ފަލްސަފާ (54)

( 11 ފެބުރުއަރީ 2024 ގައި ޝާއިޢުކުރި ބަޔާ ގުޅޭ )

މުރުތަޟާ ގޮވައިގެން ޙަފުޞާގެޔަށްދިޔައިރު ، ޠާހިރާއާއި އަރުސަލާން ގޯތިތެރޭގައި ތިއްބެވެ. މަންމަ އައިގޮތުން ، ކަމެއް ގޯސްވެގެން އުޅޭކަން ޠާހިރާއަށް ވިސްނުނެވެ. އެހެންކަމުން ، އަވަސްއަވަހަށް އަރުސަލާން ގޭތެރެޔަށް ފޮނުވައިލިއެވެ.

ޙަފުޞާ ދިޔައީ ތަހުނިޔާ ބަލައިކަން ޠާހިރާއަށް އެނގެއެވެ. އެކަމަކު ، ތަހުނިޔާއެއް ފެންނާކަށް ނެތެވެ. އޭގެ ބަދަލުގައިހުރީ މުރުތަޟާއެވެ. ތަހުނިޔާ ނައުމުން ޠާހިރާ އެކަމާ މަންމައާ ސުއާލު ކުރިއެވެ.

" އަހަރެންނާއެކީ ތަހުނިޔާ މިގެޔަށް އައެވެ. އައިމަގުމަތީ ތަހުނިޔާގެ ނަސީބު ދެރަކަމުން ފެނުނު މަންޒަރަކުން ، އަނބުރާ ގެޔަށް ހިނގައްޖެއެވެ. މިހިރަ ފެންނަ ، އަހަރެންގެ ފިރިހެންދަރި ، އަންހެނެއްގެ އަތުގައި ހިފައިގެން ޕާކުތެރޭ ހުރިތަން ފެނުމުން ، ތަހުނިޔާ އަނބުރާ ގެޔަށް ދިޔައީއެވެ. " ރުޅިއައިސްފައިހުރެ ޙަފުޞާ ބުންޏެވެ.

ޠާހިރާއަށް ލިބުނު ހާސްކަމުގައި ، އެއުޅެނީ ކިހިނެއްވެގެންތޯ މުރުތަޟާއާ ސުއާލު ކުރިއެވެ. ބުނާނެ ވަކި އެއްޗެއް ނޭނގި ، މުރުތަޟާ ހުރީ ހިމޭނުންނެވެ. މުރުތަޟާއަށް ބުނެވޭނީ ކީކޭ ހެއްޔެވެ ؟

" މަންމާއެވެ ! އިންސާނަކު އޭނާގެ ދިފާޢުގައި ވާހަކަދައްކަމުންގޮސް ވަރުބަލިވުމުން ، އެއްވެސް ކަމަކާ އަދި އެއްވެސް މީހަކާ ދޭތެރޭގައި ވިސްނާކަށް ނޭނގޭނެއެވެ. އަހަރެން މި މަސައްކަތްކުރަނީ ، ނޫރުއަށް ވިސްނައިދީގެން ކަންކަން ޙައްލު ކުރެވޭތޯއެވެ. އެކަމަކު ، މަންމައާއި ދައްތަގެ ޢަމަލުތައް ހުރިގޮތުން ، އަހަރެން މިކުރާ މަސައްކަތް ދަނީ ބޭކާރު ވަމުންނެވެ. " މުރުތަޟާ އޭނާގެ ދިފާޢުގައި ބުންޏެވެ.

މުރުތަޟާގެ ހިތުގައި އޮތް އެއްޗެއް ދެނެވޮޑިގެންވާނީ ﷲ އެވެ. އެކަމެއް ޙަފުޞާމެންނަކަށް ނޭނގޭނެއެވެ. މުރުތަޟާ އެގެންދަނީ ، ތަހުނިޔާއާ ދިމާއަށް އެއްފިޔަވަޅު އެޅިއްޔާ ނޫރުއާ ދިމާއަށް ދެފިޔަވަޅު އަޅަމުންނެވެ. އެކަން އެހެންކޮށްގެން ރަނގަޅު ، އެއްވެސް ނަތީޖާއެއް ނުނުކުންނާނެކަން ، ޙަފުޞާ އޭނާގެ ދެދަރިންނަށް ހަނދާން ކޮށްދިނެވެ. އެކަމުން ، އެއްވެސް މީހެއްގެ ހިތަކަށް ހަމަޖެހުމެއްވެސް ނުލިބޭނެއެވެ.

