ދީނަށް ގޮވައިލެއްވުމުގެ ކުރީކޮޅުގައި އިސްލާމްދީން ޤަބޫލުކުރެއްވި ބޭބޭފުޅުން
( 7 އެޕްރީލް 2024 ވަނަދުވަހު ޝާއިޢުކުރި ބަޔާގުޅޭ )
ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަޔަށް ، ވަޙީބާވައިލެއްވުމާ ވިދިގެން ، އެކަލޭގެފާނުގެ ރަސޫލުކަން އެންމެ ފުރަތަމަ ޤަބޫލުކުރެއްވި ބޭފުޅަކީ ، ޚުދު އެކަލޭގެފާނުގެ އަނބިކަނބަލުން ، ޚަދީޖަތުގެފާނެވެ. އިތުރު އެއްވެސް ސުއާލެއް ކުރެއްވުމެއްނެތި ، އެކަމަނާ ، އެކަން ޤަބޫލު ކުރެއްވިއެވެ. ދެވަނަޔަށް ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ރަސޫލުކަން ޤަބޫލުކުރެއްވީ ، ޢަލީ އިބްނު އަބޫޠާލިބު ނުވަތަ ، ޢަލީގެފާނެވެ. އޭރު ، ޢަލީގެފާނުގެ ޢުމުރުފުޅުން އެންމެ ދިހަ އަހަރުފުޅެވެ. އެއަށްފަހު ، ޒައިދު އިބްނު ޙާރިސާ އާއި ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދަރިދަރިކަނބަލުން ، އެކަލޭގެފާނުގެ ރަސޫލުކަން ޤަބޫލުކުރެއްވިއެވެ. އެއަށްފަހު ، އަބޫބަކުރުގެފާނެވެ. އިސްލާމްދީން ޤަބޫލުކުރެއްވުމާއެކު ، އަބޫބަކުރުގެފާނަށް އެތައް ތަކުލީފެއް ލިބިވަޑައިގަތެވެ.
ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ، ރައްކާވުމާއެކު ، އެކަލޭގެފާނު ބެލެހެއްޓުމުގައި އެހީތެރިވެދިނުމަށް އުޅުނު ، އެކަލޭގެފާނުގެ މަންމާފުޅުގެ އަޅު އަންހެނާ ، އުއްމު އައިމަން އަކީވެސް ، އެންމެ ފުރަތަމަކޮޅުގައި އިސްލާމްވެވަޑައިގެންނެވި ބޭކަނބަލެކެވެ. މަންމާފުޅު އަވަހާރަވުމުން ، އުއްމު އައިމަން ، އަޅެއްގެ ގޮތުގައި ވާރުތައިން ލިބިވަޑައިގަތީ ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމައަށެވެ. ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ، ޚަދީޖަތުގެފާނާ ކައިވެނިބައްލަވައިގަތުމަށްފަހު ، އުއްމު އައިމަން މިނިވަން ކުރެއްވިއެވެ.
ފުރަތަމަކޮޅު ، އިސްލާމްދީން ފެތުރެމުން ދިޔައީ ، ، ޚާއްޞަކުރެވޭ ވަކިވަކި މީހުންގެ މެދުގައި ، ބަދަލުކުރެވޭ މެސެޖަކުން ފާޅުކަން ކުޑަ ގޮތަކަށެވެ. ﷲ ސުބްހާނަހޫ ވަތަޢާލާ ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އެންގެވީ ، އެކަލޭގެފާނުގެ އެންމެ އަރިސް ބޭފުޅުންނަށް އިސްލާމްދީން ހުށަހެޅުއްވުމަށެވެ. އަބޫބަކުރުގެފާނަކީ ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމައާ އެންމެ އަރިސް އެއްބޭފުޅެވެ. ޢުޘްމާން އިބްނު ޢައްފާން އަކީވެސް ، އެންމެ ފުރަތަމަ އިސްލާމްވެވަޑާއިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. ޢުޘްމާން އިބްނު ޢައްފާން އިސްލާމްވެ ވަޑައިގަތްކަން ، އިބްނު އަބިލްޢާސްގެ ބޮޑުބޭބޭ ، އަލްޙަކަމް އިބްނު އަބިލްޢާސް އަށް އެނގުމާއެކު ، އެކަލޭގެފާނާ ހުރިހާ ގުޅުމެއް ކަނޑައިލިއެވެ. އެއީ ، ޢުޘްމާން އިބްނު ޢައްފާން ކަންބޮޑުވެވަޑައިގެންނެވި ކަމެއްނޫނެވެ. އެކަލޭގެފާނު ވިދާޅުވީ ، އަލްޙަކަމް އިބްނު އަބިލްޢާސް ބޭނުންކަމެއް ބޭނުންގޮތަކަށް ކުރަންވީއެވެ. އެހެނަސް ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅު ދޫކޮށްނުލައްވާނެކަމުގައެވެ. އޭރު އެކަލޭގެފާނުގެ ޢުމުރުފުޅަކީ 34 އަހަރުފުޅެވެ.
