ފަލްސަފާ (57)

( 25 ފެބުރުއަރީ 2024 ގައި ޝާއިޢުކުރި ބަޔާ ގުޅޭ )

" ހަނދާން އެބަ ހުރިހެއްޔެވެ ؟ އަހަރެމެން ކުޑައިރު ، އުފަންދުވަހާ ދިމާކޮށް ، ވަރަށް ގިނައިން މެސެޖް ފޮނުވަމެއްނޫން ހެއްޔެވެ ؟ މަޖާކޮށް ނަށައި ހަދަމުއެވެ. ފަހުން ޙަފުޞައްތަގެ އަދަބު ލިބުނަސް އެއީ ، ހިނގިކަމެކެވެ. އަހަރެމެން ކިހާ މަޖަލެއް ކުރިން ހެއްޔެވެ. އަހަރެންގެ އުފަންދުވަސް އަދި ވަކިން މަޖާކޮށް ، ފާހަގަ ކުރެވުނެވެ. އަހަރެމެންގެ ޕޮކެޓްމަނީން ލާރި އެއްކޮށްގެން ، އައިސްކްރީމް ބޮއެ ހަދަމުނޫން ހެއްޔެވެ. އެ ހަނދާން އެބަހުރި ދޯއެވެ ؟ އުފަލާއި މަޖަލުން ފުރިގެންވާ ، އެދުވަސް އަންނާނެނަމަ ، ކޮންފަދަ ހެއްޔެވެ ؟ އެކަމަކު ، މިހާރު ނިކަން ދެކެބަލާށެވެ ! އަހަރެމެންނަށް މިއަދު ، އެވަގުތެއް ނެތެވެ. އެ ހަނދާންތައްވެސް ހިތުން ފިލައިފިއެވެ. މުރުތަޟާއެވެ ! އެނގޭ ހެއްޔެވެ ؟ އިންސާނަކަށް ، އެމީހާގެ ގުޅުމުގެ ނަޒަރިއްޔާތު ، ދުނިޔޭގެ ނަޒަރުން ދެކެން ވެއްޖެނަމަ ، އެއީ އެ ގުޅުމެއްގެ ނިމުމާއި ނެތިދިއުމެވެ. މިއަދަކީ ، މުރުތަޟާއަށް ޚާއްޞަ ދުވަހެކެވެ. އަހަރެންނަށް ، މުރުތަޟާއަށްޓަކައި ކަމެއް ކޮށްދެވޭނެނަމަ ކޮންފަދަހެއްޔެވެ ؟ އެކަމަކު ، އެއްވެސްކަމެއް ކޮށްދެވޭ ކަހަލަ ހަނދުވަރެއް މިއަދަކު ނުދެއެވެ. ބާއްޖަވެރި ދުވަހަކަށް އެދެމެވެ. " ނޫރުގެ މެސެޖް އެހިސާބުން  ނިމުނެވެ.

އުފަންދުވަހުގެ ހެޔޮއެދުންތައް ފޮނުވީތީ ، ނޫރުއަށް ޝުކުރު އަދާކޮށް ، މުރުތަޟާ މެސެޖެއް ފޮނުވިއެވެ. ދެމީހުން ، ލޯންގ ޑްރައިވް އަކަށް ދަމާހެއްޔޭ ބުނެ ، އެވާހަކަވެސް ލިޔެލިއެވެ. ކުޑައިރުގެ އެ މަޖާދުވަސްތައް އަދިވެސް ހަނދާން ކޮށްލެވިދާނެއެވެ. އޮފީސް ނިންމާފައި ، ނޫރު އަންނަންދެން އިންތިޒާރުގައި ކާރުގައި އިންނާނެކަމަށް ބުނެ މުރުތަޟާގެ މެސެޖް ނިންމައިލިއެވެ.

ނޫރުއަށް ލިބުނު އުފާވެރިކަން ކޮޅުންލިއެވެ. އުފަލުންގޮސް ބެލްކަނީ ތެރޭ އޭނާއަށް ނަށައި ގަނެވުނެވެ.

