ފަލްސަފާ (45)

( 10 ޖަނަވަރީ 2024 ގައި ޝާއިޢުކުރި ބަޔާ ގުޅޭ )

މުރުރަޟާގެ އެއްވެސް މައްސަލައެއް ނެތެވެ. އެހެނަސް ، ނޫރުއަކަށް މުރުތަޟާ ކަމަކު ނުދޭ ނޫންހެއްޔެވެ ؟ ރައިދާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. ނޫރުއަށް ރަނގަޅު ކުއްޖަކު ހޯދައިދިނުމަށް އަހަރެންގާތު ބައްޕަ އެ އެދުނީ އެހެން ވެގެންނެވެ. ނޫރުއާ އެކަށީގެންވާ ، އަދި ނޫރުގެ މިޒާޖާގުޅޭ މީހަކު ލިބިގެންނޫނީ ، ނޫރުއަކަށްވެސް ހަމަޖެހޭ ދިރިއުޅުމެއް ނުލިބޭނެ ނޫންހެއްޔެވެ ؟ އެކަހަލަ ކުއްޖަކު ލިބިއްޖެނަމަ ، ނޫރުއަށް ދިރިއުޅުމެއް ލިބޭނެއެވެ.

ރައިދާގެ ވާހަކަތައް ނޫރުއަކަށް ކަމަކު ނުދިޔައެވެ. އޭނާ މިހާރު ދިރިއުޅެމުން އެގެންދަނީ ދިރިއުޅުމެއް ނޫންތޯ ރައިދާއާ ސުއާލު ކުރިއެވެ. އެއީ ، ނޫރުއަށް ކަމުދާ އޭނާގެ އަމިއްލަ ދިރިއުޅުމެކެވެ. އެދިރިއުޅުމަކީ ، ނޫރުގެ ހިތަށް ހަމަޖެހުންލިބޭ އުފާވެރި ދިރިއުޅުމެކެވެ. ނޫރުގެ މަޤާމާއި މުސާރައާއި ވަޒީފާގެ ޤާބިލިއްޔަތާ އަދި އޭނާގެ މުއައްޒަފުންނާއި އޭނާގެ ވަށައިގެންވާ ހުރިހާ އެއްޗަކީ ، ނޫރުއަށް އެންމެ ކަމުދާ ދިރިއުޅުމެވެ. އެ ދިރިއުޅުމުގައި އޭނާއަށް ސަތޭކަ އަހަރުވެސް ދިރިއުޅެވިދާނެއެވެ. ކައިވެނިކޮށްގެން އެ ދިރިއުޅުމަށް އިތުރު ކުރެވޭނެ އޮތީ ކޮން އެއްޗެއް ހެއްޔެވެ ؟

" ރައިދާ އަހަރެންނަށް ތިހޯދައިދޭން ބޭނުންވާ ، " އުފާވެރި " ދިރިއުޅުމަށް މީހަކު ފެނިއްޖިއްޔާ އެމީހަކާ އަހަރެންނާ ކޮންމެހެންވެސް ބައްދަލު ކުރުވައްޗެވެ. އޭރަށް ، އަހަރެންގެ ވަޒީފާގެ ކުރިއެރުމަށް ރައިދާމެން ޚާއްޞަކަންދެނީ ކިހާވަރަކަށްކަން އަހަރެންނަށްވެސް އެނގޭނެއެވެ. " ނޫރު ބުންޏެވެ.

ނޫރުގެ ވާހަކަތަކުން ، ރައިދާއަށް އަލިމަގެއް ނުފެނުނެވެ. އޭނާއަށް ލިބުނީ އިތުރު ހާސްކަމެވެ. ބައްޕަ އޭނާއާ ޙަވާލުކުރި މަސައްކަތް ފުރިހަމަ ކުރެވޭނެކަމުގެ އެއްވެސް ކޮޅެއް ނޫރުއެއް ނުދެއްކިއެވެ.

