ފަލްސަފާ (87)

( 10 މެއި 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ )

" މުރުތަޟާ ތިބުނީ ހަމަ ރަނގަޅަށެވެ. އެއްވެސް ވާހަކައެއް އެއޮތްގޮތަކަށް މުރުތަޟާއަކަށް ނުބުނެވޭނެއެވެ. ހުރިހާކަމެއް ހިތުގައި ބާއްވައިގެން ، ކެތްކޮށްލައިގެން ހުންނާނީއެވެ. ހިތުގައިވާ ތަކުލީފުތައް ނުބުނަން ތިއުޅެނީ ކީއްވެ ހެއްޔެވެ ؟ ގޮތްދޫކޮށް ، މުރުތަޟާއަށް ލިބުނު ފުރުސަތަށް މޫނު އަނބުރައިނުލިނަމަ އެވެ. " ނޫރު ބުންޏެވެ.

މުރުތަޟާގެ ހިތުގައި އެއިން އެއްވެސްކަމެއް ނެތެވެ. މުރުތަޟާގެ ހިތުގައި ދެންއޮތީ ކޮން އެއްޗެއްތޯ ނޫރު ، ސުއާލުކުރިއެވެ. ނޫރުގެ އަޑުހަރުވެފައި ހަރުކަށިވިއެވެ. ކުރިމަތީހުރި ތަނބުގައި އަތުން ބާރަށް ޖަހައި ލެވުނެވެ. މުރުތަޟާގެ ހިތުގައި އޮތީ ކޮން އެއްޗެއްތޯ އަނެއްކާވެސް ނޫރު ސުއާލު ކުރިއެވެ. އެ ސުއާލަށް ޖަވާބުދިނީ މުރުތަޟާއެއް ނޫނެވެ.

" މިސިޒް އަމީން އިޙްސާން އެވެ ! މުރުތަޟާގެ ހިތުގައި އޮތީ ، ރަނގަޅުނޫން ވަގުތެއްގައި ރަނގަޅުނޫން ލަހުޖާއެއްގައި ރަނގަޅުނޫން ސުއާލެއް ކުރާކަމުގައެވެ. " އެތަނަށް ވަންނަމުން ތަހުނިޔާ ބުންޏެވެ.

ތަހުނިޔާގެ އަޑުގައިވަނީ މަލާމާތާއި ޖަދަލު ކުރުމެވެ.

" މިއަދު އޮފީހަށް ނުދަނީ ހެއްޔެވެ ؟ ނޫނީ ކޮންމެ މުއައްޒަފެއްގެ ގެޔަށްގޮސް ، ޒާތީ ސުއާލުކުރުމަށް ޚާއްޞަކޮށްފައި އޮތް ދުވަހެއް ހެއްޔެވެ ؟ އެކަން ފެއްޓީ މުރުތަޟާއިން ހެއްޔެވެ ؟ " ތަހުނިޔާ އިތުރަށް ސުއާލުކޮށްލިއެވެ.

ނޫރު އެއައީ އެގެޔަށްނޫންކަމުގައި ނޫރު ބުންޏެވެ. ހަމަ ރަނގަޅަށްހޭ ތަހުނިޔާއަށް އަހައި ލެވުނެވެ. ނޫރު އެހުރީ އެގޭގައެވެ. އެގޭގެ ބަދިގޭގައެވެ. އެހުރީވެސް ، ތަހުނިޔާގެ ފިރިމީހާއާ އެކީގައެވެ. ދެމީހުން އެކަންޏެވެ.

ނޫރުއެއައީ ، އޭނާގެ ގެޔަށްކަމަށާއި ، އައިއިރު ޓެސްޓްތަކެއް ހެދުމަށް ބައްޕަ ގޮވައިގެން ރައިދާ ދިޔައީ ގޭގެ ދޮރޯށި ބަންދު ކޮށްފައެވެ. އެގެޔަށް ވަދެލީ ރައިދާމެން އަންނަންދެން ، މަގުމަތީ ނުހުންނަން ވެގެންނެވެ.