 

މިއަދުވެސް މުރުތަޟާ އޮފީހަށް ދިޔައީ އެހެން ދުވަސްތަކެކޭ އެއްގޮތަށް ހެނދުނުގެ ނާސްތާ ނުކޮށެވެ. ތަހުނިޔާ ކޮޓަރިން ނުކުތްތަނާ ، އެކަން ތަހުނިޔާއަށް އަންގައިލުމަށްޓަކައި ޠާޙިރާ ބުންޏެވެ. ރޭގަނޑުވެސް މުރުތަޟާ އެއްވެސް އެއްޗެއް ނުކައެވެ. އުޅުނީވެސް ވަރަށްބޮޑަށް ބޮލުގައި ރިއްސާތީއެވެ. އެކަން ތަހުނިޔާއަށްވެސް އެނގޭކަން އަންގައިލިއެވެ.

" މިއަދަކީ މުރުތަޟާގެ އުފަން ދުވަހެވެ. އުފަންދުވަހުގެ ހެޔޮއެދުންތައް މުރުތަޟާއަށް ރައްދުކުރިން ހެއްޔެވެ ؟ " ތަހުނިޔާއާ ދިމާއަށް އެނބުރިލައި ، ޠާހިރާ އެކުރިމަތި ކުރުވީ ވަރަށް މުހިންމު ސުއާލެކެވެ. އެކަން އެއްގޮތަކަށްވެސް ، ތަހުނިޔާގެ ހަނދާނަކު ނެތެވެ.

ތަހުނިޔާގެ ޖަވާބަކީ ، ޙަފުޞާއަށް ކަމުދިޔަ އެއްޗަކަށް ނުވިއެވެ. ތަހުނިޔާއާއި މުރުތަޟާގެ ކައިވެނި ކުރެވުނުތާ ފުދޭވަރަކަށް ދުވަސް ވެއްޖެއެވެ. އެކަހަލަ ކަންކަން ހަނދާން ކުރެވޭވަރަށް ، ދެމީހުންނަށް އެކީގައި އުޅެވިއްޖެއެވެ. އެކަމަކު ، އެކަހަލަ ކަންކަން ހަނދާންކޮށް މުހިންމު ދުވަސްތައް ފާހަގަ ކުރެވޭނީ ،  މުރުތަޟާގެ ޙަޔާތުގައި އުޅޭނީ ކިހާވަރެއްގެ ޝައުޤުވެރިކަމެއްގައި ކޮންދަރަޖައެއްގައިކަން ތަހުނިޔާއަށް ނިންމިފައި އޮތް ގޮތަކަށެވެ. އެކަހަލަ ޚާއްޞަ ދުވަސްތައް ތަހުނިޔާ ހަނދާން ކުރަންޖެހޭނެކަމަށް ބުނެ ، ޙަފުޞާގެ ހިތްހަމަނުޖެހުން ފާޅުކޮށްލިއެވެ. މުރުތަޟާ ބުނަމުން އެގެންދަނީ ރަނގަޅަށެވެ. ހުރިހާކަމެއްގެ ބަދުނާމު ހަމައެކަނި މުރުތަޟާގެ ބޮލުގައި އަޅުވަމުން ދިއުމަކީ އިންސާފެއްނޫނެވެ. ތަހުނިޔާވެސް ، ކުރިޔަށް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޙަފުޞާ ބުނެދިނެވެ.

އެކަމާ ތަހުނިޔާ ކުރިމަތިލާނެއެވެ. މުރުތަޟާއަށް ، އުފަންދުވަހުގެ ތަހުނިޔާވެސް އަދާކުރާނެއެވެ. އަދި ހަދިޔާއެއްވެސް ދޭނެއެވެ. މުރުތަޟާ އަށް އެންމެ މީރު ކާތަކެތި ، އެރެޔަށް ތައްޔާރުކުރާނެކަމަށް ޠާހިރާ ބުންޏެވެ. ވެނީލާ ކޭކަކީ ، އެއެއްޗަކާ ނުލައި މުރުތަޟާގެ އުފަންދުވަސް ފާހަގަ ނުކުރެވޭ އެއްޗެކެވެ. ކޭކުއަޅާނީވެސް ޠާހިރާއެވެ.

