ފަލްސަފާ (44)

( 7 ޖަނަވަރީ 2024 ގައި ޝާއިޢުކުރި ބަޔާ ގުޅޭ )

ތަހުނިޔާމެންނަށް ރެސްޓޯރެންޓަށް ވަދެވުނުއިރު ، މުރުތަޟާ އިނީ ފޯނެއްގައެވެ. ތަހުނިޔާމެން ފެނުމާއެކު ، ފަހުން ވާހަކަ ދައްކާނަމޭ ބުނެ ފޯނު ކަނޑައިލިއެވެ. މުރުތަޟާ ގުޅައިގެން ވާހަކަ ދެއްކީ ނޫރުގެ އޮފީހުގައި އުޅޭ ، މުރުތަޟާގެވެސް ރައްޓެއްސަކާއެވެ. އޭނާއާ ގުޅައިގެން ، މުރުތަޟާ ބޭނުންވީ ނޫރު އެދަތުރު އައުމަށް ރޭވިގޮތް ސާފު ކުރުމަށެވެ. އެކަން ސާފުކުރުމަށްފަހު ، އެދަތުރު ދިއުމަށް ނޫރު ރޭވިގޮތް ، އޭނާ ، މުރުތަޟާއަށް ކިޔައިދިނެވެ.

ތަހުނިޔާމެން ވަނުމާއެކު ، ރަނގަޅަށް އަނގަ ތަޅައިލެވިއްޖެހޭ އަހައި މުރުތަޟާ ސުއާލު ކުރިއެވެ. އެސުއާލަށްވެސް ޖަވާބުދިނީ ނޫރުއެވެ. ވަރަށް ވާހަކަ ދެއްކިއްޖެކަމަށްބުނެ ، ތަހުނިޔާއަށާއި މުރުތަޟާއަށް  ނޫރު ، ޝުކުރު އަދާކުރިއެވެ. އޭނާއަށް ވަގުތުކޮޅެއް ޚާއްޞަކޮށްލަދިން ކަމަށްޓަކައެވެ. އެހެން ނޫންނަމަ ، ފޫހިވެގެންގޮސް ނޫރު އަވަދިވާނެއެވެ. އެދެމީހުން ނޫނީ އަނގައިން ބުނެލާނެ އެއްވެސް މީހަކު ނެތެވެ. މުރުތަޟާއާއި ނޫރުއަށް ކުޑަ ވަގުތުކޮޅެއް ދިނުމަށްޓަކައި ، ތިމަންނަ މިދަނީ ފާޚާނާއަށޭ ބުނެ ތަހުނިޔާ އެތަނުން ދުރަށް ހިނގައިގަތެވެ.

" ނޫރުލްޢައިނުއެވެ ! ވާހަކައެއް ބުނަން ހެއްޔެވެ ؟ ނޫރުލްޢައިނު ތިޖަހާ ސަކަރާތުން އެންމެ ބޮޑު ގެއްލުމެއްލިބޭނެ މީހަކީ ، ޚުދު ނޫރުލްޢައިނުއެވެ. އެކަން ހަނދާން ބަހައްޓައްޗެވެ. " މުރުތަޟާ ބުންޏެވެ.

ނޫރު އިނީ ބުނާނެ އެއްޗެއް ނޭނގި ބަސް ހުއްޓިފައެވެ. މުރުތަޟާއާ ދިމާއަށް ބަލައިލާކަށް ނޫރުއަކަށް ނުކެރުނެވެ. ދުރުބަލަހައްޓައިގެން އިނދެ ، މުރުތަޟާވެސް ތިކުޅެނީ ކުޅިވަރެއް ނޫންހޭ ބުންޏެވެ. ދެ ބިއްލޫރި ތަށްޓެވެ. ކޮންމެ ތަށްޓެއްވެސް ހުރީ އަޅައިފާ އެހުރި އެއްޗަކުން ނުފުރި މެދާހަމައިގައެވެ. އެތަނުން އެއްތަށިހުރީ މެދާހަމަޔަށް ފުރިފައެވެ. އަނެއްތަށިހުރީ މެދުންމައްޗަށް ހުސްކޮށެވެ. ފުރިހަމަވެފައިވަނީ އެތަނުން ކޮން ތަށްޓެއްކަމެއް ނޭނގެއެވެ.

