ފަލްސަފާ (67)

( 16 މާރިޗު 2024 ގައި ޝާއިޢުކުރި ބަޔާ ގުޅޭ )

މުރުތަޟާ  ، ނޫރުލްޢައިނުއާ ދެއަނތްބަށް އިންނަން އުޅޭ ވާހަ އިވުމުން ، ތަހުނިޔާގެ މައިންބަފައިންގެ ހިތަށް ކުރާނެ އަސަރާމެދު ، ތަހުނިޔާ ކަންބޮޑު ވިއެވެ. އޭނާގެ ކައިވެންޏާމެދު ތަހުނިޔާގެ މަންމައާއި ބައްޕަ އެތިބެނީ ، ވަރަށް އުފަލުންނެވެ. ތަހުނިޔާގެ  އެކައިވެނީގައި ހުރި ތަކުލީފާއި ހިތްދަތިކަމުގެ ވޭނުގެ ކުޑަވެސް އިޙްސާސެއް ، އޭނާގެ މައިންބަފައިންނަށް ފޯރިޔަކަ ނުދޭނެއެވެ. އެއީ މައިންބަފައިންނަށް ކިޔަމަންތެރި އަންހެންދަރިއެއްގެ ފުރިހަމަ ޤުރުބާނީއަކަށް ހަދާނެއެވެ. މިހާރުވެސް ، އެއްވެސް ކަމެއް ނޭނގިތިބެ ، އެމީހުންގެ މޫނުމަތިން ފެންނަމުން އެދާ އުފާވެރިކަން ، އޭނާގެ މައިންބަފައިންގެ ކިބައިން ނެތިދާކަށް ތަހުނިޔާއެއް ނޭދެއެވެ. އެއީ ، ތަހުނިޔާއަށް ކުރެވޭވަރުގެ ކަމަކަށް ނުވާނެއެވެ. ތަހުނިޔާގެ ހިތުގައި އަޅާ ކެކުޅުމާއި ވޭން ، އޭނާގެ މައިންބަފައިންނާ ޙިއްޞާ ކުރާނީ ކިހިނެއް ހެއްޔެވެ ؟

ތަހުނިޔާ އިނީ ކާމޭޒުދޮށުގައި އިށީނދެލައިގެންނެވެ. ތަހުނިޔާ ކަންބޮޑުވެފައި އިންތަން ފެނުމާއެކު ، ސާޖިދާއަކަށް ކެތެއް ނުކުރެވުނެވެ. މާބޮޑަށް ކަންބޮޑުވެފައި އެއިނީ ކީއްވެތޯ ސާޖިދާ ސުއާލު ކުރިއެވެ. އެއްވެސްކަމެއް ނުވާކަމަށް ތަހުނިޔާ ޖަވާބު ދިންނަމަވެސް ، އެކަން ސާޖިދާއަކަށް ޤަބޫލެއް ނުކުރެވުނެވެ. ސާޖިދާ ބޭނުންވަނީ ، ތަހުނިޔާ އެގޭގައި ދުވަސްކޮޅަކު ބަހައްޓާށެވެ. އެކަމަށް މުރުތަޟާގެ ކިބައިން އޭނާ އެދޭނެއެވެ. އެދުވަހު ހަވީރު މުރުތަޟާ އެގެޔަށް އައުމަށް ސާޖިދާ ބޭނުންވި ސަބަބަކީ އެއީއެވެ. މުރުތަޟާގެ މައްސަލައެއް ނެތިއްޔާ ، ތަހުނިޔާ އެގޭގައި ދުވަސްކޮޅަކު ބަހައްޓާލުމުގެ ހުއްދައަށް ، މުރުތަޟާގެ ކިބައިން އެދޭނެއެވެ.

އެހެންނަމަވެސް ، ތަހުނިޔާ އެކަން ބަލައެއް ނުގަތެވެ. ގޭގައި ހުންނަން އަންނާނީ ފަހުންނެވެ. މިހާރަކު އެނާއަށް އެގެޔަށް އާދެވޭކަށް ނެތެވެ.

