ފަލްސަފާ (58)

( 29 ފެބުރުއަރީ 2024 ގައި ޝާއިޢުކުރި ބަޔާ ގުޅޭ )

މުރުތަޟާގެ އުފަންދުވަސް ފާހަގަކުރުމަށް ، އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ، ގެޔަށް އައުމަށް ދެމީހުންވެސް ދަތުރު ފެށިއެވެ. ގެޔަށް އައި މަގުމަތީގައިވެސް ، މުރުތަޟާއާއި ނޫރުލްޢައިނާ ދެމީހުންތިބީ ވަރަށް ހަމަޖެހިފައެވެ. އެދެމީހުން އެކުގައި އުޅެނިކޮށް މީހަކަށް ފެނިއްޖިއްޔާ ހަތަރެސްކަން ހަމަވީއެވެ. އެކަމުން ކުރިމަތިވެދާނެ ފަޟީޙަތަކުން ސަލާމަތްވުމަށްޓަކައި މުރުތަޟާއަށް ފެނުނީ ، ދެމީހުން ވަކިން ގެޔަށް ދިއުމަށެވެ. ނޫރުއަށްވެސް އެއީ ރަނގަޅު ޚިޔާލެއްކަމަށް ޤަބޫލު ކުރެވުނެވެ. މުރުތަޟާ އެބުނީ ރަނގަޅަށެވެ. މިރޭ އެލިބުނު އުފާވެރިކަމާއި ހިތްހަމަޖެހުމުން ، ނޫރުއަށް ނިދިފިޔަވެސް ޖަހައި ނުލެވޭނެއެވެ. ކުރަންވީ ކަމަކާމެދު އެއްފަހަރަށްވުރެ ގިނަފަހަރު ވިސްނަން ޖެހޭނެއެވެ.

ހަމަޔަޤީނުންވެސް ، އެދެމީހުންނަށް އެކަކު އަނެކަކާ ނުލައި ދިރިހުރުމަށް ދަތިވާނެއެވެ. ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކަށް ވިސްނައިގެން ، އެކަކު އަނެކަކުގާތުގައި އުޅޭވޭނީ ކިހިނެއްކަމާމެދު ވިސްނަންޖެހޭކަމަށް މުރުތަޟާއަށް ފެނުނެވެ. ނޫރު ބޭނުންވަނީ ، އެދެމީހުންގެ އާ ދުނިޔެއެއް އާބާދު ކުރުމަށެވެ. އެދުނިޔޭގައި އެހެންމީހުންވެސް އުޅޭނެއެވެ. އެކަމަކު ، އެމީހުންނާ މާ ދުރުގައެވެ. އެހެނަސް ، އެއީ އެމީހުންގެ ދުނިޔެއެއްނޫނެވެ. މުރުތަޟާ އާއި ނޫރުގެ އަމިއްލަ ދުނިޔެއެކެވެ. އެދެމީހުން ބޭނުންވާ ގޮތަކަށް އަމިއްލަ އިޚުތިޔާރުތަކެއް ލިބިގެންވާނެ ދުނިޔެއެކެވެ. އެއީ ވެދާނެކަމެއްތޯ ނޫރު ސުއާލު ކުރިއެވެ. އެއީ ވެދާނެކަމަކަށް އެދެމީހުންނަށް ހެދިދާނެކަމަށް މުރުތަޟާ ވަޢުދުވިއެވެ.

