ޕާކިސްތާނުގެ ވަރަށް ގިނަ ބަޔަކު ދެރަވަނީ، ކަންބޮޑުވަނީ، ދަރަނިވެރިވެފައިވާ ގައުމެއްގެ ފަންސާސް ބިލިއަން ރުފިޔާ ގާނޫނުއަސާސީއާއި ޑިމޮކްރަސީ ގާއިމުކުރުމުގެ ނަމުގައި އިންސާފެއް ނެތް އިންތިޚާބަކަށް ބޭކާރު ގޮތުގައި ހޭދަކުރާއިރު، ގައުމުގައި ހުރިހާ ކަމެއް ހިނގަމުންދަނީ ޑިމޮކްރަސީއާއި ގާނޫނުއަސާސީއާއި ގާނޫނާ އެއްވެސް ގުޅުމެއް ނެތް ކަމެއްގެ ގޮތުގައިކަން ގައުމުގެ އެތައް މިލިއަން ބަޔަކަށް އެނގޭތީއެވެ.
ޕާކިސްތާނުގައި 2023ގެ މޭ މަހުގެ 9 ވަނަ ދުވަހު ގައުމުގެ ސަލާމަތީ ބާރުތަކާ ދެކޮޅަށް ރައްޔިތުން ދިން ހަމަލާތަކާ ވަރަށް ގިނަ ބަޔަކު ދެކޮޅެވެ. ރައްޔިތުން ބޭނުން ވަނީ އެ ހަމަލާތައް ރާވައި ހިންގި މީހުންނާ ދެކޮޅަށް ހަމަލާތަކުގައި ބައިވެރިވި މީހުންނަށް ހައްގު އަދަބު ދިނުމަށެވެ. އެކަމަކު އެ ހިތާމަވެރި އަދި ގެއްލުން ބޮޑު ހާދިސާ ހިނގީ ކީއްވެގެންތޯ ވެސް ބަލަން ޖެހެއެވެ.
މޭ 9ގެ ހާދިސާގައި ބައިވެރިވި ގިނަ މީހުންނަކީ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ސިޔާސީ ޕާޓީ ތަޙްރީކް އިންސާފް ޕާޓީ (ޕީޓީއައި)ގެ މީހުންނަށް ވާތީ އެ މީހުންނަށް އިންތިޚާބުގައި ބައިވެރިވުމުގެ ހުއްދަ ނުދިން ނަމަވެސް މުޅި ޕާޓީއަށް އިންތިޚާބުގައި ވާދަ ނުކުރެވޭ ގޮތް ހަދައި ޕާޓީ އިންތިޚާބުން ވަކިކުރުމަކީ އިންސާފެއް ހެއްޔެވެ؟ އެކަން އެގޮތަށް ކުރުމުގެ ހައްގު ޕާކިސްތާނުގެ އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވޭ ހެއްޔެވެ؟ އެއީ ސިޔާސީ، ގާނޫނީ އަދި އަޚްލާޤީ މިންގަނޑުން ބަލާއިރު ވަރަށް ބޮޑު އަނިޔާއެކެވެ. ޕާކިސްތާނުގެ ވަރަށް ގިނަ ބަޔަކު ދެކޭ ގޮތުގައި އެއީ އިންސާފު ކަތިލައި ޑިމޮކްރަސީ ވަޅުލުން ފަދަ ކަމެކެވެ.
ޕީޓީއައިގެ ކެންޑިޑޭޓުންނަށް ޕާޓީއާ ނުގުޅި މިނިވަން ކެންޑިޑޭޓުންގެ ހައިސިއްޔަތުން އިންތިހާބުގައި ވާދަކުރުމުގައި ވެސް ދަތިތަކާއި ހުރަސްތަކެއް ވަނީ ކުރިމަތިކޮށްފައެވެ. ޕާކިސްތާނުގައި ބާރުގަދަ އިލެކްޝަން ކޮމިޝަނަށް ކުރެވޭނެ ނަމަ، ޕީޓީއައިއާ ގުޅުމެއް އޮތް މީހެއްގެ ދުރުތާ ތިމާގެ މީހަކަށް އަދި ޕީޓީއައިގެ މީހަކާ ރައްޓެހިކަމަށް ބެލެވޭ މީހެއްގެ ދުރުތާ ރައްޓެއްސަކަށް ވެސް އިންތިޚާބުގައި ވާދަ ނުކުރެވޭނެ ގޮތް ހެދީހެވެ.
ޕީޓީއައިގެ ބާނީ ޢިމްރާނަށާއި ޢިމްރާންގެ ކެބިނެޓްގައި ހިމެނިވަޑައިގަތް ބޭފުޅުންނަށާއި ސަރުކާރުގައި އިސްމަގާމުތައް އަދާކުރެއްވި ބޭފުޅުންނަށާއި ޕާޓީގެ އިސް ބޭފުޅުންނަށް އިންތިޚާބުގައި ބައިވެރިވަޑައިގަތުމުގެ ހައްގެއްނެތެވެ.