*****************************

ތަހުނިޔާ އިސްލާމްއާބާދުން އައިއިރު ، އަރުސަލާނަށް ހަދިޔާ ގެނައެވެ. އެހަދިޔާތައް އަރުސަލާނަށް ވަރަށް ކަމުދިޔައެވެ. އަދި ޠާހިރާއާއި ޙަފުޞާވެސް އެކަމާ ވަރަށް އުފާކުރިއެވެ. އަރުސަލާން ކޮޓަރިޔަށް ފޮނުވައިލުމަށްފަހު ، ޙަފުޞާކުރި ސުއާލަކުން ، ތަހުނިޔާގެ މޫނުމަތިން ފާޅުވާންހުރި ހިނިތުންވުމާއި އުފާވެރިކަން ގެއްލިގެން ދިޔައެވެ. ޙަފުޞާ ސުއާލުކުރީ ދަތުރުގެ ކަންތައްތަކާ ބެހޭގޮތުންނެވެ. އެސުއާލާ ގުޅިގެން ތަހުނިޔާގެ މޫނުމަތިން ފާޅުވި ނުތަނަވަސްކަން ޠާހިރާއަށްވެސް އަދި ޙަފުޞާއަށްވެސް ފެނުނެވެ.

" މަންމަ ތިކުރީ ކޮންކަހަލަ ސުއާލެއް ހެއްޔެވެ ؟ ހުރިހާކަމެއްވެސް ދާނީ ރަނގަޅަށްކަން އަހަރެންނަށް އެނގެއެވެ. އަހަރެންގެ ކޮއްކޮއަކީ ، މީހުންނަށް އަޅާއިލާ ހިތްހެޔޮ މީހެކެވެ. އޭނާއާ އެކީ އުޅޭމީހަކަށް އަޅައިނުލާ އެހީތެރި ނުވެއެއް ނުހުންނާނެއެވެ. " ޠާހިރާ ބުންޏެވެ.

އެވާހަކަތައް ކުރިޔަށް ގެންދިއުން ރަނގަޅުނޫންކަން ޠާހިރާއަށް އެނގެއެވެ. ތަހުނިޔާގެ ދުލުން ހުރިހާ ވާހަކަތަކެއް ބޭރުވުމުގެ ކުރިން ޠާހިރާ އެހެން އެބުނީ ، އެހުރިހާ ވާހަކަތަކެއް ދައްކަން ތަހުނިޔާއަށް އުނދަގޫ ވާނެކަން އެނގޭތީއެވެ. ތަހުނިޔާއަށް އިސްޖަހައި ލެވުނެވެ. އެވާހަކަތައް ދައްކާނީތޯ ނުވަތަ އެހިސާބުން އެކަން ނިންމައިލާނީތޯ ތަހުނިޔާގެ ހިތާހިތާ ކިޔައިލެވުނެވެ.

އެވާހަކަތައް ވަކިކޮޅެއްގައި ނުޖެހި އުޅެނިކޮށް ތަހުނިޔާގެ މަންމައާއި ބައްޕަ އެގެޔަށް އައެވެ. ސަލާންގަލާންކުރުމަށްފަހު ، އެތަނުން މުރުތަޟާ ނުފެންނަ ވާހަކަ ސާޖިދާ ބުންޏެވެ. މުރުތަޟާ އޭރުވީ ކޮޓަރީގައެވެ. ވަރުބަލިވެގެން ޖައްސާލާފައެވެ. އެއީ ޙަފުޞާއަށް ފެނުނު ގޮތެވެ. އެހެންނަމަވެސް ، މުރުތަޟާ އޭރުވެސް ހުރީ ، ނޫރުގެ ފަރާތުން އެދަތުރުގައި އެލިބުނު އުނދަގުލާއި ތަކުލީފުން އެނދުގައި އޮށޯވެލައިގެން އޮންނަން ދަތިވެ ، ކޮޓަރީގެ ބެލްކަންޏަށް ނުކުމެއެވެ. އެވަގުތުވެސް އޭނާގެ ކަންފަތަށް އިވެމުން ދިޔައީ ނޫރުގެ ބަސްތަކެވެ.

