ފަލްސަފާ (47)

(  17 ޖަނަވަރީ 2024 ގައި ޝާއިޢުކުރި ބަޔާ ގުޅޭ )

އަނެއްދުވަހުގެ ހެނދުނުގެ ނާސްތާގެ ގަޑިއެވެ. މުރުތަޟާއިނީ މާޔޫސްކަމެއްގެ ތެރޭގައި ކަންބޮޑުވެފައި އިންނަ ކަހަލަ ގޮތަކަށެވެ. އަރުސަލާން ސްކޫލަށް ގެންދިއުމަށްޓަކައި ، ޠާހިރާ އުޅެނީ އަވަދިނެތިއެވެ. ކޮޅު ގޮނޑީގައި ޖައްސާލައިގެން ބޮޑުވެފައި ، ޙަފުޞާ އިނީ ނާސްތާ ކުރާށެވެ. މުރުތަޟާގެ މޫނުމަތިން ފެންނަމުންދިޔަ މާޔޫސްކަން ، ޙަފުޞާއަށްވެސް ފާހަގަ ކުރެވުނެވެ. ތަހުނިޔާ މިއަދު ގެޔަށް އަންނާނެތޯ ޙަފުޞާ ސުއާލު ކުރިއެވެ.

ތަހުނިޔާ ގެޔަށް އަންނާނީ ކޮން ދުވަހަކުންކަމެއް މުރުތަޟާއަކަށް ޔަޤީނެއްނޫނެވެ. ތަހުނިޔާ އޭނާގެ ގެޔަށް އެދިޔައީ ، ޙަފުޞާގެ ހުއްދަ ހޯދައިގެންނެވެ. ދެމައިންގެ މެދުގައި ކޮންމެވެސް ވާހަކަތަކެއް ދެކެވިފައި އޮންނާނެއެވެ. އެހެންނަމަވެސް ، ތަހުނިޔާ އަންނާނީ ކޮން ދުވަހަކުންކަމެއް ޚުދު ޙަފުޞާއަކަށްވެސް ނޭނގެއެވެ.

ތަހުނިޔާ ގެޔަށް އަންނާނީ ކޮންއިރަކުންތޯ މުރުތަޟާއެއްވެސް ތަހުނިޔާކުރެންނެއް ނާހައެވެ. އެކަމާ ޙަފުޞާ އިނީ ހިތްހަމަ ނުޖެހިފައެވެ. އެރޭ އެގެޔަށް ގޮސް ކައިހެދިއިރު ، އެވަރުވެސް މުރުތަޟާއަކަށް އަހައެއް ނުލެވުނެވެ. މުރުތަޟާ އެގޭގައި ހޭދަވީ ބައިގަޑިއިރެއްހާއިރު ކަމަށް އޭނާ ބުންޏެވެ. ތަހުނިޔާ އުޅެނީ މަންމަޔާއެކު އަވަދިނެތިއެވެ. އެހެންވީމާ ، މާގިނަވާހަކަތަކެއް ތަހުނިޔާއާ ދައްކާކަށް މުރުތަޟާއަކަށް ފުރުސަތެއް ނުލިބުނެވެ. މުރުތަޟާ ދައްކަމުން ދިޔަ  ވާހަކަތައް އަޑުއަހަން ޠާހިރާ އިނެވެ. މުރުތަޟާ ރޭގައި ގެޔަށް އައީ ވަރަށް ލަހުންނެވެ. އެކަމަކު ، ތަހުނިޔާމެން ގޭގައިވީ ބައިގަޑިއިރެއްހާ އިރޭ ބުނެފިއެވެ.

" އެހެންވިއްޔާ ރޭ ، އުޅުނީ ކޮންތާކު ހެއްޔެވެ ؟ މުރުތަޟާ ގެޔަށް އައީ ވަރަށް ލަހުން ނޫންހެއްޔެވެ ؟ " ޠާހިރާ ބުންޏެވެ.

