( 3 އެޕްރީލް 2024 ގައި ޝާއިޢުކުރި ބަޔާ ގުޅޭ )
ޙަފުޞާ އިނީ ޓީވީން އަންނަ ޑްރާމާއެއްގެ ތެރެޔަށް ގެއްލިފައި ، ސިޓިންގރޫމުގައި އިށީނދެލައިގެންނެވެ. ޞަފޫރާ އައިސް ޙަފުޞާގާތު ، ތަހުނިޔާގެ ޝަކުވާކޮށްގަތެވެ. ދުވަހަކުވެސް ރަނގަޅަކަށް ، ކަމެއް ކޮށްނުދެވޭ ވާހަކަ ބުންޏެވެ. ތަހުނިޔާގެ އަމުރުވެރިކަން ބޮޑުކަމަށާއި ، ޙަފުޞާމެންހެން ނޫންކަމުގައިވެސް ބުނެއެވެ. ޙަފުޞާއަށް އެއީ އެހާބޮޑުކަމެއްނޫނެވެ. ތަހުނިޔާ އެއިނީ ބަލިވެކަމަށާއި ، އެފަދަ ޙާލަތުގައި ، މީހުން ހިތްއެދޭ ހުރިހާކަމެއް ނުފެނިދާނެކަމަށް ޙަފުޞާ ބުންޏެވެ.
" ތަހުނިޔާ އަބަދު އިންނަނީ ޠާހިރާގެ ކޮޓަރިޔާދިމާއަށް ބަލަހައްޓައިގެންނެވެ. މިގޭގައި އެންމެ ފުރިހަމަޔަށް ރީތިކޮށް ހަދާފައި ހުންނަނީ ، ޠާހިރާގެ ކޮޓަރިކަމުގައިވެސް ތަހުނިޔާ ބުންޏެވެ. ޙަފުޞާއާއި ޠާހިރާއާއި ދެމައިންނަށް ، މަތީބުރިޔަށް އެރުމުގެ ތަކުލީފު ނުޖެހޭގޮތަށް ، ތިރީބުރީގައި ކޮޓަރިހަދާފައި ހުރިވާހަކަވެސް ބުންޏެވެ. ތަހުނިޔާއަށް ހީވާގޮތުގައި ، އެގޭގައި ޠާހިރާއަށް ލިބިގެންވާ އެއްވެސް ޙައްޤެއް ، އަދި ސަމާލުކަމެއް އޭނާއަކަށް ނުލިބެއެވެ. " ޞަފޫރާ ތަހުނިޔާއޭ ކިޔައިގެން ދޮގުތަކެއް ހަދައިލިއެވެ.
ދެން އިތުރަށް އެވާހަކަ ނުދެއްކުމަށް ، ޞަފޫރާގެ ކިބައިން ޙަފުޞާ އެދުނެވެ. އެކަހަލަ ވާހަކަޔަކީ ، އޭނާ އެހާ އަޑުއަހަން ، ބޭނުން ވާހަކަތަކެއްނޫނެވެ. އަދި ، މަސައްކަތް ނިންމާފައި އަވަހަށް ގެޔަށް ދިއުމަށް އެދުނެވެ.
މިއަދު ގެޔަށްގޮސް ، މާދަމާ އޭނާ ނާންނާނެކަމަށް ޞަފޫރާ ބުންޏެވެ. ޙަފުޞާމެން އެދޭ މަދުލާރިކޮޅަކަށް ، އެހާ ގިނަމަސައްކަތެއް ކޮށެއް ނުދެވޭނެއެވެ. ދިޔައިއްސުރެ ، ގެޔަށް އަންނަން ނުކުންނަން ވަންދެން ހުއްޓިލާނެ ސިކުންތެއްވެސް ނުލިބެއެވެ. އެކަކު މައްޗަށް ދާށޭ ބުނިއްޔާ އަނެކަކު ތިރިޔަށްދާށޭ ބުނާނެއެވެ. މިކަން ކުރާށޭ އެކަން ކުރާށޭ ކިޔައިގެން އަމުރުކުރާއިރު ، ބޮލިރަވައެއްވެސް އެއަށަވުރެ ވަކި މޮޅަކަށް ނުތެޅުވޭނެއެވެ.
