ފަލްސަފާ (53)

( 7 ފެބުރުއަރީ 2024 ގައި ޝާއިޢުކުރި ބަޔާ ގުޅޭ )

ތަހުނިޔާ ބަލައިދިޔަގޮތަށް ، މުރުތަޟާވެސް ގެޔަކަށް ނައެވެ. އޭރު ވަރަށް ލަސްވެސް ވެއްޖެއެވެ. ޙަފުޞާއަށް އެއީ ބޮޑުކަމަކަށް ވިއެވެ. މުރުތަޟާ ގެއިން ނުކުމެގެންދިޔައީ ، ތަހުނިޔާމެންގެޔަށްކަމެއް ނުވަތަ އެހެންތަނަކަށްކަމެއް ، ޙަފުޞާއަކަށް ނޭނގެއެވެ. ކުޑައިރުކޮޅެއް ކޮށްލުމަށްފަހު ، ޚަބަރު ބަލައިލަން ތަހުނިޔާމެންގެޔަށް ދާން ، ޙަފުޞާ ނިންމިއެވެ.

ތަހުނިޔާމެންގެއިން ޙަފުޞާއާ ފުރަތަމަވެސް ބައްދަލުވީ ތަހުނިޔާއާއެވެ. ސިޓިންގރޫމަށް ނުކުމެ އުޅެނިކޮށް ، ޙަފުޞާއައިތަން ފެނިފައި ސަލާމް ގޮވައިލުމަށްފަހު ، ޙަފުޞާގާތަށް ޖެހިލިއެވެ. ތަހުނިޔާގެ މޫނުމަތިން ފާޅުވާންހުރި ކަންބޮޑުވުމުގެ އަސަރު ފޮރުވޭތޯ އޭނާ ވަރަށް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ، ޙަފުޞާއަކަށް އެކަމެއް ސިއްރެއް ނުވިއެވެ.

މުރުތަޟާ އެގެޔަށް އައިސް ، ވާހަކަ ދައްކަން އެހާއިރެއް ނުވެއެވެ. ތަހުނިޔާއާ ވާހަކަ ދެއްކުމަށްފަހު ، ނުކުމެގެންދިޔަތާ ލައްކަ އިރު ވެއްޖެއެވެ. މުރުތަޟާ ދިޔަތަނެއް ނޭނގުނީމަ ، ތަހުނިޔާގެ ހިތަށްވެސް އުނދަގޫ ވިއެވެ. އެދެމައިން ވާހަކަ ދައްކާ އަޑުއިވިގެން ، ބަދިގެތެރޭގައި އުޅެފައި ސާޖިދާވެސް ބޭރަށް ނުކުމެ ބޯ ދިއްކޮށްލިއެވެ. ތަހުނިޔާ ނުލައި މުރުތަޟާ އެގެއިން ނުކުމެގެން ދިޔައީ އެދެމީހުންގެ މެދުގައި ކޮންވާހަކައެއް ދެކެވިގެންތޯ ސާފުކުރުމަށް ޙަފުޞާހުރީ ކެތްމަދުވެފައެވެ.

ތަހުނިޔާ ނިންމިގޮތް ޙަފުޞާއަށް ވަރަށް ރަނގަޅަށް ސާފުކޮށް ކިޔައިދިނެވެ. އެގެޔަށް މުރުތަޟާއާއެކީ އޭނާދާނީ ، ނޫރުލްޢައިނުއާ މުރުތަޟާއާ ދެމީހުންކުރެ އެކަކު ، މުރުތަޟާ އިޚްތިޔާރު ކުރުމުންކަމަށް ތަހުނިޔާ ވަނީ ބުނެފައެވެ. ތަހުނިޔާއާއެކީ ދިރިއުޅެން ބޭނުންކަމަށް ވަންޏާ ، ނޫރުއާއެކީ މުރުތަޟާ ބާއްވަމުން އެގެންދާ ހުރިހާ ގުޅުމެއް ކަނޑައިލަން ޖެހޭނެއެވެ. މުރުތަޟާއަކަށް އެކަމަކަށް ގޮތެއް ނުނިންމުނެވެ. އެކަމަށް ގޮތެއް ނިންމުމަށް މުރުތަޟާއަށް އިތުރު ވަގުތު ބޭނުންވިއެވެ.

