ފަލްސަފާ (56)

( 21 ފެބުރުއަރީ 2024 ގައި ޝާއިޢުކުރި ބަޔާ ގުޅޭ )

އެހާގިނައިން ނޫރުލްޢައިނުގެ ވާހަކަ ދައްކަންވެއްޖިއްޔާ ، ތަހުނިޔާއަށް އެ ހުޅުވައިދެވެނީ ، މުރުތަޟާ ބޭނުންގޮތެއް އިޚުތިޔާރުކުރުމަށް ބޭނުންކުރެވިދާނެ ފުރުޞަތެކެވެ. ތަހުނިޔާދެކެ ފޫހިވުމަށް މެދުވެރިވެދާނެ ސަބަބެކެވެ. އެހެނަސް ، އެ ފުރުސަތުގެ ބޭނުން ، މުރުތަޟާއެއް ނުހިފައެވެ. ބުއްދިވެރި ފިރިހެނުންނަކީ އެއީއެވެ.

މުރުތަޟާ މަސައްކަތްކުރަމުން އެގެންދަނީ ، ތަހުނިޔާއާއެކު ، އޭނާގެ ކައިވެނީގެ ޙަޔާތް ދެމެހެއްޓޭތޯއެވެ. ތަހުނިޔާއަށާއި ސާޖިދާއަށް ނުފެންނަ ޙަޤީޤަތަކީ އެއީއެވެ. ކުރިން އުފެދިފައި އޮތް ބާރުގަދަ ގުޅުމެއްގެ ޖަޒުބާތުން ނުކުމެ ، ތަހުނިޔާގެ މައްޗަށް ޚާއްޞަވުމަށް މުރުތަޟާ އެކުރާ މަސައްކަތަށް ، ތަހުނިޔާގެ ފަރާތުން ވިސްނުމެއް ނުގެންގުޅޭނަމަ ، ހުރިހާ ގެއްލުމެއް ލިބޭނީ ތަހުނިޔާއަށެވެ. ރުޅި އިސްނުކޮށް ، ތަހުނިޔާއަށް ވިސްނައިދެވޭތޯ މުރުތަޟާ ކުރަމުން އެގެންދާ މަސައްކަތަކީ ، އެކަމުގެ ހެއްކެކެވެ. ޢާޞިފްގެ އަޑު އެއްފަހަރުން އަނެއްފަހަރަށް ދިޔައީ ގަދަވަމުންނެވެ. ދަރިފުޅަށް ވިސްނައިދެވޭތޯ ދެމުންގެންދިޔަ ނަސޭޙަތް ބައެއް ފަހަރަށް ރުންކުރު ވެއެވެ. އަޑުވެސް ގަދަވެ ، އަމުރުވެރިވެފައި ހަރުކަށިވެސް ވެއެވެ. އެއީ ޢާޞިފްގެ ހިތުގައި އޭނާގެ ދަރިފުޅުގެ މައްޗަށް އޮތް ލޯތްބެވެ. އިތުރަށް ވާހަކަ ދައްކަން އުނދަގޫވެ ، ޢާޞިފް އެތަނުން ނުކުމެގެން ދިޔައެވެ.

މުރުތަޟާގެ ފަރާތުން ހިނގާފައިވާ އެއްވެސްކަމެއްގެ ވާހަކަ ، ބައްޕަގާތު ބުނާކަށް ތަހުނިޔާއަކަށް ފުރުސަތެއް ނުލިބުނެވެ. މުރުތަޟާގެ ކުށެއް ދެއްކޭނެ ހަނި ފުރުސަތެއްވެސް ނުލިބެއެވެ. ހިންދިރުވައިލާފައި ، ބައްޕަގެ ވާހަކަ އަޑުއަހަން ، ހިމޭނުން ހުންނަން ތަހުނިޔާއަށް މަޖުބޫރު ވިއެވެ. ޢާޞިފް އެތަނުން ދިއުމާއެކު ތަހުނިޔާއަށް ދެންކުރިމަތިލާންޖެހުނީ މަންމަގެ ނަސޭޙަތާއެވެ. އެހެން މީހެއްގެ ވާހަކަ އަޑުނޭހިޔަސް ، ބައްޕަގެ ވާހަކަ ޤަބޫލުކުރުމަށް ސާޖިދާ ، އޭނާގެ ދަރިފުޅަށް ނަސޭޙަތް ދިނެވެ. އާނއެކޭ ބުނުމަށް އޭނާގެ ހިތް ނޭދޭކަން އެންގުމަށްޓަކައި ، ތަހުނިޔާއަށް މަޑުމަޑުން ބޯ ހުރާލެވުނެވެ.

