( 24 އެޕްރީލް 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ )
އެރެޔަށް ތައްޔާރުކުރެވިފައި ރަސްމީ ކެއުމެއް އޮތްކަމުގައި ނޫރު ބުންޏެވެ. އެރޭގެ އެހާގިނަވަގުތުތައް ބޭރުގައި ހޭދަކުރުމަކީ ، މުރުތަޟާއަށް ވަރަށް އުނދަގޫ ކަމަކަށް ވާނެއެވެ. ތަހުނިޔާ ރަށުންބޭރުގައި އުޅެންޖެހުމާއެކު ، އައިމަލް ބެލެހެއްޓުމުގެ ހުރިހާ ތަކުލީފެއް ، ދައްތައާއި މަންމަގެ ބޮލަށް ޖަހާފައި ބޭއްވުންއެއީ މުރުތަޟާ އެދޭގޮތެއްނޫނެވެ. އެ ސަބަބުތަކަށްޓަކައި ، އެރޭގެ ކެއުމަށް މުރުތަޟާ ނައިސްނުވާނެގޮތެއް އޮންނާނެތޯ ، ނޫރުކުރެން މުރުތަޟާ ސުއާލު ކުރިއެވެ. އެހެންނަމަވެސް ، އެއީ ރަސްމީ ކެއުމަކަށްވެފައި ، ވިޔަފާރީގެ މުހިންމު ނިންމުމެއް ނިންމާނެ ބައްދަލުވުމެއް ކަމަށްވާތީ ، އެބައްދަލުވުމަށް މުރުތަޟާ ނައިސް ހުރުން ނޫރުއަކަށް ޤަބޫލެއް ނުކުރެވުނެވެ. އެހެނަސް ، ގޭގައި މަޑުކޮށްގެން ހުންނަންބޭނުންވާ މީހަކު ގޭގައި ހުރުން އެއީ ، ނޫރުއާ ބެހޭކަމެއްނޫންކަމަށް ބުނެ ، މުރުތަޟާއަށް އެކަމުގައި އެހެން ގޮތެއް ނޯންނާނެގޮތަކަށް ނޫރު ޖަވާބު ދިނެވެ.
އެންމެފަހުން މުރުތަޟާއަށް އެބައްދަލުވުމަށް ދާން މަޖުބޫރުވިއެވެ. އަދި ، އޭނާ ދާނެކަމަށް ބުންޏެވެ. އެހިސާބަކުންވެސް ، ނޫރުގެ ހިތެއް ހަމައެއް ނުޖެހުނެވެ. އެހެންކަމަށް ވަންޏާ ގަޑިޔަށް އައުމަށް ސަމާލުވުމަށް މުރުތަޟާއަށް ހަނދާން ކޮށްދިނެވެ.
އެރޭގެ ކެއުމަށް ދިޔައީ ނޫރުގެ ދެމަފިރިންނާއި މުރުތަޟާއެވެ. މުރުތަޟާގެ އާ ބޮސްއާ ބެހޭ މައްސަލައެއް ނެތްކަމަށް ހީކުރާކަމުގައި އިޙްސާން ބުންޏެވެ. އެއްވެސް މައްސަލައެއް ނެތްކަމަށް މުރުތަޟާ ޖަވާބު ދިނެވެ.
އަމީން އިޙްސާން ވަރަށް އަވަހަށް އެމެރިކާއަށް ދާން ފުރާނެއެވެ. އެ ބައްދަލުވުމަކީ ، އެކަމާބެހޭގޮތުން ދައްކަންހުރި ބައެއްވާހަކަ ދައްކައިލުމަށް ބޭއްވުނު ބައްދަލުވުމެކެވެ. ވިޔަފާރިއާ ބެހޭގޮތުން އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ ، މުރުތަޟާ ވާހަކަ ދައްކަން ޖެހެނީ ނޫރުއާއެވެ.
