ފަލްސަފާ (66)

( 15 މާރިޗު 2024 ގައި ޝާއިޢުކުރި ބަޔާ ގުޅޭ )

ތަހުނިޔާގެ ހިތުގައި ފުނިޖެހި ޖަމާވެފައިވާ ޝަކުވާގެ އުދާސްތަކުގެ އަސަރު ، އޭނާގެ މޫނުމަތިން ، ޢާޞިފަށް ފާޅުވެއެވެ. އަދި އެކަމަށް ވިސްނައިލުމަށް ސާޖިދާއަށް ޢިޝާރާތް ކޮށްލަމުން ، ފެންވަރާލައިގެން ކާން ނުކުންނާނަމޭ ބުނެ ޢާޞިފް ކޮޓަރިޔަށް ވަނެވެ.

ޢާޞިފް ދިއުމާއެކު ، ތަހުނިޔާއާއި ސާޖިދާއާ ދެމައިން އެކަނިވިއެވެ. އެދެމައިންނަކީ ، ކޮންމެ ވާހަކައެއްވެސް ދައްކަން އާދަވެފައިތިބި ދެމައިންނެވެ. ހަވީރު އެގެޔަށް އައުމަށް މުރުތަޟާގާތު ބުނުމަށް ، ސާޖިދާގާތު ތަހުނިޔާ އެދުނެވެ. މުރުތަޟާއާ ބައްދަލުކޮށްލުމަށް ސާޖިދާހުރީ ބޭނުންވެފައެވެ. އެއީ ، ކޮންކަމަކުކަމެއް ސާޖިދާއެއް ނުބުނެއެވެ.

 

މުރުތަޟާއާއި ނޫރުގެ ބައްދަލުވުން އަދިވެސް ނުނިމެއެވެ. ނޫރުއަށްވެސް ޤަބޫލުކުރެވޭ ގޮތުގައި ، މުރުތަޟާއަށް ނިންމަން ޖެހިފައިއެވަނީ ، އުނދަގޫ ނިންމުމެކެވެ. އެކަމަކު ، މުރުތަޟާގެ ޙަޔާތުގައި ހުރުމަށް އެންމެ ރަނގަޅުވާނީ ، ތަހުނިޔާއަށްވުރެ ބޮޑަށް ނޫރުކަމުގައި ބުނާކަށް ނޫރު ، ޖެހިލުމެއް ނުވިއެވެ. އެދެމީހުންނަށް އުފަލުގައި އުޅެވޭނީ ، މުރުތަޟާ ، ތަހުނިޔާ ދޫކޮށްލައިގެންކަމަށް ނޫރު ބުނަމުން ގެންދިޔައެވެ. ނޫރުއަށް ހުރީ ރޮވިފައެވެ. ހިތުގައި އަޅާ ވޭނަށް ކެތްނުވެގެން ، މާނޭވާ ލެވިލެވި އެވެ. މުރުތަޟާއަށްވެސް ފެނުނުގޮތުގައި ، ނޫރުއާއި ތަހުނިޔާއަށްވެސް ، އަދި މުރުތަޟާއާ ތަހުނިޔާއާ މުރުތަޟާއާއި ނޫރުއަށްވެސް އެންމެ ރަނގަޅުވާނެ ގޮތަކީ ، އޭނާގެ ޙަޔާތުން ތަހުނިޔާ ވަކިވުމެވެ. އެއްވެސް މީހަކަށް ، އޭނާގެ ފަރާތުން ތަކުލީފެއް ލިބުމަކަށް މުރުތަޟާ ބޭނުމެއް ނުވެއެވެ. ތަހުނިޔާ ދޫކޮށްލައިގެން ، ތަހުނިޔާއަށް ތަކުލީފެއްލިބުމަކީވެސް ، މުރުތަޟާ އެދޭކަމެއްނޫނެވެ. އެކަން އެހެންކޮށްފިނަމަ ، މުރުތަޟާއަށް ފަހުން އެކަމާ ދެރަވާން ޖެހިދާނެއެވެ. އަދި ، ޢުމުރުދުވަހަށްވެސް އެކަން އެގޮތުގައި ދެމިވެސް އޮވެދާނެއެވެ. ތަހުނިޔާ ވަރިކުރުވަން ނޫރު އެކުރަމުންދާ މަސައްކަތަކީ ، މުރުތަޟާގެ ހިތަށް އެހާ ފަސޭހަ ކަމެއްނޫނެވެ. މުރުތަޟާގެ ހަވަނަ ޙިއްޞު އެކަމަކަށް ހުއްދައެއްވެސް ނުދެއެވެ. އެވާހަކަ ނޫރު ދެއްކިދެއްކިހެން ، މުރުތަޟާގެ ބޮލަށް އުނދަގޫވަމުން ދިޔައެވެ.