އައްޒުބައިރު އިބްނުލްޢައްވާމްއަކީ ، އެންމެ ފުރަތަމަ އިސްލާމްދީން ޤަބޫލުކުރެއްވި ބޭކަލުންގެ ތެރެއިން މިސާލެކެވެ. އެކަލޭގެފާނުގެ ޢުމުރުފުޅަކީ އެންމެ ބާރަ އަހަރެވެ. އެކަލޭގެފާނު ބަނދެ އަނިޔާކޮށް ހެދުމުންވެސް ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅު އަނބުރާ ގެންދަވާފައެއް ނުވެއެވެ. އަލިފާން އަންދައިގެން އަރާދުމުން ނޭވާލެއްވުމުގެ އަނިޔާއާ ، އެކަލޭގެފާނު ކުރިމަތި ލެއްވިއެވެ. އެހާ ޅަ ޢުމުރުފުޅުގައިވެސް ، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އެގެންނެވި ދީނަކީ ، ހުރިހާ ހެޔޮކަމެއްގެ ދީންކަމުގައި ހިތުގެ އަޑިން ޤަބޫލުކުރައްވައި ، އަނިޔާތަކަށް ކެތްތެރިވެވަޑައިގެން ކުރިމަތި ލެއްވިއެވެ.
އެންމެ ފުރަތަމަ އިސްލާމްދީން ޤަބޫލުކުރެއްވި ބޭކަލުންގެތެރޭގައި ، ސަޢުދު އިބްނު އަބީ ވައްޤާސް ހިމެނިވަޑައިގަންނަވައެވެ. އެކަލޭގެފާނުގެ ޢުމުރުފުޅަކީ 17 އަހަރެވެ. މިހުރިހާ ބޭފުޅުންނަކީވެސް ، ޤްރައިޝުވަންހައިގެ އިސް ޢާއިލާތަކުގެ ބޭފުޅުންނެވެ. ސަޢުދު އިބްނު އަބީ ވައްޤާސްގެ މަންމަޔަށް ، އެކަލޭގެފާނު އިސްލާމްވެވަޑައިގެންނެވިކަން އެނގުމާއެކު ، އެކަމުން މަނާވެގަތުމަށް ދެންނެވިއެވެ. އެކަލޭގެފާނު އެކަމާ ދުރުވެވަޑައިގަތުމަށް ދާނދެން ، އަވީގައި ހުންނާނެކަމަށާއި ކާއެއްޗެއް ނުކާނެކަމަށް އަދި ، އަވީގެ ހޫނުގައި ، ހިރިނުލާ ހުންނާނެކަމަށް ދެންނެވިއެވެ. އެކަލޭގެފާނު ، މަންމަޔަށް ވިދާޅުވީ ، އެކަންކަމަކީ މަންމަގެ އިޚްތިޔާރުގައިވާ ކަންކަން ކަމަށާއި ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެންނެވި އިސްލާމްދީން ، އެކަލޭގެފާނު ދޫކޮށްނުލައްވާނެ ކަމުގައެވެ. ސަޢުދު އިބްނި އަބީ ވައްޤާސްގެ މަންމަ ދެދުވަސް ވަންދެން ، އަދި ތިންދުވަސް ވަންދެން އޭނާގެ ބަހުގައި ހިފަހައްޓައި ގޮތްދޫނުކޮށް ، އެގޮތުގައި ހުށްޓެވެ. މުޙައްމަދުގެފާނުގެ ބަސްފުޅު ދޫކޮށް ، ކާބަފައިންގެ ދީނަށް ، އެކަލޭގެފާނު އެނބުރިވަޑައިގެން ، ބުދަށް އަޅުކަން ކުރައްވަން ނުފައްޓަވަނިސް ، އެކަލޭގެފާނުގެ މަންމަ އެގޮތުގައި ހުންނާނެކަމަށް ބުންޏެވެ. ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އެވާހަކަ ދެންނެވުނެވެ.
އެހިނދު ، ﷲ ސުބްޙާނަހޫ ވަތަޢާލާ ، ކީރިތި ޤުރުއާނުގެ އަލްޢަންކަބޫތު ސޫރަތުގެ 8 ވަނަ އާޔަތް ބާވައިލެއްވިއެވެ.
