އޭޝިއަން ކެރަމް ޗެމްޕިއަންޝިޕްގެ ސްވިސް ލީގު އިންޑިއާގެ ކުޅުންތެރިއަކު ހޯދައިފި

މިހާރު ކުރިއަށްދާ "6 ވަނަ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް" ގެ ފުރަތަމަ ދުވަހު ކުޅެވުނު ސްވިސް ލީގުގެ ޗެމްޕިއަންކަން އިންޑިއާގެ ޕްރަޝާންތު މޯރޭ ހޯދައިފިއެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި ކުރިއަށްދާ މި ފަހަރުގެ މުބާރާތުގެ ފުރަތަމަ އިވެންޓް ކަމަށްވާ، ސްވިސް ލީގުގެ ޗެމްޕިއަންކަން ޕްރަޝާންތު މޯރޭ ހޯދީ ހަތް ބުރުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް، 14 ޕޮއިންޓާއެކު އެވެ. ޕްރަޝާންތު އަކީ 2016 ގެ ދުނިޔޭގެ ޗެމްޕިއަނެވެ. އަދި އޭނާ ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސިންގަލްސް އިވެންޓް ކާމިޔާބުކޮށްފައެވެ.

މި ފަހަރުގެ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕްގެ ސްވިސް ލީގުގެ ދެވަނަ މަގާމު ހާސިލްކުރީ ސްރީ ލަންކާގެ މުޙައްމަދު ޝަހީދު ހިލްމީ އެވެ. ޝަހީދު ހިލްމީގެ އިތުރުން ތިންވަނަ މަގާމު ހޯދި ބަންގްލަދޭޝްގެ ހަފީޒުއްރަހުމާނާއި ގަދަ ފަހެއްގައި ހިމެނޭ އިންޑިއާގެ މުޙައްމަދު އާރިފް އާއި އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަން، ސަންދީޕް ދީވޭ ވެސް ވަނީ ހަތް މެޗުގެ ތެރެއިން ހަ މެޗު ކާމިޔާބުކޮށްފައެވެ. މި ހަތަރު ކުޅުންތެރިން ޕޮއިންޓްގެ ގޮތުން އެއްވަރުވުމުން ރޭންކް ކުރަންޖެހުނީ ބެޗް ޕޮއިންޓް ތަރުތީބުންނެވެ.

ސްވިސް ލީގުގެ ގަދަ 10 އެއްގައި ހިމެނޭ ކުޅުންތެރިންނަށް ބަލާއިރު، ހަވަނައިގައި އޮތީ ލަންކާގެ އަނަސް އަހުމަދެވެ. ހަތްވަނައިގައި އޮތީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސިންގަލްސް އިވެންޓް ކާމިޔާބުކުރި އިންޑިއާގެ ސްރިނިވާސް ކޮމަރަވެއްލީ އެވެ. އަށްވަނައިގައި އޮތީ ލަންކާގެ ނިޝާންތަ ފެނާންޑޯ އެވެ. އޭނާ އަކީ 2012 ވަނަ އަހަރުގެ ދުނިޔޭގެ ޗެމްޕިއަނެވެ. އަދި ނުވަވަނައިގައި އޮތް އިންޑިއާގެ ރަޝްމީ ކުމާރީ އަކީ އެންމެ ފަހުގެ ދުނިޔޭގެ އަންހެން ސިންގަލްސް ޗެމްޕިއަނެވެ. ދިހަ ވަނައިގައި އޮތީ އިންޑިއާގެ ޖުގަލް ކިޝޯރް ދައްތާ އެވެ.

މި އަހަރުގެ މުބާރާތުގެ ސްވިސް ލީގުގައި ރާއްޖެ ހިމެނޭ ގޮތަށް އޭޝިއާގެ ހަތް ގައުމަކުން 80 އެއްހާ ކުޅުންތެރިން ވާދަކޮށްފައިވެއެވެ. އޭގެތެރޭގައި ރާއްޖޭގެ 15 އަށް ވުރެ ކުޅުންތެރިން ހިމެނެއެވެ. ރާއްޖޭގެ ކުޅުންތެރިންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދީ ހަސަން ނާޒިމް (ނާނަ) އެވެ. ނާނަ ވަނީ ހަތް މެޗުގެ ތެރެއިން ފަސް މެޗު ކާމިޔާބުކޮށް، 10 ޕޮއިންޓާއެކު 17 ވަނަ މަގާމު ހޯދައިފައެވެ. ނާނަ އަކީ ޤައުމީ މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވާ ދެ ކުޅުންތެރިންގެ ތެރެއިން އެކަކެވެ.

އެންމެ ފަހުގެ ވޯލްޑް ޗެމްޕިއަންޝިޕްގައި މޮޅު ކުޅުމެއް ދެއްކި އޭރުގެ ކެޕްޓަން، އިބްރާހިމް ހުޖާން އަލީ ވަނީ ހަތަރު މެޗު ކާމިޔާބުކޮށް، 20 ވަނަ ހޯދައިފައެވެ. ރާއްޖޭގެ އެއްވަނަ ކުޅުންތެރިޔާ، އިސްމާއިލް އަޒްމީން މޮޅުވީ ހަތަރު މެޗުންނެވެ. މިއާއެކު، އޭނާ އަށް ލިބުނީ 21 ވަނަ އެވެ.

11 އަހަރުގެ މެދުކެނޑުމަކަށްފަހު އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް ބާއްވާއިރު، މި އަހަރުގެ މުބާރާތުގެ މެޗުތައް ކުރިޔަށްދާނީ، މި އޭޕްރީލް މަހުގެ 27 އިން މެއި 1 ގެ ނިޔަލަށެވެ. މި ފަހަރުގެ މުބާރާތުގައި ރާއްޖެ ހިމެނޭ ގޮތަށް އޭޝިއާ ބައްރުގެ ހަތް ގައުމަކުން 100 އެއްހާ ކުޅުންތެރިން ވާދަކުރެއެވެ. މި މުބާރާތުގައި ވާދަކުރަނީ؛ އިންޑިއާ، ސްރީ ލަންކާ، ބަންގްލަދޭޝް، ރާއްޖެ އާއި ސިންގަޕޫރުގެ އިތުރުން މެލޭޝިއާ އަދި ދެކުނު ކޮރެއާ އެވެ. މީގެއިތުރުން، މި މުބާރާތުގައި ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ހަތަރު ކުޅުންތެރިއެއް ފެނިގެންދާނެ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.