ފަލްސަފާ (52)

( 4 ފެބުރުއަރީ 2024 ގައި ޝާއިޢުކުރި ބަޔާ ގުޅޭ )

އެދެމަފިރިންގެ އަމިއްލަ ދިރިއުޅުމުގެ ކަންތައްތައް އެހެންމީހުންނަށް އަންގައި ، މުރުތަޟާ ބޭޒާރުކުރަމުން ގެންދާތީ ، މުރުތަޟާ ހުރީ ތަހުނިޔާދެކެ ، ހިތްހަމަ ނުޖެހިފައެވެ. އެންމެފަހުން ނޫރުއާ ބައްދަލުވި ފަހަރުވެސް ، ނޫރު އެހުރީ މުރުތަޟާއާ ދެއަނތްބަށް އިނުމަށްވެސް ތައްޔާރަށްކަމުގައި ބުނެފައި ވެއެވެ. އެކަން ، މުރުތަޟާ ޤަބޫލު ނުކުރީއެވެ. އެކަމަށް އެއްބަސް ނުވެވުނީ ، ތަހުނިޔާއާއެކު ކުރެވިފައިވާ އޭނާގެ ކައިވެނި ދަމަހައްޓައި ، ތަހުނިޔާއާއެކު އޭނާގެ ދިރިއުޅުން އާބާދުކުރުމަށް މުރުތަޟާ ވިސްނާތީއެވެ. މުރުތަޟާ މަސައްކަތްކުރަމުން އެގެންދަނީ ، މަޑުމަޑުންގޮސް ނޫރުއާ ދުރުވުމަށެވެ. އެކަން ކުރުމަށް އޭނާ ވަގުތުކޮޅެއް ބޭނުން ވެއެވެ. އެއިން އެއްވެސްކަމެއް ތަހުނިޔާއަށް ނުވިސްނޭ ތާނގައި ، އޭނާގެ މަންމައާއި ދައްތަޔަކަށްވެސް ނުވިސްނެއެވެ.

ޙަޤީޤަތުގައި ، މުރުތަޟާ އެބުނިގޮތަށް ، މުރުތަޟާއާއި ތަހުނިޔާގެ އެއްވެސްކަމެއް ، ތަހުނިޔާ ބޭޒާރެއް ނުކުރެއެވެ. ބޭޒާރުވަމުން އެދަނީ ، މުރުތަޟާއާއި ނޫރުލްޢައިނުގެ ކަންކަމެވެ. އެއީ ، ތަހުނިޔާ ކުރާކަމެއްނޫނެވެ. މުރުތަޟާ އަމިއްލަޔަށް ކުރާ ކަމެކެވެ.

އެންމެންވެސް ބަލަމުން އެގެންދަނީ ފައިސާފޮތީގެ އެއްފަރާތަށެވެ. އަނެއްފަރާތް އޮތްގޮތެއް ބަލާކަށް ޚުދު ، ތަހުނިޔާވެސް ބޭނުމެއް ނުވެއެވެ. މުރުތަޟާ ބޭނުންކަމަށްވަންޏާ ، އެފައިސާފޮތީގެ ދެންއޮތް ފުށަށް ބަލައިގެން ، މުރުތަޟާ ކުރަންވީކަމެއް ކުރަންވީއެވެ. ތަހުނިޔާ އެހުރީ ، އެފުށް ބަލާކަށް ނޫނެވެ. ދެމީހުންގެ މެދުގައި އުފެދިފައިވާ ހަމަނުޖެހުމުގެ ބަހުސް ކުރަންޖެހޭނީ އެމީހުންގެ ނިދާކޮޓަރީގައެވެ. މުރުތަޟާ އެގެޔަށް އެއައީ ، އެކަން ކުރުމަށްޓަކައި ، ތަހުނިޔާ އެގެޔަށް ގެންދިއުމަށްޓަކައެވެ.