ޙަފުޞާ އެއައީ ، މުރުތަޟާގެ މޫނުމަތީގައި އަތުގެ ނެތްބާރުލާފައި އެތިފަހަރެއް ޖަހާފައެވެ. އެއީ އޭނާގެ ހިތަށް އުނދަގޫވާ ކަމެކެވެ. އެހެނަސް ، އެއަށްވުރެ ބޮޑު ތަދެއްގެ އިޙްސާސް ޙަފުޞާގެ ހިތަށްދަނީ ލިބެމުންނެވެ. ތަހުނިޔާއާއި އޭނާގެ މައިންބަފައިންގެ ކުރިމަތީ ، ޙަފުޞާމެން އެދަނީ އަގުވެއްޓި ފަޟީޙަތް ވަމުންނެވެ. މުސްކުޅިވީ ދުވަހު ، ޙަފުޞާއާ އެކުރިމަތިވީ އޭނާގެ ދަރިންނާމެދު އުއްމީދުކުރި ގޮތެއްނޫނެވެ. އެހުރިހާ ތަކުލީފެއް އެލިބެނީ ނޫރުލްޢައިނުގެ ސަބަބުންނެވެ. ﷲ އަށްޓަކައި ، އޭނާގެ ގޭގެ ހަމަޖެހުމާއި އަމާންކަން ގެނެސްދިނުމަށް ޠާހިރާއާއި މުރުތަޟާގާތު އާދޭސްކޮށްފައި ޙަފުޞާ އެދުނެވެ. އެމީހުންގެ އަމިއްލަ ނަފުސަށްނޫންކަމަށް ވަންޏާ ، އޭނާއަށްޓަކައި އެކަން ކޮށްދިނުމަށް އެދެމުން ޙަފުޞާ ގޭތެރެޔަށް ވަދެގެން ދިޔައެވެ.

***************************

ދިޔަލެކަށްވުރެ އަވަހަށް ، ރޮމުންރޮމުން ތަހުނިޔާ އައިސް ގެޔަށް ވަނެވެ. ސާޖިދާހުރީ ހަދާނެގޮތް ބޮޑުވެފައެވެ. ވެގެންއުޅޭގޮތެއް އޭނާއަކަށް ނޭނގެއެވެ. ތަހުނިޔާގެ ބައްޕަ ، ޢާޞިފްވެސް ގޭގައި އެބައުޅެއެވެ. އެއިންކަމެއް ޢާޞިފަށް އެނގިދާނެތީ ، ސާޖިދާހުންނަނީ ވަރަށް ކަންބޮޑުވެފައެވެ. ތަހުނިޔާގެ ރުއިމަކަށް ބަދަލެއް ނާދެއެވެ. ވެގެން އުޅޭގޮތެއް ސާފުކުރުމަށް ، މަޑުމަޑުން ، ސާޖިދާ ، ތަހުނިޔާއާ ސުއާލުކުރަމުން ގެންދިޔައެވެ.