ކޮޓަރީގައިހުރި ، ފެންޖަގު ހުސްވެގެން ، ޞަފޫރާގާތު ފެންފޮދެއް ގެނެސްދޭށޭ ބުނެވުނު ޢަދަދުވެސް ، ތަހުނިޔާއަކަށް ނޭނގެއެވެ. އެއަޑު އިވުނުކަމަކަށް ޞަފޫރާއެއް ނުހެދިއެވެ. ތަހުނިޔާގެ ފަޔަށް ލިބުނު ގެއްލުމުގައި ، ފައިގާ އަޅާފައިވާ ބެންޑޭޖް ބާއްވައިގެން ، ސިޑިންލާފައި ތިރިޔަށްދާން ފަސޭހައެއް ނުވާނެއެވެ. ފެންބޮވައިގަނެގެންގޮސް ، ތަހުނިޔާހުރީ ކަރުހިއްކައިގެންފައެވެ. ބެންޑޭޖް ބާލާފައި މަޑުމަޑުން ތިރިޔަށްގޮސް ، ފެންފޮދެއްބޯން ތަހުނިޔާ ނިންމިއެވެ. ބެންޑޭޖް މޮހަންފެށިތަނާ މުރުތަޟާ އައިސް އެކަން މަނާކުރިއެވެ. އަދި ، ދުވަސްކޮޅަކު ، ބެންޑޭޖް ނުމޮހައި ބަހައްޓަން ، ޑޮކްޓަރ ބުނެފައިވާކަން ތަހުނިޔާއަށް ހަނދާން ކޮށްދިނެވެ.
އޭނާ ބޭނުންވާ ކަންކަން ފުރިހަމަކުރުމަށް ، އިރުއިރުކޮޅުން ، ނޯކަރަށް ގޮވައިގެން މައްޗަށް ގެނައުމަކީ ތަހުނިޔާއަށްވެސް އެހާ ފަސޭހަކަމެއްނޫނެވެ. މަންމަޔަށްވެސް އެހާބޮޑަށް އުނދަގޫކުރާކަށް ތަހުނިޔާ ބޭނުމެއްނޫނެވެ. ތަހުނިޔާގެ ފަޔަށް ލިބިފައިވާ ގެއްލުމާގުޅިގެން ، ތިރިޔަށް ފައިބާ މައްޗަށް އަރައި ހެދުމަކީ ކުރެވެން އޮތްކަމެއްނޫނެވެ. ޑޮކްޓަރ އޮތީ އެކަން ނުކުރަން އަންގާފައެވެ. މުރުތަޟާއަށްވެސް ތަހުނިޔާގެ ތަކުލީފުތައް އިޙްސާސް ކުރެވެއެވެ.
" ޠާހިރާ އަންނަންދެން ، އަހަރެމެން ޠާހިރާގެ ކޮޓަރިޔަށް ބަދަލުވަމާ ހެއްޔެވެ ؟ ދައްތަ އައިމަ ، މަތީ ކޮޓަރިޔަށް ބަދަލުވާނީއެވެ. " މުރުތަޟާ ބުންޏެވެ.
މުރުތަޟާގެ އެޚިޔާލަކީ ، ތަހުނިޔާއަށް އެހާ ކަމުދާ ކަމެއްނޫނެވެ. އެހެން އެކަން ކޮށްފިނަމަ ، ޠާހިރާ ހިތްހަމަ ނުޖެހުމަކީވެސް އެކަށީގެންވާ ކަމެކެވެ. ޠާހިރާގެ ކޮޓަރީގެ ވާހަކަ ދެކެވެމުންދަނިކޮށް ، ޙަފުޞާއަށް އެތަނަށް އާދެވެއެވެ. އަދި ދުރުގައި މަޑުކޮށްލުމަށްފަހު ، ކޮޓަރިތެރެޔަށް ވަނެވެ.