މުރުތަޟާގެ މަސައްކަތުގައި އެއްވެސް މައްސަލައެއް ނޯންނާނެކަމަށް ނޫރު ބުންޏެވެ. މުރުތަޟާއަކީ ، މަސައްކަތަށް ފަރުވާ ބަހައްޓާ ޤާބިލް މުއައްޒަފެކެވެ. މުރުތަޟާގެ އެއްވެސް ޝަކުވާއެއް އިޙްސާނާހަމަޔަކަށް ނުދާނެއެވެ. އަލަށް ޙަވާލުކުރި ޕްރޮޖެކްޓްވެސް ، މުރުތަޟާ އެގެންދަނީ ވަރަށް ރަނގަޅަށް ބަލަހައްޓަމުންނެވެ. އިޙްސާންއަށް ފޯނެއް އައުމާއެކު ، ނޫރުއާއި މުރުތަޟާ އެކަންޏަށް ދޫކޮށްލާފައި އެތަނުން ދުރަށް ޖެހިލިއެވެ.
" އަހަރެންގެ އިޙްސާން ކިހިނެއް ހެއްޔެވެ ؟ މިބުނީ އަހަރެންގެ ފިރިމީހާ ކިހިނެއް ހެއްޔެވެ ؟ " މާނަޔަކީ ، އިޙްސާންއާ ދިމާވީމާ ކުރިއެރުމާއި ތަރައްޤީގެ ރޮނގުން ، މުރުތަޟާއަށް އިޙްސާސް ކުރެވުނީ ކޮންކަމެއް ހެއްޔެވެ ؟ އެއީ ، ކާމިޔާބު ފިރިހެނެއް ދޯއެވެ ؟ ނޫރު ، މުރުތަޟާކުރެން އަހައިލިއެވެ.
ތަރައްޤީއާއި ކުރިއެރުމުގައި ، އެކިމީހުން މާނަކުރާނީ އެކިގޮތަށެވެ. ފަހަރެއްގައި ކިތަންމެ ފައިސާއެއް ލިބުނަސް ބައެއްމީހުންގެ ޖީބު ނުރުފި ހިނގައިދާނެއެވެ. ބޭނުންވާވަރެއް ނޭނގިގެންނެވެ. މުރުތަޟާގެ ޖަވާބަކީ ނޫރު އެކުރި ސުއާލަށް މުރުތަޟާ ދޭނެކަމަށް ހީކުރި ޖަވާބެއް ނޫނެވެ.
އެކަން އެހެން ވެދާނެކަމަށް ނޫރުވެސް ޤަބޫލުކުރިއެވެ. ނޫރުގެ މަސައްކަތުގައި މިވޭތުވެދިޔަ ތަނުގައި ކުރިއެރުމާއި ތަރައްޤީގެ ތަޖުރިބާތަކެއް އޭނާވެސް ވަނީ ކޮށްފައެވެ. އުއްމީދުތަކެއްވެސް އޮތީ ކޮށްފައެވެ. އޭނާކުރި އުއްމީދު ޙާޞިލްކޮށްފިން ކަމަށް މުރުތަޟާއަށް ގޮވާލާފައި ނޫރު ބުންޏެވެ. ނޫރުގެ މިހާރުގެ އުއްމީދަކީ ، އެ ކާމިޔާބީއާއި ތަރައްޤީ ، މުރުތަޟާއަށްވެސް ލިބިގެން ދިއުމެވެ. އެކަމަކު ، އެކުގައި އެއްބައިވެގެން ، އެކަކު އަނެކަކަށް ހިތްވަރުދީ އެހީތެރިވެގެން ކުރިޔަށްދިއުމުގެ ބަދަލުގައި މުރުތަޟާ އިޚްތިޔާރުކުރީ ، ކަނޑުމެދަށް އޭނާ ދޫކޮށްލުންކަމަށް ، ނޫރު ބުންޏެވެ. ކާމިޔާބީއަކީ ، އެކަމާމެދު ވިސްނައި ފިކުރުކޮށް ، ހިތްވަރާއެކު މަސައްކަތްކޮށްގެން ، ކެރިގެން އެކަމާ ކުރިމަތިލާ މީހުންނަށް ޙާޞިލް ކުރެވޭ އެއްޗެކެވެ. ކާމިޔާބީއާމެދު ނުވިސްނާމީހެއްގެ ކުރިމައްޗަށް އެއެއް ނުއަންނާނެއެވެ.
