ބުޅާ މަސް ހޯދަން ވެގެން ވިއެޓްނާމްގައި ކޮންމެ އަހަރަކު އެއް މިލިއަން ބުޅާ މަރާލައެވެ.
ބުޅާ ސޫޕު ތައްޔާރު ކުރުމަށް މަހަކު 300 އަށްވުރެ ގިނަ ބުޅާ މަރާލާ ވިއެޓުނާމުގެ ރެސްޓޯރެންޓެއް ދާދިފަހުން ވަނީ ބަންދުކޮށްފައެވެ.
ވޯލްޑް ނިއުސް އެޖެންސީން ބުނި ގޮތުގައި ރެސްޓޯރެންޓް ގިއާ ބާއޯ ހިންގާ އުމުރުން 37 އަހަރުގެ ވެރިޔާ ފަމް ކުވޮކް ޑޮން ބުޅާ މަރަނީ ފެން ބާލިދީއަކަށް ގަންބައިގެންނެވެ. އޭގެ ފަހުން ހޫނުފެނުގައި ބުޅާ ކެއްކުމަށްފަހު ހަންގަނޑު ނޮޅައި ކަށިން މަސް ވަކިކޮށް ހަދައެވެ.
ބައެއް މަސް ސޫޕް ހަދަން ބޭނުންކުރެއެވެ. ބުޅާމަސް ކެއުމަށްވެސް ބޭނުން ކުރެއެވެ. އަދި ބުޅާމަސް ގަންނަން ބޭނުންވެގެން އުޅޭ މީހުންނަށް ވިއްކަންވެސް ވިއްކައެވެ.
އެ ރެސްޓޯރެންޓުގެ ވެރިމީހާ ބުނި ގޮތުގައި އޭނާގެ އަނިޔާވެރި އަމަލާ މެދު އޭނާ ދުވަހަކުވެސް ހިތްހަމަ ޖެހި އުފަލެއް ނުވެއެވެ.
ބުޅާ މަރައި، ބުޅާ މަހުގެ ވިޔަފާރި ކުރަމުން ދަނިކޮށް އެކަމާ އޭނާ ހިތްދަތިވެ ނަފުސާނީވާން ފެށުމުން އެއްދުވަހަކު އޭނާ ނިންމީ އެ ވިޔަފާރި ހުއްޓާލުމަށެވެ.
ފަމް ކުއޯކް ޑޯނާ ވަނީ ރެސްޓޯރެންޓުގެ ބޭރުގައި ހަރުކޮށްފައި ހުރި ބުޅާ ސޫޕާއި މަސް ވިއްކާ ޕޯސްޓަރެއް ހަލާކުކޮށް، އޭނާގެ އަޅުވެތިކަމުން 20 ބުޅާ މިނިވަންކޮށް، ޖަނަވާރުންގެ ހައްގުތައް ރައްކާތެރިކުރާ ޖަމްއިއްޔާއަކާ އެ ބުޅާތައް ހަވާލުކޮށްފައެވެ.
ރެސްޓޯރެންޓުގެ ވެރިފަރާތުން ބުނި ގޮތުގައި އޭނާ ބުޅާ ސޫޕާއި ބުޅާމަސް ވިއްކަން ފެށީ ލިބޭ އާމުދަނީ ދަށްވުމުން އިތުރަށް ފައިސާ ހޯދުމުގެ ބޭނުމުގައި ކަމަށެވެ. ކުރިން އޭނާ އާންމުކޮށް ކާބޯތަކެއްޗާއި ތަފާތު ބުއިންތައް ވިއްކަމުން ދިޔަ ނަމަވެސް އެ ވިޔަފާރިން އޭނާއަށް ކުރިއެރުމެއް ލިބި ކާމިޔާބު ވާގޮތެއް ނުވިއެވެ.
ފަމް ކުވޮކް ޑޯނާ ބުނިގޮތުގައި އާދައިގެ ކާނާ އާއި ބުއިންތައް ވިއްކައިގެން ލިބޭ ފައިސާއިން އޭނާގެ ޚަރަދުތައް ދެކޮޅު ނުޖެއްސޭކަމަށާއި ބުޅާމަހުގެ ވިޔަފާރި ފެށީ އެފަދަ ވިޔަފާރިކުރާ ބަޔަކު ނެތުމުން ބުޅާމަހުގެ ރެސްޓޯރެންޓެއް ކާމިޔާބުކަމާއެކު ހިންގިދާނެކަމަށް ގަބޫލުކުރެވޭތީކަމަށެވެ.
ބުޅާ މަހުގެ ވިޔަފާރި ހުއްޓާލުމުން އެކަމުގެ އަގުވަޒަންކޮށް ޖަނަވާރުން ހިމާޔަތް ކުރާ ޖަމާއަތަކުން ވަނީ ރެސްޓޯރެންޓު ވެރިޔާ ފަމް ކުވޮކް ޑޯނާއަށް އެހެން ވިޔަފާރިއެއް ފެށުމަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.