ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމާއި، ރިޝްވަތުގެ ތުހުމަތުގައި ޖަލުގައި ހައްޔަރު ކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގަތްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ޙަމީދުގެ ޙާލު ބެއްލެވުމަށް ރައީސް އަބްދުﷲ ޔާމީންގެ މަންދޫބަކު މިއަދު ޖަލަށް ވަޑައިގެންފިއެވެ.
ރައީސްގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ދޫނިދޫ ޖަލަށާއި މާފުށީ ޖަލަށް މިއަދު ވަޑައިގެންނެވީ ހައުސިންގ މިނިސްޓަރ ޑރ މުޙަންމަދު މުއިއްޒުއެވެ. ޑރ މުއިއްޒު އެ ތިންބޭފުޅުންގެ ޙާލު ބެއްލެވުމަށް ޖަލަށް ވަޑައިގަތުމަށް ފަހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަލަށް ވަޑައިގެން އެ ތިންބޭފުޅުންގެ ސިއްޙީ ޙާލުކޮޅާއި ޖަލުގައި ހުންނަވާ ތަނުގެ މައުލޫމާތު އޮޅުން ފިލުއްވާފައިވާނެ ކަމަށެވެ.
ރައީސްގެ މަންދޫބެއްގެ ގޮތުގައި މިނިސްޓަރު މުއިއްޒު މިއަދު ޖަލަށް މި ވަޑައިގެންނެވީ ކުރީގެ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރާއި އަލީ ޙަމީދުގެ ޙާލުކޮޅާބެހޭ ގޮތުން އަދި އެބޭފުޅުން ތިއްބަވާ ތަނާބެހޭ ގޮތުން ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވެމުން ދަނިކޮށެވެ.
މައުމޫނާއި އަބްދުﷲ ސައީދު އަދި އަލީ ޙަމީދުގެ އާއިލާއިން ދަނީ އެ ތިންބޭފުޅުން ޖަލުގައި ތިއްބެވުމާއި، އަދި އާއިލާއާއި ވަކީލުންނާ ބައްދަލު ކުރުމުގައި އުދަނގޫ ތަކެއް ހުންނަ ކަމަށްބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. މި ތިންބޭފުޅުންވެސް ޖަލަށް ލާފައި ވަނީ ސިޔާސީ ހައްޔަރީން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ސަރުކާރުން އިއުލާން ކުރި ކުއްލި ނުރައްކަލުގެ ޙާލަތުގައެވެ.