ތަހުނިޔާގެ އެގްޒިބިޝަން ނިންމި ރެއެވެ. ނިއުސް ޗެނެލަކުން ތަހުނިޔާއާ އިންޓަވިއުކުރަން ހުއްޓާ ޙަފުޞާގެ ފޯނެއް އައެވެ. އިންޓަވިއުގެ ތެރޭގައި އެފޯނު ތަހުނިޔާއަކަށް ނުނެގުނެވެ. އިންޓަވިއު ނިމުމުން ތަހުނިޔާ ، ޙަފުޞާއާ ގުޅިއެވެ. ސަލާމް ގޮވައިލުމާއެކު ، ޙަފުޞާގެ އެތައް ސުއާލެއް ތަހުނިޔާއާ ކުރިމަތިވިއެވެ. ކަރާޗީން ދިޔަތާ މިހާރު ހަތަރުފަސްދުވަސް ވަނީއެވެ. ރަށުން ފުރައިގެން ދިޔައީ އެންމެ ދެދުވަހަށޭ ކިޔާފައެވެ. އަނބުރާ ކަރާޗީއަށް އައުމުގެ ވިސްނުން ދޫކޮށްލީ ހެއްޔެވެ ؟ ޙަފުޞާ މެންނާމެދު ނުވިސްނިޔަސް ، އަމިއްލަ ދަރިފުޅު ، އައިމަލްއާ މެދު ވިސްނާލަން އެންމެ ރަނގަޅު ނޫންހެއްޔެވެ ؟ އެކުއްޖާފުޅު ބަލިވެގެން ކަމެއް ދިމާވެއްޖެނަމަ ، ތަހުނިޔާ އެކުރާ މަސައްކަތުގެ ފައިދާއަކީ ކޮބައި ހެއްޔެވެ ؟
ތަހުނިޔާ މަޑުކުރީ ، އިތުރު ދެދުވަހަށް އޭނާ މަޑުކުރަން މަޖުބޫރުވި ވާހަކަ ، މުރުތަޟާގާތު ބުނެފައެވެ. އެހެނަސް ، އެއީ ޙަފުޞާ އަޑުއަހަން ބޭނުންވި ވާހަކައެއްނޫނެވެ. މުރުތަޟާވެސް އެއުޅެނީ އެހާ ބުރަކޮށްނެވެ. ގެޔަށް އަންނަނީވެސް ރޭގަނޑު އެހާ ލަސްވާފަހުންނެވެ. އައިމަލްއަށް ކުޑަވަގުތުކޮޅެއްވެސް ނުދެވެއެވެ. ޠާހިރާއާއި ޙަފުޞާއާ ދެމައިން ، އައިމަލްގެ ކަންތައް ބަލަހައްޓަމުން އެގެންދަނީ އެކަންޏެވެ. ދުވާލާއި ރޭގަނޑު ، އައިމަލްގެ ކަންތައް ކޮށްފައި އެހެންކަމެއްކުރާކަށް ވަގުތެއް ނޯވެއެވެ. ތަހުނިޔާއަށް މަޔެއްގެ ވާޖިބު ފުރިހަމަޔަށް އަދާކުރެވޭކަމަކަށް ޙަފުޞާއަކަށް ނުފެނެއެވެ. ވީހާއަވަހަކަށް އަންނަން މަސައްކަތް ކުރާށޭބުނެ ، ޙަފުޞާ ފޯނު ކަނޑައިލިއެވެ.