މުރުތަޟާގެ އަނގަޔަށް ލައިލައި އިން ކާއެތިކޮޅު މޭޒުމައްޗަށް ވެއްޓުނެވެ. ލިބުނު ކުއްލި ސިހުމާއެކު ، ދެލޯ ބޮޑުވިއެވެ. ޠާޙިރާއަށް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ ؟

މުރުތަޟާ ދިޔައީ ރައްޓެއްސަކާ ބައްދަލުކޮށްލުމަށްކަމުގައި ބުނެ ދޮގެއް ހެދިއެވެ. އަދި އެވާހަކަ އިތުރަށް ދައްކަން ޖެހިދާނެތީ ، އަވަސް ކޮށްލާފައި ، ރަނގަޅަށް ނާސްތާވެސް ނުކޮށް ، އޮފީހަށްދާން އެބަ ލަސްވެޔޭ ބުނެ ތެދުވިއެވެ.

މުރުތަޟާ ތެދުވެގެން ދިއުމުން ، ޠާހިރާގެ ހިތަށް ލިބުނު އުނދަގޫ ވަކިން ބޮޑުވިއެވެ. މުރުތަޟާ މިހާރު އެއުޅެނީ އެހާ ހަމަޖެހިގެން ނޫންކަމަށް ތާޙިރާ ބުންޏެވެ. އަބަދުވެސް ހުންނަނީ ކޮންމެވެސް ކަމަކާ ފިކުރު ބޮޑުވެފައެވެ. އެމީހުންނަށް ނޭނގުނަސް ، މުރުތަޟާގެ ހިތުގައި ވޭންތަކެއް އެބަ އަޅައެވެ.

އެއީ ޠާހިރާއަށް ހީވާ ކުށް ހީއެއްކަމުގައި ޙަފުޞާ ބުންޏެވެ. މުރުތަޟާގެ އަމިއްލަ ނަފްސު ހަމަޔަކަށް އެޅުވުމަށް ވަގުތު ބޭނުންވާނެއެވެ. އަދި ، އެހެން މީހުން ދަސްކުރުމަށްވެސް ވަގުތު ބޭނުންވާނެއެވެ. ޠާހިރާގެ ހިތުގައި އެކަހަލަ ވަހުމުތައް ނުއުފެއްދުމަށް ޙަފުޞާ އެދުނެވެ. ތަހުނިޔާއަކީ ، ސާދާ ސީދާ ، ދީނީކަންކަމަށް ލޯބިކުރާ ކުއްޖެކެވެ. ނޫރު ކަހަލަ ތާކުންތާކު ނުޖެހޭ ކުއްޖެއްނޫނެވެ. ސާޖިދާމެންގެ ފަރާތުން ރަނގަޅު އުޅުމެއް ލިބިފައި ވެއެވެ. މުރުތަޟާއާއެކީ ދިރިއުޅުން ކުރިޔަށް ގެންދަން ކުޑަ ވަގުތުކޮޅެއް ތަހުނިޔާއަށް ބޭނުންވާނެއެވެ. ހުރިހާކަމެއްވެސް ރަނގަޅުވާނެއެވެ. ޙަފުޞާ ، އޭނާއަށް ފެންނަގޮތް ޠާހިރާއަށް ސާފުކޮށްދިނެވެ.

ޠާހިރާ އަދިވެސް އިނީ ކަންބޮޑުވެފައެވެ. ތަހުނިޔާއާ އެކީ ދިރިއުޅުމަށް މުރުތަޟާގެ ހިތް ނޭދިއްޖެނަމަ ، ދެންވާނީ ކިހިނެއްތޯ ޠާހިރާ ސުއާލު ކުރިއެވެ. ޠާޙިރާގެ ވިސްނުން ހުރިގޮތް ޙަފުޞާއަކަށް ކަމަކު ނުދިޔައެވެ. މުރުތަޟާ ހިތްހަމަ ނުޖެހެންވީ ކޮންސަބަބަކާ ހުރެތޯ ޙަފުޞާ ސުއާލު ކުރިއެވެ. ޠާހިރާއަށް ވެގެން އެއުޅެނީ ކީއްހެއްޔެވެ ؟ މިއަދު އެ ދައްކަނީ ކޮންކަހަލަ ވާހަކަ ތަކެއް ހެއްޔެވެ ؟ ޙަޤީޤީ އުފަލަކީ ، އެހެންމީހުންގެ ޖަޒުބާތަށް އިޙްތިރާމްކޮށްގެން ، ކުރިޔަށް ދިއުންކަން މުރުތަޟާއަށް ވިސްނުނީމަ ، ހުރިހާ ކަމެއްވެސް ރަނގަޅުވާނެއެވެ. ޤަބޫކުރަން އުނދަގޫ ނަމަވެސް ، ޙަފުޞާ އެދެއްކި ވާހަކަތަކަށް އިތުރަށް ރައްދެއް ދޭކަށް ޠާހިރާ ބޭނުމެއް ނުވިއެވެ. އޭނާގެވެސް އެދުމަކީ ، މުރުތަޟާއަށް އުފާވެރި ދިރިއުޅުމެއް މިންވަރު ކުރެއްވުމެވެ.