" އަހަރެމެން ގެޔަށްދިޔަ މަގުމަތީ ، ޕާކުތެރޭގައި ނޫރުލްޢައިނާއި މުރުތަޟާ އަތުގައި ހިފައިގެން ތިއްބާ ފެނިއްޖެއެވެ. މިހާރުވެސް މުރުތަޟާ އެހުރީ ، ނޫރުލްޢައިނާ އެކުގައިކަމަށާއި މުރުތަޟާއަކީ އޭނާގެ ޙައްޤެއްކަމަށް ، ނޫރުލްޢައިނު ބުންޏެވެ. މުރުތަޟާގެ އިޙްސާސްތަކާއި ޖަޒުބާތާ އަދި  ލޯތްބާއި ދިރިހުރުންވެސް އޮތީ ، ނޫރުލްޢައިނަށް ޚާއްޞަކޮށްފައި ކަމަށްވެސް ނޫރުލްޢއިނު ހާމަކުރިއެވެ. މުރުތަޟާ ކަހަލަ މީހެއްގެ ގާތަށްގޮސް އަހަރެން އުޅޭނީ ކިހިނެއްކަން މަންމަ ބުނެބަލާށެވެ. އެގޭގައި އަހަރެންގެ އެއްވެސް އެއްޗެއް ނެތެވެ. " ރޮމުންރޮމުން ތަހުނިޔާ ކިޔައިދެމުން ގެންދިޔައެވެ.

ސާޖިދާގެ ލޮލުންވެސް ކަރުނަ ހިލިގެންދިޔައެވެ. ތަހުނިޔާ ، އޭނާގެ މަންމަގެ ގައިގާ ބައްދައިގަނެ ، ކޮނޑުގައި ބޯއަޅާލައިގެން އޮވެ ރޮމުން ގެންދިޔައެވެ.

މުރުތަޟާއާ ދިމާއަށް އެތިވަރު ގޮވައިގެންފައި ، ކޮޓަރިޔަށް އައިސް ވަތްތަނުން ޙަފުޞާގެ ފޯނު ރިންގވާން ފެށިއެވެ. އެއީ ސާޖިދާއެވެ. ސާޖިދާ ގުޅާނެކަން ޙަފުޞާއަށް އެނގެއެވެ. ފޯނުނަގައި ސަލާމް ގޮވައިލުމަށްފަހު ، ޙާލު ކިހިނެއްތޯ ޙަފުޞާ ސުއާލު ކުރިއެވެ. ބުނާނީ ކީކޭކަމެއް ސާޖިދާއަކަށް ނޭނގެއެވެ. އޭނާގެ އަޑުގައިވެސް ވަނީ ރިހުމާއި ހިތްދަތިކަމެވެ.

ތަހުނިޔާގެ ޙާލަތު ފެނިފައި ، ކެތް ނުކުރެވޭ ވަރަށް ، އޭނާގެ ހިތަށް އަސަރު ކުރެއެވެ. އެއީ ހަމައެކަނިހުރި ދަރިފުޅެވެ. ދަރިފުޅަށް އެ ލިބޭ ހިތްދަތިކަމަށް ، ސާޖިދާގެ ލަގޮނޑިއަކަށް ކެތެއް ނުކުރެވޭނެއެވެ. ޙަފުޞާގެވެސް ޙާލަކީ އެއީއެވެ. ނޫރުގެ ޢަމަލުތަކުން އެދެ ޢާއިލާގެ އުފާވެރިކަން އެއޮތީ ، ނަރަކަޔަކަށް ހަދާފައެވެ. ޙަފުޞާގެ ވާހަކަ ސާޖިދާއަކަށް ޤަބޫލެއް ނުކުރެވެއެވެ. އެއީ ނޫރުގެ އެކަނި ކަމެއްނޫނެވެ. މުރުތަޟާގެ އުޅުން އެހުރީކީ ، އެމީހުން ހީކުރި ގޮތަކަށް ނޫނެވެ. ފިރިހެނަކު ފުރުޞަތުދީގެން ނޫނީ އަންހެނަކަށް އެވައްތަރަކަށް ނޫޅެވޭނެއެވެ. ކުށްވެރިޔަކީ މުރުތަޟާއެވެ. ސާޖިދާއަށް ވީ އެންމެ ރަނގަޅަކަށް ތަހުނިޔާއަށް ވިސްނައިދީ ، ނަޞޭޙަތް ދީފިއެވެ. ތަހުނިޔާގެ ހިތުގައި މުރުތަޟާގެ މައްޗަށް އިތުބާރު ނުއުފެދެނިސް ، އެކަމެއް ޙައްލެއް ނުވާނެއެވެ. މުރުތަޟާގެ ވިސްނުމާއި ފިކުރަށް ބަދަލު އަންނާނީ ކިހިނެއް އަދި ކޮންއިރަކުންކަމެއް ، އެއްވެސް މީހަކަށް ނޭނގެއެވެ. އެތަކުލީފުތަކަށް ކެތްކޮށްގެން ތަހުނިޔާ ހުންނަންވީ ކިހާ ދުވަހަކު ހެއްޔެވެ ؟ އެއީވެސް އެއްވެސް މީހަކަށް އެނގޭ އެއްޗެއްނޫނެވެ. ޙަފުޞާގެވެސް ކަންބޮޑުވުމަކީ އެއީއެވެ. ޠާހިރާއާއި ޙަފުޞާއާ ދެމީހުން އެތިބީ ތަހުނިޔާއާ އެކުގައެވެ. މުރުތަޟާ ހަމަޔަކަށް އެޅުވޭތޯ މަސައްކަތް ކުރުމަކީ ޙަފުޞާގެ ކަމެކެވެ. އެކަން ވަކި ގޮތަކަށް ނުނިމެނިސް ، ތަހުނިޔާ އެގެޔަކަށް ނުދާނެއެވެ.