" އަހަރެމެން ރުޅިވީމަ ، އެކަކަށްވެސް ހިތްހަމަޖައްސާލައިގެން އެބަ އުޅެވޭ ހެއްޔެވެ ؟ އަހަރެމެން މިތިބެނީ އެކަމާ މޮޔަވެފައެވެ. އަހަރެމެން ވަކިވެގެން ރަނގަޅެއް ވީކަމަށް ހީވާކަމަށްވަންޏާ މުރުތަޟާއަށް ތިހުރީ ވަރަށްބޮޑަށް އޮޅިފައެވެ. އަހަރެންނަށް ކުޅިވަރުކުޅެން އެނގޭނަމަ ، މުރުތަޟާގެ އަނތްބެއްގެ ގޮތުގައި މުރުތަޟާގާތުގައި މިއަދު  ހުންނާނީ އަހަރެންނެވެ. އަދިވެސް އަހަރެން މުރުތަޟާދެކެ ލޯބިވަމެވެ. " ނޫރު ބުނެފައިވާ އެވާހަކަތަކުން ، މުރުތަޟާއަށް ރުޅިއައުމަށްވުރެ ލިބުނު ތަކުލީފު ބޮޑެވެ. ބެލްކަނީގެ މަތީ ރޭލިންގގައި އަތުން ތަޅަމުން ، މުރުތަޟާ ދެކޮޅަށް ހިނގަމުން ދިޔައެވެ. އެވަގުތު ، ނޫރުގެ ކޮޓަރީގެ ބެލްކަނީން ނުކުތްތަން މުރުތަޟާއަށް ފެނުނެވެ. އެ ދެ ބެލްކަންޏަކީ ، ކުރިން އެމީހުންގެ ލޯބީގެ މެސެޖް ބަދަލުކުރި ދެ ބެލްކަންޏެވެ. އެކަކު އަނެކެއްގެ ހަށިގަނޑުގައި އަތް ނުޖެހުނަސް ، އެދެމީހުންގެ ލޯބީގެ އިޙްސާސްތައް އެ ދެބެލްކަންޏާ އޮތީ ގުޅިފައެވެ.

މުރުތަޟާ ނޫރުއާދިމާއަށް ބަލަހައްޓައިގެން ހުއްޓާ ނޫރުއަށްވެސް އެދިމާއަށް ބަލައިލެވުނެވެ. ނޫރުގެ އަތުގައި އޮތް ފިނިފެންމާ އޭނާގެ ބޮލަށް ޖަހާލައިގެން އެނބުރިލިއެވެ. މުރުތަޟާއާ ދިމާއަށް ބަލަހައްޓައިގެން ހިނިތުންވެފައިހުރެ ، ނޫރު ދޭން ބޭނުންވާ މެސެޖްތައް ދެމުން ގެންދިޔައެވެ. މުރުތަޟާހުރީ ނޫރުއާ ދިމާއަށް ކަޅިއަޅައިގެންނެވެ.

ޙަފުޞާ އެއްކައިރިޔަކަށް ޖެހިލިތަނާ ވަގުތު ބަލާފައި ސާޖިދާ ، ތަހުނިޔާ ގޮވައިގެން ބޭރަށް ނުކުތެވެ. އަދި ނޫރުއާ ދިމާވިތޯ ސުއާލުކުރިއެވެ. އަޅައަޅައިގެންފައި ތަހުނިޔާ ބުނީ ނޫރުއާ އެމީހުންނާ ދިމާނުވާ ކަމަށެވެ. ސާޖިދާ އޭނާގެ މޭގައި އަތްއަޅައި މާނޭވާއެއް ލިއެވެ. އެމީހުންނާ ނޫރުއާ ދިމާނުވޭތޯ ސާޖިދާ ހުރީ ދުޢާ ކޮށްލަ ކޮށްލައެވެ.

އެމީހުންނާ ނޫރުއާ ދިމާވިޔަސް އަދި ނުވިޔަސް އެއީ ތަހުނިޔާއަށް މައްސަލައެއް ނޫނެވެ. އޭނާގެ ޙަޔާތަކަށް އެކަމުން ތަފާތެއް ނުއަންނާނެއެވެ.