" ނޫރުއެވެ ! ތިކުޅޭ ކުޅިވަރު ހުއްޓާލާށެވެ. ތި ކުޅިވަރުން ބަލިވެއްޖެނަމަ ، ހިތްދަތިވެގެންގޮސް ، ނޫރު މޮޔަވާނެއެވެ. މޮޅުވެއްޖެނަމަ ، މޮޅުވުމުން ލިބުނު އުފަލަށްވުރެ ، ހިތުގެ ރިހުން ގަދަވާނެއެވެ. އޭރުންވެސް ނޫރު މޮޔަވާނެއެވެ. " މުރުތަޟާ ބުންޏެވެ.

ނޫރު އިށީނދެއިން ގޮނޑި ، މުރުތަޟާއާ ގާތަށް ދަމާލައި ، މުރުތަޟާއާ ގާތަށް ޖެހިލިއެވެ. އަދި ، މުރުތަޟާއަށް ހީވަނީ ކިހިނެއްކަމަށްހެއްޔޭ އެއްސެވެ. ނޫރުއާއި މުރުތަޟާއާ ދެމީހުން ރުޅިވިފަހުން ، ދެމީހުންކުރެ އެކަކަށްވެސް ހަމަޖެހުމުގެ ނޭވާއެއް ލެވުނުތޯ ، ނޫރު ސުއާލު ކުރިއެވެ. ދެމީހުންވެސް އެތިބީ މޮޔަވެފައެވެ. އަމިއްލަ ނަފްސުގެ މައްޗަށް ، އެކަކަށްވެސް ބާރެއް ނުފޯރުވެއެވެ. ކުރާކަމެއް ކުރެވެނީ ބޭ އިޚްތިޔާރުގައެވެ. ހިތުގައި އަޅަމުންދާ ވޭން ތަޙައްމަލު ކުރަމުންނެވެ. ހިތަށް ލިބެމުންދާ ތަކުލީފުތައް ދުނިޔެއަށް ސިއްރު ކުރަމުންނެވެ. ސިކުނޑިން ބޭރުކުރާ ގޭސްތަކުން ، އެންޒައިޓީއަށް މަގުފަހިވެ ، ސިކުނޑި އެދަނީ ގޮވަމުންނެވެ. އެކަންކަމަކީ މުރުތަޟާއަށް ކުރިމަތިނުވާ ކަންތައްތަކެއްނަމަ ، އަމިއްލަ ނަފްސަށް ދޮގުހެދުން ނޫންމަގެއް އިޚްތިޔާރު ކުރާކަށް ނުއޮންނާނެއެވެ. އަމިއްލަ ހިތަށް އަނިޔާދީ ތަކުލީފުތަކުން އެހިތް ކުދިކުދިވުން ނޫންގޮތެއް ނުފެންނާނެއެވެ.

ނޫރުއަކީ ، ދުނިޔެ ދައްކާ މަގުން ހިނގާ މީހެކެވެ. ނޫރު ބޭނުންވާ ކަންކަމާއި ބޭނުންވާގޮތް އިސްކޮށްގެން އެކަންކަން ނުފޮރުވައި ، އެކަންކަން ޙާޞިލްކުރުމަށް މަސައްކަތްކުރާ މީހެކެވެ. ހިތުގައި އެއްބައި ފޮރުވާފައި ، އަނެއްބައި ބޭރުކުރާއިރު ، ދޮވެ ސާފުކޮށްފައެއް ނޫރުއަކަށް އެއެއް ބޭރެއް ނުކުރެވޭނެއެވެ. ނޫރުގެ މޫނުމަތިން ފެންނާނީ ނޫރުގެ ހިތެވެ. ހިތަށް އޮޅުވާލައިގެން އެހިތުގައި އޮތް އެއްޗެއް ބަދަލުކޮށް ، ދުލުން ބޭރުކުރުމަކީ ނޫރު ދަންނަ ކަމެއްނޫނެވެ.

