
ބޭރުގެ އިންވެސްޓަރުން ރާއްޖޭގައި އަމަލުކުރަން ޖެހޭ އުސޫލެއް މަޖިލީހަށް ހުށަހަޅައިފިއެވެ.
މި އުސޫލު މަޖިލީހަށް ހުށަހެޅުއްވީ މަނަދޫ ދާއިރާގެ މެންބަރު އަހްމަދު ހާރޫން އެވެ.
މި ބިލުގައި ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓުކުރެވޭނެ ދާއިރާތައް ކަނޑައެޅުމާ ގުޅޭ އުސޫލުތަކާއި އެފަދަ ފަރާތްތަކަށް ރާއްޖޭގައި އިންވެސްޓުކުރުމުގެ ހުއްދަ ދޫކުރުމާ ގުޅޭ އުސޫލުތައް ވަނީ ބަޔާންުރައްވާފައެވެ.އަދި އެފަދަ އިންވެސްޓަރުންނަށް ލިބިދެވޭނެ ހިމާޔަތާއި ރައްކާތެރިކަމުގެ އުސޫލު ވެސް ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން ބޭރުގެ ފަރާތްތަކުން ކުރާ އިންވެސްޓްމެންޓުތައް ދައުލަތަށް ނެގޭނެ ހާއްސަ ހާލަތްތަކާއި، އެފަދައިން ނެގޭ އިންވެސްޓްމެންޓުތަކަށް ބަދަލު ދެވޭނެ އުސޫލުތައް ބަޔާންކުރުމަށާއި، ވިޔަފާރިކުރުމަށް ނުވާ ގޮތުން ރާއްޖޭގައި ހިންގާ ޕްރޮޖެކްޓުތަކުގައި ބޭރުގެ ކޮންޓްރެކްޓަރުންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކަށް ލައިސަންސް ދިނުމުގެ އުސޫލުތަކާއި އެފަދަ ފަރާތްތަކަށް ރާއްޖޭގައި މަސައްކަތްކުރުމުގެ އުސޫލުތައް ވެސް ވަނީ ބަޔާންކުރައްވާފައެވެ.
މެމްބަރު އަހްމަދު ހާރޫންގެ މި ބިލުގައި ރާއްޖޭގައި އިންވެސްޓުކުރެވޭނެ ބޭރުގެ ފަރާތްތަކުގެ ތަފްސީލާއި އިންވެސްޓުކުރުމުގެ ހުއްދަ އަށް ބޭރުގެ ފަރާތްތަކުން އެދި ހުށަހަޅާނެ ގޮތާއި ހުއްދަ ދޭނެ ގޮތުގެ ތަފްސީލު ވެސް ހިމަނުއްވާފައި ވެއެވެ.
ބިލުގައިވާ ގޮތުން، މި ބިލު ގާނޫނަކަށް ވެއްޖެ ނަމަ މި ގާނޫނުގެ ދަށުން ހަދާ ގަވައިދުތަކާއި ލައިސެންސްގެ ޝަރުތުތަކަށާއި ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކަށް އަމަލުކުރުމަށް ބޭރުގެ އިންވެސްޓަރުންނަށް ލާޒިމްވާނެއެވެ. އަދި އިންވެސްޓަރުން ރާއްޖޭގައި ކުރާ އިންވެސްޓްމެންޓުތައް ދައުލަތަށް ނަގާ ހާލަތްތަކުގައި އެ އިންވެސްޓްމެންޓުތަކަށް ބަދަލު ދޭން ޖެހޭނެ ކަމަށް ވެސް ބިލުގައި ވެއެވެ.