މި ސަރުކާރު ވެރިކަމާ ހަވާލުވި އިރުވެސް ރަށްރަށުގައި ފަށާފައިވާ ގިނަ މަޝްރޫއުތައް ވަނީ ހުއްޓިފައި ކަމަށް ރައީސުލްޖުމްހޫރއްިޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ރައީސް އޮފީހުން ސިލްސިލާކޮށް ކުރިއަށް ގެންދާ ރައީސްގެ ސުވާލާ ޖަވާބު ޕްރޮގްރާމްގައި ކުރީން ހިންގަމުން އައި މަޝްރޫއުތައް މި ސަރުކާރުން ހުއްޓާލާފައިވާކަމަށް ވާދަވެރި ފަރާތްތަކުން ދައްކާ ވާހަކަތަކާ މެދު އާމިނަތު ނަޒީރާ ކުރެއްވި ސުވާލަށް ޖަވާބު ދެމުންނެވެ.
އެމަނިކުފާނު ވިދާޅުވީ މިކަމަށް އެ ރަށްރަށުގެ ރައްޔިތުން ހެކިވާނެކަމަށާއި ރިޔާސީ އިންތިހާބުގެ ކެމްޕޭނު ތެރޭގައި ރަށްރަށަށް ވަޑައިގަތުމުން އެ މަންޒަރު ފެނިވަޑައިގަންނެވި ކަމަށެވެ.
އޭރު މަޝްރޫއުތައް ހަވާލުކުރުމުގައި ކަން ހިނގިގޮތްކަމަށް ތުހުމަތުކޮށް، އަޑުއިވުނު ވާހަކަތައް ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ އޭރު މިފަދަ ގިނަ މަޝްރޫއުތައް ހަވާލުކޮށްފައި ހުރީ ޕާޓީގެ އެކި މީހުންނަށް ކަމަށެވެ. "އޭނައަށް އެޑްވާންސް ޕޭމަންޓް ދެނީ، އޭނައަށް އެ ފައިސާކޮޅު ލިބެނީ، އޭނާ އެ ހިސާބުން ދިޔައީ، ދެން އަނެއްކާވެސް އެ މަޝްރޫއު އެހެން މީހަކާ މި ހަވާލުކުރަނީ ހަމަ ޕާޓީގެ އެހެން މީހަކާ. މީ އަޅުގަނޑުމެންނަށް ކެމްޕެއިންގައި ލިބުނު މައުލޫމާތު. މާނައަކީ މި ގޮތަށް ހުއްޓިފަ ހުރި މަޝްރޫއުތައް ތިން ހަތަރު ފަހަރު އެބަހުއްޓޭ އެކި ފަރާތްތަކަށް ދީފަ." ރައީސް ވިދާޅުވިއެވެ.
ކުރީ ސަރުކާރުގެ މަޝްރޫއުތައް ހުއްޓާލާފައިވަނީ ދޯދިޔާކަމުގެ ތެރެއިން އޭގެއިން އެތައް މިލިއަން ރުފިޔާއެއް އަމިއްލަ ބޭނުންތަކަށް ދީގެން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި މިހާރު ނުފެށި ހުރި މަޝްރޫއުތައްވެސް ނުފެށި ލަސްވަނީ ދޭން ހުރި ފައިސާތައް ނުދެވި ހުރުމުން ކަމަށް ވިދާޅޫވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ އިންތިހާބަށް ބޯމަތިވުމުން، އިންތިހާބުގެ ވޯޓަށް 'ކަޑަ'ޖަހާ އުސޫލުން ނަމެއްގައި އެތައް ރަށެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި އިންތިހާބުގެ ދެވަނަ ބުރުގައިވެސް މި ގޮތަށް އަމަލުކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.