( 18 މާރިޗު 2024 ގައި ޝާއިޢުކުރި ބަޔާ ގުޅޭ )
ނޫރުގެ ފަލްސަފާއަކީ ، މުރުތަޟާއަށްވެސް އަދި އެހެން އެއްވެސްމީހަކަށްވެސް ، ސާފުކޮށް އެނގޭނެ އެއްޗެއް ނޫނެވެ. ނޫރު ގެންގުޅޭނީ އޭނާގެ އަމިއްލަ ގޮތްތަކެވެ. އަމިއްލަ ފަލްސަފާއެވެ. އެހެންމީހުންގެ ޙިއްޞާއެއް އެކަމަކަށް ބޭނުމެއް ނުކުރާނެއެވެ.
މުރުތަޟާގެ މޫނުމަތިން ، ހިތްހަމަ ނުޖެހުމާއި ރުޅިވެރިކަމުގެ އިޙްސާސް ފާޅުވަމުން ދިޔައެވެ. އޭނާގެ ހަނދާނަށް އެއަންނަނީ ، ފުރަތަމަފަހަރު ، އެކައިވެނި ، އެވަގުތު ، ކުރެވެންނެތްކަމަށް ނޫރުބުނި ވާހަކަތަކެވެ. ކައިވެނި ކުރެވެން ނެތްކަން ބަޔާންކުރުމަށްޓަކައި ނޫރުދެއްކި ބަހަނާއެވެ.
ނޫރުގެ އުފާވެރިކަމުގައި ބައިވެރިވެވޭނީ ކިހިނެއްކަމެއް މުރުތަޟާއަކަށް ނޭނގުނެވެ. ނޫރު ބުނަމުން ގެންދިޔައީ އެދެމީހުންނަކީ އެއްހަށިގަނޑެއްގައިވާ ދެފުރާނަ ކަމުގައެވެ. އޭނާއަށް އެލިބުނު ފުރުސަތަކީ ، މުސްތަޤްބަލްގައި މުރުތަޟާއަށްވެސް ހީވެސް ނުކުރާފަދަ ކުރިއެރުން ލިބިގެންދާނެ ފުރުސަތެކެވެ. ބޭނުންވަނީ އެމެރިކާގައި އޭނާގެ ވަޒީފާ ހަމަޖެހިގެން ދިއުމެވެ. އޭގެފަހުން ، ހުރިހާކަމެއްވެސް ރަނގަޅުވާނެއެވެ. އެކަކު އަނެކެއްގެ އަތުގައި ހިފައިގެން ، ހިނގައިލަމުންދާނެ ، އުފާވެރިކަމުން ފުރިގެންވާ އަލި މުސްތަޤްބަލް އެއޮތީ އެދެމީހުންގެ އިންތިޒާރުގައެވެ. އެދެމީހުންގެ ދިރިއުޅުން ، އެމެރިކާއަށް ބަދަލުކުރުމުގެ ފުރުސަތަކީވެސް ނެތް އެއްޗެއްނޫނެވެ.
ހުރިހާކަމެއްވެސް މިދަނީ އެންމެ ރަނގަޅަށެވެ. ބޭނުންވަނީ ، ހަމައެންމެ ހަތަރުމަސްދުވަހުގެ އިންތިޒާރެކެވެ. ނޫރުގެ ވާހަކަތަކުން ، މުރުތަޟާއަށް ލިބެމުންދިޔަ އުދާސްކަން ދިޔައީ އިތުރުވަމުންނެވެ. އެވަގުތު ، މުރުތަޟާއަށް ފޯނެއް އައެވެ. އެއީ ތަހުނިޔާ ގޮސްއުޅުނު ކްލިނިކުން އައި ފޯނެކެވެ. ކޮންމެވެސް ބޭނުމެއްގައި ތަހުނިޔާ އެ ކްލިނިކަށް ގޮސް އުޅެނިކޮށް އަނބުރައިގަނެގެން ވެއްޓުނީއެވެ. ކްލިނިކުން އެދުނީ ، ވީ އެންމެ އަވަހަކަށް މުރުތަޟާ އެތަނަށް އައުމަށެވެ.