ޙަފުޞާ ، އެއްވެސް ޖެހިލުމެއްނެތި ތަހުނިޔާގެ އަތުގައި ހިފައި އޭނާއާ އެކީ އެގެޔަށް ދިއުމަށް އެދުނެވެ. އެހެންނަމަވެސް ، އޭނާދާނީ ވަކިގޮތަކަށް މުރުތަޟާ ނިންމީމަކަމުގައި ބުނެ ޙަފުޞާގެ އަތް ފޮޅުވައިލިއެވެ. މުރުތަޟާގެ ނިންމުމަކީ ޙަފުޞާއަށް މުހިންމު އެއްޗެއްނޫނެވެ. ނޫރުގެ ނޭއްގާނިކަމުން ޙަފުޞާމެންގެ ދިރިއުޅުމަކީ ، އުނދަގުލުން ފުރިގެންވާ އެއްޗަކަށް އެވަނީ ހަދާފައެވެ. ތަހުނިޔާވެސް ގޮތްދޫނުކޮށް ، މަންމަގެ ގޭގައި ހުރެއްޖެނަމަ ، އެކަމަށް ރަނގަޅު ޙައްލެއް އައުމަކީ ނާދިރު ކަމެކެވެ. އެ ފުރުޞަތުގެ ބޭނުންހިފާނީ ނޫރުއެވެ. އެކަންކުރަން ނޫރުއަށް ވަރަށް ރަނގަޅަށް އެނގޭނެއެވެ.

އެގެޔަކީ ޙަފުޞާގެވެސް ގެއެވެ. އެއީ ، ހަމައެކަނި މުރުތަޟާގެ ގެއެއް ނޫނެވެ. ޙަފުޞާ ބޭނުންވަނީ އޭނާގެ ޅީދަރިޔަށް ޙައްޤު މަޤާމު ، އެގެއިން ތަހުނިޔާއަށް ހޯދައިދިނުމަށެވެ. ސާޖިދާގެވެސް އެދުމަކީ އެއީއެވެ. އޭނާގެ ދަރިފުޅުގެ ދިރިއުޅުން އާބާދުވެގެން ދާތަން ފެނުމަކީ ، ދުނިޔެމަތިން ސާޖިދާއަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތެވެ. އެކަމަށް އެދި ، އޭނާ އެހުންނަނީ އަބަދު ، ދުޢާ ކޮށްލަ ކޮށްލައެވެ. އެކަމުގައި ތަހުނިޔާ ވަކިގޮތަކަށް ނިންމައިގެން ހުއްޓަސް ، ސާޖިދާއާއި ޙަފުޞާގެ ވާހަކަޔަށް ރިޢާޔަތްކޮށް ، ޙަފުޞާއާއެކީ ތަހުނިޔާ އެގެޔަށް ދިއުމަށް އަނެއްކާވެސް ޙަފުޞާ އެދުނެވެ. ސާޖިދާވެސް އެކަމަށް ބާރުއެޅުމުން އިތުރަށް ކުރެވޭނެކަމެއް ނެތި ، ޙަފުޞާއާއެކީ އެގެޔަށް ދާން ތަހުނިޔާ ނުކުތެވެ.

*****************************

މުރުތަޟާއާއި ނޫރު ، އަދިވެސް ތިބީ ޕާކުގައި ވާހަކަ ދައްކާށެވެ. އެއީ ނިމުމެއް އޮތް ވާހަކައެއްނޫނެވެ. ނޫރުގެ ބައްޕައާއި ބޭބެމެންގެ ބަސްއަހައިގެން ، މީހަކާ އިންނަން ވިސްނުމަކީ ، މުރުތަޟާވެސް މިހާރު އެދޭގޮތެވެ. އެދެމީހުންގެ ދިރިއުޅުމަށް މިހާރު ކުރިމަތިވެފައި އޮތް ތޫފާނުން ސަލާމަތްވެވެން އޮތް ހަމައެކަނި ގޮތަކީ އެއީއެވެ.