" މޮޔައާއެވެ ! މުރުތަޟާއަކީ ފިރިހެނެކެވެ. ކުރިން ރައްޓެހިވެގެން އުޅުނު ކުއްޖަކާ ދިމާވީމަ އަސަރު ނުކޮށެއް ނުހުންނާނެއެވެ. ފިރިހެނުންނަކީ އެމީހުންގެ ފުރަތަމަ ލޯބި ، އެހާ ފަސޭހައިން ހަނދާން ނައްތާލާނެ ބައެއްނޫނެވެ. ފިރިހެނުން ބޭނުންވިޔަސް އެކަމެއް އެމީހުންނަކަށް ނުކުރެވޭނެއެވެ. ނޫރުވެސް އެކަމުގެ ނާޖާއިޒަ ފައިދާ ނުނަގައެއް ނުހުންނާނެއެވެ. ވަގުތާއި ފުރުޞަތަކީ ، އިންސާނާ ޖާދޫގައި ޖައްސާ ކަންކަމެވެ. ލިބޭ ހަނި ފުރުސަތަކުންވެސް ، އިންސާނާ އެޖާދޫގައި ޖެހުމަށް ކުޑަ ހިނދުކޮޅެއްވެސް ނުނަގާނެއެވެ. ތަހުނިޔާއަކީ ، ނުވިސްނޭ މޮޔަ ކުއްޖެކެވެ. އެކަހަލަ ކަންކަމާއި އެކަންކަމުން ނުކުންނާނެ ނަތީޖާ ތަހުނިޔާއަކަށް އަދިއެއް ނުވިސްނޭނެއެވެ. އެކަމުގެ ފައިދާ ނަގާނީ މުރުތަޟާއާއި ނޫރުއެވެ. ތިދެމީހުންގެ ދެމެދަށް ނުވަދެ ނޫރު ނުހުންނާނެކަން އަހަރެންނަށް ޔަޤީނެވެ. މަސްލަޙަތަށްޓަކައި އަނެއްކާ ތަހުނިޔާ ތިހަދަނީ ދޮގެއްނޫން ހެއްޔެވެ ؟ އެހެން ނުވެއްޖިއްޔާ ކިތަންމެހާވެސް ރަނގަޅެވެ. " ސާޖިދާ ބުންޏެވެ.

ދަތުރުގައި ކަންތައްތައް ހިނގައިދާނެގޮތާމެދު ، އަދިވެސް ސާޖިދާހުރީ ކަންބޮޑުވެފައެވެ. ތަހުނިޔާގެ ފަރާތުން މާ ރަނގަޅަށް ކަންކަން އޮޅުންފިލައިފާނެކަމަކަށް ސާޖިދާއަކަށް ޤަބޫލެއް ނުކުރެވެއެވެ. ދަތުރުމަތީގައި މުރުތަޟާގެ ކަންތައްތައްހުރީ ކިހިނެއްތޯ ސާޖިދާ ، އަނެއްކާވެސް ސުއާލުކުރިއެވެ. މުރުތަޟާ އޭނާއާމެދު ކަންތައްތައް ބެހެއްޓީ ރަނގަޅަށް ކަމުގައި ތަހުނިޔާ ބުންޏެވެ.