****************************

ފަތިހު ހޭލައިގެން ނަމާދުކޮށްލުމަށްފަހު ، އަނެއްކާވެސް ތަހުނިޔާ އޮށޯވެލިއެވެ. އޭނާއަށް ހޭލެވުނީ ކުޑަކޮށް ލަސްވި ފަހުންނެވެ. ތެދުވެގެން ، ކުޑަދޮރުގެ ފޮތިގަނޑު ކަހާލައި ، ކުޑަދޮރު ހުޅުވާލައި ސާފު ތާޒާ ވަޔަށް އޭނާގެ މޫނު ދިއްކޮށްލިއެވެ. އެވަގުތަކީ ދޮރުގައި ޓަކި ޖަހައިލާފައި ސާޖިދާވެސް އެކޮޓަރިޔަށް ވަތް ވަގުތެވެ.

އެ ހެނދުނަކީ ، އެތައް ދުވަހަކަށްފަހު ، ތަހުނިޔާގެ ހިތަށް ހަމަޖެހުންލިބި ، އުފާވެރިކަމުގެ ނޭވާއެއް ލުމަށް ފުރުޞަތު ލިބިގެންދިޔަ ދުވަހެއްކަމުގައި މަންމަގާތު ބުންޏެވެ. ތަހުނިޔާ އެބުނީ ލައްކަ ވާހަކައެވެ. މުޅި ވާހަކައިގެ މަޤްޞަދެއް ސާޖިދާއަކަށް ނުވިސްނުނެވެ. އަދި އެހެން އެބުނީ ކީއްވެތޯ ، ތަހުނިޔާއާ ސުއާލު ކުރިއެވެ. މުރުތަޟާވެސް އެރޭ އެހާ އަވަހަށް ގެޔަށް ދިޔައިމަ ތަހުނިޔާ ކަންބޮޑެއްވެސް ނުވެއެވެ. އެއީވެސް ސާޖިދާގެ ހިތުގައި އޮތް ސުއާލެކެވެ. މުރުތަޟާ އެހާ އަވަހަށް އެރޭ އެގެއިން ދިޔައީތީ ތަހުނިޔާ ހުރީ އުފަލުންނެވެ. އެކަނިވެލަން އޭނާއަށް ލިބޭ ކޮންމެ ފުރުޞަތަކީ އަގުހުރި ވަގުތު ކޮޅެކެވެ. އެހެން ނޫނަސް ، މުރުތަޟާ އެރޭ އެއައީ ތަހުނިޔާގާތަކަށް ނޫނެވެ. މުރުތަޟާ އައީ މަންމަ ބުނެގެން ކާށެވެ. ތަހުނިޔާގެ ވާހަކައާއި ބަސްމަގު ހުންނަގޮތުން ސާޖިދާ ހުންނަންޖެހެނީ ހާސްކަމެއްގެ ތެރޭގައެވެ. އެކަހަލަ ވާހަކަ ، ތަހުނިޔާ ދައްކަނީ ކީއްވެގެންތޯ ސާޖިދާ ސުއާލު ކުރިއެވެ. މުރުތަޟާ އައިމަ ، ތަހުނިޔާ ހުންނަންވާނީ ހިނިތުންވެފައި އުފަލުންކަމަށް ބުނެ ، އެއީ ކަމުދާގޮތެއްނޫންކަން ، ތަހުނިޔާއަށް ވިސްނައިދެވޭތޯ ސާޖިދާ މަސައްކަތް ކުރަމުން ގެންދިޔައެވެ.

