( ޢީދުހަދިޔާއަކަށް ، ދިގުކޮށް ގެނެސްދީފައިވާ ބައެއް )
( 6 އެޕްރީލް 2024 ގައި ޝާއިޢުކުރި ބަޔާ ގުޅޭ )
ނޫރުގެ ފޯނާގުޅިގެން ، ތަހުނިޔާއަށް ލިބިފައިވާ ކަންބޮޑުވުން އޭނާއަށް އިޙްސާސް ވިޔަނުދޭން މަސައްކަތް ކުރަމުން ދަނިކޮށް ، މުރުތަޟާ އައިސް ކޮޓަރިޔަށް ވަނެވެ. ތަހުނިޔާ އަދިވެސް ނުނިދާ އިންތަން ފެނުމުން ، މަޑުމަޑުން އައިސް އެނދުގައި ޖައްސައިލިއެވެ. މަންމަގާތު ވަގުތުކޮޅެއް ހޭދަކޮށްލެވުނީކަމަށް މުރުތަޟާ ބުންޏެވެ. އަދި ތަހުނިޔާގެ ފަޔަށް ކިހިނެއްތޯ އަހައިލިއެވެ. ތަހުނިޔާ އެއިންނަނީ މުރުތަޟާ އަންނާނެ ވަގުތަކަށް ، މުރުތަޟާއަށް އިންތިޒާރު ކޮށްގެންނެވެ.
ޠާހިރާގެ ކޮޓަރިޔަށް ބަދަލުވުމުގެ ވާހަކައިން ، މަންމަޔަށް އަރާފައި އޮތް އޮޅުން ސާފުކޮށްދެވިއްޖެކަމަށް މުރުތަޟާ ބުންޏެވެ. ތަހުނިޔާގެ މޫނުމަތިން އުފާވެރިކަން ފާޅުވިއެވެ. ހިތުގައިވާ ކަންބޮޑުވުންތައް އެއްކޮށް ފިލައިގެން ދިޔަކަހަލައެވެ. އެކަމަށްޓަކައި ، ތަހުނިޔާ ، ﷲ އަށް ޝުކުރު އަދާކޮށް ޙަމްދު ކުރިއެވެ.
އެވާހަކަ ތަހުނިޔާއަށް އެ ބުނެވުނީ ކީއްވެގެންކަމެއް ނޭނގެއެވެ. ނޫރުގެ ކޯލެއް އައިވާހަކަ ތަހުނިޔާއަށް ބުނެވުނެވެ. އަދި ، މުރުތަޟާގެ ވާހަކަ އެހިކަމަށްވެސް ބުންޏެވެ. އެވާހަކަޔަކީ މުރުތަޟާ އެހާ އަހާހިތްވި ވާހަކަޔަކަށް ނުވިއެވެ. މުރުތަޟާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. މުރުތަޟާއާ ބެހޭ ސުއާލެއްކުރަން ، ތަހުނިޔާއަށް ފޯނުކުރުމުގެ ބޭނުމަކީ ކޮބައިތޯ ، މުރުތަޟާއަށް ސުއާލު ކުރެވުނެވެ.
" ނޫރުއަށް ޤަބޫލުކުރެވިފައިވާ ގޮތުގައި ، އަހަރެމެން ދެމީހުންނަށްވުރެ ، ނޫރުއަށް ކުރިޔަށް ޖެހިލެވިއްޖެއެވެ. އަހަރެމެން މިތިބީ ކުރިންވެސް ތިބި ހިސާބުގައިކަމަށް ނޫރު ބުންޏެވެ. " ތަހުނިޔާ ބުންޏެވެ.
މުރުތަޟާ އެނދުން ތެދުވެ ކުޑަދޮރާ ދިމާއަށް ހިނގައިގަތެވެ. އެމީހުންނަކީ ، ނޫރުގެ ވިސްނުމާ ފަލްސަފާއާ އެއްގޮތަށް ދިރިއުޅޭ ބަޔެއްނޫންކަމަށް މުރުތަޟާ ބުންޏެވެ. ސުއާލެއްކޮށްލަންތޯ މުރުތަޟާ ގާތު ތަހުނިޔާ އެހިއެވެ. ތަހުނިޔާގެ ސުއާލަށް ތައްޔާރުވެ ، މުރުތަޟާ ، ތަހުނިޔާއާ ކުރިމަތިލިއެވެ. އެކުރާ ސުއާލެއްގެ އަޑުއަހަން ތަހުނިޔާއާ ދިމާއަށް ބަލަހައްޓައިގެން ހުށްޓެވެ.
" ނޫރު މިތާނގައި އިސްލާމްއާބާދުގައި ، މުރުތަޟާގެ ރަޙުމަތްތެރިއެއްގެ ގޮތުގައި ހުރިނަމަ ، މުރުތަޟާއަށް ލިބުނު އާ ވަޒީފާގެ ވާހަކަ އެންމެ ފުރަތަމަ ބުނާނީ ކާކުގާތުގައި ހެއްޔެވެ ؟ " ތަހުނިޔާ ސުއާލު ކުރިއެވެ.
ތަހުނިޔާ އެ ސުއާލު އެކުރީ ކީއްވެގެންކަން މުރުތަޟާ ދެނެގަތެވެ. ތަހުނިޔާއާ ގާތަށް ޖެހިލައި ، އެސުއާލަށް ޖަވާބެއްނުދީ ، ތަހުނިޔާއަށް ކާއެއްޗެއް ގެނެސްދެންތޯ ސުއާލު ކުރިއެވެ. ތަހުނިޔާ ، އެއްވެސް އެއްޗެއް ބޭނުމެއްނޫނޭ ބުނެ ، މުރުތަޟާއަށް ޝުކުރު އަދާކުރިއެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު ، ތަހުނިޔާގެ ބޮލުގައި ފިރުމައިލިއެވެ. އަދި ނިދަމާ ހިނގާށޭ ބުނެ އެނދުން އޭނާއަށް ޚާއްޞަވެފައި އޮންނަ ފަރާތުގައި އޮށޯވެލިއެވެ.
މުރުތަޟާ އޮފީހަށްގޮސް ، އިރުކޮޅަކުން ތަހުނިޔާއަށް ފޯނުކުރިއެވެ. އޭރު ، ތަހުނިޔާ އުޅެނީ މަންމަމެންގެޔަށް ގޮހެވެ. ފައިއެޅުނުތަނާ އެންމެ ފުރަތަމަވެސް ، ތަހުނިޔާ ބޭނުންވީ މަންމަގާތަށް ގޮސްލުމަށެވެ. މުރުތަޟާވެސް އެއަންނަނީ އެގެޔަށް ކަމަށާއި ގޭކައިރިޔަށްގޮސް ގުޅާލީމަ ބޭރަށް ނުކުތުމަށް މުރުތަޟާ ބުންޏެވެ.
