( 10 އެޕްރީލް 2024 ގައި ޝާއިޢުކުރި ބަޔާ ގުޅޭ )
ތަހުނިޔާ ބަލިވެއިން ޙާލުގައި ، ވަޒީފާއަކަށްގޮސް ، އިތުރު ތަކުލީފުތަކެއް ޖެއްސުމަށް ، މުރުތަޟާގެ ވިސްނުމަށް އައީތީ ، ޙަފުޞާ ހިތްހަމައެއް ނުޖެހުނެވެ. އެއީ ، ތަކުލީފެއްނޫންކަމަށާއި ، ތަހުނިޔާގެ ހުވަފެނެއްކަމުގައި ސާފުކޮށްދިނުމަށް ، މުރުތަޟާ މަސައްކަތްކުރަމުން ގެންދިޔައެވެ. މުރުތަޟާ މަސައްކަތް ކުރަމުން ގެމްދިޔައީ ، އިންސާނާ ދުނިޔޭގައި އުޅުމަށް ދެކޭ ހުވަފެންތަކާއި ކުރާ އުއްމީދުތައް ފުރިހަމަވުމަކީ ، އެ އިންސާނާ ފުރިހަމަ މީހަކަށްވެގެންދާނެ ސަބަބެއްކަން ، މަންމަޔަށް ވިސްނައިދެވޭތޯއެވެ.
ތަހުނިޔާއަކީ ، އާދަޔާ ޚިލާފު އިންސާނެކެވެ. އަމިއްލަ ބޭނުންތަކާއި އިޙްސާސްތައް ފޮރުވައިގެން ހިތުގައި ބާއްވާ ކުއްޖެކެވެ. އެހެންމީހަކަށް ތަކުލީފެއް ލިބިދާނެތީ ، އަބަދުވެސް ހުންނާނީ ކަންބޮޑުވެފައެވެ. އެހެން މީހުންގެ އުފަލަކީ ، ތަހުނިޔާއަށް ލިބޭ އުފަލެކެވެ. މުރުތަޟާ ބޭނުންވަނީ ، ތަހުނިޔާގެ އަމިއްލަ އުފާތައް ، އޭނާއަށްވެސް އިޙްސާސް ކުރެވޭނެ ފުރުޞަތެއް ހޯދައިދިނުމަށެވެ. ތަހުނިޔާ ކުރާ އުއްމީދުތައް ޙަޤީޤަތަކަށް ހަދައި ދިނުމަށެވެ. ތަހުނިޔާއަށް އޭނާ ފުރިހަމަ އިންސާނަކަށް ވެއްޖެކަމުގެ އިޙްސާސް ކުރެވޭނެ ދުވަހެއް ހޯދައިދިނުމަށެވެ. ތަހުނިޔާގެ ޒިންމާތައް އަދާކުރަމުން ، ތަހުނިޔާގެ އުފާތަކަށް ފުރުޞަތު ހޯދާނަމަ ، އެއީ މުރުތަޟާއަށްވެސް ލިބޭ އުފާވެރިކަމެކެވެ. މަންމަޔަކަށްވެ ، ތަހުނިޔާގެ ޒިންމާތައް ފުރިހަމަކުރަމުންދާނަމަ ، އެކަމާ އެއްވެސްމީހަކު އިޢުތިރާޒު ކުރާނެ ސަބަބެއް ނެތެވެ.
މުރުތަޟާގެ ވާހަކަތަކުން ، އޭނާއެހުރީ އެކަމުގައި ވަކިގޮތެއް ނިންމައިގެންކަން ޙަފުޞާއަށް އެނގުނެވެ. އެހެން ނޫންނަމަ ، އެކަމަށް ތާއީދުކޮށް ، އެހާ ގިނަވާހަކަތަކެއް ނުދައްކާނެއެވެ. މުރުތަޟާ ބޭނުންވަނީ ، ހަމައެކަނި މަންމަގެ އާނބަހެވެ. ތަހުނިޔާ ވަޒީފާއެއް އަދާކުރުމަށް ، މަންމަ ދެކޮޅު ނުހެދުމެވެ. މަންމަ އެއްބަސް ނުވެއްޖެނަމަ ، ހިތްހަމަ ނުޖެހުނަސް ، ތަހުނިޔާ އެކަމެއް ނުކުރާނެއެވެ. ވަޒީފާއެއް އަދާކުރުން އެކަންޏެއްނޫނެވެ. މަންމަގެ ނުރުހުމުގައި ތަހުނިޔާ އެއްވެސްކަމެއް ނުކުރާނެއެވެ.