" ތަހުނިޔާއެވެ ! މިގެޔަށްގެނެސް ، އަހަރެން ތަހުނިޔާ މިގެޔަށްވެއްދީ ، ދަރިއެއްގެ ޙައިޞިއްޔަތުދީފައެވެ. ޅީ ދަރިއެއްގެ ގޮތުގައެއް ނޫނެވެ. އަހަރެންގެ އެ ނިންމުމަށް ، އަހަރެން ފަޚުރުވެރި ވަމެވެ. އަހަރެންގެ އެ ނިންމުމަކީ ، ގޯސް ނިންމުމަކަށް ނުވާނެގޮތަކަށް ތަހުނިޔާގެ ވިސްނުން ގެންގުޅެވޭތޯ ބަލައްޗެވެ. " ޙަފުޞާ ބުންޏެވެ.
ޙަފުޞާގެ ވާހަކަތަކުން ، މުރުތަޟާއަށްވެސް އަދި ތަހުނިޔާއަށްވެސް ޙައިރާންކަމެއް ލިބުނެވެ. މަންމަ އެދެއްކީއަކީ އާދައިގެ ވާހަކައެއް ނޫނެވެ. އެވާހަކަ އެގޮތަށް ބުނުމުގައި މަންމަގެ މަޤްޞަދެއް އޮންނާނެއެވެ.
" މިގޭގެ މައްޗަށް މުރުތަޟާއަށް އޮތް ޙައްޤެއްވިއްޔާ ، ޠާހިރާގެމައްޗަށްވެސް އޮންނާނެއެވެ. ޠާހިރާއާއި އޭނާގެ ދަރިފުޅަށް މިގެއިން ލިބެންޖެހޭ ޙައްޤަކަށް އުނިކަމެއް އަތުވެދާނެކަމެއް ކުރަން ، ޚިޔާލަށްވެސް ނުގެންނައްޗެވެ. " ތަހުނިޔާއާ ދިމާލަށް ބަލަހައްޓައިގެން ހުރެ ، ޙަފުޞާ ބުންޏެވެ.
އެއީ ދުވަހަކުވެސް ތަހުނިޔާ ކުރާނެކަމެއްނޫނެވެ. އެކަހަލަކަމެއްގެ މަތިން ތަހުނިޔާ ވިސްނައިލާފައެއްވެސް ނެތެވެ. މަންމަ އެ ދައްކަނީ ކޮންކަހަލަ ވާހަކައެއް ހެއްޔެވެ ؟ ތަހުނިޔާއަށް އަމާޒުކޮށް ޙަފުޞާ އެދައްކަމުންދާ ވާހަކައިން ، ތަހުނިޔާގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. ލޮލުން ކަރުނަ ފާއްދައިލިއެވެ.
" ޠާހިރާއާއި އަރުސަލާނާ ދެމައިން ، އެދެމައިންގެ ކޮޓަރީގައި މިނިވަންކަމާއެކު ދިރިއުޅޭނެއެވެ. އެކަމަށް ހުރަހެއް އެޅިދާނެ އެއްވެސްކަމެއް ، މުރުތަޟާއާއި ތަހުނިޔާގެ ފަރާތުން ކުރިމަތިވެގެން ނުވާނެއެވެ. ޠާހިރާގެ ވިސްނުމާއި ޠާހިރާ ބޭނުންވާ ގޮތަކާ ޚިލާފަށް ، މިގޭގައި އެއްވެސްކަމެއް ނުހިނގާނެއެވެ. އެކަން ކަލޭމެން ދެމީހުންނަށް ވަރަށް ރަނގަޅަށް އެނގެން ޖެހެއެވެ. އެކަން ދެމީހުންވެސް ހަނދާން ބަހައްޓައްޗެވެ. " ޙަފުޞާގެ ވާހަކަ ނިންމައިލިއެވެ.
