މިސްކިތްތަަކުން ފަންކާ ވަގަށް ނެގި މީހާ ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

މާލޭގެ އެކި މިސްކިތްތަކުން ފަންކާތަކެއް ވަގަށް ނެގި މީހާ ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ ފަންކާތައް ވަގަށް ނަގާކަން މިސްކިތްތަކުގެ ސީސިޓީވީ ފްޓޭޖްތަކުން ފެންނަން ފެށުމުން ފުލުހަށް ރިޕޯޓު ކުރުމާއެކު އެމީހާ ހައްޔަރު ކުރީ މި އޭޕްރީލް މަހުގެ 1 ވަނަ ދުވަހު ކަމަށެވެ. އަދި އެއީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ފުލުހުން ބުނީ، ހައްޔަރު ކުރި ދުވަހު ވެސް އޭނާގެ އަތުގައި ވަގަށް ނަގާފައި ވާކަމަށް ބެލެވޭ ފަންކާއެއް އޮތް ކަމަށާއި ހައްޔަރު ކުރީ ކުށުގެ ވެށިން ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގު ގައި ފުލުހުން ކުރަމުން ދިޔަ މަސައްކަތުން، ވަގަށް ނަގާފައިވާ ފަންކާތަކެއް ވިއްކާލާފައި ވަނިކޮށް  ހޯދާފައިވާ ކަަމަށް ވެސް ފުލުހުން ބުނެއެވެ.

އެގޮތުން ވަގަށް ނަގާފައިވާ 6 ފަންކާއެއް އެކި ދުވަސްމަތިން ފުލުހުން ހޯދި ކަމަށް ބުނެފައި ވެއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އޭޕްރީލް 1 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައެވެ.

މީނާ 15 ދުވަހަށް ބަންދު ކުރި އިރު މީނާ ވަގަށް ނަގާފައި ވާ ފަންކާތަކަކީ ތަޤްވާ މިސްކިތުގައި ހުރި ފަންކާތަކެކެވެ.

ފުލުހުން ބުނީ، މި މީހާއަކީ މިސްކިތަކުން ފެން މޯޓަރު ވަގަށް ނަގާފައިވާ މައްސަލާގައި ވެސް ތުހުމަތު ކުރެވޭ މީހާ ކަމަށެވެ.

ފެން މޯޓަރު ނަގާފައި ވަނީ ދަރުމަވަންތަ މިސްކިތުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.