދާކަމުގައި މުޙުސިނާ ބުންޏެވެ. އެއީ އެކަން ވާންޖެހޭނެ ގޮތެއްނޫނެވެ. މުޙުސިނާ ރަށުންބޭރަށް ދާއިރު ހުރިހާކަމެއް އެދަނީ ތަހުނިޔާއާ ޙަވާލުކޮށްފައެވެ. މިހާރަކަށް އައިސް މަސައްކަތަށް  ، ތަހުނިޔާދޭ ސަމާލުކަން އެބަ ކުޑަވެއެވެ. އަދި އޮފީހަށް ނާންނަ ދުވަސްތައްވެސް އެބަ މަދު ވެއެވެ. ހުރިހާކަމެއްވެސް އެނގޭކަމަށް ތަހުނިޔާ އިޢުތިރާފް ވިއެވެ. އެހެންނަމަވެސް ، އޭނާގެ ދިރިއުޅުމުގައި ދިމާވި ކަންތައްތަކަކާ ގުޅިގެން ޢާއިލާއަށް ތަންކޮޅެއްބޮޑަށް ސަމާލުކަން ދޭން ޖެހުނީއެވެ.

" އަހަރެން މިބުނާ ވާޙަކަ ނިކަން ރަނގަޅަށް ހަނދާން ބަހައްޓައްޗެވެ. ވަޒީފާގެ ކުރިއެރުމާއި ދިރިއުޅުމަށް ގެންނަންބޭނުންވާ ތަރައްޤީއަކީ ، ތިގޮތަށް ކަންކަން ބަހައްޓައިގެން ޙާޞިލްކުރެވޭނެ އެއްޗެއްނޫނެވެ. ވަޒީފާ ވިއްޔާ ވަޒީފާއެވެ. ދިރިއުޅުންވިއްޔާ ދިރިއުޅުމެވެ. ދެކަމުންކުރެ އެއްކަމެއްވެސް ، މިހާރަކު ތަހުނިޔާއަކަށް ފުރިހަމައެއް ނުކުރެވެއެވެ. މިހާރަށް ކުރެވެންހުރި ކަމެއްވިއްޔާ އަހަރެން ފުރިހަމަ ކޮށްދޭނަމެވެ. ދެންހުރި ކަންކަން ތަހުނިޔާ މާދަމާއައިސް ފުރިހަމަ ކުރާށެވެ. ތިއުޅެވެނީ އަދި ރަނގަޅަކަށް ނޫނެވެ. " މުޙުސިނާގެ ހިތުގައިވާ އުދާސްތައް ބަންޑުން ކޮށްލިއެވެ.

 

ހެނދުނު އޮފީހަށްދިޔަތަނުން ، މުރުތަޟާއަތަށް އެރީ ސިޓީއެކެވެ. އެއީ އޭނާގެ މުސާރަ ބޮޑުވިކަން އަންގައި ކުންފުނިން ފޮނުވި ސިޓީއެކެވެ. އޭނާގެ ކުރިމަތީގައި ، އެސިޓީގައި ސޮއިކުރި ، ކުންފުނީގެ އެމްޑީ އިނެވެ. އެސިޓީއަށް ބަލައިލުމަށްފަހު ، ނޫރުއަށް ބަލައިލާ ، އެއީ ކޮންކަމެއްތޯ މުރުތަޟާ ސުއާލު ކުރިއެވެ.

