މަނަދޫގެ ފެނާ ނަރުދަމާގެ މައްސަލަ ވަރަށް ސީރިއަސްކޮށް ނަގައިގެން ކުރިއަށްގެންދާނަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިލަދުންމަޑުލު ދެނުކުބުރީ މަނަދޫ އަސްވަރު އިމާރާތުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުންވަނީ ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަމާއި، ރައްޔިތުންނަށް ދަތިވާކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.

އެގޮތުން މިހާރު އޮތް ނަރުދަމާ ނިޒާމު ފެއިލް ވެފައިވާކަމަށާއި، އަލަށް އާބާދުވާ ސަރަހައްދުގައި ފެނާ ނަރުދަމާގެ ޚިދުމަތް ނެތްކަމުގައި ފާހަގަކުރެއްވިއެވެ. އަދި ޖެޓީ މަޝްރޫޢު ހިނގަމުންދާއިރު އެމަޝްރޫޢާއެކު ކުރިއަށްގެންދަން ބޭނުންވާ އިތުރުކަންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

ހަމަ އެއާއެކު، ތެރެޕީގެ ޚިދުމަތް އަތޮޅު ހޮސްޕިޓަލުން ލިބޭނެގޮތް ހައްދަވާދެއްވުމަށާއި، ސްޕޯޓްސް ކޮމްޕްލެކްސް ތަރައްޤީކޮށްދެއްވުމަށާއި، ކުޅިވަރުގެ ދާއިރާ ތަރައްޤީކުރުމަށާއި، އައިސް ޕްލާންޓެއް ޤާއިމުކުރުމަށް ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުންވެސް ލޯކަލް މާރުކޭޓް ތަރައްޤީކުރުމަށް ބޭނުންވާކަމަށްވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މަނަދޫގެ ފެނާ ނަރުދަމާއަށް ކުރިމަތިވާ މައްސަލަ ވަރަށް ސީރިއަސްކޮށް ނަގައިގެން ކުރިއަށްގެންދާނެކަމުގައި ވިދާޅުވިއެވެ. އަދި އިތުރަށް މަނަދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި، އެކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.