އިސްލާމިކް ސަމިޓުގައި ރައީސްގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ޑރ. ޝަހީމް

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އިން އިންތިޒާމްކޮށްގެން ގެމްބިޔާގެ ވެރިރަށް ބަންޖުލްގައި ބާއްވާ އިސްލާމީ ޤައުމުތަކުގެ އެންމެ އިސްވެރިންގެ 15 ވަނަ ސަމިޓު (އިސްލާމިކް ސަމިޓު) ގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިއަދު ފެށުމަށް ހަޖެހިފައިވާ އޯ.އައި.ސީ. ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ތަޤުރީރު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި އެމަނިކުފާނު ދެއްވާ ތަޤުރީރު ޓީވީ އިން ދުރަށް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

ކޮންމެ ތިން އަހަރަކުން އެއް ފަހަރު ބާއްވާ މި ސަމިޓަކީ އިސްލާމީ އުއްމަތަށް ކުރިމަތިވާ އެކިއެކި ކަންތައްތަކާ ގުޅޭގޮތުން އިސްލާމީ ޤައުމުތަކުގެ އިސްވެރިން މަޝްވަރާކޮށް، ސިޔާސަތުތައް ކަނޑައަޅައި، އުއްމަތާ ގުޅުންހުރި ކަންކަމުގައި އިރުޝާދު ދިނުމަށް ބާއްވާ ސަމިޓެކެވެ. މި ސަމިޓް ކުރިއަށްދާނީ މި ހިނގާ މޭ މަހުގެ 4-5 އަށެވެ.

މި އަހަރުގެ ސަމިޓުގެ ޝިއާރަކީ "ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި މަޝްވަރާ މެދުވެރިކޮށް އެއްބައިވަންތަކަން އިތުރުކުރުން".

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.