އެއީ މުރުތަޟާގެ މުރާލިކަމާއި ޤާބިލްކަމުގެ ހެކިކަމުގައި ނޫރު ބުންޏެވެ. އެއީ މުރުތަޟާއަށް ޤަބޫކުރަން ދަތިވި ކަމެކެވެ. އެހާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ، މަޤާމު މަތިވެ ، މުސާރަވެސް އެތައްތަނެއް ބޮޑުވީއެވެ. ނޫރުއަށް ޝުކުރުއަދާކުރާނެ ގޮތެއް މުރުތަޟާއަކަށް ނުފެނެއެވެ. ނޫރު ބޭނުންވަނީ ، އެއަށްވުރެ މަތީ މަޤާމަކަށް މުރުތަޟާ ދިއުމެވެ. ނޫރުއަށް ފުރުސަތު ލިބުނުވަރަކުން އެކަން ކޮށްދޭނެއެވެ. އެބަދަލަކީވެސް ، އޭނާގެ ފިރިމީހާ އަމީން އިޙްސާންގެ ހުއްދަޔާއެކީ ގެނެވުނު ބަދަލެކެވެ. އޭނާގެ ހުއްދަނެތި ، އެކަހަލަކަމެއް ނޫރުއަކަށް ނުކުރެވޭނެއެވެ. އެވާހަކަ ނޫރު ، ބުނުމުން މުރުތަޟާގެ ހިތައް ވަރަށް ބޮޑު ތަސައްލީއެއް ލިބުނެވެ.

ހަމައެއާއެކީ ، އަމީން އިޙްސާންގެ އެހެން އެދުމެއް އެބައޮތެވެ. އެއީ ނޫރުއާއި މުރުތަޟާ މަޝްވަރާކޮށްގެން ، އިތުރު ޕްރޮޖެކްޓެއް ފެށުމެވެ. އަންނަ ހަފުތާގައި އަމީން އިޙްސާން ، އެފްރިކާއަށް ފުރާނެއެވެ. މާދަމާގެ ނިޔަލަށް އެ ޕްރޮޖެކްޓް ނިންމަން ޖެހެއެވެ. އެއީ ވެދާނެކަމެއްތޯ މުރުތަޟާ ސުއާލު ކުރިއެވެ. އެހެނަސް ، ނޫރުއަށް އެއީ މައްސަލައެއް ނޫނެވެ. މުރުތަޟާގެ ދިރިއުޅުމުގެ އަމިއްލަ މަޞްލަޙަތު އެއީ ކުންފުނީގެ ޒިންމާއާ ގުޅިފައި އޮންނަންޖެހޭނެކަމެއްނޫނެވެ. މިހާރުވެސް ، މުރުތަޟާގެ ދިރިއުޅުމުގެ ކަންކަމާގުޅިގެން އެތައްކަމެއް ހުރީ ލަސްވެފައެވެ. އެހެންވީމާ ، އެންމެ ރަނގަޅު ގޮތަކީ ، ދިރިއުޅުމުގެ ކަންކަން ވަޒީފާގެ މަސްއޫލިއްޔަތާ ދުރުކޮށް ، މަސައްކަތަށް ސަމާލުވުންކަމުގައިބުނެ މުރުތަޟާއަށް ، ނޫރު ނަސޭޙަތްތެރި ވިއެވެ. އެކަން އެގޮތަށް ގެންދާނެކަމުގައި މުރުތަޟާ ބުންޏެވެ.

 

މުރުތަޟާއާ އަލަށް ޙަވާލުކުރެވުނު ޕްރޮޖެކްޓާ ބެހޭ މަޝަވަރާތަކެއް ކުރުމަށްޓަކައި ، މުރުތަޟާއަށް ނޫރުގެ ގެޔަށް އެރޭ ދާޏްޖެހުނެވެ. މުރުތަޟާ ދިޔައިރު ، އެގޭގެ ސްވިމިންގޕޫލް ސަރަޙައްދުގައި ރަމްޝާ ގެންދިޔައީ ޕޫލްޕާޓީއެއް ބާއްވަމުންނެވެ. ވަރަށް އަޑުގަދައެވެ. ވާހަކަ ދައްކަން އުނދަގޫވާ ވަރަށް ގޭތެރެޔަށްވެސް އެއަޑު ފޯރާފައި ހުށްޓެވެ. މުރުތަޟާއަށް ވާހަކަ ދައްކަން އުނދަގޫވެގެން ދެބުމަ ގޮށްޖަހައިލެވުނެވެ. ނޫރުވެސް އިނީ ، ބޭރުން އިވެމުންދާ އަޑުގެ ބާރުކަމުން އުނދަގޫ ވެފައެވެ. ނޫރު ތެދުވެގެންގޮސް ، ޕޫލް ކައިރިޔަށް ދިޔައެވެ.

