ބޭންކް އޮފް މޯލްޑިވްސް އަށް 2023 ވަނަ އަހަރަކީ ގިނަ ކުރިއެރުންތަކަކާއި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ލިބުނު އަހަރެކެވެ. މާލީ ގޮތުން އެންމެ ކާމިޔާބު އަހަރެވެ.
މިދިޔަ އަހަރު ނިމިގެން ދިޔައީ ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 2.07 ބިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބިގެންނެވެ.
މިދިޔަ އަހަރު ބޭންކަށް ލިބުނު އިތުރު ކާމިޔާބީ އަކީ ކަސްޓަމަރުންގެ އިތުބާރާއި ބޭންކިންގ ހިދުމަތް ހޯދުމަށް އިހުތިޔާރުކުރާ ބޭންކަކީ ބީއެމްއެލް ކަމުގައި ގިނަ ކަސްޓަމަރުން ނިންމާ ނިންމުމެވެ. މި ގޮތުން 2023 ވަނަ އަހަރު 23،000 އައު ކަސްޓަމަރުން ބޭންކާ ގުޅި 66،000 އަށް ވުރެ ގިނަ އައު އެކައުންޓް ވަނީ ބޭންކުގައި ހުޅުވާފައެވެ.
ކަސްޓަމަރުންނަށް ދެމުންދާ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްވެސް ބޭންކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ކަސްޓަމަރުންނަށް ދެމެންދާ ހިދުމަތާ ގުޅޭ ގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ޑައިރެކްޓަރ އޮފް ކަސްޓަމަރ ސަރވިސް ގުލްނާޒް މާހިރު ވިދާޅުވީ "ފުރިހަމަ އަދި ރައްކާތެރި ބޭންކިންގ ހިދުމަތެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން އެކަމަކަށް އެންމެ ހާއްސަ ސަމާލުކަމެއްދޭ އެއްކަން. އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންގެ ހިތްހަމަޖެހޭ އަދި އުފަލާއެކު ބަލައިގަންނަ ހިދުމަތެއް ފޯރުކޮށްދިނުމަށް. މިގޮތަށް ކުރެވެމުންދާ މަސައްކަތުން މިދިޔަ އަހަރު ވަނީ ކަސްޓަމަރުންގެ ޝަކުވާ %20 އަށް ދަށްކުރެވިފައި."
ބީއެމްއެލް އިން 2023 ވަނަ އަހަރުގެ މެއި މަހުގައި ވަނީ ޑިޖިޓަލް ބޭންކިންގ އެސިސްޓަންޓް އާޔާ ތައާރަފްކޮށްފައެވެ. އާޔާ އަކީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ބޭންކުގެ ވެބްސައިޓް، ފޭސްބުކް މެސެންޖަރ، ވައިބާ އަދި ވަޓްސްއެޕް މެދުވެރިކޮށް 24 ގަޑިއިރު ހިދުމަތް ލިބޭ އިންޓަރލިޖެންޓް ޗެޓްބޮޓެކެވެ.
ގުލްނާޒު ވިދާޅުވީ " އާޔާ ފަރުމާކޮށްފައިވަނީ ކަސްޓަމަރުންނަށް ފަސޭހަވާނެހެން ދިވެހި ބަހުންނާއި އިނގިރޭސި ބަހުން މުއާމަލާތް ކުރެވޭ ގޮތަށް. ކަސްޓަމަރުންގެ ސުވާލުތަކަށް ޖަވާބުދީ އަދި ބޭނުންވެއްޖެ ހާލަތެއްގައި ކަސްޓަމަރ ސަރވިސް އޭޖަންޓަކާ އާޔާ ގުޅުވާލަދޭނެ. މިދިޔަ އަހަރު، ކަސްޓަމަރުން ފެށި 47،000 ޗެޓްގެ ތެރެއިން %53 އިންސައްތަ ޗެޓަށް ޖަވާބުދީފައިވަނީ އަޔާ މެދުވެރިކޮށް. މިއިން ދައްކުވައިދެނީ ކަސްޓަމަރުން ބޭންކަށް ގުޅަން ނުޖެހި، ބޭނުންވާ ގިނަ މައުލޫމާތުތަކެއް އާޔާ މެދުވެރިކޮށް ހޯދޭނެކަން. އަދި އާޔާއެކު ބޭންކުގެ ޑިޖިޓަލް މުޢާމަލާތްތަކުގެ އަދަދު އިތުރުވުމަށް މަގުފަހިވެގެންދިޔަ."
ބޭންކުން ކަސްޓަމަރ ސަރވިސް ރަނގަޅު ކުރަން ކުރާ މަސައްކަތައް އަލިއަޅުވާލަމުން ގުލްނާޒް އިތުރަށް ވިދާޅުވީ " ކަސްޓަމަރުން ހުށަހަޅާ މައްސަލަތައް ހައްލުކޮށްދިނުމުގައި މިދިޔަ އަހަރު %24 ގެ ކުރިއެރުމެއް ލިބުނު. މިއީ ކަސްޓަމަރުން ބޭނުންވާ ފަދަ ހިދުމަތެއް ދިނުމަށް އަޅުގަނޑުމެން ދޭ އަހައްމިއްޔަތުކަން ހާމަވެގެންދާކަމެއް. މި ކާމިޔާބީއަކީ ބޭންކުން އިސްނަގައިގެން ކުރި އެތައް މަސައްކަތެއްގެ ސީދާ ނަތީޖާ. މީގެ ތެރޭގައި،ކޭސް މެނޭޖްމަންޓް ސިސްޓަމް ތަންފީޒުކުރުމާއި މުވައްޒަފުންނަށް ދެވުނު ތަމްރީނާއި މިދިޔަ އަހަރު ތެރޭ ބޭންކުގެ ގިނަ ޕްރޮސެސްތަކެއް ބަދަލުކޮށް އިތުރަށް ރަނގަޅުކުރުމަށް ކުރެވުނު ބުރަ މަސައްކަތް. މި ފުރުސަތުގައި މިކާމީޔާބީ ހޯދުމުގައި ޝާމިލުވާ އެންމެހާ މުވައްޒަފުންނަށް ޝުކުރު ދަންނަވަން."
ދިވެހިރާއްޖޭގެ އެންމެ ބޮޑު ބޭންކިންގ ވިއުގަ އާއި ޒަމާނީ ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.