ކޮންތާކަށް ދާންތޯ ތަހުނިޔާ ސުއާލު ކުރިއެވެ. ކޮންމެ ތާކަށްދިޔަޔަސް އޭނާއާއެކީ ގޮސްލެވިދާނެ ނޫންހޭ ބުނުމުން ، ތަހުނިޔާ އެކަމަށް އާނބަސް ބުންޏެވެ.
ތަހުނިޔާ ގޮވައިގެން ، މުރުތަޟާ ގޮސްވަނީ ، ރީތިގެޔަކަށެވެ. ގެޔަށް ވެއްދުމަށްފަހު ، ތަހުނިޔާއަށް އެގޭގެ އެކިތަންތަނާއި ކޮޓަރިތައް ދައްކަމުން ގެންދިޔައެވެ. ތަހުނިޔާއަށް އެގެ ވަރަށް ކަމުދިޔައެވެ. މުރުތަޟާ ، ތަހުނިޔާއަށް ގޮވާލައި ކައިރިޔަށް ގެނެސް ، ކޮނޑުގައި ހިފައިލިއެވެ.
" ތަހުނިޔާއެވެ ! ތަހުނިޔާއަށް ޤަބޫލުކުރެވިފައި އޮންނަ ގޮތުގައި ، އަހަރެންނަށް ލިބޭ އުފާ ، ތަހުނިޔާއާ ޙިއްޞާ ކުރެވެނީ އެހެންމީހުންގާތު އެވާހަކަ ބުނެފައި އޭގެފަހުން ނޫންހެއްޔެވެ ؟ އަހަރެން ، މިގެޔަށް ތަހުނިޔާ މިގެނައީ ، ތަހުނިޔާގެ ވިސްނުމުން އެކަން ދުރުކޮށް ، އަހަރެންނަށް މި ލިބުނު އުފާ ، އެންމެ ފުރަތަމަވެސް ތަހުނިޔާއާ ޙިއްޞާ ކުރުމަށްޓަކައެވެ. މިއީ ، އަހަރެންގެ ކުންފުނިން ، އަހަރެންނަށް ހަމަޖައްސައިދިން ގެޔެކެވެ. " މުރުތަޟާ ބުންޏެވެ.
ތަހުނިޔާއަށް މުރުތަޟާގެ ވާހަކަ ޤަބޫލުކުރަން ދަތިވިއެވެ. އުފަލުންގޮސް ، ތަހުނިޔާ ފޮޅުނެވެ. މޫނުމައްޗަށް ފިޔާތޮށިކުލަ އަރައިގެން ދިޔައެވެ. އެގޭގެ މާސްޓަރ ބެޑްރޫމްހުރީ މަތީބުރީގައެވެ. މުރުތަޟާ ، ތަހުނިޔާގެ އަތުގައި ހިފާލައިގެން ގެންގޮސް އެ ކޮޓަރިޔަށް ވެއްދިއެވެ. އެހެން ހުރިހާ ކޮޓަރިޔަކަށްވުރެ ، އެކޮޓަރި ރީއްޗެވެ. ގޭގެ ބަގީޗާ ފެންނަގޮތަށް ، ބިތް ފުރެންދެންހުރި ކުޑަދޮރެއް ލެވިފައި ހުށްޓެވެ. އެއީ ، އޭނާގެ ކޮޓަރިކަމުގައި ތަހުނިޔާ ނިންމިއެވެ. އަދި ، އެހެންމީހަކަށް އެކޮޓަރި ނުދިނުމަށް މުރުތަޟާގެ ކިބައިން އެދުނެވެ. އަހަރެމެންގެ ކޮޓަރި ނަގާނީ ، އެހެންމީހުން ބޭނުންވާ ކޮޓަރިއެއް ނެގުމަށްފަހުގައި ކަމުގައި ނުބުނުމަށް ، މުރުތަޟާގާތު ތަހުނިޔާ އެދުނެވެ. މުރުތަޟާގެ ވިސްނުމުގައި އެކަން އެގޮތަށް އޮތްނަމަ ، އެންމެ ފުރަތަމަވެސް ، ތަހުނިޔާ ގޮވައިގެން ، ގެ ދައްކާލާކަށް ނާންނާނެ ނޫންހެއްޔެވެ ؟
ތަހުނިޔާއަށް ގެދައްކާފައި ގެޔަށްގޮސް ، މަންމަޔަށް ގޭގެ ތަންތަނާއި ކޮޓަރިތައް ދައްކަމުން ، ގޭގެ ރީތިކަމުގެ ވާހަކަ މުރުތަޟާ ދައްކަމުން ގެންދިޔައެވެ. ޙަފުޞާވެސް ހިނިއައިސް އިނދެ ، ގޭގެ ފޮޓޯތައް މުރުތަޟާގެ ފޯނުން ބަލަމުން ގެންދިޔައެވެ. އަދި ، އެންމެ ފަހުން ، ޙަފުޞާއަށް މުރުތަޟާ ޚާއްޞަކުރި ކޮޓަރި ދައްކައިލުމަށްފަހު ، އެކޮޓަރި ކިހިނެއްތޯ މަންމަ ކުރެން އަހައިލިއެވެ. ތަހުނިޔާވެސް ހެވި ދިލިފައި މުރުތަޟާގާތު ، ކޮޅަށް ހުށްޓެވެ.
މުރުތަޟާއަށް އެ ލިބުނު ކާމިޔާބީއަށް ޙަފުޞާ އުފާކޮށް ، ﷲ އަށް ޙަމްދާއި ޝުކުރު ކުރިއެވެ. އަދި މުރުތަޟާގެ ދެމަފިރިންނަށް ބާއްޖަވެރިކަން މިންވަރު ކުރެއްވުން އެދި ދުޢާ ކުރިއެވެ. އެއަށްފަހު ، މިހާރު ދިރިއުޅޭ ގެ ދޫކޮށްފައި އެހެން ތާކަށް ދާން ބޭނުންނުވާކަމުގައި ޙަފުޞާ ބުންޏެވެ. އެގެޔަކީ ، މުރުތަޟާގެ ބައްޕަގެ ހަނދާންތަކާ ގުޅިފައިވާ ގެޔެކެވެ. މުރުތަޟާމެންގެ ކުޑައިރުގެ ހަނދާންތައްވެސް ގުޅިފައި އޮތީ އެގެޔާއެވެ. އެއީ ޙަފުޞާގެ ހަށިގަނޑާ ވަކިކުރެވޭނެ ހަނދާންތަކެއް ނޫނެވެ. ޙަފުޞާ އިންނާނީ އެގޭގައެވެ.
