ފަލްސަފާ (64)

( 13 މާރިޗު 2024 ގައި ޝާއިޢުކުރި ބަޔާ ގުޅޭ )

ތަހުނިޔާހުރީ ، ގޯތިތެރެޔަށް ނުކުމެ ، އެކަނިމާ އެކަނި ، އޭނާއަށް ކުރިމަތިވެފައިވާ ޙާލާމެދު ކަންބޮޑުވުމުގެ ފިކުރުތަކުގައި ގެއްލިފައެވެ. ޠާހިރާއަށް ގޯތިތެރެޔަށް ނުކުމެވުނުއިރު ، ތަހުނިޔާ އެތާހުށްޓާ ފެނުނެވެ. ތަހުނިޔާގެ ހިތާމަތަކުގައި ބައިވެރިވުމަށް ޠާހިރާގޮސް ، ތަހުނިޔާއާ ވާހަކަ ދައްކަން ފެށްޓިއެވެ. ޙައްޤުމަގުގައި ސާބިތުވެ ހުންނަ އިންސާނާގެ ލޮލުން ކަރުނަ ފެނުމަކީ ، ރަނގަޅުކަމެއްނޫނެވެ. ތަހުނިޔާގެ ޙައްޤު ހޯދުމަށް ، އޭނާގެ ކުރިމަތީގައިވާ ހަނގުރާމަޔަށް ތައްޔާރުވެ ، އެކަމާ ކުރިމަތިލުމަށް ޠާހިރާ ވިސްނައިދިނެވެ. އެހެނަސް ، ކަމަކާ ކުރިމަތިލުމަށް ، އޭނާގެއަތުގައި އެއްޗެއް އޮތްކަމަކަށް ، ތަހުނިޔާއެއް މިހާރަކު ނުދެކެއެވެ. ކަމަކާ ކުރިމަތިލެވޭނީވެސް އަތުގައި އެއްޗެއް އޮވެގެންތާއެވެ. މުރުތަޟާ ނެތްތާނގައި މުރުތަޟާގެ ލޯބިވެސް އޭނާގެ އަތަކު ނެތެވެ.

ތަހުނިޔާގެ އަމިއްލަ ނަފްސަށް ، އެއްޗެއް ޙައްޤުނޫންކަމަށް އެދެކޭ ޙާލަތުން ނުކުތުމަށް ޠާހިރާ ، ތަހުނިޔާއަށް ވިސްނައިދެމުން ގެންދިޔައެވެ. ތަހުނިޔާގެ ވިސްނުން އެހާ ހަނިވެފައި އޮންނަ އޮތުމާމެދު ޠާހިރާ ސުއާލު ކުރިއެވެ. ނޫރުލްޢައިނުގެ އަތުގައި އޮތީ ، ތަހުނިޔާގެ އަތުގައި ނެތް ކޮން އެއްޗެއް ހެއްޔެވެ ؟ ތަހުނިޔާއަކީ އެގޭގެ ދިރުމެވެ. ޙަފުޞާއާއި ޠާހިރާއާ ދެމީހުން އެތިބީ ، ކޮންމެ ޙާލެއްގައިވެސް ތަހުނިޔާއަށް އެހީތެރިވުމަށް ނިންމައިގެންނެވެ. ތަހުނިޔާގެ ދިރިއުޅުން އާބާދު ކުރުމަށް ކުރެވޭ ކޮންމެ ކަމަކަށް ޙަފުޞާއާއި ޠާހިރާ ތާއީދުކޮށް އެހީތެރިވާނެއެވެ. ތަހުނިޔާގެ މަންމައާއި ބައްޕަގެ ހެޔޮއެދުމާއި ދުޢާވެސް ވަނީ ތަހުނިޔާއާ އެކުގައެވެ. ކުރިމަތިވެފައިވާ ޙާލަތާ ، ތަހުނިޔާ ކުރިމަތިލުމަށް އެވަރު މަދުތޯ ޠާހިރާ ސުއާލު ކުރިއެވެ. ތަހުނިޔާގެ އަމިއްލަ ނަފުސަށް އިތުބާރު ކުރުމަށް ، ޠާހިރާ ، ތަހުނިޔާއަށް ނަސޭޙަތް ދިނެވެ.