ނޫރުއަކަށް އެކަމަކަށް އެއްބަހެއް ނުވެވުނެވެ. ނޫރުގެ ދިރިއުޅުމުގައި އުފަލެއް ލިބެންނެތް ފިޔަވަޅެއް އަޅައި ގޮތެއްނިންމާކަށް ނޫރު ބޭނުމެއް ނޫނެވެ. ހަމައެކަނި މުރުތަޟާއަށް ބަލައިލިޔަސް ، އޭނާގެ ދިރިއުޅުމަކީ ، ހިތަށްލިބޭ ކެކުޅުމުން ފުރިގެންވާ އެއްޗެކެވެ. ދިރިއުޅުމެއްގެ އުފާވެރިކަން ، މުރުތަޟާގެ ހިތަކަށްވެސް އިޙްސާސެއް ނުކުރެވެއެވެ. އޭނާވަމުން އެދަނީ އިންސާނަކު ދުނިޔެމަތީ ވާނެ އެންމެ މަތީ ޤުރުބާނެވެ. އެކަމަކު ، އެފަދަ ޤުރުބާނީއެއް އެވަނީ ޙަފުޞާއާއި ތަހުނިޔާއަށްޓަކައި ހެއްޔެވެ ؟ ނުވަތަ އަމިއްލަ ނަފުސަށްޓަކައި ހެއްޔެވެ ؟ މުރުތަޟާއަކީ ، ޑްރާމާއެއްގައި ތަމްސީލުކުޅެމުންދާ ފަންނާނެއް ފަދައެވެ. ޙަރަކާތްތެރިވާން ޖެހެނީ ލިޔެފައ އޮތް ގޮތަކަށެވެ. ވާހަކަ ދައްކަން ޖެހެނީވެސް ލިޔެފައި އޮތް ގޮތަކަށެވެ.  އަމިއްލަ އިޚުތިޔާރުގައި ކުރެވޭ އެއްވެސްކަމެއް ނެތެވެ. އެހެނަސް ، ނޫރުއަކީ ތަފާތު މީހެކެވެ. އެކަހަލަ ޑްރާމާ ކުޅެ ، އޭނާގެ އަމިއްލަ ނަފްސު ، މީހަކު ލިޔެފައި އޮތް އެއްޗެއްގެ ތަޞައްވުރަށް ބަދަލުކުރާކަށް ނޫރު ، ބޭނުމެއްނޫނެވެ. ނޫރުގެ ދިރިއުޅުން އާބާދުކުރުމަށް ނޫރު ބޭނުންވަނީ އޭނާގެ ހިތްއެދޭ ގޮތަކަށެވެ.

ނޫރުލްޢައިނުގެ ވިސްނުން ބަދަލުކުރެވޭތޯ ، މުރުތަޟާ މަސައްކަތް ކުރިއެވެ. ބައެއްފަހަރަށް އެހެންމީހުންނަށްވެސް ބަރޯސާވާން ޖެހެއެވެ. އިންސާނާއަށް ލިބިފައިއޮންނަނީ އެންމެ ޙަޔާތެކެވެ. އެޙަޔާތަކީ ، އެކަނިވެރިކަމުން ފުރިގެންވާ އެއްޗަކަށް ނުހަދައި އެހެންމީހުން އެ ޙަޔާތުގައި ބައިވެރިކުރަން ޖެހެއެވެ. އެހެންމީހުން ބޭނުންވާގޮތްވެސް ، އެ ޙަޔާތުގެ ތެރެޔަށް ވައްދަން މަޖުބޫރު ވެއެވެ. ނޫރުގެ ނަޒަރުގައި އިންސާނާގެ ޙަޔާތަކީ ، އޭނާގެ އަމިއްލަ ޙައްޤުތަކެއްގެ މައްޗަށް ބިނާވެފައި އޮންނަ އެއްޗެކެވެ. އެ ޙަޔާތަކީ އެހެންމީހުން ބޭނުންވާގޮތަކަށް އުޅެން އޮންނަ އެއްޗެއްކަމަށް ވާނަމަ ، އޭނާގެ އެތައް ޙައްޤެއް ގެއްލިގެން ދާނެއެވެ. މިނިވަންކަމުން އެތައްކަމެއް އުނިވެގެންދާނެއެވެ. ވާހަކަ ދައްކަމުން ދައްކަމުންގޮސް ނޫރުއަށް ، އިށީނދެއިންތަނުން ތެދުވެވުނެވެ. އަދި މުރުތަޟާއާ ގާތަށް ޖެހިލެވުނެވެ. ނޫރުގެ ދިރިއުޅުމުގެ ތެރެޔަށް ، އެހެންމީހުން ވަދެ ގޮތްކިޔައި ، އޭނާއަށް ލިބިފައިއޮންނަ މިނިވަންކަން ގެއްލިގެން ދިއުމަކީ ނޫރު ޤަބޫލުކުރާނެކަމެއް ނޫނެވެ.