ޙަފުޞާ ދައްކަން ބޭނުންވި ވާހަކައެއް ދައްކައި ނިމުމުން ، އަތުގައި އޮތް ފެންހަން މުރުތަޟާއަތަށް ޖަހާފައި ، ހިތްހަމަ ނުޖެހިފައިހުރެ ، ކޮޓަރިން ނުކުމެގެން ދިޔައެވެ.
މުރުތަޟާހުރީ މަންމަ އެދެއްކި ވާހަކައިން މާޔޫސްވެފައެވެ. ޚާއްޞަކޮށް ތަހުނިޔާއާ މުޚާތަބުކޮށް އެބުނިވާހަކަތައް އެއީ ، އަޑުއަހަން އުނދަގޫވި ވާހަކަތަކެކެވެ. ތަހުނިޔާއަކީ ، އެކަހަލަ ވިސްނުމެއް ގެންގުޅޭނެ މީހެއްނޫންކަން މުރުތަޟާއަށް އެނގެއެވެ. މަންމަޔަށް އެއިވުނީ އެމީހުންގެ ވާހަކައިގެ އެއްބައި ކަމަށްބުނެ ، މަންމަޔަށް ގޯސްކޮށް މާނަނެގުނީކަމަށް ތަހުނިޔާއަށް ވިސްނައިދިނުމަށް ، މުރުތަޟާ މަސައްކަތް ކުރިއެވެ.
" ގުޅުމަކީ އެކަހަލަ އެއްޗެކެވެ. ޝައްކާއި ވަހުމު އިސްވެއްޖެނަމަ ، ޙަޤީޤަތް އޮންނާނީ އަބަދުވެސް ފޮރުވިފައެވެ. ރަނގަޅާއި ނުބައި ވިސްނޭނީ ފަހުންނެވެ. މުރުތަޟާއެވެ ! މުރުތަޟާގެ ޙަޔާތުގައި އެންމެ އިސްކަމެއް ދެވެނީ ، ލޭގެ ގުޅުމަށްކަން އަހަރެންނަށް އެނގެއެވެ. މުރުތަޟާގެ ލޭގެ ގުޅުމަށް ހުރަސް އެޅުމަށް އެއްވެސްމީހަކު މަސައްކަތްކުރާނަމަ ، އެކަމެއް ހުށްޓުވައި ، އެކަމަކުން ދުރުވެ ހުރުމަށް އަހަރެން ނަސޭޙަތް ދެމެވެ. މިގެއާއި މިގެޔާ ގުޅިފައިވާ ހުރިހާ އެއްޗަކީ ، މުރުތަޟާމެންގެ އެއްޗެކެވެ. އަހަރެންނަކަށް އެއިން އެއްޗަކުން ، އެއްވެސް މިންވަރެއް ޙައްޤެއްނޫނެވެ. " ތަހުނިޔާއަށް ކުރި އަސަރު ފޮރުވަމުން ބުނެލިއެވެ.
މަންމައަށް ވާހަކައިގެ އެއްބައި އަޑުއިވިގެން ، ނުބައިކޮށް މާނަނެގިގެން އެއްޗެކޭ ބުނުމުގައި ، މުރުތަޟާގެ ކުށަކީ ކޮބައިތޯ އެނާ ސުއާލު ކުރިއެވެ. ކައިވެންޏަށްފަހު ، ފިރިހެނާގެ ޒިންމާގެ ތެރެޔަށް މައްސަލަތައް އަންނާނެކަން މުރުތަޟާއަށްވެސް ޤަބޫލު ކުރެވެއެވެ. އެއީ މުރުތަޟާގެ މަންމައާއި ދައްތަ އާ އަދި ބޮޑުބޭބެކިޔާ އަރުސަލާންއެވެ. އޭނާގެ ޢާއިލާގައި ތިބިހާވެސް ބަޔަކީ އެއީއެވެ. ތަހުނިޔާގެ ދަރަޖަވެސް މުރުތަޟާގެ ހިތުގައި އޮތީ ، އެމީހުންނާ ހަމަ އެއްދަރަޖައެއްގައެވެ.
