ފުވައްމުލަކުގައި 12 ހެކްޓަރުގެ ޓޫރިޒަމް ޒޯނެއް ތަރައްޤީކުރަން ނިންމައިފި

ފުވައްމުލަކުގައި 12 ހެކްޓަރުގެ ޓޫރިޒަމް ޒޯނެއް ތަރައްޤީކުރަން ނިންމައިފިއެވެ.

އެގޮތަށް ނިންމާ، އެ ސަރަހައްދެއް ތަރައްގީކުރުމުގެ މަސައްކަތް ކުރުމަށް އެ ސިޓީ ކައުންސިލާއި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އިން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ފުވައްމުލަށް ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު އިސްމާއީލް ރަފީގެވެ. ރީޖަނަލް އެއާޕޯޓްސްގެ ފަރާތުން ސޮއިކުރެއްވީ އެމްޑީ އަހުމަދު މުބީން އެވެ.

މި ޕްރޮޖެކްޓް ހިންގުމަށް ހަމަޖެހިފައިވަނީ ފުވައްމުލައް އެއަރޕޯޓާ އިންވެގެން އޮންނަ ހުސް ބިން "ބިޅިފޭށި" ސަރަޙައްދުން 12 ހެކްޓަރުގެ ބިމެއް ކަނޑައަޅައިގެންނެވެ.

މި އެއްބަސްވުމުގެ ދަށުން އެ ބިން ފަތުރުވެރިކަމަށް ތަރައްގީކުރުމަށް އިންވެސްޓަރުން ހޯދުމާއި ޕްރޮޖެކްޓް ޑިޒައިންކުރުން އަދި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގައި އެއްބާރުލުންދީ ގުޅިގެން މަސައްކަތް ކުރުމަށް ރީޖަނަލް އެއާޕޯޓްސް އާ ވަނީ ހަވާލުކޮށްފައެވެ. އަދި، ފަތުރުވެރިންނަށް ކުއްޔަށް ދޫކުރާ ކޮޓަރިތައް ހެދުމާއި ފަތުރުވެރިންނަށް ބޭނުންވާ ރެކްރިއޭޝަނަލް ޚިދުމަތްތައް ވެސް އެއްބަސްވުމުގެ ދަށުން ގާއިމުކުރާނެއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ވަނީ މި މަޝްރޫއަށް އިންވެސްޓަރުން ހޯދައި، މި އަހަރުގެ ފަހުކޮޅު އަމަލީ މަސައްކަތް ފެށުމަށް އަމާޒު ހިފާފައެވެ.

ފުވައްމުލަކުގައި 13،000 މީހުން ދިރިއުޅޭ އިރު އެ ސިޓީއަށް މިހާރުވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކުރެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.