މުރުތަޟާ މިވަގުތު އެހުރީ ޖަޒުބާތުގައި ޖެހި ، ރަނގަޅާއި ނުބައި ވަކިނުވާވަރަށް ނޫރުގެ ނުފޫޒުގައި ޖެހިފައެވެ. އެއީ ގޯސްމީހެއްނޫނެވެ. އެ ހުރިހާމީހުންގެވެސް އުއްމީދަކީ ، ހުރިހާ ކަމެއްވެސް ރަނގަޅު ވުމެވެ. ތަހުނިޔާއަކީ ހަމައެކަނި ސާޖިދާގެ ދަރިއެއް ނޫނެވެ. އެއީ ޙަފުޞާގެވެސް ދަރިއެކެވެ. މުރުތަޟާއަށް ހުރިހާކަމެއް ވިސްނިގެން ، ތަހުނިޔާ ބަލައި އެގެޔަށް ދާނެކަމަށް ޙަފުޞާ ބުންޏެވެ. ޙަފުޞާއަށްޓަކައި އަދި އެއްފަހަރު ، މުރުތަޟާއަށް މަޢާފުކޮށްދިނުމަށް ، ތަހުނިޔާގެ ކިބައިން ޙަފުޞާ އެދޭވާހަކަ ، ތަހުނިޔާގާތު ބުނެދިނުމަށްވެސް ޙަފުޞާ އެދުނެވެ.

" މަންމަގެ ހިތަކީ ބަރަކާތްތެރި އަދި ހެޔޮދުޢާއިން ފުރިގެންވާ އެއްޗެކެވެ. ޙަފުޞާގެ އެ އެދުމަށް އިންކާރު ނުކުރުމަކީ ، މަންމަގެ ވަރަށްބޮޑު އެދުމެކެވެ. ދަރިފުޅާއެވެ ! މުރުތަޟާއަކީ ރަނގަޅު މީހެކެވެ. ނޫރުލްޢައިނުގެ މައްސަލަ ޙައްލު ކުރުމަށްޓަކައި ، މުރުތަޟާއަށް އެންމެ ރަނގަޅަށް މަސައްކަތް ނުކުރެވެނީކަމަށް ވެދާނެއެވެ. އެހެނަސް ، މަންމަގެ ހިތްބުނަނީ ، މުރުތަޟާއަށް ރަނގަޅުގޮތް ވިސްނި ، އެކަންކަން އޮތް އެންމެ ރަނގަޅަކަށް ޙައްލުކުރާނެކަމުގައެވެ. މުރުތަޟާގެ މުސްތަޤްބަލް އޮތީ ދަރިފުޅާއެކުގައިކަން ، މުރުތަޟާއަށް އިޙްސާސްވާކަށް ލަހެއް ނުވާނެއެވެ. " ސާޖިދާ އޭނާގެ ދަރިފުޅަށް ނަސޭޙަތް ދެމުން ގެންދިޔައެވެ.