އެއީ ހަމައެކަނި ތަހުނިޔާގެ މައްސަލައެއްކަމަކަށް ތަހުނިޔާއެއް ނުދެކެއެވެ. އެއްމަގަކުން އެއްވަރަކަށް ދެމީހަކަށް ހިނގޭނީ ، ދެމީހުންގެ ބުރަ މަސައްކަތުންކަން މަންމަޔަށް ސާފުކޮށްދިނެވެ. މުރުތަޟާގެ ފަރާތުންވެސް ، ތަހުނިޔާ އެދޭކަހަލަ ހިތްހަމަ ޖެހުމާއި އުފާވެރިކަން ލިބޭނަމަ ، އޭނާވެސް އެހުރީ އޭގެބަދަލުގައި މުރުތަޟާއަށް ދޭންޖެހޭ އެއްޗެއްދޭން ތައްޔާރަށެވެ.

މުރުތަޟާގެ ފަރާތުން ތަހުނިޔާއަށް ނުލިބެނީ ކޮން އެއްޗެއްތޯ ސާޖިދާ ސުއާލު ކުރިއެވެ. ސާޖިދާގެ ހިތްވެސް ތެޅިގަތެވެ.

ކޮންމެ ވާހަކައަކީ ބުނެ ކިޔައިދީގެން ފާޅުވާ އެއްޗެއްނޫނެވެ. މީހާ އުޅޭގޮތައި ވިސްނުމާއި ފިކުރު ހުންނަގޮތުންވެސް ބައެއްކަހަލަ ކަންކަން ސާފުވާނެއެވެ. ރަނގަޅަށް ބުނާކަމަށް ވަންޏާ ، މުރުތަޟާ އޭނާގާތު ހުންނައިރު ، އޭނާގެ ހިތްނުތަނަވަސްވާ ކަމުގައި ތަހުނިޔާ ބުންޏެވެ.

ތަހުނިޔާގެ ވާހަކަތައް އަޑުއަހާފައި ، ސާޖިދާއަށް އެނދުމަތީ ކުއްލިޔަކަށް އިށީނދެވުނެވެ. ކަންބޮޑުވެގެންގޮސް ނިތްކުރިޔަށް ރޫ އެރިއެވެ. ތަހުނިޔާއަށް އެ ބުނެވުނީ ރަނގަޅުވާހަކައެއް ނޫންކަން ، އެހިސާބުން އޭނައަށް ވިސްނުނެވެ. ތަހުނިޔާ އެހެންބުނީމަ މަންމަ ކަންބޮޑުވާންވީ ސަބަބެއް ތަހުނިޔާއަކަށް ނުވިސްނެއެވެ. އެއީ ، ކަންބޮޑުވާންވީ ކަމެއްނޫނެވެ. އެއީ މިއަދުގެ ޙަޤީޤަތެވެ.

ސާޖިދާއަކަށް އެކަމާބެހޭގޮތުން ވާހަކަ ނުދައްކައެއް ނުހުރެވުނެވެ. ސާޖިދާ ކަންބޮޑު ނުވާންވީ ކީއްވެ ހެއްޔެވެ. އޭނާގެ ދަރިފުޅުގެ ޙަޔާތުގައި މިވަގުތަކީ ، ފިރިމީހާއާއެކީ މަޖާކޮށް އެކީގައި ހުންނަންޖެހޭ ވަގުތެވެ. އެއީ ހަނީމޫންގެ ދުވަސްވަރެވެ. އެކަކު އަނެކަކު ދަސްކޮށް ، އިތުބާރު އުފައްދައި އެކަކު އަނެކެއްގެ އަތުގައި ހިފަންވީ ދުވަސް ވަރެވެ. މިދުވަސްވަރަކީ ، ދެމަފިރިން އެކީގައި ވަގުތު ހޭދަކޮށްގެން ، ލޯތްބާއި އަޅައިލުމުން އެކަކު އަނެކަކަށް ފިދާވާ ދުވަސްވަރެވެ. އެކަމަކު ތަހުނިޔާގެ ވިސްނުންހުރީ އޭގެ އިދިކޮޅަށެވެ.

