ފަލްސަފާ (51)

( 31 ޖަނަވަރީ 2024 ގައި ޝާއިޢުކުރި ބަޔާ ގުޅޭ )

ހާރިސްގެ ވާހަކަ އެހިސާބަށް ދިޔަތަނާ ، އޮފީސް ނިންމާފައި ނޫރުއައިސް ގެޔަށް ވަނެވެ. ދަބަސް މޭޒުމަތީ ބޭއްވުމަށްފަހު ، ބައްޕަމެންގާތަށް އައިސް ސަލާމް ގޮވައިލިއެވެ. އެއްވެސް މީހަކު ނޫރުގެ ސަލާމް ބަލައެއް ނުގަތެވެ. އެންމެން ތިބީ އިސްދަށަށް ޖަހައިގެންނެވެ.

ނޫރުއާ ގުޅޭކަމެއްގައި ނުބެހޭނަމޭ ބުނެފައި އޮތަސް ، ނޫރުއާ މިފަހަރު ކުރިމަތިލީ ހާރިސް އެވެ. ނޫރު އެކުރަމުން ގެންދަނީ ކޮންކަމެއްތޯ ހާރިސް ސުއާލު ކުރިއެވެ. ނޫރުގެ އަމިއްލަ ޙައިޞިއްޔަތަށް ނުބެލިކަމަށްވިޔަސް ، އެންމެ ދެރަވެގެން ، އެމީހުންގެ އަބުރާ ޢިއްޒަތަށް އަރައި ނުގަތުމަށް ހާރިސް އެދުނެވެ. މިހިސާބު ގަނޑުގެ މީހުން އެމީހުންނާމެދު ދެކޭނީ ކޮންގޮތަކަށް ހެއްޔެވެ ؟ މައިންބަފައިންގެ އަގަކީ ނޫރުއަށް އެއްވެސް އެއްޗެއް ނޫނެވެ. ނޫރުގެ ޝަކުވާ ހިފައިގެން މިއަދު އެއައީ ޙަފުޞައްތައެވެ. މާދަމާ އަންނާނީ އެހެންމީހެކެވެ.

" އެމީހުންނަށް އަހަރެމެން ދޭނީ ކޮން ޖަވާބެއް ހެއްޔެވެ ؟ އަންހެން ކުއްޖެއްގެ ދިރިއުޅުން ބަރުބާދުވެގެންދާނީ ކިހިނެއްކަމުގެ އިޙްސާސެއް ނޫރުއަކަށް ނުލިބެއެވެ. އެންމެން މިދޭ ނަޞޭޙަތުގެ އެއްވެސް އަގެއް ނެތެވެ. " ހާރިސް ބުންޏެވެ.

އެމީހުން އެދައްކަނީ ކޮން ވާހަކައެއްކަމެއް ނޫރުއަކަށް ނުވިސްނުނެވެ. ނޫރުގެ ޝަކުވާ ހިފައިގެން ޙަފުޞައްތަ އަންނަންޖެހުނީ ކޮން ސަބަބަކާ ހުރެތޯ ނޫރު ސުއާލު ކުރިއެވެ. ނޫރުއަށް ކުރެވުނީ ކޮން ކުށެއް ހެއްޔެވެ ؟

އެސުއާލަށް ޖަވާބުދޭން ކެރޭނެ މީހަކަށް އެތާހުރީ ރައިދާ އެކަންޏެވެ. މުރުތަޟާއާއި ނޫރުއާ ދެމީހުން ، އަދިވެސް ބައްދަލުކުރާކަމަށް އެ ދެކެވެނީ ތެދުވާހަކައެއްތޯ ރައިދާ ސުއާލު ކުރިއެވެ.

އެމީހުން ބައްދަލުކުރާކަމަށް ، އެއްވެސް ޖެހިލުމެއްނެތި ނޫރު އެއްބަސްވިއެވެ. އަދި އެކަމުގައި އޮތީ ކާކުގެ ކޮން މައްސަލައެއްތޯ ސުއާލު ކުރިއެވެ.

އެހިސާބުން ، ވަޞީމަކަށް ހިމޭނަކުން ނުއިނދެވުނެވެ. ރުޅިއައިސް ރަތްވެފައި ކޮޅަށް ރެދުވެ ނޫރުއާ ދިމާއަށް ހަޅޭއްލަވައިގަތެވެ.