ތަހުނިޔާ އެކަން ޤަބޫލުކޮށްފާނެއެވެ. އެހެންނަމަވެސް ، އެއީ ތަހުނިޔާއަށް ފުދޭމިންވަރެއްނޫނެވެ. އެހެންމީހުންވެސް އެކަން ޤަބޫލުކުރަން ޖެހެއެވެ. ތަހުނިޔާ ހަމަޖައްސައިލުމަށްޓަކައި ފެންތަށްޓެއް ދިނުމަށްފަހު ، މަންމައާ ވާހަކަ ދައްކައިލުމަށް މުރުތަޟާ ދިޔައެވެ.
ޠާހިރާގެ ކޮޓަރިޔަށް ބަދަލުވުމުގެ ވާހަކަ އެއީ ތަހުނިޔާ ބޭނުންވާ ކަމެއްނޫންކަމަށް ، މުރުތަޟާ އޭނާގެ މަންމަޔަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. އެވާހަކަ ފެށީވެސް މުރުތަޟާއެވެ. ތަހުނިޔާ އެކަހަލަ ވާހަކައެއް ނުދައްކައެވެ. ދެތިން ދުވަހަށް ، އެކޮޓަރިޔަށް އެދެމަފިރިން ބަދަލުވުމަކުން އުފެދޭނެ އިތުރު މައްސަލައެއް ނެތެވެ. ތަހުނިޔާގެ ޙާލަތުހުރިގޮތުން ، ފަސޭހައަކަށްޓަކައި ކޮޓަރިޔަށް ބަދަލުވާ ވާހަކަ ފެށްޓީ މުރުތަޟާއެވެ. ތަހުނިޔާއާ ދިމާލަށް ، މަންމަ އެކީ އެއްޗިއްސަކީ ، މުނާސަބު އެއްޗެއްނޫނެވެ. އެކަމުގައި ތަހުނިޔާގެ އެއްވެސް ކުށެއް ނެތެވެ. ތަހުނިޔާގެ ފަޔަށް ގެއްލުން ލިބުނީމަ ، ގޭގެ ހުރިހާކަމެއް މަންމަ ކުރާތީ ތަހުނިޔާ ހުންނަނީ ކަންބޮޑުވެފައިކަން ސާފުކޮށްދިނުމަށް ، މުރުތަޟާ މަސައްކަތް ކުރިއެވެ.