މުރުތަޟާއާ ވަކިވެގެން ، މާގިނަދުވަހެއް ނުވެ ތަހުނިޔާ އެހެން މީހަކާ އިދެފާނެއެވެ. އަދި ހަމަޖެހޭ ދިރިއުޅުމެއް ފަށާފާނެއެވެ. އޭރަށް ، ހުރިހާކަމެއްވެސް ތަހުނިޔާގެ ހިތުން ފިލައިގެން ހިނގައިދާނެއެވެ. މުރުތަޟާ އެގޮތަށް ވިސްނުމަށް ނޫރު އެދެމުން ގެންދިޔައެވެ. ތަހުނިޔާއާއި މުރުތަޟާ ދުރުކުރުވަން ނޫރުގެ ހިތަށް އިބިލީސް ވައްދާފައިވާ ވަސްވާހުން ، ނޫރުއަކަށް ސަލާމަތެއް ނުވެވެއެވެ. އެއީ މާބޮޑުކަމަކަށް ހަދައިގެން ، އިރުއިރުކޮޅާ ފަށަފަށައިގެން ދައްކަން އެއީ އެހާ ފަސޭހަކަމެއްނޫނެވެ. އެނޫން ވާހަކައެއް ނޫރުއަކަށް ނުދެއްކެއެވެ. އެމީހުން މިއަދު ބައްދަލުކުރަން އެއައީ ، ކައިވެނީގެ ދުވަހާއި ތާރީޚު ކަނޑައެޅުމަށް ، އެވާޙަކަ ދައްކައިލާށެވެ. އެތައް އިރެއްވީއިރުވެސް ، އެވާހަކައެއް އަދިވެސް ނުދެއްކެއެވެ. ނޫރުއަށް ދެއްކެނީ ވަރިއެއްގެ ވާހަކައެވެ.