ޙަފުޞާގެ ބަސްމަގު ހުރިގޮތުން ތަހުނިޔާ ވަރަށް ކަންބޮޑުވިއެވެ. ޙަފުޞާގެ ވާހަކަ ރަނގަޅަށް ކަނުލައި އަޑުއަހަން ޠާހިރާވެސް ކައިރީގައި އިށީނދެލައިގެން އިނެވެ. އޭނާއިނީ އައިމަލް ގޮވައިގެންނެވެ. އޭރުވެސް އައިމަލް އަދި ނުނިދައެވެ. ތަހުނިޔާއާ އެގޮތަށް މަންމަ ވާހަކަ ދެއްކުމަކީ ، ޠާހިރާއަށް ކަމުދިޔަކަމަކަށް ނުވިއެވެ. އެކަމާ ތަހުނިޔާ ކަންބޮޑުވާނެކަމަށް ޠާހިރާ ބުންޏެވެ. ކަންބޮޑުވެގެން ތަހުނިޔާ ކުރާނީ ކީއްކަމެއްކަންވެސް ނޭނގެއެވެ. އެކަމާ ތަހުނިޔާ ކަންބޮޑުވާން ޖެހޭނެކަމަށް ޙަފުޞާ ބުންޏެވެ. އެއީ ، ތަހުނިޔާގެ ދަރިފުޅާބެހޭ ކަމެކެވެ. އެހެނަސް ، ތަހުނިޔާ ލާހޯރަށް ފޮނުވީ ، އެދެމައިން އައިމަލްގެ ހުރިހާކަމެއް ބަލަހައްޓައި ދޭނެކަމަށް ބުނެފައިކަން ޠާހިރާ ، އޭނާގެ މަންމަޔަށް ހަނދާން ކޮށްދިނެވެ. ތަހުނިޔާ ދިއުމަށް ހުއްދަދިނީ ، އައިމަލްގެ ހުރިހާ ޒިންމާއަކާ އެދެމައިން ޙަވާލުވެފައެވެ. މިހާރުދެން އެކަމާ އިރުއިރުކޮޅުން ޝަކުވާކުރުމަކީ ރަނގަޅުކަމެއްކަމަކަށް ޠާހިރާއަކަށް ޤަބޫލެއް ނުކުރެވުނެވެ.
ޙަފުޞާއަށް ޤަބޫލުކުރެވޭ ގޮތުގައި ، އޭނާ އެކުރަނީ ޝަކުވާއެއްނޫނެވެ. ގޭގައި އަމިއްލަ ދިރިއުޅުމުގެ ޒިންމާއާއި މަސްއޫލިއްޔަތަކީ ، އޮފީހުގެ މަސައްކަތަށްވުރެ އަހަންމިއްޔަތުކަންދޭން ޖެހޭނެކަމެއްކަން ، މުރުތަޟާއާއި ތަހުނިޔާއަށް ޤަބޫލުކުރެވެން ޖެހޭނެއެވެ. މިދުވަސްވަރު ، މުރުތަޟާވެސް އެއުޅެނީ ކިހިނެއްކަމެއް ނޭނގެއެވެ. އެއްގޮތަކަށްވެސް ގޭގައި މަޑުކޮށްލާނެ ވަގުތެއް ލިބޭކަމަކަށް ނުވެއެވެ. އުޅޭނޫޅޭތަނެއްވެސް ނޭނގެއެވެ.
މުރުތަޟާ މިހާރު އެއުޅެނީ ކިހިނެއްކަމެއް ޠާހިރާއަކަށްވެސް ނޭނގެއެވެ. ނޫރުލްޢައިނު އައިސްއުޅޭކަން ، ތަހުނިޔާގެ ފަރާތުން ޠާހިރާއަށް އޮތީ އެނގިފައެވެ. އަނެއްކާ ނޫރުލްޢައިނުގެ ޖާދޫގައި ޖެހިގެން ، ގެޔަށް އަންނާނެ ވަގުތު މުރުތަޟާއަށް ނުލިބެނީ ބާވައެވެ. އެއީ ޠާހިރާއަށް ކަންބޮޑުވާން ޖެހުނުކަމަކަށްވިޔަސް ، މަންމަގާތު އެވާހަކައެއް ނުބުނެއެވެ.
ޙަފުޞާގެ ފޯނާގުޅިގެން ، ތަހުނިޔާވެސް ހުރީ ހިތްހަމަ ނުޖެހި ހިތަށް އުނދަގޫ ވެފައެވެ. ފޯނުކޮށްކޮށް މުރުތަޟާވެސް ފޯނެއް ނުނަގައެވެ. ތަހުނިޔާގެ ކަންބޮޑުވުން އިތުރަށް ބޮޑުވެގެން ދިޔައެވެ.
