ފަލަސްޠީނުގެ ހައްގުގައި ހަމައެކަނި ދެކުނު އެފްރިކާއިން ތެދުވީ ކީއްވެގެން؟

ދުނިޔޭގެ 195 ގައުމުގެ ތެރެއިން ފަލަސްޠީނުގެ މައްސަލަ ހިފައިގެން ބައިނަލްއަގުވާމީ ކޯޓަށް ދާން ކެރުނު ނުވަތަ ދިޔަ ހަމައެކަނި ގައުމަކަށް ދެކުނު އެފްރިކާ ވީ ކީއްވެގެން ހެއްޔެވެ؟

އިސްލާމީ އަރަބި ގައުމުތަކާ ޚިލާފަށް ދެކުނު އެފްރިކާއަކީ ފަލަސްޠީނާއެކީ އަޚްލާގީ، ސަގާފީ، ދީނީ އެއްވެސް ގުޅުމެއް އޮތް ގައުމެއް ނޫނެވެ. ދެކުނު އެފްރިކާ އޮތީވެސް ފަލަސްޠީނާ ހަތް ހާސް ކިލޯމީޓަރު ދުރުގައެވެ. ކަން މިހެން އޮތުމާއެކުވެސް ދެކުނު އެފްރިކާއިން ފަލަސްޠީނުގެ ހައްގުގައި އަޑު އުފުލީ ކީއްވެގެން ހެއްޔެވެ؟ ސަހުޔޫނީ ޢަދުއްވުން ކަމުގައިވާ އިޒްރޭލާ ދެކޮޅަށް ތެދުވީ ކީއްވެގެން ހެއްޔެވެ؟ ކައރީގައި ހުރި އިސްލާމީ އަރަބި ގައުމުތަކާ ފަލަސްޠީނާ އެތައް ގޮތަކުން ގުޅުން އޮތް އިރުވެސް ތިބީ ހިމޭނުންނެވެ. އެއީ ކީއްވެގެން ހެއްޔެވެ؟

މި ސުވާލުގެ ޖަވާބު ލިބެނީ ތާރީޚުންނެވެ. ދެކުނު އެފްރިކާވެސް ވަނީ ދޮން މީހުންގެ އަނިޔާވެރިކަމުގެ ޝިކާރައަކަށް ވެފައެވެ. އެ އަނިޔާވެރިންނަކީވެސް އެ މީހުންގެ ނަސްލީ ތަފާތުކުރުމާއި ގަދަބަދަވިކަމަށްޓަކައި ފަޚުރުވެރިވީ ބައެކެވެ. އިޒްރޭލު އުފެދުނީ 1948 ވަނަ އަހަރުއެވެ. އެއީ ދެކުނު އެފްރިކާގެ ނަސްލީ އިމްތިޔާޒުވެސް ފައިހަރުކޮށްލީ އަހަރެވެ.

މި އިއްތިފާގާއެކު އިޒްރޭލާއި ދެކުނު އެފްރިކާގެ ސަރުކާރަށް އިހުސާސް ކުރެވުނު ގޮތުގައި ދެ ގައުމުގެ ހަގީގީ ވަޒަންވެރިންގެ މައްޗަށް ގަދަވެގަތުމުގައި ދެ ގައުމުގެ ސަރުކާރުގެ ގުޅުން ބަދަހި ކުރުމަކީ މުހިއްމު ކަމެކެވެ. މި ދެ ގައުމުގެ ވިޔާނުދާ އިއްތިހާދު ރަސްމީކޮށް ފެށުނީ 1953 ވަނަ އަހަރުއެވެ. އެއީ ދެކުނު އެފްރިކާގެ އޭރުގެ ބޮޑު ވަޒީރު ޑޭވިޑް މަލަން އިޒްރޭލަށް ކުރެއްވި ރަސްމީ ދަތުރުފުޅާއެކުގައެވެ. މިއީ ދެ ގައުމުގެ ގުޅުން ގާތް އެކުވެރިކަމަކަށް ބަދަލުވީ ދަތުރުފުޅެވެ.