" މިހާރު ދެން ކަންކަން ތިދަނީ މާމައްޗަށެވެ. އެއްޗެއް ބުނުމުގެ ކުރިން ރަނގަޅަށް ވިސްނާފައި އެވާހަކައެއް ބުނާށެވެ ! ކެތްތެރިކަމާއެކު ، ރަނގަޅަށް ކަނުލައި އަޑުއަހާށެވެ. ނޫރުގެ ތިމާގެ މީހުންނާއި ބޮޑެތިމީހުން މި ދައްކާ ވާހަކަ އަޑުއަހާށެވެ ! " ވަޞީމު ބުންޏެވެ.

ޖެހިގެން ހުރި ގޮނޑީގައި އިށީނދެލައި ހަމަޖެހިލުމަށްފަހު ، އެވާހަކައެއް ބުނެ އިއްވުމަށް ނޫރު އެދުނެވެ.

" އަހަރެމެން އެންމެންނަށްވެސް ފެންނަނީ ، ނޫރު މީހަކާ އިނުމުގެ ވަގުތު އައިސް ޖެހިއްޖެ ކަމުގައެވެ. މުރުތަޟާއާ ބައްދަލުކޮށް އުޅުމަކީ ، ނޫރުގެ މުސްތަޤްބަލް އަނދިރިވެގެން ހިނގައިދާނެ ކަމެކެވެ. އަދި އަމްދުން ، ސިއްރުން ދެމީހުން ބައްދަލުކޮށް ހެދުމަކީ ދެމީހުންނަށްވެސް އޭގެ ގެއްލުން ކުރިމަތިވާނެ ކަމެކެވެ. ކައިވެނީގެ ގުޅުން ޤާއިމްކޮށްދޭ ބަޔެއްގެ ގާތަށް ، އަހަރެންނާއި ރައިދާ ، މިއަދު ދިޔައިމެވެ. ނޫރުއާ ދެވާނެ މީހަކު އަހަރެމެން މިއައީ ހޮވާފައެވެ. އެއީ ނޫރުއަށް ކަމުދާނެ ކަހަލަ މީހެކެވެ. އަހަރެމެން ބޭނުންވަނީ ، އެމީހަކާއެކީ ދިރިއުޅުމެއް ފެށޭތޯ ނޫރު ، މަސައްކަތް ކުރުމަށެވެ. " ހާރިސް ބުންޏެވެ.

ނޫރުގެ ދިރިއުޅުމުގެ އެހާބޮޑުކަމެއް ، އޭނާކުރެން އަހައިލުމެއްނެތި ، ބޭބެ އެކަނި ނިންމަން ހުއްދަދިނީ ކާކުތޯ ނޫރު ސުއާލު ކުރިއެވެ.

އެކަން ، އެމީހުންނަށް ނުކުރެވޭންވީ ކީއްވެތޯ ހާރިސް ސުއާލު ކުރިއެވެ. ހާރިސްއަކީ ނޫރުއަށްވުރެ ބޮޑު ، ނޫރުގެ ބޭބެއެވެ. ނޫރުގެ މައްޗަށް އެމީހުންގެ ޙައްޤެއްވެސް އޮންނާނެއެވެ. އެހާބޮޑަށް މިނިވަންވެގަނެގެން އުޅުމުގެ ވިސްނުން ދޫކޮށްލުމަށާއި ، ނޫރުއާ ބެހޭކަމެއް ނިންމުމަށް ، ނޫރުގެ އިޒުނަ ހޯދަން އެމީހުންނަށް ޖެހޭނެކަމަށް ނުދުށުމަށް ޙާރިސް ބުންޏެވެ.

ހާރިސް އެބުނަނީ ރަނގަޅު ވާހަކައެއް ކަމަށާއި ، އެމީހުން އެންމެންގެވެސް ނިންމުމަކީ އެއީ ކަމަށް ވަޞީމުވެސް ބުންޏެވެ. އެއްވެސް އެއްޗެކޭ ނުބުނެ ހަނުއިނދެގެން އެމީހުންގެ ވާހަކަ އޭނާ އަޑުއަހައިފިކަމުގައި ބުނެ ނޫރު ތެދުވިއެވެ. އަދި ، ދިން ލަފަޔަށް ޝުކުރު އަދާކުރުމަށްފަހު ، އޭނާގެ ކޮޓަރިޔަށް ދިޔައެވެ.

