ރައީސްގެ ވިސްނުންފުޅަކީ ރައްޔިތުންނާއި ގާތުން މައްސަލަތަކަށް ޙައްލު ހޯދުން: މިނިސްޓަރ ޠާރިޤް

ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖޭގައި ކުނި މެނޭޖްކުރުމަކީ އަޅާނުލެވިފައިވާ ކަމެއްކަމަށާއި އެހެންނަމަވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅު ހުންނެވީ އެ މައްސަލަތަކަށް ސްޓްރެޓީޖިކަލީ ޙައްލު ހޯދައިދިނުމަށްކަމަށް މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވާރަމަންޓް، އެންޑް އެނަރޖީ ޠޯރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޠާރިޤް މިހެން ވިދާޅުވީ ދ އަތޮޅަށް ހަފްތާ ބަންދުގެ ތެރޭގައި ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހުއެވެ. މިދަތުރުފުޅުގައި މިނިސްޓްރީގެ އިސް ވަފުދެއްވަނީ ދ.ކުޑަހުވަދޫ، ދ.ހުޅުދެލި، ދ.ރިނބުދޫ، ދ.މީދޫ، ދ.ބަނޑިދޫ އަދި ދ.މާއެނބޫދޫއަށް ޒިޔާރާތްކުރައްވާ، އެރަށްރަށަށް ދިމާވެފައިވާ ތިމާވެށީގެ ގޮންޖެހުންތައް ބައްލަވާލައްވާފައެވެ.

"މިދަތުރުގެ މުހިންމުކަން އަޅުގަނޑުމެންނަށް އެނގުނީ ދ އަތޮޅުގެ ގިނަ ރަށްރަށުގައި އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފާހަގަކުރެވިގެންދިޔައީ ރައްކާތެރިގޮތުގައި ކުނިމެނޭޖްކުރުމުގެ ގޮތްތައް މިހާތަނަށް ނެތުން. އަދި، ކުނިމެނޭޖްކުރެވޭނެ ގޮތްތައް ހަދައިދިނުމަށް އެބޭފުޅުން އެދިވަޑައިގެންނެވި،" މިނިސްޓަރ ވިދާޅުވިއެވެ.

ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި މިމައްސަލަތަކަށް އެކަށީގެންވާ ޙައްލުތަކެއް ހޯދުމަށް ޤައުމީ ފެންވަރުގައި މަސައްކަތްތަކެއް ކުރެވިފައިނުވާކަމަށް މިނިސްޓަރ ޠާރިޤް ފާހަގަކުރެއްވިއެވެ.

ދަތުރުގެ ރިޕޯޓް ހަފްތާ ފެށުމާއެކީ ރައީސް ޑރ. މުޢިއްޒުގެ އަތްޕުޅަށް އަރުއްވާނެކަމަށާއި، އޭގެ ސަބަބުން މި މައްސަލަތަކަށް އަވަސް ޙައްލެއް ހޯދިގެންދާނޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި، ރައީސް ޑރ. މުޢިއްޒުގެ ވިސްނުންފުޅަކީ ރާއްޖެއަށް ދިމާވެފައިވާ މިފަދަ ގޮންޖެހުންތަކަށް ވިސްނުންތެރިކަމާއެކީ ސްޓްރެޓީޖިކަލީ ޙައްލު ހޯދުންކަމަށް މިނިސްޓަރ ހާމަކުރެއްވިއެވެ.

"އެމަސައްކަތް މިދިޔައީ ފެނިގެން. ދ.އަތޮޅުގެ ހުރިހާ ރަށަކަށް، އަދި ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް އެމަނިކުފާނުގެ ކެބިނެޓްގެ ގިނަ ބޭފުޅުން އެއްފަހަރާ ފޮނުއްވާ، މަސައްކަތްކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ބޭނުންފުޅަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި ގާތުން މަސައްކަތްކުރުން،" މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ.

ޑިސެމްބަރު 19 އިން 23ށް ކުރިއަށް ގެންދިޔަ ދަތުރުގައި ހުރިހާ ރަށަކުންވެސް ފާހަގަކޮށްފައިވަނީ ކުނިމެނޭޖްކުރުމުގެ މައްސަލައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.