ނޫރުގެ އެވާހަކަތަކަކީ ، މުރުތަޟާއަށް އާ ވާހަކަތަކެއްނޫނެވެ. ނޫރުގެ ވިސްނުމަކީވެސް މުރުތަޟާއަށް ނޭނގޭ އެއްޗެއްނޫނެވެ. އޭރުވެސް އަދި މިހާރުވެސް ނޫރުއެހުރީ ހަމަ ، ނޫރުގެ ގޮތުގައެވެ. އެކަމާ ، މުރުތަޟާ ކުރާނީ ކީއްހެއްޔެވެ ؟ ކުރެވޭނެ ހަމަ އެއްވެސްކަމެއް ނެތެވެ. ނޫރު ބޭނުންވާގޮތަކަށް ނޫރު އުޅެންވީއެވެ. މުރުތަޟާއަށް ކުރިމަތިވެފައި އޮތް ޙާލަތު މިހާރު ވަރަށް ތަފާތެވެ. އެ ދަތުރު ފަށާނީ ކޮންހިސާބަކުންކަން މުރުތަޟާއަކަށް ނޭނގެއެވެ. އޭނާ ފުންމައިލާންވީ ކިހާ އުހަކުންކަމެއް ނުވިސްނެއެވެ. ނޫރުއާ ތަފާތުކޮށް ، މުރުތަޟާ އެވަނީ އޭނާގެ ޙަޔާތުގެ ވަކިހިސާބަކަށް ދަތުރު ކޮށްފައެވެ. އެ ދަތުރުގެ މެދުތެރެއިން ، އޭނާ ނިންމާނީ ކޮންނިންމުމެއް ކޮން ގޮތަކަށްކަމެއް ، އޭނާއަކަށް އެއްގޮތަކަށްވެސް ނުވިސްނެއެވެ. އޭނާ އެހުންނަނީ ހަތަރު އުދަރެސް ފެނުޖެހިފައެވެ.

މުރުތަޟާގެ ބަސްތަކަށް ކެތްނުކުރެވިގެން އެތަނުންދާން ނިންމައި ހިނގައިގަތްތަނާ ، ނޫރުގެ އަތުގައި މުރުތަޟާ ހިފެހެއްޓިއެވެ. މުރުތަޟާ ބޭނުންވީ އެރެއިން އެރެޔަށް އެކަން ވަކިގޮތަކަށް ނިންމުމަށެވެ. އެއީ ، އޭނާއަށް ލަސްކުރެވެން އޮތްކަމެއް ނޫނެވެ.

ގެޔަށް ވަންނަން ދޮރޯށްޓާ ދިމާއަށް ޙަފުޞާ މިސްރާބު ޖެހުމާއެކު ، ކުއްލިޔަކަށް ހުށްޓުނެވެ. އަދި މުރުތަޟާ އޭ ކިޔާފައި ގޮވައިލެވުނެވެ. ތަހުނިޔާވެސް ، ޙަފުޞާ ބަލަހައްޓައިގެން ހުރި ދިމާއަށް ބަލައިލިއެވެ.

މުރުތަޟާ ހުރީ ، ނޫރުގެ އަތުގައި ހިފަހައްޓައިގެންނެވެ. މުރުތަޟާ އެ މަސައްކަތްކުރަމުން ގެންދަނީ ، ނޫރު އެތަނުން ދިޔަ ނުދިނުމަށެވެ. ޙަފުޞާ ، ތަހުނިޔާއަށް ގޮވައިލިއެވެ. އަދި އޭނާއާއެކީ އައުމަށް އެންގިއެވެ. ތަހުނިޔާގެ އަތުގައި ހިފައިގެން ، މުރުތަޟާ މެންނާ ދިމާއަށް ޙަފުޞާ ހިނގައިގަތެވެ.

" އެކީގައި ދިރިއުޅެން އަހަރެމެން ނިންމައިގެންތިބި އިރު ، މަރުފަލިޖަހަމުން އަހަރެމެން ހިނގަންވީ ކީއްކުރަން ހެއްޔެވެ ؟ މުރުތަޟާއަށް އެވަރު ނުވިސްނިގެން ތިޔައުޅެނީ ކީއްވެހެއްޔެވެ ؟ " ނޫރު ބުންޏެވެ.