ގޭތެރެވެސް ޒީނަތްތެރިކޮށްލަން ވާނެއެވެ. ކައްކަންޖެހޭ ހުރިހާ އެއްޗެއް ޠާހިރާ އެކަނި ކައްކަން ޖެހުމަކީ ޙަފުޞާއަށް މައްސަލަޔަކަށް ވިއެވެ. މުރުތަޟާގެ އުފަންދުވަސް ފާހަގަކުރަން ، ކުރަންހުރި މަސައްކަތްތަކުގެ ލިސްޓެއް ޙަފުޞާ ކިޔައިލިއެވެ. ޙަފުޞާގެ ބޭނުމަކަށްވީ ، އެއިންކަމެއްގެ ވާހަކަ ތަހުނިޔާގާތު ނުބުނަނިސް ، ތަހުނިޔާ އެއިންކަމަކާ ޙަވާލުވުމެވެ. އެކަމާ ތަހުނިޔާއަށް އުނދަގޫވެފައި އިންނަމަވެސް ، އޭނާއަށް ކޮށްދެވޭނެ ވަކިކަމެއް ނުވިސްނުނެވެ.

ޠާހިރާގެ އުއްމީދަކީ ، މުރުތަޟާ އޭނާގެ މާޒީ ހަނދާން ނައްތާލައި ، އާ ފެށުމަކުން ފަށައި ، ތަހުނިޔާއާއެކީ އެޅިފައިވާ ކައިވެނީގެ ބިންގާ ހަރުދަނާވެގެން ދިއުމެވެ. މުރުތަޟާގެ މޫނުމަތިން ، ހިނިތުންވުމުގެ އަސަރު ، އަނެއްކާވެސް ފެނިގެން ދިއުމެވެ.

ޠާހިރާ އެތަނުން ދިޔަތަނާ ، ތަހުނިޔާވެސް އެބަ އަންނަމޭބުނެ ، ތެދުވިއެވެ. އެކަމަކު ، އެއްޗެކޭ ހީނުކުރުމަށާއި ، ތަހުނިޔާއާ ވާހަކައެއް ދައްކަން ބޭނުންވާކަމަށް ބުނެ ، ޙަފުޞާ އޭނާ ހުށްޓުވިއެވެ.

" ތި ދެމީހުންގެ ކަންތަކުގައި ، އެހެން އެއްވެސްކަމަކާ ކަންބޮޑުނުވާވަރަށް އަހަރެން މިހުންނަނީ ކަންބޮޑުވެފައެވެ. އެކަމާ ތަހުނިޔާވެސް ވިސްނަން އެބަ ޖެހެއެވެ. އެކަމަށް ވިސްނައިލައްޗެވެ. " ޙަފުޞާ ބުންޏެވެ.

އާނއެކޭ ބުނުމަށްފަހު ، ތަހުނިޔާވެސް ކޮޓަރިޔަށް ވަނެވެ. މައިދައިތަ އެބުނި އެއްޗަކާމެދު އޭނާވެސް ވިސްނައިލިއެވެ. އެވަގުތު ތަހުނިޔާގެ ޚިޔާލަށް އައީ ، ކުރިން އައި އުފަންދުވަހެއްގައި މުރުތަޟާއަށް ހަދިޔާއެއް ގަންނަން ނޫރުއާއެކު ބާޒާރަށް ގޮސް އުޅުނު ދުވަހެއްގެ ހަނދާނެވެ.

