ރައީސް ނަޝީދަކީ ބޮޑެތި ގައުމުތައް ހަނގުރާމައަށް ވައްޓާލާ މުސީބާތަކަށް ވެއްޖެ- ސައީދު

ކުރީގެ ރައީސް މުޙަންމަދު ނަޝީދަކީ ބޮޑެތި ގައުމުތައް ހަނގުރާމައަށް ވައްޓާލާ ''މުސީބާތަކަށް ވެއްޖެ'' ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙަންމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދަށް އިޝާރާތް ކުރައްވައި ސައީދު ވިދާޅުވީ އެއީ މިހާރު ''ގައުމީ ކަމެއްނޫން'' ކަމަށާއި ނަޝީދަކީ މިހާރު ''ސަރަޙައްދީ މުސީބާތަކަށް'' ވެއްޖެ ކަމަށެވެ.

''ބޮޑެތި ގައުމުތައް ހަނގުރާމައަށް ވައްޓާލާ މުސީބާތަކަށް ވެފަ މިވަނީ، ބައްލަވާ އިނގިރޭސިވިލާތުގައި އެ މީހުންގެ މަތިންދާ ބޯޓު ޖައްސާ އެއާރޕޯޓުގައި ޓާމިނަލެއް ހަދަން ވެގެން އިނގިރޭސީން ވިސްނީމާ އެއާ އިދިކޮޅަށް ނުކުތް މީހުންގެ ތެރޭގައި ހުއްޓޭ ރައީސް ނަޝީދު. މީނަގެ ކޮން ހައްގެއްތޯ އޮތީ އިނގިރޭސިވިލާތުގައި މުޒާހަރާ ކުރަން،" ނަޝީދަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒު ކުރައްވައި ސައީދު ވިދާޅުވިއެވެ.

ސައީދު ވަނީ ކުރީގެ ރައީސް ނަޝީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގަތްޔޫމަށާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއަށްވެސް ފާޑު ވިދާޅުވެފައެވެ. މައުމޫނާއި ގާސިމަށް އިޝާރާތް ކުރައްވައި ސައީދު ވިދާޅުވީ އެދެބޭފުޅުންނަކީ ޑިމޮކްރެޓިކް ނިޒާމު ''ފުނޑާލި'' ދެބޭފުޅުންނެވެ.

ކުރިން ޖޭޕީގައި ހުންނެވުމަށް ފަހު ޖޭޕީއަށް ލިބުނު ޖާގައަކުން ރައީސް ޔާމީން ސަރުކާރުގެ ވަޒީރު ކަމަށް ވަޑައިގަތުމަށް ފަހު ޖޭޕީ ސަރުކާރާ ދުރުވުމުން ސައީދު ވަނީ ސަރުކާރާއެކު ހުންނެވުމަށް ނިންމަވާފައެވެ. ޕީޕީއެމްގެ ބަޔެއް ޖަލްސާ ތަކުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްއަށް މީގެކުރިންވެސް ސައީދު ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެއާއެކު ގާސިމް ވަނީ ސައީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.