ޙަފުޞާއަށްވެސް އޮޅުނީކަމަށް އެއްބަސް ވިއެވެ. އެހެންނަމަވެސް ، އެއްކަމެއް މުރުތަޟާގެ ހަނދާނުގައި ބެހެއްޓުމަށް ޙަފުޞާ އެދުނެވެ. އެކޮޓަރިޔަކީ ، ކުޑައިރުއްސުރެ ޠާހިރާ އުޅެމުން އައި ކޮޓަރިއެވެ. އެހެންމީހަކު އެކޮޓަރި ބޭނުންކޮށްފިއްޔާ ، ޠާހިރާ އެއްޗެއް ހިތަށް އަރާފާނެއެވެ. އެހެންނޫނަސް ، މުޅިގޭގެ ހުރިހާކަމެއް ، ޒަމާންތަކެއް ވަންދެން ބަލަހައްޓަމުން އެއަންނަނީ ޠާހިރާއެވެ. ޠާހިރާ ނެތުމުގެ ފަޅުކަން ޙަފުޞާއަށްވެސް އަދި މުރުތަޟާއަށްވެސް އިޙްސާސް ކުރެވެއެވެ. އެއީ އެދެމައިންނަށް ﷲ ލައްވާފައިވާ ރަޙުމަތެކެވެ. ޠާހިރާއާއި އަރުސަލާންއަކީ މުރުތަޟާގެ ޙަޔާތުގައި އެހެން ހުރިހާ މީހުންނަށްވުރެ ، މުހިންމު ބަޔަކަށް ވާންޖެހޭނެކަން ، މުރުތަޟާއަށް ހަނދާން ކޮށްދެމުން ، ޙަފުޞާ އެނދުގައި ޖައްސައިލިއެވެ. މުރުތަޟާ އައިސް މަންމަގެ ފައިމޮޑެދޭން ފެށްޓިއެވެ. އަދި އަރުސަލާންއަކީ އޭނާގެ ފުރާނަކަމަށާއި ޠާހިރާއަކީ ، އޭނާގެ ދައްތަގެ އިތުރަށް ރަޙުމަތްތެރިއެއްކަމުގައި ބުނެ ، އެދެމީހުން އޭނާގެ ޙަޔާތާ ވަކިވާނެ ދުވަހެއް ނާންނާނެކަން ، މުރުތަޟާ ، އޭނާގެ މަންމަޔަށް ކަށަވަރު ކޮށްދިނެވެ.
ނޫރުލްޢައިނުއާ މުރުތަޟާގެ ކައިވެނި ކުރުވަން އުޅުނުއިރު ، ޙަފުޞާގެ ހިތުގައި އޮތް އެންމެ ބޮޑު ބުރަޔަކީ އެއީއެވެ. ނޫރުލްޢައިނު އެގެޔަށް އައިސް ، ޠާހިރާގެ ދަރަޖަ މުރުތަޟާގެ ހިތުން އަތުލަފާނެކަމުގެ ބިރެވެ. ނޫރުލްޢައިނުގެ ވިސްނުމުގައި އޮންނާނީ ، މުރުތަޟާގެ ލޭގެގުޅުންތަކުން ދުރުހެލިކޮށް ، ނޫރުލްޢައިނު ބޭނުންވާ ގޮތަކަށް މުރުތަޟާގެ ހިތް އަނބުރައިލުމަށެވެ. ތަހުނިޔާ ވަރަށް ތަފާތެވެ. ވަރަށް ސާދާ ކުއްޖެކެވެ. ތަހުނިޔާއަކީ ، އެކަހަލަ ކަމެއް ކުރާނެ ކުއްޖެއްނޫނެވެ. ޙަފުޞާގެ ހިތުގައި ތަހުނިޔާގެ މައްޗަށް ފުރިހަމަ އިތުބާރު އޮވެއެވެ. އެހެންނަމަވެސް ، އޭނާއަކީ ، ފިރިއެއްގެ އިތުރަށް ދަރިއެއްކަމަށާއި ކޮއްކޮއަކާއި ބޭބެއެއްކަން ، މުރުތަޟާގެ ހަނދާނުގައި އަބަދުވެސް ބޭއްވުމަށް ޙަފުޞާ އެދުނެވެ. ޙަފުޞާ އެ ޢިޝާރާތްކުރީ ، ޙަފުޞާއާއި ޠާހިރާއާ އަދި އަރުސަލާންއާއެކު މުރުތަޟާ ބާއްވަން ޖެހޭނެ ގުޅުމުގެ މައްޗަށެވެ.