މުރުތަޟާ އޭނާގެ މަންމަޔާ އެވާޙަކަ އެދައްކަނީ ވަކިގޮތަކަށް ނިންމައިގެންނެއްނޫނެވެ. އޭނާގެ ލޯބިވާ މަންމަގެ ލަފާ އެކަމަށް ބޭނުންވެގެންނެވެ. ޙަފުޞާގެވެސް އެދުމަކީ ، މުރުތަޟާއާއި ތަހުނިޔާއަށް އުފާވެރި ، ބާއްޖަވެރިކަމުން ފުރިގެންވާ ދިރިއުޅުމެއް ، ﷲ މިންވަރު ކުރެއްވުމެވެ. އޭނާގެ އަބަދުގެވެސް ދުޢާއަކީ އެއީއެވެ. މަޔަކަށްވުމަށްފަހު ، އަންހެނެއްގެ އުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. ޙަފުޞާ އެހުރީ ، އެހުރިހާކަމެއް އަމިއްލަޔަށް ތަޖުރިބާ ކޮށްފައެވެ. އެހެނަސް ، އަންހެނަކު ބޭނުންވާނަމަ ހުރިހާކަމެއްވެސް ، ކުރެވޭނެއެވެ. ހުރިހާ ޒިންމާއަކާއި މަސްއޫލިއްޔަތެއްވެސް އުފުއްލޭނެއެވެ. ފިރިހެނަކަށް ވަކިން ދުލެއް ނުކުރާނެއެވެ.
މުރުތަޟާއާއި ތަހުނިޔާގެ ހަމަޖެހުމާއި އުފަލަކީ ، ޠާހިރާއާއި ޙަފުޞާ ހުރަސް އަޅާނެ އެއްޗެއްނޫނެވެ. ތަހުނިޔާ ވަޒީފާއެއް އަދާކުރުން އެއީ އެ ދެމަފިރިންނަށް އެންމެ ރަނގަޅުގޮތް ކަމަށް ވަންޏާ ، ޠާހިރާވެސް އަދި ޙަފުޞާވެސް ތިބޭނީ އެދެމީހުންނާ އެކީގައިކަމުގައި ޙަފުޞާ ހާމަކުރިއެވެ. މަންމަގެ އެ ނިންމުމަށް މުރުތަޟާ ޝުކުރު އަދާކުރިއެވެ. މަންމަ އެކަމަށް އެއްބަސް ނުވެދާނެތީ ، ތަހުނިޔާހުރީ ކަންބޮޑުވެފައެވެ. މުރުތަޟާގެ މަސައްކަތުން ، އެކަމަށް ޙަފުޞާ އެއްބަސް ކުރުވައިފިއެވެ. އެއީ ، ޚުރު މުރުތަޟާގެ ހިތަށްވެސް ލިބުނު ވަރަށްބޮޑު ހަމަޖެހުމެކެވެ.