މުރުތަޟާ ކުއްލިޔަކަށް ތެދުވިއެވެ. އަދި ، ތަހުނިޔާއަށް ގޮވައިލުމަށްފަހު ، ދިހަވަރަކަށް މިނިޓްތެރޭގައި ، ތިމަންނަ މިދަނީއޭ ބުނެ ހިނގައިގަތެވެ. މުރުތަޟާ އެދަނީ ކޮންތާކަށްތޯ ބަލަން ނޫރުކުރަމުންދިޔަ ސުއާލުތަކަށް ، މުރުތަޟާ ޖަވާބެއް ނުދެއެވެ.
މުރުތަޟާ ކްލިނިކަށްގޮސް ، ތަހުނިޔާގޮވައިގެން ދިޔައީ ގެޔަށެވެ. ނޫރުވެސް ކުޑައިރުކޮޅަކު ، ރެސްޓޯރެންޓްގައި އިނުމަށްފަހު ދިޔައީ ގެޔާ ދިމާލަށެވެ. ކޮޓަރިޔަށްވަދެ ، ހަމަޖެހިލަން އުޅެއުޅެ ، ނޫރުއަކަށް ހަމަޖެހިއެއް ނުލެވުނެވެ. ނޫރުއަށް އެލިބުނު އުފާވެރިކަމުގައި މުރުތަޟާ ބައިވެރިއެއް ނުވެއެވެ. ތަހުނިޔާ ގުޅާލީމަ ، އޭނާ އެކަނި ކޮށްލާފައި ވަގުތުން ނުކުމެގެން އެދިޔައީއެވެ. ދުވަހަކުވެސް ، މުރުތަޟާ ބަދަލެއް ނުވާނެއެވެ. ނޫރުގެ ހިތަށް އެރިއެވެ.
ގެޔަށް އައި މަގުމަތީގައި ، ތަހުނިޔާ އެކަނި ކްލިނިކަށް ދިޔައީ ކީއްވެތޯ ، މުރުތަޟާ ސުއާލު ކުރިއެވެ. ތަހުނިޔާ އެކަނި ކްލިނިކަށް ދިޔައީތީ ، މުރުތަޟާ އިނީ ހިތްހަމަ ނުޖެހިފައެވެ. މުރުތަޟާގެ ސުއާލަށް ޖަވާބު ދޭން ތަހުނިޔާއަށް ވަގުތުކޮޅެއް ބޭނުންވިއެވެ. ތަހުނިޔާ ވިސްނައިގެންހުރީ އެތަނަށްގޮސްފައި ބައްޕަޔަށް ގުޅާށެވެ. ބައްޕަޔަށް ގުޅައިގެން ފޯނުން ދިމާނުވަނިސް ، އަނބުރައިގަންނަ ގޮތްވީއެވެ.
ކްލިނިކަށް ދާންޖެހުނީ ކީއްވެތޯއާއި ، ތަހުނިޔާގެ ޙާލު ރަނގަޅުތޯ މުރުތަޟާ ސުއާލު ކުރިއެވެ. މުރުތަޟާގެ އެސުއާލަށް ޖަވާޞުދޭންވެސް ތަހުނިޔާއަށް ވަގުތުކޮޅެއް ނަގަން ޖެހުނެވެ. ތަހުނިޔާ ބުނީ ، އޭނާގެ ޙާލު ރަނގަޅު ކަމުގައެވެ. އެހެންނަމަވެސް ، ކްލިނިކަށް ދާންޖެހުނީ ކީއްވެގެންކަން ، މުރުތަޟާއަށް ސާފުކޮށްދޭކަށް ތަހުނިޔާ ބޭނުމެއް ނުވިއެވެ.
