އިމްރާން ވަގުތުން ދޫކޮށްލަން އދ. ގެ ވޯކިން ގްރޫޕުން ގޮވާލައިފި

ބާރަ އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވާ އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ވަގުތުން ވަގުތަށް ދޫކޮށްލުމަށް އދ. ގެ ވޯކިންގ ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ދިވެހި ސަރުކާރަށް މިއަދު ގޮވާލައިފިއެވެ.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކުން އދ.ގެ ވޯކިން ގްރޫޕަށް ހުށަހެޅި މިމައްސަލަ އެ ގްރޫޕުން ބެލިއިރު ގްރޫޕްގެ ބަޔެއް މެމްބަރުން ރާއްޖެ ވަޑައިގެންފައިވެސް ވެއެވެ. ސަރުކާރުގެ އިދާރާތަކާވެސް އެކަމާގުޅޭ މަޝްވަރާތައް އެ ގްރޫޕުން ކުރިޔަށް ގެންގޮސްފައިވާއިރު މި މައްސަލަ ބެލުމަށް ފަހު ބުނެފައި ވަނީ ޝައިޚް އިމްރާން ޖަލަށް ލާފައިވަނީ އިންސާފުން ބޭރުން ކަމަށެވެ.

އިމްރާންގެ މައްސަލަ ބެލުމަށް ފަހު ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ އިމްރާން ޖަލަށް ލުމުގެ ކަންކަން ސަރުކާރުން ކޮށްފައި ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ހުރިހާ އެއްބަސްވުންތަކާވެސް ޚިލާފަށް ކަމަށެވެ. ވޯކިން ގްރޫޕުން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ ނާއިންސާފުން ޖަލަށް ލާފައިވާތާ ތިން އަހަރު ވެފައިވާއިރު އިމްރާން ޖަލުން ދޫކޮށްލުމަށް ފަހު އޭނާއަށް ގެއްލުނު ބަދަލުވެސް އިމްރާނަށް ސަރުކާރުން ދޭންޖެހޭނެ ކަމަށެވެ.

ޓެރަރިޒަމްގެ ދައުވާކޮށް އިމްރާންގެ މައްޗަށް ބާރަ އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވާއިރު ކަރެކްޝަނުން ދޭތެރެދޭތެރެއިން އިމްރާން ގެޔަށްވެސް ބަދަލު ކުރެއެވެ. އިމްރާން މިވަގުތު ހުންނެވީ މާފުށީ ޖަލުގައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.