( 12 މާރިޗު 2024 ގައި ޝާއިޢުކުރި ބަޔާ ގުޅޭ )
ކޮޓަރިތެރެޔަށް ވަދެގެން އައިސް ، އެނދުމައްޗަށް ދޯޕައްޓާ ހޫރާލާފައި ، ތަހުނިޔާވަނީ ފާޚާނާއަށެވެ. ވަތްގޮތަށް ފާޚާނާގެ ދޮރުގައި ލެނގިލައިގެން ހުރެ ، ރޯން ފެށްޓިއެވެ. ތަހުނިޔާގެ ކަންފަތުގައި ގުގުމަމުން އެދަނީ ، ދެންމެޔަކު އެމީހުން ވާހަކަ ދައްކަން އެކަނި ތިބިއިރު ، މުރުތަޟާ ދެއްކި ވާހަކަތަކެވެ. އެވާހަކަތަކުން ތަހުނިޔާގެ ހިތް ފޮތިފޮތިވެގެންދިޔަ ، ހިތްދަތިކަމުން ފުރިގެންވާ ވާހަކަތަކެވެ. އެއަށްފަހު ، ގެޔަށް އައި މަގުމަތީ ، ނޫރުއާ ދިމާވުމުން ނޫރުދިން އިންޒާރެވެ. ނޫރުގެ ބަސްތަކަށް ތަހުނިޔާ ރައްދުދިން ނަމަވެސް ، ނޫރު އެވާހަކަ ދެއްކީ އެކަން އޮތްގޮތަށެވެ. ޙަޤީޤަތަކީ އެއީއެވެ. ނޫރުއަކީ ކިހާވަރެއްގެ ކާކުކަން ތަހުނިޔާއަށް އެނގެއެވެ. އެއީ ، ބޭނުންކަމެއް ޙާޞިލް ކުރުމަށްޓަކައި ، ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ޖެހިލުންކުޑަ އިންސާނެކެވެ.
ނޫރުވެސް ގެޔަށްގޮސް ކޮޓަރިޔަށްވަދެ ، ގޮނޑީގައި ޖައްސައިލައިގެން އިންއިރު ، ތަހުނިޔާގެ އުއްމީދުންފުރިގެންވާ ދިފާޢީ ވާހަކަތައް ތަކުރާރުކޮށް ، އޭނާގެ ކަންފަތަށް އިވެމުން ދިޔައެވެ. ތަހުނިޔާ އެހުރީ ވަރަށްބޮޑަށް ބަދަލު ވެފައެވެ. ޖަދަލުކުރުމުގައިވެސް ސެޓްފިކެޓެއް ދޭވަރު ވެއެވެ. މުރުތަޟާއަށް ތަހުނިޔާގެ ކިބައިން ، ދެން ސަލާމަތެއް ނުވެވޭނެއެވެ. ހާސްވެގެން ހަދާނެގޮތް ބޮޑުވެފައި ހުއްޓާ ، ޓަކިޖަހާލާފައި ކޮޓަރިޔަށް އެވަނީ ނޫރުގެ ބައްޕަ ޢާޞިފެވެ. ޢާޞިފަށްހުރީ ރޮވިފައެވެ. ވާހަކަ ދެއްކުނީވެސް ރޮމުން ރޮމުންނެވެ. ހާރިސްއާއި ރައިދާ ގެއިން ނުކުމެގެން ދަނީއެވެ. ނޫރުއާ ހުރެއެވެ. ރޮމުންރޮމުން ، ޢާޞިފަށް ބުނެވުނެވެ.
