ދަންމަރު: އެދުވަހަކުން ވާނީ ކިހިނެއް؟

ހުރިހައި ކަމަކާއި، އެއްޗެއްގެ ވެރިޔަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އެވެ. ދުނިޔޭގައި އިންސާނުންނަށް ލިބޭ ހުރިހައި ނިޢުމަތަކީ އެކަލާނގެ ދެއްވާ ނިޢުމަތެވެ. ރިޒުޤު ދެއްވުމުގެ ކުޅަދާނަކަށް ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ލިބިފައެއް ނުވެއެވެ. މީހަކަށް ޖާއިޒު ގޮތުގައި ލިބިފައިވާ އެއްޗެއް އެމީހެއްގެ ފަރާތުން ނިގުޅައިގަންނަން މަސައްކަތް ކުރާ މީހާ އެ މަސައްކަތް ކުރަނީ ﷲ ދެއްވާފައިވާ އެއްޗެއް ފޭރިގަންނާށެވެ.  ﷲ ގެ ރޭއްވެވުމެއް ބާޠިލު ކޮށްލާށެވެ.

ކޮންމެވެސް މީހަކަށް މި ދުނިޔޭގައި ދިރިއުޅޭނެ ގެއެއް ލިބެނީއެވެ. ބަޔަކު އޭނާ އެގެއިން ނެރެ މަގުމަތިކޮށްލަން މަސައްކަތް ކުރަނީއެވެ. އޭނާގެ ތަނަވަސް ކަމަކީ ޖާއިޒު ގޮތުގައި ހޯދާފައިވާ ތަނަވަސް ކަމެކެވެ. ބަޔަކު އޭނާގެ ތަނަވަސްކަން ނެތިކޮށްލަން ބާރު އަޅަނީއެވެ. އޭނާއަށް ލިބިފައިވަނީ ޤަދަރުވެރި އަދި އަބުރުވެރި އުޅުމެވެ. ބަޔަކު އޭނާގެ އަގު ވައްޓައިލާ، އަބުރު ނަގައިލާން މަސައްކަތް ކުރަނީއެވެ. އޭނާ ދިރިއުޅުން ވޭތުކުރަނީ އަމާންކަމާއި، ހިތްހަމަޖެހުމުގެ މާޙައުލެއްގައެވެ. ބަޔަކު އޭނާގެ ބޮލުގައި ތުޙުމަތު އަޅުވައި، އޭނާގެ އޮމާން، އަމާން ދިރިއުޅުން ހަލާކުކޮށްލަން ބާރު އަޅަނީއެވެ. މި ބާވަތުގެ ކޮންމެ ޢަމަލަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ނިޒާމަށް ހުރަސް އެޅުމެކެވެ. މިއީ ހުރިހާ ކަމެއްގެ ފުރިހަމަ ބާރާއި، އިޚްތިޔާރު ލިބިވޮޑިގެންވާ ހަމައެކަނި ފަރާތް، އާދެ، ﷲ ސުބްޙާނަހޫ ވަތަޢާލާ އާ ދެކޮޅަށް އެކަލާނގެ ހެއްދެވި އަޅުން ކުރާ ހަނގުރާމަ އެކެވެ.

މި ރޭވުންތަކާއި، ޢަމަލުތަކުގެ މާނައަށް ވިސްނައިލަމާތޯއެވެ؟ އެނގި ދޭހަވަނީ ހަމަ އެންމެ ކަމެކެވެ. ﷲ ރުހިވޮޑިގެންވަނީ ވަކިގޮތަކަށް ކަމެއް ހިނގާށެވެ. އެކަލާނގެ ހެއްދެވި އަޅުން ބޭނުންވަނީ އެހެން ގޮތަކަށް އެކަންތައް ހިނގާށެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ރިޒުޤު ބައްސަވަން ކަނޑައަޅުއްވައި ހަމަޖައްސަވައިފައިވާ ނިޒާމު އަޅުތަކުންނަށް ކަމުނުދަނީއެވެ. ޤަބޫލު ނުކުރަނީއެވެ. ﷲ ގެ މި ނިޒާމާ ދެކޮޅަށް އަޅުތަކުން ކުރާ މަސައްކަތް ކާމިޔާބު ވާ ކަމުގައި ލޯ މައްޗަށް ފެންނަމުން ދެއެވެ. ސަބަބަކީ ކޮބައިތޯއެވެ؟ ސަބަބަކީ މި ދުނިޔެއަކީ އިމްތިޙާނަކަށް ވާކަމެވެ. ކަންތައްތައް ބަދަލުކޮށް ގަތުމުގެ އިޚުތިޔާރު އިންސާނުންނަށް ދެއްވައިފައިވާ ކަމެވެ. އިމްތިޙާނުގެ މުއްދަތު ހަމަވުމާއެކު މި އިޚްތިޔާރު ނިގުޅައި ގަނެވިދާނެއެވެ. ކަމެއް ބަދަލު ކުރުން ކީއްކުރަންތޯއެވެ؟ ކަމަކާ ދެކޮޅަށް އަނގަހުޅުވާލުމުގެ ބާރުވެސް ނެތި ހިނގައިދާނެއެވެ. މީހަކާ ދެކޮޅަށް ރޭވުމެއް ރާވާނޭ ހިތެއްވެސް އެދުވަހަކު ނޯންނާނެއެވެ.

މި ދުނިޔޭގައި އިންސާނާއަށް އިޚްތިޔާރުތަކެއް ލިބިފައި ވެއެވެ. މި ދުނިޔޭގައި ﷲ ރުއްސަވާ ގޮތާ ޚިލާފުވެ، ބައްސަވާ ރިޒުޤަށް ހުރަސް އަޅަން މަސައްކަތް ކުރުމުގެ ބާރު ދެއްވާފައި ވެއެވެ. އެކަމަކު މި އިޚްތިޔާރާއި، ބާރު ނިގުޅައިގަނެވޭ ދުވަހު އެފަދަ މީހެއްގެ ޙާލު ހުންނާނީ ކިހިނެއްތޯއެވެ؟ އެދުވަހަކުން ވާނީ ﷲ އަންގަވާ ގޮތަކަށެވެ. ﷲ ގެ އިރާދަފުޅާ ދެކޮޅު ހެދުމުގެ އިޚްތިޔާރެއް، ބާރެއް އެއްވެސް މީހަކަށް ނޯންނާނެއެވެ. އެދުވަހަކުން ﷲ އަންގަވާނެއެވެ.

ތިމަން ﷲ ދެއްވަނީ ފެނިވޮޑިގަންނަވާ މީހަކަށެވެ. ތިމަން ﷲ ގެ ރުއްސެވުމާ ދެކޮޅު ހަދާނޭ މީހަކު އެބަހުރިހެއްޔެވެ؟

(މަވްލާނާ ވަޙީދުއްދީން ޚާންގެ ލިޔުއްވުމެއްގެ ތަރުޖަމާއެއް)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.