ނޫރުގެ ވާހަކަތަކުން ހިތަށް އުނދަގޫވެގެން ، މުރުތަޟާ ކުއްލިޔަކަށް ތެދުވިއެވެ. އަދި ބިލަށް ފައިސާ ދައްކަން ، މޭޒުމަތީ ރުފިޔާކޮޅެއް ބާއްވާފައި ނުކުމެގެން ދާން ހިނގައިގަތެވެ. ނޫރު ގޮވާގޮވާވެސް މުރުތަޟާ ނުހުއްޓުނެވެ. ފަހަތުން ދުވެގޮސް މުރުތަޟާއާ ހަމަކޮށް ، އެހާ މުހިންމު ވާހަކައެއް އެހިސާބަށް ގެންގޮސްފައި މުރުތަޟާއަށް އެގޮތަށް ނުދެވޭނެކަމަށް ނޫރު ބުންޏެވެ. ނޫރު ބޭނުންކަމަށްވިޔަސް ، ނޫރު އެބުނާ ގޮތްގޮތް ހެދުމަކީ މުރުތަޟާއަށް އެހާ ފަސޭހަ ކަމެއްނޫނެވެ. އެކަން ބަލައިގަތުމަށް މުރުތަޟާ އެދުނެވެ. އެޙާލަތަކީ ، ވަކިގޮތެއް ނިންމަން އެއްވެސް މީހަކަށް ފަސޭހަ ޙާލަތެއްނޫނެވެ. މުރުތަޟާއަށްވެސް ، ތަހުނިޔާއަށްވެސް އަދި ނޫރުއަށްވެސް އެއީ  ފަސޭހަކަމެއް ނޫންކަމަށް ނޫރު ބުނަމުން ގެންދިޔައެވެ. ނޫރުއަށްހުރީ ރޮވިފައެވެ. އެކަމަކު ، ކޮންމެވެސް އެއްގޮތަކަށް ނިންމަން އެބަ ޖެހެއެވެ. އެހެންނޫނީ މާލަސްވެދާނެއެވެ. ލިބިފައި އޮތް ފުރުސަތުގެ ފޮނިމީރުކަން ، ނޫރުއަށް ގެއްލިދާނެއެވެ. އެއީ ހިތްދަތި ، ހަތަރުފަސް މަހެއްގެ ތަކުލީފާއި ކެކުޅުމުގެ ތެރެއިން އުފެދިގެން ، ނޫރުއަށް ފަހިވަމުންދިޔަ ފުރުސަތެކެވެ. އެ ފުރުސަތު ގެއްލިއްޖެނަމަ ، ނޫރުގެ ދުވަސް ދިޔައީއެވެ. އެކަމާ އިތުރަށް ހަނގުރާމަކުރުމުގެ ހިތްވަރު ،  ނޫރުގެ ކިބައިގާ ނެތިދިއުމަކީ ، އެކަށީގެންވާ ކަމެކެވެ.

ފިރިހެނަކަށްވުމަށް ، މުރުތަޟާގާތު ނޫރު ބުންޏެވެ. އެނބުރޭ އުނދޯއްޔެއްހެން ، ނޫރުއާއި ތަހުނިޔާއާ ދެމެދު ދެކޮޅަށް ހެއްލެން ނުހުރުމަށް އެދުނެވެ. ފިރިހެނެއްގެ ވިސްނުމުން ވިސްނައިގެން ، އަންހެނދުޅާ ނުވެ ، އެކަމާ ކުރިމަތިލުމަށް މުރުތަޟާއަށް ހިތްވަރުދެމުން ގެންދިޔައެވެ.

" މިއަދު ގެޔަށްގޮސް ، މުރުތަޟާއާއި ތަހުނިޔާ ވަކިވާން ނިންމައިފިންކަމަށް ، ތަހުނިޔާގާތު މުރުތަޟާ ބުނާށެވެ ! " ނޫރު ބުންޏެވެ.

މުރުތަޟާގެ ދެބުމަ ގޮށްޖެހުނެވެ. ވަކި ޖަވާބެއްނުދީ ، މުރުތަޟާ ހިނގައިގަތްތަނާ ، މުރުތަޟާގެ އަތުގައި ނޫރު ހިފެހެއްޓިއެވެ. ނޫރުގެ އަތްއޮތީ ތުރުތުރު އަޅައަޅައެވެ. އިރުކޮޅަކު ހިފަހައްޓައިގެން ހުރުމަށްފަހު ، މުރުތަޟާގެ އަތުން ނޫރު އަތްދޫކޮށްލިއެވެ. މުރުތަޟާވެސް ނޫރުއާ ދިމާލަށް ބަލަހައްޓައިގެން ހުރުމަށްފަހު ، އެދިޔަގޮތަށް ހިނގައްޖެއެވެ.