وَوَصَّيْنَا ٱلإِنْسَانَ بِوَالِدَيْهِ حُسْناً وَإِن جَاهَدَاكَ لِتُشْرِكَ بِى مَا لَيْسَ لَكَ بِهِ عِلْمٌ فَلاَ تُطِعْهُمَآ إِلَىَّ مَرْجِعُكُمْ فَأُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ
" އިންސާނާއަށް އޭނާގެ މައިނަބަފައިންނަށް ހެޔޮކޮށް ހިތުމަށް ، ތިމަންރަސްކަލާނގެ ވަޞިއްޔަތް ކުރައްވައި ، އަމުރު ކުރެއްވީމެވެ. އަދި ، ތިބާއަށް އެއާމެދު ޢިލްމެއް ލިބިފައިނުވާ އެއްޗެއް ، ތިމަންރަސްކަލާނގެއާ ޝަރީކުކުރުމަށް ތިބާގެމައްޗަށް އެދެމީހުން ގަދައަޅައިފިނަމަ ، ފަހެ ، އެ ދެމީހުންނަށް ތިބާ ކިޔަމަން ނުވާހުށިކަމެވެ. ތިޔަބައިމީހުން ، އެނބުރި ދިއުން އޮތީ ، ތިމަންރަސްކަލާނގެ ޙަޟުރަތަށެވެ. ފަހެ ، އޭރުން ، ތިޔަބައިމީހުން ކޮށް އުޅުނު ކަންތަކުގެ ޚަބަރު ، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އަންގަވާ ހުށީމެވެ. ( އެބަހީ : އެކަންތަކަށް ޖަޒާ ދެއްވާ ހުށީމެވެ. )
މިއާޔަތް ބާވައިލެއްވުމާގުޅިގެން ، އިސްލާމްދީނުގެ އީމާންކަން ހަރުދަނާވެގެން ދިޔައީ ހަމައެކަނި ސަޢުދު އިބްނު އަބީ ވައްޤާސް ގެ އެކަންޏެއްނޫނެވެ. އެކަލޭގެފާނުފަދަ އެހެން ބޭފުޅުންގެ ހިތްޕުޅަށްވެސް ހަމަޖެހުންލިބި ، އެބޭފުޅުންގެ އިޢުތިޤާދު ހަރުދަނާވެގެން ދިޔައެވެ. ދީނާޚިލާފު އަމުރަކަށް މެނުވީ ، މައިންބަފައިންނަށް ކިޔަމަންގަތުމަކީ ، ދަރިންގެ މައްޗަށް އޮތް ވާޖިބެކެވެ. އެހެނަސް ، އެ އާޔަތް ، އެދުވަސްވަރާ މުނާސަބުވެގެންދިޔައީ ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ރިސާލަތު ޤަބޫލުކުރައްވަމުން ގެންދެވީ ، ޤްރައިޝުވަންހައިގެ އެކިއެކި ޤަބީލާތަކުގެ ކަށުވޮށިވެގެންވާ ނަންއަރާތިބި މީހުންގެ ޒުވާން ދަރިންކަމަށް ވާތީއެވެ. އެބައިމީހުންގެ ދަރިން ، ކާބަފައިންގެ ދީން ދޫކޮށްލައި ، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދީން ޤަބޫލުކުރުން ވެގެންދިޔައީ ، ޤްރައިޝުންގެ ބޮޑުންނަށް ޝަޚުޞީގޮތުން ކުރިމަތިވި ލަދުވެތިކަމަކަށެވެ. އިސްލާމްދީން ޤަބޫލުކުރި ގިނަ ޒުވާނުންނަށް ، އަނިޔާއާއި ވޭނާ އަދި ތަކުލީފު ކުރިމަތިވެގެންދިޔަ އެއްސަބަބަކީ އެއީއެވެ. އެހެނަސް ، އިސްލާމްދީން ޤަބޫލުކުރެއްވި އެއްވެސް ޒުވާނަކުވެސް އަދި އެހެންމީހަކުވެސް ، އެދީން ދޫކޮށްލައި ، އަލުން އަނބުރާ ބުދުދީނަށް އެނބުރި ގޮއްސައެއް ނުވެއެވެ.
ޠަލްޙާ އިބްނު ޢުބައިދިﷲ އިސްލާމްވެވަޑައިގެންނެވި ޙާދިސާއަކީވެސް ފާހަގަ ކޮށްލެވޭ ޙާދިސާއެކެވެ. ބޮޑެތި ފާދިރީންގެ ފަރާތުން ، ޠަލްޙާއަށް އެނގިވަޑައިގެންފައި އޮތްގޮތުގައި ، އެމީހުންގެ ތެރެއިން ނަބިއްޔަކު ފޮނުއްވުމުގެ ވަގުތު އޮތީ ޖެހިފައެވެ. އެކަލޭގެފާނުގެ ސިފަފުޅުތަކާއި ޢަމަލުފުޅުތައް ހުންނާނެގޮތް ، ފާދިރީންގެ ފަރާތުން ޠަލްޙާއަށް އޮތީ ސާފުކޮށް އެނގިވަޑައިގެންފައެވެ. އެކަލޭގެފާނުގެ ޢުމުރުފުޅުން އޭރު ތޭރަ އަހަރުފުޅެވެ. ސައްޔިދުނާ އަބޫބަކުރުގެފާނު ވަޑައިގެން ޠަލްޙާ އަރިހުގައި ، އިސްލާމްދީނުގެ ވާހަކައިން ޚަބަރުކުރެއްވުމާއެކު ، އިތުރު ސުއާލެއް ނުކުރައްވައި ، ޠަލްޙަތުގެފާނު ވަގުތުން އިސްލާމްވެ ވަޑައިގެން ، އިސްލާމްދީން ޤަބޫލުކުރެއްވައިފިއެވެ. އެއީ ޤްރައިޝު ވަންހައިގެ ބޮޑުންގެ ދަރިންނެވެ. ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ފަރާތްޕުޅުން އެކުދިންނަށް ލިބޭނެ ދުނިޔަވީ މަންފާއެއް ނުވެއެވެ. އެހެންކަމާއެކުވެސް ، އެކަލޭގެފާނު އެގެންނެވި ދީނަކީ ، މަތިވެރިދީނެއްކަން ، އެކުދިންގެ ހިތުގެ އަޑިން ޤަބޫލު ކުރެވޭނީ ސަބަބު ތަކަކާ އެކީގައެވެ. އެންމެ މުހިންމު ސަބަބަކީ ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މަތިވެރި އަޚުލާޤާއި ، ހަރުދަނާ ޝަޚުޞިއްޔަތެވެ. އެކަލޭގެފާނުގެ ނަންފުޅު ، ހުރިހާ މަތިވެރިކަމަކުން ފުރާ ފުރިހަމަވެފައި އޮތްއޮތުމެވެ. އެއްވެސް ބާވަތެއްގެ ދޮގަކައިގެން އެކަލޭގެފާނު ވަޑައިނުގަންނަވާނެކަން ، އެޒުވާން ހިތްތަކަށް އޮތީ ޔަޤީން ކުރެވިފައެވެ. ތުއްޕުޅު އިރުއްސުރެ ފެށިގެން ، ޒުވާން ޢުމުރުފުޅުގައި ، އަދި ފިރިފުރާވަރަށް އެޅުމުންފުށިގެން ، ރަސޫލުކަމައިގެން ފޮނުއްވުމާހަމަޔަށްވެސް ، އެކަލޭގަފާނަކީ ތެދުވެރިއެއްކަމުގައި ، ޤްރައިޝުވަންހައިގެ ހުރިހާ ޤަބީލާތަކުންވެސް ޤަބޫލު ކުރެއެވެ. އެއީ ، ޞާދިޤުލްއަމީންގެ ނަމުން މަޝްހޫރުވެފައިވާ ޒުވާން ޝަޚުޞިއްޔަތެވެ.
