އިންތިޚާބީ ރައީސް ޑޮކްޓަރ މުޢިއްޒު އިންތިޚާބަށް ކުރިމަތިލައްވައި ފޯމު ހުށަހެޅުއްވުމަށް ފަހު އިލެކްޝަންސް ކޮމިޝަނުން ނުކުމެވަޑައިގެން ދެއްކެވި ވާހަކަފުޅުން ފެށިގެން، އިންތިޚާބު ކާމިޔާބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ކަމަށް ހޮވިވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅާ ހަމައަށް ހުރިހައި ވާހަކަފުޅެއް ހިމެނޭ ފޮތެއް މާދަމާ ނެރުއްވާނެ ކަމަށް އެމަނިކުފާނު މިރޭ ވިދާޅުވެއްޖެއެވެ.
މިރޭ ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޑޮކްޓަރ މުޢިއްޒު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ވެރިކަމުގައި އެއްވެސް ކަމެއް ފޮރުވާފައި ބާއްވަވާކަށް ބޭނުންފުޅެއް ނުވެއެވެ. މާދަމާ ނެރުއްވާ ފޮތަކީވެސް ހުރިހައި ވާހަކަފުޅެއް ނޫސްވެރިންނަށާއި ރައްޔިތުންނަށް ފެންނާނޭހެން ބޭއްވެވުމުގެ ބޭނުންފުޅުގައި ނެރުއްވާ ފޮތެކެވެ.
ޑޮކްޓަރ މުޢިއްޒު ވަނީ އަންނަ އަހަރުގެ ބަޖެޓުގައި ނޫސްތަކަށް ޚާއްސަކޮށްގެން ވަކި ޢަދަދެއް ޖެއްސެވުމުގެ މަސައްކަތް ކުރައްވާނޭ ކަމަށްވެސް ވިދާޅުވެފައެވެ.
މިރޭގެ ބައްދަލުވުމުގައި ވަރަށް ގިނަ ނޫސްވެރިން ބައިވެރިވެ ޚިޔާލުފާޅުކުރިއެވެ.