މުރުތަޟާ ގެޔަށްދިޔަ މަގުމަތީ ، ނޫރުގެ ބައްޕަ ވަޞީމުގެ ފޯނެއް އައެވެ. ވަޞީމުއެދުނީ ، އޭނާއާ މުރުތަޟާ ބައްދަލުކޮށްލުމަށެވެ. ބޭބެ ބޭނުން ގަޑިއެއްގައި ބޭނުންތާކު އޭނާ ބައްދަލުކުރާނެކަމަށްބުނެ ، މުރުތަޟާ ޖަވާބު ދިނެވެ. ހާރިސްއާއި ރައިދާގެ ޙާޟިރުގައި ގޭގައި އެވާހަކަ ދެއްކުމަކީ ، ވަޞީމު ބޭނުންވާ ކަމެއްނޫނެވެ. އެހެންކަމުން ، ވަޞީމު އެދަނީ ބޭރަށް ، ގޭ ކުރިމަތީ އޮތް ޕާކަށްކަމުގައި ބުންޏެވެ. ވަޞީމު އެދުނީ ، މުރުތަޟާވެސް އެ ޕާކަށް އައިސް އޭނާއާ ބައްދަލުކޮށްލުމަށެވެ.

 

ޢާޞިފާއި ސާޖިދާވެސް އެނބުރި އަތުވެއްޖެއެވެ. ތަހުނިޔާވެސް ވީ އެގެޔަށް ގޮހެވެ. އަމިއްލަ ދިރިއުޅުމުގައި ކުރިމަތިވެފައިވާ ޙާލަތު ، މައިންބަފައިންނަށް ސިއްރުކޮށް ފޮރުވައިގެން ، ތަހުނިޔާ ނުހުންނާނެކަމަށް ޙަފުޞާ ނިންމިއެވެ. އެކަމާ އޭނާ އެހުންނަނީ ހަދާނެގޮތް ބޮޑުވެފައެވެ. ޢާޞިފުމެންނަށް އޭނާ ދައްކާނީ ކޮން މޫނެއް ހެއްޔެވެ ؟ މުރުތަޟާއާ ދެވައިގެން ، އެމީހުންގެ އަންހެންދަރިފުޅު ، އެގެޔަށް ގެނެސް ވެއްދީ ވަރަށް ފޮނި އުއްމީދުތަކަކާ އެކުގައެވެ. އެކަން މިހާ އަވަހަށް އެއޮތީ އެކޮޅުކޮޅުން ޖެހިފައެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ ؟

" އަހަރެމެންގެ އަމިއްލަ އިޚްތިޔާރުގައި ނުހުންނަ ކަންކަން ހުންނާނެކަމަށް މަންމަ ބުނަމެއް ނޫން ހެއްޔެވެ ؟ އެކަހަލަ ކަންކަމުގައި އެންމެ ރަނގަޅުވާނީ ، ދެންވާނެގޮތެއްގެ ފޮނި އުއްމީދުގައި ، ކެތްތެރިކަން އިސްކުރުން ކަމަށްވެސް ބުނަނީ މަންމައެވެ. އެކަމާ މާބޮޑަށް ހާސްވެ ކަން ބޮޑު ނުވާށެވެ ! ތަޤްދީރުގައި ހުރިގޮތެއްނޫނީ ނުވާނެއެވެ. " ޠާހިރާ އޭނާގެ މަންމަގެ ކަންބޮޑުވުމުގައި ބައިވެރިވަމުން ބުންޏެވެ.

ކެތްތެރިކަމަކީވެސް އެމީހުންގެ އިޚްތިޔާރުގައި އޮންނަ ކަމެއްނޫނެވެ. އަންނާނެ އިރަކުން އައިސް ހިނގައިދާނެއެވެ. އެހެންނޫނީ ކެތްތެރިކަން ކޮޅުން ލާނެއެވެ. މިހާރު އެވަނީ އެޙާލަތަށް ގޮހެވެ. އެހާބޮޑުކަމެއްގައި މުރުތަޟާގެ ވިސްނުން ބަދަލުކޮށް ، ޙަފުޞާމެންނަށް އެހާބޮޑު ހިތާމައެއް ދޭނެކަމަކަށް ޙަފުޞާ ހީކޮށްފައެއް ނުވެއެވެ.