" ފަހަރެއްގައި ފަހުން ގެޔަށް އައިސް ، އޭނާ އެނބުރި އެގެއިން ނުގޮސްވެސް ފާނެއެވެ. " ތަހުނިޔާގެ ހިތާހިތާ ކިޔައިލިއެވެ.

އެދުވަސް އެއައީއެވެ. ތަހުނިޔާގާތު ގެޔަށް އަންނަން ބުނީމަ ، ތަހުނިޔާ އެކަމަށް އިންކާރުކުރާ ދުވަހެވެ. ސާޖިދާގެ މޫނުމަތިން އުފާވެރިކަން ފާޅުވިއެވެ. އޭނާގެ ދަރިފުޅުގެ ދިރިއުޅުމުގެ ފުރިހަމަކަން ، އެކަމުން ސާޖިދާއަށް ސާފުވިއެވެ. ސާޖިދާ ބުނިގޮތުގައި އެގޭގައި ތަހުނިޔާ މަޑުކުރާކަށް ، އޭނާ މަޖުބޫރެއް ނުކުރާނެއެވެ. އެކަން ކުރާނީ ތަހުނިޔާ އެކަމަށް އެދޭ ދުވަހަކުންނެވެ. ދިރިއުޅުމުގެ ކަންކަން ފުރިހަމަވަމުންދާ ވަރަކަށް ، ފިރިމީހާގެ ގެއިން ބޭރަށް ނުކުމެ ، މައިންބަފައިންނާ ބައްދަލުކޮށް އުޅުން ދުރުވާނެއެވެ. އެއީ ސާޖިދާ ކަންބޮޑުވާކަމެއް ނޫނެވެ. އޭނާ ބޭނުންވަނީ ، ދުވަހަކު ކޮޅުންވެސް ، އޭނާގާތަށް ތަހުނިޔާ ނަޔަސް ، އެދަރިފުޅުގެ ދިރިއުޅުން ބާއްޖަވެރިކަމުން ފުރިގެން ވުމެވެ.

އެވަގުތު އެއިވުނީ ، ޢާޞިފް ގެ އަޑެވެ. މުރުތަޟާ އައިސް ވަނީމަ ، އޭނާ އައިވާހަކަ ސާޖިދާމެންނަށް އަންގައިލީއެވެ. ތަހުނިޔާގާތު ، އަންނަން ބުނަމުން ސާޖިދާ އަވަސްވެ ގަތީ މުރުތަޟާއާ ބައްދަލު ކުރުމަށެވެ. ސާޖިދާ ދިޔައީ ، ތަހުނިޔާވެސް ގޮވައިގެންނެވެ.

މުރުތަޟާއާ އެންމެ ފުރަތަމަ ބައްދަލުކުރީ ޢާޞިފެވެ. ސައިބޮއިގެން ދާން އިށީންނާށޭ ، ޢާޞިފް ބުންޏެވެ. އެކަމަކު ، މުރުތަޟާ އެއައީ މަޑުކޮށްލެވޭ ގޮތަކަށްނޫނެވެ. ވަރަށް އަވަހަށް ދާންވެގެންނެވެ. ސައިތަށްޓެއް ބޯލާނެހާ ވަގުތުވެސް ނެތެވެ. ތަހުނިޔާމެން އައުމުން ، ސާޖިދާއަށް ސަލާމް ގޮވާލާފައި ،  ތަހުނިޔާގާތު ދަމާހިނގާށޭ ބުންޏެވެ. މުރުތަޟާ ހުރީ ވަރަށް ކަންބޮޑުވެފައެވެ. ތަހުނިޔާގެ މައިންބަފައިންގާތު ، އެއްވެސް ވާހަކައެއް ބުނެފައި އޮތްނަމަ އެއީ އޭނާއަށް ލަދުންގޮސް މަރުވާވަރުގެ ކަމަކަށް ވާނެއެވެ. މުރުތަޟާ ބޭނުންވީ ، ވީ އެންމެ އަވަހަކަށް ތަހުނިޔާ ގޮވައިގެން އެގެއިން ނުކުތުމަށެވެ. އޭނާއާ އެއްވެސް ސުއާލެއް ކުރިމަތި ވުމުގެ ކުރިންނެވެ.