" ތަހުނިޔާއެވެ ! މަންމަ މިދައްކާ ވާހަކަ ކަނުލައި އަޑުއަހާށެވެ ! ދެމަފިރިން ، އެކަކު އަނެކަކަށް ވަގުތު ނުދޭކަމަށް ވަންޏާ އެދެމީހުން ދުރުވެގެން ހިނގައިދާނެއެވެ. ދެމީހުންވެސް އެކަކު އަނެކަކަށް ދޭނެ ވަގުތު ނުހޯދާކަމަށްވަންޏާ ، އެއީ ކުރެވޭ މޮޔަ ކަމެކެވެ. މުރުތަޟާއަކީ ، ދަރިފުޅުގެ ޙައްޤެކެވެ. އެ ޙަޤީޤަތް އުފަލާއެކު ޤަބޫލުކުރާށެވެ ! އެކަން ޤަބޫލުކުރުން އެއީ ދަރިފުޅުގެ ނަފްސަށް ދެވޭ ތަކުލީފަކަށް ނުހަދާށެވެ ! ދަރިފުޅުވެސް މުރުތަޟާގާތު ހުރިކަމުގެ އިޙްސާސް މުރުތަޟާއަށް އިޙްސާސް ވިޔަ ދޭށެވެ. އެ އިޙްސާސުން މުރުތަޟާގެ ހިތް އުފާކޮށްދޭށެވެ ! " ސާޖިދާ އޭނާގެ ދަރިފުޅަށް ނަސޭހަތް ދެމުން ގެންދިޔައެވެ.

ތަހުނިޔާއަކަށް ހަދާނެގޮތެއް ނޭނގެއެވެ. އޭނާގާތު މުރުތަޟާ ހުރިކަން އެންގުމަށްޓަކައި ، ފައިގައި ގިގުނި އަޅުވައިގެން ފައިތަޅުވައި އަޑުލައްވަންވީތޯ ތަހުނިޔާ ، އޭނާގެ މަންމައާ ސުއާލު ކުރިއެވެ. ޙަޤީޤަތަކީ އެއީކަމަށް ސާޖިދާ ބުންޏެވެ. އަންހެނުންނަކީ ، ގިގުންޏެއްފަދައިން އިއްވާ އަޑުން ، ފިރިހެނުންގެ ސަމާލުކަން ހޯދަންޖެހޭ ބަޔެކެވެ. ފިރިހެނުން ހިތްކިޔާނީ ، އަންހެނުން އެމީހުންނައިގެން އުޅޭ ވަރަކުންކަމަށް ސާޖިދާ ބުންޏެވެ. އެ އަޑަށް ފިރިހެނާ ހާނުވަންވެސް ޖެހޭނެއެވެ. ތަހުނިޔާ އެހުންނަނީ އަޑެއްވެސް ލައްވައިނުލާ ތައްބައްދައިގެންނެވެ. ތަހުނިޔާ އޭނާގާތު ހުރިކަން ، މުރުތަޟާއަށް އެނގޭނީ ކިހިނަކުން ހެއްޔެވެ ؟ އެއްވެސް އަޑެއް ނުއިއްވައި ތަހުނިޔާ މަޑުން ހުރެއްޖެނަމަ ، އެހެންދިމާލަކުން އިވޭއަޑަށް ސަމާލުކަންދީ އެދިމާލަކަށް މުރުތަޟާ ހިނގައިދާނެއެވެ. އެއީ ތަހުނިޔާ ސަމާލުވާންޖެހޭނެ ކަމެއްކަމަށް ސާޖިދާ ބުންޏެވެ.

އެންމެފަހުން މަންމަ އެބުނި ޖުމްލަޔަށް ، ތަހުނިޔާގެ ސަމާލުކަން ދަމައިގަތެވެ. އަދި ފުން ވިސްނުމެއްގެ ތެރެޔަށް އޭނާ ގެނބިގެންދިޔައެވެ. އަސްލުވެސް ، އެއީ ތަހުނިޔާ ވިސްނަންޖެހޭ ކަމެއްކަމަށް ޚުދު ، ތަހުނިޔާއަށްވެސް ޤަބޫލު ކުރެވެއެވެ.

***********************

އޮފީހަށްދާން ގެއިން ނުކުމެ ކާރު ދުއްވަމުންދިޔައިރު ، މުރުތަޟާގެ ކަންފަތް ދޮށުގައި ބޫންއަޅުވަމުން އެދަނީ ރޭގައި ، އޭނާއާ ދިމާއަށް ނޫރުބުނެފައިވާ ބައެއް ބަސްތަކެވެ.