ތަހުނިޔާއަށްޓަކައި ، އޭނާގެ މައިންބަފައިން އަބަދުވެސް ތިބޭނީ ، އެމީހުންގެ ހުރި ހަމައެކަނި ދަރިފުޅާ އެކުގައެވެ. ތަހުނިޔާއަށް އޮތްގޮތަކީ ، ފިރިމީހާގެ ގެޔަށްގޮސް ، އެގޭމީހުންނާ ގުޅިގެން އުޅެންޖެހުނު ގޮތަކަށް އުޅުމެވެ. އެއީ އޭނާގެ ދިރިއުޅުމުގައި މިވަގުތަށް އޮތް ގޮތެވެ. އެކަން އެގޮތަށް ކުރުމަށްޓަކައި ތަހުނިޔާގެ ވިސްނުން ބަދަލުކުރަން ޖެހެއެވެ. ސާޖިދާގެ ލަފަޔަކީ އެއީއެވެ.

ތަހުނިޔާއަށް އޭނާގެ ވިސްނުން ބަދަލުކޮށްގެން އެގޭގައި އުޅެވިދާނެއެވެ. އެހެންނަމަވެސް ، އެގޭގެ އެއްވެސް މީހެއްގެ ހިތަކަށް އެކަމުން ރަނގަޅު އަސަރެއް ނުކުރާނެއެވެ. އެމީހުންނަކަށްވެސް މުރުތަޟާގެ އެއްވެސް މައްސަލައެއް ނުފެންނާނެއެވެ. ތަހުނިޔާގެ ބައްޕަޔަކަށްވެސް ، މުރުތަޟާގެ ކުށެއް ނުފެނެއެވެ. އަބަދުވެސް ގޯސްވަނީ ތަހުނިޔާއެވެ. ތަހުނިޔާ ، އޭނާގެ ގޮތްދޫކޮށް އެގެޔަށް ދިޔަޔަސް ، މުރުތަޟާ ، އޭނާއަށް އަބަދުވެސް ފެންނާނީ ބީރައްޓެއްސެއްގެ ގޮތުގައެވެ.  ޙަޤީޤަތަކީ އެއީއެވެ.

ތަހުނިޔާގެ ހިތުގައިވާ އެއްޗެއް އޭނާގެ މަންމަގާތު ބުނުމަށްފަހު ، ކޮޓަރިން ނުކުތެވެ. ކޮޓަރިން ނުކުތްތަނުން ، ބޭރުގައި މުރުތަޟާ ހުރިތަން ތަހުނިޔާއަށް ފެނުނެވެ. އޭނާއަށް ލިބުނު ޙައިރާންކަމާއެކު ، މުރުތަޟާއަށް ގޮވައި ލެވުނެވެ. މުރުތަޟާ ، ތަހުނިޔާއާ ދިމާއަށް އެނބުރުނެވެ. އަދި ، އެކޮޓަރިތެރޭގައި ދެކެވުނު އެއްވެސް ވާހަކައެއް އޭނާއަށް އިވުނުކަމަށް ނުބެލުމަށް އެދުނެވެ.

މުރުތަޟާ އެއައީ ތަހުނިޔާ ބަލައެވެ. އޭނާއާއެކީ ގެޔަށް ދާނަންތޯ މުރުތަޟާ ސުއާލުކުރިއެވެ. އެގެޔަށް ދިއުމަށް ތަހުނިޔާ އެހުރީ ތައްޔާރުގައެވެ. އޭނާގެ ލޯބިވާ އެންމެން ބޭނުންވާގޮތާއި ކަންކަން ، ތަހުނިޔާ ފުރިހަމަކޮށްދޭނެއެވެ. އޭނާއަށް ކޮންމެ ގޮތެއްވިޔަސް އެމީހުން އެދޭ އެދުން ، ފުރިހަމަކޮށްދޭނެއެވެ. ތަހުނިޔާގެ ޖަޒުބާތާއި އޭނާއެދޭގޮތް އެއީ މިހާރު ، އޭނާގެ ވިސްނުމުގައި ނެތް އެއްޗެކެވެ.

