ބަންގްލަދޭޝް އަކީ ކުދި ޖަޒީރާ ރަށްތަކެއް ހިމެނޭ ގައުމެކެވެ. މި ޤައުމަކީ ވަރަށް ގިނައިން ޠޫފާން އަންނަ ޤައުމެކެވެ. މި ޠޫފާންތަކުގައި އެ ޤައުމުގެ ރައްޔިތުންނަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބެއެވެ. މިހާތަނަށް ރެކޯޑުތައް ދައްކާގޮތުން 1876 ވަނަ އަހަރަކީ ބަންގްލަދޭޝް އަށް އެންމެ ވަރުގަދަ ޠޫފާން އައި އަހަރެވެ. ޠޫފާނުގައި ގާތްގަނޑަކަށް ތިންލައްކަ މީހުން މަރުވިއެވެ. މީގެ އިތުރަށް އެތައް ބަޔަކަށް ގެއްލުން ލިބުނެވެ.
މޭ 1985 ގައި ބަންގްލަދޭޝް އަށް ޠޫފާނެއް އައެވެ. މި ޠޫފާނުގައި އެ ޤައުމުގެ ގާތްގަނޑަކަށް އެއްހާސް ރަށަކަށް ގަޑިއަކު 150 ކިލޯ މީޓަރު ބާރުމިނުގައި ވައި އެރިއެވެ. އަދި ކަނޑުގެ ރާޅު 4 މީޓަރަށް ބޮޑުވެ އެއްގަމަށް ބިންދަން ފެށިއެވެ. މި ޠޫފާނުގައި ޖެހި ގާތްގަނޑަކަށް އެއްލައްކަ މީހުން ހަލާކުވެގެން ދިޔައެވެ. އެތައް އަވަށެއް ކަނޑުގެ ރާޅާ އެކުވެ ދޮވެވިގެން ހިނގައްޖެއެވެ. އެއްލައްކަ މީހުން މަރުވިއެވެ. އެތައް އަވަށެއް ހިކިހުއިހެން ޠޫފާނުގެ ތެރޭގައި ބެހިގެން ހިނގައްޖެއެވެ. ނޫހުގައި މި ޠޫފާނުގެ ވާހަކަ އަންނަނިވި ޢިބާރާތުން ލިޔެފައިވެއެވެ.
"އުރިރް ޝަރް... ހީވަނީ ކެނޑިނޭޅި އެތައް އިރަކު ބޮން އަޅާފައިވާ ތަނެއްހެންނެވެ. އެއްވެސް ޢިމާރާތެއް، ކޮންކްރީޓް ތަންބެއް ކޮޅަކަށް ނެތެވެ. ޠޫފާނުގައި އެރި ރާޅުގައި ހުރިހާ ގެއަކާއި، ޢިމާރާތްތައް ވެއްޓި ކުނިފުނި ތަކަކަށް ވެއްޖެއެވެ."
29 މޭ 1985 ގައި ނުކުތް އިނގިރޭސި ނޫހެއްގައި ވެއެވެ.
"ޤުދުރަތުގެ ރުޅީގެ ސަބަބުން އިންސާނާގެ އާރެއްބާރެއް ނެތްކަން އެނގި ކަޝްފު ވެދެއެވެ."
ދިމާވާ އެކިއެކި ޙާދިޡާތަކުން އިންސާނާއަށް ޙަޤީޤަތް ހަނދާންވެއެވެ. އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ކުޅަދުންވަންތަކަމާއި، އިންސާނާގެ ބަލިކަށިކަން ހާމަކޮށްދޭ އިޢުލާނެކެވެ. މި ޙާދިޡާތަކުން ބުނެ އަންގަނީ މިއަދު ޠޫފާން އިންސާނާގެ މައްޗަށް ގަދަވެގަންނަ ފަދައިން އާޚިރަތް ދުވަހުން ﷲ ސުބްޙާނަހޫ ވަތަޢާލާ އިންސާނާއަށް އެކަލާނގެ ގަދަފަދަވަންތަކަން ދައްކަވާނޭ ވާހަކައެވެ. މި ދުނިޔޭގައި އިންސާނުން ބަލިކަށި ކަމަށް ކެތް ކުރެއެވެ. ކުރެވުނު ފާފަތަކުގެ ޢަޒާބަށް އާޚިރަތް ދުވަހުން ކެތްކުރެވޭނެ ބާވައެވެ؟
(މަވްލާނާ ވަޙީދުއްދީން ޚާންގެ ލިޔުއްވުމެއްގެ ތަރުޖަމާއެއް)