މުރުތަޟާއަކީ ނަފްސުގެ އަޅެކެވެ. މުރުތަޟާގެ ހިތުގައިވާ އެއްވެސް އެއްޗެއް އެއޮތްގޮތަކަށް ބޭރުކުރުމުގެ އިޚްތިޔާރެއް އޭނާގެ ނަފުސަކަށް ލިބިފައެއް ނުވެއެވެ. މަންމައާއި ދައްތަ ޖަހާހާ ބެރަކަށް ނަށަން މަޖުބޫރުވެފައިހުރި ފިރިހެނެކެވެ. އޭގެ ތެރެޔަށް މިހާރު އެވަނީ ، ތަހުނިޔާވެސް ވަދެފައެވެ. ފިރިހެނަކަށް ، ތިންހަތަރު އަންހެނުން ބޭނުންވާ ގޮތްތަކަށް ތަބާވެގެން އުޅުމަކީ ކިހާވަރެއްގެ ކަމެއްކަން ސާފުކޮށްލަން ބޭނުންވާ މީހަކު ހުރިއްޔާ ، އެވާހަކަ މުރުތަޟާގާތު އަހާށެވެ. މުރުތަޟާއަކީ އެކަމުގެ މާހިރެކެވެ. އަތުގައިވާ އެއްޗެއް ބީވެގެންދިޔަޔަސް ، ހިތް ފޮތިފޮތިވެ ކިތަންމެ ކެކުޅުމެއް އެޅިޔަސް ، މުރުތަޟާ އިޚްތިޔާރު ކުރާނީ މަންމަބުނާ ގޮތެވެ. ނޫރުއާއި މުރުތަޟާއާ ދެމީހުންގެ ތަފާތަކީ އެއީއެވެ. ތެލާއި ފެނާ އެކުވާނެ ގޮތެއް އެއީ އޮންނަގޮތެއްނޫނެވެ. އެހެންކަމުން ، ނޫރުއާއި މުރުތަޟާގެ ރުޅިވުމަކީ ، އެފަދަ ކަމެކެވެ.

" މުރުތަޟާ ތިދައްކަނީ ކޮންކަހަލަ ވާހަކައެއް ހެއްޔެވެ ؟ އަހަރެން ކުޅިއެއް ކުޅުނުނަމަ ، މުރުތަޟާގެ އަނތްބެއްގެ ގޮތުގައި މިއަދު އިންނާނީ މި ނޫރުއެވެ. އަހަރެން ، ކުޅިއެއް ނުކުޅުނުކަން ނަސީބެއް ނޫންހެއްޔެވެ ؟ " ނޫރު ، ވައިއަޑުން ވާހަކަ ދައްކަމުން ގެންދިޔައެވެ. އެތާ ތިބި މީހުންނަށް އަޑުއިވިދާނެތީއެވެ.

ވާހަކަ އެހިސާބަށް ދިޔަތަނާ ، ތަހުނިޔާވެސް އަތުވެއްޖެއެވެ. ނޫރުއާއި މުރުތަޟާއާއި ދެމީހުންވެސް ހިނިމޫނެއް ދައްކައިލާ އެދެމީހުން ވާހަކައެއް ދެއްކިކަމަށްވެސް ނުހެދިއެވެ. ކާތަކެއްޗަށް އޯޑަރު ކުރުމަށްފަހު ، އެއެއްޗެތި އަންނަންދެންވެސް ، ތިންމީހުންކުރެ މީހަކު ވާހަކައެއް ނުދައްކައެވެ. އިރުއިރުކޮޅުން ، އެކަކު އަނެކަކަށް ބަލައިލުމަށްފަހު ، ހީލުންފިޔަވައި އިތުރުކަމެއް ނުހިނގައެވެ.