އޭރުވެސް މުރުތަޟާހުރީ ނޫރުގެ އަތުގައި ހިފަހައްޓައިގެންނެވެ. އެވަގުތު ، ނޫރުގެ އަތް މުރުތަޟާގެ އަތާ ދުރުކޮށް ، މުރުތަޟާގެ ކަންކަށިމަތީގައި ޙަފުޞާގެ އަތަށް ނެތްބާރުލާފައި އެތިފަހަރެއް އެޅިއެވެ. މުރުތަޟާ ދިޔައީ ވިއްސައިގެންނެވެ. ލިބުނު ޙައިރާންކަމުގައި އެދެމީހުންގެ ލޯ ، ތަންމިނަށް ބޮޑުވިއެވެ. ކުރިމަތީގައި އެތިބީ ޙަފުޞާއާއި ތަހުނިޔާއެވެ.

ދަތްކުނޑިވިކައިގެންފައި މުރުތަޟާއާ ދިމާއަށް ޙަފުޞާ ، އެއްޗެތި ކިޔައިގަތެވެ. އެންމެން އައިސް އުޅޭ ޕާކެއްގެ ތެރޭގައި ، އެގަޑީގައި މުރުތަޟާއާއި ނޫރުލްޢައިނުއާ ދެމީހުން ބައްދަލުކުރުން އެއީ ، ޙަފުޞާ ހީވެސްކޮށްލާފައި ނެތް ކަމެކެވެ. ދެމީހުންކުރެ މީހެއްގެ ލަދުޙަޔާތުގެ ކަންފުޅެއްވެސް ނެތީއެވެ.

އޭނާއަށް އެކުރެވުނީ ކުށެއްކަމަކަށް މުރުތަޟާއަކަށް އަދިވެސް ޤަބޫލެއް ނުކުރެވުނެވެ. އޭނާއަށް ކުރެވުނީ ކޮން ކުށެއްތޯ މަންމައާ ސުއާލު ކުރިއެވެ. މުރުތަޟާއަށް އެކުރެވުނުކަމެއް ނޭނގުނީތީ ، ޙަފުޞާއަށް ލިބުނު ޙައިރާންކަން ވަކިން ބޮޑުވިއެވެ. މުރުތަޟާއަށް އެ ހުރެވުނީ ، މީހުން އެއްވެ އުޅޭ ތަނެއްގައި ލަސް ގަޑިއެއްގައި ، ހިލޭ އަންހެނެއްގެ އަތުގައި ހިފައިގެން ، އެ އަންހެނާގެ ގޭގެމީހުންގެ ޤަދަރާއި ކަރާމާތަށް ނުވިސްނައި ، ކުރެވޭ ނުކުރެވޭކަމެއްވެސް ނޭނގޭ ޙާލުގައެވެ. އެވަރުންވެސް ، އޭނާއަށް އެކުރެވުނީ ކިހާވަރެއްގެ ކަމެއްކަމެއް ނުވިސްނުނެވެ. މުރުތަޟާގެ މަންމައާއި ދައްތަގެ އަބުރާއި ޢިއްޒަތަށްވެސް އިޙްތިރާމް ކުރާކަށް ނޭނގުނެވެ.

ޙަފުޞާގެ ވާހަކަތައް ނޫރުއަށްވެސް އަމާޒު ކުރިއެވެ. ލަދުޙަޔާތުގެ ކަންފުޅެއްވެސްނެތި ، ރަޙުމަތްތެރިކަމުގެ ނަމުގައި ، މުރުތަޟާ ހައްލާލައިގެން ، މުރުތަޟާއަށް މަގުއޮޅުވާލަމުންދާކަމުގެ އިލްޒާމް ނޫރުގެ ބޮލުގައި އެޅުވިއެވެ. ރަޙުމަތްތެރިކަމުގެ ނާޖާއިޒް ފައިދާ ނަގައިގެން މުރުތަޟާގެ ހިތާކުޅެމުން ، މުރުތަޟާގެ ދިރިއުޅުން ބަރުބާދުވަމުން އެދަނީ ނޫރުގެ ނުފޫޒުގައި ޖެހިގެންނެވެ.