މާޙައުލު ބަދަލުކޮށްލަން ގެޔަށް ނުގޮސް ، އެހެންތާކަށް ޖައްސާލަން ތަހުނިޔާ ބޭނުންތޯ މުރުތަޟާ އަހައިލިއެވެ. ތަހުނިޔާ ދާނީ ގެޔަށް ނޫން އެހެން ކޮންތާކަށް ހެއްޔެވެ ؟ ތަހުނިޔާ ބޭނުންވީ ގެޔަށް ދާށެވެ. އޭނާ ތާކަށް ގޮސްގެން ކުރަންވީ ކަމެއްވެސް އަދި ދާންވީ ތަނެއްވެސް ނެތެވެ. އޭނާ އެހެންތާކަށް ގެންދަން މުރުތަޟާ ބޭނުންވެފައި އިންކަމުގެ އިޙްސާސް ތަހުނިޔާއަށް ކުރެވުނެވެ. އެހެންކަމުން ، މުރުތަޟާ ދާން ބޭނުންވަނީ ކޮންތާކަށްކަން ސާފުކުރުމަށް ތަހުނިޔާވެސް ބޭނުންވިއެވެ. މުރުތަޟާވެސް ދާން ބޭނުންވީ ގެޔަށެވެ. އެހެންތާކަށްގޮސް ކުރާނެ ވަކިކަމެއް މުރުތަޟާގެ ނެތެވެ. އޭނާގެ ހިތްވަނީ ، އެތައް ސުއާލުތަކަކުން ފުރިފައެވެ. ސިކުނޑި ގޮވާވަރަށް މައްސަލަތައް އެބަހުށްޓެވެ. މީހަކާ ވާހަކަ ދެއްކިޔަސް ، އެއިން އެއްވެސް ކަމަކަށް ޙައްލެއް ފެންނާކަށް ނެތެވެ.
މިފަހަރުވެސް ، މުރުތަޟާ އެދިޔައީ ، އެމީހުންގެ ޙަޔާތުގެ ކުރިމަގު ބަށްޓަންވެގެންދާނެ ގޮތުގެ ޚިޔާލުން މުސްތަޤްބަލަށް ކުރެވޭ އުއްމީދުތަކާމެދު ވާހަކަ ދައްކައިލުމަށް ބައްދަލުކޮށްލި ހިނދު ، އެކަމަށް އެއްވެސް ސަމާލުކަމެއް ނުދީ ، ނޫރު އެކަންޏަށް ދޫކޮށްލާފައެވެ. އެކަމާ ނޫރުއަށް ކޮށްފައިހުރި އަސަރު ވަރަށް ބޮޑެވެ. ގެޔަށް ގޮސް ކޮޓަރިޔަށްވަނުމަށްފަހު ، އެންމެ ފުރަމަވެސް ނޫރު ކުރިކަމަކީ ، މުރުތަޟާއާ ގުޅައި އެކަމުގެ ޝަކުވާ ކުރުމެވެ. އެއޮށް އުފާވެރި އުއްމީދުތަކާމެދު ވާހަކަ ދައްކަން ތިބެފައި ، ނޫރުގެ އެ އުފަލުގައި ބައިވެރިވުމުގެ ބަދަލުގައި ، ތަހުނިޔާގެ އެންމެ ފޯނުކޯލެއް އައިތަނާ ، ނޫރުކުރަމުންދިޔަ ސުއާލުތަކަށް އެއްވެސް ޖަވާބެއް ނުދީ ، ދިޔަވާހަކަ ނޫރު ބުންޏެވެ. އެހެން އެހެދީ ކީއްވެގެންތޯ ނޫރު ސުއާލު ކުރިއެވެ. މުރުތަޟާގެ ވާހަކަވެސް މިފަހަރު ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ.