ވާހަކަ ދައްކައި ބަހުސްކުރާކަށް ތަހުނިޔާ ބޭނުމެއް ނުވެއެވެ. ތަހުނިޔާ ބޭނުންވަނީ އެކަން ވަކިގޮތަކަށް ނިންމުމެވެ. ތަހުނިޔާ ވިއްޔާ ތަހުނިޔާއެވެ. ނޫރުލްޢައިނުކަމަށް ވަންޏާ ނޫރުލްޢައިނެވެ. ނޫރުލްޢައިނާއި މުރުތަޟާ ބައްދަލުކޮށްގެން ނުވާނެއެވެ. އޮފީހުންވެސް އަދި އެހެންތާކުންވެސް ދެމީހުން ބައްދަލުވެ ވާހަކަ ދައްކައިގެން ނުވާނެއެވެ. ފޯނުކޮށްގެންވެސް ނުވާނެއެވެ. ދާމަގެއްގެމަތިން ދިމާވިޔަސް ، ވާހަކަ ދައްކައިގެން ނުވާނެއެވެ. އެއީ ތަހުނިޔާ ބޭނުންވާ ނިންމުމެވެ. މުރުތަޟާގެ ފިރިހެންކަމެއް ހުރިއްޔާ އެކަމަށް ގޮތެއް ނިންމަންވީއެވެ.

ތަހުނިޔާ އެހާބޮޑަށް ނޫރުލްޢައިނާމެދު ނަފުރަތުކުރަންފެށީ ކީއްވެގެންކަމެއް މުރުތަޟާއަކަށް ނޭނގުނެވެ. ނޫރުއާ ދުރުގައި ހުރުމަށް މަންމައާއި އޭނާވެސް ކުރިން ބާރު އެޅިއެވެ. ތަހުނިޔާ އިސްކުރީ ރަޙުމަތްތެރިކަމެވެ. ނޫރުއާއި އޭނާއާ ދެމެދު އުފެދިފައި އޮތް ރަޙުމަތްތެރިކަން ދުރުކުރާކަށް ތަހުނިޔާ ، އޭރު ބޭނުމެއް ނުވިއެވެ. މިހާރު އެބުނަނީ ، ހަމަ އެ ނޫރުލްޢައިނާ ދިމާއަށް ބަލައިލައިގެންވެސް ނުވާނެ ވާހަކައެވެ. އެއީ ކޮންކަހަލަ ރަޙުމަތެރިކަމެއް ހެއްޔެވެ ؟

މުރުތަޟާއާއި ނޫރުލްޢައިނާ ދިމާވިޔަސް ، ތަހުނިޔާއަށް އެކަމުން އަސަރުކުރަންވީ އެއްވެސް ސަބަބެއް މުރުތަޟާއަކަށް ނޭނގެއެވެ. މުރުތަޟާއަކީ ތަހުނިޔާގެ ޙައްޤެކެވެ. ނޫރުލްޢައިނަކަށް ، އެ ޙައްޤު ނިގުޅައެއް ނުގަނެވޭނެއެވެ. މުރުތަޟާއަށް އޭނާ އިތުބާރުކުރަން ޖެހޭނެއެވެ. އެކަމަކު ، މުރުތަޟާއަށް ، ތަހުނިޔާ އިތުބާރުކުރާނީ ކިހިނެއް ހެއްޔެވެ ؟ މުރުތަޟާގެ އަނތްބަކަށްވެހުރެ ، އެހެން ފިރިހެނަކާ ، އެކިތަންތަނުން ތަހުނިޔާ ބައްދަލުކުރަމުން ގެންދާނަމަ ، މުރުތަޟާ ބުނާނީ ހަމަ ، އެހެންބާވައެވެ. މުރުތަޟާ އެވިސްނާ ނަޒަރުން ، ތަހުނިޔާއާމެދު ، މުރުތަޟާއަށް ބެލިދާނެ ބާވައެވެ.