ފައިގާ ބޭސް އުނގުޅައި ، ބޭންޑޭޖް ކުރަން އިންދާ ، ތަހުނިޔާއަށް ފޯނެއް އައެވެ. އެއީ ނޫރުގެ ވީޑިއޯ ކޯލެކެވެ. އިރުކޮޅަކު ރިންގވާން ބޭއްވުމަށްފަހު ، ތަހުނިޔާ ފޯނު ނެގިއެވެ. ސަލާމްކޮށްލުމަށްފަހު ، ތަހުނިޔާގެ ޙާލުކިހިނެއްތޯ ނޫރު ސުއާލުކުރިއެވެ. އަދި ތަހުނިޔާގެ މަތިން ހަނދާންވެގެން ގުޅައިލީކަމުގައި ބުންޏެވެ. ތަހުނިޔާގެ ޙާލު ރަނގަޅުކަމަށް ބުނެ ނޫރުގެ ޙާލުކިހިނެއްތޯ ، ތަހުނިޔާވެސް ސުއާލުކުރިއެވެ. ބުނާނީ ކީކޭކަމެއް ނޫރުއަކަށް ނޭނގުނެވެ. ބުނާނެ އެއްޗަކާމެދު ވިސނާލަން ނޫރުހުއްޓައި ، ލޯބިވާމީހުންނާ ދުރަށްދެވުނީމަ ، ނޫރުގެ މޫނުމަތިން އުފާވެރިކަން ފާޅުވާން ހުރިކަން ، ތަހުނިޔާ ހަނދާން ކޮށްދިނެވެ.
އެކަމެއް ނޫރުއަކަށް ނޭނގެއެވެ. އެހެންނަމަވެސް ، ނޫރުބޭނުންވާގޮތަށް ، އޭނާގެ ޙަޔާތް ކުރިޔަށްދާކަމުގެ އުފާވެރިކަން އެބައޮތްކަމަށް ނޫރު ބުންޏެވެ. ވަޒީފާގެ ކާމިޔާބީއާއި ، ކުރިއެރުމަށް އޭނާއަށް މަގުފަހިވެގެންދިއުމަކީ ، ނޫރުއަށް ލިބޭނެ އެންމެ ބޮޑު އުފަލެވެ.
" ނޫރުއަށްޓަކައި ގުޅުމަކީ އެކަހަލަ އެއްޗެއްނޫން ހެއްޔެވެ ؟ އެކަމުގެ އިޙްސާސް ކުރެވުނީމަ އަހަރެން ދެރަވެއެވެ. " ތަހުނިޔާ ، ނޫރުއަށް މަލާމާތް ކޮށްލިއެވެ.
ނޫރުގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. ގަދަކަމުން ނަމަވެސް ، ތުންފަތަށް ގެނުވާފައިހުރި ހިނިތުންވުން ގެއްލި ދަތްކުނޑި ވިކައި ގަނެވުނެވެ. ތަހުނިޔާ އެވާހަކަ ފެށްޓީމަ ، ނޫރުވެސް އެކަމާބެހޭގޮތުން ، ކޮންމެވެސް އެއްޗެކޭ ބުނަން ޖެހިއްޖެކަމަށް ނޫރުއަށް ފެނުނެވެ. ގުޅުމަކީ ، ވަގުތާއެކު ދަތުރުކުރާ އެއްޗެކެވެ. އިންސާނާގެ ކާމިޔާބީއަކީ ، ވަގުތު ހޯދައިދޭ އެއްޗެކެވެ. އެ ވަގުތަކީ އަބަދު ، އިންސާނާއަށް އިންތިޒާރުކުރާނެ އެއްޗެއްނޫނެވެ. ގުޅުމަކީ ، އާވެފައި ބަދަލުވާވެސް އެއްޗެކެވެ. އެކަން ތަހުނިޔާވެސް ޤަބޫލުކޮށް އަދި ހަނދާނުގައި ބެހެއްޓުމަށްވެސް ނޫރު އެދުނެވެ.