އެ ، ނޫރުލްޢައިނަށް ނިކަން ބަލައިލާށެވެ. ތަހުނިޔާއާ ކައިވެނިކުރަން ، މުރުތަޟާ ، ނޫރުލްޢައިނު ދޫކޮށްލީމާ ، އެންމެ ކަރުނަތިއްކެއްވެސް ، ނޫރުލްޢައިނުގެ ލޮލުގައި ނުއުފެދެއެވެ. ތަހުނިޔާ އެހުރީ ، އެންމެންގެ ކުރިމަތީގައިވެސް ، ހަރުދަނާ މަޤާމެއްގައެވެ. އެއްވެސްކަމަކާ ދެރަވެގެން ތަހުނިޔާ ރޯކަށް ނުޖެހެއެވެ. ޠާހިރާގެ ވާހަކަ މާ ދިގުވާން ފެށީމާ ، ތަހުނިޔާވެސް ވާހަކަ ފެށްޓިއެވެ.

" އަހަރެންގެ އަތުގައި ހުރިހާ އެއްޗެއް އޮވެމެ ، އަހަރެންގެ އަތުގައި އެއްވެސް އެއްޗެއް ނެތްކަން ، ޠާހިރާ ހަނދާން ނެތުނީ ހެއްޔެވެ ؟ އަހަރެންގެ އެއްވެސް އެއްޗެއް ނެތެވެ. މުރުތަޟާ ،  އަހަރެންދެކެ ލޯތްބެއް ނުވެއެވެ. އެންމެ ދެރަވެގެން މުރުތަޟާގެ ހިތުގައިވެސް ، އަހަރެންގެ ނަން ލިޔެވިފައެއް ނެތެވެ. " ތަހުނިޔާ ފެންކަޅިވެފައިހުރެ ބުންޏެވެ.

ނާއުއްމީދުން ފުރިގެންވާ ތަހުނިޔާގެ ދުނިޔެއަށް ، އުއްމީދުގެ އަލިކޮޅެއް ގެންނަން ޠާހިރާއަށް އެބަޖެހެއެވެ. އޭނާގެ ކޮއްކޮގެ ޙައްޤުގައެވެ. އަދި މަންމަޔަށް ޓަކައެވެ. އެ ހަނގުރާމަޔަކީ ، ހިތް ޙާޞިލްވުމާ ނުވުމާ ގުޅިފައިވާ އެއްޗެއްކަމަށް ޠާހިރާ ބުނަމުން ގެންދިޔައެވެ. އަދި އެ ހަނގުރާމަ ، ތަހުނިޔާ ފަތަޙަ ކުރަން ޖެހެއެވެ. މުރުތަޟާގެ ހިތުން ޖާގަހޯދަން ތަހުނިޔާއަށް އެބަޖެހެއެވެ. ކަމަކާ ކުރިމަތިނުލައެއް ، އެކަމެއް ޙާޞިލެއް ނުކުރެވޭނެއެވެ. ކަމެއް ކާމިޔާބު ކުރެވޭނީ އެކަމަކަށް ކެރިގެން ކުރިމަތިލައިގެންނެވެ. އެކަމާ ފިލަން ދުވެގެން އެއްވެސް ކަމެއް ޙާޞިލެއްނުވާނެއެވެ. ފިލަން ދުވެދުވެ އޮއްވާ ފެންނާނީ ނެތިދާތަނެވެ. ތަހުނިޔާއަށް ހީވަނީ ކީކޭކަމަށް ހެއްޔެވެ ؟ އަންނަ ފޯރީގައި ، ޠާހިރާގެ ވާހަކަ ބައެއްފަހަރަށް ބާރުވެފައި ރުންކުރު ވެއެވެ.