އިސްލާމްދީން ޤަބޫލުކުރުމާގުޅިގެން ، ކާފަރުން އެންމެ ފުރަތަމަ ޝަހީދުކުޅައީ ، ޔާސިރުގެ ޢާއިލާގެ ނަމުން ޚާއްޞަކުރެވިގެންވީ ، ޢައްމާރު އިބްނު ޔާސިރުގެ މަންމާފުޅާއި ބައްޕާފުޅު ، ސުމައްޔާއާއި ޔާސިރު އިބްނު ޢާމިރެވެ. ޢައްމާރަށް އަނިޔާކުރަމުންގޮސް ، ކެތްނުކުރެއްވޭވަރު ކޮށްލިއެވެ. ދެންހެދޭނެ އެހެން ގޮތެއް ނެތުނު ޙާލުގައި ފުރާނަފުޅު ސަލާމަތް ކުރެއްވުމަށްޓަކައި ، މުޙައްމަދުގެފާނު އެގެންނެވި އެއްޗެއް ދޮގުކޮށްފިންކަމުގައި ވިދާޅުވަންދެން ، ކާފަރުން ، އެކަލޭގެފާނަށް އަނިޔާދެމުން ގެންދިޔައެވެ.
ޒުވާން ޢައްމާރުގެ އެބަސްފުޅާ ގުޅިގެން ، މުސްލިމުންގެ މެދުގައި އެކަލޭގެފާނުގެ މައްޗަށް ނަފުރަތު އުފެދިގެން ދިޔައެވެ. އެއީ ، އިސްލާމްވުމަށްފަހު ، ކާފަރުވި ފުރަތަމަ މީހާކަމަށް ވާހަކަ ދެކެވެމުން ދިޔައެވެ. އެކަމާގުޅިގެން ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ނޫނެކެވެ ! ޢައްމާރު އެވިދާޅުވި އެއްޗެއް އެވިދާޅުވީ ، އެކަލޭގެފާނުގެ ފުރާނަފުޅު ސަލާމަތް ކުރެއްވުމުގެ ނިޔަތުގައެވެ. އެއީ ، ހަމައެކަނި އެކަލޭގެފާނުގެ އަނގަފުޅުން އިއްވައިލި ބަސްފުޅެކެވެ. އެކަލޭގެފާނުގެ ހިތްޕުޅުވަނީ ، އީމާންކަމުން ފުރިފައެވެ. ޢައްމާރުގެ އެޙާލަތު ސާފުކޮށްދެއްވުމަށްޓަކައި ، ﷲ ގެ ވަޙީ ބަސްފުޅައިގެން ، ސަލާމްލެއްވި ޖިބްރީލުގެފާނު ވަޑައިގެންނެވިއެވެ. ﷲ ގެ ޙަޟުރަތުން ޖިބްރީލުގެފާނު ގެންނެވީ ، ކީރިތި ޤުރުއާނުގެ އައްނަޙުލު ސޫރަތުގެ 106 ވަނަ އާޔަތުގައިވާ ވަޙީ ބަސްފުޅެވެ.