 

އިރުއޮއްސި ޢިޝާނަމާދަށް ގޮވަން ކައިރިވީއިރުވެސް މުރުތަޟާ ، ގެޔަކަށް ނާދެއެވެ. ފަހަރެއްގައި ، ތަހުނިޔާމެންގެޔަށް ދިޔައިމަ ސާޖިދާމެން އެއްޗެއްނުދީ ، ނުފޮނުވަން ހަދައިގެން ލަސްވަނީކަމަށްވެސް ވެދާނެއެވެ. ސިޓިންގރޫމުގައި ދެކޮޅަށް ހިނގާލަ ހިނގާލަ ، ޙަފުޞާ އެހުރީ ، މުރުތަޟާގެ އިންތިޒާރުގައެވެ. ތަހުނިޔާ ގޮވައިގެން އޭނާ ގެޔަށް އަންނާނެކަމުގެ އުއްމީދުގައެވެ.

މުރުތަޟާ އައިސް ގެޔަށް ވަނެވެ. އޭނާގެ މޫނުމަތީގައިވާ ނާއުއްމީދުގެ އަސަރު ، ޙަފުޞާ ދެނެގަތެވެ. އެވާނީ ތަހުނިޔާ ނައީކަމަށެވެ. އެހެނަސް ، އިރުކޮޅެއް ކޮށްލާފައި މުރުތަޟާގެ ފަހަތުންއެވަނީ ތަހުނިޔާއެވެ. ތަހުނިޔާ ފެނުމާއެކު ، ޙަފުޞާގެ މޫނުމަތި އުޖާލާވެގެންދިޔައެވެ. ތުންފަތަސް ހިނިތުންވުން ވެރިވިއެވެ. ތަހުނިޔާ އައިސް ސަލާމް ގޮވައިލުމާއެކު ، ސަލާމް ބަލައިގެންފައި ، ޙަފުޞާވެސް ތަހުނިޔާގާތަށް ދިއުމަށް އަވަސްވެގަތެވެ. އިރުކޮޅަކުން ، ޠާހިރާއާއި އަރުސަލާންވެސް ، ސިޓިންރޫމަށް ނުކުމެ ، ތަހުނިޔާއަށް މަރުޙަބާކިޔެވެ.

މުރުތަޟާ ، ވަރުބަލިވެފައިކަމަށް ބުނެ ، އޭނާގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. އިރުކޮޅެއް ކޮށްލާފައި ، ތަހުނިޔާއައިސް ކޮޓަރިޔަށް ވަނެވެ. ތަހުނިޔާއައީ ، މުރުތަޟާއަށް ސައިތަށްޓެއް ހިފައިގެންނެވެ. ބޭސްވެސް ގެނެސްދިނެވެ. އެކަމަށްޓަކައި މުރުތަޟާ ، ތަހުނިޔާއަށް ޝުކުރު އަދާކުރިއެވެ. އެތަކެތި ތަހުނިޔާ ގެނެސްދިންކަމަށްވިޔަސް ، ސައި ހަދައިދިނީ ޠާހިރާއެވެ. ތަހުނިޔާ އެތަކެތި ގެނެސްދިނީ ، ޠާހިރާ ކިޔައިގަނެގެންގޮސް ކުރު ނުކުރީމައެވެ. އެވާހަކަ މުރުތަޟާގާތު ތަހުނިޔާ ބުނެއެވެ.

ސައިތަށި ބަހައްޓާފައި ތަހުނިޔާ ބޭރަށް ނުކުންނަން ބޭނުންވިއެވެ. އަރުސަލާންވެސް ތަހުނިޔާއަށް ބޭނުންވެފައި ހުންނާނެކަމަށް ބުނެފައެވެ. ފިލާވަޅު ދަސްކުރަން ވެގެންނެވެ. އަރުސަލާންއާއެކު ވަގުތުކޮޅެއް ހޭދަކުރުމަށް ، ތަހުނިޔާވެސް ހުރީ ބޭނުންވެފައެވެ.