**************************

ނޫރުގެ ފްލައިޓް އޮތީ ހަވީރުއެވެ. އެއީ ، ތަހުނިޔާމެންވެސް ފުރަން އޮތް ގަޑިއެވެ. އިއްތިފާޤަކުން ކަމަށްވިޔަސް ، ތިންމީހުންވެސް މަރީން އެފުރަނީ އެއްގަޑިއެއްގައެވެ. އެއަރޕޯޓަށްދާން ކާރަށް އެރުމަށްފަހު ، އަލްވަދާޢުގެ ނޯޓެއް ނޫރު ލިޔެލިއެވެ. އަދި އިރުކޮޅަކު ވިސްނަން އިނުމަށްފަހު ، މުރުތަޟާއަށް އެނޯޓު މެސެޖްކޮށްލިއެވެ. އޭރު ތަހުނިޔާ އުޅެނީ ޕެކްކުރުމުގެ މަސައްކަތުގައެވެ. މުރުތަޟާވީ ފާޚާނާގައެވެ. މުރުތަޟާގެ ފޯނަށް މެސެޖެއް އައި އަޑަށް ތަހުނިޔާއަށް ބަލައިލެވުނެވެ. އެއީ ނޫރުގެ މެސެޖެކެވެ. ވަރަށް ކުރެވެ. ލިޔެލާފައިވަނީ ހަމައެކަނި " އަލްވަދާޢު " އެވެ. މުރުތަޟާ ފާޚާނާއިން އައިސް ފޯނަށް ބަލައިލިއިރު ނޫރުގެ މެސެޖެއް އައިސް އޮތެވެ. ފޯނު ބޭއްވިފައި އޮތީ ތަހުނިޔާ އިށީނދެލައިގެން އިން ގޮނޑީގެ ކުރިމަތީގައެވެ. އެ މެސެޖް އައިކަން ތަހުނިޔާއަށް ސިއްރެއް ނުވާނެއެވެ. އެއީ ނޫރުގެ މެސެޖެއްކަމަށް ، ތަންކޮޅެއް ބާރަށް ތަހުނިޔާއަށް ބުނެވުނެވެ. މުރުތަޟާއަށް އަލްވަދާޢު ކިޔައިލީއެވެ. އެމެސެޖްގެ މަޤްޞަދަކީ ކޮބައިކަމެއް ތަހުނިޔާއަކަށް ނޭނގެއެވެ.  އެކަމުގައި މުރުތަޟާ ބުނާނީ ކީކޭ ހެއްޔެވެ ؟ އެއީ އޭނާއާ ބެހޭކަމެއްނޫނެވެ. ނޫރު ކޮންމެ މެސެޖެއް ފޮނުވިޔަސް ، އޭނާ ކަހަރުވަކެކޭވެސް ހިތަށް ނާރައެވެ.

" ނޫރުގެ ދަތުރު ނިންމާފައި އެނބުރި އެދަނީ ކަރާޗީއަށެވެ. އެ މެސެޖުން ދޭހަވާ އެނޫންމާނައެއް ކޮބައި ހެއްޔެވެ ؟ " މުރުތަޟާ ބުންޏެވެ.

ތަހުނިޔާއަށް އެއީ މައްސަލައެއްނޫނެވެ. އެކަމަކުވެސް އޭނާގެ ހިތަށް ކޮންމެވެސް އެއްޗެއް އެރުމަކީ އެކަށީގެންނުވާ ކަމެއްނޫނެވެ. ތަހުނިޔާގެ ފޯނަކަށް އެއްވެސް މެސެޖެއް ނާދެއެވެ. ތަހުނިޔާއާއި ނޫރުއަކީ ، މިޒަމާނުގެ ގޮތަށް ބުނާނަމަ ، ބެސްޓް ފްރެންޑުންނެވެ. ކުރިން ، ލޯބީގެ ގުޅުމެއް އޮތް ފިރިހެނަކީ ، ބެސްޓް ފްރެންޑަކަށްވުރެ ގާތްމީހެއްކަމަށް ވެދާނެއެވެ. އެނަތީޖާގައި ، މުރުތަޟާއަށްވުރެ ތަހުނިޔާ ، ނޫރުއާ މާ ދުރެވެ. އެކަން މުރުތަޟާއަށް ނޫރު އެފޮނުވި މެސެޖުން ސާބިތު ކޮށްދީފިއެވެ.

ޙަޤީޤަތުގައިވެސް ތަހުނިޔާއާއި ނޫރުއަކީ ، ވަރަށް ގާތް ދެ އެކުވެރިންނެވެ. މުރުތަޟާއަކީ ، ނޫރުގެ ކުރީގެ ލޯބިވެރިޔާއެވެ. ކުރިންވެސް ، ތަހުނިޔާއަށްވުރެ ބޮޑަށް ނޫރު އިސްކުރަމުން ދިޔައީ މުރުތަޟާއެވެ. އެންމެ ފުރަތަމަ މުރުތަޟާއެވެ. ދެން ، އެހެންމީހުންނާއި ކަންކަމެވެ. މިއަދުވެސް ، އެންމެގާތް ރަޙުމަތްތެރިޔާ ، ތަހުނިޔާއަށްވުރެ ގާތީ ، ކުރީގެ ލޯބިވެރިޔާ މުރުތަޟާއެވެ. އެ ޙަޤީޤަތް މުރުތަޟާއާއި ތަހުނިޔާގެ ކުރިމަތީގައި މިއަދުވެސް އެދިޔައީ ސާބިތުވެގެންނެވެ.