مَن كَفَرَ بِٱللَّهِ مِن بَعْدِ إيمَانِهِ إِلاَّ مَنْ أُكْرِهَ وَقَلْبُهُ مُطْمَئِنٌّ بِٱلإِيمَانِ وَلَـٰكِن مَّن شَرَحَ بِالْكُفْرِ صَدْراً فَعَلَيْهِمْ غَضَبٌ مِّنَ ٱللَّهِ وَلَهُمْ عَذَابٌ عَظِيمٌ
" އީމާންކަމަށް ، އެމީހާގެ ހިތްހަމަޖެހިގެންވާ ޙާލު ، މަޖުބޫރުވެގެންވާ މީހާ މެނުވީ ، އީމާންވުމަށްފަހު ، ﷲ އަށް ކާފަރުވެއްޖެމީހާ ، އަދި އެހެނެއްކަމަކު ، ( އެބަހީ : މަޖުބޫރުވެގެން ވިޔަސް ) ކާފަރުކަމަށް ހިތްތަނަވަސް ވެއްޖެމީހާ ، ( ދަންނާށެވެ ! ) ފަހެ ، އެއުރެންނަށް ، ﷲ ގެ ޙަޟުރަތުން ކޯފާލެއްވުން ހުށްޓެވެ. އަދި ، ބޮޑުވެގެންވާ ޢަޒާބު ، އެއުރެންނަށް ހުށްޓެވެ. "
ޢައްމާރުގެ ޙާލަތު ބަޔާންކުރައްވައި ، ﷲ ސުބްޙާނަހޫ ވަތަޢާލާ ސާފުކޮށް ބަޔާންކޮށްދެއްވާފައި އެވަނީ ، އިސްލާމްވުމަށްފަހު ، ހިތުގައިވާ އީމާންކަމަށް ބަދަލެއް ނުގެންނަމީހާއާއި ، އިސްލާމްވުމަށްފަހު ، ފުރާނަ ސަލާމަތްކުރުމަށްޓަކައި ، ހަމައެކަނި އަނގައިން ބުނެލާ ބަހަކުން ، ހިތުގައިވާ އީމާންކަމަށް ބަދަލެއް ނުގެންނަ މީހާގެ ޙާލަތެވެ.
ބިލާލު އިބްނު ރަބާޙު އިސްލާމްދީން ޤަބޫލުކުރެއްވުމުން ކުރިމަތިވެވަޑައިގެންނެވި ޙާލުކޮޅަކީ ، އެނެމެންވެސް ކަނބޮޑުވި ޙާލަތެކެވެ. ބިލާލުގެފާނަކީ ، ޙަބުސްކަރައިން މައްކާއަށް އައިސް އަޅަކަށް ވި ބޭކަލެކެވެ. ބިލާލުގެ ފާނަކީ ، ޢުމައްޔަ އިބްނު ޚަލަފް ގެ އަޅެކެވެ. އެއީ މުސްލިމުންނާ އެންމެ ބޮޑަށް ދެކޮޅު ، ޤްރައިޝުންގެ ބޮޑެކެވެ. ބިލާލުގެފާނު އިސްލާމްދީން ޤަބޫލުކުރެއްވިކަން ، އުމައްޔަ އިބްނު ޚަލަފަށް އެނގުމާއެކު ، ބިލާލުގެފާނަށް އަނިޔާކުރަމުން ސަހަރާއަށް ގެންގޮސް ، ރަތްދަކަ އަވީގެ ގަދަ ހޫނުގައި ، އުޑުތިލަމަތިން ބާއްވައި ، ހިލަދޮންކޮށްފައި އެކަލޭގެފާނުގެ މޭފުޅުމަތީ ބާއްވައިގެން އަނިޔާ ދެމުން ގެންދިޔައެވެ. އެއަނިޔާތަކާއެކުވެސް ، ބިލާލުގެފާނުގެ ދޫފުޅުން ވޭނާއެކީ އިއްވަމުން ގެންދެވި ބަސްފުޅަކީ ، ﷲ ގެ އެއްކައުވަންތަކަން ޤަބޫލުކޮށް ، ރަސޫލު ސައްލަﷲ ޢަލައިހި ވަސައްލަމަ އަކީ ﷲ ގެ ރަސޫލާކަން ޤަބޫލުކުރައްވައި އިއްވަމުން ގެންދެވި ، ބަސްފުޅެވެ. އެކަލޭގެފާނުގެ ހޭފުޅަށް ގޮތްވެގެންދިޔައިރުވެސް ވިދާޅުވަމުން ގެންދެވީ ، އަޙަދުން އަޙަދު ، މިބަސްފުޅެވެ. ﷲ ގެ އެއްކައުވަންތަ ކަމެވެ.
އަބޫބަކުރުގެފާނަކީ ، އެކަލޭގެފާނަށް ލިބިވަޑައިގެންވާ ހުރިހާ މުއްސަނދިކަމެއް ، އިސްލާމްދީނަށްޓަކައި ހޭދަކުރައްވަމުން ގެންދެވި ބޭފުޅެކެވެ. މައްކާގެ ކާފަރުންގެ އަޅުން އިސްލާމްވުމުން ، އެމީހުން އަނިޔާދެމުންގެންދާ އަޅުން ، މިނިވަންކޮށް ދޫކޮށްލެއްވުމަކީ ، އަބޫބަކުރުގެފާނުގެ އާދަފުޅެކެވެ.