މުރުތަޟާއަށް ބޭނުންވާ ކަންކަން އަމިއްލަޔަށް ވިސްނިގެން ، އެކަންކަން ތަހުނިޔާ ކޮށްދޭނެ  ވަގުތަކަށް އަދި ތަހުނިޔާއަށް ބޭނުންވާ ކަންކަން އޭނާއަށް ކޮށްދެވޭނެ ވަގުތަކަށް މުރުތަޟާވެސް ހުރީ ބޭނުންވެފައެވެ. މުރުތަމާގެ ހިތުގައި އެކަން އެބަ އޮތެވެ. ތަހުނިޔާވެސް ހީކުރިގޮތުގައި ، އިހަށް މަޑުކޮށްލުމަށް އޭނާގާތު މުރުތަޟާ ބުނާނެއެވެ. އެހެންނަމަވެސް ، ތަހުނިޔާ ބޭރަށް ނުކުންނަން ހިނގައިގަތީމަވެސް ، މުރުތަޟާ އެއްވެސް އެއްޗެކޭ ނުބުނެއެވެ. މުރުތަޟާގެ ބޮލުގައި ރިއްސާ ވަގުތެއްގައި ، ތަހުނިޔާ އޭނާގާތު މަޑުކުރުމަކީ ، މުރުތަޟާވެސް އެދޭ ގޮތެވެ. ތަހުނިޔާއަށް އެވަރުވެސް ވިސްނައިލާކަށް ނޭނގުނެވެ.

ތަހުނިޔާ އިނީ އަރުސަލާނަށް ވާހަކައެއް ކިޔައިދޭށެވެ. ޠާހިރާ ކޮޓަރިން ނުކުތްއިރު ތަހުނިޔާ ބޭރުގައި އިންތަން ފެނުމުން ، އެތަނަށް އައެވެ. މުރުތަޟާ ބަލިވެ އުޅޭއިރު ، އޭނާގާތު ނުހުރެ ބޭރުގައި ތަހުނިޔާ އިނުމަކީ ، ޠާހިރާ ހިތްހަމަ ޖެހޭކަމަކަށް ނުވިއެވެ. އެކަމަކު ، މުރުތަޟާ ބޭނުންވިކަމަށް ތަހުނިޔާއަށް ހީވީ ، އޭނާއެކަނި ވަގުތުކޮޅެއް ހޭދަކޮށްލުން ކަމަށެވެ. ތަހުނިޔާ ނުކުންނަން ފެށީމަވެސް މުރުތަޟާ އެއްވެސް އެއްޗެކޭ ނުބުނެއެވެ. މުރުތަޟާއަކީ އެކަހަލަ މީހެކެވެ. އެއްވެސް ކަމެއްގެ ވާހަކަ މީހަކުގާތަކު ނުބުނާނެއެވެ. އެއީ އަބަދުވެސް އޭނާގެ ގޮތެވެ. އެކަމަކު ، މިހާރު އެހުރީ މީހަކާ އިނދެގެންނެވެ. އަނބިމީހާގެ ފަރާތުން މުރުތަޟާ ބޭނުންވާ ކަންތައްތަކެއް ހުންނާނެކަން ، ޠާހިރާ ، ތަހުނިޔާއަށް ހަނދާން ކޮށްދިނެވެ. ތަހުނިޔާގެ އެހީތެރިކަން މުރުތަޟާއަށް މިވަގުތު ވަރަށް މުހިންމެވެ. ތަހުނިޔާ އަޅައިލާކަމަށް ވަންޏާ ، މުރުތަޟާއާ ތަހުނިޔާގެ ގުޅުންވެސް ރަނގަޅުވާނެއެވެ. އެކަކު އަނެކަކަށް ގާތްވާނެއެވެ. އެކަމަށް ވިސްނައިގެން އުޅުމަށް ތަހުނިޔާ އަށް ޠާހިރާ ނަސޭޙަތްތެރިވިއެވެ. އަދި ، އަރުސަލާން ގޮވައިގެން ކޮޓަރިޔަށް ވަނެވެ.

ތަހުނިޔާ އަވަސް އަރުވާލާފައި ކޮޓަރިޔަށް ދިޔައެވެ. މުރުތަޟާ އިނީ ، އެނދުގައި އިށީނދެލައިގެން ބޮލުގައި ހިފަހައްޓާލައިގެންނެވެ. ބޮލުގައި ރިއްސާތީ އޮށޯވެ އޮންނަން އުނދަގޫ ވެފައެވެ.