ތަހުނިޔާއާ މުރުތަޟާ ކައިވެނިކުރިއިރު ، ނޫރުލްޢައިނުވަނީ ، މުރުތަޟާގެ ހިތް ކަތިލާފައެވެ. ހިތްދަތިކަމުން ފުރިފައެވެ. އަލުން ، ނޫރުލްޢައިނާ ދިމާއަށް މުރުތަޟާ އެދަނީ ، ނޫރުލްޢައިނުގެ ބޯބޮޑުކަމުން ފުރުޞަތު ހޯދައިގެންނެވެ. ނޫރުލްޢައިނަށް އެ ފުރުޞަތު ދެނީ ތަހުނިޔާއެވެ. އަދިވެސް ވަގުތު އެބައޮތެވެ. މުރުތަޟާގެ ހިތުން ، ތަހުނިޔާއަށް ޖާގަހޯދޭނެއެވެ. އެހެނަސް ، ތަހުނިޔާ އެކަމާ ކުރިމަތިލާޏްޖެހޭނީ ވަރަށް ކެރިގެންނެވެ. ޠާހިރާ ، ތަހުނިޔާއަށް އިތުރަށް ވިސްނައިދެމުން ގެންދިޔައެވެ.

" އަހަރެންނަކީ ، ހިލައިން ހަދާފައިވާ ބުދެއްނޫނެވެ. ސާދާ ސީދާ އަންހެންކުއްޖެކެވެ. މުރުތަޟާ އަހަރެންނަށް ގެއްލެމުންދާކަން އިޙްސާސް ކުރެވޭހިނދު ، އަހަރެންގެ ލޮލަށް ޖަމާވާ ކަރުނަތައް އަހަރެންނަކަށް ނުހިފެހެއްޓެއެވެ. އަހަރެން އެންމެ ކަންބޮޑުވަނީ ، އެއްވެސް މީހަކަށް އަހަރެންގެ ޙާލު ނޭނގޭތީއެވެ. އަހަރެންގެ ޖަޒުބާތުތައް އިޙްސާސް ނުކުރެވޭތީއެވެ. " ތަހުނިޔާ ބުންޏެވެ.

ތަހުނިޔާގެ އެ ޙާލަތަކީ އޭނާ އަމިއްލަޔަށް ހޯދައިގެން އުޅޭ ކަމެއްކަން ، ޠާހިރާ އަނެއްކާވެސް ވިސްނައިދިނެވެ. ތަހުނިޔާގެ ހިތުގައި މުރުތަޟާގެ މައްޗަށް އޮތް އެއްޗެއްގެ ވާހަކަ މުރުތަޟާގާތު ، ބުނިންތޯ ޠާހިރާ ސުއާލު ކުރިއެވެ. ތަހުނިޔާގެ އެ ހިތްވަރެއް ނެތެވެ. އެހިތްވަރު އޭނާގެ ކިބައިގާ ހުރިނަމަ ، އެއީ ތަހުނިޔާއެއްނޫނެވެ. އެފަދަކަމެއް ކުރަން ތަހުނިޔާއަށް އިސްނަގަން ކެރިއްޖެނަމަ އެއީ ނޫރުލްޢައިނެވެ. ތަހުނިޔާގެ މިޒާޖު އެކަމަށް ހުއްދައެއް ނުކުރެއެވެ.

އެވާހަކަ އިތުރަށް ދައްކާކަށް ތަހުނިޔާ ބޭނުމެއް ނުވިއެވެ. އަދި ، އެތާނގައި މަޑުކުރަންވެސް ބޭނުންނުވެ ، ގޭތެރެޔަށް ވަދެގެން ދިޔައެވެ. ޠާހިރާހުރީ ތަހުނިޔާގެ ޙާލަތާމެދު ކަންބޮޑުވެފައެވެ. ކަންބޮޑުވެގެންގޮސް ހާސްވެފައެވެ.