ނޫރުގެ ކަންކަށިމަތީގައިވެސް އެތިފަހަރެއް އެޅުމަށް ޙަފުޞާގެ ހިތަށްއެރިއެވެ. އެހެނަސް ، ނޫރުގެ ކުށެއްނެތް ބައްޕަ ، ވަޞީމަށްޓަކައި ހަމްދަރުދީ އުފެދި އެކަމުން ދުރުވެގަތެވެ. މުރުތަޟާގެ ކަންކަށިމަތީ ޙަފުޞާ އެއެޅި ތަފާލަކީ ، ނޫރުއާވެސް ލައިގެން އެޅި ތަފާލެކެވެ.

މިކަމާބެހޭގޮތުން ، އިތުރަށް ވާހަކަ ދައްކާނީ ގެޔަށްގޮސްކަމުގައި ބުނެ ، މުރުތަޟާ އޭނާއާއެކީ އައުމަށް އަމުރުކުރިއެވެ. މުރުތަޟާގެ އަތުގައި ހިފައިގެން ދަމުން ތަހުނިޔާވެސް އޭނާއާއެކީ އައުމަށް އެންގިއެވެ. އެހެންނަމަވެސް ، އޭނާ ދެން ، އެގެޔަށް ނުދާނެކަމަށް ތަހުނިޔާ ބުންޏެވެ. ނޫރުއާ ދިމާއަށް ލޯއަޅައިގެންހުރެ ، މުރުތަޟާއާއި ތަހުނިޔާއާ ދިމާއަށް ބަލައިލުމަށްފަހު ، މުރުތަޟާގެ އަތުގައި ހިފައި ދަމަމުން ޙަފުޞާ ހިނގައިގަތެވެ.

" ތިޔައީ ހާދަ ހިތްވަރުގަދަ މީހެކެވެ. އަހަރެން މިހުރީ ނޫރުގެ ހިތްވަރުގަދަކަމާމެދު ޢަޖައިބު ވެފައެވެ. އެނގޭ ހެއްޔެވެ ؟ އަހަރެން ގޭގައި އުޅޭއިރުވެސް ، އެއްޗެކޭ ބުނުމުގެ ކުރިން އެބުނެވޭ އެއްޗަކާމެދު ދިހަފަހަރު ، ވިސްނަމެވެ. އެއީ ، ބުނެވޭ އެއްޗަކުން މީހެއްގެ ހިތަށް އުނދަގޫ ވެދާނެތީއެވެ. ނޫރުއަށް ނިކަން ވިސްނައިލަ ބަލާށެވެ ! ޢާންމުން އައިސް އުޅޭތަނެއްގައި މިހާ ލަސް ގަޑިއެއްގައި ތި އެނބުރެނީ އަހަރެންގެ ފިރިމީހާގެ އަތުގައި ހިފައިގެންނެވެ. އެވަރުކަމެއް ކުރަން ކެރޭނީ ހަމަ ، ހިތްވަރުގަދަ އަންހެނަކަށެވެ. ލަދުޙަޔާތްވެސް އަރުއްވައިގެންފައި ހުންނަ މީހަކަށެވެ. ނޫރު ބޭނުންވެގެން ތިއުޅެނީ ކޮންކަމެއް ހެއްޔެވެ ؟ " ތަހުނިޔާ ، ނޫރުއާ ސުއާލުކުރިއެވެ.

ތަހުނިޔާ އެހުރީ ، ނިކަން ކެރިގެން ނޫރުއާ ކުރިމަތިލައިގެންނެވެ. ނޫރުވެސް ، ކުރިޔަށް ހިނގައިގަންނަމުން ހުށްޓިލައި ، ތަހުނިޔާއާ ދިމާއަށް އެނބުރިލިއެވެ. އަދި ، ތަހުނިޔާއާ ގާތަށް ޖެހިލިއެވެ. ތަހުނިޔާ އެހުރީ ނޫރުގެ ލަދުޙަޔާތުގެ މިންވަރު އެނގެން ބޭނުންވެފައެވެ. ނޫރުގެ ލަދެއް ޙަޔާތެއްނެތް މޫނު ދެކެންބޭނުންވާކަމަށް ވަންޏާ ، ގެޔަށްގޮސް މުރުތަޟާގެ މޫނަށް ބަލައިލުމަށް ނޫރު ބުންޏެވެ. މީހެއްގެ މޫނުން އެމީހާގެ ލަދުޙަޔާތް ހުރިމިންވަރު މުރުތަޟާގެ މޫނަށް ބަލައިލުމުން އެނގޭނެއެވެ. އަދި ، ތަހުނިޔާގެ ހިތުގައިވާ ހުރިހާ ސުއާލަކަށްވެސް ، މުރުތަޟާގެ މޫނުން ވަރަށް ރަނގަޅަށް ޖަވާބު ލިބިގެންދާނެއެވެ.