ޙަފުޞާ އެބުނި ވާހަކަޔަކުން ، މުރުތަޟާއާއި ތަހުނިޔާއަށް ކަންބޮޑުވުން އިޙްސާސްވިއެވެ. ދެމީހުންގެ މޫނުމަތިންވެސް ހާސްކަން ފާޅުވިއެވެ. އެގެޔަކީ ، އޭނާ އަލަށް ގުޅުނު އޮފީހުގެ ފަރާތުން ލިބުނު ގެޔެކެވެ. މުރުތަޟާ ބޭނުންވީ ، އެންމެން އާގެޔަށް ބަދަލުވެފައި ، މިހާރު އެއުޅޭގެ މަރާމާތުކޮށްލުމަށްފަހު ، ކުއްޔަށް ދޭށެވެ. އެގެއިން ލިބޭ ކުއްޔަކީ އޭނާ ބޭނުންކުރާނެ އެއްޗެއްނޫނެވެ. އެއީ މަންމަގެ އެއްޗެކެވެ. ކުލި ޖަމާވަމުންދާނީ މަންމަގެ އެކައުންޓަށެވެ.
މުރުތަޟާއާއި ތަހުނިޔާ ބޭނުންނަމަ ، އެދެމީހުންނަށް އެގެޔަށް ބަދލު ވެވިދާނެކަމަށް ޙަފުޞާ ބުންޏެވެ. ޙަފުޞާއާއި ޠާހިރާއާ ދެމައިން އަރުސަލާންއާއެކު މިހާރު އެއުޅޭގޭގައި އުޅޭނީއެވެ. އެއީ ޙަފުޞާއަށް އެއްވެސް މައްސަލައެއް އޮތްކަމެއްނޫނެވެ.
މަންމަ ނުދާން ނިންމައިފިނަމަ ، މުރުތަޟާއާއި ތަހުނިޔާވެސް އެގެ ދޫކޮށްލާފައި ، އެހެންގެޔަކަށް ބަދަލުވާން ބޭނުން ނުވާނެކަމަށް މުރުތަޟާ ބުންޏެވެ. އެހެންނޫންހޭ ބުނެ ތަހުނިޔާއަށް މުރުތަޟާ ދޯ އެއްލިއެވެ. ޙަފުޞާ އިނީ ތަހުނިޔާގެ މޫނަށް އަންނަމުންދާ ކުލަވަރު ބަލާށެވެ. ތަހުނިޔާ ، އެގެޔަށް ބަދަލުވާން ބޭނުންވެފައި އިންކަން ޙަފުޞާއަށް އެނގުނެވެ. މުރުތަޟާ އެއްލި ދޯގައި ހިފައި ، ތަހުނިޔާއަށް ބުނެވުނީ ހަމައެކަނި އާނއެކޭއެވެ. އަދި ، އާނއެކޭ ބުނެ އެތާ މަޑުނުކޮށް ، ހެދުން ބަދަލުކޮށްލައިގެން އެބަ އަންނަމޭ ބުނެ ، ތަހުނިޔާ އެތަނުން ދިޔައެވެ.
މުރުތަޟާގެ އެ ނިންމުމަކީ ތަހުނިޔާ ހިތްހަމަ ޖެހުނު ނިންމުމެއްނޫންކަން މުރުތަޟާއަށްވެސް ، ވިސްނުނެވެ. މުރުތަޟާގެ އެ ނިންމުމަކީ ، ތަހުނިޔާ ހިތްހަމަޖެހޭނެ ނިންމުމެއްނޫންކަން އެނގޭކަމަށް ޙަފުޞާވެސް ބުންޏެވެ. އެދެމީހުންގެ ދިރިއުޅުމުގައި އަންނަ އުފާވެރި ކަންކަމަށް ހުރަހަކަށްވާކަށް ޙަފުޞާ ބޭނުމެއްނޫނެވެ. މުރުތަޟާއާއި ތަހުނިޔާ ބޭނުންކަމަށް ވަންޏާ ، އެދެމީހުން އެގެޔަށް ބަދަލުވާންވާނީއެވެ. އެއީ އެއްވެސް ވަރަކަށް ، ޙަފުޞާ ހިތްހަމަނުޖެހޭނެކަމެއްނޫނެވެ.
އެހެންނަމަވެސް ، މަންމައާއި ޠާހިރާ އަދި އަރުސަލާން ދޫކޮށްލާފައި އޭނާއާއި ތަހުނިޔާ އެހެންތާކަށް ދާން ބޭނުންނުވާކަމުގައި މުރުތަޟާ ބުންޏެވެ. މަންމަގެ ކޮންމެ ބަހަކީވެސް އަދި ކޮންމެ ނިންމުމަކީވެސް ރަނގަޅު ނިންމުމެއްކަމަށް މުރުތަޟާ ޤަބޫލު ކުރިއެވެ. އެކަމާބެހޭގޮތުން ، ތަހުނިޔާއާ އޭނާ ވާހަކަ ދައްކާނެކަމަށް މުރުތަޟާ ބުންޏެވެ. މީހެއްގެ ހިތަށް ތަކުލީފެއް ލިބޭގޮތަށް ހޯދޭ އެއްވެސް އުފަލެއް ތަހުނިޔާ ޤަބޫލެއް ނުކުރާނެއެވެ. ތަހުނިޔާގެ ވިސްނުމާއި މިޒާޖު ، މުރުތަޟާއަށް ރަނގަޅަށް އެނގޭކަން މަންމަޔަށް އަންގައިލިއެވެ.