" މުރުތަޟާ ބަލިވެ އުޅޭއިރު ، އެވާހަކަ އަހަރެންގާތު ބުނަން ބޭނުންނުވީ ކީއްވެ ހެއްޔެވެ ؟ އެހެން މީހުންގެ ކުރިމަތީ ، އަހަރެން ފަޟީޙަތްކުރަން ތިއުޅެނީ ކީއްވެ ހެއްޔެވެ ؟ " ހިތްހަމަ ނުޖެހިފައިހުރެ ، ތަހުނިޔާ  ބުންޏެވެ.

މުރުތަޟާގެ މަންމަ އޭނާގެ ކަންކަށިމަތީ ޖެހީ ތަހުނިޔާގެ ކުރިމަތީގައެވެ. އެކަން ، ދުވަހަކުވެސް މުރުތަޟާއަށް ހަނދާން ނައްތައެއް ނުލެވޭނެއެވެ. ފަޟޭޙަތްވީ މުރުތަޟާ ހެއްޔެވެ ؟ ނުވަތަ ތަހުނިޔާ ހެއްޔެވެ ؟

ގޯހީ މުރުތަޟާއެވެ. ފަޟީޙަތްވާން ޖެހޭނީވެސް މުރުތަޟާއެވެ. ތަހުނިޔާއަކީ އެންމެންގެ ހިތްއެދޭ މީހާއެވެ. މުރުތަޟާގެ އެބަސްތަކުން ތަހުނިޔާ ހިތްހަމަ ނުޖެހި ، އެކަމަށް ރައްދުދޭން ނިންމިއެވެ.

މުރުތަޟާއަކީ ، ތަހުނިޔާއާއެކު އެގޭގައި އެންމެ މުހިންމު އަދި އެންމެ ގާތްގުޅުމެއް އޮންނަންޖެހޭ  މީހާއެވެ. ތަހުނިޔާއަށް އެގެޔަށް އެ އާދެވުނީ މުރުތަޟާގެ ސަބަބުންނެވެ. ތަހުނިޔާގެ ހުރިހާކަމެއް ބަރޯސާ ވެފައި އޮންނާނީ މުރުތަޟާގެ މައްޗަށެވެ. ތަހުނިޔާ އެގޭގައި ހުރުމާއި ނުހުރުން އެއީ މުރުތަޟާގެ މައްޗަށް ދޫކޮށްލެވިފައި އޮންނާނެ ކަމެކެވެ. ތަހުނިޔާ އެގެޔަށް އެއައީ ، މުރުތަޟާއަށް ޚިދުމަތް ކުރުމަށެވެ. އެގޭގެ އެހެންމީހުންނަށް ކަންތައްތަކެއް ކޮށްދޭކަށް ނޫނެވެ.

" އެހެންކަމަށް ވަންޏާ އެކަން ބަލައިގަންނާށެވެ ! އެ ވިސްނުމާ އެއްގޮތަށް ޢަމަލުކުރާށެވެ ! " ތަހުނިޔާއާ ދިމާއަށް މުރުތަޟާ ހަޅޭއްލަވައިގަތެވެ.

މުރުތަޟާއަށް ރައްދު ދިނުމަކީ މިވަގުތު ، ތަހުނިޔާ އެދޭ ކަމެއްނޫނެވެ. އެހެނަސް ، އެވާހަކަޔަށް ޖަވާބެއް ދިނުމަކީ ތަހުނިޔާގެ ހިތް އެދުނު ކަމެކެވެ. އެކަން ފަހުމްވާންވީ ހަމައެކަނި ތަހުނިޔާއަށް ހެއްޔެވެ ؟ ހުރިހާކަމެއް ފެށިގެން މިއުޅެނީ ތަހުނިޔާގެ ސަބަބުން ހެއްޔެވެ ؟ މުރުތަޟާއަކީ ފިރިހެނަކަށް ވީމަ ، މުރުތަޟާ ބޭނުންވާހާ ގޮތަކަށް ތަހުނިޔާ ޢަމަލުކުރަންވީ ހެއްޔެވެ ؟ ހުރިހާކަމެއް ވިސްނައިގެން ، މުރުތަޟާ ބުނާހާ ގޮތެއް ހަދައިގެން ، އުޅެންވީ ހަމައެކަނި ތަހުނިޔާ ހެއްޔެވެ ؟ މުރުތަޟާގެ މައްސަލައެއް އެބަ އުޅެއެވެ. ތަހުނިޔާގެ ވާހަކަ އިތުރަށް ކުރިޔަށް ގެންދިޔައެވެ.