މުރުތަޟާވެސް އެއުޅެނީ ތަކުލީފުން ފުރިގެންވާ ޙާލަތެއްގައިކަމަށް ޠާހިރާ ބުންޏެވެ. މުރުތަޟާއަކީ ކޮންކަހަލަ މީހެއްކަން އެނގިހުރެ ، ނޫރުލްޢައިނު އެގެންދަނީ ، އިންސާނަކު މަގުފުރައްދަން ، އިބިލީސް ވަސްވާ ދޭ ގޮތަށް ، މުރުތަޟާގެ ހިތާ ކުޅެމުން ވަސްވާސް ދެމުންނެވެ. މުރުތަޟާވެސް އެހުރީ ، ނޫރުގެ ޖާދޫގައި ޖެހި ތާށިވެފައެވެ. ހަދާނެގޮތެއް ނޭނގި މަގުއޮޅިފައެވެ.

ނޫރު ކިތަންމެ މޮޅަސް ، ކިތަންމެ މޮޅު ރޭވުމެއް ރޭވިޔަސް ، ﷲ އިރާދަކުރައްވާ ގޮތެއްނޫނީ ނުވާނެއެވެ. ތަޤުދީރުގެ ކުރިމަތީގައި ނޫރުއަށް ކުޅެވޭނީ ކޮން ކުޅިވަރެއް ހެއްޔެވެ ؟ ޙަފުޞާގެ ކަންބޮޑުވުމަކީ ، ސާޖިދާމެންނެވެ. އެމީހުންނަށް ޙަފުޞާ ދޭނީ ކޮން ޖަވާބެއް ހެއްޔެވެ ؟ ދެން އޮތްހާވެސް ގޮތަކީ ﷲ އަށް ވަކީލުކޮށް ، ހުރިހާކަމެއްވެސް  އެންމެ ރަނގަޅަށް މިންވަރު ކޮށްދެއްވުން އެދި ދުޢާ ކުރުމެވެ. ހުރިހާކަމެއްވެސް ވާނީ އެންމެ ރަނގަޅަށެވެ. ﷲ އިރާދަ ކުރައްވާ ގޮތަކަށެވެ. އެކަލާނގެ ، އެއްވެސް އިންސާނަކަށް ދެރަގޮތެއް އިރާދައެއް ނުކުރައްވާނެއެވެ. ޙަފުޞާއިނީ ، ﷲ ގެ ހެޔޮ ރަޙުމަތްފުޅުން ، މުޢުޖިޒާތެއް ދައްކަވައިގެންނަމަވެސް ، މުރުތަޟާގެ ޙަޔާތުން ނޫރުލްޢައިނު ވަކިވެގެންދާނެ ގޮތެއް މިންވަރުކޮށްދެއްވުން އެދި ދުޢާ ކޮށްކޮށެވެ.

 

ވަޞީމަށް ޕާކަށް ދެވުނުއިރު ، މުރުތަޟާގޮސް އޭނާގެ އިންތިޒާރުގައި ހުއްޓެވެ. އިށީނދެ ހަމަޖެހިލައިގެން ވާހަކަ ދައްކާލާނީއޭ ބުނެ ކައިރީގައިހުރި ގޮނޑިއެއްގައި ދެމީހުންގޮސް އިށީނެވެ.

' މުރުތަޟާއެވެ ! ނޫރުލްޢައިނަކީ އަހަރެންގެ އަންހެން ދަރިފުޅެވެ. ކޮންމެ ބަފަޔަކުވެސް އެންމެ އެދޭކަމަކަށް ވާނީ އޭނާގެ ދަރިފުޅަށް ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ލިބުމެވެ. ކޮންމެ ބަފަޔަކުވެސް ، އަމިއްލަ އުފަލަށްވުރެ ، ދަރިފުޅުގެ އުފާ އިސްކުރާނެއެވެ. ތަހުނިޔާއަކީވެސް މީހެއްގެ އަންހެން ދަރިއެކެވެ. އެމީހުންގެ ލޮލުގެ އަލިކަމެވެ. ބައެއްގެ ދިރިއުޅުން ރޫޅާލައި ، ތަކުލީފުތަކެއް ޖެއްސުމަށްފަހު ، އަހަރެންގެ ދަރިފުޅުގެ ޙަޔާތް އާބާދުކުރާކަށް އަހަރެން ބޭނުމެއްނޫނެވެ. އަހަރެން މިއަހަނީ މުރުތަޟާ ގާތުއެވެ. އެހާ ބޮޑުކަމެއް ނިންމިއިރު ، މުރުތަޟާ އެގޮތަށް ނިންމީ ކޮން ވިސްނުމެއްގައި ހެއްޔެވެ ؟ " ވަޞީމު ސުއާލު ކުރިއެވެ.