ތަހުނިޔާވެސް ، އާނއެކޭ ބުނެ ، ދާންވެގެން ހިނގައިގަތެވެ. ތަހުނިޔާ މަޑުކޮށްގެން އެހުރީ މުރުތަޟާ އަންނާނެ ވަގުތަކަށެވެ.

ކާރަށް އަރައި މުރުތަޟާ ދުއްވަމުންދާ މަގު އެއީ ތަހުނިޔާ ނުދަންނަ މަގަކަށް ވުމާއެކު ، އެމީހުން އެދަނީ ކޮންތާކަށްތޯ ތަހުނިޔާ ސުއާލު ކުރިއެވެ. އޭރުވެސް ، މުރުތަޟާ އިނީ ކަންބޮޑުވެ ހާސްވެފައެވެ. ތަހުނިޔާގެ މައިންބަފައިންގާތު އެއްވެސް ވާހަކައެއް ބުނިންތޯ ، މުރުތަޟާ ސުއާލު ކުރިއެވެ.

ތަހުނިޔާ ، އޭނާގެ މައިންބަފައިންގާތު އެއްވެސް ވާހަކައެއް ނުބުނެއެވެ. އެއީ ކީއްވެތޯ މުރުތަޟާ ސުއާލު ކުރިއެވެ. އެމީހުންގާތު އެވާހަކަ ބުނަންޖެހޭ ވަގުތު އައިމަ ، ތަހުނިޔާ އޭނާގެ މައިންބަފައިންގާތު ހުރިހާ ވާހަކައެއް ކިޔައިދޭނެއެވެ. އެއީ މުރުތަޟާ ކަންބޮޑުވާންވީ ކަމެއްނޫނެވެ. އެއިން އެކަކުވެސް އެކަމާ އެއްވެސް އެއްޗެކޭ ނުބުނާނެކަމަށް ތަހުނިޔާ ބުންޏެވެ.

އެކަން މުރުތަޟާއަކަށް ޤަބޫލެއް ނުކުރެވުނެވެ. ތަހުނިޔާ އެހަދަނީ ގޯހެއްކަމުގައި މުރުތަޟާ ބުންޏެވެ. މުރުތަޟާއަށް ތަހުނިޔާއާމެދު ކަންތައް އެކުރެވެނީ ރަނގަޅަށްނޫންކަން ، މުރުތަޟާއަށްވެސް އެނގެއެވެ. އެއީ ތަހުނިޔާއަށް ޙައްޤު ސަޒާއެއްނޫނެވެ. އެކަމަށްޓަކައި ، ތަހުނިޔާގެ ކިބައިން މުރުތަޟާ ފަށްފަށުން މަޢާފަށް އެދުނެވެ.

" ތަހުނިޔާގެ އެންމެ ފަހުގެ ނިންމުން އަދިއެއްފަހަރު ، ޔަޤީންކަމާއެކު ނިންމަ ބަލާށެވެ. އެއީ އަހަރެންނަށް ވަރަށް މުހިންމު ކަމެކެވެ. " މުރުތަޟާ ބުންޏެވެ.