މުރުތަޟާ ، ތަހުނިޔާއަށް ގޮވައިލިއެވެ. ނޫރު އެގެޔަށް ނާންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. އެކަމުގައި އޮތީ ކޮން މައްސަލައެއްތޯ ، މުރުތަޟާ ސުއާލު ކުރިއެވެ. ނޫރު އެގެޔަށް އައުމަކީ ، ތަހުނިޔާއަށް އެއްވެސް މައްސަލައެއްނޫނެވެ. މައްސަލަޔަކަށްވީ ، މުރުތަޟާއާއި ނޫރުއާ ދެމީހުންގެ ، މާޒީއާ ގުޅިފައިހުރި ވާހަކަ ދެއްކުމެވެ. ފަހަރެއްގައި ، ތަހުނިޔާއަށް ގޯސްކޮށް އަޑުއިވުނީކަމަށް ވެދާނެއެވެ. ތަހުނިޔާ ހަމަޖެހިލިއެވެ.

ފަހަރެއްގައި އެމީހުންގެ މާޒީގެ ވާހަކަ ނުދެއްކޭކަމަށް ވެދާނެކަމަށް މުރުތަޟާ ބުންޏެވެ. ތަހުނިޔާއަށް އެއިވުނީ ގޯސް އަޑެކެވެ.

 

އަމީން އިޙްސާން އޮފީހަށް ވަދެ ، ނޫރުލްޢައިނު ކޮބައިތޯ ސުއާލު ކުރިއެވެ. ނޫރު އޮފީހުގައި ނޫޅޭކަމަށް އޭނާގެ ސެކްރެޓަރީ ބުނުމާއެކު ، މުރުތަޟާ ކޮބައިތޯ އިޙްސާން ސުއާލު ކުރިއެވެ. މުރުތަޟާ އެދުވަހު އޮފީހަށް ނާންނަކަމަށް ސެކްރެޓަރީ ބުންޏެވެ. ހަމަ އެއާއެކު ، އިޙްސާން ފޯނުނަގައި ، ނޫރުއާ ގުޅިއެވެ. ނޫރުއެއުޅެނީ މުރުތަޟާމެންގޭގައިކަން އެނގުމާއެކު  ، މުރުތަޟާ ގޮވައިގެން އޮފީހަށް އައުމަށް އިޙްސާން އެދުނެވެ.

" މުރުތަޟާއެވެ ! މުރުތަޟާގެ ބޭނުން އޮފީހަށް ޖެހިއްޖެއެވެ. އަހަރެންނާއެކު މުރުތަޟާ އޮފީހަށްދާން އެބަޖެހެއެވެ. އެއީ އިޙްސާންގެ އެދުމެކެވެ. " ނޫރު ބުންޏެވެ.

މުރުތަޟާވެސް ، ނޫރުއާއެކު އޮފީހަށް ނުދާކަށް ނޫޅެއެވެ. ނޫރު އެތަނުން ދިއުމަށާއި އޭނާ ތައްޔާރުވެލައިގެން އެބައަންނަންކަމަށް ބުނެ ، ނޫރު އެތަނުން ފޮނުވައިލިއެވެ.

އޮފީހަށް ދިޔަމަގުމަތީ ، ނޫރުވެސް އަދި މުރުތަޟާވެސް އެކަކު އަނެކަކާ ވާހަކައެއް ނުދައްކައެވެ. އެދެމީހުން އެކުގައި ތިބެލަން ފުރުސަތު ނުލިބޭތާ ހާދަ ދުވަހެއް ވެއްޖެއޭ ބުނެ ، ލިބިފައިއޮތް ހަމަހިމޭންކަން ކަނޑުވައިލީ ނޫރުއެވެ.

ދިރިއުޅުމަކީ ، ހާދަ ފާޑެއްގެ ކަމެކެވެ. ދިރިއުޅުމުގެ މައިދާނުގައި މީހުން ،ކުރިޔަށްދާނީ ކާކާއެކުގައި ކިހިނެއްކަން އެއީ ، އެއްގޮތަކަށްވެސް ނޭނގޭ އެއްޗެކެވެ. ދާންވާ މިސްރާބަށް އެކުގައި ދެވޭނެކަމެއްވެސް ނޭނގެއެވެ. އެހިސާބަށް ދެވޭނީ ކާކާއެކުގައިކަމެއްވެސް ނޭނގޭނެއެވެ. ނޫރުއާއި މުރުތަޟާގެ ދިރިއުޅުމަށް ބަލާއިރު ، އެދެމީހުންނަށް ދެވިފައި އެވަނީ ، އުއްމީދުކުރި މަގުންލާފައެއްނޫނެވެ. ކާރުގައި ޑްރައިވަރު އިނުމާއެކު ، އަދަބާޚިލާފުކަމަކަށް ވެދާނެތީ ، ނޫރު އެހުރިހާ ވާހަކައެއް ދެއްކިއިރުވެސް މުރުތަޟާ ހިމޭނުން އިނެވެ.