މުރުތަޟާ ގެޔަށްދިޔަ މަގުމަތީ ، އެރޭ ނޫރު އެދެއްކި ވާހަކަތަކުން އުނދަގޫވެފައި އިންދާ ތަހުނިޔާގެ ފޯނެއް އައެވެ. އެތައްފަހަރަކު ފޯނުކުރި އިރުވެސް މުރުތަޟާ ފޯނެއް ނުނަގައެވެ. ނުވިތާކަށް ، ތަހުނިޔާ އިތުރު ދެދުވަހަކަށް މަޑުކުރަންޖެހޭވާހަކަ މުރުތަޟާ ގާތު އޭނާ އޮތީ ބުނެފައެވެ. ތަހުނިޔާ މަޑުކުރީވެސް މުރުތަޟާ އެކަމަށް އެއްބަސް ވެގެންނެވެ. އެވާހަކަ އެންމެ ދެރަވެގެން މަންމަމެންގާތު މުރުތަޟާ ބުނެވެސް ނުލައެވެ. އެރޭވެސް ގެޔަށް އެދަނީ އެހާލަހުންނެވެ. ދެމީހުން އެއްބަސްވިގޮތަށް ، އައިމަލްގެ އެއްވެސް ޒިންމާއެއް މުރުތަޟާ އުފުއްލަނީކީ ނޫނެވެ. ތަހުނިޔާއަށް ރޭގަނޑު ގޭގައި ނުއުޅެވެންނާ މުރުތަޟާ ގޭގައި ހުންނަންވާނެއެވެ. ތަހުނިޔާގެ ޝަކުވާތަކުން ، މުރުތަޟާގެ ބޮލުގައި އުފެދުނީ އިތުރު ރިހުމެކެވެ.
މުރުތަޟާވެސް އެއުޅެނީ ލާޗާރުބިޗާރަށް ރޭގަނޑު ބޭރަށް ނުކުމެއެއް ނޫނެވެ. އެރޭ އޭނާ ގެޔަށް އެދަނީ ، ރޭގަނޑުގެ ރަސްމީ ކެއުމަކަށް ގޮސް އެކަން ނިންމާފައެވެ. އެވަރު ، ތަހުނިޔާއަށް ވިސްނެންޖެހޭނެކަމަށް މުރުތަޟާ ބުންޏެވެ. އޮޅުވާލައިގެން ބަހަނާ ދެއްކުމުގެ ބޭނުމެއް ނެތްކަމަށް ތަހުނިޔާ ބުންޏެވެ. އަދި ، ހުރިހާކަމެއް އެހިސާބުން ދޫކޮށްލާފައި ތަހުނިޔާ އެނބުރި ކަރާޗީއަށް އެއަންނަނީކަމަށް ބުންޏެވެ. އައިމަލް އަށްވުރެ މުހިންމު އެއްވެސްކަމެއް މިދުނިޔޭގައި ތަހުނިޔާއަކަށް ނޯންނާނެއެވެ. އައިމަލް ބެލުމަކީ އެހެންމީހުންނަށް ތަކުލީފަކަށްވެގެން ޝަކުވާކުރުން އެއީ ތަހުނިޔާއަށް ދޫކޮށްލެވޭނެ ކަމެއްނޫނެވެ. ޙަފުޞާ އެކުރި ޝަކުވާތައް އެއީ މުރުތަޟާގާތު ދެއްކޭނެ ވާހަކަތަކެއް ނޫނެވެ. ދުރުހިލޭ މީހަކުވެސް އެވަރަށް ޝަކުވާއެއް ނުކުރާނެއެވެ.
ތަހުނިޔާ މިހާރު ޓިކެޓްވެސް ބުކް ކޮށްފިއެވެ. ދެންވާނެގޮތެއް ބަލާކަށް ބޭނުމެއްނޫނެވެ. މުރުތަޟާއާއި ތަހުނިޔާއާ ދެމީހުން ވާހަކަދައްކަމުން ، ދެމީހުންވެސް ހިތްހަމަނުޖެހިގެން އުޅެމުންގޮސް ، މުރުތަޟާއަށް ކާރުދުއްވަން އުނދަގޫވާކަމަށް ބުނެ ފޯނު ކަނޑައިލިއެވެ.
ތަހުނިޔާ ގެޔަށްގޮސް ، ފޯނާކުޅެން އިންދާ މެސެޖެއް އައުމުން ، ބަލައިލިއިރު އެއީ ނޫރުގެ މެސެޖެކެވެ.