*************************

އަރުސަލާންގެ ފިލާވަޅުތައް ނަގައިދީ ، ހޯމްވޯކް ޗެކްކުރުމަށްޓަކައި ، ސިޓިންގރޫމުގައި ޠާހިރާ އިނެވެ. އަރުސަލާން ފިލާވަޅުތައް ހަދާފައިހުރީ ޠާހިރާ ކިޔައިދިން ގޮތަކަށް ނޫނެވެ. އެކަމާ ހިތްހަމަ ނުޖެހިގެން އަރުސަލާންއާ ވާހަކަ ދައްކަމުން ދަނިކޮށް ، މުރުތަޟާ ، ބޭރުން އައިސް ވަނެވެ. މުރުތަޟާއަށް އެމަންޒަރު ފެނުމާއެކު ، އަރުސަލާން ހަމަޖައްސައިލުމަށް މަސައްކަތް ކުރިއެވެ. ދައްތައަށް ސަލާމް ގޮވާލައި ޙާލު ކިހިނެއްތޯ އެހި ސުއާލަށް މުރުތަޟާއަށް ، ޠާހިރާގެ ފަރާތުން ލިބުނީ ފިނި ޖަވާބެކެވެ. ޠާހިރާ އިނީ ރުންކުރު ވެފައެވެ. މުރުތަޟާއާ މާގިނަ ވާހަކައެއް ދައްކަން ބޭނުންނޫން ގޮތަކަށެވެ.

ޙަފުޞާވެސް އެވަގުތު ބޭރަށް ނުކުމެ ސިޓިންގރޫމް ތެރެޔަށް ވަނެވެ. މަންމައަށް ސަލާމް ގޮވައިލުމުން ، މަންމަގެ ޖަވާބާއެކު މުރުތަޟާއާ ކުރިމަތިވީ ، އޭނާ ހީވެސް ނުކުރާކަހަލަ ސުއާލެވެ. ތަހުނިޔާ ވީތަނެއް އެނގޭތޯ ، މުރުތަޟާއާ ޙަފުޞާ ސުއާލު ކުރިއެވެ.

" ތަހުނިޔާ ، އޭނާގެ ގެޔަށް ހިނގައްޖެއެވެ. ތަހުނިޔާ މިގެޔަށް އަނބުރާ އަންނާނީ ، ނޫރުލްޢައިނުއާއި މުރުތަޟާއާ ދެމެދު އޮތްގުޅުން ކަނޑައިލިކަން އެންމެންގެ ކުރިމަތީ އިޢުލާންކޮށް ، ނޫރުލްޢައިނާ ، މުރުތަޟާއާ އޮތްގުޅުން ކަނޑައިލި ދުވަހަކުންނެވެ. " ތަހުނިޔާ ބުންޏެވެ.

ވެގެން އުޅޭގޮތެއް މުރުތަޟާއަކަށް ސާފެއް ނުވިއެވެ. ތަހުނިޔާ ދިޔައީ މުރުތަޟާގާތު ބުނެފައެއް ނޫނެވެ. ދައްތަމެން އެދައްކަނީ ކޮންކަހަލަ ވާހަކައެއްތޯ މުރުތަޟާ ސުއާލު ކުރިއެވެ.

އެއީ ކޮންކަހަލަ ވާހަކައެއްތޯ  ސާފުކުރަން ، ތަހުނިޔާގާތަށްގޮސް އެހުމަށް ޙަފުޞާ ބުންޏެވެ. އަދި ، ތަހުނިޔާ ނުލައި އެގެޔަށް އެނބުރި ނައުމަށް ބުނެ ، ޙަފުޞާ އަމުރު ކުރިއެވެ. މަންމަ އެބުނި ވާހަކަޔަކުން ، ކަންބޮޑުވެގެންގޮސް ، ޠާހިރާއަށްވެސް ކުއްލިޔަކަށް ކޮޅަށް ތެދުވެވުނެވެ. ޙަފުޞާހުރީ ، ރުޅިއައިސްގެންގޮސް ، އަވަދިވާވަރު ވެފައެވެ.

މުރުތަޟާއާއި ނޫރުލްޢައިނު ، އަދިވެސް ވާހަކަ ދައްކާކަން ޙަފުޞާމެންނަކަށް ނޭނގެއެވެ. އެމީހުން އެކަން އެކުރަނީ ، އެންމެންނަށް ސިއްރުންނެވެ. އެހެނަސް ، އެކަން އެނގެންޖެހޭ މީހުންނަށް ވަރަށް ސާފުކޮށް އެކަން އެބަ އެނގެއެވެ.