ތަހުނިޔާއަށް އެއީ އެހާ ބޮޑުކަމެއްނޫނެވެ. އެހުރިހާކަމެއް އެއީ އޭނާއާ ކުރިމަތިވާނެ ތަކުލީފުކަމުގައި ތަހުނިޔާ ހުންނަނީ ޤަބޫލުކޮށްގެންނެވެ. އެހެންކަމުން ، ކަންބޮޑުވުމުގެ އެއްވެސް އަސަރެއް ތަހުނިޔާގެ މޫނުމަތިން ، ފާޅެއް ނުވެއެވެ. އޭނާގެ މޫނުމަތީގައިވަނީ ، ހަމަޖެހުމާއި އުފާވެރިކަމެވެ. ފަރި ، ހިނިތުންވުމެކެވެ.

މުރުތަޟާއަށް އެއީ މައްސަލައެކެވެ. ނޫރުގެ ޢަމަލުތަކާއި އެޢަމަލުތަކުގެ މަޤްޞަދު އެންމެ ސާފުކޮށް އެނގޭނީ މުރުތަޟާއަށެވެ. މުރުތަޟާހުރީ ، އެކަމާބެހޭގޮތުން ބުނާނެ އެއްވެސް އެއްޗެއް ނޭނގި ކަންބޮޑުވެފައެވެ. އެއްޗެކޭ ބުނަން ބޭނުންވެގެން ، އަނގަ ހުޅުވައިލައެވެ. އެހެނަސް ބުނާނީ ކީކޭކަމެއް އޭނާއަކަށް ނޭނގެއެވެ.

" ތަހުނިޔާއެވެ ! އެއީ ، އަންހެނެކެވެ. ފިރިހެނުން ހައްލައިލައިގެން ، އެ އަންހެނަކާ ދުރަށް ނުދެވޭނެގޮތް ވަރަށް ރަނގަޅަށް އެ އަންހެނަކަށް އެނގެއެވެ. ދެން ، އެހެން އަންހެނެކެވެ. ފިރިހެނަކު ، އަންހެނަކާ ދުރަށް ދިއުމަށް އުފުއްލަމުން އެގެންދަނީ ކިހާވަރެއްގެ ތަކުލީފެއްކަން ، އަދި ކުރަމުން އެގެންދަނީ ކިހާ މަސައްކަތެއްކަން ، އެ އަންހެނާއަކަށް ، އިޙްސާސްވެސް ކޮށް ނުލެވެއެވެ. ތަހުނިޔާއެވެ ! އަހަރެންނަށް މަޢާފު ކުރާށެވެ ! " މުރުތަޟާ އޭނާގެ ވާހަކަ ނިންމާލައި ތަހުނިޔާއާ ދިމާއަށް ބަލަހައްޓައިގެން ހުށްޓެވެ.

މުރުތަޟާ އެބުނީ ކީކޭކަން ، އަދި މުރުތަޟާ އެބުނި ވާހަކައެއްގެ މާނަޔަކީ ކޮބައިކަން ، ވަރަށް ފަސޭހައިން ތަހުނިޔާ ވިސްނައިގަތެވެ. ކުރިންވެސް އެދެމީހުންގެ މެދުގައި ދެކެވިފައިވާ ވާހަކަތަކަށް ވިސްނާއިރު ، މުރުތަޟާއަށްވެސް އަދި ނޫރުއަށްވެސް ، ތަހުނިޔާގެ އެހީތެރިކަން ބޭނުންވާކަމުގައި ތަހުނިޔާއަށް ވިސްނުނެވެ. އަޞްލު ، ޙަޤީޤަތަށް ބަލާއިރު ، ތަހުނިޔާއަށް ކަނޑައެޅިގެން ދެރައެއްދޭކަށް ނޫރު ބޭނުމެއް ނުވާނެއެވެ. ތަހުނިޔާގެ ދިރިއުޅުން ބަރުބާދުވެގެންދިއުން އެއީ ނޫރު އެދޭނެކަމެއްނޫނެވެ.