ވަކިހިސާބަކަށް އައިސް މުރުތަޟާ އޭނާގެ ކާރު ހުއްޓައިލިއެވެ. އެއީ ނޫރުގެ އޮފީސް ކައިރިއެވެ. ނޫރު ވަކިން އޭނާގެ ކާރުގައި ގެޔަށް ދިއުމަށްޓަކައެވެ. އަލުން ބައްދަލުވުމަށް އުއްމީދުކުރަމުން ދެމީހުން ވަކިވިއެވެ. އިރުއިރުކޮޅުން ބައްދަލުކޮށްލާތީ މުރުތަޟާއަށް ޝުކުރު އަދާކުރަމުން ، ނޫރު ކާރުން ފޭބިއެވެ. ނޫރު ، ކާރުން ފައިބަ ފައިބާ ހުއްޓާ ، މުރުތަޟާ ، ނޫރުއަށް ގޮވާލައި ނޫރުގެ އަތުގައި ހިފާލިއެވެ. އަދި ، އެއުފާވެރި ހަވީރުގެ ހިތްގައިމުކަން އިޙްސާސް ކޮށްދިނީތީ ނޫރުއަށް ޝުކުރު އަދާކުރިއެވެ. ދުނިޔޭގެ ހުރިހާ ކަމެއް ހަނދާން ނައްތައިލާފައި ، އަމިއްލަ އުފަލަށް ނަފްސު ޤުރުބާންކުރުމަކީ ، ކިހާވަރެއްގެ އުފަލެއްކަން މިއަދު ، މުރުތަޟާއަށް އިޙްސާސް ކުރެވިއްޖެއެވެ. އެތައް ދުވަހަކުއްސުރެ ، ތަކުލީފާއި ހާސްކަމުން ހިތުގައި އަނދައަނދާހުރި އަލިފާންގަނޑު ނިވި ، އެހިތަށް ތަސައްލީއެއް ލިބިއްޖެއެވެ. ހަތަރުކަޅި ހަމަކޮށްގެން އެކަކު އަނެކަކަށް ބަލަހައްޓައިގެން އެތައް އިރެއްވަންދެން އެދެމީހުންނަށް ތިބެވުނެވެ. އެންމެ ފަހުން ، މުރުތަޟާއަށް ލޯބީގެ ހިނިތުންވުމެއް ދިނުމަށްފަހު ، ނޫރު ކާރުން ފައިބައިގެން ހިނގައްޖެއެވެ.

މުރުތަޟާ އައިސް ގެޔަށް ވަތްއިރު ، މުޅި ގޯތިތެރެ އޮތީ ބޮކިދިއްލައި ، އެކިކުލައިގެ އަލިތަކުން ޒީނަތްތެރި ކޮށްފައެވެ. މުރުތަޟާގެ ހިނގުމަށް ހުއްޓުމެއް އެރިއެވެ. މަޑުމަޑުން ގޭތެރެޔަށް ވަތްއިރު ، ގޭތެރޭގެ ޒީނަތްތެރިކަން އަދިވަކިން ބޮޑެވެ. މުރުތަޟާގެ އުފަން ދުވަހަށް މުޅިގެ އެވަނީ ޒީނަތްތެރި ކުރެވިފައެވެ. ހެޕީ ބާތުޑޭ ލިޔެފައިވާ ބޮޑެތި އަކުރުތަކުން ، ބާތުޑޭގެ އަކުރުތައް އޮތީ ވެއްޓި އެލިފައެވެ.

ތަހުނިޔާ އިނީ ދެލޯބޮޑުކޮށްގެން ، އޭނާގެ ހިތަށް އިބިލީސް ވައްދަމުންގެންދާ އެކި ވަސްވާސްތައް އޮބިއަޅައި ހިފަހައްޓަމުން ، މުރުތަޟާގެ އިންތިޒާރުގައި ކޮޓަރީގައި ހުރި ގޮނޑިއެއްގައި ޖައްސާލައިގެންނެވެ. މުރުތަޟާ އަންނަކަން އެނގުމާއެކު ، ނިދާކަމަށް ހަދައި ތަހުނިޔާގެ ބޯ އެލިފައި އޮންނާނެގޮތަށް ގޮނޑިއަށް ފެތިލިއެވެ. އިންތިޒާރު ކޮށްކޮށް ގިނައިރުވެގެން ، ނިދިޖެހިފައި އިންކަން ދެއްކުމަށްޓަކައެވެ.