" މިރޭ މިއައީ ތަހުނިޔާގެ ފިރިމީހާއާއެކު ، ރޭގަނޑުގެ ކެއުމެއް ނިންމާފައެވެ. ތަހުނިޔާއާވެސް ވަރަށް އަވަހަށް ބައްދަލުވާނެއެވެ. " ނޫރުގެ މެސެޖްގައި ލިޔެފައި އޮތެވެ.
އަރައިގަތް ފޫހިން ، ތަހުނިޔާ އޭނާގެ ފޯނު އެއްލައިލިއެވެ.
މުރުތަޟާ އޭނާގެ ދަރިފުޅު އައއިމަލް ގޮވައިގެން ސިޓިންގރޫމުގައި އިނެވެ. ޙަފުޞާއާއި ޠާހިރާވެސް އެތާނުގައި ތިއްބެވެ. ތިންމައިން ވާހަކަ ދައްކަން ތިއްބާ ، ނޫރުއައިސް އެގެޔަށް ވަނެވެ. ނޫރުގެ ބައްޕާ ވަޞީމާއި ބޭބެ ހާރިސްވެސް ނޫރުއާއެކީ އެގެޔަށް އައެވެ. ފަހަރި ، ރައިދާއެއް ނާދެއެވެ. ކައިވެންޏަށްފަހު ، ބައްޕަމެންނާ ބައްދަލުކޮށްލަން ފިރިމީހާ ގޮވައިގެން ގެޔަށް އައިސް ، ޙަފުޞައްތަމެންނަށް ޒިޔާރަތްކޮށްލަން ބޭނުންވީކަމަށް ނޫރު ބުންޏެވެ. ނޫރު އައުމުން ޙަފުޞާވެސް ވަރަށް އުފާކުރިއެވެ. އެންމެން ވާހަކަ ދައްކަން ތިއްބާ ، ތަހުނިޔާވެސް އައިސް ގެޔަށް ވަދެއްޖެއެވެ. ތަހުނިޔާބަލައި އެއްވެސްމީހަކު އެއަރޕޯޓަކަށް ނުދެއެވެ. އެއަރޕޯޓަށްދާން ނުކުންނަން އުޅެނިކޮށް ނޫރުމެން އައުމާއެކު . މަޑުކުރަން ޖެހުނީއެވެ. ތަހުނިޔާ އައިގޮތަށް އައިސް ނޫރުއާ ސަލާމް ކޮށްލުމަށްފަހު ، އައިމަލް ގޮވައިގެން ކޮޓަރިޔަށް ވަނެވެ. އެތަނުގައި އިތުރަށް މަޑުކުރާކަށް ތަހުނިޔާ ބޭނުމެއް ނުވިއެވެ.
މުއްސަނދި މަހުޖަނަކާ ނޫރު ކައިވެނިކުރީތީ އުފާކުރާކަމުގައި ޙަފުޞާ ބުންޏެވެ. ޙަފުޞާއަށް ނޫރު ރައްދުދިނީ ، ޙަފުޞާގެ އަނގަޔަށް ބަހެއް ޖަހާފައެވެ. ރަނގަޅު ވަގުތުގައި ރަނގަޅު ނިންމުން ނިންމައިގެން ، ނޫރު އެހޯދީ އޭނާގެ ހިތްއެދޭފަދަ . ކާމިޔާބީއެއްކަމަށް ނޫރު ބުންޏެވެ. ނޫރުގެ އެބަހަށް ރައްދުދިނީ މުރުތަޟާއެވެ.
ނޫރު ގެ ނިންމުމަކީ ނޫރުއަށް ރަނގަޅު ނިންމުމެކެވެ. މުރުތަޟާ އެނިންމި ނިންމުމަކީ މުރުތަޟާއަށް އެންމެ ރަނގަޅު ނިންމުމެވެ. ހުރިހާ މީހުންވެސް އެމީހެއްގެ ނިންމުން އެނިންމީ އެންމެ ރަނގަޅަށެވެ. އެންމެ ރަނގަޅުވާނީ އެވާހަކަ ނުދެއްކިއްޔާއެވެ.