" އެއީ ހަމަ ، ކޮންމެ ފަހަރަކުވެސް ނޫރު ހަދާގޮތަށް ކުރެވުނު ކަމެކެވެ. ކޮންމެ ފަހަރަކުވެސް ، ނޫރުގެ މުސްތަޤްބަލްގެ ހުވަފެންތައް ކިޔައިދީ ، އަހަރެން ދޫކޮށްލާފައި ނޫރުދާ ގޮތަށެވެ. އަހަރެން އެހެދީ ހަމަ އެގޮތެވެ. އަހަރެންގެވެސް އޮންނަނީ ހިތެކެވެ. ނޫރު ހިތައް އެރިހާގޮތަކަށް ، ދެމީހުންނާގުޅޭ ކަންކަން ނިމެން އޮންނާނެކަމަށް ހީނުކުރާށެވެ. ނޫރު ދާންވީމަ ދާންވީއެވެ. އަންނަހިތްވީމަ އަންނަން ވީއެވެ. އެއީ ކޮންކަހަލަ ލޮތްބެއް ހެއްޔެވެ ؟ އަހަރެންގެ ދިރިހުރުމާއި ނޫރުއާއެކީ އޮތް ގުޅޫން ނޫރު ތިހަދަނީ ސަމާސާ އަކަށް ހެއްޔެވެ ؟ " މުރުތަޟާ ނޫރުއަށް ޖަވާބުދެމުން ގެންދިޔައެވެ.
ނޫރުގެ ފަލްސަފާއަކީ އެއީއެއް ނޫނެވެ. އޭނާ ، އިންތިހާއަށް މުރުތަޟާ ބޭނުން ވެއެވެ. ނޫރުގެ ދިރިއުޅުމުގައި މުރުތަޟާގެ މުހިންމުކަން އެންމެބޮޑަށް އެނގޭނީ މުރުތަޟާއަށެވެ. މުރުތަޟާ ފިޔަވައި އެހެން އެއްވެސް ފިރިހެނަކާމެދު ، ޚިޔާލުވެސް ކޮށްލާފައެއް ނެތެވެ. އެންމެ ދެރަވެގެން މުރުތަޟާ ، ނޫރުގެ ވިސްނުން ގޯސްކޮށް ނުނެގުމަށް ނޫރު އެދުނެވެ. އޭނާގެ ހުރިހާވެސް ވިސްނުމަކީ އެމީހުން ކައިވެނިކޮށްގެން ބާއްޖަވެރި ދިރިއުޅުމެއް ހޯދުމެވެ. ނޫރު ކުރަމުން އެގެންދާ މަސައްކަތާއި އަޅަމުން އެގެންދާ ފިޔަވަޅުތަކުގެ އަސްލަކީ އެއީއެވެ. އެހުރިހާ ކަމެއް ގޮސް ނިމެނީ އެހިސާބަށެވެ. އެދެމީހުންގެ ޙަޔާތުގެ އުފަލާއި ބާއްޖަވެރިކަމާއެވެ. މުރުތަޟާއާ ނުލައި ، ނޫރުގެ އެއްވެސް އުފަލެއް ފުރިހަމައެއް ނުވާނެއެވެ. މުރުތަޟާދެކެ އިންތިހާއަށް ލޯބިވާކަމުގައި ނޫރު ބުންޏެވެ. ނޫރުގެ އަޑުގައިވަނީ ރިހުމާއި ކެކުޅުމެވެ. އޭނާއަށް ހުރީ ރޮވިފައެވެ.
" މުސްތަޤްބަލް ދެކެނީވެސް ނޫރުއެވެ. ލޯބީގެ ހުރަސްތަކަށް ޝަރުތު ކަނޑައަޅަނީވެސް ނޫރުއެވެ. ނޫރުލްޢައިނުއެވެ ! ވަރަށް ބޮޑަށް މަޢާފުކުރާށެވެ. އަހަރެންގެ ލޯތްބަކީ ، ނޫރުލްޢައިނުގެ ޝަރުތުތަކަށް ބޯލަނބައި ކިޔަމަންވުމަށް މަޖުބޫރުވެފައި އޮތް އެއްޗެއްނޫނެވެ. ނޫރުލްޢައިނުގެ މުސްތަޤްބަލް ، ނޫރު ބޭނުންވާގޮތަކަށް ބަށްޓަން ކުރާށެވެ. އެމެރިކާ ވިސާއާއި ތިޔަދާ މަސައްކަތަށް މުބާރިކްބާދީ އަދާކުރަމެވެ ! ހުރިހާކަމަކީވެސް އަހަރެންނަށް މުހިންމު ކަންކަމެވެ. އަހަރެންގެ ގެޔާއި އަހަރެންގެ ޢާއިލާ އަދި އަހަރެންދެކެ ލޯބިވާ މީހުންނާއި ، އަހަރެންނާއެކީ ދިރިއުޅުން ކުރިޔަށް ގެންދަން ބޭނުންވާ މީހުން އެބަތިއްބެވެ. އެމީހުން އެގޮތުގައި އެތިބީ ، އެއްވެސް ޝަރުތެއް ކުރިމަތިނުކޮށް ، އަހަރެންނަށްޓަކައި ހުރިހާކަމެއް ޤުރުބާން ކުރުމަށް ތައްޔާރަށެވެ. އެއިން މީހެއްގެ އަމިއްލަ އެއްވެސް އެދުމެއް ނެތެވެ. " މުރުތަޟާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.