އަހަރުތައް ފާއިތުވަމުން ދިޔަ ވަރަކަށް ދެ ގައުމުގެ ގުޅުން ދިޔައީ ވަރުގަދަ ވަމުންނެވެ. އެއް ގައުމު އަނެއް ގައުމެއްގެ ފަރާތުން ފިލާވަޅު ލިބިގަތެވެ. ދެ ގައުމުގެ ނިކަމެތި އަހުލުވެރިން ފިއްތައިފައި ބައިތިއްބާނޭ ހުނަރުތައް ދަސްކޮށް، އެއް ބަޔަކު އަނެއް ބަޔަކު ހިމާޔަތް ކުރަމުން ގެންދިޔައީ ފާޅުގައެވެ.  ފަލަސްޠީނުގެ އާބާދީއާއި މަރުކަޒީ ސަރުކާރާ އޮންނަ ގުޅުން މުޅީން ކަނޑައިލިއެވެ. ދެކުނު އެފްރިކާގެ ދޮން މީހުން ކަޅު މީހުނަށްޓަކައި "ބަންތުސްތާން" ހެދި ފަދައިންނެވެ. ބަންތުސްތާނަކީ ހައްގުތަކުން މަހުރޫމުކޮށްފައި ކަޅު މީހުންނަށްޓަކައި ޚާއްސަކޮށް ގާއިމު ބާވަތެއްގެ ދައުލަތެކެވެ. ބޭނުމަކީ ގައުމުގެ ސިޔާސީ ނިޒާމާ ދުރުގައި ކަޅު މީހުން ބޭތިއްބުމެވެ.

ދެ ގައުމުގެ ދެމެދުގައި އޮތް މި ދެންނެވުނު އެއްގޮތްކަން ދެ ސަރުކާރުންވެސް ވަނީ ރަސްމީކޮށް ގަބޫލުކޮށްފައެވެ. ދެކުނު އެފްރިކާގެ އޭރުގެ ބޮޑު ވަޒީރު ހެންޑްރިކް ވަރވޮއެޑް މަޝްހޫރު ވެފައި ވަނީވެސް ބަންތުސްތާނު މަޝްރޫޢުގެ ބާނީގެ ގޮތުގައެވެ. އޭނާ ވިދާޅުވެފައި ވެއެވެ. "އެ ބިމުގައި (ފަލަސްޠީނުގައި) އަރަބީން ދިރިއުޅޭތާ އެތައް ހާސް އަހަރެއް ވެފައި ވުމާއެކުވެސް ޔަހޫދީން ވަނީ އެ ބިން އަރަބީންގެ އަތުން ފޭރިގެންފައެވެ. ދެކުނު އެފްރިކާއެކޭ އެއް ފަދައިން އިޒްރޭލަކީވެސް މިހާރު ނަސްލީ އިމްތިޔާޒުގެ ގައުމެކެވެ."

ބައިނަލްއަގުވާމީ ފޯރަމްތަކުގައި އިޒްރޭލުން ގެންދަނީ ނަސްލީ އިމްތިޔާޒާ ދެކޮޅަށް ވާހަކަ ދައްކަމުންނެވެ. އެކަމަކު ހަގީގަތުގައި އިޒްރޭލުން އެންމެ ގާތް އެކުވެރިއަކު ކަމުގައި ބަލަމުން ދިޔައީ ދެކުނު އެފްރިކާއެވެ.  އިޒްރޭލު ސިފައިންގެ ޖެނެރަލެއް ކަމުގައިވާ ރަފައެލް އީތަން ދެކުނު އެފްރިކާގެ ހަގީގީ ވަޒަންވެރިން ކަމުގައިވާ ކަޅު މީހުންނާ މެދު ވާހަކަދައްކަމުން ބުނެފައި ވެއެވެ. "އެ މީހުން މަސައްކަތް ކުރަމުން ގެންދަނީ އަރަބިން އަހަރެމެންގެ މައްޗަށް ގަދަވެގަންނަން އުޅޭ ފަދައިން ދެކުނު އެފްރިކާގެ ދޮން މީހުންގެ މައްޗަށް ގަދަވެގަންނާށެވެ. ދެކުނު އެފްރިކާގެ އަގުލިއްޔަތު އާބާދީ (މާނައަކީ ދޮން މީހުން) ފަދައިން އަހަރެމެންނަށްވެސް ޖެހޭނީ އަރަބިން ހުއްޓުވައި އެމީހުންގެ މައްޗަށް ބާރު ފޯރުވެން އޮތް ކޮންމެ ކަމެއް ކުރާށެވެ."