ތަހުނިޔާގެ ޕްރިންސް ގެ ޙާލުކިހިނެއްތޯއާއި އެމީހުންގެ މެދުގައި އެއްވިސްނުމެއް އުފެއްދިއްޖެތޯ ނޫރު ސުއާލު ކުރިއެވެ. ނޫރުގެ ޕްރިންސުގެ ގޮތެއް އޭނާއަށް ނޭނގެއެވެ. އެހެންނަމަވެސް ، ނޫރު އެއަހަނީ އޭނާގެ ފިރިމީހާގެ ޙާލު ކަމަށް ވަންޏާ ، އޭނާގެ ރަނގަޅުކަމަށް ތަހުނިޔާ ބުންޏެވެ. އެދެމީހުންގެ މެދުގައި އެއްވެސް މައްސަލައެއް ނެތެވެ. ޚިޔާލުތަފާތުވުމެއް އަމްދުން ނެތެވެ. އެހެން ނޫންނަމަ ، އެމީހުން މިހާރު ތިބޭނީ ވަކިވެފައެވެ. ތަހުނިޔާގެ ވާހަކަތަކުގައި ޔަޤީންކަމުގެ ކަށަވަރު ކަތިކަން ނޫރު ހާމަކުރިއެވެ.
ނޫރުއަށް އެތަނުން މުރުތަޟާ ނުފެންނަކަމަށް ނޫރު ބުންޏެވެ. އެއީ ކީއްވެގެން ހެއްޔެވެ ؟ ތަހުނިޔާގެ ބުރު އަދި ނެޖެހެނީތޯ ނޫރު ސުއާލު ކުރިއެވެ. އެހެން އެންމެންނަށް ވަގުތުދީފައި ، ތަހުނިޔާއަށް ދޭންވާ ވަގުތަށް އަދިވެސް ގަޑިނުޖެހެނީ ދޯއެވެ ؟ ނޫރު ސުއާލު ކުރިއެވެ. ނޫރުގެ ވާހަކައިން ތަހުނިޔާއަށް ހީގަނެވުނެވެ. އަދި ، ނޫރުގެ ބުރުވެސް އަދިވެސް ނުއަންނަކަން ނޫރުއަށް ހަނދާން ކޮށްދިނެވެ. ތަހުނިޔާއާ ނޫރުއަށް އެސުއާލުކުރެވެނީ ، އެހެންވެގެންކަންވެސް ހަނދާން ކޮށްދިނެވެ. ނޫރުގެ ބުރު އަންނާނެކަމެއް އަދި ނުއަންނާނެކަމެއްވެސް ، ނޫރުއަކަށް ނޭނގެއެވެ. ފަހަރެއްގައި އެއްގޮތަކަށްވެސް ، ދެން އެބުރެއް ނާންނާނެއެވެ. ތަހުނިޔާގެ މަލާމާތުގެ ބަސްތަކަށް ރައްދު ދޭކަށް ނޫރުއެއް ނުވިސްނައެވެ. އެހެނަސް ، ކޮންމެވެސް ގޮތަކުން އެފޯނު ކަނޑައިލަން ނޫރު ބޭނުންވިއެވެ.
ނޫރުގެ ބުރު އައިސް ، ތަހުނިޔާގެ ބަދަލުގައި ނޫރު އެގޭގައި އިންނަމަ ....................... ނޫރު އޭނާގެ ވާހަކަ އެހިސާބުން ހުށްޓައިލިއެވެ. ތަހުނިޔާ އޭނާގެ އަމިއްލަ ނަފުސަށް ޚިޔާލު ބެހެއްޓުމަށް ބުނަމުން ، އޭނާއަށް އެފޯނު ކުރެވުނީ ކީއްވެގެންކަން ނޭނގޭކަމަށް ބުނެ ، ނޫރު ، ފޯނުކަނޑައިލިއެވެ. ތަހުނިޔާއަށް ފޯނުކުރެވުނީތީ ނޫރުއަށް މޮޔަ ހީވިއެވެ. ( ނުނިމޭ )