އެކަން އެގޮތަށް ކުރަން މުރުތަޟާ ބޭނުންނަމަ ، ކުރިން އެކަން ނުކުރީ ކީއްވެތޯ ވަޞީމު ސުއާލު ކުރިއެވެ.  އެމީހުން އެންމެންނަކީ އަވަށްޓެރީންނެވެ. އެކުގައި އުޅޭތާ އެތައް ޒަމާންތަކެއް ވެއްޖެއެވެ. މުރުތަޟާމެން އެގޮތަށް އެކަން ކޮށްފިނަމަ ، ތަހުނިޔާޣެ ބައްޕަ ، ޢާޞިފު މެންނަށް ވަޞީމު ދައްކާނީ ކޮން މޫނެއް ހެއްޔެވެ ؟ މުރުތަޟާއާއި ނޫރުގެ ނިންމުމާ ގުޅިގެން ، އެތައް ބަޔެއްގެ ދިރިއުޅުން ބަރުބާދުވެގެން އެބަދެއެވެ.

" ބޭބޭއެވެ ! އިންސާނަކު މޫދާދިމާއަށް ދުވަމުންދާއިރު ، އޭނާގެ ހިތުގައި އަނދަމުންދާ އަލިފާން ، އެއްވެސް މީހަކަށް އިޙްސާސެއް ނުވާނެއެވެ. އިޙްސާސްވާ އެއްޗެއްވެސް އަދި އަތުންފައިން ހެދޭ ގޯހެއްވެސް އެނގޭނީ ، އެމީހަކު ކަނޑަށް އެރި މިދުނިޔެ ދޫކޮށް ދިއުމުންނެވެ. މީހުން ހިތަށް އަރާނީ ، އެމީހަކު ދުނިޔެދެކެ ފޫހިވެ ބާކީވީ ކަމުގައެވެ. ކަނޑު އަޑިޔަށް ގެނބިގެންދާއިރުވެސް ، އެހެންމީހުންނަކަށް ، އެއްވެސް ޙަޤީޤަތެއް ނޭނގޭނެއެވެ. އެކަން އެނގޭނީ ޚުދު އެމީހާއަށެވެ.

ހިތްވަރުގަދަ މީހުންނަކީ ، އެމީހުން ނިންމާ ނިންމުމުގެ މަތީގައި ދެމިތިބޭ ބަޔެކެވެ. ޙުއްޖަތް ދައްކައިގެން އެމީހުންގެ ނިންމުން ބަދަލުކުރާކަށް ނުވިސްނާނެއެވެ. އެމީހުން އެހެންމީހުންނަށް ވިސްނައިދޭނީއެވެ. ވަޞީމު ، މުރުތަޟާއަށް ނަސޭޙަތް ދިނެވެ.

ތަހުނިޔާ ވަރިކޮށްފައި ، ނޫރުލްޢައިނާ ކައިވެނިކުރުމަށް ، މުރުތަޟާ އެ ނިންމަނީ ކޮންބޭނުމަކުތޯ ވަޞީމު ސުއާލު ކުރިއެވެ. މުރުތަޟާގެ ޖަވާބަކަށްވީ ، އޭނާ ނޫރުލްޢައިނުއާ އިންނަން ނިންމާފައިވާ ކަމުގައެވެ. ތަހުނިޔާ ވަރިކުރާނީ ، ތަހުނިޔާ އެކަމަށް އެދިއްޖެ ޙާލަތެއްގައި ކަމުގައެވެ.