ހެނދުނު ހެނދުނާ ، މުޙުސިނާ އޮފީހަށް އެވަނީ އޭނާއާއެކީ ތަހުނިޔާ ގޮވައިގެންނެވެ. އޮފީހަށް ވަނީވެސް ، ބަލިވެ އިނދެ ، ދުވަސްކޮޅެއްވިޔަސް ، އެހާލަތުގައި ، ވަޒީފާއަކާ ކުރިމަތިލާން ވިސްނީތީ ، ތަހުނިޔާއަށް ތަޢުރީފް ކުރަމުންނެވެ. ތަހުނިޔާގެ ހިތުތެރޭގައި ، އުފާވެރިކަމުގެ ޖަޒުބާތުތައް އުތުރެމުންދިޔައިރު ، ކޮންމެވެސް ވަރެއްގެ ކަންބޮޑުވުމެއް އޮތެވެ. އެއްވެސްކަމެއް ދަސްކޮށް އަދި އެއްވެސްކަމެއް ކުރެވިދާނެކަމުގެ ޔަޤީންކަމެއް ، ތަހުނިޔާގެ އަމިއްލަ ނަފުސަކަށް ނެތެވެ. އަމިއްލަ ނަފުސަށް އެކަމުން ހިތްހަމަޖެހުމެއް ލިބިދާނެކަމެއް ނުވަތަ ، މުޙުސިނާ ބޭނުންވާގޮތަކަށް އޭނާއަށް މަސައްކަތް ކުރެވިދާނެކަމުގެ ޔަޤީންކަން އެއީ ، އޭނާގެ ހިތުގައި އޮތް ބިރުވެރިކަމެކެވެ.
އެއްވެސްމީހަކު ، އެމީހާގެ ޝަޢުޤުވެރިކަން އޮތް ކަމެއްގައި ކުރިޔަށްދާން ހިތްއެދޭނަމަ ، އެކަމެއްގައި އަމިއްލަ ނަފުސަށް ޝައްކު ނުކުރުމަށް ، މުޙުސިނާ ނަޞޭޙަތް ދިނެވެ. ހިތާއި ސިކުނޑި ތައްޔާރަށް އޮތްނަމަ ، އިންސާނާއަށް ޙާޞިލް ނުކުރެވޭނެކަމެއް ނޯންނާނެއެވެ. އުސްފަރުވަދައެއްގެ ކުއްނަށްވެސް ވާޞިލް ވެވިދާނެއެވެ. މުޙުސިނާގެ ވާހަކަތަކުން ، ތަހުނިޔާއަށްވެސް ހިތްވަރު ލިބުނެވެ. ކަމެއް ނޭނގުނުނަމަވެސް ، އެކަމެއް ދަސްކުރަން އުޅެފިއްޔާ އެއީ ނުވާނެ ކަމެއްނޫންކަން ތަހުނިޔާއަށްވެސް އިޙްސާސް ކުރެވުނެވެ. އަމިއްލަ ނަފުސަށް ޔަޤީންކަން ބާއްވައި ، މުޙުސިނާގެ އިތުބާރު އެކަމަށް ލިބިއްޖިއްޔާ ، ކުރިޔަށް ދާނެމަގު އެއޮތީ ތަނަވަސް ވެފައެވެ. ދެން އޮންނާނީ ، ތަހުނިޔާގެ ހިތްވަރެކެވެ.
ތަހުނިޔާ ގޮވައިގެން ، މުޙުސިނާ އޭނާގެ ކާރުޚާނާއަށް ދިޔައެވެ. އަދި ، ހުރިހާ މުއައްޒަފުންނަށް ތަހުނިޔާ ތަޢާރުފް ކޮށްދިނެވެ. އެންމެ އިސްކޮށްހުރި ފެހުންތެރިޔާއާ ބައްދަލު ކުރުވިއެވެ.