ތަހުނިޔާ ބޭނުންވަނީ ، މުރުތަޟާއަކީ ހަމައެކަނި ތަހުނިޔާގެ ޙައްޤަކަށް ވުމަށެވެ. އޭނާ ހިތްހަމަ ނުޖެހިގެން އެއުޅެނީ ، އެޙައްޤު ގެއްލޭތީއެވެ. އެހެނަސް ، ފަހުން އެވަޢުދެއްގެ މަތީގައި އޭނާއަށް ދެމިހުރެ ، ފުއްދެން ނެތް ވަޢުދެއް ވާކަށް މުރުތަޟާ ބޭނުމެއްނޫނެވެ. ހަމައެއާއެކު ، ހުރިހާކަމެއްވެސް ވާނީ ތަހުނިޔާ ބޭނުންވާ ގޮތަށް ކަން ތަހުނިޔާއަށް ޔަޤީންކޮށްދިނުމަށް މުރުތަޟާ ބޭނުން ވެއެވެ. ދުރުރާސްތާއަށް ދަތުރު ކުރެވެނީ ، ފަހަރަކު ފިޔަވަޅެއް އަޅައިގެންނެވެ. ފުންމައިގެންގޮސް ، ލޮލުކޮޅަށް ފެންނަ ހިސާބަށް އެއްފިޔަވަޅަކުން ނުދެވޭނެއެވެ. މުރުތަޟާ ބޭނުންވަނީ ، އޭނާގެ އަތުގައި ތަހުނިޔާ ހިފައި ، އޭނާގެ އަތްދޫކޮށްނުލައި ، އޭނާއާއެކީ އެމަގުން ދަތުރު ކުރުމަށެވެ.

އޭނާ އެހުރިތަނުން ، އެމަގުންދާން އެންމެ ފިޔަވަޅެއްވެސް ، އިތުރަށް އަޅާކަށް ތަހުނިޔާ ބޭނުމެއްނޫނެވެ. ތަހުނިޔާ އެހުރީ އޭނާގެ އެންމެ ފަހުގެ ނިންމުން ނިންމައިގެންނެވެ.

" މުރުތަޟާއަށް ޖެހޭނީ ، ނޫރުލްޢައިނާ މުރުތަޟާއާ ދެމެދު އޮތްގުޅުން ކަނޑައިލިކަން އެންމެންގެ ކުރިމަތީ އިޢުލާންކޮށް ، ނޫރުލްޢައިނާ ވަކިވާށެވެ. އެހެން ނޫނީ .................. " ތަހުނިޔާގެ ވާހަކަ އެހިސާބުން މެދުކެނޑުނެވެ.

ތަހުނިޔާގެ ޖުމްލަ ފުރިހަމަކުރުމަށް މުރުތަޟާ އެދުނެވެ. އެހެންނޫނީ ވާނީ ކިހިނެއްކަންވެސް އޭނާއަށް އެނގެން ، މުސްތަފާ ބޭނުންވިއެވެ.

ހުއްޓުން އަރާފައި ހުރުމަށްފަހު ، ތަހުނިޔާގެ ވާހަކަ ފުރިހަމަ ކުރިއެވެ. އެހެންނޫނީ ، މުރުތަޟާއަށް ޖެހޭނީ ތަހުނިޔާ ދޫކޮށްލާށެވެ. ބަތްތަށްޓެއްގެ އެއްބައި ކާކަށް ތަހުނިޔާ ބޭނުމެއް ނޫނެވެ. އެކަމުގައި ގޮތެއް ނިންމާނީ މުރުތަޟާއެވެ. ކޮންމެ ގޮތަކަށް މުރުތަޟާ ނިންމިޔަސް ، ތަހުނިޔާގެ އެއްވެސް މައްސަލައެއް ނެތެވެ. މުރުތަޟާއާވެސް އަދި ނޫރުލްޢައިނާވެސް ދުރުވުމަކީ ، ތަހުނިޔާއަށް އެހާ އުނދަގޫ ކަމެއްނޫނެވެ. އެއީ ތަހުނިޔާގެ އެންމެ ފަހުގެ ނިންމުމެވެ.