 

މުރުތަޟާ ދިއުމާއެކު ، ތަހުނިޔާ އެކަނިވިއެވެ. ދެމީހުން އެއްބަސްވިގޮތަށް މުރުތަޟާއަކަށް އެދުވަހު ގޭގައި ހުންނާކަށް ފުރުސަތެއް ނުލިބުނެވެ. އައިމަލްގާތު އިށީނދެލައިގެން އިންއިރު ، ތަހުނިޔާގެ ކަންފަތްދޮށުގައި ފަށްފަށްވަމުން އެދަނީ ، ނޫރުއާއި މުރުތަޟާ ދެންމެއަކު އެދެއްކި ވާހަކަތަކެވެ. ނޫރު އެގެޔަށް އައުން އެއީ މައްސަލަޔަކަށްވަނީ ކީއްވެތޯ މުރުތަޟާކުރި ސުއާލާމެދު ތަހުނިޔާ ކަންބޮޑުވިއެވެ. އެކަމާ ހިތަށް އުނދަގޫވިއެވެ. އެވަގުތު އަރުސަލާން އައިސް ، މެންދުރުކާން ، ބޭރަށްދާން ބޭނުންވާވާހަކަ ބުންޏެވެ. އަރުސަލާން އެބުނި އެއްޗެއް ދެފަހަރަށް ބުނިއިރުވެސް ތަހުނިޔާއަކަށް ފަހުމްވާގޮތެއް ނުވެއެވެ. އަރުސަލާން ބުނަމުން ގެންދިޔައީ މެންދުރުކާން ބޭރަށްދާނެކަމަށް މުރުތަޟާ ބުނެފައިވާ ވާހަކައެވެ. އަދި އެކަން ބޭބެޔަށް ހަނދާންކޮށްދީގެން ބޭރަށް ދާން ބޭނުންވާވާހަކަ ބުނެ ، އަރުސަލާން ޝަކުވާކުރަމުން ގެންދިޔައެވެ.

އަރުސަލާން ކުރުނުކުރުމާއެކު ، މާބޮޑަށް އުނދަގޫނުކޮށް ތަހުނިޔާ އެބުނި ވާހަކައެއް ޤަބޫލުކުރުމަށް ، ތަންކޮޅެއްބާރަށް ތަހުނިޔާއަށް ބުނެވުނެވެ. އެވަގުތު ، އެތަނަށް އައިސް އެވަނީ ޙަފުޞާއެވެ. ތަހުނިޔާ ރުޅިއައިސް ، އަރުސަލާންއާ ދެއްކި ވާހަކަތައް ޙަފުޞާއަށް އިވުނެވެ. އެކަމާ ޙަފުޞާ ހިތްހަމަ ނުޖެހިގެން ތަހުނިޔާއާ ދިމާއަށް ލޯއަޅައިލެވުނެވެ. ތަހުނިޔާއަށް އެކުރެވުނު ކަމަކާމެދު ، ތަހުނިޔާވެސް ކަންބޮޑުވިއެވެ. ގޭތެރޭގައި އެހިނގައިދިޔަ އެއްވެސްކަމެއް ޙަފުޞާއަކަށް ނޭނގޭނެއެވެ. ޙަފުޞާއަށް ހަމައެކަނި އިވޭނީ ، ތަހުނިޔާ ރުޅއައިސްގެން އަރުސަލާންއާ ދިމާއަށް ހަޅޭއްލަވައިގަތް އަޑެވެ.

 