މުރުތަޟާވެސް ، އޭނާގެ ދިފާޢުގައި އަނގަ ހުޅުވައިލިއެވެ. މުރުތަޟާގެ ނަޒަރުގައި އޭނާއަކީ ސިއްރުން ކަންތައްކުރާ މީހެއްނޫނެވެ. ނޫރުލްޢައިނާއި މުރުތަޟާއާ ދެމެދު އޮތްގުޅުމަކީ ، ކައިވެނީގެ ކުރިންވެސް ތަހުނިޔާއަށް އެނގޭ ގުޅުމެކެވެ. އެ ގުޅުމުގެ ހުރިހާ ސިއްރެއް ތަހުނިޔާއަށް އެނގޭނެއެވެ. ތަހުނިޔާ ، އޭނާއާ ކައިވެނި ކުރުމަށް އެއްވެސް މީހަކު ، ތަހުނިޔާއަށް މަޖުބޫރެއް ނުކުރެއެވެ. މުރުތަޟާއަށް ނުވިސްނޭ އެއްޗަކީ ، ކައިވެނީގެ ފަހުގެ ކަންކަމެވެ. ކުރިން ވެދިޔަކަމެއް މާޒީއާ ޙަވާލެވެ. އެހެނަސް ، ކައިވެނީގެ ފަހުން ، މުރުތަޟާއާއި ނޫރުއާ ދެމެދު އެ ހިނގަމުންދަނީކީ ، ކައިވެނިވާ އަންހެންކުއްޖާއަށް ތަޙައްމަލު ކުރެވިދާނެފަދަ ކަންކަމެއްނޫނެވެ.

ކައިވެނީގެ ފަހުން ، ނޫރުލްޢައިނާއި މުރުތަޟާ ބައްދަލުކުރުމަކީ ، ތަހުނިޔާ ނުޤަބޫލުކަމެއްކަމުގައިވާނަމަ ، އެކަމުގައި ތަހުނިޔާގެ ކުށެއް ނެތެވެ. އެކަން މަނާކުރުމުގެ ފުރިހަމަ ޙައްޤު ، ތަހުނިޔާއަށް ލިބިގެން ވެއެވެ.

ޠާހިރާއާއި ޙަފުޞާ އެދައްކަނީ ، އެމީހުން ދައްކަން ހަމަ އެންމެ ރަނގަޅު ވާހަކަތަކެކެވެ. މުރުތަޟާވެސް އެކަން ޤަބޫލު ކުރެއެވެ. އެހެންނަމަވެސް ، މުރުތަޟާގެ ވާހަކަވެސް އަޑުއަހައިލުމަކީ ، ކުރަންޖެހޭނެ ކަމެއްކަމަށް މުރުތަޟާ ޤަބޫލު ކުރެއެވެ. ނޫރުއާއި މުރުތަޟާއަކީ ، އެންގޭޖްވެފައި ތިބި ބައެއް އެކަންޏެއްނޫނެވެ. އެދެމީހުންނަކީ ތިމާގެ ދެމީހުންނެވެ. ދެ ރަޙުމަތްތެރިންނެވެ. އަވަށްޓެރިންނެވެ. އެ ދެމީހުންގެ އޮފީސް ހުންނަނީ ވަރަށް ކައިރީގައެވެ. ވަރަށްގިނައިން ދިމާވާނެއެވެ. މުރުތަޟާއަކަށްވެސް އަދި ނޫރުއަކަށްވެސް ، މޫނު ކުނިކޮށްފައި އެކަކު އަނެކަކު ނުފެންނަކަމަށް ހަދައިގެންނެއް ނޫޅެވޭނެއެވެ. ނޫރުއާއި މުރުތަޟާގެ ލޯބީގެ ޙަޤީޤަތަށް ބަލާއިރު ، އިންސާނާގެ ހިތަކީ ރޮބޮޓުންހެން މަސައްކަތްކުރާ އެއްޗެއްކަމަށް ދެކިގެން ނުވާނެއެވެ. ހިތުގައި އުފެދިފައި އޮންނަ ލޯބީގެ އިޙްސާސްތަކެއް ނައްތައިލުމަށް ވަގުތު ބޭނުންވާނެއެވެ. ދުވާލުވެސް އަންނަނީ ރޭގަނޑަށް ވަގުތު ދިނުމަށްފަހުގައެވެ. މުރުތަޟާ ބޭނުންވަނީ އެ ވަގުތެވެ. އޭނާ ، އެކަމުން ދުރުވެ ، ސަލާމަތްވާން ބޭނުންވާ ވަގުތެވެ.