ތަހުނިޔާގެ އެންމެ ފަހު ނިންމުމާ ގުޅިގެން ، އެގޭގައި އިތުރަށް ހުންނާކަށް ، މުރުތަޟާ ގަސްތެއް ނުކުރިއެވެ. ކުޑައިރުކޮޅަކު ، ތަހުނިޔާއާ ދިމާއަށް ބަލަހައްޓައިގެން ހުރުމަށްފަހު ، ބާރަށް ހިނގާފައިގޮސް އެގެއިން ނުކުތެވެ.

ސާޖިދާއަށް ތިރީބުރިޔަށް އާދެވުނީ މުރުތަޟާ ދިޔަފަހުންނެވެ. މުރުތަޟާއައީ ތަހުނިޔާ ބަލައިކަން ސާޖިދާއަށް އެނގެއެވެ. އެކަމަކު ، އެދިޔައީ ، ތަހުނިޔާ ނުލައެވެ. އެކަމާ ސާޖިދާ ވަރަށް ކަންބޮޑުވިއެވެ. ތަހުނިޔާވެސް ، ހިސާބަށްވުރެ ބޯ ހަރީއެވެ. ސާޖިދާ ބުނާ އެއްވެސްގޮތެއް ނުހަދައެވެ. ބައްޕަޔާމެދުވެސް ތަހުނިޔާ ވިސްނައެއް ނުލައެވެ. އެވެގެންއުޅޭގޮތެއް ، ތަހުނިޔާޣެ ބައްޕަ ޢާޞިފަށް އެނގިއްޖިއްޔާ ހިތް ހުއްޓިގެން މަރުވެދާނެއެވެ. އެއީ ހިތުގެ ބަލިމީހެކެވެ.  އެކަމާ ސާޖިދާ އެތިވަރުގޮވަން ފެށީމަ ތަހުނިޔާވެސް އެތަނުން ދުރަށް ދާން ހިނގައިގަތެވެ.

******************************

ބައްޕަގެ އެދުމަށް ، ރައިދާގެ މަސައްކަތުން ނޫރުއާ ކައިވެނިކުރުމަށް ހޯދައިދިން މީހަކާމެދު ، އަދިވެސް ނޫރުހުރީ ގޮތެއް ނުނިންމައެވެ. އެއީ ނޫރުއަށް އެހާ ފަސޭހަކަމެއްނޫނެވެ. މީހަކާ އިންނާކަށް ނޫރު ، އެއްގޮތަކަށްވެސް ބޭނުމެއް ނޫނެވެ. އެއީ ކޮންމެ މީހެއްކަމަށްވިޔަސް ، މައްސަލަޔަކީ މީހާއެއްނޫނެވެ. މީހަކާ އިންނަން ބޭނުން ނުވުމެވެ. ނޫރުކުރަންވެފައި ، އެތައްކަމެއް އަދި އެބަހުއްޓެވެ. އެއީ ކައިވެނީގެ ފަހުންވެސް ކުރެވިދާނެ ކަންތައްތަކެއްކަމަށް ބައްޕަ ވިސްނައިދިނަސް ، އެކަން ނޫރުއަކަށް ޤަބޫލެއް ނުކުރެވެއެވެ. ކޮންމެ ދުވަހަކު ތަކުރާރުކޮށް ، ނޫރުގާތު އެވާހަކަ ދެއްކުމަކީ ވަޞީމު މެންނަކަށްވެސް އެހާ ފަސޭހަކަމެއްނޫނެވެ. އެކަން ނޫރުއަށްވެސް ވިސްނެން ޖެހޭނެއެވެ. ނޫރުގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން ނިންމުމުގެ ފުރިހަމަ ޙައްޤު ނޫރުއަށް ލިބިގެންވެއެވެ. އެޙައްޤު ނިގުޅައިގަންނާކަށވަޟީމުވެސް ބޭނުމެއް ނޫނެވެ. އެކަމަކު ، ކޮންމެ ކަމަކަށްވެސް ވަގުތެއް ކަނޑައެޅެން ޖެހޭނެއެވެ. ދިރިއުޅުމުގެ އެކި ހަރުފަތްތަކާއި އަމާޒުތައް ތާވަލް ކުރެވެން ވާނެއެވެ. އެހެންނޫނީ ވަކި މިސްރާބަކަށް ދަތުރުކުރަން އުނދަގޫ ވާނެއެވެ.