އޭގެ މާނަޔަކީ ، މުރުތަޟާ ބޭނުންވަނީ ، މާސިންގާ ކަނޑެއްގެ މެދަށް ތަހުނިޔާ ދޫކޮށްލުންކަމަށް ވަޞީމަށް ފެނުނެވެ. މައްސަލަޔަކީ އެއީއެއްނޫނެވެ. ކުރިމަތީގައިވާ ޙާލަތާމެދު ، ވަޞީމު ރަނގަޅަށް ވިސްނައިލުމަށް މުރުތަޟާ އެދުނެވެ. މުރުތަޟާއާއި ނޫރުލްޢައިނު ނިންމި ނިންމުމަކީ ، ފަހަރެއްގައި ގޯސް ނިންމުމަކަށް ވެދާނެއެވެ. މުރުތަޟާއާއި ނޫރުއަށް ، އެކަކު އަނެކަކާ ނުލައި ނުއުޅެވޭނެކަން ، ދެމީހުންނަށްވެސް އެނގިއްޖެއެވެ. އެހެންވީމާ ، އެދެމީހުންގެ ނިންމުމަކީ ، ޤާނޫނީ ގޮތުންނާއި ޝަރުޢީގޮތުން ޙައްޤު ގޮތުގައި ދެމީހުން ދިރިއުޅުމެއް ފެށުމެވެ. ނޫރުއަށް މުރުތަޟާ ދެރަގޮތެއް ނުހަދާނެއެވެ. އޭނާ ، ނޫރު އުފަލުގައި ބަހައްޓާނެއެވެ. އަދި ، ތަހުނިޔާގެ ޙައްޤުތައްވެސް އެންމެ ފުރިހަމަގޮތުގައި ދަމަހައްޓާނެއެވެ. ތަހުނިޔާއަކަށްވެސް ދެރަގޮތެއް ނުހަދާނެއެވެ. އެކަމަށް ، މުރުތަޟާވަނީ ، ތަހުނިޔާއަށް ވަޢުދުވެސް ވެފައެވެ.

މުރުތަޟާގެ ވާހަކައިން ، ވަޞީމު ދިޔައީ ސިއްސައިގެންނެވެ. އޭގެ މާނަޔަކީ ، ތަހުނިޔާއަށް އެހުރިހާ ކަމެއްވެސް އެނގޭކަމެވެ. މުރުތަޟާއާއި ނޫރުއާ ދެމެދު އެ ހިނގަމުންދާ ހުރިހާކަމެއްވެސް ތަހުނިޔާއަށް  އެނގޭކަން ،  ވަޞީމަށް މުރުތަޟާ ކަށަވަރު ކޮށްދިނެވެ. އަދި ، ނޫރުލްޢައިނުއާ އޭނާ ކައިވެނިކުރަން ތަހުނިޔާ ހުއްދަދީފައިވާކަމުގައި މުރުތަޟާ ބުންޏެވެ. ވަޞީމަށް ލިބުނު ޙައިރާންކަން ވަކިން ބޮޑުވިއެވެ. އިތުރު އެއްޗެކޭ ބުނާނެ ތަނެއް މިހާރަކު ނެތެވެ. ހުރިހާކަމެއް އެއޮތީ ބޮޑުތަނުގައި ޖެހިފައެވެ.

 

ތަހުނިޔާ އޭނާގެ ކޮޓަރީގައި އެކަނި އިނދެގެން ، އޭނާއަށް ކުރިމަތިވެފައިވާ މައްސަލަޔާމެދު ވިސްނަމުން ގެންދިޔައެވެ. މުރުތަޟާ ، ދެއަނތްބަށް ނޫރުލްޢައިނާ ކައިވެނިކުރަން އުޅޭވާހަކަ ، އޭނާގެ މަންމައާއި ބައްޕަގާތު ބުނާނީ ކިހިނެއް ހެއްޔެވެ ؟  (ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.