ވަރަށް ގިނައިރުވަންދެން ، ހަދިޔާއެއް ގަންނަން އެދުވަހު ނޫރު އުޅުނެވެ. އެތައް އެއްޗެއްބަލާފައި އެންމެފަހުން ނެގީ ލެޕްޓޮޕްލާ ދަބަހެކެވެ. ނޫރުއަށް ނެގުނީ ތަންކޮޅެއް ކުލައަލި ދަބަހެކެވެ. ތަހުނިޔާ ބުނެގެން އެދަބަސް ކަޅުކުލަޔަށްވެސް ބަދަލު ކުރިއެވެ. މުރުތަޟާގެ އުފަންދުވަސް އައިމަ ، މުރުތަޟާ ހިތްހަމަ ޖެހޭފަދަ ހަދިޔާއެއް ހޯދަން ، ނޫރު އެއުޅުނުގޮތް ތަހުނިޔާގެ ހަނދާނަށް އައެވެ. ނޫރުގެ އުފަންދުވަހު ، މުރުތަޟާ އޭނާއަށް ދޭ ހަދިޔާއަށްވުރެ ރަނގަޅު ހަދިޔާއެއް މުރުތަޟާގެ އުފަންދުވަހު ، މުރުތަޟާއަށްދޭން ނޫރު ހުރީ ބޭނުންވެފައެވެ. އެވާހަކަ ތަހުނިޔާގާތު ، ނޫރު ބުނެވެސްލިއެވެ. ހިތްއެދޭ ލޯބިވެރިންނާމެދު ގެންގުޅެންޖެހޭނެ ހަމައަކީ އެއީކަމަށް ، ތަހުނިޔާއަށްވެސް މިހާރު އެބަ ޤަބޫލު ކުރެވެއެވެ. ތަހުނިޔާ އެދުވަހު ހުރީ ، ނޫރު އެއުޅުނުގޮތުން ، ނޫރުދެކެ ފޫހިވެފައެވެ. މިއަދު އެއޮތީ ތަހުނިޔާއަށް އެދުވަސް އައިއްސައެވެ. މުރުތަޟާގެ އުފަންދުވަހަށް ، މުރުތަޟާއަށް ކަމުދާނެ ކަހަލަ ހަދިޔާއެއް ގަތުމަކީ ، ތަހުނިޔާ މިއަދު ކުރަން ޖެހޭނެ ކަމެކެވެ. ނޫރުވެސް އެއުޅުނު ގޮތަށެވެ. ލޯތްބަކީ އެއީނޫން ހެއްޔެވެ ؟

" ވާހަކައެއް ބުނަން ހެއްޔެވެ ؟ މީހަކު ދެކެލޯބިވުމަކީ ، ބުރަކަމެއް އިޙްސާސްވާކަމެއްނޫނެވެ. ހިތަށް އުފަލާއި އަރާމު ލިބޭ ކަމެކެވެ. ތަހުނިޔާއަށްވެސް މީހަކު ދެކެ ލޯބިވެވޭ ދުވަހަކުން ، އެކަން އިޙްސާސް ކުރެވޭނެއެވެ. " ނޫރު ، އެދުވަހު ތަހުނިޔާގާތު ބުނެފައި ވެއެވެ.

ކުޑައިރުކޮޅަކު އެކަމާމެދު ވިސްނަން ހުރެފައި ބަދިގެޔާ ދިމާއަށް ތަހުނިޔާ ހިނގައިގަތެވެ. ތަހުނިޔާ ބޭނުންވީ ، ޠާޙިރާއާ އެހީތެރިވެދީ ، މުރުތަޟާ އެންމެ ބޭނުންވާ ކާތަކެތި ތައްޔާރު ކުރުމުގައި އޭނާގެވެސް ޙިއްޞާއެއް އޮތުމަށެވެ. އެކަމަކު ، ޠާހިރާ އެކަން ޤަބޫލެއް ނުކުރިއެވެ. ތަހުނިޔާއަކީ ބަދިގެތެރެޔަށް އެހާ ފަރިތަ މީހެއްނޫންކަން ޠާހިރާއަށްވެސް އެނގެއެވެ. އެވަރު އެނގޭހާ ދުވަހު ، ތަހުނިޔާވެސް އެގޭގައި އުޅެފިއެވެ. ދުވަހަކުވެސް ބަދިގެތެރެޔަކަށް ތަހުނިޔާއެއް ނުވަދެއެވެ.

ތަހުނިޔާ އެތައްވަރަކަށް ކިޔައިގެން އެންމެފަހުން ، އެދުވަހުގެ ކާނާ ތަހުނިޔާ ތައްޔާރުކުރުމަށް ޠާހިރާ އެއްބަސްވިއެވެ. ތަހުނިޔާގެ އަތުން ކައްކާ ކާނާއަކީ މުރުތަޟާއަށް ކަމުދާނެ އެއްޗެއްކަމަށް ޠާހިރާ އުއްމީދު ކުރިއެވެ. އަދި ، އަރުސަލާނާއެކު ބާޒާރަށް ގޮސް ، މުރުތަޟާއަށް ހަދިޔާ ގަތުމަށް ޠާހިރާ ފޮނުވައިލިއެވެ.