ޠާހިރާ ގެޔަށް އައިސް ވަތްތަނުން ގޭތެރެ ހީވީ އަލިވެގެންދިޔަ ހެންނެވެ. ޙަފުޞާވެސް ހުރީ އުފަލުންގޮސް ފޮޅިފައެވެ. ޠާހިރާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ، ގެޔަށް އައިއިރު ތަހުނިޔާއާ ދިމާ ނުވުމެވެ. ވަޒީފާއަކަށް ދާން އެހާ ކުއްލިގޮތަކަށް ، ތަހުނިޔާ އެ ނިންމީ ކިހިނެއްވެގެންތޯ އެއީ ޠާހިރާގެ ހިތުގައި އުފެދިފައި އޮތް ސުއާލެކެވެ. އެކަން ޙަފުޞާ ސާފުކޮށްދިނެވެ. ވަޒީފާއެއް އަދާކުރުމަށް ތަހުނިޔާ ބޭނުންވީއެވެ. މުރުތަޟާގެ އާ އޮފީހުގެ ވެރިމީހާގެ އަންހެނުންނާ ދިމާވެގެން ، ދެކެވުނުވާހަކަތަކުން ، ތަހުނިޔާއަށް އެ ފުރުޞަތު ތަނަވަސްވީއެވެ. މުރުތަޟާވެސް ބޭނުންވީ އެގޮތެވެ. އެދެމީހުންނަށް ހަމަޖެހުމާއި އުފާވެރިކަން ލިބޭކަމަކަށް ހުރަސް އަޅަން ޙަފުޞާ ބޭނުން ނުވީއެވެ. ޠާހިރާވެސް އެދޭގޮތަކީ އެއީއެވެ.
ތަހުނިޔާ ، މަސައްކަތް ނިންމާފައި މުރުތަޟާއާއެކީ ގެޔަށް އައިއިރު ، ޠާހިރާ ފެނުމުން ކުއްލި ޙައިރާންކަމެއް ލިބުނެވެ. އެހާ އުފާވެސް ވިއެވެ. މިއަދަކީ ، ތަހުނިޔާގެ ވަޒީފާގެ ފުރަތަމަ ދުވަހެވެ. އެކަމުގެ އުފަލުގައި ޠާހިރާ ހުރީ ތަހުނިޔާއަށް ހަދިޔާއެއްދޭން ނިންމާފައެވެ. އެއީ ކޮން ހަދިޔާއެއްތޯ ޙަފުޞާ ސުއާލު ކުރިއެވެ.
ޠާހިރާ މިހާރު އުޅޭ ކޮޓަރިން މަތީ ކޮޓަރިޔަށް ބަދަލުވެ ، ތަހުނިޔާމެންނަށް ޠާހިރާގެ ކޮޓަރިދޭން ނިންމިކަން ޠާހިރާ ހާމަކުރިއެވެ. އެއީ ، ތަހުނިޔާއަށްވެސް އަދި މުރުތަޟާއަށްވެސް ސިހުން ލިބުނު ޚަބަރެކެވެ. އެ ނިންމުން ޠާހިރާ ނިންމުމުގެ ކުރިން ، ތަހުނިޔާގާތު އަހައިނުލީތީ ، ތަހުނިޔާގެ ހިތަށް ލިބުނު ކަންބޮޑުވުން ފާޅު ކުރިއެވެ. އެއީ ، އެއްގޮތަކަށްވެސް ތަހުނިޔާ އެދޭކަމެއްނޫނެވެ.
ތަހުނިޔާ އެކަން ޤަބޫލުކުރޭތޯ ޠާހިރާ މަސައްކަތް ކުރަމުން ގެންދިޔައެވެ. އެތައް ވާހަކައެއް ދެއްކިއެވެ. އެއީ ، އެއް ޢާއިލާއެކެވެ. ޠާހިރާގެ ކޮޓަރީގައި ތަހުނިޔާ ދިރިއުޅުނީމަ އަދި ޠާހިރާ އެހެން ކޮޓަރިއެއްގައި އުޅުނީމަ ތަފާތަކީ ކޮބައި ހެއްޔެވެ ؟ އެ ކުޑަކުޑަ ޢާއިލާ އެއުޅެނީ އެއްގެޔެއްގައެވެ. އެއްފުރާޅެއްގެ ދަށުގައެވެ. ދުވަސްކޮޅަކުން ތަހުނިޔާ ވިހާނެއެވެ. ތިރީ ކޮޓަރިއެއްގައި އުޅުމުން ، ވިހެއުމުގެ ތެރޭގައި ތަހުނިޔާއަށް ލިބޭނެ އެތައް ފަސޭހައެއް އޮންނާނެއެވެ.