ނޫރުއާ ހުރެ ، އެދެމީހުން ގެއިން ނުކުމެގެން ދާންވީ ކީއްވެ ހެއްޔެވެ ؟ އެވަރުގެ ނިންމުމެއް އެދެމަފިރިން ނިންމަން ، ނޫރުއަށް ކުރެވުނީ ކޮންކަމެއްހެއްޔެވެ ؟ ނޫރުއަށް މީހަކު ދެކެ ލޯބިވެވުނީއެވެ. އެއީ ކުށެއްނޫނެއްނޫން ހެއްޔެވެ ؟
" ބައްޕަޔަށްވެސް އަދި އެހެން އެންމެންނަށްވެސް ، މުރުތަޟާ ލޯބިވަނީ އަހަރެންދެކެކަން އެނގޭނެއެވެ. މުރުތަޟާ މީހަކާ އިނީ އަހަރެންގެ ކުރިމަތީގައެވެ. އެއީ އިންސާފު ހެއްޔެވެ ؟ މުރުތަޟާއަކަށް ތަހުނިޔާގެ ފަރާތުން އުފަލެއް ، އަދި ހިތްހަމަޖެހުމެއް ނުލިބެއެވެ. މުރުތަޟާ ލޯބިވަނީވެސް ، އަދި ބޭނުންވަނީވެސް އަހަރެންނެވެ. އަހަރެންނާ ދެއަނތްބަށް އިންނަން މުރުތަޟާ ބޭނުން ވެއެވެ. މިފަހަރު ، އަހަރެން ގޯހެއް ނުހެދުމަށް ނިންމައިފީމެވެ. މިފަހަރު އަހަރެން ، މުރުތަޟާއާ އިންނާނަމެވެ. އަހަރެންނާ ދޭތެރޭ އެއްވެސް މީހަކު ކަންބޮޑުވާނެކަމެއް ނެތެވެ. އެންމެންގާތު އެވާހަކަ ، ބައްޕަ ބުނެދޭށެވެ ! އެއްވެސްމީހަކު ގެއިން ނުކުމެގެން ދާނެކަމެއް ނެތެވެ. އެހެން ނޫނަސް ، އަހަރެންނަކަށް މިގެޔަކު މާގިނަދުވަހަކު ނުއުޅެވޭނެއެވެ. އަހަރެން މުރުތަޟާއާ އިނދެގެން ބޭރަށް ދާނީއެވެ. " ނޫރު ، އޭނާ ބުންނަހުރި ވާހަކަތައް އެއްނޭވާއިން ނިންމައިލިއެވެ.
ތަހުނިޔާ ފާޚާނާގައި ހުއްޓާ ، މަންމަ ފޯނުކުރިއެވެ. ތަހުނިޔާގެ ޙާލުކިހިނެއްތޯ އެހިއެވެ. އިތުރު ވިސްނުމަކާ ނުލައި އޭނާ ރަނގަޅުކަމަށް ތަހުނިޔާ ބުންޏެވެ. ސާޖިދާ ދިޔައީ ، ތިމާގެ މީހުންނަށް ދެއްކުމަށްޓަކައި ، ތަހުނިޔާގެ ކައިވެނީގެ ފޮޓޯ އަލްބަމްތައްވެސް ހިފައިގެންނެވެ. ކައިވެނީގެ އުފަލުގައި ބައިވެރިވެ ، އެ އެންމެންވެސް ތަހުނިޔާއަށް މުބާރިކްބާދު އަދާކުރާކަމަށް ، ނިކަން އުފަލުންހުރެ ސާޖިދާ ބުނަމުން ގެންދިޔައެވެ. މުރުތަޟާއާއި މުރުތަޟާގެ ޢާއިލާ ، އެ އެންމެންނަށްވެސް ވަރަށް ކަމުދިޔައެވެ.
ތަހުނިޔާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ހިފަހައްޓަމުން ، ހިތުގައި އޮބިއަޅައި ކިޔަމަން ކުރަމުން ، ބަސްމަގު ތަރުތީބުކޮށް ވާހަކަ ދައްކަމުން ގެންދިޔައެވެ. އޭނާ ވެފައިހުރި ދެރައާއި ލިބިފައިވާ ތަކުލީފުގެ އަސަރު މަންމަޔަށް ފޮރުވަން މަސައްކަތް ކުރިއެވެ.