ތަހުނިޔާ ކޮޓަރިޔަށް ވަތްއިރު  ، ކުޑަދޮރުކައިރީ މުރުތަޟާ ހުށްޓެވެ. ވަތްތަނުން އޭނާއާ ކުރިމަތިވީ ސުއާލެކެވެ. ތަހުނިޔާ އެއައީ ކޮންތާކަށްގޮސްތޯ މުރުތަޟާ ސުއާލު ކުރިއެވެ. ޖަވާބުދިނުމަށް ، ތަހުނިޔާ އަނގަހުޅުވާލިތަނުން މުރުތަޟާ ވާހަކަ ފެށްޓިއެވެ. މަންމައާއި އޭނާއާ ދެމެދު ދެކެވުނު ވާހަކަ ، ތަހުނިޔާ އަޑުއެހިކަން މުރުތަޟާއަށް އެނގޭކަން ، ތަހުނިޔާއަށް އަންގައިލިއެވެ. ކޮންމެވެސް އެކަކަށް ، އެފިޔަވަޅުއަޅަން އެބަޖެހޭކަމުގައި މުރުތަޟާ ބުންޏެވެ.

މުރުތަޟާގެ ނަމުގައި ހައްޔަރު ކުރެވިފައިވާ ޤައިދީއަކަށް ، ތަހުނިޔާ ހަދާކަށް މުރުތަޟާ ބޭނުމެއްނޫނެވެ.

" މުރުތަޟާ ބޭނުންވަނީ ނޫރުލްޢައިނުއާ ކައިވެނިކުރަން ނޫންހެއްޔެވެ ؟ އެހެންކަމަށް ވަންޏާ އެކައިވެނި ކުރާށެވެ ! އެކަމަކު ، ކޮންމެ ގޮތެއްވިޔަސް ، އަހަރެން މުރުތަޟާގާތުން ވަރިއެއް ނުވާނަމެވެ. " މުރުތަޟާއާ ކުރިމަތިލަމުން ތަހުނިޔާ ބުންޏެވެ.

މުރުތަޟާ ވާހަކަ ދައްކަން ފެއްޓިތަނާ ، މުރުތަޟާއަށް ފުރުސަތުނުދީ ، ތަހުނިޔާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. އޭނާއަކީ ، އެހެންމީހުންގެ ހިތަށް އަނިޔާދީ ، އެމީހުން ހިތާމަކޮށް ދެރަވާ ޙާލަތުގައި އުފާކުރާމީހުންގެ ތެރޭގައި ހިމެނޭ މީހެއްނޫންކަމަށް ތަހުނިޔާ ބުންޏެވެ. އަދި އޭނާއަކީ ، އެހެންމީހުންނަށް އުފަލާއި ހިތްހަމަޖެހުން ލިބޭ ޙާލަތްތަކުގައި ، އަމިއްލަ ނަފްސު ޤުރުބާންކޮށް ތަކުލީފު އުފުއްލާ މީހުންގެ ތެރޭގައިވާ މީހެއްކަމަށްވެސް ތަހުނިޔާ ބުންޏެވެ. އޭނާ އެގޭގައި އުޅެނީ އުފަލުގައި ކަމަށްވިޔަސް އަދި ހިތްދަތިޙާލުގައި ކަމަށްވިޔަސް ، މުރުތަޟާ އެކުރަން އުޅޭކަމަކަށް ހުރަހަކަށްވާކަށް ތަހުނިޔާ ބޭނުމެއް ނޫނެވެ. ތަހުނިޔާ އެގޭގައި ހުރުމުގެ ސަބަބުން ގިނަބަޔަކަށް އުފަލާއި ހަމަޖެހުން ލިބޭނަމަ ، ތަހުނިޔާ އެހުރީ ، އަމިއްލަ ތަކުލީފުތަކަށް ކެތްކޮށްގެން ، އެގޭގައި އުޅެން ނިންމައިގެންނެވެ. މުރުތަޟާގެ ނިންމުމަކީ ކޮބައިތޯ ތަހުނިޔާ ސުއާލުކުރިއެވެ.

ތަހުނިޔާގެ ސުއާލަށް މުރުތަޟާ ޖަވާބެއް ނުދެއެވެ. ރޭގަނޑު ވަރަށް ލަސްވެއްޖެ ކަމަށާއި ، ތައްޔާރުވެގެން ނިދަން އޮށޯންނާށޭ ބުނެ ، މުރުތަޟާ ހުރީ ހަނުހިމޭނުންނެވެ.