ޠާހިރާގެ އެނިންމުމަކީ ، ޙަފުޞާގެވެސް ރުހުމާއެކީ ނިންމި ނިންމުމެކެވެ. ދެފަހަރިން އެކަމާމެދު ބަހުސްކުރަމުން ގެންދިޔައިރު ، ޙަފުޞާ ހިނިއައިސް ، އެދެމީހުންނަށް ބަލަހައްޓައިގެން އިނެވެ. މުރުތަޟާގާތަށްވެސް އިނީ ހިނިއައިއްސައެވެ. އޭނާގެ ދަރިފުޅު ، ޠާހިރާގެ ހިތަކީވެސް ތަހުނިޔާގެ ހިތެކޭ އެއްފަދައިން ، ރަހުމާއި ކުލުނާ އަދި ލޯބިންފުރިގެންވާ ހިތެއްކަމުގައި ޙަފުޞާ ބުންޏެވެ. ޙަފުޞާގެ ހުރިހާވެސް އެދުމަކީ ، އެކަކު އަނެކެއްގެ މައްޗަށް އޮތް ލޯބީގައި ، އެކަކުވެސް އަނެކަކާ ވަކިނުވެ ، އެންމެން އެކުގައި ދިރިއުޅުމެވެ. މުރުތަޟާވެސް ، އޭނާއާ ، ޠާހިރާއާއި އަރުސަލާނާ ވަކިވެގެން ، އެގެއިން ނުކުމެގެން ނުދިއުމެވެ.
ނިދަން ތައްޔާރުވެގެން ، މުރުތަޟާ އެނދަށް އަރަން އުޅެނިކޮށް ، ތަހުނިޔާގެ ފޯނަށް ފޯނެއް އައެވެ. ރޭގަނޑުގެ އެހާ ލަސްގަޑިއެއްގައި ތަހުނިޔާއަށް ގުޅާނެމީހަކު ނުހުންނާނެއެވެ. ފޯނު ބަލައިލިއިރު އެއީ ނޫރު އެވެ. މުރުތަޟާ ފޯނުނެގުމާއެކު ވާހަކަ ދައްކަން ފެށްޓިއެވެ.
" އިރުއިރުކޮޅުން ތިފޯނުކުރަނީ ކީއްކުރަން ހެއްޔެވެ ؟ އަތް ފޮޅައިލާފައި ފަހަތަށް ދޫކޮށްފައިދާ މީހުންނާ ތަކެއްޗަށް އެނބުރި ބެލުމަކީ ، ދުނިޔޭގެ އާދައެއްނޫނެވެ. އެމީހަކަށްވެސް އަދި އެހެން މީހުންނަށްވެސް ، އެކަމުން ހިތްހަމަޖެހުމެއް ނުލިބޭނެއެވެ. ހިތަށް އުނދަގޫވެ ، ހިތްދަތިވުންނޫން އެހެންކަމެއް ނުވާނެއެވެ. " މުރުތަޟާ ބުންޏެވެ.
އޭނާ އުޅެނީ އުފަލުގައި ނޫންކަމަށް މުރުތަޟާގާތު ބުނީ ކާކުތޯ ، ނޫރު ސުއާލު ކުރިއެވެ. އޭނާ އެއުޅެނީ ވަރަށް އުފަލުގައެވެ. މުރުތަޟާ ރުންކުރުވެފައިހުރީތީ އެކަމާބެހޭގޮތުން ނޫރު ސުއާލުކުރިއެވެ. އަންހެނުންގެ ފޯނަށް މިހާރު ޖަވާބުދެނީވެސް މުރުތަޟާ ހެއްޔޭ ބުނެ މަލާމާތް ކޮށްލިއެވެ. އަދި ، އެހާ ރުންކުރުވެފައިހުރީމަ ، ހަމަގައިމުވެސް މުރުތަޟާ އެހުންނަނީ އުފަލުގައި ނޫންކަން އެނގޭކަމަށް ނޫރު ބުންޏެވެ.