ތަހުނިޔާގެ ޖަވާބު އެހާ ފުރިހަމައެއްނޫނެވެ. ސާޖިދާއަކަށް އެކަމެއްވެސް ކަމަކު ނުދިޔައެވެ. ތަހުނިޔާގެ ފަރާތުން ، މުރުތަޟާއަށް ހުރިހާކަމެއްވެސް ރަނގަޅަށް ކޮށްދީ ، އަމިއްލަކަމެއްގެ ގޮތުގައި ހުރިހާކަމެއްވެސް ފުރިހަމަކޮށްދެމުން ގެންދިއުމަށް ސާޖިދާ ނަސޭހަތްތެރި ވިއެވެ. މުރުތަޟާގެ ޢާއިލާގެ މީހުންނާ ތަހުނިޔާ ގާތްވަމުންދިޔަވަރަކަށް މުރުތަޟާއަށްވެސް ތަހުނިޔާ ބަލައިގަނެ ، ހެޔޮކޮށްހިތަން މަޖުބޫރުވާނެއެވެ. އެގޭ އެންމެންނާވެސް ގުޅިގެން އެމީހުން ހިތްހަމަޖެހޭ ވާހަކަ ދައްކައި އެމީހުން ބޭނުންވާ ކަންކަން އިސްނަގައިގެން ކޮށްދޭން ، ސާހިދާ އޭނާގެ ދަރިފުޅަށް އެންގިއެވެ. މުރުތަޟާ ހުންނަންވާނީ ނޫރުގެ ކިބައިން ސަލާމަތްވެގެން ތަހުނިޔާގެ މީހެއްގެ ގޮތުގައެވެ.

" މަންމާއެވެ !  އަހަރެންނަކީ އެހާ މޮޔަމީހެއްނޫނެވެ. އަހަރެންގެ ވަގުތުތައް އެހެންމީހުންގެ ސަމާލުކަން ހޯދުމަށް ހޭދަކުރުމަކީ އަހަރެންގެ ތަބީޢަތާ ގުޅޭނެ ކަމެއްނޫނެވެ.  ކައިވެންޏެއްގެ ހަމައެކަނި މަޤްޞަދަކީ އެހެންމީހުން އުފަލުގައި ބޭތިއްބުން އެކަނި ހެއްޔެވެ ؟ އަހަރެންގެ އުފަލެއް ނުއޮންނަންވީ ކީއްވެ ހެއްޔެވެ ؟ އަހަރެން އުފަލުގައި ބެހެއްޓުމަށްޓަކައި އެހެންމީހުން ކުރަންޖެހޭކަމެއް ނުއޮންނަންވީ ހެއްޔެވެ ؟ މުރުތަޟާ އާއި މުރުތަޟާގެ މީހުންގެ ފަހަތުން ދުވެ ، އެމީހުން އުފާވާނެހާކަމެއް ކުރުން އެއީ އަހަރެންގެ ކައިވެނީގެ މަޤްޞަދު ހެއްޔެވެ ؟ މަންމާއެވެ ! އަހަރެންގެ އަގު ނެތިގެންދާ ، ތިކަހަލަ ވާހަކަ އަހަރެންގާތު ނުދައްކާށެވެ ! " ތަހުނިޔާ ހިތްހަމަ ނުޖެހުމާއެކު ބުންޏެވެ.

ދެމައިންގެ ވާހަކަ އެހިސާބަށް ދިޔަތަނާ ޠާހިރާ އެތަނަށް އައެވެ. އަދި ސައި ތައްޔާރުވެފައި ހުރިވާހަކައާއި މަންމަވެސް ނަމާދުކޮށްލައިގެން މިހާރު ނުކުންނާނެކަމުގައި ބުންޏެވެ.

ތަހުނިޔާ ގޮސް ސައިތަށިތައް ގެނެސް މީހުންނަށް ދިނުމަށް ސާޖިދާ އެދުނެވެ. ހުރިހާކަމެއް އެކުރަނީ ޠާހިރާ ފަކީރު އެކަންޏެވެ. ސާޖިދާ ޤަބޫލުކުރާ ގޮތުގައި ، އެއީ މިހާރު ތަހުނިޔާކުރަންޖެހޭ ކަންކަމެވެ. އެހެނަސް ، ޠާހިރާ އެކަން މަނާކުރިއެވެ. އަދި އެއްމަސް ވަންދެން ގޭގެ މަސައްކަތް ތަހުނިޔާ ކޮށްގެން ނުވާނެކަމަށް ޠާހިރާ ބުންޏެވެ. މަހެއްވާއިރަށް ، ދަތުރުގެ " ނަތީޖާ " ފެންނާނެތާއެވެ. އޭރުން ، ނަތީޖާ ދައްކާގޮތަކުން ގޭގެ ކަންތައްތައް ތަހުނިޔާ ކުރިޔަސް އެންމެ ރަނގަޅުވާނެއެވެ. ސައި ހިހޫވެދާނެކަމަށާއި އަވަހަށް ދެމައިން ގޭތެރެޔަށް އައުމަށް ބުނަމުން ، ޠާހިރާ ގޭތެރެޔަށް ވަދެގެން ދިޔައެވެ. ތަހުނިޔާވެސް ، ހިނިތުންވެލައިގެން ހުރުމަށް ބުނަމުން ސާޖިދާވެސް ގޭތެރެޔަށް ވަނެވެ.