ކުރިންވެސް ، ތަހުނިޔާވަނީ ، އޭނާގެ ނިންމުން މުރުތަޟާގާތު ބުނެފައެވެ. އަދިވެސް ، ތަހުނިޔާ ބުނަންއޮތީ ހަމަ އެހެންނެވެ. މުރުތަޟާގާތުން ވަރިވާކަށް ތަހުނިޔާއެއް ނޭދޭނެއެވެ. އެއީ ކީއްވެގެންތޯ މުރުތަޟާ ސުއާލު ކުރިއެވެ. ތަހުނިޔާގެ އަމިއްލަ ނަފްސަށް ، އަމިއްލަޔަށް އެދެނީ އަނިޔާއެއްކަން ، މުރުތަޟާ ހަނދާން ކޮށްދިނެވެ. ތަހުނިޔާއަށް ޖެހޭނީ ނޫރުއާއެކު ، މުރުތަޟާގެ ދެބައިކުޅަ އެއްބައި ލިބިގެން އުޅޭށެވެ. އެއީ ، އަންހެނަކަށް ޙިއްޞާކުރަން ވަރަށް ބޮޑު ތަކުލީފެކެވެ. ހިތްފަޅައިގެންގޮސް މަރުވާ ވަރުގެ ، ހިތްދަތިކަމާއި ހިތާމައާއި ތަކުލީފުނޫން އެހެންކަމެއް ، ތަހުނިޔާއަކަށް ނުލިބޭނެއެވެ.

" މުރުތަޟާއެވެ ! މުރުތަޟާގެ ޙަޔާތަށް ނޫރުލްޢައިނު އައުމުން ، އެތައްބަޔެއްގެ ހިތަށް ވޭނާއި ކެކުޅުން ލިބޭނެކަން އަހަރެންނަށް އެނގެއެވެ. އޭގެ ތެރެއިން އެންމެ ބޮޑު ވޭނަކާއި ތަކުލީފެއް ލިބިލިބި ހުންނާނީ އަހަރެންނަށެވެ. މަންމައާއި ބައްޕަ ، ޙަފުޞައްތައާއި ޠާހިރާ އަދި އަރުސަލާންއަށް ވާނީ ކިހިނެއްކަމެއް އަހަރެންނަކަށް ނޭނގެއެވެ. މުސްކުޅިވެފައިތިބި މައިންބަފައިންނަށް ، ދަރިއެއްގެ ކިބައިން ، އެފަދަ ވޭނަކާއި ތަކުލީފެއް ލިބުން އެއީ ، އަހަރެންނަށް ކެތްކުރެވޭވަރުގެ ކަމެއްނޫނެވެ. މުރުތަޟާ ނޫރު ބަލަހައްޓާށެވެ. އަހަރެން ، އެހެންމީހުން ބަލަހައްޓާނަމެވެ. އެ އެންމެންގެ ހިތާމައިގާ ބައިވެރިވެ ، ދުނިޔެއަޅާ ދާންވެސް އަހަރެން މިހުރީ ތައްޔާރަށެވެ. " ތަހުނިޔާ ބުންޏެވެ. ތަހުނިޔާ ވާހަކަ ދެއްކީ ހިތުގައި އޮބިއަޅައި ހިފަހައްޓައިގެން ، ކެތްތެރިކަމާއެކުގައެވެ.

 

ޙަފުޞާ ހުރީ ގޭތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލައެވެ. މުރުތަޟާމެން ގެޔަށް އައުން ލަސްވެގެން ކަންބޮޑުވެފައެވެ. ކުޑަ އިރުކޮޅަކުން އެދެމީހުން އައިސް ގެޔަށް ވަނެވެ. ދަރިފުޅާއޭ ބުނެ ، ތަހުނިޔާއަށް ގޮވައިލުމަށްފަހު ، ތަހުނިޔާގެ މަންމައާއި ބައްޕަގެ ޙާލު ކިހިނެއްތޯ ޙަފުޞާ ސުއާލު ކުރިއެވެ. ﷲ ގެ ހެޔޮ ރަޙުމަތްފުޅާއެކު ، އެމީހުންގެ ޙާލު ރަނގަޅުކަމަށާއި ސަލާމް ބުނިކަމަށް ތަހުނިޔާ ބުންޏެވެ. ދެން ދެއްކުނީ ކޮން ވާހަކައެއްތޯ ޙަފުޞާ ސުއާލު ކުރިއެވެ. އިތުރު އެހެން ވާހަކައެއް އެމީހުން ނުދައްކައެވެ. ނުދެކޭތާ ގިނަދުވަސް ވުމާއެކު ، ޙަފުޞައްތައާ ބައްދަލުކުރުމަށް ، އެގެޔަށް ޒިޔާރަތްކޮށްލުމަށް އެމީހުން ތިބީ ވަރަށް ބޭނުންވެފައެވެ.