އަރުސަލާނާއެކު ބާޒާރަށް ގޮސް މުރުތަޟާއަށް ހަދިޔާއަކަށް ޠާހިރާގަތީ އޮފީސް ގަމީހެކެވެ. އަރުސަލާން ބޭނުންވެގެން ، ތަހުނިޔާގެ ކޮޓަރީގައި ބަހައްޓަން މާޓުކުރިއަކާއި އުއްބައްތިކޮޅެއްވެސް ގަތެވެ. ބޭބެއަށް އެކަނި ހަދިޔާ ގަންނަން އަރުސަލާންގެ ހިތް ހަމައެއް ނުޖެހުނެވެ. އެއޮށް ކުޑައިރުވެސް ، އަރުސަލާންގެ ވިސްނުން ހުރިގޮތާމެދު ޠާހިރާ ވަރަށް އުފާކުރިއެވެ.

ގޭތެރެ ޒީނަތްތެރިކުރުމުގައި ޠާހިރާއާއި އަރުސަލާން ބުރަކޮށް މަސައްކަތް ކުރަމުން ގެންދިޔައިރު ، ބަދިގޭގައި ކެއްކުމާއި ކޭކެއް އެޅުމުގެ މަސައްކަތުގައި ތަހުނިޔާ އަވަދިނެތި އުޅުނެވެ. ޠާހިރާ ފެނުމާއެކު ، ކޭކުގެ ނުނިމިއޮތްބައި ޠާހިރާއާ ޙަވާލުކުރުމަށްފަހު ، މުރުތަޟާއަށް ހަދިޔާއެއް ގަންނަން ބާޒާރަށްދާން ތަހުނިޔާ ނިންމިއެވެ.

 

އޮފީސް ނިންމާފައި ކާރުގައިގޮސް ނޫރުގެ އޮފީސް ކުރިމައްޗަށް މުރުތަޟާގެ ކާރު ހުއްޓައިލުމާއެކު ، ނޫރު އައިސް ކާރަށް އެރިއެވެ. ނޫރު އައީ ހެމުން ނަށަމުންނެވެ. މުރުތަޟާއަށް މާބޮޑިއަކާއި ހަދިޔާއެއްވެސް ގެނައެވެ. މުރުތަޟާވެސް އިނީ އުފަލުން ފޮޅިފައެވެ. ނޫރުއާއި މުރުތަޟާގެ ހަތަރުކަޅި ބައްދަލުވި ވަގުތު ، އެދެމީހުން އެގެންދިޔައީ އެހެން ޢާލަމަކަށެވެ. އެދެމީހުންގެ ލޮލުންވެސް އެކަކު އަނެކަކަށްޓަކައި އޮތް ލޯތްބާއި ގާތްކަމުގެ ޖަޒުބާތު އުތުރި އެރިއެވެ. ކަޅި ސީދާވިގޮތަށް ، އެތައް އިރެއްވަންދެން ، އެއުފާވެރި ހިނިތުންވުން  ،ދެމީހުންގެ މޫނުމަތީގައިވެސް އެނބުރި ރަނިކަން ކުރަމުން ގެންދިޔައެވެ.

ނޫރުލްޢައިނުގެ މޫނުމަތިން ފާޅުވަމުންދިޔަ އުފާވެރިކަމުން ، ނޫރުގެ ރީތިކަމާއި ޝާއްބަކަން އިތުރުވެފައިވާކަމުގައި ބުނެ ، މުރުތަޟާގެ ހިތުގައިވާ ޖަޒުބާތުތައް ބަންޑުން ކޮށްލިއެވެ. އެއީ ހަމަ ކުރީގެވެސް ނޫރެވެ. އެއްވެސް ބަދަލެއް ނާދެއެވެ. ނޫރުގެ މޫނުމަތިން ފާޅުވަމުން ދިޔަ އުފަލާއި ހިތްހަމަ ޖެހުމުގެ ޖަޒުބާތަކީ ، އޭނާގެ ލޯބި މުރުތަޟާއަށް ހަނދާންވުމުން ލިބިގެންދިޔަ އެއްޗެކެވެ. އެލޯބި ދޫކޮށް ދިޔައީ ކާކުކަން އެނގިދާނެތާއޭ ބުނެ ، މަލެއް ނަގައި މުރުތަޟާގެ އަތުން ނޫރުގެ ބޮލުގައި ހަރުކޮށްލިއެވެ.