މުރުތަޟާމެންގެ ދިރިއުޅުމުގައި އުފަލެއް ނެތުން އެއީ ، ނޫރުއާބެހޭކަމެއް ނޫނެވެ. ނޫރުގެ ދިރިއުޅުމުގައި އުފަލުގައި އުޅުނީމަ އެވީނޫން ހެއްޔެވެ. މުރުތަޟާގެ ދިރިއުޅުމުގެ ޙާލަތާމެދު ނޫރު ވިސްނާނެކަމެއް ނެތެވެ. އަދި ، މުރުތަޟާމެންގެ ދިރިއުޅުން އެއޮތްގޮތަކަށް އުޅެން ދޫކޮށްލާށޭ ބުނެ ، ނޫރުއާ ދިމާއަށް އެއްޗެތި ކިޔައިގަތެވެ.
ނޫރު ގުޅީ ، އޭނާގެ ރަޙުމަތްތެރިޔާ އާއެވެ. އެ ރަޙުމަތްތެރިޔާގެ ރުންކުރު ފިރިމީހާ އެފޯނު ނަގާނެކަމެއް ނޫރުއަށް އެނގޭނީ ކިހިނެއް ހެއްޔެވެ. އެހެންނޫނީ ، ފަހަރެއްގައި ބައެއްފޯނަށް ޖަވާބުދިނުން ތަހުނިޔާއަށް މަނާކުރެވިފައި އޮންނަނީ ކަމަށްވެސް ވެދާނެއެވެ. އެވަރުގެ މިނިވަންކަމެއް ތަހުނިޔާއަށް ދޭންވެސް ބިރުގަންނަނީތޯ ނޫރު ސުއާލު ކުރިއެވެ.
" އަހަރެންނަށް އެ ނިންމުނީ ހަމަ ރަނގަޅަށެވެ. މުރުތަޟާއަށް ނޫނެކޭ އަހަރެންނަށް ބުނެވުނީ ރަނގަޅަކަށެވެ. ތިއީ ، އަހަރެންނާ އެކަށީގެންވާ މީހެއްނޫނެވެ. " ނޫރު ބުންޏެވެ.
ނޫރުއަށް އެހުރީ އޮޅިފައިކަން މުރުތަޟާ ހަނދާން ކޮށްދިނެވެ. އެދެމީހުންގެ ވަކިވުމުގައި ގޮތް ނިންމީ މުރުތަޟާއެވެ. ނޫރުއެއް ނޫނެވެ. އެކަން އަބަދުވެސް ، މުޅި ޢުމުރުގައިވެސް ހަނދާނުގައި ބެހެއްޓުމަށް މުރުތަޟާ ބުންޏެވެ. އިތުރަށް ވާހަކަ ނުދައްކަން ވެގެން ނޫރު ފޯނު ކަނޑައިލިއެވެ. މުރުތަޟާ ފޯނު ބޭއްވުމަށްފަހު ފަހަތަށް އެނބުރިލިއިރު ، ފަހަތުގައި ހިނިތުންވެލައިގެން ތަހުނިޔާ ހުށްޓެވެ.
ވަޒީފާއަށް ނުކުމެ ، ތަހުނިޔާ ، މަސައްކަތަށް އަހުލުވެރިވަމުން ގެންދިޔައެވެ. ހުރިހާ މުއައްޒަފުންވެސް ، ތަހުނިޔާއަށް އެހީތެރިވެ ޢިހްތިރާމް ކުރެއެވެ. ގޭގައިވެސް ، ޠާހިރާ ގެންދަނީ ، އަމިއްލަ ކޮއްކޮއެއްފަދައިން ، ތަހުނިޔާގެ ކަންކަން ބަލަހައްޓައި އެހީތެރިވަމުންނެވެ. ޠާހިރާފަދަ ދައްތައެއް ހުރިކަން އެއީ މުރުތަޟާއަށް ލެއްވި ރަޙުމަތެކެވެ. ތަހުނިޔާގެ ބަނޑުވެސް ، އެއްދުވަހުން އަނެއްދުވަހަށް ދިޔައީ ބޮޑުވަމުންނެވެ. އެހެންކަމާއެކު ، ތަހުނިޔާގެ ބަރުހެލިކަންވެސް އިތުރުވަމުން ދިޔައެވެ.