ތަހުނިޔާ އެތަނުގައި މަޑުނުކޮށް ކޮޓަރިޔަށް ދިޔައެވެ. އަދި ، ތަހުނިޔާމެން އައިކަން އެނގުމުން ޠާހިރާ ، ގޭތެރެޔަށް ނުކުތެވެ. މުރުތަޟާ ހުރީ ، ހަދާނެގޮތެއް ނޭނގިފައެވެ. އެކަމަކުވެސް ، ވާހަކައެއް ދައްކަން ބޭނުންވެފައެވެ.

ތަހުނިޔާއަށް ހުރިހާ ވާހަކައެއް ކިޔައިދީފިންކަމުގައި ، އޭނާގެ މަންމަގާތު ، މުރުތަޟާ ބުންޏެވެ. މުރުތަޟާއާއި ނޫރުގެ ކައިވެންޏާމެދު ، ތަހުނިޔާގެ އެއްވެސް އިޢުތިރާޒެއް ނެތެވެ. މުރުތަޟާގެ އުއްމީދަކީ ، މަންމައާއި ދައްތަގެ ރުހުންވެސް އެކަމަށް ލިބުމެވެ. ތަހުނިޔާ ހުންނާނީ މުރުތަޟާގެ އަނތްބެއްގެ ގޮތުގައި ، މުރުތަޟާގެ މަންމަގާތުގައެވެ. މުރުތަޟާ ދިރިއުޅޭނީ ، އެޕާޓްމަންޓެއް ކުއްޔަށް ހިފައިގެން ،  ނޫރުއާއެކީގައެވެ.

" އެއްވެސްމީހަކާއެކީ އޮތް އަހަރެންގެ ގުޅުމަށް ، އެއްވެސް ކަހަލަ ނޭދެވޭ އަސަރެއް ނުކުރާނެގޮތަކަށް ޢަމަލުތައް ބެހެއްޓޭތޯ އަހަރެން މަސައްކަތް ކުރާނަމެވެ. ބޭއިންސާފުން އެއްވެސްކަމެއް ނުކުރާނަމެވެ. މީހުންގެ ނުރުހުމާއި ބަދދު ދުޢާއިން ސަލާމަތްވުމަށްޓަކައި ، މިހަފުތާގައި ކައިވެނިކުރަންވެސް އަހަރެން ނިންމައިފީމެވެ. އެއްވެސްމީހަކު ، އެކަމާ ހިތްބަރުނުކުރުމަކީ އަހަރެންގެ ވަރަށްބޮޑު އެދުމެކެވެ. އަދި ، ވީ އެންމެ އަވަހަކަށް އެ ކައިވެނި ޤަބޫލު ކުރުމަކީ ، އެންމެންނަށްވެސް އޮތް އެންމެ ރަނގަޅު ގޮތެވެ. " މުރުތަޟާ އޭނާގެ ނިންމުން ހާމަ ކުރިއެވެ. އަދި ކޮޓަރިޔަށް ދިޔައެވެ.

ޙަފުޞާއާއި ޠާހިރާއާ ދެމައިންތިބީ ދެލޯ ބޮޑުވެ ، އަނގަ ހުޅުވިފައެވެ. ބުނާނީ ކީކޭކަންވެސް ހަނދާން ނެތިފައެވެ. ޙަފުޞާ ކަންބޮޑުވީ ، އޭނާއާއި  ޠާޙިރާ އަދި އަރުސަލާން އާ ދޭތެރެއަކު ނޫނެވެ. ޙަފުޞާ އެންމެ ކަންބޮޑުވީ ، ތަހުނިޔާއަށް ލިބިގެންދާނެ ނިކަމެތިކަމާ މެދުގައެވެ. ޢާޞިފާއި ސާޖިދާއަށް ކުރިމަތިވާނެ ދެރަ ޙާލަތާ މެދުގައެވެ. އެ މައުޞޫމު ތަހުނިޔާގެ އޮތީ ކޮން ކުށެއް ހެއްޔެވެ ؟ އެއީ ތަހުނިޔާއަށް ބަރުދާސްތު ކުރެވޭވަރުގެ ވޭނަކަށް ނުވާނެއެވެ. ސާޖިދާމެންނާ ކުރިމަތިލާނެ ގޮތަކާމެދު ވިސްނާ ވިސްނާ ޙަފުޞާ އެހުންނަނީ އަވަދިވެފައެވެ. އެ ކައިވެންޏަށް ހުރަސް އެޅިދާނެ މުޢުޖިޒާތެއް ދެއްކެވުން އެދި ﷲ އަށް ޙަފުޞާ ދުޢާކުރިއެވެ.