އަބޫބަކުރުގެފާނު އެއްދުވަހަކު ، ރަށުތެރެޔަށް ނުކުމެވަޑައިގެން އުޅުއްވަނިކޮށް ، އުމައްޔަ އިބްނު ޚަލަފް ، ބިލާލުގެފާނަށް އަނިޔާ ކުރަމުންދަނިކޮށް ފެނިވަޑައިގެން ވިދާޅުވިއެވެ. އޭ އުމައްޔާއެވެ ! ތިކުރާ ކަމަކަށް ތިބާ ލަދެއް ނުގަންނަމު ހެއްޔެވެ ؟ އެ ޒުވާން އަޅަށް ތި އަނިޔާދެނީ ކޮންސަބަބަކާ ހުރެ ހެއްޔެވެ ؟ އުމައްޔާ ދެންނެވިއެވެ. އެކަންކުރީ ތިބާއެވެ . ތިބާފަދައިން އޭނާވެސް އެވަނީ އިސްލާމްދީން ޤަބޫލު ކޮށްފައެވެ. އޭނާ ހަލާކަށް ހުށަހެޅުމުގެ ސަބަބަކީ ތިބާއެވެ. މީނާ ސަލާމަތްކުރަން ތިބާއަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ ؟ އަބޫބަކުރުގެފާނު ، އުމައްޔާއަށް ވިދާޅުވިއެވެ. މިއަޅުކަލޭގެ ތިމަންނަޔަށް ވިއްކާށެވެ ! ޢުމައްޔާ ބުނި ޢަދަދަކަށް އަގު ދެއްވާފައި ، ބައްލަވައިގަނެ ، އަބޫބަކުރުގެފާނު ، ބިލާލުގެފާނު މިނިވަން ކުރެއްވިއެވެ.
އަބޫބަކުރުގެފާނަކީ ، އެކަލޭގެފާނު އަވަހާރަވުމުގެ ކުރިން ، ސުވަރުގޭގެ ނިޢުމަތް ލިބިވަޑައިގެންވާކަން ކަށަވަރު ވެގެންވީ ބޭކަލެކެވެ. އަބޫބަކުރުގެފާނު ފިޔަވައި ، ސުވަރުގެ ކަށަވަރުވެގެންވާކަން ، ބަޔާންކުރެވުނު ބައެއް ބޭކަލުން ވެއެވެ. އޭގެ ތެރޭގައި ބިލާލުގެފާނުވެސް ހިމެނިވަޑައިގަންނަވައެވެ. ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ، މިޢުރާޖު އަރާވަޑައިގެން ވަޑައިގަތުމަށްފަހު ، ބިލާލުގެފާނުގެ ފިޔަވަޅުފުޅުގެ އަޑު ، ސުވަރުގެއިން އިވިވަޑައިގެންނެވިކަމަށް ބިލާލުގެފާނަށް ވިދާޅުވިއެވެ.
ސިއްރިޔާތުގައި ދީނަށް ގޮވައިލެއްވުމުގެ މަސައްކަތްޕުޅު ކުރިޔަށް ގެންދެވިނަމަވެސް ، އެކަލޭގެފާނު އެގެންނެވި ދީނެއްގެ ވާހަކަ ، ތުންތުންމަތިން ، މުޅި އެ ސަރަޙައްދަށް ފެތުރިގެން ދިޔައެވެ. ދުރު ހިސާބުތަކަށް އެވާހަކަ އިވި ، އެކިހިސާބުތަކުން ، އިސްލާމްދީނަށް ވަންނަމުން ދިޔަމީހުންގެ ޢަދަދު އިތުރުވަމުން ދިޔައެވެ. އަބޫޛައްރު އަލްރިފާރީ އާއި އެކަލޭގެފާނުގެ ޢާއިލާ ، އޭގެތެރޭގައި ހިމެނިވަޑައިގަތެވެ. އަބޫޛައްރު އިސްލާމްވެވަޑައިގަތުމުން ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ އޭނާއަށް ހެޔޮ ދުޢާކުރައްވައި ، އެކަލޭގެފާނުގެ ރަށަށް ވަޑައިގެން ، ދީނަށް ގޮވައިލެއްވުން ޢާންމު ކުރައްވަންދެން މަޑުކުރެއްވުމަށް ވިދާޅުވިއެވެ.
ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ، ދީނަށް ގޮވައިލެއްވުމުގެ ކުރީކޮޅުގައި ، ޤްރައިޝުންގެ ބައެއް ޤަބީލާތަކުގެ އިސް މީހުންވެސް ، އިސްލާމްދީން ޤަބޫލުކުރަމުން ގެންދިޔައެވެ. އޭގެތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ، ޢަބްދުއްރަޙްމާން އިބްނު ޢަވްފު ، އަބޫ ޢުބައިދާ ، ޢާމިރު އިބްނު ޖައްރާޙް ، ސަޢީދު އިބްނު ޒައިދު އާއި އެކަލޭގެފާނުގެ އަނބިކަނބަލުން ، ފާތިމަތު ބިންތުލް ޚައްޠާބު ހިމެނިވަޑައިގަންނަވައެވެ. ޚާލިދު އިބްނު ސަޢީދު އިބްނު ޢާސް ، އަރުޤަމް އިބްނު އަބިލް އަރުޤަމްފަދަ އެތައް ބޭފުޅުންނެއް ހިމެނިވަޑައިގަންނަވައެވެ. އިސްލާމްދީނުގެ އުޞޫލުތައް ދަސްކޮށް ، އިޢުތިޤާދު ހަރުދަނާކޮށް ، ކީރިތި ޤުރުއާނުގެ އަޔަތްތައް ކިޔެވުމުގެ މަރުކަޒަކަށް ވެގެން ދިޔައީ ، އަރުޤަމް އިބްނު އަބިލް އަރުޤަމްގެ ގެކޮޅެވެ. އެހިސާބުން ، އިސްލާމްދީން ޤަބޫލުކުރާ މީހުންނަށް ފާޅުގައި އަނިޔާކުރުމަށް ޤްރައިޝުން ޖެހުލިލުން ވިއެވެ.