" މިއީ އަހަރެންނަށް ރޭގަނޑުގެ ނިދީގެ ވަގުތެވެ. މުރުތަޟާއަށް މިއީ ، މުރުތަޟާގެ ޙަޔާތަށް ނޫރުލްޢައިނު ގެނައުމުގެ ވަގުތެވެ. އޭގެ މާނަޔަކީ ، ނޫރުލްޢައިނަށް ވީވަޢުދު ފުއްދުމަށް މުރުތަޟާ ފަސް ނުޖެހޭނެ ކަމެވެ. " ތަހުނިޔާގެ ހިތާހިތާ ކިޔައިލިއެވެ.

ނިދަން އުޅެއުޅެ ، ތަހުނިޔާއަކަށް އެއްގޮތަކަށްވެސް ނުނިދުނެވެ. އޭނާގެ ކަންފަތްދޮށުގައި ފަށްފަށްވަމުން އެދަނީ ، އެރޭ ، މަންމަގާތުގައި މުރުތަޟާ ބުނަމުން ގެންދިޔަ ވާހަކަތަކެވެ. މުރުތަޟާއާއެކީ އުޅުމަށް ، ތަހުނިޔާއަށް މަންމަމެން މަޖުބޫރު ކުރުވަމުން  އެދަނީ ކީއްވެގެންތޯ އަހައި ، މަންމަޔާ ކުރަމުންގެންދިޔަ ސުއާލު ތަކެވެ. އެއީވެސް އިންސާނެކެވެ. އުފަލުގައި އުޅުމުގެ ޙައްޤު ، ތަހުނިޔާއަށްވެސް ލިބިގެން ވެއެވެ.

" އެހެންވީމަ ، މުރުތަޟާގެ ހަޔާތުން އަހަރެން ނެރެލުމަށް ނިންމާފައިވާ ނިންމުން ދަމަހައްޓަނީތާއެވެ ! އެހެންކަމަށް ވަންޏާ މިގޭގައި އަހަރެން ހުރެގެން މިކުރަނީ ކީއްހެއްޔެވެ ؟ މިގޭގައި މިކޮޓަރީގައި އަހަރެން އުޅުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ ؟ " ތަހުނިޔާ ، އޭނާގެ ހިތާ ސުއާލު ކުރިއެވެ.

އެނދު ކައިރީގައި ބެހެއްޓިފައިހުރި ކުޑަމޭޒުމަތީގައިހުރި ފެންތަށިނަގައި ،  އެއްނޭވައިން އެތަށި ، ތަހުނިޔާ ހުސްކޮށްލިއެވެ. އަދި މަޑުމަޑުން ތެދުގެން އެގެއިން ނުކުތެވެ. އޭނާގެ އަމިއްލަގެޔަށްވަދެ ، މާދުރަކަށް ތަހުނިޔާއަކަށް ނުހިނގުނެވެ. އަޑުގެ ނެތްތަނަށް އޭނާއަށް ރޮއިގަނެވުނެވެ. އެގޭގައި ، ތަހުނިޔާ ރޯއަޑުއަހާނެ އިތުރު މީހަކު ނެތްކަން ، ތަހުނިޔާއަށް އެނގެއެވެ. އޭނާ ހިތްއެދޭވަރަށް ހިތްއެދޭހާ ބާރަކަށް ރޮއިގަތުމުގެ މިނިވަންކަން އެގޭގައި އޮންނާނެއެވެ. އެއްވެސް މީހަކަށް އެއަޑެއް ނުއިވޭނެއެވެ. ރޮމުންރޮމުންގޮސް ހުރިތަނަށް ތަހުނިޔާ ތިރިވިއެވެ. ވޭނާއި ކެކުޅުމުގައި ، އޭނާގެ އަމިއްލަ ނަފުސާ ވާހަކަ ދައްކަމުން ގެންދިޔައެވެ.