" މުރުތަޟާއެވެ ! އިންސާނާގެ ދިރިހުރުމަކީ ، ކުރުމުއްދަތަކަށް ކަނޑައެޅިފައި އޮންނަ ވަގުތު ކޮޅެކެވެ. އެހެނަސް ، ދާންއޮތް މަގު އެހާ ކުރެއްނޫނެވެ. ބައެއްކަހަލަ ގުޅުމަކީ ، ދިރިހުރުމަށް ކޮންމެހެން ބޭނުންވާ ގުޅުންތަކެކެވެ. މުރުތަޟާގެ ކިބައިން ، އަހަރެން އެއްވެސްކަމެއް ބޭނުމެއް ނޫނެވެ. އަހަރެންނަށް އެނގޭހާވެސް ކަމަކީ ، މުރުތަޟާގެ ދިރިއުޅުމުގައި އަހަރެންނަށް ޚާއްޞަވެފައި އެއްވެސް ކަމެއް މިހާރު ނޯންނާނެކަމެވެ. އެހެންނަމަވެސް ، އަހަރެންގެ ޙަޔާތުގައި މުރުތަޟާއަށް ޚާއްޞަވެފައި އޮތްކަމެއް އެގޮތުގައި ދެމި އޮންނާނެއެވެ. އެއަކަށް ނިމުމެއް ނާންނާނެއެވެ. އަހަރެންނާއެކު ހިނގަމުން ތިއަންނަ އިރު ހާދަ ހިތްގައިމެވެ. އެކަމަކު އެ ހިތްގައިމުކަން އެއީ ދާއިމީ ކަމެއްނޫންކަން އަހަރެންނަށް އެނގެއެވެ. އަހަރެން ، މުރުތަޟާގެ ކިބައިން އެދޭ ކަމެއް އެބައޮތެވެ. އަހަރެމެންނަކީ މިހާރު ވަކިވެފައިތިބި ބަޔެކެވެ. ގުޅޭނެ ހުރިހާ ދޮރެއް އެއޮތީ ބަންދު ވެފައެވެ. އެހެންނަމަވެސް ، ނޭނގިތިއްބާ ބައްދަލުވެލާ ހިނދުވެސް ، އެކަކު އަނެކަކަށް ހިނިތުން ވެލާހާ ހިތްވަރު ، ދެމީހުންގެ ކިބައިގާ އުފައްދަމާ ހެއްޔެވެ ؟ "

ނޫރު ބުނެފައިވާ އެންމެ ފަހުގެ ބަސްތަކުން ، މުރުތަޟާގެ މޫނުމައްޗަށް ހިނިތުންވުމެއް ގެނުވިއެވެ.

********************

ހެނދުނު ފެންވަރާލައިގެން ރީތިވެލަން އިންއިރުވެސް ތަހުނިޔާއަށް އިނދެވުނީ ، މަންމަބުނި ބަސްތަކަށް ސިކުނޑި ހުސްކޮށްލައިގެންނެވެ. ކޮންމެ ގޮތަކަށް ކަމަށްވިޔަސް ، އޭނާގެ ކައިވެނި އެއޮތީ ކުރެވިފައެވެ. އެ ކައިވެންޏާ ގުޅިގެން އޭނާގެ މައްޗަށް ލާޒިމްވާ ކަންތައްތަކެއްވެސް ހުންނާނެއެވެ. ތަހުނިޔާއަށް ކުއްލި ސިހުމެއް ލިބިގެން ދިޔައީ ، ފޯނުގެ އަޑަށެވެ. މަޑުމަޑުން ފޯނާ ދިމާއަށް އެނބުރި ބަލައިލިއިރު ، އެއީ ޠާހިރާއެވެ.

ޠާހިރާ އެގުޅީ ، ތަހުނިޔާ ބަލައި އެގެޔަށް ދާންވީތޯ އަހާލަން ވެގެންނެވެ. އޭނާ ބަލައި އަންނަނީ މުރުތަޟާ އެއްނޫންތޯ ތަހުނިޔާއަށް ސުއާލު ކުރެވުނެވެ. މުރުތަޟާ ވީ އޮފީހުގައެވެ. ޠާހިރާ އެގުޅީ ، މުރުތަޟާ ފޯނުކޮށްފައި ، އޭނާ ބައިވެރިވާންޖެހޭ ރަސްމީ ކެއުމެއް އޮތީމަ ، އޭނާއަށް އަވަހަށް ގެޔަށް ނާދެވޭނެތީއެވެ.