މުރުތަޟާފަދަ ބަސްއަހާ އޯގާތެރި ދަރިޔަކު ޙަފުޞާއަށް ލިބުނުކަމަށްޓަކައި ﷲ އަށް ޙަމްދު ކުރިއެވެ. އަދި ، ކޮޓަރިޔަށްގޮސް ތަހުނިޔާއާ ވާހަކަދައްކާލައިގެން ތަހުނިޔާ ހަމަޖައްސައިލުމަށް މުރުތަޟާގެ ކިބައިން އެދުނެވެ. އެ ޢުމުރުގައި ބޭނުންވާ އުފަލާއި އަރާމާ އަދި ދިރިއުޅުމަށް ކުރެވޭ އުއްމީދުތަކެއް ހުންނާނެކަން ޙަފުޞާއަށް އެނގެއެވެ. އެއީ ދިރިއުޅުމުގައި ލިބޭ ކުރިއެރުމެކެވެ. މުރުތަޟާއަށް އެލިބުނީ ، ދިރިއުޅުމުގައި ކުރިޔަށް ދާން ރަނގަޅު ފުރުޞަތެކެވެ. ތަހުނިޔާއާ ދެމަފިރިން ، ބާއްޖަވެރިކަމާއެކު އެކަނި ދިރިއުޅުމަށް ހުޅުވުނު މަގެކެވެ. އެއީ ، ކޮންމެ އަންހެންކުއްޖަކުވެސް ދެކޭނެ ހުވަފެނެކެވެ. ލޯބިން ވާހަކަ ދައްކައި ވިސްނައިދިނީމަ ، ތަހުނިޔާއަށް ރަނގަޅުގޮތް ވިސްނޭނެއެވެ. އެއީ ބަސް އަހާ ރަނގަޅު ކުއްޖެއްކަމުގައި ޙަފުޞާ ބުންޏެވެ. މަންމަގެ އަތުގައި ބޮސްދިނުމަށްފަހު މުރުތަޟާ ގޭތެރެޔަށް ވަދެގެން ދިޔައެވެ. ޙަފުޞާ އިނީ އެދިމާވި ކަންތަކާ ކަންބޮޑުވެ ހާސްވެފައެވެ.
މުރުތަޟާ ގޮސް ކޮޓަރިޔަށް ވަތްއިރު ، ތަހުނިޔާގެ މޫނުމަތިން ފެންނަންހުރި އަސަރުތަކުން ، އޭނާއަށް ލައްކަ ވާހަކަ އެނގުނެވެ. ތަހުނިޔާގެ ޖަޒުބާތަށް އެވަނީ އަސަރުކޮށްފައެވެ. ޒުވާން ޢުމުރުގައި ، އެކަނި އުޅެލަން އެލިބުނު ފުރުޞަތު ގެއްލިގެން އެދިޔައީ ނިދަން އޮއްވާ ، ހުވަފެނެއް ފެނިފައި ހޭލެވުނުފަދަ ފަސޭހަ ގޮތަކަށެވެ. އެއީ ހާދަ ބޮޑު އުއްމީދެކެވެ.
އެކަމުގައި މުރުތަޟާގެ ކުށްވެސް އެބައޮތެވެ. ދިރިއުޅުމާގުޅޭ އެހާބޮޑު ނިންމުމެއް ނިންމުމުގެ ކުރިން މަންމަޔާ ދޭތެރޭގައި އޭނާ ވިސްނައިލަން ޖެހޭނެއެވެ. މަންމަޔަށް އެފަދަ ނިންމުމަކުން ކުރާނެ އަސަރާމެދު ، ވިސްނައިލަން ޖެހޭނެއެވެ. މުސްކުޅިވެފައި އިން މަންމައެއް އެކަނި އެކަންޏަށް ދޫކޮށްލާފައި ، ފިރިހެންދަރިޔަކަށް ގެއިން ނުކުމެގެން ދިއުން އެއީ ކިހާވަރެއްގެ ކަމެއްކަން މުރުތަޟާވެސް ވިސްނައިލަން ވާނެއެވެ.
މަންމަގެ އެނިންމުން ގޯސްކޮށް ނުނެގުމަށް ތަހުނިޔާގެ ކިބައިން މުރުތަޟާ އެދުނެވެ. އެމީހުންނަށް ލިބޭ ކޮންމެ އުފަލަކަށް މަންމަ ހެޔޮހިތުން ތާއީދު ކުރާނެއެވެ. އެދެމީހުން ބޭނުންކަމަށް ވަންޏާ ، އެގެޔަށް ބަދަލުވުމާމެދު ، މަންމަގެ އެއްވެސް ހިތްބުރަކަމެއް ނެތްކަމަށް މުރުތަޟާ ބުންޏެވެ. މަންމަ އެދޭ ގޮތަކީވެސް އެއީއެވެ. ހަމައެކަނި މައްސަލަޔަކީ ، މިގެ ދޫކޮށްލާފައި އެހެންތާކަށް ދާން މަންމަގެ ހިތް ނޭދުމެވެ. އެ ޢުމުރުގައި މަންމަ ދޫކޮށްލުމަކީ މުރުތަޟާ އަށް ކުރެވޭވަރުގެ ކަމަކަށް ނުވާނެކަން ތަހުނިޔާވެސް ޤަބޫލުކުރެއެވެ. ތަހުނިޔާ މުރުތަޟާއާ ދިމާއަށް އެނބުރިލިއެވެ.
" އަހަރެން ، ވަރަށް ރަނގަޅަށް މުރުތަޟާ ދަންނަމެވެ. މަންމަމެންނާ ދުރަށް ގޮސްގެން މުރުތަޟާއަށް އުފަލެއް ނުލިބޭނެކަން އަހަރެންނަށް އެނގެއެވެ. އެހެންވީމާ ، މުރުތަޟާއަށް ލިބެން އޮންނަ އުފަލަކާ ދުރަށް މުރުތަޟާ ގެންދަން އަހަރެން މަސައްކަތް ކުރަންވީ ކީއްކުރަން ހެއްޔެވެ ؟ އަހަރެންނަށް އެކަމުން ލިބޭނީ ކޮން އުފަލެއް އަދި ކޮން ހަމަޖެހުމެއް ހެއްޔެވެ ؟ މަންމަ އެބުނީ ހަމަ ، ރަނގަޅު ވާހަކައެކެވެ. އަހަރެންނަކީވެސް އަންހެނެކެވެ. މިގެ ދޫކޮށްލާފައި އެހެންތާކަށް ދާން މަންމަގެ ހިތަކަށް ފަސޭހައެއް ނުވާނެއެވެ. އަހަރެންނަށް ނަމަވެސް ވާނީ އެހެންނެވެ. އަހަރެންނަށް ދިރިއުޅުމުގައި ދަސްވެފައި އޮތީ ، އެހެންމީހެއްގެ އުފަލަށް ހުރަހަކަށްވެގެން އަހަރެންނަށް ހަމަޖެހުމެއް ނުލިބޭނެ ކަމެވެ. އަހަރެންނާމެދު ފިކުރު ނުކުރާށެވެ ! " ތަހުނިޔާ ބުންޏެވެ.