ދެ ގައުމުންވެސް އެންމެ ބޮޑު އަހުމިއްޔަތުކަމެއް ދޭ ކަމަކަށް ގައުމުގެ ހަގީގީ ވަޒަންވެރިން ހަންމަތަކޮށްގެން ގެންގުޅުން ހަދައިފިއެވެ. މި މަގުސަދު ހާސިލު ކުރުމަށްޓަކައި އިޒްރޭލުން ގެންދިޔައީ މުޒާހަރާކުރާ މީހުން މައިތިރިކުރާނޭ އުޅަނދާއި ހަތިޔާރު ދެކުނު އެފްރިކާއަށް ފޯރުކޮށްދީ، ސިފައިން ތަމްރީނުކޮށް ދެމުންނެވެ. 1980 ގެ އަހަރުތަކުގެ މެދުތެރޭގައި އިޒްރޭލުގެ ސިފައިންގެ އެތައް މުޝީރުންނެއް ދެކުނު އެފްރިކާގައި ތިއްބެވެ. މީގެ އިތުރަށް ދެކުނު އެފްރިކާގެ ސިފައިންގެ އެތައް ބަޔަކު ގެންދިޔައީ އިޒްރޭލުގައި ތަމްރީނު ހޯދަމުންނެވެ.

ދެކުނު އެފްރިކާގެ ޔުރޭނިއަމް ޕްރޮގްރާމަށްވެސް ދެކުނު އިޒްރޭލުގެ އެހީތެރިކަން ދިޔައީ ލިބެމުންނެވެ. މި އެހީތެރިކަމާއެކު ދެކުނު އެފްރިކާއިން 6 ޔުރޭނިއަމް ބޮން ތައްޔާރު ކުރިއެވެ. އެކަމަކު ރައީސް އެފް ޑަބްލިޔޫ ޑި ކްލާކްގެ ވެރިކަމުގައި ދުނިޔޭގެ މަސްރަހުން އެދެވޭ ޖާގައެއް ހޯދުމުގެ ބޭނުމުގައި އެޅި ފިޔަވަޅުތަކުގެ ތެރެއިން މި 6 ބިން ނައްތައިލީއެވެ. އަދި ޔުރޭނިއަމް ޕްރޮގްރާމްގެ މަސައްކަތްވެސް ހުއްޓައިލީއެވެ.