ނިދާގަޑި ޖެހުނުއިރުވެސް އައިމަލް އަދިއެއް ނުނިދައެވެ. ތަހުނިޔާ އިނީ އައިމަލް ގޮވައިގެން އޭނާއާއެކީ ކުޅޭށެވެ. މުރުތަޟާ އައިސް އައިމަލްއާ ސަމާސާކޮށްލިއެވެ. އެވަގުތު މުރުތަޟާއާ ކުރިމަތިވީ ތަހުނިޔާގެ ޝަކުވާއެވެ. އޭނާ ބަލައި އެއަރޕޯޓަށް ނުދިއުމުގެ ޝަކުވާއެވެ. މުރުތަޟާ އާއި މަންމައާ ޠާހިރާވެސް ނިންމައިގެންތިބީ އައިމަލްގޮވައިގެން ، ތަހުނިޔާ ބަލައި އެއަރޕޯޓަށް ދާށެވެ. އެކަމަކު ، ގެއިން ނުކުންނަން އުޅެނިކޮށް މެހެމާނުން އައިސްގެން ނުކުމެވޭގޮތް ނުވީއެވެ.
" މެހެމާނުންގެ ތެރޭގައި ނޫރުވެސް ހިމެނޭތީ ދޯއެވެ ؟ މުރުތަޟާގެ އޮފީހުގެ މެނޭޖިންގ ޑިރެކްޓަރ އައިމަ މަޑުކުރަން ޖެހޭނެއެވެ. އަންހެނުން ރަށުންބޭރަށް ގޮސް އައިމަ ބަލައި ދިއުމަށްވުރެ ، އެކަން މާމުހިންމު ވާނެއެވެ. " ތަހުނިޔާ ބުންޏެވެ.
މުރުތަޟާގެ ނިތްކުރިޔަށް ރޫއެރިއެވެ. އެހާ ގިނަދުވަސްކޮށްފައި ތަހުނިޔާ އައިމަ ، މުރުތަޟާ ނިންމައިގެންހުރީ ހަމަޖެހިލައިގެން ވާހަކަ ދައްކާލުމަށެވެ. އެކަމަކު ، ތަހުނިޔާ އެފެށީ ޝަކުވާ ކުރާށެވެ. މުރުތަޟާ ، ފޫހިވެގެންގޮސް ، އިތުރުކަމެއްކުރަން ނޫޅެ ، ނިދަން ޖައްސައިލިއެވެ.
ހެނދުނު ހެނދުނާ މުރުތަޟާ އޮފީހަށްގޮސް ރަނގަޅަށް ގޮނޑީގައި އިށީނދެ ހަމަޖެހިނުލެވެނިސް ، ނޫރު އަތުވެއްޖެއެވެ. ނޫރު އެއައީ ، މުރުތަޟާއަށް ފޮނުވި އީމެއިލްއަކަށް ޖަވާބު ނުލިބި ، ލަސްވެގެން އެކަމާ ހިތްހަމަ ނުޖެހިގެންނެވެ. އާ ޕްރޮޖެކްޓްގެ އެންމެ ފަހުގެ މަޢުލޫމާތުވެސް މުރުތަޟާއަކަށް އަދި ނުދެވެއެވެ. އަނބިމީހާއާއި ދަރިފުޅާ ގޭގެކަންކަން އިސްކޮށް މަސައްކަތަށް ފަރުވާ ކުޑަކުރަނީތޯ ނޫރު ސުއާލުކުރިއެވެ. އާ ޕްރޮޖެކްޓް މިހާރު އެއޮތީ ނިމުމަކާ ހަމަޔަށް ގޮހެވެ. ޖަވާބު ފޮނުވާކަށް މުރުތަޟާއަކަށް އީމެއިލްއެއް ނުލިބެއެވެ. ނޫރު އެހަދަނީ ދޮގެއްތޯ އަހައި ، އޭނާގެ ވަޒީފާގެ މަސްއޫލިއްޔަތަށް ޒިންމާވުމަށް ނަސޭޙަތްދީ ، އީމެއިލްއަށް ޖަވާބުދޭށޭ ބުނެ ، ހިތްހަމަ ނުޖެހިފައިހުރެ ނޫރު އެތަނުން ނުކުމެގެން ދިޔައެވެ. ( ނުނިމޭ )
vvv.reethi shukuran