މުރުތަޟާ ބުނަން ބޭނުންވަނީ ކޮންވާހަކައެއްތޯ ނޫރު ސުއާލުކުރިއެވެ. މުރުތަޟާ ބުނަން ބޭނުންވަނީ ، ތަހުނިޔާ ވަރިނުކުރާނެ ވާހަކައެވެ.
މުރުތަޟާގެ ވާހަކަ އަޑުއަހަން ، ދޮރުމަތީ ހުއްޓިލައިގެންހުރި ، ތަހުނިޔާގެ މޫނުމައްޗަށް އެވަގުތު ، ހިނިތުންވުން ވެރިވިއެވެ. މިލާ މޯޅިވެފައިހުރި މޫނު ، އުފަލުންގޮސް ތާޒާވެގެން ފޮޅުނެވެ. އެއީ އޭނާގެ ކެތްތެރިކަމުގެ ފޮނި ނަތީޖާއެވެ. ފަލްސަފާއަކީ ހަމައެކަނި ނޫރު ކުޅެން އޮންނަ އެއްޗެއްނޫނެވެ. އެހެން މީހުންގެ ވިސްނުމާއި ފިކުރާ ޚިޔާލާތާ އަދި ޢަމަލަކީ ، ކޮންމެވެސް އެއްދުވަހަކުން ހިނގާނެ އެއްޗެކެވެ.
މުރުތަޟާއެއް ތަހުނިޔާ ދޫކޮށެއް ނުލާނެއެވެ. ތަހުނިޔާ އަބަދުވެސް ހުންނާނީ މުރުތަޟާއާ އެކުގައެވެ. މުރުތަޟާގެ އެބަސްތައް ނޫރުއަށް ވެގެންދިޔައީ ، ހޮނުގުގުރިއަކަށެވެ. އޭނާގެ ކަންފަތް ، އެބަސްތަކުން ބަށްވެގެން ދިޔައެވެ. ހުރިހާ ކަމަކަށްވެސް ނޫރުއަށް ވަރަށްބޮޑަށް ޝުކުރިއްޔާއޭ ބުނެ ، މުރުތަޟާ ފޯނު ކަނޑައިލިއެވެ. އޭރު ، އޭނާ އެބުނާ އެއްޗެއްގެ އަޑުއަހައިލުމަށް އެދި ، ނޫރުގެ އަޑުގެ ނެތްތަނަށް މުރުތަޟާއަށް ، ފޯނުން ގޮވަމުން ގެންދިޔައެވެ. ނޫރު ، އޭނާއަށް ގޮވަމުންގެންދިޔަ އަޑުއަހާކަށް ، މުރުތަޟާ ބޭނުމެއް ނޫނެވެ.
ތިރީގައި އެންމެންތިބީ ، މުރުތަޟާއަށް މަޑުކޮށްގެންކަމުގައި ތަހުނިޔާ ބުންޏެވެ. ތަހުނިޔާ ކޮޓަރިޔަށް އައީ މުރުތަޟާގާތު އެވާޙަކަ ބުނަންވެގެންނެވެ. އެކަމަކު ، މުރުތަޟާއާއި ނޫރުއާ ދެމެދު ދެކެވެމުންދިޔަ ވާހަކަތަކަކީ ، ވަގަށްނަމަވެސް އަހައިލަންޖެހޭ ވާހަކަތަކެއްކަމަށް ފެނިގެން ، ދުރުގައި މަޑުކޮށްލައިގެން ހުރީއެވެ.