ދެ ގައުމުގެ ގާތް ގުޅުމަށް ބަލާއިރު ފާހަގަކޮށްލެވޭ ކަންތައްތަކުގެ ތެރޭގައި ދުނިޔޜޭގެ ފިއްތުންތަކާ ދެކޮޅަށް ކުރާ މަސައްކަތުގައި އެއް ގައުމު އަނެއް ގައުމެއްގެ ހިމާޔަތުގައި ނުކުމެ އަޑު އުފުލުމާއި ނުވެސް ބެހޭ ކަންތައްތަކުގެ ތެރެއަށް ވަދެ، އެއް ގައުމު އަނެއް ގައުމެއްގެ ދިފާއުގައި ފިޔަވަޅު އެޅުމާއި ވާހަކަދެއްކުން ހިމެނެއެވެ. މިސާލަކަށް 1975 ވަނަ އަހަރު ފެށްޓި ޕްރޮޕެގްންޑާއާއި ނަފްސާނީ ހަނގުރާމައަށްޓަކައި "ޖޮއިންޓް ސެކްރެޓްރިއޭޓް ފޯރ ޕޮލިޓިކަލް އެންޑް ސައިކޮލޮޖިކަލް ވޯރފެއަރ" ގާއިމުކުރުން ފާހަގަ ކުރެވެއެވެ. އެއީ ދެކުނު އެފްރިކާގެ ހައިސިއްޔަތު ދުނިޔޭގެ ކުރިމަތީގައި އިހު އޮތް ހާލަތަށް ގެންނަން ކުރާ މަސައްކަތުގައި މާލީ އެހީތެރިކަން ފޯރުކޮށް ދިނުމާއި އިޒްރޭލުގެ "މަސައްކަތަށް" ދެކުނު އެފްރިކާއިން އެހީތެރިކަން ފޯރުކޮށް ދިނުމުގެ ބޭނުމުގައި ކުރަމުން ދިޔަ މަސައްކަތުގެ މުހިއްމު ބައެއްގެ ގޮތުގައި އުފެއްދި އޮފީހެކެވެ.

މި ހުރިހައި ކަމެއް މިހެން ހުރި ކަމުގައި ވިޔަސް ކޮންމެ އަމަލެއްގެވެސް ރައްދު އަމަލެއް އޮވެއެއް ނޫންތޯއެވެ؟ އެއްކޮޅުން ނަސްލީ އިމްތިޔާޒުގެ ދެ ސަރުކާރުން ގުޅުން ބަދަހި ކުރަމުން ދިޔައިރު، ޕަލަސްޓީނިއަން ލިބަރޭޝަން އޯގަނައިޒޭޝަން ނުވަތަ ޕީއެލްއޯ އާއި ނެލްސަން މަންޑޭލާގެ އެފްރިކަން ނޭޝަނަލް ކޮންގްރެސް ނުވަތަ އޭއެންސީން ގެންދިޔައީ ގުޅުން ބަދަހި ކުރަމުންނެވެ.

ދޮން ނަސްލުގެ މީހުންނަކީ އެހެން ނަސްލުތަކުގެ މީހުންނަށްވުރެ މަތިވެރި ބައެއް ކަމަށް ގަބޫލުކުރާ ދެކުނު އެފްރިކާގެ ބޮޑު ވަޒީރު އިޒްރޭލަށް ރަސްމީ ދަތުރުފުޅެއް ކުރެއްވިއެވެ. ހަމަ އެ ދުވަސްވަރު (1990 ވަނަ އަހަރު) ޖަލުން މިނިވަންވެވަޑައިގަތުމަށް ފަހު ނެލްސަން މަންޑޭލާ ޕީއެލްއޯގެ ރައީސް ޔާސިރް ޢަރަފާތާ ބައްދަލު ކުރެއްވިއެވެ. އޭރު ޔާސިރް ޢަރަފާތު އޮތީ އޮސްލޯ މުޢާހަދާގައި ސޮއި ކުރެއްވުމުގެ ކުރިން މަންޑޭލާގެ ލަފާފުޅަކަށް އެދިވަޑައިގެންފައެވެ. މަންޑޭލާއަކީ ފަލަސްޠީނުގެ މިނިވަންކަމަށް ވަރަށް ބޮޑަށް ތާއީދުކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނުގެ މި ދަންނަވާ ބަސްފުޅަކީ މި ދެންނެވި ތާއީދުގެ ވަރަށް ބޮޑު ހެއްކެކެވެ. "ފަލަސްޠީނުގެ މިނިވަންކަމާއި ނުލައި އަހަރެމެންގެ މިނިވަންކަން ފުރިހަމައެއް ނުވާނެއެވެ.