ތަހުނިޔާގެ އެ ލޯބި ވާހަކަތަކުން މުރުތަޟާއަށް ވަރަށް އަސަރު ކުރިއެވެ. އެހާބޮޑުކަމެއްގައި ، ތަހުނިޔާގެ ވިސްނުން އެހާ ސާދާކޮށް ހުރީތީ ، ތަހުނިޔާއަށް ޝުކުރު އަދާކުރިއެވެ. ދިރިއުޅުމުގައި ދިމާވާ އެފަދަ ކޮންމެ ކަމެއްގައި ، އޭނާއާއެކީ ސާބިތުކަމާއެކު ކުރިޔަށް ދިއުމަށް މުރުތަޟާ އެދުނެވެ. އެއިން ކޮންމެ ކަމަކުންވެސް ، ތަހުނިޔާއަށް އޭނާ ދަރާމިންވަރު އިތުރުވެ ތަހުނިޔާގެ ދަރަޖަ އޭނާގެ ލޯބީގައި އުފުލިގެން ދާނެއެވެ.
" ނޫނެކެވެ. މުރުތަޟާއެވެ. ލޯތްބަކީ ދަރަނިވެރިވާ އެއްޗެއްނޫނެވެ. އެއީ ހިތުގައި އުފެދޭ އިޙްސާސެކެވެ. އެ އިޙްސާސަކީ އަނެކާގެ ފަރާތުން ޢަމަލާއި ބަހުން ސާބިތު ކުރެވޭ އެއްޗެކެވެ. އަހަރެންގެ ޙަޔާތުގައި ، މުރުތަޟާ ނޫނީ ދެންހުރީ އެހެން ކާކު ހެއްޔެވެ ؟ އަހަރެންގެ ޙަޔާތުގައި ، ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުން އެކުގައި ކުރިޔަށް ދާންހުރި މީހަކީ ތިޔައީއެވެ. ކޮންމެ ތާކުހުރި ކިތަންމެ ރީތި ގެޔަކަސް ، ޖިފުޓިއަކަސް ، ޒަމާނީ ތަރައްޤީއަށް ފައްކާވެފައި އޮތް އަވަށެއްކަމަށް ވިޔަސް ، ފަޤީރު އަވަށްގަނޑެއް ކަމަށް ވިޔަސް ، އަހަރެން ހުންނަން ޖެހޭނީ ، މުރުތަޟާއާ އެކީގައި ނޫން ހެއްޔެވެ ؟ " ތަހުނިޔާ ބުންޏެވެ.
ތަހުނިޔާގެ އެ ނިންމުމަކީ ، މިޒަމާނުގެ ޒުވާން އަންހެންކުއްޖެއްގެ ވިސްނުމުން ، ކޮންމެކޮންމެ ކުއްޖަކު ނިންމާނެ ނިންމުމެއްނޫނެވެ. ނޫރުމެން ކަހަލަ ކުއްޖެއްނަމަ ، އެކަމުގައި ބަހުސަކަށްގޮސް ، ގޭގެ ދޮރުތައްވެސް ވައްޓައިލާ ވަރުގެ ކަމެކެވެ. ތަހުނިޔާއަށްޓަކައި މުރުތަޟާ ފަޚުރުވެރި ވިއެވެ. މުރުތަޟާ ހުރީ ތަހުނިޔާއާ ދިމާއަށް ކަޅިޖަހައިނުލާ ބަލަހައްޓައިގެންނެވެ. އޭނާގެ ލޮލުން ފާޅުވަމުންދިޔަ ލޯތްބާއި ހަމްދަރުދީގެ އަސަރު ތަހުނިޔާއަށް އިޙްސާސް ކުރެވުނެވެ. މުރުތަޟާގެ މޫނުމަތީގައި ހުރި ހިނިތުންވުން އެކަނިވެސް ތަހުނިޔާއަށް ފުދެއެވެ. އޭނާގެ އެންމެ ބޮޑު އުފަލަކީ އެއީއެވެ.
ތަހުނިޔާ އުޅެނީ ، ބަދިގެތެރޭގައި އަވަދި ނެތި ކެއްކުމުގައެވެ. ފޯނުން މީހަކާ ވާހަކަ ދައްކަމުން ، ޙަފުޞާ ބަދިގެޔާ ދިމާއަށް އައެވެ. އެކަމާ ކަންބޮޑު ނުވާށެވެ ! މަންމަގެ މަޤާމަކީ ، ކޮންމެ ކޮންމެ މީހަކަށް އަތުލައިގަނެވޭވަރަށްވުރެ މަތީ މަޤާމެކެވެ. އެއްވެސް މީހަކަށް ، މަންމައެއްގެ ދަރަޖަޔަށް ގޮންޖަހައެއް ނުލެވޭނެއެވެ. ލަސްނުކޮށް ، އަވަހަށް އަންނާށެވެ ! ޙަފުޞާ ބުނިއަޑު ، ތަހުނިޔާއަށް އިވުނެވެ.
ޠާހިރާމަތިން މަންމަ ވަރަށް ހަނދާންވޭ ދޯއޭ ތަހުނިޔާ ބުނެލިއެވެ. ޠާހިރާ ގޭގައި ނެތުމުގެ އުނިކަން އެންމެ ބޮޑަށް ކުރަނީ ޙަފުޞާއަށެވެ. ޠާހިރާއާ ނުލައި ، ގެޔެއްގައި އުޅެވޭކަމުގެ އިޙްސާސެއް ޙަފުޞާއަކަށް ނުލިބެއެވެ. އޯގާތެރި ، މައިންނާ އަޅާލާ އަންހެންދަރިންނަކީ މައިންގެ ގައިގެ އެއްބަޔެވެ. އިންސާނުން އެމީހުން ލޯބިވާ މީހުންނާ ދުރުގައި ހުރުމަކީ ނަފުސަށް ލިބޭނެ ތަކުލީފެކެވެ. ޙަފުޞާއަށްވެސް އިޙްސާސްވަމުން އެދަނީ އެ ތަކުލީފެވެ. އެހެނަސް ، ޠާހިރާ އެނބުރި ، މާދަމާ އެބަ އާދެއެވެ. އެ ޚަބަރު ވެގެންދިޔައީ ތަހުނިޔާއަށްވެސް ލިބުނު އުފާވެރި ޚަބަރަކަށެވެ. އެވަގުތު ، ތަހުނިޔާއަށް ފޯނެއް އައެވެ. އެއީ މުރުތަޟާގެ ފޯނެކެވެ. އޭނާ ، ތަންކޮޅެއް އަވަހަށް މިއަދު ގެޔަށް އަންނަ ވާހަކަ ބުނަންވެގެން ގުޅައިލީއެވެ. ކޮންމެވެސް ތަނަކަށް ތަހުނިޔާ ގެންދަން ވެގެންނެވެ. ކޮންމެވެސް މީހަކަށް ، ތަހުނިޔާ ތަޢާރުފް ކޮށްދޭން މުރުތަޟާ ބޭނުންވީއެވެ.