މުރުތަޟާ ، ތަހުނިޔާގާތު އެވާހަކައެއް ނުބުނޭތޯ ޠާހިރާ ސުއާލު ކުރިއެވެ. އެދުވަހުގެ ހަވީރު ވީއިރުވެސް ، އެދެމީހުން އެކަކު އަނެކަކަށް ފޯނުކޮށް ވާހަކަ ދައްކާފައެއް ނުވެއެވެ. މުރުތަޟާއާއި ތަހުނިޔާ ފޯނުކޮށްނުލައި ތިބުން އެއީ ޠާހިރާމެންނަށް ކަމުދާނެ ކަމެއް ނޫންކަން ތަހުނިޔާ ދެނެގަތެވެ. އަދި ، މުރުތަޟާއާ ވާހަކަ ދެކެވުނު ކަމަށާއި އޮފީހުގައި މަސައްކަތް ބޮޑުކަމުން ،  މާގިނަ ވާހަކަތަކެއް މުރުތަޟާއަށް ނުދެއްކުނީކަމުގައި ބުނެ ، ތަހުނިޔާ ދޮގެއް ހަދައިލިއެވެ.

ޠާހިރާއާ ގުޅާފަ ، އޭނާއާ މަންމައާ ދެމީހުންގޮސް ، ތަހުނިޔާ ގެޔަށް ގެނެސްދޭން މުރުތަޟާ އެދުނުކަމުގައި ޠާހިރާ ބުންޏެވެ. އެހެނަސް ، އެއީ އެކަމަށް ތަހުނިޔާ އެދޭކަމަށް ވަންޏާއެވެ. ވަގުތުގެ ބޭނުންކޮށް ، ތަހުނިޔާ ބަލައި އެމީހުން އައިމަ އޭނާ ގެޔަށް ދާނެކަމަށް ތަހުނިޔާ ބުންޏެވެ.

އިރުއޮއްސުމުގެ ކުރިން ، ޙަފުޞާއާއި ޠާހިރާ ، ތަހުނިޔާބަލައި އަތުވެއްޖެއެވެ. އެގެޔަށް އަންނަ ފަހަރެއްގައި ، ސާޖިދާގެ އަތުން ސައިތަށްޓެއް ބޯނުލައި ދިއުމަކީ ،  ޙަފުޞާއަށް ފަސޭހަ ކަމެއްނޫނެވެ. ތަހުނިޔާ ބަލައި މުރުތަޟާ ނައުން އެއީ ، ތަހުނިޔާގެ މަންމައާއި ބައްޕަޔަށްވެސް މައްސަލަޔަކަށް ވިއެވެ. އެހެންނަމަވެސް ، ކޮންމެވެސް ބަހަނާއެއް ދައްކައިގެން ، މުރުތަޟާ ސަލާމަތް ކޮށްދިނީ ޙަފުޞާއެވެ.

ފިރިހެނުންނަކީ ، ވަރަށްގިނަ މަސްއޫލިއްޔަތަށް ޒިންމާވާންޖެހޭ ބަޔެކެވެ. ޢާއިލާ ބެލެހެއްޓުމަށް މަސައްކަތްކުރަމުން ، ޢާއިލީ ގުޅުންތައް ދަމަހައްޓަމުން ، ބުރަ މަސައްކަތްތަކެއް ކުރަން މަޖުބޫރު ވާނެއެވެ. މުރުތަޟާއަށް އަވަހަށް ގެޔަށް ނާދެވުނީ ، އޮފީހުގެ ފަރާތުން ބަޔަކަށްދޭ ރޭގަނޑުގެ ކެއުމެއްގައި ބައިވެރިވާން ޖެހިގެންނެވެ. އެހެން ނޫންނަމަ ، ތަހުނިޔާފަދަ ނިޔަނެތި އަނތްބަކު ބަލައި ނައިހެއް ނުހުންނާނެއެވެ.  ޙަފުޞާގެ ވާހަކަ ނިންމައިލީ އެތާ ތިބި އެންމެންގެ ހިތާ ކުޅެލުމަށްފަހުގައެވެ. (ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.