ކޮޓަރިޔަށް ވަތްތަނުން ތަހުނިޔާ އިންގޮތް މުރުތަޟާއަށް ފެނުނެވެ. މަޑުމަޑުން އެނދުމަތީ ދަބަސް ބާއްވާފައި ބޫޓު ބާލައި ، ތަހުނިޔާއާ ގާތަށް ޖެހިލިއެވެ. ގުދުވެލައި ފުންކޮށް ތަހުނިޔާގެ މޫނަށް ބަލަހައްޓައިގެން ހުރެލުމަށްފަހު ، އެތަނުން ދުރަށް ޖެހިލައި އެއްޗެތި ބަދަލުކޮށްލުމަށްޓަކައި ފާޚާނާއަށް ވަނެވެ. ތަހުނިޔާ ދެލޯ ހުޅުވާލައި މުރުތަޟާ ހަދަނީ ކިހިނެއްތޯ ބަލައިލިއެވެ. ތަހުނިޔާ އެއިން ނުތަނަވަސް ޙާލަތު އެއީ ، މުރުތަޟާއަށް އެއްވެސް ކަމަކަށް ނުވިއެވެ.  ހެދުން ބަދަލުކޮށްލައިގެން އައިސް މުރުތަޟާ ނިދަން އޮށޯތެވެ. މުރުތަޟާއަށް ނިދުމާއެކު ، ތަހުނިޔާވެސް ހެދުން ބަދަލުކޮށްލައިގެ އައިސް ނިދަން އޮށޯތެވެ. އެދުވަހާއި އެރޭ ، ތަހުނިޔާ އެ އުފުއްލި ތަކުލީފާއި ބުރަ އެއީ މުރުތަޟާއަށް އެއްވެސް އަގެއްހުރި އެއްޗަކަށް ނުވިއެވެ.

ހެނދުނު ތެދުވެގެން ބަދިގެފަރާތަށް ތަހުނިޔާ ދިޔަވަގުތު ، ޠާހިރާއާ ދިމާވިއެވެ. ތަހުނިޔާ ފެނުމާއެކު ، އެރޭވެސް ތަހުނިޔާ އެއްވެސް އެއްޗެއް ނުކައި ހުރީމަ ހެނދުނުގެ ނާސްތާ ހަދައިދޭން އުޅުނެވެ.

" ޠާހިރާއެވެ ! އަހަރެންނަށް އެހާބޮޑަށް އަޅާލައިގެން އުޅުމުގެ ބޭނުމެއް ނެތެވެ. އަހަރެން އެކަމާ ލަދުގަނެއެވެ. މުރުތަޟާ އެއުޅޭގޮތަށް ބަލާއިރު ، ޠާހިރާމެންގެ ކުށެއް ނެތެވެ. ފަހަރިމެން ، އަހަރެން މިގެޔަށް ގެނައީ ، މުރުތަޟާގެ އުފަލަށްޓަކައި ނޫންހެއްޔެވެ ؟ އެހެންވީމާ ، އަހަރެންނަށް އަޅައިލައި ، އަހަރެންނާމެދު ކަންބޮޑުވާކަން ، އަހަރެންނަށް އިޙްސާސްކޮށްދިނުމަށްޓަކައި ، ފަހަރިމެން އެއްވެސްކަމެއް ކުރާނެކަމެއް ނެތެވެ. " ހިތްހަމަ ނުޖެހިފައިހުރެ ތަހުނިޔާ ބުންޏެވެ.

ތަހުނިޔާ އެބުނިއެއްޗެއް ބުނުމަށްފަހު ، ހިތްހަމަނުޖެހިފައިހުރެ އެތަނުން ނުކުމެގެން ދިޔައެވެ.

ތަހުނިޔާ އެބުނީ ލައްކަ ވާހަކައެވެ. އެވާހަކަތަކަށް ވިސްނާނެ ވަގުތެއް ޠާހިރާއަކަށް ނުލިބެއެވެ. އޭނާހުރީ އަނގަހުޅުވި ، ބުނާނެ އެއްޗެއް ނޭނގިފައެވެ. ތަހުނިޔާ އެތަނުން ނުކުމެގެން ދިޔައިރުވެސް ، ޠާހިރާއަށް ހުރެވުނީ ހުއްޓުން އަރާފައެވެ.