ފޮޓޯއަކުން އެނގޭނީ ކޮން ޙަޤީޤަތެއްތޯ ތަހުނިޔާ ، އޭނާގެ މަންމަޔާ ސުއާލު ކުރިއެވެ. ސާޖިދާހުރީ އުފަލުން ފޮޅިފައެވެ. މުރުތަޟާއަށް ތަޢުރީފުކޮށް ، ޙަފުޞާމެންގެ ހެޔޮކަމުގެ ވާހަކަތައް ، ޢާޞިފްވަނީ ތިމާގެ އެންމެންނަށް ތަފުޞީލުކޮށް ކިޔައިދީފައެވެ. ތަހުނިޔާހުރީ ބައްޕަމެންނާ ދުރުގައި އެވަގުތު ހުންނަން ވަރަށް އުނދަގޫ ވެފައެވެ. އަންނަ ހުކުރުދުވަހު ، ކަރާޗީއަށް އެނބުރި އެމީހުން އަންނަ ވާހަކަ ސާޖިދާ ބުނީމަ ، އެވަރުވެސް ތަހުނިޔާއަށް ހުރީ ލަސްވެފައެވެ. ތަންކޮޅެއް އަވަހަށް މަންމަމެން އައިސްދިނުމަށް ތަހުނިޔާ އެދުނެވެ.
ތަހުނިޔާ ފާޚާނާއިން ނުކުތްއިރު ، ފާޚާނާގެ ބޭރުގައި ދޮރުމަތީ ، މުރުތަޟާ ހުށްޓެވެ. އެ ދިމާވެގެންއުޅޭ ކަންތައްގަނޑުގައި ، ތަހުނިޔާގެ އަމިއްލަ ނަފުސަށް ، އަނިޔާވެރިވުމުގެ ބޭނުމެއްނެތްކަމުގައި މުރުތަޟާ ބުންޏެވެ. އެދެމީހުންގެ މެދުގައި ދެކެވުނު ވާކައާއި ހިނގަމުންދާ ހުރިހާކަމެއްގައިވެސް ، ހިމެނިފައި އޮތީ ތަހުނިޔާގެ އުފަލާއި ހިތްހަމަޖެހުންކަން ، މުރުތަޟާ ސާފުކޮށްދިނެވެ. ތަހުނިޔާގެ ބަހެއްނެތި ، މުރުތަޟާ އެއްވެސްކަމެއް ނުކުރާނެއެވެ.
މުރުތަޟާ ފާޚާނާއަށް ވަތްވަގުތު ، މުރުތަޟާގެ ފޯނު ރިންގވާން ފެށިއެވެ. ތަހުނިޔާއަށް ހީކުރެވުނީ ރަނގަޅަށެވެ. އެއީ ނޫރުގެ ފޯނެކެވެ. ތަހުނިޔާ އިރުކޮޅަކަށް ވިސްނައިލިއެވެ. އޭނާގެ ހަނދާނަށް އައީ ، ވަރަށްކުރިން އޭނާގާތު ، ނޫރު ބުނެފައިވާ ބަހެކެވެ.
" ތަހުނިޔާއެވެ ! ރައްޓެއްސެއްގެ ޙައިޞިއްޔަތުން އަހަރެން ތަހުނިޔާއަށް މަޝްވަރާއެއް ދޭނަމެވެ. ކޮންމެފަދަ ކަމެއްދިމާވިޔަސް ، ތިމާގެ އަމިއްލަ ޙައިޞިއްޔަތު ހަނދާން ނައްތާލައި ، ތިމާގެ ނަފްސު ޤުރުބާންކޮށްފައި ، އެއްވެސް ނިންމުމެއް ނުނިންމައްޗެވެ. އެހެނީ ، ތަހުނިޔާގެ ގޮތުގައި ދުނިޔެއަށް ، ތަހުނިޔާ ދައްކާނެ ތަޞައްވުރަކީ އެއީއެވެ. "
ނޫރުއިނީ ކަންބޮޑުވެގެންގޮސް ހަދާނެގޮތް ބޮޑުވެގެން ތުރުތުރު އަޅައަޅައެވެ. މުރުތަޟާވެސް ފޯނުނެގީކީ ނޫނެވެ. އެހެން އިންދާ ، އެންމެފަހުން މުރުތަޟާ ގުޅައިފިއެވެ.
