ހޮސްޕިޓަލުން ޢަމަލުކުރަނީ މެޑިކަލް ޕްރެކްޓިސްގެ އުސޫލާ އެއްގޮތަށް: އައިޖީއެމްއެޗް

ބަލި މީހުންނަށް ފަރުވާ ދިނުމުގައި ހޮސްޕިޓަލުން ޢަމަލުކުރަނީ މެޑިކަލް ޕްރެކްޓިސްގެ އުސޫލާ އެއްގޮތަށް ކަމަށް އައިޖީއެމްއެޗް އިން ބުނެފިއެވެ.

އެ ހޮސްޕިޓަލުން މިހެން ބުނީ އެކްސްގައި ކާކުކަން ނޭނގޭ އައިޑީއަކުން ކުރި ޕޯސްޓެއްގައި އެ ހޮސްޕިޓަލުގައި ވިހެއި ތުއްތު ކުއްޖެއްގެ ލޭގެ ޓެސްޓުތައް ހެދުމުން އެ ކުއްޖާގެ އެއްވެސް އިންފެކްޝަނެއް ނެތްކަން އެނގުމުން ވެސް ނޭވާލުން އަވަސް ކަމަށް ބުނެ އެ ކުއްޖާ އަށް އެންޓިބަޔޮޓިކްސް ދޭން އުޅުނު ކަމަށް ބުނެ ފަތުރަމުންދާ ޚަބަރާއި ގުޅިގެންނެވެ.

އެ ކުއްޖާގެ މަންމަ އެކަން ހުއްޓުވަން އުޅުމުން ވެސް އެއީ ކުޑަކުއްޖެއްގެ ހައްގަކަށް އަރައިގަތުން ކަމަށާއި ޑޮކްޓަރު ކަމާ ބެހޭ އިދާރާ އަށް އެ މައްސަލަ ރިޕޯޓްކުރާނެ ކަމަށް ބުނެ އިންޒާރު ދިން ކަމަށް ވެސް އެ ޕޯސްޓުގައި ވަނީ ތުހުމަތުކޮށްފައެވެ.

މީގެ އިތުރުން ހަކުުރު ދަށްވެގެން ކަމަށް ބުނެ އެ ކުއްޖާ ނާސަރީ އަށްލާ އޭގެ ދެ ގަޑިއިރު ފަހުން ހަކުރު ހުރި ވަރު ރަނގަޅު ކަމަށް އެންގި ކަމަށް އާއިލާ އިން ބުނާ ކަމަށާއި ނަމަވެސް އެ ކުއްޖާ އަށް އެންޓިބަޔޮޓިކްސް ދޭން ޖެހޭ ކަމަށް އަންގައި ބޭސް ދިނުމަށް ފަހު ކުއްޖާ އަށް ރޮވޭތީ ކަމަށް ބުނެ އަނގަމަތީގައި ފޮތިގަނޑެއް ވެސް ބޭއްވި ކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ.

މިކަމާއިގުޅިގެން އައިޖީއެމްއެޗް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެފަދަ ވާހަކަތަކެއް މީސްމީޑިއާ އަދި މެއިންސްޓްރީމް މީޑިއާގައި ހަގީގަތާއި ހިލާފަށް ދެކެވެމުންދާތީ އެކަމާ ހިތާމަ ކުރާ ކަމަށެވެ.

ބަލި މީހުންނަށް ފަރުވާ ދިނުމުގައި އެ ހޮސްޕިޓަލުން ޢަމަލުކުރަނީ މެޑިކަލް ޕްރެކްޓިސްގައި އަމަލުކުރަމުން އަންނަ އުސޫލުތަކާއި އެއްގޮތަށް ކަމަށާއި މީސްމީޑިއާގައި ބަލި މީހެއްގެ ހާލަތާއި ފަރުވާއާއި ބެހޭ ގޮތުން ވަކިގޮތަކަށް ވާހަކަ ދެކެވުނު ނަމަވެސް، ބަލި މީހުންގެ ބަލީގެ ހާލަތާއި ދީފައިވާ ފަރުވާގެ ތަފްސީލުތަކަކީ އާންމުކޮށް މީސްމީޑިއާގައި ހޮސްޕިޓަލުން ހާމަކުރާ މައުލޫމާތުތަކެއް ނޫން ކަމަށް އެ ބަޔާނުގައި ވެއެވެ.

ބޭސް ދިނުމާއި ފަރުވާއާއި ގުޅުން ހުރި އެހެނިހެން ކަންކަން ބަލި މީހާގެ އާއިލާއާއި މަޝްވަރާ ކޮށް، ތަފްސީލުކޮށް ކިޔައިދީފައިވާ ކަމަށާއި ފަރުވާ ދޭއިރު ހިތްހަމަ ނުޖެހޭ ގޮތަކަށް ނުވަތަ ރަނގަޅު ނޫން ގޮތަކަށް ފަރުވާގެ ކަމެއް ކުރިއަށްދާހެން ބަލި މީހަކަށް ނުވަތަ އެހީތެރިންނަށް ހީވާނަމަ ނުވަތަ އެފަދަ ކަމެއް ފާހަގަ ކުރެވޭނަމަ އެކަންކަން އިތުރަށް ސާފުކޮށް، އޮޅުން ފިލުވޭނެ އިންތިޒާމުތަކާއި އެއަށްފަހު ވެސް މައްސަލައެއް އޮތްނަމަ އެ މައްސަލައެއް ހޮސްޕިޓަލުގެ ކަމާއި ބެހޭ ފަރާތްތަކަށް ވަގުތުން ވަގުތަށް ހުށަހެޅޭނެ އިންތިޒާމު ވެސް ހަމަޖެހިފައިވާނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.