ކަންކަން ކޮންޓްރޯލް ނުކުރެވި ، ގޭތެރެއިން ނުކުމެ ، މުޅިރަށުގައި ޢާންމު ވެއްޖެއެވެ. އިތުރަށް ފަޟީޙަތްވުމުގެ ކުރިން ، ނޫރު ، ވަކިގޮތެއް ނިންމަން އެބަޖެހެއެވެ.

އެންމެ ފުރަތަމަ ދުވަހުންފެށިގެންވެސް ، އޭނާގެ ބައްޕައާއި ބޭބެމެންގެ ކިބައިން ނޫރު އެދެމުންދިޔައީ އެންމެ ކަމަކަށެވެ. ކައިވެނީގެ ކަންތަކުގައި އޭނާގެ މައްޗަށް ނުފޫޒެއް ހިންގަން ނޫޅުމަށެވެ. އޭނާގެ އަމިއްލަ ދިރިއުޅުން ، އޭނާ ބޭނުންވާ ގޮތަކަށް ބަށްޓަން ކުރުމަށް ދޫކޮށްލަ ދިނުމަށެވެ.

ބޭބެ ، ހާރިސްވެސް ނޫރުގެ މައްޗަށް އެއްވެސް ނުފޫޒެއް ފޯރުވާކަށް ބޭނުމެއް ނުވެއެވެ. އެމީހުންގެ ބޭނުމަކީ ، އެކަމާމެދު ނޫރުވެސް ވިސްނައި ލުމެވެ. ނޫރުއަށްޓަކައި އެމީހުން ހޯދާފައި އެވަނީ އާދައިގެ މީހެއްނޫނެވެ. އެއީ ޢާރިފް ގްރޫޕް އޮފް ކޮމްޕެނީޒްގެ ޗީފް ފައިނޭންޝަލް އޮފިސަރެވެ. ނޫރުއާ އެއް ޢުމުރެއްގެ ، ހަރުދަނާ ޒުވާނެކެވެ.  އެހާ ޅަޢުމުރެއްގައި އެހާމަތީ މަޤާމެއް ޙާޞިލްވުމަކީ ، ކޮންމެ ކޮންމެ މީހަކަށް ލިބޭނެ ނަސީބެއްނޫނެވެ. އެއީ އޭނާގެ ޤާބިލިއްޔަތާއި ހިތްވަރުން ހޯދާފައިވާ ކާމިޔާބީއެކެވެ. އޭނާއާ ބައްދަލުކޮށްލުމުން ، ނޫރުގެ ގައިންބައެއް އުނިވާނީކީ ނޫނެވެ. އެކަމަކުވެސް ، ކައިވެނީގެ ބަހަނާގައި އެއްވެސްމީހަކާ ، ބައްދަލުކުރާކަށް ނޫރު ބޭނުމެއްނޫނެވެ.