މުރުތަޟާ އޮފީހަށް ގެންދެވުނީ ، އިޙްސާން އެމެރިކާއަށް ފުރުމުގެކުރިން ، ޕްރޮޖެކްޓް ފައިނަލް ކުރުމަށްޓަކައެވެ. ޕްރޮޖެކްޓްގެ ހުށަހެޅުންތައް ތަފްސީލުކޮށް ނިމުމާއެކު ، އޭގެ ފުރިހަމަކަމަށްޓަކައި ، އިޙްސާން ޝުކުރު އަދާކުރިއެވެ. އަދި ، މުރުތަޟާވެސް އިޙްސާނަށް ޝުކުރުއަދާކުރިއެވެ. އެއީ ، އޭނާގެ ކިބައިގައިވާ ޤާބިލްކަން ސާބިތުކޮށްދިނުމަށް ލިބުނު ރަނުގެ ފުރުސަތެކެވެ. އެކަމަށްޓަކައި ނޫރުއަށް ޝުކުރުއަދާކުރުމަކީ ، މުރުތަޟާކުރަންޖެހޭނެކަމެއްކަމަށް އިޙްސާން ބުންޏެވެ. އެމެރިކާގައި ތިބިއިރު ، މުރުތަޟާގެ ޤާބިލްކަމާމެދު ތަޢުރީފްކޮށް ، ކުންފުނީގެ ވަޒީފާގެ ފުރުސަތު މުރުތަޟާއަށް ތަނަވަސްކޮށްދިނީ ނޫރުއެވެ. ކުންފުނީގެ އެހާ އިސްމަޤާމެއް މުރުތަޟާއަށް ހޯދައިއެދިނީ ނޫރުއެވެ. ޕްރޮޖެކްޓްގެ ނިމުން ފާހަގަކުރާނީ ، މުރުތަޟާއާއި އެދެމަފިރިންގެ ރޭގަނޑުގެ ކެއުމަކުންކަމަށް އިޙްސާން ނިންމިއެވެ.

ރޭގަނޑުގެ ވަގުތު ، އިޙްސާން އާއި ރަމްޝާއާ ދެބަފައިން ، އެދެމީހުންގެ ގުޅުމާމެދު ވާހަކަ ދައްކަމުންގޮސް ، އެގުޅުން ހަރުދަނާކުރުމަށްޓަކައި އަދި ، ރަމްޝާއަށް ބައްޕައާއެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށް ފުރުސަތު ދިނުމަށްޓަކައި ، އެދެބަފައިން އެރޭގެ ރޭގަނޑުގެ ކެއުމަށް ދާން ނިންމިއެވެ. ރަމްޝާ ބޭނުންވީ އެހެން އެއްވެސް މީހަކު ނެތި ، ހަމައެކަނި  ބައްޕައާއި އޭނާއާ ދެމީހުން ކެއުމަށްދާށެވެ. އެކަމަށް އިޙްސާން އެއްބަސްވިއެވެ. އެވަގުތު އެއައީ ނޫރުގެ ކޯލެކެވެ. އެރޭގެ ކެއުމަށް މުރުތަޟާއާއެކީ ދާން އޮތްކަން އިޙްސާންއަށް ހަނދާން ކޮށްލަ ދިނުމަށްޓަކައެވެ. އެކެއުމުގެ މަތިން ، އިޙްސާން އެއްގޮތަކަށްވެސް ހަނދާނެއް ނެތެވެ. އެހެނަސް ، އެއީވެސް ދޫކޮށް ނުލެވޭވަރުގެ މުހިންމު ބައްދަލުވުމެކެވެ. މުރުތަޟާ ގޮވައިގެން ނޫރު ދިއުމަށް ބުނެ ، އޭނާ ކުޑަކޮށް ލަހުން އެދެމީހުންނާ  ، ކެއުމުގައި ބައިވެރިވާގޮތަށް ނިންމުމުން ނޫރުވެސް އެގޮތަށް އެއްބަސްވިއެވެ.

އަރުސަލާނާދިމާއަށް ހަޅޭއްލަވައިގަނެވުނީތީ ، އެކަމާ ދެރަވެގެން ، ތަހުނިޔާ އަރުސަލާނާ ދެމީހުން، އެރޭގެ ރޭގަނޑުގެ ކެއުމަށް ބޭރަށްދާން ނިންމިއެވެ. އަދި ޙަފުޞާގާތުވެސް އެމީހުންނާއެކީ ދިއުމަށް އެދުނެވެ. ބޭރުން ކެއުމަކީ ، ޙަފުޞާ ކުރާހިތްވާކަމެއްނޫނެވެ. އެހެންކަމުން ، ތަހުނިޔާމެންނާއެކީ ދާކަށް ޙަފުޞާ ބޭނުމެއް ނުވިއެވެ. އަރުސަލާންގޮވައިގެން ، ތަހުނިޔާ ދިޔައީ ، މުރުތަޟާ އެންމެ ގަޔާވާ ރެސްޓޯރެންޓަށެވެ. ރެސްޓޯރެންޓަށް ވަނުމާއެކު ނޫރުއާއި މުރުތަޟާއާ ދެމީހުން މޭޒެއްގައި ޖައްސާލައިގެން ތިބިތަން ތަހުނިޔާއަށް ފެނުނެވެ. އަރުސަލާނަށް އެތަން ފެނުމުގެކުރިން ތަހުނިޔާ އެތަނުން ނުކުތެވެ. އެއީ ބޭބެއާއެކީ އަންނަތަނެއްކަމަށާއި ، އޭނާއަށްވެސް ވަރަށްކަމުދާ ރެސްޓޯރެންޓެއްކަމަށް އަރުސަލާން ބުންޏެވެ. އެހެންނަމަވެސް ،  އެމީހުންދާނީ އެހެން ތާކަށްކަމަށް ބުނެ ، އެތަނަށް ނުވަންނަން ތަހުނިޔާ ނިންމިއެވެ.