އެގޭތެރޭގައި ކަންކަން އޮތީ ކިހިނެއްތޯއާއި ، ހުރިހާކަމެއް ރަނގަޅުތޯ މުރުތަޟާ ސުއާލު ކުރިއެވެ. އެއްކަމެއްވެސް ރަނގަޅުވާނީ ކިހިނެއް ހެއްޔެވެ ؟ ބޭބެއައިސް ، ހުރިހާ ވާހަކައެއް ބައްޕަޔަށް ކިޔައިދީފިއެވެ. ބައްޕަހުރީ ވަރަށް ކަންބޮޑުވެފައެވެ. މުރުތަޟާއާއި ނޫރު ކައިވެނިކުރާވާހަކަ ، އެންމެންގާތު މިހާރު ބުނެފިއެވެ. ވާހަކަ ދައްކަމުން ގެންދިޔައިރު ، ނޫރުއަށް ހުރީ ރޮވިފައެވެ.
ނޫރުގެ ވާހަކަޔަށް މުރުތަޟާ މާބޮޑު އަހުމިއްޔަތުކަމެއް ނުދިނެވެ. ކައިވެނީގެ ވާހަކަ ބުނީމަ ، އެމީހުން ތިބީ ކޮންގޮތަކަށްތޯ މުރުތަޟާ ސުއާލު ކުރިއެވެ. އެކަމާ އެއްވެސް މީހަކު ހިތްހަމައެއް ނުޖެހެއެވެ. ކައިވެނިކުރާ ކަމަށްވަންޏާ ، މާގިނަދުވަހު މަޑުނުކޮށް އަވަހަށް ކައިވެނިކުރަން އެބަޖެހޭކަމުގައި ނޫރު ބުންޏެވެ. ވީހާ އަވަހަކަށް އެކަމުގައި ގޮތެއް ނިންމަން އެބަޖެހެއެވެ. އަވަސް ނިންމުމެއް ނުނިންމައިފިއްޔާ ނޫރުއަށް ޖެހޭނީ ، އެގެއިން ނުކުމެގެން މުރުތަޟާމެންގެޔަށް ނޫރު ބަދަލުވާށެވެ.
މުރުތަޟާ އިނީ ނޫރުއެދައްކާ ވާހަކަ އަޑުއަހާށެވެ. މޮޔަކަމެއް ނުކުރުމަށް މުރުތަޟާ ނޫރުއަށް އަމުރު ކުރިއެވެ. އެކަހަލަ ކަމެއް ކޮށްގެން ، އެއްވެސް ކަމެއް ހަމަޔަކަށް ނޭޅޭނެއެވެ. އަނެއްކާވެސް ، ހުރިހާ ކަމެއް އެކޮޅުކޮޅުން ޖެހޭނެއެވެ.
" މިރޭ އަހަރެން މަންމައާއި ދައްތައާ ވާހަކަ ދައްކައިގެން ، ކޮންމެވެސް ޙައްލެއް ހޯދާނަމެވެ. ތަހުނިޔާއާ އެވާހަކަ ދެއްކުމުގެ މުހިންމުކަން ، މުރުތަޟާއަށް ނޫރު ސާފުކޮށްދިނެވެ. އޭރު ، މުރުތަޟާ އޮތީ ތަހުނިޔާއާ އެވާހަކަ ދައްކާފައެވެ. ތަހުނިޔާގެ ވިސްނުންހުރިގޮތެއް ސާފުކުރުމަށް ނޫރު ބުންޏެވެ. ތަހުނިޔާ ވަރިވާން ތައްޔާރަށް ހުރިތޯ ސުއާލު ކުރިއެވެ.
ކައިވެންޏާއި ވަރިޔަކީ ނޫރު އެދެކޭފަދަ ކުޅޭކުޅޭ އެއްޗެއްނޫނެވެ. ތަހުނިޔާއަކަށް އެހާ ފަސޭހައިން އެކަމުގައި ގޮތެއް ނުނިންމޭނެއެވެ. ތަހުނިޔާ ވަކިގޮތަކަށް ނިންމަންދެން އެމީހުންނަށް ޖެހޭނީ މަޑުކުރާށެވެ. މުރުތަޟާ އެރޭ އޭނާގެ ޢާއިލާއާ އެވާހަކަ ދައްކާނެކަމަށް ވަޢުދުވިއެވެ. ނޫރުހުރީ އަވަސް އަރައިގެންފައެވެ. މިރޭ ވާހަކަ ދައްކައި ، މާދަމާ އެދެމީހުން ބައްދަލުކޮށްފައި ގޮތެއްނިންމަން ނޫރު ބޭނުންވިއެވެ. ނޫރު ނިންމަން ބޭނުންވީ ކައިވެނީގެ ތާރީޚެވެ.