" ތިހުރިހާ ވާހަކައެއް ، މުރުތަޟާގެ އަންހެނުންގާތު ދައްކައި އޭނާ އެއްބަސް ކުރުވާށެވެ. އަދި ، އެވާހަކަތަކަށް ތަހުނިޔާ އެއްބަސް ވެއްޖެނަމަ ، އަނބުރާ މިގެޔަށް ގެންނާށެވެ. އެހެން ނޫނީ .......... " ޙަފުޞާގެ ވާހަކައަށް ހުއްޓުން އެރިއެވެ.

އެހެން ނޫނީ ވާނީ ކިހިނެއްތޯ މުރުތަޟާ ، އޭނާގެ މަންމައާ ސުއާލު ކުރިއެވެ.

މުރުތަޟާގެ މަންމަ ، ޙަފުޞާ މިހާރު އެހުރީ މުރުތަޟާއާއެކުގައި ނޫންކަމަށް ޙަފުޞާ ބުންޏެވެ. ޙަފުޞާ މިހާރު އެހުރީ ، ތަހުނިޔާއަކީ ، އޭނާގެ ޅީދަރިއެއްގެ ބަދަލުގައި ދަރިއެއްކަމުގައި ބަލައިގެން ، ތަހުނިޔާއާ އެކުގައެވެ. ޙަފުޞާ ކަންބޮޑުވާނީ ތަހުނިޔާއާ މެދުގައެވެ. މުރުތަޟާއަކަށް ، ޙަފުޞާއެއް ނުވިސްނާނެއެވެ.

ޠާހިރާވެސް ހުރީ ތަހުނިޔާއާ އެކުގައެވެ. މުރުތަޟާގެ އަމިއްލަ ގޭގައި އޭނާއާމެދު ވިސްނައިލާނެ މީހަކު ނެތުނީއެވެ. އޭނާ އެކަނިވެރިވީއެވެ. އަރުސަލާން ކައިރިކޮށްލާފައި ތަހުނިޔާގެ ހިތުގައި އޮތް ރުޅިގަނޑު އަރުސަލާނަށް ބޭލިއެވެ.

" ތިކުރަނީ ކޮންކަމެއް ހެއްޔެވެ ؟ އެއްވެސްކަމެއް ރަނގަޅަކަށް ނުކުރެއެވެ. މމިކިޔައިދޭ އެއްޗެއް ވިސްނޭނީ ކޮން ދުވަހަކުން ހެއްޔެވެ ؟ " ޠާހިރާ ، ރުޅިއަރައިގެންފައި އަރުސަލާންއާ ދިމާއަށް ބުންޏެވެ.

އައިސްފައިހުރި ރުޅީގައި ، ޠާހިރާ ނަގައިގެން އިން ފޮތްތައް މޭޒުމައްޗަށް ޖެހިއެވެ. ޠާހިރާގެ އެވާހަކަ ތަކަކީ ، އަރުސަލާންއަށް އަމާޒުކުރި ވާހަކަ ތަކެއްނޫނެވެ. އެއީ މުރުތަޟާއާ ދިމާއަށް ބުނަން އޭނާގެ ހިތުގައި ހުރި ވާހަކަ ތަކެކެވެ. ޠާހިރާއަކީ ، ދުވަހަކުވެސް ، އަޑަށް ބާރުލާފައި އަރުސަލާންއާ ދިމާއަށްވެސް ، އަދި މުރުތަޟާއާ ދިމާއަށްވެސް އެއްވެސް އެއްޗެކޭ ބުނި މީހެއްނޫނެވެ. ދައްތައަށް ވެފައި އިންގޮތް މުރުތަޟާއަށް ވިސްނުނެވެ. އަދި ، އެވާހަކަތައް އެބުނީ އޭނާއާ ދިމާއަށްކަން ، މުރުތަޟާ ވިސްނައި ގަތެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު ، މުރުތަޟާ ގެއިން ނުކުތެވެ.

*************************

ތަހުނިޔާމެންގޭގައިވެސް ، ހޫނުކަން ވަކި ކުޑައެއްނޫނެވެ. ތަހުނިޔާ ، ކުއްލިޔަކަށް ގެޔަށް އައުމުން ސާޖިދާއަށް ލިބުނު ޙައިރާންކަން ވަކި ކުޑައެއްނޫނެވެ. އެތައް ސުއާލެއް ކުރިއިރުވެސް ، ތަހުނިޔާ ހުރީ އަނގައިން ނުބުނެއެވެ. އެގޭގައި އޭނާ މަޑުކުރަންޖެހޭ އެންމެ ސަބަބެއްވެސް ދެއްކުމަށް ، އޭނާގެ މަންމަގާތު ، އެންމެފަހުން ތަހުނިޔާ އެހިއެވެ.