މިއީ ހަމައެކަނި ބަސްފުޅެއް ނޫނެވެ. މަންޑޭލާ ގެންދެވީ ދުނިޔޭގައި ހުންނެވިހައި ދުވަހަކު އަކްލާގީ ގޮތުންނާއި މާއްދީ ގޮތުން ފަލަސްޠީނަށް ތާއީދު ކުރައްވަމުންނެވެ. އަނެއްކޮޅުން ފަލަސްޠީނުގެ ރައްޔިތުން ގެންދިޔައީ އެޅި ކޮންމެ ފިޔަވަޅެއްގައި ދެކުނު އެފްރިކާގެ މިނިވަންކަމަށް ތާއީދު ކުރަމުންނެވެ.

ނަތީޖާއަކީ ކޮބައިތޯއެވެ؟ ނެލްސަން މަންޑޭލާއާއި އެފްރިކަން ނޭޝަނަލް ކޮންގްރެސްއާ ދެކޮޅު ހަދަން ލިބުނު ކޮންމެ ފުރުސަތެއްގެ ބޭނުން އިޒްރޭލުން ގެންދިޔައީ ކުރަމުންނެވެ. އޭއެންސީއަކީ "ޖައްބާރު، އަނިޔާވެރި، އިންސާނިއްޔަތާ ދެކޮޅުވެރި، ޖުމްހޫރިއްޔަތާ ދެކޮޅުވެރި، އިޒްރޭލާ ދެކޮޅުވެރި، އެމެރިކާއާ ދެކޮޅު" ޕާޓީއެއް ކަމަށް އަޑު އުފުލައި ކުށްވެރި ކުރަމުން ގެންދިޔައީ ފޯރިއާއެކުގައެވެ.

އިޒްރޭލުގެ އެންމެ ބޮޑުި ހިމާޔަތްތެރިޔާ އަދި މިތުރު މައްކާރު އެމެރިކާއިންވެސް މި މައްސަލައިގައި ގެންދިޔައީ މަކަރުވެރި ދައުރެއް އަދާކުރަމުންނެވެ. ހެކިތަކުން ސާބިތުވެފައިވާ ގޮތުގައި އެމެރިކާގެ ސީއައިއޭއިން ވަނީ މަންޑޭލާއަށް ފާރަލައި މައުލޫމާތު ހޯދުމަށް ފަހު އެ މައުލޫމާތު ދެކުނު އެފްރިކާގެ ދޮން މީހުންގެ ސަރުކާރަށް ފޯރުކޮށް ދިނެވެ. ނަތީޖާއަކީ ސަރުކާރުން އެމަނިކުފާނު ހައްޔަރުކޮށް ޖަލަށް ލުމެވެ. ޖަލުގައި 27 އަހަރު ވާންދެން އޮންނަވަން ޖެހިވަޑައިގަތެވެ. 2008 ވަނަ އަހަރާ ހަމައަށް އެމަނިކުފާނުގެ ނަންފުޅު އޮތީ އެމެރިކާއިން އެންމެ ބޮޑަށް ބޭނުންވާ ނިރުބަވެރިންގެ ލިސްޓުގެ ވަރަށް ކުރީގައެވެ.

މިއަދު އަޅުގަނޑުމެންނަށް މި ފެންނަނީ ހާލަތު މުޅީން ބަދަލުވެފައި ވަނިކޮށެވެ. ނާއިންސާފާއި އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތްކުރި ދެކުނު އެފްރިކާއިން މިއަދު ތެދުވެ އެ ތިބީ އެކުވެރި، އުޚުއްވަތްތެރި ފަލަސްޠީނުގެ އަޚުންނާއި އުޚުތުން އިޒްރޭލާއި އެމެރިކާގެ އަނިޔާވެރިކަމުގެ ދަށުން މިންޖުކޮށް ދިނުމަށްޓަކައި ތެދުވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.