ނޫރު އަވަސް އަރައިގެންފައިހުރިވަރުން ، މުރުތަޟާއަށް ދެވަނަ ވިސްނުމަކަށްދާން މަޖުބޫރުވިއެވެ. ނޫރުއަކީ ކުރަން ދިމާކޮށްފި ކޮންމެކަމެއްވެސް ، ކޮންމެ ގޮތަކުންވެސް ކޮށް ނިންމާ މީހެކެވެ. އެނިންމުމުގައި އޮތީ ރަނގަޅެއްތޯ ނުވަތަ ގޯހެއްތޯއެއް ނޫރުއެއް ނުބަލާނެއެވެ. ބޭނުންވާނީ ކަން ނިންމާށެވެ. އެއީ މުރުތަޟާއަށްވެސް ޤަބޫލުކުރެވޭ ގޮތެއްނޫނެވެ.
ފެންފޮދެއް ބޯލަން މުރުތަޟާ ބޭރުގޭތެރެއަށް ނުކުމެ އުޅެނިކޮށް ، ޙަފުޞާ އެތަނަށް އައެވެ. މުރުތަޟާ ފެނުމާއެކު އައިކޮޅަށް އަނބުރައިލިއެވެ. މަންމަ އަދިވެސް ނުނިދަނީތޯ މުރުތަޟާ ސުއާލުކުރިއެވެ.
އެ މައެއްގެ ދަރިންގެ ގޮތެއްފޮތެއްނެތް މަންމަޔަކަށް އެހާ އަވަހަށް ނިދޭނެތޯ ، ޙަފުޞާ ، މުރުތަޟާއާ ސުއާލު ކުރިއެވެ. ޙަފުޞާ މަޑުނުކޮށް އެތަނުން ދިޔައީ ޠާހިރާގެ ކޮޓަރިއަށެވެ. މަންމަޔަށް ގޮވަމުން ، މުރުތަޟާވެސް ޙަފުޞާ ފަހަތުން އެކޮޓަރިޔަށް ގޮސް ވަނެވެ. މުރުތަޟާ ބޭނުންވީ މަންމަޔާ ވާހަކަ ދައްކާލާށެވެ. އެކަމަކު ، މުރުތަޟާއާ އެއްވެސް ވާހަކައެއް ދައްކާކަށް ޙަފުޞާ ބޭނުމެއް ނުވިއެވެ. ދަރިއެއްގެ ނޭއްގާނީ ޢަމަލުތަކުން ، އެމީހެއްގެ މަންމަ ދިރިހުއްޓާ ވަޅުލާން އެދޭ ދަރިއަކު މަންމައާ ދައްކާނީ ކޮންވާހަކައެއް ހެއްޔެވެ ؟ ޙަފުޞާވެސް ހުރީ ފެންކަޅި ވެފައެވެ.