ޕާކިސްތާނުގެ ޓީވީ ޗެނަލްތަކުން ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފާއި އޭނާގެ ދަރިކަނބަލުން މަރިޔަމް ނަވާޒާއި، ޕާކިސްތާން ޕީޕަލްސް ޕާޓީގެ ރައީސް ޒަރުދާރީއާއި އޭނާގެ ދަރިކަލުން ބިލާވާލް ފަދަ ބޭބޭފުޅުންގެ ތަގުރީރުތަކާއި އިންޓަވިއުތައް މެދުކެނޑުމެއްނެތި ފޮނުވަމުންދާއިރު ގައުމުގައި ހުންނެވި އެންމެ މަގުބޫލު ލީޑަރ ޢިމްރާން ޚާންގެ ފޮޓޯގަނޑެއްހާ މިންވަރުވެސް ފެންނަ ގޮތެއް ނުވެއެވެ. އަދި ޕީޓީއައިގެ މެމްބަރުންނަށް ޕާކިސްތާނުގެ ގޯޅިގަނޑެއްގައި ވެސް ސިޔާސީ ބައްދަލުވުމެއް ބޭއްވުމުގެ ހުއްދައެއް ނުލިބެއެވެ. ޕީޓީއަކީ، މުޅި ޕާޓީއަކީ ދައުލަތާ ދެކޮޅު ޕާޓީއެއްގެ ގޮތުގައި ބަލައި ޕާޓީ ރަސްމީގޮތުން މަނާ ނުކޮށް އެކަމަކު ހުރިހާ ކަމެއް ޕާޓީއަށް މަނާކުރެވިފައިވާ ކަހަލައެވެ.
ގާނޫނުއަސާސީއާއި ގާނޫނުގެ ނަޒަރުގައި ޕީޓީއައިއަކީ ޕާޓީގެ އެތެރޭގައި އިންތިޚާބު ބާއްވާފައި ނުވާ ޕާޓީއެއް ކަމަށް ބުނެ ސިޔާސީ ޕާޓީއެއްގެ ގޮތުގައި އިންތިޚާބުގައި ވާދަ ނުކުރެވޭނޭ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ. އެ ޕާޓީގެ ލީޑަރު ޢިމްރާން ޚާނާއި އިލެކްޝަން ކޮމިޝަނާ ދެމެދު ފެށުނު ހަނގުރާމައިގައި ކޮމިޝަނުން ޕާޓީއަށް ދަތިކުރުމުގެ އެތައް ފިޔަވަޅެއް އަޅާފައި ވެއެވެ. އެކަމަކު ބައެއް މައްސަލަތައް ކޯޓުތަކުން ޕީޓީއައި ކޮޅަށް ނިންމާފައިވެއެވެ.
ސުޕްރީމް ކޯޓުގެ ނިންމުމަށް ފަހު ޕީޓީއައިގެ ކެންޑިޑޭޓުން މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި އިންތިޚާބުގައި ބައިވެރިވާ ނަމަވެސް މިހާރު އެމީހުންނާ ބެހޭ ގޮތުން ބުނަމުންދަނީ އިންތިޚާބު ކާމިޔާބުކުރި ކަމަށް ވިޔަސް އެ މީހުންނަށް ޕީޓީއައި ތަމްސީލު ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.
ޕީޕީޕީގެ ރައީސް ޒަރުދާރީއާއި މުސްލިމް ލީގް ނޫނުގެ ލީޑަރު ނަވާޒު ޝަރީފަކީ ޕާކިސްތާނުގައި އުފެދުނު އެންމެ "ވަގު" ދެ ސިޔާސީ ލީޑަރުންކަމަށް ޕާކިސްތާނުގެ އެތައް މިލިއަން ބަޔަކު ގަބޫލުކުރެއެވެ. ނަމަވެސް އެ ދެ ޕާޓީއާއި އަދި އެހެން ޕާޓީތައް ގުޅިގެން ވަނީ އިމްރާން ޚާންގެ ސަރުކާރު ވައްޓާލާފައެވެ. އަދި ޢިމްރާން ޚާނުގެ މައްޗަށް އެތައް ދައުވާއެއްކޮށް އޭނާ ނޮޅާލައި ދިގުމުއްދަތަކަށް ވަނީ ޖަލަށް ލެވިފައެވެ.
ޕާކިސްތާނުގެ އެތައް މިލިއަން ބަޔަކު ގަބޫލުކުރާ ގޮތުގައި މި ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު ބާއްވާ އިންތިޚާބަކީ ގާނޫނަށާއި ގާނޫނުއަސާސީއަށާއި ދުނިޔެއަށާއި ރައްޔިތުންނަށް އޮޅުވާލުމަށް އަދި ގައުމުގައި ތިބި ވަގުންނަށް ބާރު ހޯދުމުގެ ބޭނުމުގައި ބާއްވާ އިންތިޚާބެކެވެ. އެ އިންތިޚާބާ ގުޅިގެން ޕާކިސްތާނަށް ހަމަޖެހުމެއް ނުލިބި ގައުމު ފިތުނައިގެ ކަނޑަކަށް ޣަރަގުވެގެންދާނެކަމުގެ ބިރު ބޮޑެވެ.