އަނެއްކޮޅުން ، ތަހުނިޔާ ބާޒާރަށްގޮސް ، ރީތި މާބޮޑިއެއްގަނެ ، ބާތުޑޭ ކާޑަކާއި ހަދިޔާއެއް ގަތެވެ. މާބޮޑި ، ތަހުނިޔާގެ މޭގައި ޖައްސާލައި ފުން ނޭވާއެއްލިއެވެ. އެއީ ހަމަގައިމުވެސް ، މުރުތަޟާއަށް ކަމުދާނެ އެއްޗެއްކަމަށް ނިންމައިގެންނެވެ.

މުރުތަޟާއާއި ނޫރު ، ދިޔައީ އެމީހުން ޢާންމުކޮށް ގޮސްއުޅުނު ރެސްޓޯރެންޓަށެވެ. އުފަންދުވަހަށް ޚާއްޞަކޮށް އެމީހުންގެ މޭޒުހުރީ ތައްޔާރު ކުރެވިފައެވެ. ރީތި ބޮޑު ކޭކެއް ބެހެއްޓިފައި ހުށްޓެވެ. އުއްބައްތި ދިއްލައިލަމުން ، ނޫރުގެ ހިތުގައި އުފެދިފައިވާ އުފާވެރި ޖަޒުބާތާ ގުޅޭގޮތަށް  ، މުރުތަޟާއަށް އުފަންދުވަހުގެ ހެޔޮއެދުންތައް ރައްދު ކުރިއެވެ. ޢާންމު އުޞޫލުން ، އެ ރެސްޓޯރެންޓަށް އެވަގުތު ގޮސްތިބި އެންމެންވެސް އަތްޖަހައި ، އެއުފާވެރިކަމުގައި ބައިވެރިވިއެވެ.

 

ތަހުނިޔާގެޔަށް ދިޔައިރު ، ބޭރުގޭތެރެ އޮތީ ޒީނަތްތެރިކޮށް ނިންމާފައެވެ. އެކަންކުރީ ، އަރުސަލާނާއި ޠާހިރާއާ ދެމައިން ވެގެންނެވެ. އެދުވަހު ، މުރުތަޟާވެސް އަދި ތަހުނިޔާވެސް ދެމީހުންކުރެ މީހަކަށް ފޯނެއް ނުކުރެއެވެ. އޭގެ މާނަޔަކީ ، މުރުތަޟާވެސް ތަހުނިޔާއަށް ސަޕްރައިޒެއްދޭން ނިންމާފައި އޮތީކަމަށް ޠާހިރާ ބުންޏެވެ. އެހެންޏާ ، އޮފީސް ނިންމާފައި ގެޔަށް އަންނައިރަށްވުރެ ، މުރުތަޟާ މިއަދު ލަސްވެސް ވެއްޖެއެވެ. އޭރުހުރީ އިރުއޮއްސި އަށެއްޖަހަން ގާތްވެފައެވެ. މުރުތަޟާއަށް ފޯނުކުރުމަށް ތަހުނިޔާގެ ކިބައިން ޙަފުޞާ އެދުނެވެ.

ޙަފުޞާ އޭރުވެސް ހުރީ ކަންބޮޑުވެފައެވެ. މިއަދަކީ ، ނޫރުއަށް މުރުތަޟާގެ ހިތާކުޅެކަން ފުރުސަތެއް ލިބޭނެ އެންމެ ރަނގަޅު ދުވަހެވެ. މުރުތަޟާގެ އުފަންދުވަސް ، ނޫރުގެ ހަނދާނުގައި ހުންނާނެއެވެ. ކޮންމެވެސް ކުޅިއެއް ނުކުޅިއެއް ނޫރުއެއް ނުހުންނާނެއެވެ.