ނޫރުދިޔަގޮތަށްގޮސް ދެތިން ހަތަރުފަހަރު ރަމްޝާއަށް ގޮވައިލިއެވެ. ރަމްޝާއަކަށް އަޑެއް ނޫވުނެވެ. ނޫރު ދިޔަގޮތަށްގޮސް މިޔުޒިކް ހުއްޓުވައިލިއެވެ. އަދި ރަމްޝާ އެކުރަނީ ކީއްތޯ ސުއާލުކުރިއެވެ.

" ނުފެނޭ ހެއްޔެވެ ؟ މިތާމިތިބީ އަހަރެންގެ ރައްޓެހިންނެވެ. އަހަރެމެން މިފާހަގަކުރަނީ ކޮންމެވެސް މުނާސަބަތެކެވެ. މިއީ ، އަހަރެމެންގެ ޕާޓީއެކެވެ. ނޫރުގެ މައްސަލަޔަކީ ކޮބައި ހެއްޔެވެ ؟ " ހިތްހަމަނުޖެހިފައި އިނދެ ، ރަމްޝާ ޖަވާބު ދިނެވެ.

ނޫރުގެ އެއްވެސް މައްސަލައެއް ނެތެވެ. ޕާޓީވެސް ބާއްވަންވީއެވެ. އެކަމަކު ، ކޮންމެކަމެއްވެސް ކުރަން ގޮތްތަކެއް ހުރެއެވެ. ހައްދެއް އޮވެއެވެ. އެއީ މީހުންދިރިއުޅޭ ގެޔެކެވެ. އޮފީހުގެ މެނޭޖަރ އެގެޔަށް އައިސް އެބައިނެވެ. އޭނާއެ އިނީ އޮފީސްކަމެއްގައި މަޝްވަރާކޮށްލަން އައިހެވެ. އަޑުގަދަކަމުން އެމީހުން އެއުޅެނީ ވާހަކަ ދައްކައިނުލެވިގެންނެވެ. ރަމްޝާގެ ރައްޓެހިކުދިންކޮޅު ގޮވައިގެން މަތީބުރިޔަށް ދިއުމަށް ނޫރު އެދުނެވެ. ނޫރުއަކަށް ، މުރުތަޟާ މަތީބުރިޔަކަށް ނުގެންދެވޭނެއެވެ.

" ފުރަތަމަ ކަމަކީ ، އަހަރެންނަށް އަމުރުކުރަން ނޫޅޭށެވެ. މިގެޔަށް ގެނެސްގެން ތިއުޅެނީ ކޮންމެ މީހެއްކަމަށްވިޔަސް ، އެމީހަކު ގޮވައިގެން ، ވާހަކަ ދައްކާ މަޝްވަރާކުރަން ކޮންމެވެސް އެހެންތާކަށް ، ބޭރަށް ދާށެވެ. އަހަރެމެން އެހެންތާކަށް ނުދާނަމެވެ. އަހަރެމެންގެ ޕާޓީ ޚަރާބުކޮށް ނުލާށެވެ. " ރަމްޝާ ބުންޏެވެ.

ނޫރުއާ ދިމާއަށް އެއްވެސް އިޙްތިރާމެއްނެތި ، ރަމްޝާ އެއްޗެތި ގޮވަމުންދިޔަތަން މުރުތަޟާއަށް ފެނުނެވެ. މުރުތަޟާވެސް އެތަނަށް ، ބޭރަށް ނުކުތެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

  1. ހާދަރީއްޗޭ... ތަންކޮޅެއްަހީ ގެނެސްދޭލެއް.
    ހަމަ އައްސަރިބަހާ ސާބަބސް. އަދި މާކުރު ގެނެސެދޭލެއް. މިކަންކަން ރަގަޅުކޮށްލީމަ ވ ފުރިހަމަ ވާނެ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.