އެމީހަކީ ކާކުތޯ ތަހުނިޔާ ސުއާލު ކުރިއެވެ. އެއީ ، މުރުތަޟާގެ އޮފީހުގެ ވެރިމީހާއެވެ. އޭނާއާއެކު މިރޭ ކެއުމެއްގައި ބައިވެރިވާން އެގެޔަށްދާން ދަޢުވަތު ލިބުނީއެވެ. އޭނާގެ އަންހެނުންވެސް ކެއުމުގައި ބައިވެރިވާނެއެވެ. މުރުތަޟާ ބޭނުންވީ ، ތަހުނިޔާ ގޮވައިގެން އެ ކެއުމަށް ދާށެވެ. އޭރަށް ތަހުނިޔާއަށްވެސް ، މީހަކާ ވާހަކަ ދައްކާލައި ހިތަށް ހަމަޖެހުން ލިބޭނެތީއެވެ. މުރުތަޟާ ދާންވާއިރަށް ތަހުނިޔާ ތައްޔާރުވެ ހުރުމަށް ބުނެ ، މުރުތަޟާ ފޯން ބޭއްވިއެވެ. ތަހުނިޔާ ، އެވާހަކަ ޙަފުޞާގާތު ބުނުމުން އެކަމާ ޙަފުޞާވެސް ވަރަށް އުފާވިއެވެ. ޙަފުޞާވެސް ބޭނުންވަނީ އެދެމީހުން ބޭރަށް ގޮސް މަޖާކޮށް އުފަލުގައި ތިބުމަށެވެ.
ކެއުމަށް ދިޔަމަގުމަތީ ، މުރުތަޟާއަށް އޭނާ ފެންނަނީ ކިހިނެއްތޯ ތަހުނިޔާ ސުއާލު ކުރިއެވެ. ވަރަށް ރީތިވެފައި ނަލަކަމަށް މުރުތަޟާ ބުންޏެވެ. ތަހުނިޔާ ލައިގެން އިން ހެދުމަކީ ، ޙަފުޞާ ބުނެގެން ލީ ހެދުމެކެވެ. އެހެން ހެދުމެއްލާކަށް ޙަފުޞާ އެއްބަހެއް ނުވިއެވެ. އެއީ ، ތަހުނިޔާ ކުރިން ނުލާ ކުލައެއްގެ ހެދުމެއްކަން މުރުތަޟާއަށް ފާހަގަ ކުރެވުނެވެ. ތަހުނިޔާ އަމިއްލަޔަށް އޭނާގެ ހެދުންތައް ޑިޒައިން ނުކުރަނީ ކީއްވެތޯ މުރުތަޟާ ސުއާލު ކުރިއެވެ. މުރުތަޟާގެ ސުއާލުން ތަހުނިޔާގާތަށް ހިނިއައެވެ. އަދި އޭނާ ލައިގެންއިން ހެދުމަކީ ، އޭނާ އަމިއްލަޔަށް ޑިޒައިންކުރި ހެދުމެއްކަމަށް ތަހުނިޔާ ބުންޏެވެ. ތަހުނިޔާގެ އުފެއްދުންތެރި ޚިޔާލު ހުރިއިރު ، އެމީހުންގެ ކައިވެނީގެ ކަންކަމުގައި ނޫރުގެ ޚިޔާލު ހޯދަން އެވަރަކުން އެއުޅުނީ ކީއްވެތޯ މުރުތަޟާ ސުއާލު ކުރިއެވެ.
" އަހަރެންނަށް ހީވާގޮތުގައި ، އަހަރެންގެ ދިރިއުޅުމުގެ ކަންކަމާ ނޫރުއަށް މާބޮޑަށް ބަރޯސާވެވި ، ގިނަކަންކަން ނޫރުއާ ބެއްސުނީއެވެ. ނޫރު ބޭނުންވާ ގޮތާއި ނޫރު ގަޔާވާ ގޮތްތައް އެއީ އަހަރެންވެސް ބޭނުންވާނެ ގޮތްކަމަށް ބެލުނީއެވެ. އެހެން އެވީ ، ފަހަރެއްގައި އަހަރެންގެ އަމިއްލަ ގޮތާއި ވިސްނުން ، އަހަރެންގެ ދިރިއުޅުމުގައި އިޚްތިޔާރުކުރަން ފުރުސަތު ނެތިގެންކަމަށް ވެދާނެއެވެ. " ތަހުނިޔާ ބުންޏެވެ.
ދެން އެކަމާ މާބޮޑަށް ވިސްނާނެކަމެއް ނެތްކަމަށް މުރުތަޟާ ބުންޏެވެ. މިހާރަށް ބަލާއިރު ، ދިރިއުޅުމަކީވެސް ތަހުނިޔާގެ އަމިއްލަ އެއްޗެކެވެ. ބޭނުންވާގޮތް އަމިއްލަޔަށް އިޚްތިޔާރު ކުރުމުގެ ފުރުސަތުވެސް ތަހުނިޔާއަށް އޮންނާނެއެވެ. އެންމެ މުހިންމު ކަމަކީ އޭނާވެސް އެއީ ، ތަހުނިޔާގެ އަމިއްލަ އެއްޗެއްކަމުގައި މުރުތަޟާ ބުންޏެވެ. ދެމީހުން ދެމީހުންނަށް ސަމާސާ ކުރަމުންދަނިކޮށް އެމީހުންދާންވީ މަންޒިލަށް ދެވިއްޖެއެވެ.
އެއީ ވަރަށް ރީތި ބޮޑު ގެޔެކެވެ. ގޭތެރެޔަށް ވަތްއިރު ، މުރުތަޟާމެންގެ އިސްތިޤްބާލުގައި ، މުރުތަޟާގެ އޮފީހުގެ ވެރިމީހާގެ ދެމަފިރިން ތިއްބެވެ. އެކަކު އަނެކަކަށް ތަޢާރުފް ވުމަށްފަހު ، އެއީ އޭނާ ކޮންމެވެސް ތާކުން ދެކެފައިވާ މީހެއްހެން ހީވާކަމުގައި ތަހުނިޔާ ބުންޏެވެ. ތަހުނިޔާ އެ ޢިޝާރާތްކުރީ ، އޮފީހުގެ ވެރިމީހާގެ އަންހެނުންނަށެވެ.