މުރުތަޟާއާއި ނޫރު އެތާ އެތައް އިރަކު ތިބިއިރުވެސް އިޙްސާނަކަށް ނާދެވުނެވެ. ފޯނުކޮށްކޮށް ފޯނެއް ނުނަގައެވެ. އިޙްސާނާ ގުޅުމާއެކު ، އޭނާއަށް ވަގުތުހޯދަން ދަތިކަމަށް ބުނިވާހަކަ ނޫރުބުންޏެވެ. އަދި އިޙްސާނުގެ ފަރާތުން ކުރަންޖެހޭކަމެއް ވިއްޔާ ނޫރުފުރިހަމަކުރުމަށް ، އެދުނުކަމަށްވެސް ބުންޏެވެ. އެބައްދަލުވުމުގައި އެދެމީހުން އެކަނި ތިބެން ޖެހުމަކީ ، ނުރުއަށް ލިބުނު ފުރުސަތެކެވެ. ނޫރުހުރީ ، މުރުތަޟާއާ ވާހަކަ ދައްކައިލުމަށް ބޭނުންވެފައެވެ. މިސިޒް އިޙްސާންގެ ޙައިޞިއްޔަތަކުން ނޫނެވެ. އަދި ކުންފުނީގެ އެމްޑީގެ ޙައިޞިއްޔަތަކުންވެސް ނޫނެވެ. ނޫރުލްޢައިނުގެ ޙައިޞިއްޔަތުން ، ރައްޓެއްސެއްގެ ގޮތުގައެވެ.  މުރުތަޟާއާ ޙިއްޞާކުރަން ނޫރުބޭނުންވާ ، އެވާހަކަތައް އޭނާގާތު ބުނެވިދާނެތޯ ނޫރު ސުއާލު ކުރިއެވެ.

 

މުރުތަޟާއަށް ގެޔަށް އާދެވުނީ ވަރަށް ލަހުންނެވެ. ކޮޓަރިޔަށް ވަތްއިރު ، ތަހުނިޔާހުރީ ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލައެވެ. މުރުތަޟާހުރީ ވަރަށް ވަރުބަލިވެފައެވެ. އެކަން ތަހުނިޔާއަށް ފާހަގަ ކުރެވުނުކަން މުރުތަޟާއަށް އަންގައިލިއެވެ. ޒިންމާއާއި މަސްއޫލިއްޔަތަށް ވިސްނާމީހުންނަށް އަބަދުވެސް މަސައްކަތް ބުރަވާނެކަމުގައި މުރުތަޟާ ބުންޏެވެ. އަމީން އިޙްސާންވަނީ ، ވަރަށް ގިނަ ބޮޑެތި ޒިންމާތަކެއް މުރުތަޟާއާ ޙަވާލުކޮށްފައެވެ. މުރުތަޟާއަށް ދެން އެއިވުނީ ތަހުނިޔާގެ މަލާމާތުގެ ބަސްތަކެކެވެ.

" އަމީން އިޙްސާނަކީ ، ޕާކިސްތާނުގައި ނެތްފަދަ މުއްސަނދި މަހުޖަނެކެވެ. ވަގުތަކީ އޭނާއަށް ވަރަށް މުހިންމު އެއްޗަކަށް ވާނެއެވެ. ހުރިހާކަމެއް ބަލަހައްޓާކަށް ވަގުތެއް ނުލިބޭނެއެވެ. މުރުތަޟާމެންގެ ދިރިއުޅުމުގެ ޙާލަތާމެދު އިޙްސާންމެންނަކަށް އެއްވެސް ކަމެއް އިޙްސާސެއް ނުވާނެއެވެ. ގޭގެމީހުންނާއެކީ އެއްމޭޒުމަތީ ، މުރުތަޟާ ނުކާތާ އެތައް ދުވަހެއް ވެއްޖެއެވެ. " ތަހުނިޔާ ބުންޏެވެ.

