ރަށްރަށުގައި އިޖްތިމާއީ ބޭނުމަށް ދިއްލާ ބައްތިތައް ސްޓޭންޑަޑައިޒްކުރުމަށް މަޝްވަރާ ކުރަނީ

ރަށްރަށުގައި އިޖްތިމާއީ ބޭނުމަށް ދިއްލާ ބައްތިތައް ސްޓޭންޑަޑައިޒްކުރުމަށް ފެނަކައިން ކައުންސިލްތަކާއި މަޝްވަރާ ކުރުމަށް ނިންމައިފިއެވެ.

އެ ކޯޕަރޭޝަނުން މިހެން ބުނެފައިމިވަނީ އުނގޫފާރު މަގުމަތީގައި ކުޅެން އުޅުނު ކުދިންތަކެއް ކަރަންޓްގައި ޖެހިގެން ފަރުވާދެމުން އަންނަދަނޑިވަޅެްއގައެވެ.

އެކުދިން ކަރަންޓުގައި ޖެހުނީ އުނގޫފާރު ޕާކު ސަރަހައްދުގެ މަގު ބައްތީގެ ހޮޅީގައި ޖެހިނެވެ. އަދި އެ ހާދިސާ ހިނގާފައިވަނީ ވިއްސާރަވެގެން ބައްތިއަށް ކަރަންޓް އަރައިގެން ކަމަށް ބެލެވޭ ކަމަށް  ބައެއް ފަރާތްތަކުން ބުނެއެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ ރަށްރަށުގެ  އިޖްތިމާއީ  ދިއްލުންތަކަށް  ބޭނުންކުރާ  (ބަނދަރާއި  މަގުމަތީގެ )  ބައްތިތަކަކީ ކައުންސިލްތަކުގެ ބެލެނިވެރިކަމުގެ ދަށުން  ބަލަހައްޓާ އެ ކޯޕަރޭޝަނުން ކަރަންޓު ފޯރުކޮށްދެމުން ގެންދާ ބައްތިތަކެއް ކަމަށެވެ.

އެހެން ނަމަވެސް  ގިނަ  ރަށްރަށުގެ  މިބާވަތުގެ  ބައްތިތަކުގައި  އީއެލްސީބީ  ހަރުކުރެވިފައި  ނުހުންނަކަން  ފާހަގަ ކުރެވިފައިވާ ކަމަށާއި މިގޮތަށް ހުންނަ މަގުބައްތިތަކީ އެންމެ ރައްކާތެރި ބައްތިތަކަކަށް ނުވާތީ، މިކަންތައް  ހައްލުކުރުމަށްޓަކައި  ކުރިޔަށް  އޮތް  މަހެއްހާ  ދުވަސްތެރޭ މި ކޯޕަރޭޝަނުން ހިދުމަތް ދެމުން ގެންދާ ހުރިހާ ރަށެއްގައި އިންސްޕެކްޝަންތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ފެނަކައިން ބުނެއެވެ.

މީގެ އިތުރުން ކައުންސިލްތަކާއި އެއްބަސް ވެވޭ ގޮތެއްގެ މަތިން، ދެމެހެއްޓެނެވި ގޮތެއްގައި ފެނަކައިގެ ފަރާތުން އިޖްތިމާއީ ބޭނުމަށް ދިއްލާ ބައްތިތައް ބެލެހެއްޓުމަށް ހުށަހެޅުމުގެ މަސައްކަތް ވެސް ދަނީ ކުރެވެމުން ކަމަށް ބުނެއެވެ. އަދި މިހާރުވެސް ކައުންސިލްތަކުން ގޮވާލާ ވަގުތުތަކުގައި ފެނަކައިގެ ޓެކްނިކަލް ބޭފުޅުންގެ އެހީތެރިކަން ފޯރުކޮށްދެމުން ދާކަން ފެނަކައިން ފާހަގަކުރެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.