ތަހުނިޔާ އެދިޔަބާރުމިނުގައި ދިޔައީ އެގެއިން ނުކުމެގެން ބޭރަށެވެ. މަގުމައްޗަށް ނުކުތްއިރު މުރުތަޟާގެ ކާރު ބޭރުގައި އޮތެވެ. ކާރުގެ ފަހަތުން ، ދަނިކޮށް ކާރުތެރޭއޮތް މާބޮނޑިއަކަށް ތަހުނިޔާގެ ލޯ ސީދާވިއެވެ. ކާރާ ކައިރިވެ ، އެމާބޮނޑިއަށް ބަލައިލިއިރު އެއީ ލޯތްބާއެކު ، ނޫރުލްޢައިނުގެ ފަރާތުން ދިން އެއްޗެއްކަމަށް ލިޔެފައި އޮތެވެ. މާބޮނޑި ބޭއްވިފައި އޮތީ ކާރުގެ ފަހަތު ޝީޓުގައެވެ. ތަހުނިޔާ އެ މާބޮނޑިއަށް ބެލިބެލިހެން އޭނާގެ ނޭވާ ކުރުވެ ، މެޔަށް ތަދުވެ މާނޭވާލެވެމުން ދިޔައެވެ. ހިންދެމިލުމަށްފަހު ، ގެޔާދިމާއަށް ބަލައިލިއެވެ. އަދި ލޮލުން ހިލެމުންދިޔަ ކަރުނަތައް ފުހެލައި ، ފަޔަށް ލެވެންހުރި ބާރެއްލާފައި އޭނާގެ ގެޔާ ދިމާއަށް ހިނގައިގަތެވެ.

ތަހުނިޔާ އެދެއްކި ވާހަކަތައް ހޫނުކޮށް ހުއްޓައި މަންމަޔަށް ކިޔައިދޭން ޠާހިރާ ނިންމިއެވެ. އޭރު އަދި އޮފީހަށްދާން މުރުތަޟާއެއް ނުނުކުމެއެވެ. ޙަފުޞާއާއި ޠާހިރާތިބީ ، މުރުތަޟާއާ ދިމާކުރަން ތައްޔާރުވެގެން ސިޓިންރޫމުގައި އިށީނދެލައިގެންނެވެ. މުރުތަޟާ ނުކުތުމާއެކު ، އިތުރު ވާހަކައެއް ނުދައްކައި ، ތަހުނިޔާއާއި އެމީހުންނާމެދު މުރުތަޟާ ރޭގައި ކަންތައް އެކުރީކީ ރަނގަޅަށް ނޫންކަމަށް ، ޙަފުޞާ ބުންޏެވެ. ޙަފުޞާވެސް އިނީ ރުޅިއައިސް ރަތްވެފައެވެ.

ރައްޓެހިންނާއެކު ، ބޭރަށްދާން ނިންމާފައި އޮތިއްޔާ ، މުރުތަޟާގެ ޢާއިލާގެ މީހުންނަށް އެކަން އަންގައިލާން ޖެހޭނެކަމަށް ޙަފުޞާ ބުންޏެވެ. އަރުސަލާނާއި ޙަފުޞާ އަދި ތަހުނިޔާއާ އެންމެން ވެގެން މުރުތަޟާއަށް ސަޕްރައިޒް ޕާޓީއެއްދޭންވެގެން ، އެމީހުން ނުކުރަނީ ކޮންކަމެއް ހެއްޔެވެ ؟ އެދުވަހު ، އޮފީހަށްދާން މުރުތަޟާ ގެއިން ނުކުތީއްސުރެ ، ރޭވަންދެން އެހަތަރުމައިން އުޅުނީ އެކަމުގައެވެ. މުރުތަޟާގެ އުފަލަށްޓަކައި ، މުރުތަޟާގެ ހިތަށް އުފާވެރިކަމެއް ގެނެސްދިނުމަށްޓަކައެވެ. އެއިން އެއްވެސް ކަމަކަށް މުރުތަޟާގެ ފަރުވާލެއް ނެތެވެ.

" މަންމާއެވެ ! ވަރަށް ކުދިކުދި ކަންކަން ، މާބޮޑެތި ކަންކަމަށް ހަދަން ، މަންމަ މަސައްކަތްކުރާކަން އަހަރެންނަށް އިޙްސާސްވާތާ ވަރަށް ގިނަދުވަސް ވެއްޖެއެވެ. އެކަންކަމުގައި މަންމަ އަބަދުވެސް ކުށްވެރިކުރަނީ އަހަރެންނެވެ. އަހަރެން ތަހުނިޔާއާ އިނީއޭ ކިޔާފައި އަހަރެންނާ ގުޅިފައިވާ އެހެން ހުރިހާމީހުންނާ ، އަހަރެން ރުޅިވާންޖެހޭ ހެއްޔެވެ ؟ " މުރުތަޟާ ބުންޏެވެ.