ތަހުނިޔާގެ ޙާލަކީ ކޮބައިތޯ ބަލައިލަން ދިއުމަށް ޠާހިރާގާތު ، ޙަފުޞާ ބުންޏެވެ. އެމީހުންގެ ކުރިމަތީގައި ވަރަށް ހިތްވަރުކޮށްފައި ހިނިމޫނު ދެއްކިޔަސް ، ތަހުނިޔާގެ ހިތުގައި އަޅަމުންދާނެ ވޭނާއި ކެކުޅުމުގެ އަލިފާންގަނޑު ، ޙަފުޞާއަށް އިޙްސާސް ކުރެވެއެވެ. ތަހުނިޔާގެ ޙާލަކީ ކޮބައިތޯ ބެލުމަށް ޠާހިރާ ފޮނުވައިލިއެވެ. އޭނާއަށްވުރެ ، ޠާހިރާގެ ބޭނުން ، މިވަގުތަށް ތަހުނިޔާއަށް މުހިންމުކަން ޙަފުޞާ ވިސްނައި ދިނެވެ. ތަހުނިޔާއާއެކީ މިވަގުތު ، އެއްވެސް މީހަކު ނެތެވެ. އެކުއްޖާފުޅު އެވަނީ އެކަނިވެރި ވެފައެވެ. ވޭނާއި ކެކުޅުމުން ހިތް ފޮތިފޮތިވެފައެވެ. ޙަފުޞާގެ މުސްކުޅި ޢުމުރުގައި އެދުވަސް އަންނާނެކަމަށް ، ޚިޔާލުވެސް ކޮށްލެވިފައެއް ނުވެއެވެ.

 

ނޫރުމެންގެ ގޭތެރޭގައިވެސް ކަމަކަށްއޮތީ ، ކަންބޮޑުވުމާއި ހާސްކަމެވެ. ނޫރުގެ ފަލްސަފާގައި ދުނިޔެ ހިނގަމުންދާ ގޮތުން ، އޭނާއާ ގުޅިފައިވާ އެއްވެސް މީހަކަށް ހަމަޖެހުމެއް ނެތެވެ.

އެންމެންތިބީ ، ނޫރުގެޔަށް އަންނަތަނުން ، ނޫރުއާ ދިމާކުރަން ތައްޔާރު ވެގެންނެވެ. ސޯފާގައި އެންމެން އިށީނދެ ތިބިއިރު ، ނޫރު ހުރީ ކުށްވެރިއެއްހެން ކޮޅަށެވެ.

" ނޫރުއެވެ ! ނޫރުގާތުގައި ، ލަދުވެތިކަން އިޚްތިޔާރު ކުރާށޭ ބުނަންވެސް އަހަރެން ލަދު ގަނެއެވެ. ތަހުނިޔާއަކީ ، ނޫރުއާއެކީ ، ތުއްތު އިރުއްސުރެ އެކުގައި އުޅެމުން އައި އެކުވެރި ރަޙުމަތްތެރިޔާއެވެ ! އަހަރެމެން އެންމެން ކުރިމަތީ ، އެކުގައި ކުޅެ ، ހީސަމާސާ ކުރަމުން އައިސް މިހާރު ތިތިބީ ބޮޑެތި މީހުންނަށް ވެފައެވެ. " ހާރިސް ބުންޏެވެ.