އެގެޔަށް ތަހުނިޔާ އެނބުރި އެއައީ ، ޙަފުޞާ އެގެޔަށް ގޮސް ގެޔަށް އައުމަށް އެދިގެންނެވެ. އައިމަގުމަތީ ، އެމީހުންނަށް ފެނުނީ ، ޢާންމުން އެއްވާ ޕާކެއްގައި މުރުތަޟާއާއި ނޫރުލްޢައިނު ، އަތުގައި ހިފާލައިގެން ތިއްބައެވެ. އެކަމާބެހޭގޮތުން ސުއާލެއް ކުރުމުގެ އެއްވެސް ޙައްޤެއް ، ތަހުނިޔާއަށް ނެތީ ހެއްޔެވެ ؟ އެއީ މުރުތަޟާއަކީ ފިރިހެނަކަށް ވީތީ ، މުރުތަޟާގެ އަނބިމިހާއަށްވިޔަސް ،  އެ ސުއާލުކޮށްލުމަށް އެއްވެސް މިންވަރެއްގެ ޙައްޤެއް ތަހުނިޔާއަށް ނުއޮންނަންވީ ހެއްޔެވެ ؟ ތަހުނިޔާގެ ލޯ މަރާލައިގެން ، އެކަމާބެހޭގޮތުން މުރުތަޟާއާ ސުއާލެއްވެސް ކޮށްނުލާންވީ ހެއްޔެވެ ؟ އެހެންވާންވީ ކީއްވެ ހެއްޔެވެ ؟ ތަހުނިޔާއަކީވެސް އިންސާނެކެވެ. އިންސާނަކަށްވީތީ ލިބެންޖެހޭ ޙައްޤެއްވެސް ، ތަހުނިޔާއަށް ނުއޮންނަންވީ ހެއްޔެވެ ؟ ތަހުނިޔާ ، އޭރުވެސް ގެންދިޔައީ ގިސްލަ ގިސްލާފައި ރޮމުންނެވެ.

މުރުތަޟާގެ ބޮލުގައި ވަރަށް ގަދަޔަށް އެބަ ރިއްސައެވެ. ތަހުނިޔާގެ ވާހަކަތަކުން ބޮލުގެ ރިހުން އިތުރަށް ގަދަވިއެވެ. އެޙާލަތުގައިވެސް ، ތަހުނިޔާ އެއުޅެނީ ، އެ ކޮޓަރިޔަކީ ޝަރުޢީ މާލަމަކަށް ހަދައިގެންނެވެ. ތަހުނިޔާގެ ޙައްޤު ހޯދުމަށް ކުރެވޭ ދަޢުވާއެއް ހުށަހަޅައިގެންނެވެ. އެ ދަޢުވާގައި މައްސަލަ ހުށަހަޅާ ފަރާތަކީވެސް ތަހުނިޔާއެވެ. ވަކީލަކީވެސް ތަހުނިޔާއެވެ. ޙުކުމް އިއްވާ ޤާޟީއަކީވެސް ތަހުނިޔާއެވެ. ކުށްވެރިޔަކީ މުރުތަޟާއެވެ. މުރުތަޟާ އޭނާގެ ބޮލުގައި އަތް އުނގުޅަމުން ބުނަމުން ގެންދިޔައެވެ.

އެ ދަޢުވާއިން ސަލާމަތްވުމަށް ، ވަކާލާތުކޮށް ދިފާޢުވުމަށް މުރުތަޟާ ދާނީ ކާކުގާތަށް ހެއްޔެވެ ؟ އޭނާގެ ވާހަކަ ކިޔައިދޭނީ ކާކަށް ހެއްޔެވެ ؟

އެކޮޓަރިޔަކީ ، ޢަދާލަތު ޤާއިމްކޮށްދޭ މާލަމަކަށް ތަހުނިޔާ ، ހަދަނީއަކީ ނޫނެވެ. ތަހުނިޔާ އެވަނީ ރާވާ ޕަޒްލް އެއްގެ އެތިކޮޅަކަށް ވެގެން އެ އެތިކޮޅު އިންނަވީ ތަން ނުފެނިގެން ހާސްވެފައެވެ. އެކަމަކު ، އޭނާ ހުންނަންވީ މަޤާމް އޭނާއަކަށް ނުފެނެއެވެ. ތަހުނިޔާ ކުރަމުން އެގެންދާ މަސައްކަތަކީ ، އޭނާއަށް ޙައްޤު ، އެޖާގަ ހޯދުމުގެ މަސައްކަތެވެ.