އެއްދުވަހަކު ، ޖިބްރީލް ޢަލައިހިއްސަލާމް ، އިންސާނެއްގެ ސޫރައިގާ ވަޑައިގެން ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމައާ ބައްދަލުކުރެއްވިއެވެ. އަދި ، ވުޟޫކުރައްވަން އެކަލޭގެފާނަށް ދަސްފުޅުކޮށް ދެއްވިއެވެ. އެއަށްފަހު ، ނަމާދުކުރައްވަން ، ދަސްފުޅުކޮށް ދެއްވިއެވެ. އޭރު އަދި ނަމާދަކީ ވާޖިބުކަމެއްގެ ގޮތުގައި ހަމައެއް ނުޖެހެއެވެ. އެއީ އަޅުކަމުގެ ޢިބާދާއެއްގެ ގޮތުގައި ބޭނުންކުރެވެމުން ދިޔައެވެ. މުސްލިމުންގެ ޢަދަދު ސާޅީސްވެސް އޭރު އަދި ހަމައެއް ނުވެއެވެ. ތިރީސް ކޮންމެވެސް ވަރެކެވެ. ނަމާދު ކުރައްވަންވީމަ ، އެބޭކަލުން ވަޑައިގަންނަވަނީ މީހުންނާ ދުރުހިސާބަކަށެވެ. ސަހަރާއަށް ނުވަތަ ފަރުބަދަ މައްޗަށެވެ. މުސްލިމުންނަށް ނަމާދު ފަރުޟު ކުރެއްވުނީ ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ މިޢުރާޖު އަރާވަޑައިގަތް ރޭގައެވެ.
ވަކިހިސާބަކުން ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިސް ބޭފުޅުންނަށް އިންޒާރު ކުރެއްވުމަށް ، ﷲ ސުބްޙާނަހޫ ވަތަޢާލާ އެންގެވިއެވެ. ﷲ ގެ މިއެންގެވުމާ ގުޅިގެން ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އެންމެ އަރިސް ބޭފުޅުން އެއްކުރެއްވިއެވެ. އަދި ، ޤަބީލާއަކަށްފަހު ޤަބީލާއެއް ގެންނަވައި ، ޞަފާ ފަރުބަދަ މައްޗަށް މީސްތަކުން އެއްކުރެއްވިއެވެ. ޞަފާ ފަރުބަދައިގެ އެންމެ އުސް ކުންނަށް އަރާވަޑައިގެން ހުންނަވައި ، އެކިމީހުންނާއި އެކި ޤަބީލާގެ ނަމުން ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ގޮވައިލައްވަން ފެށްޓެވިއެވެ. ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބޮޑުބޭބޭފުޅެއްކަމުގައިވާ އަބޫލަހަބުވެސް އެތަނަށް ދިޔައެވެ. ބައެއްމީހުން ހީކުރިގޮތުގައި ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ އެގެންނެވި ދީނެއް ދޫކޮށްލައްވަނީއެވެ. ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރައްވަން އެއުޅުއްވާކަމެއް އެއްވެސް މީހަކަށް ނޭނގެއެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ. މިފަރުބަދައިގެ އަނެއްފަރާތުގައި ، ތިޔަބައިމީހުން ނެތިކޮށްލަން އައިސް ، އަހަށް ސަވާރުވެތިބި ފައުޖެއް އެބައޮތޭ ތިމަންކަލޭގެފާނު ވިދާޅުވެއްޖެނަމަ ، ތިޔަބައިމީހުން ބުނާނީ ކީކޭ ހެއްޔެވެ ؟ އެބައިމީހުން އެއް އަޑަކުން ދެންނެވިއެވެ. ކަލޭގެފާނަކީ އިތުރުފުޅު ހެއްދެވި ބޭފުޅެއްނޫނެވެ. ތިމަންމެން ، ތިވާހަކަފުޅު ތެދުކޮށް ޤަބޫލުކުރާނަމެވެ.
ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ، އެކި މީހުންގެ ނަމުންނާއއި އެކި ޤަބީލާތަކުގެ ނަމުން ވަކިވަކިން މުޚާތަބުކޮށް ވިދާޅުވިއެވެ. ތިޔަބައިމީހުންގެ މައްޗަށް އަންނަން އޮތް ހަލާކެއްގެ އިންޒާރު ، ތިމަންކަލޭގެފާނު ދެއްވަމެވެ. އެބައިމީހުން ހެޔޮޢަމަލު ކުރުމަށް އެކަލޭގެފާނު ނަޞޭޙަތްތެރިވެ ވަޑައިގަތެވެ. އަދި ، އެބައިމީހުންގެ މައްޗަށް އަންނަ ހަލާކަކުން ، އެކަލޭގެފާނަށް ، އެބައިމީހުން ސަލާމަތް ނުކުރެއްވޭނެކަމުގައި ވިދާޅުވިއެވެ.