އެދެމައިން ، ވާހަކަ ދައްކަން ތިއްބާ ، ކެއްސާލަމުން ، ޢާޞިފްވެސް ކޮޓަރިން ނުކުތެވެ. ޢާޞިފް އުޅެނީ ކުޑަކޮށް ބަލިވެއެވެ. ދެލޯ ފުހެލައި ބައްޕަޔަށް ސަލާމް ގޮވައިލަމުން ، ބައްޕަޔާ ދިމާއަށް ތަހުނިޔާ އެނބުރިލިއެވެ. ދެމައިން އެ ދައްކަނީ ކޮންވާހަކައެއްތޯ އަހައި ، ތަހުނިޔާގެ ބޮލުގައި ފިރުމާލަމުން ، އޭނާވެސް އެވާހަކައިގާ ބައިވެރިކުރުމަށް ޢާޞިފް އެދުނެވެ. އަދި ތަހުނިޔާއާ ޖެހިގެން އިށީނދެލިއެވެ. ސާޖިދާ ، ތަހުނިޔާއާ ދިމާއަށް ބަލައިލިއެވެ. އެކަމާބެހޭގޮތުން ، ބައްޕަގާތު އަދި އެއްވެސް ވާހަކައެއް ނުދެއްކުމަށް މަންމަ އެދޭކަން ، ސާޖިދާގެ ލޮލުން ތަހުނިޔާއަށް ސާފުވިއެވެ.

އެވާހަކަ  ނުދެއްކިނަމަވެސް ، ތަހުނިޔާގެ ހިތުގައިވާ ހާސްކަމެއް އޭނާއަކަށް ނުފޮރުވުނެވެ. ކޮންމެވެސް ކަމެއް ގޯސްވެގެން އެބައުޅޭކަން ، ތަހުނިޔާގެ ޙަރަކާތުން ޢާޞިފް ދެނެގަތެވެ. އަދި ސުއާލުމާކުން ފުރިފައިވާ ގޮތަކަށް ސާޖިދާއާ ދިމާއަށް ބަލައިލިއެވެ. އެހެނަސް ، ބައްޕަގާތު އެއްވެސް ވާހަކައެއް ތަހުނިޔާއަކަށް ނުބުނެވުނެވެ.

***************************

ހެނދުނު ހޭލިއިރުވެސް ޙަފުޞާގެ ރުޅިގަނޑު މައިތިރިއެއް ނުވެއެވެ. ސައިބޯކަށްވެސް ނޫޅެއެވެ. ގޭތެރޭގައި ނުއިންނަންވެގެން ، ގޯތިތެރެޔަށް ނުކުމެ ، އަރަމުންދާ އަވީގެ ހޫނަށް ހަށިގަނޑު ދޫކޮށްލައިގެން ، އަވީގައި ޖައްސާލައިގެން ތުންފިއްތައިގެން އިންދާ ، އޮފީހަށްދާން މުރުތަޟާ ނުކުތެވެ. މުރުތަޟާ އައިސް ، މަންމަޔަށް ސަލާމް ގޮވައިލިއެވެ. ޙަފުޞާއަށް ސަލާމް ބަލައިގަނެވުނީވެސް ، ކުޑައިރުކޮޅެއް ކޮށްލާފައެވެ. މުރުތަޟާދެކެ ރުޅިއައިސް އިންކަން އަންގާލަން ޙަފުޞާ ބޭނުންވީއެވެ. މުރުތަޟާއާ ދިމާއަށް ބަލައިވެސް ނުލައެވެ.

ޙަފުޞާ އެއިނީ ސައިނުބޮއެކަން މުރުތަޟާއަށް އެނގެއެވެ. އެހެން ނުހެދުމަށް މަންމަގެ ކިބައިން މުރުތަޟާ އެދުނެވެ. އަމިއްލަ ގޭގައި ބީރަށްޓެއްސަކަށްވެގެން އުޅުމަކީ ، ހިތަށް ތަކުލީފުލިބޭނެ ކަމެކެވެ.