**************************

މާ ނުވަގުތެއްގައި ބޭރަށް ދިއުމަށްޓަކައި މުރުތަޟާ ތައްޔާރުވަމުން ގެންދިޔައެވެ. ތަހުނިޔާ އިނީ މުރުތަޟާ އެދާތަނެއް އެނގިލަން ބޭނުންވެފައެވެ. އަދި ، ތަނަކަށްދަނީތޯ ސުއާލު ކުރިއެވެ. މުރުތަޟާ އެދަނީ ހިނގައިލާންކަމުގައި ބުންޏެވެ. ތަހުނިޔާ ހުރީ އޭނާއަށް އައި މެއިލްއަކާ ބެހޭގޮތުން މުރުތަޟާއާ ވާހަކަ ދައްކާލަން ބޭނުންވެފައެވެ. އެއީ ވަޒީފާގެ އިންޓަވިއުއަކަށް ދާން ލިބިފައި އޮތް މެއިލެކެވެ. ވަޒީފާއެއް ހޯދުމަށް ވަރަށްގިނަތަންތަނަށް މެއިލްކޮށްފައި ވެއްޖެކަމުގައި ތަހުނިޔާ އޮތީ މުރުތަޟާގާތު ބުނެފައެވެ.

" ރަނގަޅެވެ. އެކަމަކު ، މިހާރު ނޫނަސް ފަހުންވެސް ވަޒީފާއެއް އަދާކުރެވިދާނެ ނޫންހެއްޔެވެ ؟ " މުރުތަޟާ ބުންޏެވެ.

ތަހުނިޔާ އެހުންނަނީ ގޭގައި އިންނަން ފޫހިވެފައެވެ. އެކަމަކު ، މުރުތަޟާއަށް އެއީ މައްސަލައެއް ނޫނެވެ. ކައިވެނީގެ ކުރިންވެސް ތަހުނިޔާ ، ވަޒީފާއެއް އަދައެއް ނުކުރެއެވެ. ކުއްލިޔަކަށް ވަޒީފާއަކަށްދާން ޖެހުނީ ކީއްވެތޯ މުރުތަޟާ ސުއާލު ކުރިއެވެ.

ކައިވެނިކުރިއިރު ، ތަހުނިޔާއަށް އޮތީ ވަޒީފާއެއް ހަމަޖެހިފައެވެ. އެހެންނަމަވެސް ، ކައިވެންޏާހުރެ ، އެވަޒީފާވަނީ ތަހުނިޔާއަށް ގެއްލިފައެވެ. އެއީ މުސާރަވެސް ރަނގަޅު ވަޒީފާއެކެވެ. އެ ފުރުސަތު ތަހުނިޔާއަށް ގެއްލުނީ ކައިވެނިކުރަން ނިންމި ހިސާބުންނެވެ. ކޮންމެ ކަމަކަށްވެސް ވަގުތެއް އޮންނާނެއެވެ. މިވަގުތަކީ ތަހުނިޔާއަށް މުހިންމު ވަގުތެކެވެ. އެވަގުތު ، ވަޒީފާއެއް ލިބެން އޮއްވާ އެކަން އަތުން ބީވެގެން ހިނގައްޖެނަމަ ، އެއީ އަނބުރާ ލިބޭނެ ފުރުސަތެއްނޫނެވެ.