ދެންހުރީ މުރުތަޟާއެވެ. މުރުތަޟާއަކީ ، ތަހުނިޔާގެ ފިރިމީހާއެވެ. ނޫރުގެ ކުރީގެ ލޯބިވެރިޔާއެވެ. މުރުތަޟާއަށް އެއުޅެނީ ނޫރުގެ ކިބައިން ސަލާމަތް ނުވެގެންނެވެ. ތަހުނިޔާއަށް ދެރައެއްދޭކަށް ، މުރުތަޟާވެސް ، ތަހުނިޔާއަކާ ނުއިންނާނެއެވެ. އަދި އަމްދުން ، ތަހުނިޔާގެ ފިރިޔަކަށްވެ ، ތަހުނިޔާގެ ޒިންމާ ކޮނޑުއަޅައިގެންހުރެ ، އިންސާނިއްޔަތަށްޓަކައިވެސް ، ތަހުނިޔާއާމެދު މުރުތަޟާ ވިސްނާނެއެވެ. މުރުތަޟާއަކީ ، ހެޔޮލަފާ މީހެކެވެ. ނޫރުއަކީ ، ހެޔޮލަފާ އެހެނަސް ، ގޮތްދޫނުކުރާ އަދި އަމިއްލަ އެދުމަށް ވިސްނާ މީހެކެވެ. ދެމީހުންނަކީވެސް ، ތަހުނިޔާއަށް މުހިންމު ދެމީހުންނެވެ.  ތަހުނިޔާވެސް ، މުރުތަޟާވެސް ، އެކަމާބެހޭގޮތުން އިތުރު ވާހަކައެއް ނުދައްކައެވެ. ތަހުނިޔާގެ މޫނުމަތިން ފާޅުވަމުންދިޔަ ހިނިތުންވުމަށް ބަދަލެއް ނާދެއެވެ. އަދި ، މުރުތަޟާގެ މޫނުމަތީގައިވާ ހާސްކަމަށްވެސް ބަދަލެއް ނާދެއެވެ.

********************

ދަތުރު ނިންމައިލުމަށްފަހު ، ކަރާޗީއަށްގޮސް ގެޔަށް ވަތްތަނުން ނޫރުއާ ފުރަތަމަވެސް ދިމާވީ ، ފަހަރި ، ރައިދާއާއެވެ. ދަތުރު ކިހިނެއްތޯ ސުއާލު ކޮށްލުމާއެކު ، އެއީ ވަރަށް ފުރިހަމަ މަޖާ ދަތުރެއްކަމަށް ނޫރު ބުންޏެވެ. ބޯ ހަމަޖައްސައިލުމަށްޓަކައި ، ދޭތެރެޔަކުން އެކަހަލަ ދަތުރު ރާވާލަންޖެހޭކަމުގައި ނޫރު ބުންޏެވެ.

ދަތުރާބެހޭ އެއްވެސްކަމެއް އެނގޭކަމަށް ހަދާކަށް ރައިދާ ބޭނުމެއް ނުވިއެވެ. އެހެނަސް ، އެއީ އޭނާއަށް އެހާ ފަސޭހަކަމަކަށް ނުވިއެވެ. ރައިދާގެ އަނގަވެސް ހިސާބަށްވުރެ ގަދައީއެވެ. މުރުތަޟާއާއި ތަހުނިޔާވެސް ، މަރީއަށް ގޮސް އުޅޭވާހަކަ އަޑުއިވިފައިވާކަމުގައި ރައިދާ ބުނުމާއެކު ، ސިޑިން މައްޗަށް އަރަމުންދިޔަ ނޫރުއަށް ހުއްޓުން އެރިއެވެ. އެމީހުންނާ ނޫރުއާ ދިމާވިތޯވެސް ރައިދާ އެހިއެވެ. ރައިދާގެ ބޭނުމަކަށްވީ ވާހަކަ ހޯދުމެވެ. ނޫރު އުޅެމުން އެގެންދާ ގޮތާއި ކުރަމުން އެގެންދާ ކަންކަމުގެ މަޢުލޫމާތު ، ރައިދާއަށްވެސް އެނގޭކަން އަންގައިލުމެވެ.

" އެހެން ހެއްޔެވެ ؟ އެމީހުން އެތަނުގައި އުޅޭކަމެއް އަހަރެންނަށް އެނގިފައެއް ނެތެވެ. " ވަރަށް ހަމަޖެހިލައިގެންހުރެ ނޫރު ބުންޏެވެ.