އެއީ ތަހުނިޔާ ވަރަށް ކަންބޮޑުވާ ކަމެކެވެ. އަބަދު ބޭރުން ކެއުމަކީ ، ޞިއްޙަތަށްވެސް އެހާ ރަނގަޅުވާނެ ކަމެއްނޫނެވެ. އެކަމަކުވެސް އެރޭ ގެއިން އެއްޗެއްކައިލަން ކާންހަދަންތޯ ތަހުނިޔާ ސުއާލުކުރިއެވެ. މުރުތަޟާ އެއައީ ، ޕްރޮޖެކްޓް ނިންމުމާގުޅިގެން އަމީން އިޙްސާން ދިން ކެއުމަކުންކަމަށް މުރުތަޟާ ބުންޏެވެ.

ތަހުނިޔާގެ ނަޒަރުގައި މުރުތަޟާ އެހެދީ ދޮގެކެވެ. މުރުތަޟާ ކާންގޮސް އިންތަން ތަހުނިޔާއަށް ފެނުނީ ނޫރުއާއެކީގައެވެ. އަމީން އިޙްސާނެއް އެތަނަކު ނެތެވެ. އަނެއްކާވެސް އެކަންތައްގަނޑު ފެށި ، މުރުތަޟާއަށް ދޮގުހެދެން ފެށުނީ ބާވައެވެ ؟ އެހެންކަމަށް ވަންޏާ ނޫރުއާއި މުރުތަޟާއަށް މިހާރު އެ އޮޅުވައިލެވެނީ ތަހުނިޔާއަށް އެކަންޏެއްނޫނެވެ. އަމީން އިޙްސާން ، އޭނާގެ ސާހިބުމީހާއަށްވެސް އޮޅުވައި ލެވެނީއެވެ. ނޫރުގެ ގޮތް ތަހުނިޔާއަށް އެނގެއެވެ. އެކަމަކު މުރުތަޟާއަކީ ، އެހާގޯސްމީހެއް ހެއްޔެވެ ؟

 

ނޫރުގެޔަށް އައިސް ކޮފީއެއް ހަދައިގެން ސިޓިންރޫމުގައި ޖައްސާލައިގެން އިނެވެ. އަމީން އިޙްސާންވެސް އިރުކޮޅަކުން އައެވެ. ރަމްޝާވެސް އޭނާގެ ފަހަތުން ގެޔަށް ވަނެވެ. ރަމްޝާ ގެޔަށްވަނީ ، އޭނާގެ މަންމަޔާ ފޯނުން ވާހަކަ ދައްކަމުންނެވެ. ގެޔަށްވަނުމަށްފަހު ، ނޫރުއާ ދިމާއަށް ބަލައިލާ ، އޭނާ އެއްވެސް މީހަކުދެކެ ބިރު ނުގަންނަކަމަށް މަންމަގާތު ފޯނުން ބުނިއަޑު ނޫރުއަށް އިއްވައިލިއެވެ. އަމީން އިޙްސާން އެމެރިކާއަށް ދިއުމަށްފަހު ، ރަމްޝާ ވަރަށް އެކަނިވެރިވާނެ ވާހަކައާއި ، އެކަމުން ސަލާމަތްވުމަށްޓަކައި ، ރަމްޝާ ބޭނުންގޮތަކަށް ގޭގައި މިނިވަންކަމާއެކީ އުޅެންވީކަމަށް އިޙްސާން ބުންޏެވެ. ރަމްޝާ ކުރާކަމެއް ހުއްޓުވާނެ އެއްވެސް މީހަކު އެގެޔަކު ނޫޅޭނެއެވެ. ދެންއިތުރަށް އެވާހަކަ ދައްކާނީ ހެނދުނުގެ ނާސްތާގެ ވަގުތުގައިކަމަށް އެދެބަފައިން ނިންމައި ، ނިދަން އޮށޯތުމަށްޓަކައި ރަމްޝާ ފޮނުވައިލިއެވެ. (ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.