މަންމަމެންނާ މެދު މުރުތަޟާ ވިސްނާނެކަމެއް ނެތެވެ. އެންމެންގެ ކުރިމަތީގައި ، އެމީހުންނަކީ ކުށްވެރިންކަމަށް ހަދައިފިއެވެ. ދިފާޢުގައި އެއްޗެއް ބުނަން އަނގަހުޅުވާލެވެންވެސް ނެތް ވަރަށެވެ. ސާޖިދާމެންގެ ކުރިމަތީވެސް ، އެމީހުންގެ އަގު ވެއްޓިއްޖެއެވެ. އެމީހުންނަށް ދައްކާނީ ކޮން މޫނެއް ހެއްޔެވެ ؟ ތަހުނިޔާއަކީ އެމީހުންގެ ހުރި ހަމައެކަނި ދަރިފުޅެވެ. ވެގެން އުޅޭގޮތް އެނގުނީމަ އެމީހުންގެ ހިތުގައި އަޅާނެ ވޭނުގެ އިޙްސާސެއް މުރުތަޟާއަކަށް ނުކުރެވެއެވެ.

" މަންމާއެވެ ! ކައިވެނީގެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމަޔަށްވެސް ، އަހަރެން މިއަންނަނީ މީހުންކުރާ ސުއާލަށް ޖަވާބުދެމުންނެވެ. އެކަން ކޮށްކޮށް އަހަރެން ވަރުބަލި ވެއްޖެއެވެ. އެކަން މިގޭގެ އެންމެންނަށްވެސް އެނގޭނެކަމަށް ހީކުރަމެވެ. " މުރުތަޟާ ބުންޏެވެ.

ބޭކާރު ވާހަކަ ދެއްކުން ހުއްޓާލައި ، މުރުތަޟާގެ އަމިއްލަ ދިރިއުޅުމަށް ހުރިހާކަމެއް ޚާއްޞަކުރުމަށް ޙަފުޞާ އެދުނެވެ. ތަހުނިޔާއާއި ޢާއިލާގެ އެހެންމީހުންނަށްވުރެ އިސްވާންޖެހޭނެ އެހެން އެއްވެސް މީހަކު ، މުރުތަޟާއަށް މިހާރު އޮވެގެން ނުވާނެއެވެ. އެދުވަހު އޮފީސް ނިންމާފައި ގެޔަށް އަންނަންވާނީ ތަހުނިޔާ ގޮވައިގެންކަމުގައި ބުނެ ، ޙަފުޞާ މުރުތަޟާއަށް އިންޒާރު ކުރިއެވެ.

ކުރިންވެސް އެއްފަހަރު ، ތަހުނިޔާ ބަލައި މުރުތަޟާ ހިނގައްޖެއެވެ. ތަހުނިޔާއެއް ނުގެނެވުނެވެ. އަނެއްކާވެސް އެގެޔަށްގޮސް ، ކިތަންމެ ވަރަކަށް އާދޭސްކުރިޔަސް ، ތަހުނިޔާ އަންނާނެކަމާމެދު މުރުތަޟާއަށް ޝައްކެވެ. އަނެއްކާވެސް ފަޟީޙަތްވެ މުރުތަޟާގެ އަގުވެއްޓިގެންދާން ވީއެވެ. ތަހުނިޔާ އެގެޔަށް ގެނެސްދޭނެކަމުގެ ޔަޤީންކަމެއް ، އޭނާގެ މަންމައަކަށް މުރުތަޟާއަށް ދެވޭކަށް ނެތެވެ.