ބައްޕައާއި ބޭބެގެ ވާހަކަތައް އަޑުއަހާފައި ނޫރުގާތަށް ރުޅިއައެވެ. ކައިވެންޏެއްކުރަން އޭނާ ބޭނުންނުވާކަން ހާމަކުރިއެވެ. އެހާވަރަށް ނޫރު އެކަމާ ދެކޮޅު ހަދަމުން ގެންދާއިރުވެސް ، ގޭގެ އެއްވެސް މީހަކަށް އެކަން ނުވިސްނިގެން އެއުޅެނީ ކީއްވެގެން ހެއްޔެވެ ؟

ނޫރުއަށް އެއްޗެއް ވިސްނައިދޭން މަސައްކަތްކުރުމުގެ ބޭނުމެއް އޮތްކަމަކަށް ، ހާރިސްއަކަށް ނުފެނެއެވެ. ބައްޕަވެސް ، ވަގުތު ނަގައިލުމަށް ނޫރުގާތު އެކަމާބެހޭ އެއްވެސް ވާހަކައެއް ނުދެއްކުމަށް ހާރިސް އެދުނެވެ.

" ނޫރު އެއުޅެނީ ، ކައިވެންޏެއްކުރަން ބޭނުން ނުވެގެންނެއް ނޫނެވެ. އަހަރެންނަށް ވިސްނޭ ގޮތުގައި ، ނޫރުއެއުޅެނީ މުރުތަޟާގެ މަތިން ހަނދާން ނައްތައި ނުލެވިގެންނެވެ. މުރުތަޟާ ނޫން އެހެންމީހަކާ އިންނާކަށް ނޫރު ބޭނުމެއް ނޫނެވެ. މީހުންނަށް ނުވިސްނެނީ ކީއްވެ ހެއްޔެވެ ؟ ނޫރުއަށް އެއުޅެނީ ، މުރުތަޟާގެ ހަނދާންތަކާ ދުރަށްދާން އުނދަގޫ ވެގެންނެވެ. އެއީ ނޫރުއަށް ކުރެވޭނެކަމެއްނޫނެވެ. ކަލޭމެން އެކަކަށްވެސް އެކަން އިޙްސާސެއް ނުވޭނޫންހެއްޔެވެ ؟ " އެތަނުން ނޫރު ދިއުމާއެކު ، ރައިދާ ބުންޏެވެ.

******************************

ތަހުނިޔާއާ ދިމާއަށް އެތިވަރުގޮވައިގެންފައި ، އެގެއިން ނުކުމެގެން ، އޭނާގެ ގެޔަށްދާކަށް މުރުތަޟާއަކަށް ނުކެރުނެވެ. އެކަމުގައި މަންމައާ ކުރިމަތިލާނެހާ ހިތްވަރެއް އޭނާގެ ނެތެވެ. ކުރިމަތީ އޮތް ޕާކުގައިހުރި ގޮނޑިއެއްގައި ޖައްސާލައިގެން މުރުތަޟާ އިނެވެ. ރޭގަނޑުގެ ލަސްގަޑިއެއްވީމަ ، އެތާނގައި އެއްވެސް މީހަކު ނެތެވެ. މުޅިތަނަށް ވެރިވެފައިއޮތީ ހަމަހިމޭންކަމެވެ. ފަނިފަކުސަ ގޮވައިލާ އަޑުނޫންއެހެން އަޑެއް ނީވެއެވެ. އެއީވެސް ބައެއްފަހަރަށް ހިތަށް ތަސައްލީއެއްލިބޭފަދަ އަޑެކެވެ.

ކުއްލިޔަކަށް ކުރިމަތީ އޮތް މަގުން އެ ނުކުތީ ނޫރުއެވެ. ބޮލުގެ އިސްތަށިގަނޑު ރަނގަޅުކުރަމުން އިސްއުފުލާލައި ބަލައިލިއިރު ، ނޫރުއަށް ފެނުނީ އެތަނުގައި އެކަނިވެރިވެފައި އިން މުރުތަޟާއެވެ. މުރުތަޟާގެ މޫނަށް ބަލައިލި ކޮންމެ މީހަކަށްވެސް ، އޭނާގެ މޫނުމަތީގައިވާ ހާސްކަން އިޙްސާސްވާނެއެވެ.