" މުރުތަޟާގެ މޫނުން ، ތިމާގެ ތަޞައްވުރު ފެނުމުގެ އުއްމީދު ، ނޫރުގެ ހިތުގައި ވަރަށް އެބައޮތް ދޯއެވެ ؟ މުރުތަޟާގެ ލޮލުން ، ނޫރުލްޢައިނު ފެނުން އެއީ ، ނޫރު އެންމެ ބޭނުންވާ ކަންތައްކަން އެނގެއެވެ.  މުރުތަޟާގެ ލޮލުގައި އަނދުން އެޅުވުމަކީ ، ނޫރުއަށް ވަރަށް ފަސޭހަކަމަކަށް ވެދާނެއެވެ. އެހެނަސް ، މި ދުނިޔެ މިއޮތީ އަނދިރިކަމެއްގެ ތެރެޔަކު ނޫނެވެ. ލޯކަނު ޙާލަތެއްގައެއް ނޫނެވެ. އަހަރެންނަކީ މުރުތަޟާގެ ޙަލާލު އަނބިމީހާއެވެ. އަހަރެން ބޭނުންކަމަށް ވަންޏާ ، ބޭނުން ކޮންމެ އިރަކުވެސް ، މުރުތަޟާގެ ސަމާލުކަން އަހަރެންގެ މައްޗަށް އަނބުރައި ލެވިދާނެއެވެ. " ނޫރުގެ ލޮލަށް ބަލަހައްޓައިހެން ހުރެ ، ތަހުނިޔާ ބުންޏެވެ.

އެހެންކަމަށް ވަންޏާ ، ތަހުނިޔާ އެކަން ކުރަންވީއެވެ. ތަހުނިޔާ ބޭނުން އިރަކު އެވެ. ކައިވެނި ކުރެވުނީއްސުރެ ، އެކަން ނުކުރެވިގެން އެއުޅެނީ ، ފަހެ ކީއްވެ ހެއްޔެވެ ؟ ނޫރުގެ މަލާމާތުން ، ތަހުނިޔާ ޖެހިލުންވިއެވެ. އެހެންނަމަވެސް ، ހިތްވަރު ކޮށްފައި ނޫރުގެ ކުރިމަތީ ދެރަވާކަށް ތަހުނިޔާ ބޭނުމެއް ނުވެއެވެ. އެހާބޮޑު ޔަޤީންކަމެއް ، ތަހުނިޔާގެ އަމިއްލަ ނަފުސަށް ލިބިގަތް ގޮތަކާމެދު ، ނޫރުހުރީ ޙައިރާން ވެފައެވެ. ތަހުނިޔާއަކީ ކާކުކަމާއި މުރުތަޟާއަކީ ކާކުކަންވެސް ، ނޫރުއަށް ރަނގަޅަށް އެނގެއެވެ. އިރާދިމާއަށް ބަލަހައްޓައިގެންހުރެ ، ލޯމަރައިލިޔަސް ، އިރުގެ ބާރުގަދަ ދޯދިތަކުގެ އިޙްސާސް ކުރެވޭނެއެވެ. ނޫރުގެ ލޯތްބަކީ އެފަދަ ބާރުގަދަ އިރެކެވެ. މުރުތަޟާ ކިތަންމެ ގިނައިރު ލޯ މަރައިގެން ހުއްޓަސް ، ނޫރުގެ ލޯބީގެ އިޙްސާސް މުރުތަޟާގެ ހިތަކުން ފިލައިގެންނެއް ނުދާނެއެވެ. މުރުތަޟާގެ ލޮލަށް އެއިރެއް ނުއޮއްސޭނެއެވެ. އެކަން ތަހުނިޔާ ، ހަނދާން ކުރަން ޖެހޭނެއެވެ.

ނޫރު ބުނަންހުރި ވާހަކަތައް ބުނުމަށްފަހު ، އެތަނުން ދުރަށް ދިއުމަށް ހިނގައިގަތެވެ. ތަހުނިޔާގެ ހިތުގައި އުފެދުނު ބިރުވެރިކަމާއި ހާސްކަން ، އޭނާގެ ލޮލުންނާއި މޫނުމަތިން ފާޅުވާން ހުށްޓެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.