މީޑިއާތައް އަމިއްލަ ފައި މައްޗަށް ތެދުވަން ލިބުމަކީ ލިބިވަޑައިގަންނަވާ ހިތްހަމަޖެހުމަކަށް ވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް އަދި ޕީ.އެސް.އެމް ނިއުސްގެ ހަތް ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދައުލަތުގެ މީޑިއާގެ ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.
ޕީ.އެސް.އެމް. ނިއުސް އިން ރޭ ދުރަށް ދެއްކި މި ބަސްދީގަތުމުގައި ވާހަކަފުޅުދައްކަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ އަދި ޕީ.އެސް.އެމް ނިއުސްގެ ހަތްވަނަ އަހަރީ ދުވަހުގެ މުނާސަބަތުގެ އިޚްލާސްތެރި ތަޙުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި، އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އަރިސްކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، އެމަނިކުފާނަށް މިފަދަ ދުވަހެއްގައި ލިބިވަޑައިގަންނަވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ، އަދި ނޫސްވެރިންނަށާއި މުޖުތަމަޢުގެ އެހެން އަފުރާދުންނަށްވެސް ލިބޭނެ ހިތްހަމަޖެހުމަކީ ރައްޔިތުން އިތުބާރުކޮށްފައި ހޮވާ ސަރުކާރަކުން، އެ ރައްޔިތަކާ ދޭތެރޭގައި އަޅާލުން ގެންގުޅުން ކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުން އަބަދުވެސް ނޫސްވެރިންގެ ޚިދުމަތުގެ އަގުވަޒަންކުރާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
މި ބަސްދީގަތުމުގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ނޫސްވެރިންނާއި މީޑިއާތަކުގެ ކުރިއެރުމަށް ހުރި ދަތިތައް އިޙުސާސްކުރެއްވޭ ކަމުގައި ވިދާޅުވެފައެވެ. 2023 ގެ ރިޔާސީ އިންޚާބު ކާމިޔާބު ކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިންތިޤާލީ މަރުޙަލާގެ ތެރޭގައި، ނޫސްވެރިންނާ ބައްދަލުކުރައްވުމަކީ، ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގެ ރައީސަކު ނޫސްވެރިންނާ ގާތް ގުޅުމެއް އުފެއްދެވުމަށްޓަކައި މަސައްކަތްޕުޅު ކުރެއްވިތަން ފެނިގެންދިޔަ ކަމެއްކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަ ކުރެއްވިއެވެ. އަދި މި ބައްދަލުކުރެއްވުމުގެ ތެރެއިން ނޫސްވެރިންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވައި، އެކަންކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަސައްކަތްޕުޅު ފެއްޓެވިކަމުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ވައުދުވެވަޑައިގެންނެވި އެއްކަމަކީ ޚަރަދު ދެކޮޅު ނުޖެހުމުގެ ސަބަބުން ދަޢުލަތުގެ މީޑިއާވެސް އަދި އެހެނިހެން މީޑިއާތަކުގެވެސް ހިންގުމަށް އޮތް ގޮންޖެހުމަށް ޙައްލެއް ގެނައުން ކަމުގައި ވިދާޅުވިއެވެ. ދަޢުލަތުން މީޑިއާތައް އަދި ނޫސްވެރިން ކުރިއެރުވުމަށްޓަކައި މަސައްކަތްތަކެއް ކުރަންޖެހޭކަން އިޙުސާސްވެވަޑައިގެން، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން މަސައްކަތްޕުޅުތަކެއް ފެއްޓެވިކަމަށާއި ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވީ، އެކަމަށްޓަކައި ކަނޑައެޅޭ އުސޫލެއްގެ ތެރެއިން ދަޢުލަތުގެ ބަޖެޓުން ފުރަތަމަ ފަހަރަށް ކޮންމެ މީޑިއާއަކަށް ކޮންމެވެސް މިންވަރެއް ހަމަޖެއްސުމަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން މިކަމަށްޓަކައި ވަކި އުޞޫލެއް ކަނޑައަޅުއްވައި، ރައްޔިތުން ރައީސުލްޖުމްހޫރިއްޔާއަށް ކުރެއްވި ފުރިހަމަ އިތުބާރާއެކުގައި ރައްޔިތުންގެ މަޖިލީހުގައި ލިބިގެންދިޔަ ސުޕަރ މެޖޯރިޓީއާއެކު، ފުރަތަމަ ފަހަރަށް ދަޢުލަތުން މީޑިއާތަކަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި މިންވަރު ފޯރުކޮށްދެވިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް ހުޅުމާލެއިން މިހާރު ބިމެއް ހަމަޖައްސަވާފައިވާކަމަށާއި މީޑިއާތަކުން ބޭނުންވާގޮތަށް އެތަނުގައި މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ފެށިފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، ނޫސްވެރިންނަކީ ހަޤީޤަތުގައިވެސް ވަރަށް ބޮޑު ޒިންމާއެއް އަދާކުރައްވަމުން ގެންދަވާ ބޭފުޅުންތަކެއް ކަމަށާއި، ރައްޔިތުންނާއި އެއިރެއްގައި އެ އޮންނަ ސަރުކާރަކާ، ނޫނީ ދަޢުލަތާވެސް ގުޅުވައިދެނީ ނޫސްވެރިން ކަމުގައި ވިދާޅުވިއެވެ. އަދި ޤައުމަށް ހެޔޮ ބަދަލު ގެނައުމަށްޓަކައި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނީ ރައްޔިތުންނާ ގާތުން މީޑިއާތަކާ ރައްޓެހި ސަރުކާރެއްގެ ގޮތުގައި ކަމުގައި ވިދާޅުވިއެވެ.