" އަހަރެންނަކީ ފެޝަން ޑިޒައިނަރެކެވެ. އަހަރެންގެ ފުރިހަމަ ނަމަކީ ، މުޙުސިނާ ފާރޫޤެވެ. އަހަރެންގެ ފިހާރައެއް ، ޒަމްޒަމާ އެވެކިޔާ އަވަށުގައި ހުންނާނެއެވެ. އެއީ ވަރަށް މަޝްހޫރު ފިހާރައެކެވެ. އެތާނގެ ނަމަކީ ، ޒެބައިޝް އެވެ. ފަހަރެއްގައި އެތަނުން އަހަރެން ފެނުމަކީ އެކަށީގެންވާ ކަމެކެވެ. " މުޙުސިނާ ބުންޏެވެ.
ތަހުނިޔާގެ ކައިވެނީގެ ހެދުންތައް ޑިޒައިން ކުރުވާ ފެއްސުވީ ، މުޙުސިނާ އެބުނި ޒެބައިޝް އިންނެވެ. އެކަމާ މުޙުސިނާ ވަރަށް އުފާކުރިއެވެ. ކެއުމުގެ ތެރޭގައި ވާހަކަ ދައްކަމުންގޮސް ، ވަރަށް ގިނައިރު ވެއްޖެއެވެ. ދެން އޮތީ ސިނގިރޭޓް ބުއިމުގެ ވަގުތެވެ. މުރުތަޟާއަކީ ، ސިނގިރެޓް ބޯމީހެއް ނޫނެވެ. އެހެންނަމަވެސް ، އޭނާގެ ވެރިމީހާއާއެކީ ، ބައިވެރިވެވިދާނެކަމަށް މުރުތަޟާ ބުންޏެވެ. ތަހުނިޔާއާއި މުޙުސިނާ ވާހަކަ ދައްކަން ބައިތިއްބާފައި މުރުތަޟާމެން ، އެގޭގެ ބަގީޗާ ތެރެޔަށް ނުކުތެވެ. ތަހުނިޔާމެން ދިޔައީ ގޭގެ ބިޔަ ސިޓިންރޫމަށެވެ.
ތަހުނިޔާގެ ވާހަކައިން މުޙުސިނާ ސުއާލު ކުރިއެވެ. ކުރަނީ ކޮންކަމެއްތޯއާއި ކުރަން ބޭނުންވާ މަސައްކަތަކީ ކޮބައިތޯ އަހައިލިއެވެ. އެއީ ، ޖަވާބުދޭން ތަހުނިޔާއަށް އެހާ ފަސޭހަ ސުއާލަކަށް ނުވިއެވެ. ތަހުނިޔާގެ ބައްޕަގެ ވިޔަފާރީގައި ކޮންމެވެސް ވަރަކަށް މަސައްކަތް ކުރިއެވެ. އެ ވިޔަފާރި ފެށުމުގައި ތަހުނިޔާގެ ދައުރު ވަރަށް ބޮޑެވެ. އެހެނަސް ، ތަހުނިޔާ އަބަދުވެސް ޝަޢުޤު ހުންނަނީ އާރޓްސް އަށެވެ. މުޙުސިނާ ފަދައިން ހެދުން ޑިޒައިންކުރުމުގެ މަސައްކަތަކީ ، ތަހުނިޔާގެ ޝަޢުޤުވެރިކަން އެންމެ ބޮޑު މަސައްކަތެވެ. އެހެނަސް މިއަދު ، އޭނާއަކީ ގެވެހި އަނތްބެކެވެ. އެކަހަލަ ކަމަކާ ވިސްނާނެ ފުރުޞަތެއް މިހާރަކު ނެތެވެ. އަނެއްކާ ، އޭނާ މިހާރު އެއިނީ ބަލިވެއެވެ.
ޝަޢުޤުވެރިކަމަކީ ، ހިތުއަޅައިގެން ފޮރުވާފައި ބާއްވައިގެން ، ހިތަށް ތަދުވާނެ އެއްޗެއްކަމަށް މުޙުސިނާ ބުންޏެވެ. ތަހުނިޔާ ލައިގެން އިން ހެދުމަކީ ، ތަހުނިޔާ އަމިއްލަޔަށް ޑިޒައިންކުރި ހެދުމެއްކަން އެނގުމުން ، މުޙުސިނާ އެކަމާ ޢަޖައިބު ވިއެވެ. އަދި ، ތަހުނިޔާ ބޭނުންކަމަށްވާނަމަ ، އޭނާގެ ކުންފުނިން ތަހުނިޔާއަށް ފުރުޞަތު ދޭން ނިންމިއެވެ. މުޙުސިނާ ބޭނުންވަނީ ، ތަހުނިޔާމެންކަހަލަ އުފެއްދުންތެރި ޒުވާނުންނެވެ. ކޮންމެހެން ، ޑިޒައިން ކުރުމުން ޑިގްރީއެއް އޮންނާކަށް ނުޖެހެއެވެ. ތަހުނިޔާ ބޭނުންކަމަށް ވަންޏާ ، ޑިޒައިން ކުރުމުގެ ހުނަރު ، ތަހުނިޔާއަށް ދަސްކޮށްދޭން މުޙުސިނާ ހުރީ ތައްޔާރަށެވެ. އަދި ، މިހާރު ނޫނަސް ، ކޮންމެ ވަގުތަކުވެސް ، މުޙުސިނާގެ އެހީތެރިކަމަށް ބޭނުންވެއްޖެނަމަ ، ނުވަތަ މަސައްކަތާ ކުރިމަތިލާން ބޭނުންނަމަ ، މުޙުސިނާއަށް އަންގައިލުމަށް އެދުނެވެ. ތަހުނިޔާގެ އުފާވެރިކަން ކޮޅުން ލިއެވެ. އޭނާއަކީވެސް ، އެހެންމީހުންނަށްވެސް ބޭނުންތެރި މީހެއްކަމުގެ އިޙްސާސް ، ތަހުނިޔާއަށް ކުރެވުނެވެ.