ހަމަޖެހިލައިގެންހުރެ ، އޭނާގެ ވާހަކަ އަޑުއެހުމަކީ މަންމައަށް ކުރަން ޖެހޭނެކަމެއްކަމަށް މުރުތަޟާ ބުންޏެވެ. އަދި މުރުތަޟާ އެ ދައްކާ ވާހަކައިގެ މަޤްޞަދާއި ބޭނުންވެސް ޤަބޫލުކުރަން ޖެހޭނެއެވެ. މުރުތަޟާގެ ދިރިއުޅުން އެވަނީ ބަރުބާދުވުމުގެ މަގުމަތީގައެވެ. ހިތުގައި އަޅާ ވޭނާއި ކެކުޅުމަށް ކެތްނުކުރެވިގެން ، އޭނާ އެހުންނަނީ ހަށިގަނޑާއި ފުރާނަ ވަކިވާ ހިސާބުގައެވެ. ގޭގެ މީހުން އޭނާގެ ޙާލަތަށް ހަމްދަރުދީވެ ، އޭނާގެ ކެކުޅުމުގައި ބައިވެރިނުވާނަމަ ، ދެން އޭނާ އެވާހަކަތައް ހިފައިގެންދާނީ ކާކު ގާތަށް ހެއްޔެވެ ؟ ތަހުނިޔާއާއެކު ، މުރުތަޟާގެ ދިރިއުޅުން ކުރިޔަށް ގެންދަން މިހާރު އެވަނީ ، ނުކުރެވޭވަރުގެ ކަމަކަށް ވެފައެވެ. މުރުތަޟާގެ ޖަޒުބާތު ތަހުނިޔާއަކަށް ނުވިސްނެއެވެ. އަދި ، ތަހުނިޔާގެ ޖަޒުބާތުތައް މުރުތަޟާއަކަށް ނުވިސްނެއެވެ.
ތިބުނަންއުޅޭ ވާހަކައެއް ބުނާށޭ ބުނެ ، ޙަފުޞާ އެނދުމަތީ އިށީނދެލިއެވެ. ތަހުނިޔާފަދަ ސާދާ ސީދާ އަންހެން ކުއްޖަކާއެކު ، މުރުތަޟާގެ ދިރިއުޅުން ކުރިޔަށް ނުގެންދެވެންވީ އެއްވެސް ސަބަބެއް ، ޙަފުޞާއަކަށް ނުފެނެއެވެ. އޭގެ ބަދަލުގައި މުރުތަޟާ ބޭނުންވަނީ ، އެ ނޫރުލްޢައިނާއެކު ކައިވެނިންބޭރުން ގުޅުންބާއްވައި ، މުރުތަޟާގެ ދިރިއުޅުން އަނދިރި ގަނޑަކަށް ގެންދިއުންކަމަށް ޙަފުޞާ ބުންޏެވެ. ނޫރުގެ ބޭނުމަކީ ، ތަހުނިޔާއާއެކު އާބާދުކުރަމުން ގެންދާ ، މުރުތަޟާގެ ދިރިއުޅުން ބަރުބާދުކޮށްލުމެވެ.
" ތަހުނިޔާއާ އަހަރެންނާ ދެމީހުން ، ކައިވެނީގެ ގުޅުމުން ގަދަކަމުން ގުޅިގެން ، ބަންދުވެފައި ތިބުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ ؟ މުރުތަޟާ އޭނާގެ މަންމައާ ސުއާލުކުރިއެވެ. ކައިވެނި ކުރެވުނީ ގަދަކަމުންނެވެ. ދިރިއުޅެން މިޖެހެނީވެސް ގަދަކަމުންނެވެ. އަހަރެންނަށްވެސް އަދި ތަހުނިޔާއަށްވެސް ، މިގުޅުމުން ލިބޭ ހަމަޖެހުމެއް އަދި އުފަލެއް ނެތެވެ. ކަން އެހެން އޮތްއިރު ތަހުނިޔާއަށްވެސް އެންމެ ރަނގަޅުވާނީ ، އަހަރެމެން ވަކިވުން ނޫންހެއްޔެވެ ؟ އޭރަށް ތަހުނިޔާއަށްވެސް އުފާވެރި ހަމަޖެހޭ ޙަޔާތެއް ހޯދިދާނެއެވެ. " މުރުތަޟާ ގާތަށް ރުޅިއައެވެ.
ޙަފުޞާގެ ރުޅިވެސް ވަކިން ކުޑައެއްނޫނެވެ. ތަހުނިޔާގެ މިނިވަންކަމާއި އުފާވެރިކަމަށް މުރުތަޟާ ވިސްނައިލީ ކޮންއިރަކު ހެއްޔެވެ ؟ މުރުތަޟާގެ ވިސްނުމާއި ފިކުރުގައި އަބަދުވެސް އޮންނަނީ ، މުރުތަޟާއާއި ނޫރުލްޢައިނުކަމުގައި ބުނެ ، ޙަފުޞާ ހަޅޭއްލަވައިގަތެވެ.