އެ ކޮޓަރިތެރޭ އެހެންޏާ ނުވާވަރަށް އަޑުގަދަވިއެވެ. އެއަޑު ގޭތެރެޔަށްވެސް ފޯރާނެއެވެ. އެކަން އެހެން ވެދާނެކަމަށް އެންމެންވެސް ތިބީ ޤަބޫލުކޮށްގެންނެވެ. ޙަފުޞާވެސް އަދި ޠާހިރާވެސް ތިބީ ، އެކަމަކަށް ތައްޔާރުވެގެންނެވެ. އެކަމުގެ ތެރެޔަށް ނުވަނުމަށް ނިންމައިގެންނެވެ.

އައިސްފައިހުރި ރުޅިޔާއި ވެފައިހުރި ދެރަ ، އަދި ލިބިފައިވާ ތަކުލީފަށް ކެތް ނުކުރެވިގެން ، ދެން އިތުރަށް ޒުވާބު ނުކުރަން ނިންމާ ، ތަހުނިޔާގޮސް އެނދުގައި އޮށޯވެލިއެވެ.

ހެނދުނު ހެނދުނާ ތެދުވެގެން ، ކޮޓަރީގެ ބެލްކަންޏަށް ނުކުމެހުރެ ، ނޫރު އޭނާގެ ފޯނަށް މެސެޖެއް ރިކޯޑް ކުރިއެވެ. އެ މެސެޖަކީ ، ކޮންމެވެސް މީހެއްގެ އުފަންދުވަހަށް އޭނާ ފޮނުވާ މެސެޖެކެވެ.

ހެނދުނު ތެދުވެ ، ލޯހުޅުވާލައި ، އެނދުގައި އޮށޯވެ އޮތް ތަހުނިޔާއާ ދިމާއަށް މުރުތަޟާ ، ބަލައިލިއެވެ. އެއަށްފަހު ، ތެދުވެގެން މުރުތަޟާ ދިޔައީ ޖޮގިންގއަށެވެ. ގޭ ކުރިމަތީ އޮންނަ އެއްކަލަ ޕާކަށެވެ. އިރުކޮޅަކު ދުވެލުމަށްފަހު ، ވަރުބަލި ފިލުވައިލަން މުރުތަޟާ ނިންމިއެވެ. އަދި އެތާހުރި އަށިބަރިއެއްގައި ޖައްސައިލިއެވެ. އެއީ އެއްކަލަ އަށިބަރިއެވެ. ކުރީ ރޭ ނޫރުއާއެކު އިށީނދެއިން ތަނެވެ. އެވަގުތު ، މުރުތަޟާގެ ކަންފަތަށް އެއިވުނީ ތަހުނިޔާ ބުނި ވާހަކައެވެ. " އަހަރެމެންނަށް ފެނުނީ ، ޢާންމުން އެއްވާ ޕާކެއްގައި މުރުތަޟާއާއި ނޫރުލްޢައިނު ، އަތުގައި ހިފާލައިގެން ތިއްބައެވެ. އެކަމާބެހޭގޮތުން ސުއާލެއް ކުރުމުގެ އެއްވެސް ޙައްޤެއް ، އަހަރެންނަށް ނެތީ ހެއްޔެވެ ؟ " އެވަގުތު ، މުރުތަޟާގެ ފޯނަށް މެސެޖެއް އައުމުން ފޯނުނަގައި ބަލައިލިއެވެ.

އެއީ ނޫރުގެ މެސެޖެކެވެ. މުރުތަޟާގެ އުފަންދުވަހު ފޮނުވި ، ހެޔޮއެދުމުގެ މެސެޖެކެވެ. މެސެޖް ބަލައިލުމުގެ ކުރިން ، އޭނާ އެކަންޏަށް ދޫކޮށްލަ ދިނުމަށް މުރުތަޟާ ، ނޫރުގެ ކިބައިން ހިތާހިތާ އެދުނެވެ. އުފަން ދުވަހަށް ހެޔޮ އެދުމަށްފަހު ، އޭގެ އިތުރަށް ،  ނޫރު ބުނަމުން ގެންދިޔައެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.