ތަހުނިޔާގެ މައިދައިތައާއި ފަހަރިއާ ދެމީހުންތިބީ ތަހުނިޔާއާ އެކުގައި ކަމަށް ސާޖިދާ ބުންޏެވެ. މުރުތަޟާއާ ދެމީހުންގެ މެދުގައި އުފެދޭ ހިތްހަމަ ނުޖެހުމެއް ސަބަބަކަށް ދައްކާފައި ، އެގޮތަށް އެގެއިން ނުކުމެގެން އަންނާކަށް ނުޖެހެއެވެ. ތަހުނިޔާ އެގެޔަށް ގެންދިޔައީ އެމީހުންގެ ހިތުން ރުހުމުންނެވެ. ނުހަނު އުފަލުންނެވެ. އެމީހުންގެ ލޯތްބަށް ފުރަގަސްދީ އިޙްތިރާމް ކުޑަކުރުމަކީ ، ތަހުނިޔާ ކޮށްގެންވާނެ ކަމެއްނޫންކަމަށް ސާޖިދާ ބުނަމުން ގެންދިޔައެވެ.

ތަހުނިޔާ އެދައްކަނީވެސް ރަނގަޅު ވާހަކައެކެވެ. ތަހުނިޔާ ކައިވެނިކުރީ މުރުތަޟާއާއެވެ. މުރުތަމާގެ ހިތުގައި އޭނާގެ މައްޗަށް އެއްވެސް ޖާގައެއް ނެތްއިރު ، އެގޭގައި އޭނާހުރުމަކީ ހިތަށް ލިބޭ އިތުރު ތަކުލީފެކެވެ.

އިތުރު ވާހަކަ ނުދައްކައި ، ތިރިޔަށްގޮސް މުރުތަޟާއާ ވާހަކަ ދެއްކުމަށް ސާޖިދާ އެދުނެވެ. މުރުތަޟާ އޭރުހުރީ އެގެޔަށް އައިހެވެ. ތަހުނިޔާއާއެކު ، ސާޖިދާވެސް ދާނެކަމަށް ބުންޏެވެ. އެހެނަސް ، ތަހުނިޔާ އެކަން މަނާކޮށް ، ދާނީ އޭނާ އެކަނިކަމަށް ބުންޏެވެ.

ސާޖިދާ މަސައްކަތް ކުރަމުން އެގެންދަނީ ވާހަކަ ދައްކައިގެން އެމައްސަލަ ޙައްލު ކުރުމަށެވެ. ތަހުނިޔާގެ ބައްޕަ ، ޢާޞިފަކަށްވެސް އެކަމެއް އަދި ނޭނގޭނެއެވެ. ޢާޞިފަށް އެކަން އެނގިއްޖިއްޔާ ކަންބޮޑުވެދާނެތީ ، ސާޖިދާ އެއުޅެނީ އެކަން ފިރިމީހާއަށް ނާންގައި ޙައްލު ކުރެވޭތޯއެވެ. އެހެނަސް ، ސާޖިދާއަށް އެކަން ކުރެވޭނީ ، މުރުތަޟާއާއި ތަހުނިޔާ އެކަމަށް ވާގިވެރިވެގެންނެވެ. އެދެމީހުންގެ މެދުގައި ވާހަކަ ދައްކައިގެން އެކަން ޙައްލުކޮށްގެންނެވެ. ހަމަޖެހިލައިގެން ، މަޑުމައިތިރިކަމާއެކު މުރުތަޟާއާ ވާހަކަ ދެއްކުމަށް ސާޖިދާ އެދުނެވެ. ތަހުނިޔާ ހުރީ  ، ދޫދޭގޮތަކަށްނޫނެވެ. ލައްކަ ފުރުޞަތާއި ވަގުތު މުރުތަޟާއަށް ދެވިއްޖެއެވެ. ތަހުނިޔާ މިހާރު އެހުރީ ، އެކަން ، ކޮޅެއްގައި ޖައްސާފައިނޫނީ ، އޭނާގެ ގެއިން ނުކުމެގެން ނުދާގޮތަށް ނިންމައިގެންނެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.