ރުޅިއައިސް ރަތްވެފައި ޙަފުޞާ ކޮޅަށް ތެދުވިއެވެ. އަދި އަމިއްލަ ނަފްސު ފަޟީޙަތްކޮށްފައި ވިޔަސް ، ތަހުނިޔާ ގޮވައިގެން ނޫނީ ހަވީރު އެގެޔަށް އައިސްގެން ނުވާނެކަމުގައި ޙަފުޞާ ބުންޏެވެ. އެއީ މަންމައެއްގެ އެދުމެއްނޫނެވެ. އަމުރެކެވެ. މުރުތަޟާއަކީ ، މަންމަ ބޭނުންވާގޮތަކަށް މީގެ ކުރިންވެސް ޢަމަލުކުރަމުން އަންނަ މީހެކެވެ. އެކަން ޙަފުޞާއަށްވެސް ރަނގަޅަށް އެނގޭނެއެވެ. އެހެންނަމަވެސް ، އޭނާއަށް ނުކުރެވޭ ހުރިހާ ކަމެއްގެ އިލްޒާމު ، އޭނާގެ ބޮލުގައި އެޅުވިގެންދާކަށް މުރުތަޟާ ބޭނުމެއްނޫނެވެ. އެއީ އިންސާފެއްނޫނެވެ. މުރުތަޟާއަކީވެސް އިންސާނެކެވެ. މަޢުދަނުން ހަދާފައިހުރި މަޞްނޫޢީ އެއްޗެއްނޫނެވެ. އިންސާނުންނަށް ކުރެވޭ އަދި ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން ހުންނާނެއެވެ. އެހެންމީހުންގެ ވިސްނުމާއި ފިކުރު ބަދަލު ކުރުމަކީ ، އެހާ ފަސޭހަކަމެއްނޫނެވެ. ކިތަންމެ ޢުމުރުން ގިނަދުވަސްވެފައި ތަޖުރިބާ ލިބިފައި ހުއްޓަސް ، ޙަފުޞާގެ ނުފޫޒަށް ނުގުޑާ ކަންކަންވެސް ހުންނާނެއެވެ.

އޮފީހަށްގޮސް ، މަސައްކަތަށް ސަމާލުކަން ދޭން އުޅެއުޅެ ، ނޫރުއަކަށް އެކަމެއް ނުކުރެވުނެވެ. މޭޒުމަތީ އޮތް ލިޔުމުގައި ، އޭނާގެ އަތުގައި އޮތް ގަލަމުން ކުރަހައިގަތެވެ. ހިތުގައިވާ އުދާސްތައް ބޭރުކޮށްލެވޭތޯއެވެ. ކުރީރޭ ، އޭނާއާ ދިމާއަށް ޙަފުޞައްތަ ބުނި ބަސްތައް އަދިވެސް ހަނދާނުގައި އެބަހުށްޓެވެ. މުރުތަޟާގެ ކަންކަށިމަތީ އެޖެހި ޖެހުމަކީ ނޫރުގެ ކަންކަށިމައްޗަށް ވީއްލާލި އެތިފަހަރެއްކަން ، ނޫރުއަށް އެނގެއެވެ. ޚުދު ޙަފުޞާވެސް އެވާހަކަ އެއޮތީ ބުނެފައެވެ.

" ނޫނެކެވެ. ޙަފުޞައްތާއެވެ ! މުރުތަޟާގެ މޫނުމަތީ އެޖެހި ޖެހުމަކީ ، އަހަރެންނަށް އަމާޒުވި އެއްޗެއްނޫނެވެ. އެއީ ، ތަހުނިޔާގެ ނަޞީބަށް އަމާޒު ކުރެވުނު އެއްޗެކެވެ. މުރުތަޟާއަކީ އަހަރެންނާ އެއްފެންވަރެއްގެ މީހެއްކަން އަނގައިދިނީތީ ޝުކުރިއްޔާއެވެ ! " ނޫރުގެ ހިތާހިތާ ބުނެލެވުނެވެ. ބޮލުގައި ބާރަށް ހިފައި ފިތައިގަންނަމުން މޭޒުމަތީގައި  ނޫރުގެ ބޯ ބާއްވާލިއެވެ. މަޑުމަޑުންގޮސް އޭނާއަށް ގިސްލެވެން ފެށުނެވެ. ހިތުގައި އަޅަމުން އެދާ ވޭނަށް ކެތްނުވެގެން ، ލޮލުން ފައިބަމުންދިޔަ ކަރުނަތައް މޭޒުމައްޗަށް އޮހެމުން ދިޔައެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.