ނޫރުއަށް ލިބުނު ކުއްލިސިހުމުން އޭނާގެ ބުއްދިއަށްވެސް އަސަރުކޮށްފިއެވެ. އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަނެ ، އަތުގައި އޮތް ދަބަސް ފާރާދިމާލަށް ހޫރައިލިއެވެ. ބޮލުގައި ދެއަތުން ހިފަހައްޓައިގެންހުރެ ، ހުތިގޮތަށް ބިންމައްޗަށް ތިރިވިއެވެ. ނޫރުގެ ނޭވާ ކުރުވަމުން ދިޔައެވެ. މެޔަށް ތަދެއްއަރައި އެތަދުގެ އަސަރު ސިކުނޑިއާ ހިސާބަށް ފޯރިއެވެ. އަނެއްކާވެސް މުރުތަޟާ އޭނާއަށް އެދިނީ ލަނޑެކެވެ. އެހެންހަދަން ހެޔޮވާނީ ކިހިނެއް ހެއްޔެވެ ؟ އެއޮށް އުފާވެރި ވަގުތުގައި ، ނޫރުގެ މުސްތަޤްބަލްގެ އުޖާލާކަން ގެނެސްގަތުމަށް ، ރަނުގެ ފުރުސަތެއް ތަނަވަސްވި ހިނދު ، އަނެއްކާވެސް މުރުތަޟާ އޭނާއަށް އެދިނީ ދޯކާއެވެ. އެންމެ ހަތަރުމަހެއްހާ ދުވަހު ، އިންތިޒާރުކޮށްލުމަށްވެސް ކެތެއް ނުވިއެވެ. އެކަން ރޭވިފައިވާ މަގުން ހިނގައްޖެނަމަ ، ފައިދާއޮތީކީ ހަމައެކަނި ނޫރުއަށް އެކަންޏެއްނޫނެވެ. މުރުތަޟާއަކީވެސް ކިޔަވައިގެންހުރި މީހެކެވެ. އޭނާއަށްވެސް އެކަށީގެންވާ ވަޒީފާއެއްލިބި ، އެވަޒީފާގައި ކުރިޔަށް ދިއުމަށް މަގުފަހިވެގެން ދާނެއެވެ. އެހެނަސް ، އެއީ ނޫރުއަށް ފެންނަ ގޮތެވެ. މުރުތަޟާގެ ވިސްނުމަކީ ، ކޮންމެ ކަމެއްގައިވެސް ، ނޫރުއާ ތަފާތު އެއްޗެކެވެ،
ދޮރުން ވަދެވަދެހުރި ، ތަހުނިޔާއަށް މުރުތަޟާ ގޮވައިލިއެވެ. ތަހުނިޔާގާތު ވާހަކައެއް ބުނުމަށް ، މުރުތަޟާ ބޭނުންވާތީ އޭނާގާތު ، އެނދުގައި އިށީނދެލުމަށް އެދުނެވެ. ތަހުނިޔާ އެނދުގައި އިށީނދެލައި ، އޭނާވެސް މުރުތަޟާގާތު ވާހަކައެއް ބުނަން އޮތްވާހަކަ ބުންޏެވެ. އެއީ ، އަދި އެއްވެސް މީހެއްގެ ގާތުގައި ތަހުނިޔާ ބުނެފައިވާ ވާހަކައެއްނޫނެވެ. މުރުތަޟާ ބުނަން ބޭނުންވާ ވާހަކަޔަކަށް ، އޭނާގެ ސިކުނޑިވަނީ ތައްޔާރަށް ކަމަށް ތަހުނިޔާ ބުންޏެވެ.
ތަހުނިޔާއާ ދިމާއަށް ބަލަހައްޓައިގެން ، އެތައް އިރަކު އިނުމަށްފަހު ، މުރުތަޟާ އޭނާއާ ގާތަށް ތަހުނިޔާ ޖައްސައިލިއެވެ.