އެހިނދު ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޖަވާބެއްދޭން އިސްނެގިމީހަކީ ، އަބޫލަހަބެވެ. އަބޫލަހަބު ބުންޏެވެ. ކަލޭގެފާނަށް ހަލާކު ހުށްޓެވެ. ތިމަންމެން މިތަނަށް އެއްކުރި ސަބަބަކީ ތިއީހެއްޔެވެ ؟ އަބޫލަހަބަށް ނޫނީ އެކަލޭގެފާނަށް ރައްދެއްދޭކަށް ނުކެރުނެވެ. އެންމެން ތިބީ އަބޫލަހަބާ ދިމާއަށް ބަލަހައްޓައިގެންނެވެ. އެހިނދު ، ﷲ ސުބްޙާނަހޫ ވަތަޢާލާ ، ޖިބްރީލް ޢަލައިހިއްސަލާމް އެތަނަށް ފޮނުއްވިއެވެ. އަދި ކީރިތި ޤުރުއާނުގެ އަލްމަސަދު ސޫރަތް ބާވައިލެއްވިއެވެ.
تَبَّتْ يَدَآ أَبِى لَهَبٍ وَتَبَّ ﴿١﴾ مَآ أَغْنَىٰ عَنْهُ مَالُهُ وَمَا كَسَبَ ﴿٢﴾ سَيَصْلَىٰ نَاراً ذَاتَ لَهَبٍ ﴿٣﴾ وَٱمْرَأَتُهُ حَمَّالَةَ ٱلْحَطَبِ ﴿٤﴾ فِى جِيدِهَا حَبْلٌ مِّن مَّسَدٍ ﴿٥ ﴾
" އަބޫލަހަބުގެ ދެއަތް ގެއްލި ހަލާކުވެ ދާށިއެވެ ! ( އެބަހީ : އަބޫ ލަހަބަށް ހަލާކު ހުށްޓެވެ ) އަދި ، އޭނާ ގެއްލި ހަލާކު ވެއްޖެއެވެ. (1) އޭނާގެ މުދަލާއި ، އޭނާ ހޯދާފައިވާ ތަކެތި އޭނާޔަކަށް ( އެއްވެސްކަމެއް ) ފުއްދައެއް ނުދިނެވެ، (2) ހުޅުގަނޑުގެ ވެރި ނަރަކަޔަށް ، ނިކަންހުރެ އޭނާ ވަންނާނެތެވެ. (3) އަދި ، ދަރު އުފުލަމުން ހިނގާ ، ( އެބަހީ : ދެބައޮޑުވަމުން ހިނގާ ) އޭނާގެ އަނބިކަނބުލޭގެވެސް މެއެވެ. (4) ކިފުޅިން އަޅާފައިވާ ވަލެއް ، އެކަނބުލޭގެ ކަރުގައި ވެއެވެ. (5)
މި ސޫރަތަކީ ، ޤްރައިޝުންގެ މެދުގައި އަބޫލަހަބަށް މަލާމާތް ކުރެވިގެންދިޔަ ބަސްތަކެއް ހިމެނޭ ސޫރަތެކެވެ. ޤްރައިޝުންގެ ކުޑަކުދިން މަގުތަކުގައިވެސް ، މި ސޫރަތް ކިޔައި ހެދިއެވެ. އަދި ބައެއް ބޭކަލުން ، ނަމާދުގައި މި ސޫރަތް ތަކުރާރުކޮށް ކިޔަވައި ވިދާޅުވަމުން ގެންދެވިއެވެ. މި ސޫރަތް ބާވައިލެއްވުމާ ގުޅިގެން ، އަބޫލަހަބުގެ އަންހެނުން ، އުންމު ޖަމީލު ރުޅިއައިސް ރަތްވިއެވެ. އޭގެ ފަހުދުވަހު ، ނުވަތަ ފަހުގެ ދުވަހެއްގައި ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލައަށް އަނިޔާދޭން އުންމު ޖަމީލު ނިންމިއެވެ. ހިލަގަނޑެއް ނަގައި ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަ އިންނެވި ދަރުބާރަށް ގޮސް ، އެކަލޭގެފާނުގެ ގައިކޮޅުގައި އެހިލައިން ޖެހުމަށް ނިންމިއެވެ. ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަ އިންނެވީ ، އަބޫބަކުރުގެފާނުގެ ކަނާތްޕުޅު ފަރާތުގައެވެ. އެހެނަސް ، އޭނާއަކަށް ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލައެއް ނުފެނެއެވެ. އޭނާގެ ލޮލުގެ ފެނުން ﷲ ގެންދެވިއެވެ. އެއަންހެނާ އަބޫބަކުރުގެފާނަށް ދެންނެވިއެވެ. ތިބާގެ ރަޙުމަތްތެރިޔާ ކޮބައި ހެއްޔެވެ ؟ ތިމަންނަޔަށް އެކަލޭގެފާނު ފެނިއްޖެނަމަ ، މިހިލައިން އެކަލޭގެފާނުގެ ގައިކޮޅުގައި ޖަހާނަމެވެ. އެވަގުތު ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަ ، އަބޫބަކުރުގެފާނަށް ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ނުފެންނަ ގޮތަށް ، ﷲ ވަނީ އެއަންހެނާގެ ލޮލުގެ އަލިކަން ގެންދަވާފައެވެ. އެ އަންހެނާއަކަށް ތިމަންކަލޭގެފާނެއް ނުފެންނާނެއެވެ. (ނުނިމޭ)