މުޙުސިނާ ފާރޫޤަކީ ، މުއައްޒަފުންނަށް ހެޔޮ ވެރިޔެކެވެ. ތަހުނިޔާގެ ޙާލަތަށްބަލައި ، ގިނައިން އަރާމުކުރުމަށް ބުނެ ، ތިންމަސްދުވަހުގެ ޗުއްޓީއެއްވެސް ދީފިއެވެ. މުޙުސިނާވަނީ ، ކުޑަކުއްޖަކަށް އަލިފުބާ ދަސްކޮށްދޭގޮތަށް ، ތަހުނިޔާއަށް ބޭނުންވާ ހުރިހާ ތަމްރީނެއް ފުރިހަމަކޮށްދީފައެވެ. ތަހުނިޔާއަކީ ، މިހާރު އެންމެ ފުރިހަމަ ޑިޒައިނަރެކެވެ. ޢާންމުގޮތެއްގައި އޭނާ ޑިޒައިންކުރަނީ ، އަންހެންކުދިންގެ ހެދުމެވެ. އޭގެއިތުރަށް ކައިވެނީގެ ހެދުމެވެ.
އެއޮށްބޮޑު ބަނޑައިގެން ، ތަހުނިޔާ މަސައްކަތަށް ނުކުންނަ މިއީ އެންމެ ފަހުދުވަހެވެ. ދެން ފެށޭނީ އޭނާގެ ޗުއްޓީއެވެ. ތަހުނިޔާ ޗުއްޓީއަށް ދާތީ ، ނުނިމިހުރި މަސައްކަތްތަކާ ޙަވާލުވީ ޚުދު މުޙުސިނާއެވެ. ތަހުނިޔާ ޙަވާލުވެގެން އުޅުނީ ، ވަރަށް ޚާއްޞަ އަދި ދާއިމީގޮތެއްގައި އެކުންފުނިން ޚިދުމަތްހޯދާ ބައެއްގެ މަސައްކަތާއެވެ. މަސައްކަތް ކުޑައަޑިކޮށްލަން ، ތަހުނިޔާ އަވަދިނެތި އުޅެމުން ގެންދަނިކޮށް ، ކުއްލިޔަކަށް އޭނާގެ ބަނޑަށް ތަދުވެގަތެވެ. މުރުތަޟާއާ ގުޅުމަށް މުޙުސިނާ އަވަސްވެގަތެވެ. އަދި ، ވަގުތުން ތަހުނިޔާ ހޮސްޕިޓަލަށް ގެންދެވުނެވެ.
ހޮސްޕިޓަލަށް ގެންދެވުނުތާ މާގިނައިރެއްނުވެ ، ތަހުނިޔާ ވިހައިފިއެވެ. އޭނާ ވިހެއީ ލޯބިލޯބި އަންހެން ކުއްޖެކެވެ. އެކުއްޖާފުޅުގެ ނަމަކަށްކީ ، އައިމަލް އެވެ. ތަހުނިޔާއާއި މުރުތަޟާއާ ދެމީހުންގެ ޢާއިލާއަށް އެލިބިގެންދިޔަ އުފާވެރިކަމުން ، އެދެޢާއިލާގެ ގުޅުން އިތުރަށް ބަދަހިވެގެން ދިޔައެވެ. ޚާއްޞަކޮށް ، ޠާހިރާއާއި ޙަފުޞާގެ ހިތުގައި ތަހުނިޔާޣެ މައްޗަށް އޮތް ލޯބި ބޮޑުވެގެން ދިޔައެވެ. މުރުތަޟާވެސް ، އޭނާގެ ކުރީގެ ދިރިއުޅުމުގެ ހުރިހާ ހަނދާންތަކެއް ، އައިމަލްއަށްޓަކައި އެއްކޮށް ބަންދު ކޮށްލިއެވެ. (ނުނިމޭ)
Vvv.reethi