
ޣައްޒާގެ ވެރިކަން ދޫކޮށް، އެ ސަރަަހައްދުގެ ސަރުކާރުގެ ހުރިހާ އިދާރާތަކާއި، ސަލާމަތީ ކަންކަން ރާމަﷲ ގައި ހުންނަ ފަލަސްޠީނުގެ ޤައުމީ އިދާރާއާއި ޙަވާލުކުރުމަށް ރައީސު މަޙްމޫދު ޢައްބާސް އަންގަަވައިފިއެވެ.
ޢައްބާސް އަންގަަވާފައި ވަނީ 60 ދުވަހުގެ ތެރޭގައި އެގޮތަށް ބަދަލުނުކޮށްފިނަމަ، ޣައްޒާގައި އޮތް ޙަމާސްގެ ސަރުކާރު 'ބާޣީ ސަރުކާރެއް'ގެ ގޮތުގައި ބެލެވޭނެ ކަމުގައެވެ. މީގެ މާނައަކީ ޣައްޒާގައި ދިރިއުޅޭ ފަަލަސްޠީނުގެ 2 މިލިއަން މީހުންގެ އެއްވެސް ކަމަކަށް ހުޅަނގު އައްސޭރީގައި އޮތް ފަލަސްޠީނުގެ މައި ސަރުކާރުން ޒިންމާ ނުވާނެއެެވެ.
ފަލަސްޠީނުުގެ ވާދަވެރި ދެ ޖަމާޢަތްކަމުގައިވާ ފަތަހު ޖަމާއަތާ. އިސްލާމިކް ރެސިސްޓެންސް މޫވްމަންޓް (ހަމާސް) ގެ ޒަމާންވީ ވާދަވެރިިކަން ނިމުމަކަށް ގެނެސް ދެފަރާތް ސުލްހަވުމަށް ފާއިތުވި އޮކްޓޯބަރު މަހު ވެވުނުު އެެއްބަސްވުމުގެ ދަށުން ޑިސެންބަރުގެ ނިޔަލަށް ހަމާސްއިން ޣައްޒާގެ ކޮންޓްރޯލު ދޫކޮށްލައި ފަތަހު ޖަމާއަތުގެ ޒައާމަތުގައި ހިނގާ ފަލަސްޠީނުގެ މައި ސަރުކާރާ ހަވާލުކުރަން ޖެހެއެވެ. އެއެއްބަސްވުމަށް މިހާތަނަށްވެސް އޮތީ އަމަލުނުކުރެވިއެވެ.
ޣައްޒާގައި އޮތް ހަމާސްއިން ހިންގާ ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވިދާޅުވިގޮތުގައި، އެއްބަސްވުން ތަންފީޒުކުރަން މިތަންވަޅު ފިއްތުންތައް ކުރިމަތިކުރަނީ، ޙަމާސް މިހާރު ނިކަމެތިވެ، ބަލިިކަށިވެފައިވާހެން ހީވާތީ ކަމުގައެވެ.
ފަލަސްޠީނުގެ ސިވިލް ސާވިސް މުވައްޒަފުންނަށް މުސާރަ ނުލިބި އެޕްރީލްމަހުގެ 10 ދުވަސް ފާއިތުވެދިއުމަށްފަހު މިހާރު މުސާރަވަނީ ދީފައެވެ. އެކަމަކު ހަމައެކަނި ހުޅަނގު އައްސޭރީގެ މުވައްޒަފުންނަށެވެ. މިއީވެސް ޣައްޒާއަށް އިތުރު ފިއްތުންތައް ކުރިމަތިކުރުވާނެ ކަމެކެވެ.
މަޙްމޫދު ޢައްބާސުގެ ކުއްލި އެންެގެވުމާމެދު މިސްރު ހިތް ހަމަނުޖެހެއެެވެ. އެއްފަހަރުން ހުރިހާ ކަމެއް ބަދަލުކުރުމުގެ ބަދަލުގައި މިސްރުން ބޭނުންވަނީ ދެފަރާތް ވާހަކަ ދައްކައިގެން މަޑުމަޑުން، މަރްހަލާތަކެއްގެ ތެރެއިން ކަންކަން ބަދަލުކުރުމަށެވެ.
2007 ވަނަ އަހަރުން ފެށިގެން ޣައްޒާގައި ވެރިކަން ކުރަމުން އަންނަނީ ޙަމާސް ޖަމާޢަތުންނެެވެ. ޣައްޒާގައި ބޮޑު ތާއީދެއް އޮންނަ ޙަމާސް އިން ވަނީ 2012 ވަނަ އަހަރު ބޭއްވުނު އިންތިޚާބުވެސް ކާމިޔާބުކޮށްފައެވެ.