" ދަތި އުނދަގޫ ޙާލަތްތަކުގައިވެސް ، އުފާވެރި އިއްތިފާޤުތަކުގެ ނަސީބު މިންވަރު ކުރައްވާނެއެވެ. " ނޫރު ބުންޏެވެ.

ފަހަތުން މީހަކު ވާހަކަ ދެއްކި އަޑަށް ، ސިއްސައިގެންގޮސް ، މުރުތަޟާއަށް ބަލައިލެވުނުއިރު ، އެއީ ނޫރުއެވެ. ދެމީހުންވެސް ތިބީ އެއްޙާލަތެއްގައެވެ. ދެމީހުންގެ މޫނުމަތިންވެސް ފެންނަނީ ، މޮޅިވެރިކަމާއި ކަންބޮޑުވުމެވެ. މަޑުމަޑުން ހިނގާލާފައި އައިސް މުރުތަޟާ އިށީނދެއިން އަށްޓާ ، ނޫރު ކައިރިވެލިއެވެ. މުރުތަޟާވެސް އެއިނީ ، ގޭގައި ޒުވާބުކޮށްފައި އައިސް ހިތަށް ތަސައްލީއެއް ހޯދުމަށް އެކަނިވެލައިގެންނެވެ. ނޫރުވެސް އެ ޕާކަށް އެއައީ ހަމަ އެބޭނުމުގައެވެ.

ބައެއްފަހަރަށް ، އުފާވެރި ބައްދަލުވުންތައް ، އެއީ ސިއްރު ބައްދަލުވުމަށް ވެއްޖިއްޔާ އިއްތިފާޤެއްގެ ރަހަމީރެއް ނުލިބޭނެއެވެ. އިތުރު ވޭނާއި ތަކުލީފުނޫން އެއްޗެއް ، އެފަދަ ބައްދަލުވުމަކުން ޙާޞިލެއް ނުވާނެއެވެ. އިޙްސާސާއި ބައްދަލުވުން އެއީ ދެމީހެއްގެ ދެމެދުގައި ހިނގާ އެއްޗެކެވެ. އެފަދަ އިއްތިފާޤީ ބައްދަލުވުމެއްގެ ނިޔަތާއި މަޤްޞަދު ، ނުބައިގޮތުގައި ނެގުމުގެ ޙައްޤެއް އެއްވެސްމީހަކަށް ލިބިގެންނެއް ނުވެއެވެ.

އެދެމީހުންގެ މެދުގައި ހިނގަމުންއެދާ ކަންކަމުގެ ޙަޤީޤަތް ނޫރުއަކަށް ޤަބޫލެއް ނުކުރެވެއެވެ. ނުވަތަ ޤަބޫލުކުރާކަށް ބޭނުމެއް ނުވެއެވެ. ނޫރުއަށް އެނގޭ ޙަޤީޤަތަކީ ، އިއްތިފާޤަކުންވެސް އަދި ރާވައިގެންކަމަށް ވިޔަސް ، މުރުތަޟާއާ ބައްދަލުވުމަކީ ، އޭނާގެ ހިތަށް ހަމަޖެހުމާއި އުފާވެރިކަންލިބޭ ކަމެއްކަމެވެ. އެ އުފާވެރިކަން އޭނާގެ އަމިއްލަ ނަފުސަށް ނުދޭންވީ ސަބަބެއް ނެތެވެ. އެއީ އެހެންމީހުންނާ ބެހޭކަމެއްނޫނެވެ. މުރުތަޟާއަށް އެއްވެސް ކަމަކަށް މަޖުބޫރުކުރުވާކަށް ނޫރު ބޭނުމެއް ނޫނެވެ. އެހެނަސް ، ތަޤްދީރުގައި އެދެމީހުން އެއްތަންކުރުވަމުން ދިއުމަކީ ، އޭނާގެ ހިތުގެ އެންމެ ހިމަނާރާހަމަޔަށް އޭގެ ފޮނި އަސަރު ފޯރާ ކަމެކެވެ. (ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.