
ދެޙަރަމްފުޅުގެ ޚާދިމުގެ ޙައްޖާއި ޢުމްރާގެ މެހްމާނު ޕްރޮގްރާމްގެ ދަށުން 2024 ވަނަ އަހަރު 1000 މީހުންނަށް ޢުމްރާވުމުގެ ފުރުސަތު ދިނުމަށް ސަޢޫދީ ރަސްގެފާނު ނިންމަވައިފިއެވެ.
ރަސްގެފާނުގެ މިޤަރާރު ތަންފީޒުކުރަން ހަމަޖެހިފައިވަނީ ސަޢޫދީ އިސްލާމިކް މިނިސްޓްރީއިންނެވެ. ސަޢޫދީ އިސްލާމިކް މިނިސްޓަރ އައްޝައިޚް ޑރ. ޢަބްދުއްލަޠީފު އާލުއްޝައިޚްވަނީ މިފަދަ ޕްރޮގްރާމެއް ފެއްޓެވިކަމަށްޓަކައި އަލްމަލިކް ސަލްމާނަށާއި، ވަލިއްޔުލް ޢަހުދު މުޙައްމަދު ބިން ސަލްމާނަށް ޝުކުރު އަދާކުރައްވާފައެވެ.
މިޕްރޮގްރާމްގެ މަޤްސަދަކީ މުސްލިމުންނަށް ޚިދުމަތްކުރުމާއި، އިސްލާމީ އުންމަތުގެ އަފްރާދުންގެ މެދުގައްޔާއި، އިސްލާމީ މުއައްސަސާތަކުގެ މެދުގައި އިސްލާމީ އަޚްވަންތަކަމުގެ ގުޅުންތައް ބަދަހިކޮށް ހަރުދަނާކުރުމެވެ.
މިޕްރޮޤްރާމުގެ ދަށުން ޢުމްރާވުމުގެ ފުރުސަތު ދެވިގެންދާނީ ޤައުމުތަކުގައި ތިބޭ ޢިލްމުވެރިންނާއި ދާޢީންނާއި، އިސްލާމީ މުއައްސަސާތަކުގެ މުވައްޒަފުންނާއި، އިސްލާމީ ޔުނިވާރސިޓީތަކުގެ އުސްތާޒުންފަދަ އިސްލާމީ ޚިދުމަތްތެރިންނަށެވެ.
އަލްމަލިކް ސަލްމާންގެ މިނިންމެވުމާއި ވިދިގެން ފުރަތަމަ ވަފްދު މިހާރުވަނީ ސަޢޫދީއަށް ގޮސްފައެވެ.
އެބޭފުޅުންނަށް ވަރަށް ފުރިހަމަ އިސްތިޤްބާލެއް ސަޢޫދީގެ އިސްލާމިކް މިނިސްޓްރީއިންވަނީ ކޮށްފައެވެ.