ގެޔަށް އައި މަގުމަތީ ، ދިރިއުޅުމުގައި ތަހުނިޔާ ބޭނުންވަނީ ކޮންކޮން ކަންކަމެއްތޯ ، މުރުތަޟާ ސުއާލު ކުރިއެވެ. ތަހުނިޔާ އަދިވެސް އިނީ ، މުޙުސިނާގެ ފަރާތުން އޭނާއަށް އެލިބުނު އުއްމީދުގައި ، އުފާވި ޙާލަތުގައި ހިނިތުންވެލައިގެންނެވެ. މުރުތަޟާގެ އެ ސުއާލުން ތަހުނިޔާއަށް ހުޅުވިގެން އެދިޔައީ ރަނުގެ ފުރުސަތެކެވެ. އެއީ ، އެހެން އެއްވެސްމީހަކު ތަހުނިޔާ އާ މީގެކުރިން ކުރި ސުއާލެއްނޫނެވެ. ކުއްލިޔަކަށް ވަގުތުން އޭނާ ދޭނީ ކޮން ޖަވާބެއް ހެއްޔެވެ ؟ މީހުންގެ ފަރާތުން ތަހުނިޔާއަށް އަބަދުވެސް އަންނަނީ އޯޑަރެވެ. ވަކިކަމެއް ވަކިގޮތަކަށް ކުރުމަށް އެންގޭ އެންގުމެވެ. ތަހުނިޔާގެ މުޅި ޢުމުރު އެ ހޭދަކުރަނީ އެހެންމީހުން ބުނާގޮތް ހެދުމުގައެވެ.
މުޙުސިނާ ދިން ވަޒީފާގެ ފުރުސަތުގެ ވާހަކަ ، ތަހުނިޔާއަށް އޮތީ ކުރިން މުރުތަޟާގާތު ބުނެވިފައެވެ. އެކަމާ ، ތަހުނިޔާ ކިހާ ސީރިއަސްތޯ މުރުތަޟާ ސުއާލު ކުރިއެވެ. އެކަމަށް ތަހުނިޔާ ތައްޔާރުވެހުރީ ކިހާވަރަކަށް ކަމެއް މުރުތަޟާއަކަށް ނޭނގެއެވެ. ތަހުނިޔާ އެކަމުގައި ކިތަންމެ ސީރިއަސް ވިޔަސް ، އެއީ ތަފާތެއް އޮތްކަމެއްނޫނެވެ. ތަހުނިޔާ ސީރިއަސް ވިޔަސް އެއީ ފައިދާއެއް އޮތްކަމެއްނޫނެވެ. އޭނާގެ ވަށައިގެންވާ އެހެން ކަންކަން އެކަހަލަ ވިސްނުންތަކަށް ހުރަސް އަޅާނެއެވެ.
ތަހުނިޔާ ބޭނުންވަނީ ވަޒީފާއެއް އަދާކުރުމަށް ކަމަށް ވަންޏާ އެކަމާ ނުވިސްނަންވީ ސަބަބެއް ނެތްކަމަށް މުރުތަޟާ ބުންޏެވެ. ތަހުނިޔާއަކީ ، ބޭނުންތެރި މީހެއްނޫންކަމުގެ އިޙްސާސް ނުކުރުމަށް މުރުތަޟާ އެދުނެވެ. ތަހުނިޔާގެ ހުނަރަކީ ހުހަށް ދުއްވައިލާން ކަމުދާ ވަރަށްވުރެ އަގުހުރި އެއްޗެކެވެ. މުޙުސިނާދިން އެ ފުރުސަތުގެ ބޭނުން ނުހިފަން ވިސްނަނީތޯ މުރުތަޟާ ސުއާލު ކުރިއެވެ. މުރުތަޟާ ހުންނާނީ ތަހުނިޔާއާއެކީގައެވެ. އޭނާ ، ތަހުނިޔާއަށް ހުރިހާ ކަމެއްގައިވެސް އެހީތެރިވާނެއެވެ.
މުރުތަޟާގެ ވާހަކައިން ތަހުނިޔާ އުފަލުން ފޮޅުނެވެ. އެހެނަސް ، އޭނާއަށް އެބުނެވެނީ ކީކޭކަން މުރުތަޟާއަށް އެނގޭތޯ ތަހުނިޔާ ސުއާލު ކުރިއެވެ.
ތަހުނިޔާ ބޭނުންކަމަށް ވަންޏާ މާދަމާވެސް ވަޒީފާއަށް ނުކުންނަންވީއެވެ. މުރުތަޟާގެ އޮތީ އެންމެ ކަންބޮޑުވުމެކެވެ. ތަހުނިޔާ މިހާރު އެއިން ޙާލަތުން ، އިތުރު ތަކުލީފެއް ލިބޭނެގޮތަކަށް ތަހުނިޔާ އުޅެފާނެތީއެވެ. އޭނާގެ ކަންބޮޑުވުން އޮތީ ހަމައެކަނި އެކަމުގައެވެ. ބަލަންވީ ވަރަށް ބަލައިގެން އުޅެން ތަހުނިޔާއަށް ނޭނގިދާނެތީއެވެ.
މުރުތަޟާ ހުރީ އޭނާއާ އެކީގައި ކަމަށްވަންޏާ ، ކޮންމެ ކަމެއްވެސް ތަހުނިޔާއަށް ކުރެވޭނެއެވެ. އިތުރު ތަކުލީފެއް ކުރިމަތި ނުވާނެގޮތަށް ، އޭނާ އަމިއްލަޔަށް ހުރިހާކަމެއް ކުރާނެއެވެ. އެކަމަކު ............. ތަހުނިޔާ ހުއްޓުން އެރިއެވެ. ދެން އޭނާއަށް ބުނެވުނީ މަންމަގެ ވާހަކައެވެ. ޙަފުޞާ އެކަމަށް އެއްބަސް ވެދާނެކަމެއް ތަހުނިޔާއަކަށް ނޭނގެއެވެ. އެއީ ފާޑެއްގެ މީހެކެވެ. މަންމަގެ މަތިން މުރުތަޟާ ހަނދާންވީ ، ތަހުނިޔާ އެވާހަކަ ބުނީމައެވެ. ތަހުނިޔާގެ މޫނުމަތިން އުފާވެރިކަން ގެއްލުނެވެ.
އެކަމާބެހޭގޮތުން މަންމަޔާ ވާހަކަ ދައްކާނީ އޭނާކަމުގައި މުރުތަޟާ ބުންޏެވެ. ތަހުނިޔާގެ މޫނުމައްޗަށް ، އަނެއްކާވެސް ކުރިން ހުރި އުފާވެރިކަން އައެވެ. އެކަމަކު ، މުރުތަޟާ ވާހަކަ ދެއްކިޔަސް ، ޙަފުޞާ އެކަމުގައި ނިންމާނެ ގޮތެއް އެއްވެސް މީހަކަށް ނޭނގޭނެއެވެ. ( ނުނިމޭ )
Vvv.reethi shukuran