ތަހުނިޔާ ފޯނުކުރަން އުޅުމުން ، އެކަން ޠާހިރާ ހުށްޓުވިއެވެ. އޮފީސް ނިންމާފައި މުރުތަޟާ އަންނާނީ ސީދާ ގެޔަށް ކަމަށް ބުނެ މަންމަޔަށް ދޯ އެއްލިއެވެ. އަދި ، ޠާހިރާ އިސްތިރިކޮށް އެނދުމަތީ ބާއްވާފައި އޮތް ހެދުން ލައިގެން ތަހުނިޔާ ތައްޔާރުވެލަން އެދުނެވެ. އެއީ ވަރަށްބަރު ހެދުމެކެވެ. ތަހުނިޔާއަކަށް އެހެދުންލައިގެން އުޅޭކަށް އެހާ ފަސޭހައެއް ނުވާނެއެވެ. އެހެނަސް ، ޙަފުޞާވެސް އެހެދުން ލުމަށް ތަހުނިޔާއަށް ބާރުއެޅިއެވެ. ފިރިންގެ އެހާ މުހިންމު ދުވަސްދުވަހު ، އެމީހުންގެ ހިތްއެދޭކަހަލަ ހެދުން އަޅައިގެން ޒީނަތްތެރިވުމުގެ މުހިންމުކަން ، ތަހުނިޔާއަށް ވިސްނައިދިނެވެ.

މުރުތަޟާއާއި ނޫރު ، ކެއުމަށް އިންސާފު ކުރަމުން ގެންދިޔައެވެ. " މުރުތަޟާއެވެ ! އެތައް ދުވަހަކަށްފަހު ، އަހަރެންނަށް މިރޭ ހިތްހަމަޖެހުމާއެކު ނިދޭނީ ، ކޮންފަދަ އަރާމެއްގައިކަމެއްވެސް ނޭނގެއެވެ. " ނޫރު ބުންޏެވެ.

އޭނާގާތަށް ނިދި އަންނާނެކަމެއްވެސް މުރުތަޟާއަކަށް ނޭނގެއެވެ. މުރުތަޟާއާއި ނޫރު ، ދަތުރުކުރަމުން އެގެންދާ އެމީހުންގެ ލޯބީގެ މަގަކީ ، ކަށިތަކުން ފުރިގެންވާ ނާމާން މަގެކެވެ. ލޯބިވެރިން ލޯބިވެގެން އުޅޭއިރު ، ދެކެން ބޭނުންވާނީ ކޮންކަހަލަ ހުވަފެނެއްތޯ ، ނޫރުކުރެން ، މުރުތަޟާ ސުއާލު ކުރިއެވެ. ނޫރުއަށް އެއީ ހުވަފެނެއް ނޫނެވެ. އޭއީ ، ލޯބިވެރިން ބޭނުންވާގޮތް ބަލައި ހޯދުމުގެ މަސައްކަތުގައި ތާށިވެފައި ތިބުމެވެ. ނޫރު އެބުނި ބަހުގެ މުރާދަކީ ، ވަކިގޮތަކަށް ނިންމުމުގެ ގަޑި ޖެހުމެވެ.

 

މުރުތަޟާގެ ފޯނު ރިންގވާން ފެށިއެވެ. އެއީ ދައްތަގެ ފޯނެކެވެ. ދައްތަގެ ޝަކުވާއަކީ އޭރު 9 ޖެހިއިރުވެސް މުރުތަޟާ ގެޔަށް ނައުމެވެ. އެމީހުން އިންތިޒާރުގައި އެހާގިނައިރު ތިބެން ޖެހުމެވެ. މުރުތަޟާއަށް އަނެއްކާވެސް ހަދަން ޖެހުނީ ދޮގެކެވެ. ރައްޓެހިންތަކަކާއެކު ތަނަކަށް ގޮސް އުޅޭތީ ، ގެއިން މީހެއްގާތު އެވާހަކަ ބުނަން އޭނާ ހަނދާން ނެތުނީއެވެ. އޭނާއަށް ގެޔަށް ދެވޭނީ ކުޑަކޮށް ލަސްވާ ފަހުންކަމަށް މުރުތަޟާ ބުންޏެވެ. ޠާހިރާއަށް އިތުރު އެއްޗެކޭ ބުނަން ފުރުސަތުނުދީ ، ދިހައެއްޖަހާ އެހާކަށްހާއިރު އޭނާގެޔަށް އަންނާނެކަމަށް ބުނެ ފޯނު ކަނޑައިލިއެވެ.

ތަހުނިޔާގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވިއެވެ. ޙަފުޞާވެސް އިނީ މޫނުކުނިކޮށްގެންނެވެ. އޭނާގެ ހިތުގައި އެވާގޮތަށް ދިމާނުވެއްޖިއްޔާ ކިތަންމެހާވެސް ރަނގަޅެވެ. އެހެނަސް ، އެއީ ވެދާނެކަމެއްކަމުގެ ބިރު ، ޙަފުޞާއަށް އިޙްސާސް ކުރެވުނެވެ.

އަރުސަލާންގެ ތަށްޓަށް ބަތްއަޅައިދީ ކައިގެން އަވަހަށް ނިދަންދާށޭ ބުނެ ، ޠާހިރާއަށް ތަންކޮޅެއްބާރަށް އަރުސަލާންއާ ދިމާއަށް އަޑުލައިގަނެވުނެވެ. އެކަމާ ޙަފުޞާ ނުރުހުންވެ ، އަރުސަލާނަށް ހުރިހާކަމެއް ބާލަންވީ ކީއްވެތޯ ޙަފުޞާ ސުއާލުކުރިއެވެ.

އެހެން ނުވާންވީ ސަބަބެއް ނެތެވެ. ޠާހިރާ އިސްވެ އެހުރިހާ ތައްޔާރީތަކެއް ކުރިއިރުވެސް ، މުރުތަޟާގާތު އެވާހަކައެއް ނުބުނެވުނެވެ. އެއީވެސް ، މުރުތަޟާއަށް ސަޕްރައިޒެއްދޭން ވެގެން ޠާހިރާއަށް ކުރެވުނު ކަމެކެވެ. އެކަމުގެ ހިތްހަމަ ނުޖެހުން އޭނާއަށް އެ ބާލައިލެވުނީ އަރުސަލާނަށެވެ. ތަހުނިޔާވެސް ދުވާލު ހަތަރުދަމު އެއުޅުނީ ، މުރުތަޟާގެ އުފަންދުވަސް ފާހަގަކުރުމަށް ވަރަށް ބުރަކޮށެވެ. އެއީ ތަހުނިޔާއަށް އެއްވެސް މައްސަލަޔަކަށް ނުވިޔަސް ، ޙަފުޞާއަށާއި ޠާހިރާއަށް އެއީ ވަރަށްބޮޑު ކަމެކެވެ.

ތަހުނިޔާކާނީ ފަހުންކަމަށާއި އެމީހުން ކާންފަށާށޭ ބުނެ ، ތަހުނިޔާ ކާމޭޒުދޮށުން ތެދުވެ ، ކޮޓަރިޔަށް ވަނެވެ.

" ޠާހިރާއެވެ ! އަހަރެން މިބުނާ ވާހަކަ ލިޔެފައި ބާއްވާށެވެ ! މުރުތަޟާ މިރޭ އެއުޅެނީ އެ ނޫރުލްޢައިނާ އެކުގައެވެ. " ތަހުނިޔާ އެތަނުން ދިއުމާއެކު ، ޙަފުޞާ ބުންޏެވެ. ޙަފުޞާއަށް އެހެން ބުނެވުނީ އަރައިގެންފައި އިން ރުޅީގައި ތަންކޮޅެއް ބާރަށެވެ. ޙަފުޞާ އެހެންބުނިއަޑު ތަހުނިޔާއަށްވެސް އިވުނެވެ. އެ އަޑުއިވުމާއެކު ، ތަހުނިޔާއަށް ހުށްޓިލެވުނެވެ.

ޙަފުޞާ އެހެންބުނި އަޑު ، ކޮޓަރިޔަށް ވަނުމަށްފަހުވެސް ، ތަހުނިޔާގެ ކަންފަތުގައި ހަރުއަޑުން ފަށްފަށް ވަމުން ދިޔައެވެ. (ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.