މަންމަޔާ ދިމާއަށް މުރުތަޟާ ކިޔަމުންދިޔަ އެއްޗިއްސަށް ، ޠާހިރާއަކަށް ކެތެއް ނުކުރެވުނެވެ. ކޮއްކޮއަށް ވިސްނައިދެވޭތޯ ޠާހިރާ ބަލަމުން ގެންދިޔައެވެ. އެއްއަތް ތެޅިޔަކަސް އަޑެއް ނުކިޔާނެއެވެ. އަތްތިލަބަޑި ޖެހޭނީ ދެއަތް އެއްކޮށް ތަޅައިގެންނެވެ. މުރުތަޟާއާ ދުރުވާން ތަހުނިޔާއަށް މަޖުބޫރުވަނީވެސް އަދި ދުރުވަމުންދަނީވެސް ، ތަހުނިޔާ އެކަނިކުރާ ކަމަކުންނެއްނޫނެވެ. ކަމަކާ ނުލައި މުރުތަޟާއާ ދުރުވާކަށް ތަހުނިޔާ މަސައްކަތެއް ނުކުރާނެއެވެ. އެއީ ރަނގަޅު ކުއްޖެކެވެ. އިއްޔެ ހަތަރުދަމު ، ތަހުނިޔާ އެކުރި ބުރަމަސައްކަތަކީ ، މުރުތަޟާއާއި ތަހުނިޔާއަށް އުފާވެރިކަމެއް ގެނެސްދޭން ކުރި މަސައްކަތެވެ. އެމަސައްކަތުގައި ގޭގެ އެންމެން ބައިވެރިވިއެވެ. އުފަލުން ހިނިތުންވަމުން ، ތަހުނިޔާއަށް އެކަންކަން އެކުރެވުނީ ، އެގޭގެ އެންމެން އެކަމަށް އެދިގެން ތަހުނިޔާއާ ބައިވެރިވީމައެވެ. އެމީހުން ތަހުނިޔާއާ ބައިވެރިވީ ، މުރުތަޟާގެ ދެމަފިރިން ، އެކަކު އަނެކަކަށް ހީ ސަމާސާކޮށްއުޅޭތަން ދުށުމަށް ، ޙަފުޞާއާއި ތަހުނިޔާ އެދިތިބިވަރުންނެވެ. ތަހުނިޔާއަށް އެކަނި އެކަމެއް ނުކުރެވޭނެއެވެ. އިއްޔެ މުރުތަޟާއަށް އެކުރެވުނު ކަމަކުން ، އެންމެން އެތިބީ ހިތްހަމަ ނުޖެހިފައެވެ.

ތަހުނިޔާ ގެޔަށް ގޮސް ބޭރު ދޮރުގެ ރަނގަބީލުޖަހަން އަތްހިއްލާލި ވަގުތު ، އޭނާއަށް އިވުނީ ބައްޕަގެ އަޑެވެ. ޢާޞިފް އެއުޅުނީ ، އޭނާގެ ސައިތަށި ލަސްވެގެންނެވެ. އެވަގުތު ، ތަހުނިޔާއަށް އޭނާގެ ހަވަނަ ޙިއްޞު ވިސްނައިދޭން ފެށިއެވެ.