" ތަހުނިޔާއެވެ ! ތިކުރަނީ ކޮންކަމެއް ހެއްޔެވެ ؟ ތިހަދަނީ ކިހިނެއް ހެއްޔެވެ ؟ "

 

ފެންބޮވައިގަނެގެން ، މުރުތަޟާއަށް ދަންވަރު ހޭލެވިގެން އެނބުރިލިއިރު ، އެނދުގައި ތަހުނިޔާއެއް ނެތެވެ. ފާޚާނާއާ ދިމާލަށް ބަލައިލާ ، ތަހުނިޔާއަށް ގޮވައިލީމަވެސް ޖަވާބެއް ނުލިބުނެވެ. މަޑުމަޑުން ތެދުވެގެން ، ގޭތެރެ ހޯދަމުން ، މުރުތަޟާ ބޭރަށް ނުކުތެވެ. ތަހުނިޔާމެންގެޔާދިމާލަށް މިސްރާބު ޖެހިއެވެ. އެގެޔާ ދިމާލަށް ބަލައިލިއިރު ، ތަހުނިޔާގެ ކޮޓަރިހުރީ ދިއްލާފައެވެ. އޭގެމާނަޔަކީ ، ތަހުނިޔާވީ އެގޭގައެވެ. ގޭތެރެޔަށް ވަދެގެން އައިސް ، ތަހުނިޔާގެ ކޮޓަރީގެ ދޮރުމައްޗަށް މުރުތަޟާ ހުށްޓުނެވެ. އޭރު ތަހުނިޔާ އޮތީ އެނދުމައްޗަށް ބަންޑުން ވެއްޓި ގިސްލަ ގިސްލާފައި ރޯށެވެ.

މުރުތަޟާ ދޮރުގައި ޓަކިޖަހާލިތަނުން ސިއްސައިގެން ގޮސްފައި ތަހުނިޔާއަށް ، ފުންމައިގެން ތެދުވެވުނެވެ. ތަހުނިޔާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް މުރުތަޟާއަށް ފެނުނެވެ. މުރުތަޟާ އެގެޔަށް އެއައީ ކީއްވެތޯ ، ތަހުނިޔާ ސުއާލުކުރިއެވެ. މުރުތަޟާ އެއައީ ތަހުނިޔާގެ ފަސްފަހަތް ބަލަމުންނެއްނޫނެވެ. ރޭގަނޑުގެ ދަންވަރު ގަޑީގައި ، އެއްވެސްމީހެއްގާތު ނުބުނެ ، ގެއިން ނުކުމެގެން ތަހުނިޔާ އައީ ނޫންތޯ މުރުތަޟާ ސުއާލުކުރިއެވެ.

މުރުތަޟާ ހީކުރީ ތަހުނިޔާއަކީ ނުވިސްނޭ މީހެއްކަމަށެވެ. އެކަމަކު ، އެއީ ކުށްހީއެއްކަމަށާއި ތަހުނިޔާއަކީ ، ގޮތްދޫނުކުރާމީހެއްކަމަށް މުރުތަޟާ ބުންޏެވެ. ތަހުނިޔާ އެކުރީ ވަރަށް ނުރައްކާތެރި ޢަމަލެކެވެ. ތަހުނިޔާގެ މައިންބަފައިންނަށް އެކަން އެނގިއްޖެނަމަ ، އެމީހުން ހީކުރާނީ ކީކޭ ހެއްޔެވެ ؟

" އަހަރެންގެ މައިންބަފައިންނާމެދު ، މުރުތަޟާ ވަރަށް ހަމްދަރުދީ ވަމެއްނޫން ހެއްޔެވެ ؟ އެމީހުންގެ ޖަޒުބާތާއި އިޙްސާސްތަކަށް އިޙްތިރާމްކުރަމެއް ނޫންހެއްޔެވެ ؟ އެކަމަކު ، އަހަރެންގެ އިޙްސާސްތަކާއި ހިތުގައިވާ ކެކުޅުންތައް މުރުތަޟާއަކަށް އިޙްސާސެއް ނުވެއެވެ. މުރުތަޟާއެވެ ! މިއީ އަހަރެންގެ ގެއެވެ. މިގޭގައި އަހަރެން ވަރަށް ހިތްހަމަ ޖެހެއެވެ. މުރުތަޟާ މިތަނުން ދާށެވެ ! " ތަހުނިޔާ ، ރޮމުންރޮމުން ބުންޏެވެ.

