މިއަދަކީ ބައިނަލްއަގުވާމީ މާދަަރީ ބަހުގެ ދުވަސް

މިއަދަކީ ބައިނަލްއަގުވާމީ މާދަރީ ބަހުގެ ދުވަހެވެ. މާދަރީ ބަހުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރަކުވެސް ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހެވެ.

ބަހަވީ ސިންދަފާތަށް ދޭ އަހުމިއްޔަތުކަން ފާހަގަ ކުރުމާއެކު ޔުނެސްކޯއިން އެދިފައި ވަނީ އެ ޖަމްއިއްޔާގެ މެންބަރު ގައުމުތަކުން މި ދުވަސް ވީހައިވެސް ގިނަ ބަހަކުން ފާހަގަ ކުރާށެވެ. އެއް ގައުމެއްގައި އެތައް ބަހަކުން ވާހަކަ ދައްކާނަމަ އެ ހުރިހައި ބަހަކުން ދުވަސް ފާހަގަކޮށް ބަހަވީ ސިންދަފާތާއި، ގިނަބައްސަކަމަކީ ދެމެހެއްޓެނިވި ތަރައްގީއަށްޓަކައި މުހިއްމު ކަންތައްތަކެއްކަން ހަނދާންކޮށް ދޭންވެސް ޔުނެސްކޯއިން ވަނީ އެދިފައެވެ.

ޔުނެސްކޯގެ ފަރާތުން ބައިނަލްއަގުވާމީ މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރާތާ 20 އަހަރު ވެއްޖެއެވެ. ދިވެހިރާއްޖޭގައިވެސް މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރުމުގެ ކޮންމެ އަހަރަކުވެސް އިސްކޫލުތަކުގައްޔާއި، ތައުލީމީ އެހެން އިދާރަތަކުގައި އެކި ހަރަކާތްތައް ހިންގައެވެ. އަދި ދިވެހިބަހުގެ އެކަޑެމީންވެސް ތަފާތު ހަރަކާތްތައް ހިންގައެވެ.

މާދަރީ ބަހުގެ ދުވަސް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަ ކުރަން ފަށާފައި ވަނީ 2000 ވަނަ އަހަރުއެވެ. ޔުނެސްކޯއިން މި ދުވަސް ކަނޑައެކީ އޭގެ ކުރީ އަހަރު (1999) އެވެ. އޭގެ ކުރީން 1952 ވަނަ އަހަރު ބަންގާޅީ ބަސް ދިރުވުމުގެ ހަރަކާތެއްގެ ގޮތުގައި ފެބްރުއަރީ 21 ވަނަ ދުވަސް ފާހަގަ ކުރެވުނެވެ. އެއީ މިހާރުގެ ބަނގްލާދޭޝްގައެވެ. އެއީ އޭރު އިރުމަތީ ޕާކިސްތާނެވެ. މިހާރު މި ފާހަގަ ކުރާ ދުވަހަކީ އެ ހަރަކާތް ފާހަގަ ކުރުމުގެ ގޮތުން ފާހަގަ ކުރާ ދުވަހެކެވެ. ބަނގްލާދޭޝްގައި މިހާރު މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޝަހީދުންގެ ބިނާގައި މާބޮނޑި ބެހެއްޓުމުގެ ހަރަކާތެއް ހިންގައެވެ. މިއީ ބަންގާޅީ ބަހަށްޓަކައި ބަންގާޅީން ކުރި މަސައްކަތުގެ ދުވަސް ކަމަށް ވާތީއެވެ. މިއީ އެ ގައުމުގެ ޝަހީދުންގެ ދުވަސްވެސް މެއެވެ.

ޕާކިސްތާާނާއި އިންޑިއާ މިނިވަންވީ 1947 ވަނަ އަހަރުއެވެ. މިނިވަން ވުމަށްފަހު ޕާކިސްތާނުގައި ދެބައެއް އޮތެވެ. އެއީ ހުޅަނގު ޕާކިސްތާން (މިހާރުގެ ޕާކިސްތާން) އާއި، އިރުމަތީ ޕާކިސްތާން (މިހާރުގެ ބަނގްލާދޭޝް) އެވެ. ގިނަ މީހުން ދިރިއުޅެނީ އިރުމަތީ ޕާކިސްތާނުގައެވެ. އެ ސަރަހައްދުގެ މައިގަނޑު ބަހަކީ ބަންގާޅީ ބަހެވެ. އެކަމަކު ބާރު އޮތީ ހުޅަނގު ޕާކިސްތާނުގައި ކަމަށް ވާތީ ރަސްމީ ބަހަކަށް ހަމަޖެއްސީ އުރުދޫ ބަހެވެ. ރަސްމީކޮށް އުރުދޫ ބަސް އިއުލާނު ކުރުމާއެކު އިރުމަތީ ޕާކިސްތާނުގައި ހަމަނުޖެހުން ހިނގްނަ ފަށައިފިއެވެ. މައްސަލަ ބޮޑު ވެގެން ގޮސް ޕާކިސްތާނުގެ ސަރުކާރުން އިއުލާނު ކުރީ ތިން މީހުނަށްވުރެ ގިނަ ބަޔަކު އެއްތަނަކަށް އެއް ވުމަކީ ގާނޫނީ ކުށެއް ކަމުގައެވެ. މި އިއުލާނާ ދެކޮޅަށް 1952 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު ޑާކާ ޔުނިވަރސިޓީ ދޮށަށް ވަރަށް ގިނަ ދަރިވަރުން އެއްވެއްޖެއެވެ. ސަރުކާރުން އެ ދުވަހު ވަރަށް ގިނަ ދަރިވަރުން ހައްޔަރު ކުރިއެވެ. އެޔާއެކު އެ ސަރަހައްދަށް އިތުރު މީހުން އެއްވެ، އެތަނުން ބަޔަކު ގޮސް އިރުމަތީ ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހަށް ވަންނާން ދިމާކޮށްފިއެވެ. އެ މީހުން ހުއްޓުވާން ވެގެން ފުލުހުން ބަޑި ޖަހައި 8 ދަރިވަރަކު މަރައިލިއެވެ. އެޔާއެކު ދެކޮޅު ހެދުމުގެ ހަރަކާތް ފުޅާވެގެން ދިޔައެވެ. އެންމެ ފަހުން 1956 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު ޕާކިސްތާޏުގެ ރަސްމީ ބަހަކީ އުރުދޫ ބަހާއި ބަންގާޅީ ބަހާއި ދެބަސް ކަމުގައި ހަމަ ޖެއްސިއެވެ. ބަންގްލާދޭޝް މިނިވަންވީ އޭގެ 19 އަހަރު ފަހުން 1971 ވަނަ އަހަރުއެވެ. އޭގެ ފަހުން ބަނގްލާދޭޝްގައި 21 ފެބްރުއަރީ ފާހަގަ ކުރަމުން އައީ ޝަހީދުންގެ ދުވަހުގެ ގޮތުގައެވެ. ޔުނެސްކޯއިން އެ ދުވަސް މާދަރީ ބަހުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރީ ބަހަށްޓަކައި ކުރެވުނު މަސައްކަތެއްގެ އަގު ވަޒަން ކުރުމުގެ ގތުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.