" އަހަރެން މިހާރު މިހުރީ ، ނޫރުއާ ކައިވެނި ނުކުރަން ނިންމައިގެންނެވެ. "
މުރުތަޟާ އެބުނިވާހަކައެއްގެ އަޑު މުރުތަޟާގެ ދުލުން އެތައްފަހަރަކު އަޑުއިވެން ތަހުނިޔާގެ ހިތް އެދުނެވެ. ތަހުނިޔާއަށް ލިބުނު ހަމަހިމޭންކަމުގައި އެތައްކަމެއް އެއްފަހަރާ ވެގެން ހިނގައްޖެއެވެ. އޭނާގެ މޫނުމަތި ތާޒާވެގެން ދިޔައެވެ. ތުންފަތަށް ވެރިވި ހިނިތުންވުން ކޮލުދަތާ ހަމަޔަށް ފޯރައި ، އަނގަ ތަންމިނަށް ހުޅުވުނެވެ. ދެލޯ ބޮޑުވެ ޙައިރާންކަމުގެ ރޫތައް ނިތްކުރިޔަށް އެރިއެވެ. މުރުތަޟާ އެބުނީ ހިތުގައި އޮތްގޮތަށް ތެދަށްތޯ ، ޔަޤީންކޮށްލުމަށް ތަހުނިޔާ ބޭނުންވިއެވެ. އަދި ، އެއީ ހަމަ ތެދެއްތޯ މުރުތަޟާކުރެން އެހިއެވެ. އޭނާ އެބުނީ މުޅިން ބަރާބަރަށްކަމުގައި މުރުތަޟާ ބުންޏެވެ. އެވަގުތު ތަހުނިޔާއަށް ލިބެމުންދިޔަ ޖަޒުބާތީ އަސަރުތައް މުރުތަޟާގެ ލޮލުން ކަށަވަރުކުރަމުން ގެންދިޔައެވެ. ތަހުނިޔާގެ ލޮލުން ފާއްދަމުން ޖަމާވަމުންގޮސް ، ފައިބަމުންދިޔަ މުތީތަކެއްފަދަ އުފާވެރިކަމުގެ ކަރުނައިގެ ތިކިތައް ، މުރުތަޟާ ފުހެލަ ދިނެވެ.
މުރުތަޟާގެ ފަރާތުން އެތައް ވޭނަކާއި ތަކުލީފެއް ތަހުނިޔާއަށް ދެވިއްޖެއެވެ. އެކަމަކު ، އެކަމާ މުރުތަޟާ މިއަދު ދެރަވެ ހިތާމަ ކުރެއެވެ. އެއީ ތަހުނިޔާއަށް ޙައްޤު އެއްޗެއްނޫނެވެ. މުރުތަޟާގެ ލޯބި ޙައްޤުވެގެންވަނީ ، ތަހުނިޔާއަށެވެ. ނޫރުއަކަށްނޫނެވެ.
ތަހުނިޔާ ބުނަން އުޅުނީ ކޮންވާހަކައެއްތޯ މުރުތަޟާ ސުއާލުކުރިއެވެ. އަދި ، އޭނާގެ ރިޕޯޓް ލިބިއްޖެވާހަކަ ބުންޏެވެ.
ތަހުނިޔާގެ ވާހަކަ އެހާ ސާފެއްނޫނެވެ. ކޮންރިޕޯޓެއް ހެއްޔެވެ ؟ ތަހުނިޔާ ބަލިވެ އުޅެނީ ހެއްޔެވެ ؟ މުރުތަޟާއަށް އެއިންކަމެއްގެ ހިލަމެއް ނުވެއެވެ. މުރުތަޟާގެ ސުއާލުތަކަށް ޖަވާބު ދިނުމުގެ ބަދަލުގައި ، ތަހުނިޔާގެ ފޯނުގައި އޮތް ރިޕޯޓް ދައްކައިލުމަށް ، އޭނާގެ ފޯނު ، މުރުތަޟާއަށް ދިއްކޮށްލިއެވެ. ވަރަށް ފަރުވާތެރިކަމާއެކު ، މުރުތަޟާ އެއަށް ބަލައިލިއެވެ. ( ނުނިމޭ )