ތަހުނިޔާ ހިތްހަމަ ޖެހުނަސް ، މުރުތަޟާ ، އެކަމަށް ހިތްހަމައެއް ނުޖެހެއެވެ. މުރުތަޟާހުރީ ، ތަހުނިޔާ ގޮވައިގެންނޫނީ އެގެއިން ދާގޮތަކަށް ނޫނެވެ.  އޭނާއާއެކީ ތަހުނިޔާ ދިއުމަށް މުރުތަޟާ އެދުނެވެ. އެހެނަސް ، ތަހުނިޔާ އެކަމަށް އިންކާރު ކުރިއެވެ. އަދި އެހުރިހާ ރަސްމީ ކަންކަމެއް ފުރިހަމަކުރުމުގެ ބޭނުމަކީ ކޮބައިތޯ ، ތަހުނިޔާ ސުއާލު ކުރިއެވެ.

" މުރުތަޟާ ތިހުރީ ވަކިގޮތަކަށް ނިންމައިގެން ނޫންހެއްޔެވެ ؟ އަހަރެންނަކީ ، މިއަދު ނޫނީ މާދަމާ މިގެޔަށް އަންނަން ހަމަޖެހިފައި އޮތްމީހެއްނޫން ހެއްޔެވެ ؟ " ތަހުނިޔާ އިތުރަށް ބުންޏެވެ.

މުރުތަޟާއަށް އެއީ މައްސަލައެއްނޫނެވެ. އެހެންނަމަވެސް ، އެކަމުގައި މުރުތަޟާ ޢަމަލުކުރަންވީ ގޮތެއް ނިންމުމުގެ ފުރިހަމަ އިޚްތިޔާރު ތަހުނިޔާއަށް ، އޭނާ ދިނެވެ. މުރުތަޟާގެ ހިތުގައިވާ ނުތަނަވަސްކަމާއި ، ކަންބޮޑުވުމަށް ވިސްނައިގެން ، މުރުތަޟާގެ ފަރާތުން ތަހުނިޔާއަށް ކުރިމަތިވާ ހިތްދަތިކަން އެއީ ކަމަކަށް ނުހަދައި ، މުރުތަޟާއާ އެކީގައި ތަހުނިޔާ އުޅެން ބޭނުންކަމަށް ވަންޏާ ، ތަހުނިޔާ ދޫކޮށްލުމަކީ ، މުރުތަޟާ ކުރާނެކަމެއް ނޫންކަމަށް ވަޢުދު ވިއެވެ. އަދި ރުއިން ހުއްޓާލުމަށް ތަހުނިޔާގެ ކިބައިން އެދުނެވެ.

ތަހުނިޔާ އެގެޔަށް އައީ ރޮއިލުމަށްކަމުގައި ތަހުނިޔާ ބުންޏެވެ. މިނިވަންކަމާއެކު ، ހިތްފުރެންދެން އޭނާއަށް ރޮވެންއޮތީ އަމިއްލަ ގޭގައެވެ. އޭރަށް ، އެހެންމީހަކަށް އެތަނެއް ނުފެންނާނެއެވެ. އަދި ، ހިތްއެދޭވަރަކަށް އޭނާ ރޮއި ، ހިތަށް ތަސައްލީއެއް ލިބުމަށް ބޭނުންވާކަމުގައި މުރުތަޟާގާތު ބުންޏެވެ.

އިރުކޮޅަކު މަޑުކޮށްލުމަށްފަހު ، މުރުތަޟާ ތެދުވެގެން ހިނގައިގަތެވެ. ތަހުނިޔާ ބަލައިލިއިރު ، މުރުތަޟާ ހުރީ ފައިވާނަކަށް ނާރައެވެ. އެއީ ކީއްވެތޯ ތަހުނިޔާ ސުއާލު ކުރިއެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.