އެމެރިކާގެ ރައީސެްކަމުގައިވި ޖޯން އެފް. ކެނެޑީ، ފަރަންސޭސި ލަޝްކަރުގެ ކޮމާންޑަރެއް ކަމުގައިވި އިއުބޭޣް ލިއުތޭ (Lyautey) އަށް ނިސްބަތް ކުރައްވައި ވިދާޅުވިއެވެ.
"އެއް ދުވަހަކު ބަގީޗާ ބަލަހައްޓާމީހާ ގާތު ގަހެއް އިންދާށޭ އަހަރެން ބުނީމެވެ. ބަގީޗާ ބަލަހައްޓާމީހާ ބުންޏެވެ. ތިޔަ ގަހަކީ ވަރަށް ލަހުން ހެދޭ ގަހެކެވެ. ސަތޭކަ އަހަރު ވާއިރުވެސް ނުއެއް ފޯދޭނެއެވެ. އަހަރެން ބުނީމެވެ. އެހެން ވެއްޖެއްޔާ ވަގުތު ނަގައިލާކަށް ނުވާނެއެވެ. ހަމަ މިއަދު މެންދުރުފަހު ގަސް އިންދާށެވެ." (ޗާޓަރޑް އެކައުންޓަންޏް، ނިވް ދިއްލީ 1979 (ސަޕްލިމެންޓް))
ގައުމެއް ތަރައްގީވެ ކުރިއަރައިގެން ދިއުމަކީވެސް ލަހުން ވާ ކަމެކެވެ. އެއްވެސް ގައުމަކަށް ދުނިޔޭގެ މަސްރަހުގައި ކާމިޔާބާއި ގަދަރުވެރިކަން ލިބެނީ ގައުމީ ސަތަހުގައި ފަރުދުންނާއި ގައުމު ކުރިއެރުވުމަށްޓަކައި އެތައް މަސައްކަތެއް، އެތައް ދުވަހެއް ވާންދެން ކޮށްގެންނެވެ. ގައުމީ ސިޔާސަތެއް ކާމިޔާބުކަމާއެކު ހިނގައިގަންނާން ވަގުތު ދޭން އެއްބަސްނުވެ، އެއީ ސަތޭކަ އަހަރުން ވާނޭ ކަމެއް ކަމަށް ގަބޫލުކުރާ މީހަކު ނަމަ، ގައުމީ ގަސް އިންދުމުގައި ލަސްކޮށްގެން ނުވާނެއެވެ. ހަމަ މިއަދު، މި ވަގުތު އެ ގަސް އިންދާންވީއެވެ.
ގަހެއް ބިޔަވެ، ފޯދެން ސަތޭކަ އަހަރު ހޭދަވާނަމަ ކޮންމެ މީހަކު ނަމަވެސް ކުރާން ޖެހޭ ކަމަކީ އެ މުއްދަތު ހަމަވާންދެން ގަސް ރަނގަޅަށް ބެލެހެއްޓުމެވެ. މި ނޫން އެހެން ގޮތެއް ނޯންނާނެއެވެ.ގަހަށް ކާނާއާއި ފެނާ ދީ، ގަސް ހައްދާން ގަދައަޅައި މަސައްކަތް ކުރުމުގެ ބަދަލުގައި މަގު މައްޗަށް ނުކުމެ ގަހުގެ ހިމާޔަތުގައި އަޑުގަދަކޮށް މުޒާހަރާކޮށް، އެކި ބާވަތުގެ ލިޔުން އުފުލުމަކުން އެންމެ ގަހެއްވެސް ހެދޭ ގޮތެއް ނުވާނެއެވެ. އެވަރުގެ ބަޔަކަށް ބަގީޗާއެއް ހެއްދޭނީ ކިހިނެއްތޯއެވެ؟
ހަމަ އެހެންމެ ގެއަކާ ބެހޭ ގޮތުން ވަރުގަދަ ތަގުރީރުތައް ކުރުމަކުން ގެއެއް ނޭޅޭނެއެވެ. އެފަދައިން ކަންތައް ކުރާ މީހަކު ވާނީ މޮޔައަކަށެވެ. ގައުމަކީ ސިޔާސީ މައިދާނުގައި ފައުޅުވާ މުއުޖިޒާތަކުން ތަރައްގީވެ ކުރިއަށްދާ އެއްޗެއް ނޫނެވެ. ޅެންވެރިކަމުގެ މައިދާނުގައި އިންގިލާބުތައް ގެންނަނީ ބަހުގެ ޖާދޫގެ ބޭނުން ކޮށްގެންނެވެ. މޮޅަށް ވާހަކަދައްކާ މީހަކު ދައްކާ ވާހަކައެއް އަޑުއަހަން ގިނަ ބަޔަކު ޖަމާ ވެދާނެއެވެ. އެކަމަކު ހަގީގީ ނަތީޖާއެއް ނެރެވޭނީ ދިގު ރާސްތާ ރޭވުމަކާއި އިޚްލާސްތެރި މަސައްކަތްތަކެއް ގިނަ ދުވަހު ކޮށްގެންނެވެ.
ޖިހާދެއްގައި ނުވަތަ ގަދައަޅައި ކުރާ މަސައްކަތެއްގައި އެންމެ މުހިއްމު ދެ ސިފައަކީ ކެތްތެރިކަމާއި ވަރުގަދަ އަޒުމެވެ.
(މަވްލާނާ ވަޙީދުއްދީން ޚާންގެ ލިޔުއްވުމެއްގެ ތަރުޖަމާ)