އެއީ ތަހުނޔާއަށްވެސް ލާބަހުރި ގޮތެވެ. މަންމަޔަށް އެކަން ނުވިސްނިގެން އުޅޭތީ މުރުތަޟާ ކަންބޮޑުވިއެވެ. އެގޭގައި ތަހުނިޔާ އެއުޅެނީ އުފަލުގައެއްނޫނެވެ. ތަހުނިޔާ އެވާޙަކަ ބުނާއަޑު އެތައްފަހަރަކު ، މުރުތަޟާގެ ދެކަންފަތަށްވަނީ އިވިފައެވެ. އަބަދުވެސް ބޭނުންވަނީ ، އެގެއިން އަމިއްލަ ގެޔަށް ދާށެވެ.
މުރުތަޟާ އޭނާގެ މަންމަގެ ފައިތިލަދޮށަށް ތިރިވެ ، ފައިގާ ހިފައިލިއެވެ. އަދި ، ތަހުނިޔާ ގަދަކަމުން އެގޭގައި އޭނާގެ ޒިންމާގެ ދަށުގައި ބައިންދަންވީ ކީއްވެގެންތޯ ސުއާލު ކުރިއެވެ. އެއީވެސް އިންސާނެކެވެ. އުފަލާއި ހިތްހަމަޖެހުމުގެ ފުރިހަމަ ޙައްޤު ، ތަހުނިޔާއަށްވެސް ލިބިގެން ވެއެވެ. މުރުތަޟާއަށް ނޫންކަމަށްވަންޏާ ، ތަހުނިޔާއަށްޓަކައިވެސް ، އެމީހުންގެ ކައިވެނީގެ ގުޅުމުގައިހުރި މައްސަލަތަކަށް ރިޢާޔަތް ކުރުމަށް މުރުތަޟާ އެދުނެވެ. ތަހުނިޔާގެ އުފަލަށްޓަކައެވެ.
ޠާހިރާވެސް ހުރީ ބުނާނެ އެއްޗެއް ނޭނގި ގަބުވެފައެވެ. ޠާހިރާ އެއްލި ކަޅިޔަކުން ، އެކޮޓަރި ތެރެއިން ފެންނަންހުރި މުރުތަޟާގެ ކޮޓަރީގެ ކުޑަދޮރެއްކައިރީ ، ތަހުނިޔާ ހުއްޓިލައިގެން ހުއްޓާ ފެނުނުހެން ހީވިއެވެ. ޠާހިރާއަށް އެހީވީ ރަނގަޅަށެވެ. އެއީ ހަމަ ، ތަހުނިޔާއެވެ. ތަހުނިޔާހުރީ ، ކުޑަދޮރު ކައިރީ ހުއްޓިލައިގެންނެވެ. ދެމީހުންވެސް ރުޅިއިސްވެފައި ތިބީމަ ، އެމީހުންނަށް ވާހަކަ ދެއްކުނީވެސް މަޑެއްކޮށެއް ނޫނެވެ. މުރުތަޟާއާއި މަންމައާ ދެމީހުން އެދެއްކި ވާހަކަތައް ، ތަހުނިޔާއަށް ސާފުކޮށް އިވޭނެއެވެ.
ތަހުނިޔާގެ ކަންބޮޑުވުމާއި ލޮލުން އޮހޮރެމުން އެދިޔަ ކަރުނަތައް ، ޠާހިރާއަށް އިޙްސާސް ކުރެވުނެވެ. ތަހުނިޔާ އެތާހުރިކަން މަންމަޔަށް އަންގާލާކަށްވެސް ޠާހިރާއަކަށް ނުކެރުނެވެ. އޭރަށް އަދި މަންމަގެ ކަންބޮޑުވުން މާބޮޑުވާނެއެވެ. ޠާޙިރާއަށް ޖެހުނީ އެންމެންގެ މަޞްލަޙަތަށް ވިސްނާށެވެ. ކަންބޮޑުވިޔަސް އެނޫންގޮތެއް އޭނާއަކަށް ، މިވަގުތަކު ނެތެވެ. ( ނުނިމޭ )
Vvv.reethi
Vvv.reethi