" ތަހުނިޔާ ތިކުރަނީ ކީއްހެއްޔެވެ ؟ އަނެއްކާވެސް ، ކަންބޮޑުވުމާއި ހާސްކަމުން ފުރިގެންވާ ހިތާމައިގެ ވާހަކަތައް ހިފައިގެން ގެޔަށް އައީ ހެއްޔެވެ ؟ މަންމަގެ ކޮނޑުގައި ބޯ އަޅަލައިގެން އޮވެ ، ތަހުނިޔާ އިރުކޮޅަކު ރޮއިލާނެއެވެ. ބައްޕަޔަށް ޝަކުވާ ހުށަހަޅާނެއެވެ. އެއަށްފަހު ، ދެންވާނީ ކިހިނެއް ހެއްޔެވެ ؟ މަންމައާއި ބައްޕަގެ ނަސޭޙަތުން ހިތްތިރިކޮށް ، އުއްމީދުގެ ހުޅުކޮޅެއް ހިފައިގެން ، ތަހުނިޔާ އަލުން އެނބުރި ، މުރުތަޟާގެ ގެޔަށް ދާނެއެވެ. ނޫނެކެވެ ! ތަހުނިޔާއެވެ ! ތިޔައީ ތަހުނިޔާގެ މައްސަލަޔަށް އޮތް ޙައްލެއްނޫނެވެ. ކުރިމަތިވެފައި ތިއޮތް މައްސަލަޔަކީ ، ތަހުނިޔާ އަމިއްލަޔަށް ހަނގުރާމަކޮށް ދިފާޢުވާން ޖެހިފައި އޮތް ކަމެކެވެ. ތި ހަނގުރާމައިގާ ފިދާވާންޖެހޭނީ ތަހުނިޔާ އަމިއްލަޔަށެވެ. ލޯބިވާ މަންމައާއި ބައްޕަގެ ހިތަށް އުނދަގޫވާފަދަ ވާހަކަތަކެއް ހިފައިގެން އިރުއިރުކޮޅުން ގެޔަށް އަޔަކަސް އެކަމަކުން ، ތަހުނިޔާގެ ހިތަކަށް ތަސައްލީއެއް ނުލިބޭނެއެވެ. "

ތަހުނިޔާ ބޯހޫރައިލިއެވެ. އޭނާއަށް ދިރިއުޅުމުގައި ދިމާވެފައި އެއޮތް ގޮންޖެހުމާ ކުރިމަތިލުމަށް އިސް އުފުލައިލިއެވެ.

މުރުތަޟާ އުފަލުގައި ބަހައްޓަންވެގެން ގޭގެ އެންމެންވެގެން ހަތަރުދަމު މަސައްކަތްކުރިއިރު ، އެކަކުވެސް މުރުތަޟާއާ އިއްޔެ ގުޅާލާފައެއް ނެތެވެ. ފޯނުކޮށްލުލިތާނގައި މެސެޖެއްވެސް ކޮށްލާފައެއް ނުވެއެވެ. ރައްޓެހިންނާއެކު އޭނާ އެދިޔަތަނަކަށް ދިއުން ކެންސަލް ކުރެވޭނީވެސް ، އެއްވެސްމީހަކު އޭނާގެ ޚަބަރު ބަލައިލި ނަމަތާއެވެ.

ކޮންމެ އަހަރަކުވެސް ، މުރުތަޟާގެ އުފަންދުވަސް އެގޭގައި ކުލަގަދަކޮށް ، ފާހަގަ ކުރެވެއެވެ. އަރުސަލާނާއި މަންމައާ އަދި ޠާހިރާ ، އަދި މިފަހަރު ތަހުނިޔާވެސް އެތައް އިރެއް ވަންދެން މުރުތަޟާގެ އިންތިޒާރުގައި ތިބެން ޖެހުނެވެ.

ދައްތަ ދައްކަމުން ގެންދިޔަ ވާހަކަތައް ، މުރުތަޟާ ހުއްޓުވިއެވެ. އެހެން އަހަރުތަކުގައި ވީކަމެއްގެ ވާހަކަ މިހާރަކު ދައްކާނެކަމެއް ނެތްތާއެވެ. މިއަހަރަކީ ، މުރުތަޟާއަށް ވަރަށް ދަތި އުނދަގޫ ދުވަސްވަރެއްގައި އޭނާގެ އުފަންދުވަސް އައި އަހަރެކެވެ. މުރުތަޟާ އިއްޔެ ، ގެއިން ނުކުމެގެން ދިޔައިރުވެސް ، އެއްވެސް މީހަކު އޭނާއާ އަނގަޔަކުން ނުބުނެއެވެ. މުރުތަޟާގެ ދައްތަގެ ލޯބިވާ ތަހުނިޔާވެސް ، ހެނދުނު ހެނދުނާ އުޅުނީ މުރުތަޟާއާ ޒުވާބު ކުރުމުގައެވެ.