ތަހުނިޔާ ވަޒީފާއެއް އަދާކުރުމަކީ ، މުރުތަޟާއަށް މައްސަލައެއްނޫނެވެ. ވަގުތާއި ކަމާ ގުޅުވައިގެން ތަހުނިޔާއަށް ފެންނަ އެންމެ ރަނގަޅު ގޮތަކަށް ހެދުމަށް މުރުތަޟާ ބުންޏެވެ. ތަހުނިޔާ ބޭނުންވާކަމެއް ކުރުމަށް ހުރަސް އަޅާކަށް މުރުތަޟާ ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް ، ކައިވެނީގެ ކުރީކޮޅު ، ތަހުނިޔާ ވަޒީފާއަކަށް ދިއުމަކީ މުރުތަޟާ އެހާ އެދޭކަމެއްނޫނެވެ.

" ތަހުނިޔާ ވަޒީފާއެއް އަދާކުރުމަށް އަހަރެންގެ ފަރާތުން ތިޔައެދެނީ ހުއްދަޔަކަށް ނޫނެވެ. ހަމައެކަނި އަހަރެންނަށް އަންގައިލީއެވެ. ވަޒީފާއަކާ ބެހޭ އެއްވެސް ވާހަކައެއް ތަހުނިޔާ އަހަރެންނާ ދައްކައި މަޝްވަރާކޮށްފައެއް ނުވެއެވެ.  އަހަރެން ބޭނުންވީ ، ކައިވެންޏަށްފަހު ، އަހަރެމެން ދެމީހުންވެސް އެކަކު އަނެކަކަށް ވަގުތުދީ ، އެކުގައި އުޅުމަށެވެ. އެއީ ، އެކަކު އަނެކަކު ދަސްކުރުމަށެވެ. ވަޒީފާއަކީ ، އަހަރެންނަށް މަޖުބޫރުވެފައި އޮންނާނެ ކަމެކެވެ. އެކަން ކުރާކަށް ތަހުނިޔާއަކަށް އެއްވެސް މަޖުބޫރުކަމެއް ނެތެވެ. އެކަމަކުވެސް ، އަހަރެންނާ މިގެޔަށް ވަގުތުނުދީ އޮފީހަށް ވަގުތުދޭން ބޭނުންވާ ކަމަށްވަންޏާ ތަހުނިޔާ ބޭނުންގޮތެއް އިޚްތިޔާރު ކުރުމުގެ ޙައްޤު ތަހުނިޔާއަށް އެބަ އޮތެވެ. އެކަން އެހެން ވެއްޖިއްޔާ އަހަރެންނާއި ތަހުނިޔާއާ ދެމީހުން ދުރުވުން ނޫންކަމެއް ނުވާނެކަން ހަނދާން ކުރައްޗެވެ. އެވަގުތު ، އަނބުރައެއް ނާންނާނެއެވެ. " މުރުތަޟާ ބުންޏެވެ.

ވަޒީފާއެއްގެ ވާހަކަ ދެއްކީމަ މުރުތަޟާއަށް އެހާބޮޑު ނުތަނަވަސްކަމެއް އެލިބުނުގޮތެއް ތަހުނިޔާއަކަށް ނޭނގެއެވެ. ތަހުނިޔާގެ ހިތުގައިވާ އެ ސުއާލަށްވެސް މުރުތަޟާ ޖަވާބު ދިނެވެ.

" އަހަރެންގެ އަންހެނުން ، އެހެންމީހެއްގެ ވިސްނުމުގެ ނުފޫޒަށް ހެއްލިގެން އަމިއްލަގޮތްތައް ދޫކޮށް ، އޭނާގެ ދިރިއުޅުން އާބާދުކުރާކަށް އަހަރެން ބޭނުމެއްނޫނެވެ. އެހެންމީހަކު އުޅޭހާގޮތެއް ރަނގަޅުވެގެން ، އެގޮތަށް އަހަރެންގެ އަންހެނުން އުޅުން އެއީ އަހަރެން އެދޭގޮތެއް ނޫނެވެ. "  މުރުތަޟާގެ ވާހަކަ ކުރުކޮށްލާފައި ، ބޭރަށް ދާން ހިނގައިގަތެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.