ނޫރުގެ ފަރާތުން ރަނގަޅު އެއްވެސް މަޢުލޫމާތެއް ނުލިބޭނެކަން ރައިދާއަށް އެނގެއެވެ. ދެން އިތުރަށް އެވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ. ދެފަހަރިންގެ މެދުގައި ހިތްހަމަ ނުޖެހުން އުފެދުން ނޫންކަމެއް ނުވާނެއެވެ.

" ނޫރު އިންނާނެ ރަނގަޅު ކުއްޖަކު ހޯދައިދޭން ، ބައްޕަ އަހަރެންގާތު ބުނެފިއެވެ. " ރައިދާ ބުންޏެވެ.

ރައިދާގެ އެބަސް ، ނޫރުގެ ކަންފަތަށް އިވުނީ ގަދަ ގުގުރިއެއްގެ ބިރުވެރި އަޑެއްގެ ގޮތުގައެވެ. އަތުން ހިފައިގެންހުރި ސޫޓްކޭޝް ސިޑިމައްޗަށް ވެއްޓުނެވެ. ދެއަތުން ދެކަންފަތް ނިވާކޮށް ، ފިއްތާލައި ރައިދާއާ ދިމާއަށް ބަލައިލާ ދެލޯ ބޮޑުކޮށްލަމުން ބުންޏެވެ.

" އެއީ އަހަރެން އެއްވެސް ވަރަކަށް ބޭނުންވާކަމެއްނޫނެވެ. އަހަރެންގެ އަމިއްލަ އެކަހަލަ ކަންކަމާ ނުބެހުމަށް އެތައްހާސް ފަހަރަކު ، ރައިދާގާތު ބުނެފީމެވެ. އަހަރެންގެ ދިރިއުޅުން އަހަރެން ބޭނުންވާގޮތަކަށް ކުރިޔަށް ގެންދަން ދޫކޮށްލަ ދޭށެވެ. ﷲ އަށްޓަކައި ބުނަމެވެ. އަހަރެން ބޭނުންވާ ވަކިގޮތްތަކެއް ހުރިއިރު ، އެކަންކަމަކީ ޙައްލުނުކުރެވޭ ކަންކަމަށްވާއިރު ، އަހަރެންނަކީ މައްސަލައަކަށް އެބަ ވެއެވެ. އެހެންކަމަށް ވަންޏާ ، އަހަރެންނާ މުރުތަޟާގެ ތަފާތަކީ ކޮބައި ހެއްޔެވެ. އޮތީ ކޮން މައްސަލައެއް ހެއްޔެވެ ؟ (ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

3 ޚިޔާލު

  1. ރެސްޓޯރެންޓަށް ތިންމީހުން ކާންދިއުން . ނޫރުގެ މެސެޖް މުރުތަޟާއަށް ލިބި ، ތަހުނިޔާއާއި މުރުތަޟާއާ ދެމެދު ނުތަނަވަސްކަން އުފެދުން . ނޫރުއާއި ތަހުނިޔާއާ މުރުތަޟާ ، މަރީން ފުރައިގެން ކަރާޗީއަށް އެނބުރި އައުން. ނޫރު ކައިވެނިކުރާނެ ފިރިހެނަކު ހޯދައިދިނުމަށް ނޫރުގެ ބައްޕަ ، ރައިދާގާތު ބުނެފައިވާތީ އެކަން ނޫރުއަށް ރައިދާ އެންގުން. އެއްދުވަހުން ، ކިހާކަމެއް އަދި ކޮންކަމެއް ނުހިނގައިގެންބާ މައްސަލަޔަކަށްވަނީ. ވާހަކަ ލިޔުންތެރިޔާ ތަރުޖަމާކުރުމުގައި ، އެ ތަރުޖަމާއެއްގެ އަސްލު ނުގެއްލޭގޮތަށް ބަލާނެކަމަށް ފެނޭ. ވާހަކައެއްގެ އަސްލު ތަރުޖަމާއެއްގައި ވާހަކަތަކެއް ތަކުރާރުވާނަމަ އެކަމުގެވެސް ބޭނުމެއް އޮންނާނެކަމަށް ފެނޭ. އެއީ ވާހަކަ ތަރުޖަމާކުރާ މީހެއްގެ މައްސަލަޔަކަށް ނުވެދާނެ.

  2. ވާހަކައިގެ ސެހެރީބައި މާދިގުވެފައި އަބަދު އެއްވާހަކަޔެއް ތަކުރާރުވެފައި ކަމެއްނުހިގައި ނިމެނީ ކޮންމެދުވަހަކު،

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.