" އެންމެ ލޯބިވާ އެކުވެރި ތަހުނިޔާގެ ކައިވެނި ރޫޅާލައި ، އެކުއްޖާފުޅުގެ ޙަޔާތް ބަރުބާދު ކޮށްލައި ، އަނިޔާދޭކަށް ލަދެއް ނުގަނޭ ހެއްޔެވެ ؟ " ހާރިސްގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.

ބޭބެ ، ހާރިސްގެ ހަނދާން ވަރަށް ގަދަކަމުގައި ނޫރު ބުނެލިއެވެ. އަހަރެން ، އެކަމާ ވަރަށް އުފާ ކުރަމެވެ. އެކަމަކު ، ނޫރު އެންމެ ދެރަވާ ސަބަބަކީ ، އޭނާގެ އެންމެ ގާތް ރަޙުމަތްތެރިޔާ ، އޭނާގެ ހުރިހާ އުފަލެއް ނެތިދިއުމުގެ މެދުވެރިޔަކަށް ވުމެވެ. އަހަރެންނަށް ކުރެވުނީ ކުށެއް ހެއްޔެވެ ؟ ކުޑަ ދުވަސްކޮޅެއް އަހަރެން އެދުނީއެވެ. އޭގެ މާނަޔަކީ ، އަހަރެންގެ އުފަލާއި ހަމަޖެހުން ، އެހެންމީހަކަށް ދިނުމެއްނޫނެވެ. އަހަރެން ޤުރުބާންކޮށް ، ބަލިބަކަށްޓެއްހެން އަހަރެން ކަތިލުމެއްނޫނެވެ. އަހަރެންގެ ރަޙުމަތްތެރިކަމުގެ ހުރިހާ ޙައްޤެއް ، ތަހުނިޔާއަށް އަހަރެން ދިނީމެވެ. އެކަމަކު ، އަހަރެންގެ ލޯތްބެއް ނުދެމެވެ. " ނޫރު ބުންޏެވެ.

އަނގައިން ނުބުނަން އިނދެފައިވެސް ، ރައިދާ ނޫރުއަށް ރައްދު ދިނުމަށް ކުރިމަތިލިއެވެ. އެއްކަމެއް ، ނޫރު ހަނދާން ނެތުނުކަމަށް ބުނަމުންނެވެ. އެއީ ، މުރުތަޟާއާ ކައިވެނިކުރުން ދޫކޮށްލައި ، ކައިވެނި ރޫޅައިލިކަން އިޢުލާންކުރީ ޚުދު ނޫރު ކަމެވެ. އަދި ކައިވެނިކުރަން ދެކޮޅު ހެދީވެސް ނޫރުއެވެ. އެކަން ނޫރު ، ހަނދާން ނެތުނީތޯ ރައިދާ ސުއާލު ކުރިއެވެ.

ކައިވެންޏަށް ، ނޫރު އިންކާރެއް ނުކުރެއެވެ. އިތުރު ވަގުތުކޮޅަކަށް އެދުނީމަ ، އެކަން ބަޔަކަށް ޙަޖަމް ނުވީއެވެ. އެކަމަށްޓަކައި ނޫރުއަކީ ދުނިޔޭގައި ނެތްވަރުގެ ކުށްވެރިޔަކަށް ހަދައި އަދަބުދީ ، ނޫރުގެ އުފާތައް ދަމައިގަތީއެވެ.

" އަހަރެން މިކުރަނީކީ ގޯސްކަމެއްނޫނެވެ. އަހަރެން މިކުރާކަމަކީ ، ހަމައެކަނި ، އަހަރެންގެ އަތުން  ބަޔަކު ދަމައިގަތް ، އަހަރެންގެ އުފާ ، އަނބުރާ ހޯދަނީއެވެ. އެއީ އެއްވެސްމީހެއްގެ ޙައްޤަކަށް އަރައިގަންނަނީކީ ނޫނެވެ. " ނޫރު ބުންޏެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.