" މަންމަމެންނަށް ހީވަނީ ތަހުނިޔާ މާބޮނޑިއާއި ހަދިޔާ ހިފައިގެން އައިމަ ، ތަހުނިޔާ ބަލަމުން އެގެންދަނީ އަހަރެންނާ ގާތްކަމެއް އުފެއްދޭތޯކަމަށް ހެއްޔެވެ ؟ އެއީ ، ތަހުނިޔާ ހަދައިގެން އުޅޭ ގޮތެކެވެ. އަހަރެންގެ ޙަޔާތުގައި އެކަހަލަ ދެއްކުންތެރިންނަށް އެއްވެސް ޖާގައެއް ނެތެވެ. ހަވީރު އަހަރެން ގެޔަށް އަންނަންވާއިރަށް އަރުސަލާން ތައްޔާރު ކޮށްދޭށެވެ ! އަރުސަލާން ގޮވައިގެން އަހަރެން ބޭރަށް ޖައްސައިލާން ބޭނުމެވެ. އަހަރެންނަށްޓަކައި އެހާގިނަ މަސައްކަތްކުރިއިރު ، އަހަރެންނަށް ގޭގައި ނުހުރެވުނީތީ އެންމެންގެ ކިބައިން އަހހަރެން މަޢާފަށް އެދެމެވެ. އަހަރެންނަށް މަޢާފު ކުރާށެވެ ! " މުރުތަޟާ ބުންޏެވެ.

މުރުތަޟާގެ ވާހަކަ ނިންމާލައި ތެދުވެގެން އޮފީހަށް ދާން ނުކުތެވެ. މުރުތަޟާ އަނގަ ތަޅައިގަތްގަތީނުންގޮސް ޙަފުޞާވެސް އިނީ އާޝޯޚުވެފައެވެ. މުރުތަޟާއަށް ވެފައި އެހުރީ ކީއްހެއްޔެވެ؟ މުޅިމީހާ އެދަނީ ބަދަލު ވަމުންނެވެ.

މުރުތަޟާ ގެއިން ނުކުތް ވަގުތު ، ބޭރުގައި މަޑުކޮށްލައިގެންހުރި ، ތަހުނިޔާ މުރުތަޟާގެ ކުރިމައްޗަށް ނުކުތެވެ. އަދި އޭނާ ވާހަކައެއް ބުނަން ބޭނުންވާކަން ހާމަކުރިއެވެ. ތަހުނިޔާއަށް ހުރީ ރޮވިފައެވެ.

އަހަރެން ، އެއްވެސް މީހަކަށް ކަން ދެއްކުމަށްޓަކައި ، އެއްވެސް މީހަކު ރުއްސުމަށްޓަކައި އެއްވެސްކަމެއް ނުކުރަމެވެ. މުރުތަޟާ ރޭގައި އުޅުނީ ، ރައްޓެހިންތަކަކާއެކީކަމަށް ބުނަން ލަދެއް ނުގަނޭ ހެއްޔެވެ ؟ މުރުތަޟާގެ ކާރުގެ ފަހަތު ޝީޓްގައި އެއޮތް މާބޮނޑިއާއި ހަދިޔާއިން އެކަނިވެސް ، މުރުތަޟާ ރޭގައި އުޅުނީ ހަމައެކަނި ، ނޫރުލްޢައިނު ގޮވައިގެންކަން ސާބިތުވާނެއެވެ. ތިހާބޮޑަށް މުނާފިޤުވެގެން މުރުތަޟާ ، ވަގަށް ތިއުޅެނީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ ؟ " ތަހުނިޔާ ރޮމުން ރޮމުން ވާހަކަ ދައްކަމުން ގެންދިޔައެވެ.

މުރުތަޟާ އެއްވެސް އެއްޗެކޭ ނުބުނެ ، ތަހުނިޔާއާ ދިމާއަށް ބަލަހައްޓައިގެން ހަމަޖެހިލައިގެން ހުށްޓެވެ. މުރުތަޟާ އެއްވެސް އެއްޗެކޭ ނުބުނީމަ ، ތަހުނިޔާ ގޭތެރެޔަށް ވަދެގެން އައެވެ. އޭނާގެ ހަވަނަ ޙިއްޞު ، ވިސްނައިދިންގޮތަށް ، އަމިއްލަ ގެޔަށް ނުގޮސް ، މައިންބަފައިންނަށް ޝަކުވާ ހުށަނާޅައި ، އޭނާގެ ދިރިއުޅުމުގައި ދިމާވެފައިވާ ކަންކަމާ ، އަމިއްލަޔަށް ކުރިމަތިލުމަށް ނިންމައިގެންނެވެ. (ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.